ތިއީ ކޮންތާކުން އައިސް އުޅޭ ކޮންބައެއް؟” ލަޔާލް ރުޅިވެރިކަމާއެކު އެމީހުންނާއި ސުވާލުކުރިއެވެ. “އަ…އަޅުގަނޑަކީ….ނާ…ނާއިޝް..ދެން ދެން މިހުރީ ތައްޚާނުބޭ..އަޅުގަނޑުމެންނަކީ މަ..މަރަދޫ ބައެއް” ނާއިޝް ބިރުން ހުރެ ވާހަކަ ދެއްކިއެވެ.އޭރު އޭނާގެ މޫނުމަތިން ދާ ތިކިތައް އޮހޮރެއެވެ. ތައްޚާނުބޭގެ ހާލުވެސް އެފަދައެވެ. ” މިމީހުން ހައްޔަރުކޮށްގެން ގެންގޮސް ޖިޕަށްލައި..އެއްބަޔަކު ގޮސް ޒާހިރު ކޮބައިތޯ ބަލާ…ދެން އަހަރެމެން ކަލޭމެންނާއި ބައްދަލު ކުރާނީ ކޯޓުން” ލަޔާލް ދެމީހުންގެ އަތުގައި ބިޑިއަޅުވައި ޖިޕަށްލުމަށް އަމުރު ކުރިއެވެ
ލަޔާލް އެތަނުގައި ހުރި އެއްޗެއްސާއެކު އެމީހުން ހައްޔަރުކުރިއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވުމުން އެކަމާއި އޭނާ އުފާކުރިއެވެ. ” ސަރ އަޅުގަނޑުމެން ދިޔައިރު ޒާހިރު އޭނާގެ ގޭގައި ސަލާމަތުން އިން..އޭނާއަށް އެއްވެސް ކަމެއް ނުވޭ” އޮފިސަރ ރާޝިދު އައިސް ލަޔާލްއަށް ޚަބަރު ދިނެވެ. ” އޭނާވެސް ހައްޔަރުކޮށްގެން ގެންދޭ..” ލަޔާލް އެންގިއެވެ
އޭގެ އެއް ހަފްތާ ފަހެވެ. ކުރަންވާ ތަހްޤީޤުތައް ނިމި ކޯޓުގެ މަރުހަލާއަށް ނާއިޝްއާއި ، ތައްޚާނު އަދި ޒާހިރު ހާޟިރުކުރެވޭ ދުވަހެވެ. ލަޔާލް ތައްޔާރުވަމުން ދިޔައީ ކޯޓަށް ދިޔުމަށެވެ. އޭނާ ލޯގަނޑު ކުރިމަށްޗަށް އަރައި ފުނާ އަޅާލިއެވެ. ކޮޓަރީގައި ހުޅުވާފައި ވާ ކުޑަދޮރުން ކުއްލިއަކަށް ފިނި ވައިރޯޅިއެއް އެތެރެވިއެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. ލަޔާލްއަށް ބަލައިލެވުނީ ކުޑަދޮރާއި ދިމާއަށެވެ. ލަޔާލްގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ކުޑަދޮރުން އެތެރެއަށް އައިސްފައި އޮތް ކަރުދާސްކޮޅެކެވެ. އަވަހަށް ގުދުވެލާފައި އޭނާ އެކަރުދާސްކޮޅު ނެގިއެވެ. ” ލަޔާލް..ތިޔަ ހޯއްދަވާ ފަރާތް، އަލަށް މީހުން އާބާދުވާން ފެށި ހިސާބުގައި ހުރި ފަޅު ގެއެއްގައި އެބައިން” ލަޔާލް ހުރީ ވާނުވާ ނޭގިފައެވެ. މިއީ ކާކު ކުރި ކަމެއް ބާވައެވެ؟ ހަމަ ގައިމުވެސް ކުޑަދޮރުގެ ކައިރިއަށް މީހަކު އައިހެންނެއް ހިއެއް ނުވެއެވެ. ކޮންމެއަކަސް ލަޔާލް އެކަމަކާ އަޅައެއްނުލައެވެ. މިވަގުތު އޭނާއަށް އެންމެ މުހިންމު ވީ އެބުނާ ގެއެއްގައި އެއިން މީހަކީ ކާކުތޯ ބެލުމެެވެ. ކޮޓަރިން ނުކުމެ ބާރަށް ހިނގާފައި ގޮސް ސައިކަލަށް އަރާ އޭނާ މިސްރާބުޖެހީ އެގެއަކާއި ދިމާއަށެވެ
މީހުން ކައިރީ އަހާ އޮޅުން ފިލުވަމުން އޭނާ ގޮސް މަޑުކޮށްލީ އެބުނާ ގެއެއްގެ ކައިރީގައެވެ. ހަލާކުވެ ވީރާނާވާން ކައިރިވެފައި ހުރި ކުޑަ ގެގަނޑެކެވެ. ލަޔާލް ގޮސް ގޭގެ ދޮރުގައި ޓަކިދިނެވެ.” ކާކު؟” އެތެރެއިން އިވުނީ ފިރެހެނެއްގެ އަޑެވެ.” ވަދޭ” އަނެއްކާވެސް އެތެރެއިން އެ މީހެއްގެ އަޑު އިވުނެވެ. ލަޔާލް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އެތެރޭގައި އަންނައުނު ހިއްކަން އަޅާ ރޯނަކާއި ފައްޖެހި އެނދެއް ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނެތެވެ. ފަށްޖެހިއެނދުގައި އިށީންދެލައިގެން އިނީ ޒުވާނެކެވެ. އޭނާގެ ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑު ވަނީ ދިގުވެފައެވެ. ލައިގެން އިނީ ބާ ގަމީސްގަނޑަކާއި ފަޓުލޫނެކެވެ. ” މިއީ ލަޔާލް..ތީ ކޮންބޭފުޅެއްތޯ؟” ލަޔާލް އެމީހާގެ ކައިރިއަށް ޖެހިލަމުން އަހާލިއެވެ. ” ލަޔާލް އޭ ތޯ؟..އަޅުގަނޑެއް ނުދަންނަން…އަޅުގަނޑަކީ ޝާއިން” ޝާއިންގެ މިޖުމްލައާއި އެކު ލަޔާލްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ” ޝާއިން؟؟؟” ލަޔާލްއަށް ލިބުނީ ހައިރާން ކަމެކެވެ. ޝާއިން މިތާ އިންކަން ލަޔާލްއަށް އެނޯޓުކޮޅުގެ ޒަރީޢާއިން އެންގީ ކާކުބާވައެވެ؟ އެމީހަކަށް މިވީ ހުރިހާ ދުވަހު ޝާއިން މިތާ އިންކަން އެނގޭއިރު ލަޔާލް އަށް ކުރިން ނޭންގީ ކީއްވެބާވައެވެ؟ ” ކޮބާ ނަވާ؟” ލަޔާލް ކުއްލިއަކަށް ހަނދާންވީ ނަވާގެ މަތިންނެވެ. ” ބޭރަށް ގޮސްފައިވީ..ކީއްކުރަންތޯ ތިދުރުވީ؟..ކިހިނެތްތޯ މިގެ އެނގިލެއްވީ؟” ޝާއިން އިނީ ވާނުވާ ނޭގިފައެވެ. ” ހިންގަވާ އަޅުގަނޑާއި އެކު ކޯޓަށް..ތިޔަ ބޭފުޅުންނަށް ތިޙާލު ޖެއްސި މީހުން އަޅުގަނޑުމެން މިއަދު ކޯޓަށް ހާޟިރު ކުރަންވަނީ ނިންމާފަ” ލަޔާލް ޝާއިންއަށް އޮޅުން ފިލުވައިދިނެވެ. ޝާއިން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ” ކޮންހާލެއް؟ އެމީހުންނާއި ބެހޭގޮތުން ތިބޭފުޅާއަށް އެނގިލެއްވީ ކިހިނެއް؟” ޝާއިން އަދިވެސް އިނީ ވާނުވާ ނޭގިފައެވެ. ” އަޅުގަނޑަކީ ޑިޓެކްޓިވް އޮފިސަރެއް…އަޅުގަނޑުމެންގެ ޓީމުން އެމީހުން ވަނީ ހޯދައިގަންފަ..ދެން ހިންގަވާ ކޯޓަށް…ޝާއިން ހާޟިރުވުން ވަރަށް މުހިންމު..ޝާއިންގެ ބަޔާން އަޅުގަނޑުމެން މިމައްސަލައިގައި ބޭނުންވޭ” ލަޔާލް އިނީ ހިތް އަވަސްވެފައެވެ. ” އެކަމަކު ނަވާ އަންނާނެ އިރުކޮޅަކުން…އޭނަ އަންނައިރަށް އަޅުގަނޑު ނެތިއްޔާ ވަރަށް ކަންބޮޑުވާނެ..އަޅުގަނޑަށް ދެވޭނީވެސް މީހެއްގެ އެހީއާއިއެކު..އަޅުގަނޑުގެ ދެލޮލަކަށް ނުފެނޭ” ޝާއިން ނަވާ ނާންނަނީސް ދާކަށް ބޭނުމެއް ނުވިއެވެ. ” ތިކަމާ ހާސްވެނުލައްވާ..އަޅުގަނޑު ސައިކަލުގައި ގެންގޮސްދޭނަން..ނަވާ އަށް ނޯޓެއް ލިޔެފައި އަޅުގަނޑު މިތާ ބާއްވާނަން” ލަޔާލް އޭނާގެ ޖީބުން ގަލަމާއި ގަނޑުކޮޅެއް ނަގަމުން ބުންޏެވެ. އަދި އެއަށްފަހު ކޯޓަށް ހާޟިރުވުމަށް އެދި ނަވާއަށް ނޯޓު ކޮޅެއް ލިޔެފައި އޭގެ މަތީ ގަލަން ބޭއްވުމަށްފަހު ޝާއިންގެ އަތުގައި ހިފައިގެން ލަޔާލް ނުކުތެވެ
އެންމެންވެސް ތިބީ ކޯޓަށް ހާޟިރުވެއެވެ. ކޯޓުގައި ތިބި އެންމެންގެ ނަޒަރު ހުއްޓުނީ ދޮރުން ވަދެގެން ލަޔާލްއާއި އެކު އައި ޒުވާނާއަށެވެ. ދިގުވެފައިވާ ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ސިފަ ވަނީ ގެއްލިފައެވެ. ޝާއިން ގޮނޑީގައި ބޭންދުމަށްފަހު ލަޔާލް ޣާޒީގެ އަރިހަށް ގޮސް އެހެންމީހުންނަށް އަޑު ނީވޭނެހެން ކޮންމެވެސް އެއްޗެއް ބުންޏެވެ. އެއަށްފަހު ދެން ފެށިގެން ދިޔައީ ޝަރީޢަތެވެ. މައްސަލަ ގެނެވިފައިވަނީ ޝާއިންއާއި ނަވާ ގެއްލުނު ހިސާބުން ފެށިގެންނެވެ. އެހެންކަމުން އެންމެ ފުރަތަމަ މައްސަލައިގައި ވާހަކަ ދެއްކުމަށް ފުރުސަތު އެރުވުނީ ޝާއިންއަށެވެ. ޣާޒީ ޝާއިންގެ ނަން ބުނުމާއެކު ޒާހިރު އާއި ނާއިޝްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި އޭގެ އިތުރުން ލަޔާލްގެ ޓީމުގެ މެމްބަރުންނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެމީހުނަށް ނުހޯދުނު ޝާއިން އެ އިނީ އެމީހުންގެ ކުރިމަތީއެވެ. ލަޔާލްއަށް ޝާއިން ހުރިތަނެއް އެނގުނު ގޮތަކާއި މެދު އެންމެންގެ ހިތުގައި ސުވާލު އުފެދުނެވެ. ” ޝާއިން ބުނެދެއްވަފާނަންތޯ ނަވާ ގެންދިޔަ ހިސާބުން ފެށިގެން ކަންހިނގި ގޮތް؟ އޭގެ ކުރީގައި ކަން ހިނގިގޮތް އަޅުގަނޑުމެންނަށް ވަނީ ޝާއިން ރުޝްދީއަށް ފޮނުވި މެސެޖްގެ ޒަރީޢާއިން މަރަދޫ ފުލުސް އޮފީސް މެދުވެރިކޮށް ލިބިފަ” ޝާއިން ގޮނޑިން ތެދުވުމުން ޣާޒީ ސުވާލު ކުރެއްވެވިއެވެ. (ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Alhe plx thankolheh dhigu koh genesdhyba…..
alha avaha aneh bai up koh bala plxxxxxxxxxxxxxxxxxxxxxxxxxx
Thi genesdheny enme dhe folhuvathehnu. Thivarun rangalhu vane aneh baey nubune kury baige dhevana baey bunan.
Thedheh haadha kurukoshey thigenes dheny