ފެންހަފު (2 ވަނަބައި)
ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ކެމެރާގެ ވީޑިއޯގެ ހަނދާނެވެ. ފުލުހުންނަށް ދިން ބަޔާނާއެކު އެވީޑިއޯ އަހަރެންނަށް ދެވިދާނެއެވެ. އަވަހަށް ކެމެރާ ނަގައި ބަލައިލީމެވެ. އެކަމަކު ކެމެރާގެ ބެޓެރިވަނީ މުޅިން ހުލިވެފައެވެ. އަވަހަށް ކެމެރާ ތާރޖަށްޖަހައި ކެމެރާގެ ކާރޑްގައި ހުރި އެއްޗެހިތައް އަހަރެން ލެޕްޓޮޕަށް އަޅައިލީމެވެ. އަހަރެން އެ ވީޑިއޯ ހުޅުވާލީމެވެ. ފަހަރަކު ވީޑިއޯއެއް ވަރަށް ފަރުވާތެރިކަމާއެކު ލަސްލަހުން އަހަރެން ބަލަން ފެށީމެވެ. ފާހަގަކުރެވޭ ބައެއް މުހިއްމު އެއްޗެއް ލިޔަމުން ދިޔައީމެވެ.
“ދަރިފުޅާ!” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވުމުންނެވެ.
“އާ… މަންމާ.. އަހަރެންނެއް ނުނިދަމޭ…” ޓަކި ދެމުންދިޔަ މަންމައަށް އަހަރެން ބުނީމެވެ.
“އާދޭ ސައިބޯން…” އާ މިދަނީއޭ ބުނެފައި އަހަރެން ލެޕްޓޮޕް ނިއްވައިލާފައި ލެޕްޓޮޕްގެ ވޮށިފިލާ މަތީގައި ހުރި ނިދިކުޅުތައް ފޮހެލައި ލެޕްޓޮޕް ލައްޕައިލީމެވެ. ދެލޯ އުނގުޅަމުން ގޮސް ފާޚާނާއަށް ވަދެ ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީމެވެ. އޭރު މަންމަވީ ހިޝާމްގެ މަންމަގެ ގާތުގައިކަމަށް އަހަރެން ޔަޤީންކުރީމެވެ. އަހަރެންގެ ސާމާނުތައް ދަބަހަކަށް ލުމަށްފަހު ކުޅިޔާ ދިމާއަށް ދިއުމަށް ތައްޔާރުވެލީމެވެ.
އަހަރެންގެ ސާމާނުތައް ހިފައިގެން ކުޅިޔާ ދިމާއަށް މިސްރާބުޖެހީ ހިޝާމްގެ މަރު އިތުރަށް ތަޙުޤީޤް ކުރުމުގެ ބޭނުމުގައެވެ. އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދުމަށެވެ.
“ސިމާހު… މިއަދު ޗުއްޓީއެއް ނޫންތަ…؟” ފުލުސް ޔުނީފޯރމް ލައިގެން ހުރި ސިމާހުއާ ދިމާއަށް އަހަރެން ބުނީމެވެ.
“އާ… އަހަރެންވެސް ބޭނުމޭ އަހަރެންގެ ރަހްމަތްތެރިޔާއަށް އެވީގޮތެއް ބަލަން…” ސިމާހު ފުލުސް ދޮންކުލައިގެ ޓޭޕްފަށް ހިއްލައިލަމުން އަހަރެންނަށް ޚާއްޞަ ކާޑެއް ދިއްކޮށްލިއެވެ. އޭރު ކޮންމެވެސް ވަރަކަށް މީހުން ޓޭޕްފަށުގެ ބޭރުގައި ކުޅިޔާ ދުރުގައި އާގަމަވެފައި ތިއްބެވެ.
އަހަރެންނަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް މައްސަލައާއި ހަވާލުވެގެން ހުރި އިސް ސަރޖެންޓަށް ކިޔައިދިނީމެވެ. އަދި ވީޑިއޯވެސް އެމީހުންނާ ހަވާލުކުރީމެވެ. އޭރު ތިން ޑައިވަރުން ކުޅީގެ ތެރެޔަށް ފީނަމުން ދެއެވެ. އަހަރެން ކެމެރާގެ އެހީގައި ފޮޓޯނެގުން ހުއްދަ ހިސާބުތަކުން ފޮޓޯތަކެއް ނެނގީމެވެ. އަހަރެން ކެމެރާ ނިއްވާލުމަށްފަހު ކޮނޑުގައި އަޅުވައިލަމުން ހިޝާމް އޮތް ފާލަމާ ދިމާއަށް ބަލައިލީމެވެ. އޭރުވެސް އަހަރެންނަށް އެ މަންޒަރު ސިފަވާކަހަލައެވެ. ލޯމަތީގައި ފަސޭހަކަމާއެކު އެތަން ކުރެހި ކުލަ ޖެހެމުންދެއެވެ.
“ސަރ! އަޅުގަނޑުގެ ޚިޔާލަކީ އެދިމާއިން އެތެރެ ފުރަތަމަ ސާރޗުކުރުން…” އަހަރެން ހިޝާމް ގެބުނު ދިމާއަށް އިޝާރާތްކޮށްލީމެވެ.
އަހަރެން އުނގުމަތީގައި ލެޕްޓޮޕް ބައިންދާލައިގެން ޚަބަރު ދަބަރު ޓީވީ.އެމް.އާ ހިއްސާ ކުރަމުން ދިޔައީމެވެ. ވާނުވާ ވަރަށް ރަނގަޅަށް ވަރަށް ތަފްސީލުކޮށް ފޮނުވަމެވެ. އަވަސް ޚަބަރެއްގެ ގޮތުގައި އެޚަބަރު ރާއްޖޭގެ ގިނަ ޢަދަދެއްގެ ސައިޓުތަކުގައި ހުއްޓައި އަހަރެން ދުށީމެވެ.
އަހަރެން އެނެއްކާހެންވެސް ކުޅިން ނެގުނު އެއްޗެހިތައް ބަލައިލުމަށް ދިރާސާ ކުރުމަށްޓަކައި ކުޅި ކައިރީގައި ހަދާފައިވާ ވަގުތީ ޓެންޓަށް ވަނީމެވެ. ކުޅީގެ ތެރޭގައި ހިމެނޭ ކުނިބުންޏާއި ވިހަ މާއްދާތައް އެކުލެވޭ ބައެއް ސާމާނު އެތަނުގައި ހުއްޓެވެ. އަދި އެކި ބާވަތް ބާވަތުގެ މަސްމަހާ މެއްސާއި މުރަކަފަދަ ތަކެތި އެތަނުގައި ފުޅި ފުޅިއަށް އަޅައި ބަންދުކޮށްފައި ހުއްޓެވެ. އަހަރެން ފަހަރަކު އެއްޗަކަށް ނަޒަރު ހިންގަމުން ގޮސް ލޮލުގައި އަޅައިގަތީ ދިގުކޮށް އޮތް ވެނެކެވެ.
އެއީ ވެނެއް ނޫނެވެ. އޭތީގެ ގައިގާ މަޑު ޗޮކްލެޓުކުލައެއް ހުއްޓެވެ. ނޫނީ އެއީ ހުދު ކުލައެކެވެ. އޭގެ ގައިގާ ގަދަޗޮކްލެޓް ކުލައިގެ ބަދަ ބަދަ އިންޗިއަކުން އިންޗިއަކުން ދުރުދުރުގައި ހުއްޓެވެ. ބޮލުގައި ހުރީ ކަޅުކުލައެކެވެ. ބޯ އެންމެ ވައްތަރީ ހަރުފައެއް ނޫނީ ނަންނުގައްޗެއްގެ ބޮލާއެވެ. އަހަރެންނަށް ގަދަކަމުން ހިންދިރުވާލެވުނެވެ. އޭގެ ނަގޫ ފިންސެއް ގޮތަށް ފަޗާސްވެފައި ހުއްޓެވެ. ވެނަކަށް ވުރެއް މާ ހިމައެވެ. ވެނަކަށް ވުރެއް މާ ދިގެވެ. އެއްމީޓަރު އޭގެ ގައިގާ ހުރުމުގެ ސަބަބުން އޭތި ލައިފައިވަނީ ޓޭންކަށެވެ. ޓޭންކުގެ ބޭރުގައި “ފެންހަފު” ލިޔެ ލޭބަލްކޮށްފައިވެއެވެ. އެ ޓޭންކުގެ ބޭރުގައި ވާ ނިޝާނުން އެއީ މިހާރު ދިރާސާ ކުރަމުންދާ އެއްޗެއްކަން އަހަރެންނަށް އެނގުނެވެ.
އަހަރެން އަވަހަށް ބޭރަށް ނުކުމެ އިންޓަރނެޓުގެ އެހީ ހޯދުމަށް މަސައްކަތް ފެށީމެވެ. އެކި ސާރޗް އިންޖީނު ތަކުގައި ލެޓިނުންނާއި ދިވެހިން ފެންހަފު ލިޔުނީމެވެ. އެކަމަކު އެއްވެސް ކުރިއެރުމެއް ނުލިބުނު ތަނުގައި އެއްވެސް މަގެއް ނުފެނުނެވެ. އަހަރެން އިރުކޮޅެއް ވަންދެއް ލެޕްޓޮޕްގެ ސްކްރީނަށް ގެއްލި އިދުމަށްފަހު، ލެޕްޓޮޕުން ދިވެހިބަސްފޮތް ހުޅުވައިލީމެވެ. އަހަރެންނަށް އަވަސްއަވަހަށް އެބަސް ހޯދައިލެވުނެވެ. ދިވެހިބަސްފޮތުން ދެއްކި ގޮތުން އެއީ ފެންހަރުފައިގެ އެނެއް ނަމެވެ. އަހަރެން އެނެއްކާހެން އިންޓަރނެޓްގައި “ސީ ސުނޭކް” ޖަހައިލީމެވެ. އެކި ވައްތަރު ވައްތަރުގެ ހަރުފަތައް އަހަރެންގެ ލޯ މައްޗަށް ފެންނަމުން ދިޔައެވެ.
ފަހަރަކު ހަރުފައަކަށްފަހު ހަރުފައެއްގެ ފޮޓޯތައް ބަލަމުން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ “ބީޑެޑް ސީ ސުނޭކް”އެވެ. އެ ފެންހަރުފަޔާ ފެންހަފާ އެއްވެސް ތަފާތެއް ނެތެވެ. އަހަރެން އެޔާ ބެހޭ މައުލޫމާތުތައް ކިޔަން ފެށީމެވެ.
“ސަރ… ރިސާރޗް އިސް ކޮންޕުލީޓް…” އަހަރެން ސިއްސައިގެން ދިޔައީ ޓެންޓުން ނުކުތް ހުދުކުލައިގެ ކޯޓެއް ލައިގެން ހުރި މީހަކު ކުއްލިއަކަށް ސާރޖެންޓާ ވާހަކަ ދައްކަން ފެށުމުންނެވެ. “ވިކްޓަމްސް އެމަރުވީ މި ފެންހަފުގެ ވިހައިގެ ސަބަބުން… އެއީ ހިޝާމްގެ ގައިގާ ހުރި ޓޮކްސިކާއި ފެންހަފުގައި ހުރި ޓޮކްސިކް އެއްސަތޭކެ އިންސައްތައިން ޕޮޒެޓިވް ވުމުން…” އެމީހަކު އިނގިރޭސިއާއި ދިވެހި ބަސް މަސްހުނިކޮށްގެން ހިޝާމްގެ މަރުގެ ސިއްރު ހާމަކުރިއެވެ.
“އޯކޭ! ލެޓްސް ޕެކް އަޕް…” ސަރޖެންޓް އިނގިރޭސި ބަހުން ހުރިހާ އެންމެނަށް ކޭސް ބަންދުކުރުމުގެ ސިގްނަލެއް ދިނެވެ. އެއީ ކުޅި ތެރެއިން އެފަދަ ފެންހަފެއް ނުފެނުމުގެ އިތުރުން ހިޝާމްގެ މަރުގެ ހަޤީޤަތުގެ މޫނުމަތި ފެނި ހާމަވުމުންނެވެ. ހުރުހާ ފުލުހުން އެއްއަޑުން ސަރޖެންޓުގެ ބަހަށް ކިޔަމަންވިއެވެ. “ސަރ! ޔޭސް! ސަރ!”
“ނޫން… އަދި ނުއެއްނިމޭ… ދެން ޤާތިލަކީ އެނިކަމެތި ފެންހަފުތަ…؟” އަހަރެން ވާހަކަ ދެއްކީ ސިމާހުއާއެވެ.
ސިމާހު މޭޒުމަތީގައި ހުރި ކޮފީތަށިން އެއްބައި ބޮއެލިއެވެ. ސިމާހު ތުންފަތުގައި ހޭކުނު ބައި ދުލުން ފޮހެލަމުން ބުނެލިއެވެ. “ހަމަޖެހިބަލަ! ތިތަނުގައި އިށީދެބަލަ! މިއީ ރެސްޓޯރެންޓެކޭ!”
“ނީށީދެވޭނެ! ފެންހަފަކީ ރާއްޖޭގައި އުޅޭ އެއްޗެއްވެސް ނޫން. ދެނޯ؟ ކާކު އެނގެނައީ މިކޮޅަށް؟ ކަމޯން ބުރެއިން… ވިސްނަބަލަ!” އަހަރެން އެތަނުގައި ދެކޮޅަށް ދެކޮޅަށް ހިނގަންފެށީމެވެ. “ޔޭސް! ޔޭސް! ހަދާންކޮށްބަލަ! އަހަރެމެން ކުލާސް މާއިޒު.” އަހަރެންނަށް ކުއްލިއަކަށް އެއްޗެއް ވިސްނުނެވެ.
“މާއިޒް… މާއިޒް… ނޭނގުނު…”
“ހުމް. މާއިޒް. ފިނިހިޔާގޭ… މާއިޒް”
“ނޭނގުނޭ!”
“އެނގޭނެ!ސިމާހު ކަމޯން. ނައިންގަ އުޅުނެއްނު؟ ވަރަށް ފޮނިވާނެ.”
“މާއިޒް… ވަރަށް ޕާރޓޭ ސުޓައިލްވާން އުޅޭނެދޯ؟”
“ޔަރ. އޭނާ ވަރަށް ގެންގުޅޭނެ ޕެޓްސް. އޭނާ ވަރަށް ލައިކްވާނެ ޖަނަވާރު ދެކެ.” އަހަރެންނަށް ލިބުނު ޚިޔާލުން ނެށެން ފެށުނެވެ. ބޮލުގެ އިސްތަށިގަނޑު އަތުން ހާވައިލެވުނުއިރުވެސް އަހަރެންނަށް ނޭނގުނެވެ. “ގުޅަބަ! ސަރޖެންޓަށް. ބުނޭ އަހަރެމެންގެ ވާހަކަ. އެއީ އޭ ކުށްވެރިއަކީ…”
“މޭން ނެތް އެއްވެސް އެއްޗެއް…” ސިމާހު ފިނިހިޔާގެއިން ނުކުމެގެން އައިސް އަހަރެންނާ ދިމާއަށް ދެކޮނޑު އަރުވާލިއެވެ.
އަހަރެން ކައިރީގައި އޮތް ފުލުސް ކާރުގެ މަތީގައި ކަނާއަތުން ޖެހީމެވެ. “ނޯ… މިރަށަކު ނޫޅޭނެ އޭނާހާ ގިނައިން އެކަހަލަ އެއްޗެހި ގެންގުޅޭ މީހެއް. އަދި އަމުދުން ނަންނުގަތި.” އަހަރެން ވައަތުން ބޯ ކަހަން ފެށީމެވެ. އިސްތަށިގަނޑު މަޑުމަޑުން ހާވަންފެށީމެވެ. “ނޫން… ނޫން… އޭނާ އުޅޭނެ ވަރަށް އެކަނިވެގެން.” އަހަރެންނަށް ކުއްލިއަކަށް ހަނދާންވިއެވެ. “ޔޭސް! އަހަރެން ވީޑިއޯތައް ބަލަނިކޮށް ކުޅި ކައިރީގައި އިން ފަންޖިފުޑި ގަނޑެއް ދެކުނިން.”
“ތިވާނީ މީހަކު ދަރު އަޅަން ހަދާފައި ހުރި ތަނަކަށް.” ސިމާހު މޫނުމަތިން މާޔޫސްކަން އަހަރެންނަށް ދައްކައިލިއެވެ. “މަށޭ ބޭޒާރުވާނީ ދޮގު މައުލޫމާތު ސަރޖެންޓަށް ދިނީމާ.”
“ނޫން. އެންމެ ފަހުން ބުނޭ މަ ބުނެގެންނޭ. ކަމޯން ސިމާހު. މިފަހަރު އެކަނި.” ސިމާހު ވަކި އެއްޗެއް ނުބުނެ ހުރުމުން އަހަރެން ސިމާހުގެ ކަނާއަތު ކޮނޑުގައި ހިފައި ތަޅުވައިލީމެވެ. “އެއީ އަހަރެމެންގެ ލާސްޓް ހޮޕް. ހިޝާމްގެ ވެސް. އެތަނުން ހަމަ ދިރޭ އެއްޗެއް ފިލައިގެން ކުޅިޔަށްވެސް އެރިދާނެ އެންނު.”
އަހަރެން ސިމާހުގެ ކޮނޑުން އަތް ދޫކޮށްލައި ނިކަމެތިކަމާއެކު ހިނގައިގަންނަށް ފިޔަވަޅު ނެގިތަނާ ސިމާހު އަހަރެންނަށް ގޮވާލިއެވެ. “މާހިރު! ދިސް ވަން އިސް ޖަސްޓް ފޯރ ހިޝާމް.” ސިމާހު އަހަރެންނަށް ހިނިތުންވުމެއް ދިނެވެ.
އަލުން ބަލުން ކުޅި ކައިރިއަށް ގޮސް އެސަރަޙައްދު ފުލުހުން ހޯދައި ބަލަން ފެށިއެވެ. އަހަރެންގެ ކެމެރާގައިވާ ފޮޓޯތަކަށް އަރައިފައިވާ ފަންޖިފުޑިގަނޑު ފެނުނެވެ. ކުޅީގެ އެނެއް ފަރާތެވެ. ވަލުތެރެއިންލާފައި އެ ޖިފުޑިގަނޑަށް އާދެވޭގޮތަށް ކަށިކެޔޮ ހޭރިހޭރިން މަގުތައްކޮށައިފައި ހުއްޓެވެ. ވަލުތެރޭގައި އެގެވަނީ ވަރަށް ފުރިހަމައަށް ފޮރުވައިލައިފައިވުމުން އަހަރެންގެ ހިތަށް އަރަމުން ދިޔައީ “ވެރިއަކަށް އެއްދުވަހެވެ. ވަގަކަށް ހާސްދުވަހެވެ.” ކިތަންމެ މޮޅަށް ފޮރުވައިފައިވީނަމަވެސް މިފަހަރު ފޮޓޯއަށް އޮޅުވާނުލެވުނީއެވެ.
“އޭތް! މޭން. ޔޫ އާރ ޑޭމް ގުޑް.” ސިމާހު ހެވި ދިއްލައިލާގެން އައިސް އަހަރެންނާ ދިމާއަށް ބުންޏެވެ. “އޯކޭ. ކަމޯން. އަހަރެން ސަރޖެންޓް ގާތުން ޚާއްޞަ ހުއްދައެއް ހޯދައިފިން… ބަޓް މިފަހަރުވެސް ނޯ ކެމެރާ.” އަހަރެން އެތަން ބަލައިލާ ހިތް އޮތްލެއް ބޮޑުކަމުން ފުލުސް ޖިޕެއްގައި ކެމެރާ ބޭއްވީމެވެ. “މާއިޒުވެސް އިނީ އެތަނުގައި. މިހާރު ފުލުހުންގެ ކާރުގައި އިންނާނެ އޭނާ.” ސިމާހު ދައްކަމުން ދިޔަ ވާހަކަތަކަށް އަހަރެންނަށް އެއްވެސް ޖަވާބެއް ނުދެވުނެވެ.
އާދައިގެ ގޮތަކަށް ނިކަމެތިކޮށް ހަދައިފައިވީނަމަވެސް އެއީ ސިއްރުން ފުރިގެންވާ ގެއެކެވެ. ނޫނީ ޒުލެކެވެ. އެތެރެއިން ރާނާފައިވާ ފާރުތައް ހުއްޓެވެ. ފާރުތަކުގެ މަތީގައި ހިޔާކޮށްފައިވާ ފުރާޅެއް އޮތެވެ. ފަންޖަހާ ނިވާ ކޮށްފައިވާ ބޭރު ފާރާއި ފުރާޅުގެ ސަބަބުން އެތަން ހަމަލޮލަށް ފެންނަން އުނދަގޫވަނީއެވެ. އެތަނުގެ ތެރޭގައި ދެފަރާތުގައި ސާޅީހަކަށް ކޮށި ތަރުތީބުން އަތުރާލައިފައި ހުއްޓެވެ. ކޮންމެ ކޮށްޓެއްގެ ތެރޭގައި އެކި ކަހަލަ ޖަނަވާރުތައް ބަންދުކޮށްފައި ހުއްޓެވެ. ރާއްޖެ އެތެރެކުރުން މަނާ ޖަނަވާރުތަކާއި ހުއްދަ ޖަނަވާރުތަކެވެ. ގިނައީ ރާއްޖެ އެތެރެކުރުން މަނާ ޖަނަވާރުތަކުގައިވެސް ބިހުން ވިހައި ޖަނަވާރެވެ.
އަހަރެން އެތަނުން ނުކުތް ގޮތަށް އަހަރެންގެ ހިތުގައި ކެކި އުތުރި އަރަމުން އަންނަ ސުވާލު ސަރޖެންޓަށް ހުށައެޅީމެވެ. “މާއިޒު… ކިހިނެއް އެވަރު ބައިވަރު ޖަނަވާރުތައް އެތެރެ އެކުރީ…؟” ސަރޖެންޓް ފުލުސް ކާރުގެ ފަހަތުގައި ބިޑި އަޅުވައިފައި އިން މާއިޒާ ދިމާއަށް ބަލައިލިއެވެ. މާއިޒު ސަރޖެންޓާ ދިމާއަށް ލޯ އަޅައިލިއެވެ. ފޫހިގޮތަކަށް ކާރުގެ ބޭރު ބަލައިލީ ސަރޖެންޓާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާކަން ދޭހަވެދާފަދަ ގޮތަކަށެވެ. ސަރޖެންޓް އަހަރެންނާ ދިމާއަށް ބަލައިލިއެވެ. އެއްލޯމަރައިލަމުން ކަން ވީ ގޮތް އަހަރެންނަށް ކިޔާދިނެވެ.
“މާއިޒަކީ ބޮޑު ވިޔަފާރި ވެރިއެއްގެ ދަރިއެކެވެ. އެމީހުންގެ ފިހާރަޔަށް މުދާ ގެންނަ ކޮންމެ ފަހަރަކުމެ ކުކުޅު ބިސްފޮށިގަނޑުގެ ތެރެއަށް، ކުކުޅު ބިހުގެ އިތުރުން އެހެން ޖަނަވާރުތަކުގެ ބިސް އަޅައި މަސްހުނިކުރެއެވެ. ރަށަށް ގެނެވުމާއެކު އެ ބިސްތައް “އިންކިއުބޭޓާ”އެއް ބޭނުންކޮށްގެން ވިއްސައެވެ. އަދި އެ ޖަނަވާރުތައް ކޮށިކޮށީގައި ހައްޔަރުކޮށް ބަލަހައްޓަމުން ގެންދަނީއެވެ.”
“ހަލޯ!” އަހަރެން ލިޔަން އިން މަޒުމޫނު މެދުކަނޑައިލީ ޓީވީ.އެމް.އިން ގުޅުމުންނެވެ.
“ފެންހަފުތޯ.” ޓީވީ.އެމް.ގެ އެޑިޓަރު އަހަރެންނަށް ގުޅީ ޚަބަރު ހޯދާށެވެ.
“އާދެ! ޚަބަރުގެ މެއިން ސުރުޙީއަކީ އެއީ… މިހާރު މިފޮނުވާލަނީ ނިންމާލާފަ…”
ފޯން ބޭއްވުމަށްފަހު އަހަރެން ހިޝާމާ ދޭތެރޭ ވިސްނައިލީމެވެ. އަހަރެންގެ ލޮލުން އައިކަރުނަތައް އަހަރެންގެ ގަމީހުގެ ތެރެއަށް މަޑުމަޑުން ފޭދެމުން ދިޔައެވެ. ހިކެމުންދިޔަ އަހަރެންގެ ތުންފަތުގައި އަހަރެންނަށް ކުޅުކޮޅެއް ދުލުން ހާކައިލެވުނެވެ. އަހަރެންގެ ރަޙުމަތްތެރި ހިޝާމް ދުނިޔެއަށް އަލްވަދާއު ކީ ދިވެހިރާއްޖެއަށް ހުރި ބޮޑު ނުރައްކަލަކަށް ހޭވެރިވުމަށް އަހަރެމެން އެންމެންގެ ލޯތައް ވަރަށް ރަނގަޅަށް ހުޅުވާދީފައެވެ.
ނިމުނީ
13 Comments!
Comments are closed.


ވަރަށް މޮޅު ، އުފެއްދުންތެރި . ޝައުޤުވެރިކަން ހިފެހެއްޓިފައިވާ ރީތި ވާހަކައެއް. ލިޔުންތެރިޔާއަށް ޝުކުރިއްޔާ
Varah rythi interstn vahaka eh..vrah molhu..
v reethi storyeh
ފެންހަފަކީ އަސްލު ކޯއްޗެއް؟
ދިވެހިބަސްފޮތުން ދެއްކި ގޮތުން އެއީ ފެންހަރުފައިގެ އެނެއް ނަމެވެ.
Veegotheh neygunu 🙁
Dhn ok
vvvv.nice
tnx all.:)
plx tell y dos story is posted again. mihaaru mi site ga genes dhenee his kurin genesdheefa huri vaahaka tha?
no manaal. it was posted long ago last year. i took a break and started writing again. hehe.
🙂
vvv rythi mi stry and vvv interestingg 🙂 🙂 🙂 🙂 🙂 🙂 🙂
Thank You angel 🙂