ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމަކުން ސަލާމަތްވެވޭނީ ހަމައެކަނި މި އުނދަގޫ ދަތި ދިރިއުޅުމުން ވަކިވެގެންކަމުގައި އަހަރެން ދެކުނީ އެހެން ގޮތެއް ނެތިގެންނެވެ. ހުރިހާ ކަމަކާ ވިސްނުމަށް ވުރެ ، އެހުރިހާ ކަމަކުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކަށް ފެނުނީ ކުރިމަތިން ފެންނަމުން ދިޔަ ބޮޑެތި ބިޔަ ރާޅުތަކުގެ ބަނޑުތެރެއަށް ވަނުމެވެ. އެންމެފަހުފަހަރަށް ދަތުރުކުރަމުން ދިޔަ ބޮޑު ބޯޓަށް ބަލާލުމަށްފަހު، މީހަކު ފެންނަން ނެތުމުން އިތުރަށް އެއްވެސްކަމަކާ ވިސްނުމަކާނުލައި، ކަނޑުގެ އެންމެ ފުންހިސާބަށް ފުންމާލީ ވަރަށް ފުން ނޭވައެއް ލުމަށްފަހުއެވެ. ފެންގަނޑުގެ އަޑިއަށް ދެމެމުންދިޔައިރު ނޭފަތަށާއި، އަނގަޔަށް ފެންވަދެ ފުރުނުއިރު މިއީ ދިރިހުރުމުގެ އެންމެ ފަހު ވަގުތުކޮޅުކަން އެނގުނެވެ.

ފުސްވަމުން ދިޔަ މަންޒަރު ސާފުވަމުން އައިއިރު ފެނުނީ ކައިރިވަމުން ދިޔަ ރީތި މޫނެކެވެ. ހަށިގަނޑަށް އެއްވެސް ގުޑުމެއް ނުގެނެވުނުއިރު ފެންނަމުން މިދަނީ ހުވަފެނަކާ ވައްތަރެވެ.

” ވަޓް ދަ ހެލް އާރ ޔޫ ޑުއިން.. ލެޓް މީ ގޯ، ލެޓް މީ ގޯ ” ކައިރިވަމުންދިޔަ ނުދަންނަ ޒުވާނާގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަމުން ތެދުވެ ކޮށިއަރަމުން ، ކެއްސަމުން ދިޔައިރު، ނޭފަތާއި އަނގާގައި ހުރި ފެންތައް ބޭރުވަމުންދިޔައެވެ.

” ވަޓް ދަ ހެލް އާރ ޔޫ ތިންކިން… ކުރިމަތިން ތިއޮއްފެންނަ މާސިންގާ ކަނޑުގެ އަޑީގަ އޮއްވާ ހިކިފަސްތަނަކަށް ގެނާމަތަ….އަލުން ގެންގޮސް އެއްލާލަންވީތަ” ކުރިމަތިން ފެންނަމުން މިދާ ނުދަންނަ ޒުވާނާގެ މޫނުމަތިން ރުޅިވެރިކަމުގެ ސިފަ ފެންނަމުން ދިޔައިރު ، ރުޅި އައިސްފައި ހުރި ވަރު ކަތުރުކަށިގަނޑަށް ގެނަހަރަކާތަކުން އެނގުނެވެ.

އިތުރަށް މިތާ މަޑުކުރަން ބޭނުން ނުވާކަމަށްބުނެ އެޒުވާނާ ހިނގައިގަތުމުން ، މިއާވެސް ރުޅިއައިސްގެން ކޮންމެވެސް ދިމާއަކަށް ދިއުމަށް ހިނގައިގަތުމަށް ތެދުވިއެވެ. ހަމައެއާއިއެކު ފަޔަށް އެރިތަދާއިއެކު ހަޅެއް ލަވައި ގަތެވެ.

” އޭނ ޑޭންޖާރ މަށަކަށް ނުހިނގޭ …ބަލާބަ މިއޮއްފައެއް…” މިއާ ގެ ހަޅޭކާއިއެކު އެ ޒުވާނާވެސް ދުވެފައި އައެވެ. ހުއްޓުމެއްނެތި ލޭއަންނަމުން ދިޔަ ފަޔަށް ބަލާލުމަށްފަހު ލައިގެން ހުރި ޓީޝާޓް ބާލައި، މިއާގެ ފައިގައި ބާރަށް އައްސާލިއެވެ.

“ދެން ބުނޭ ޓީޝާޓް ބޭލީ ކީއްކުރަންހޭ…. ޑޯންޓް ކޯލްމީ ޑޭންޖާ…އައިހޭވް އަ ވެރީ ބިއުޓިފުލް ނޭމް…ކޯލް މީ ޔައިން” ޔައިން ގެ ހަރަކާތްތަކަށް ބަލަން ހުރި މިއާ ހުރީ ދެލޯ ބޮޑުވެފައެވެ. ވަށައިގެން އަނދިރިކަން ވެރިވެފައި ވިޔަސް، ދިމާ ކުރިމަތީގައި ހުރި ހޮޅިދަނޑިއަކުން އަލި އެޅިފައި ހުރި ޔައިންގެ ހަށިގަނޑަށް ބަލާލުމުންވެސް ބަރާބަރަށް ކަސްރަތު ކުރާކަން ފެންނަ މީހަކަށް އެނގޭހައި ވެއެވެ.

އިތުރަށް މިއާއަށް ނޭވާ ހިފަހައްޓާލަން ޖެހުނީ ކައިރިވަމުން އައި ޔައިންގެ ސަބަބުންނެވެ. ދެލޯ މަރާލުމާއިއެކު ސިހުނީ ޔައިންގެ އަތްދަނޑިމައްޗަށް އުފުލާލައި، ކައިރި ހިސާބެއްގައި ހުރި ސައިކަލު މައްޗަށް ލުމުންނެވެ. ދާންވީ ތަނެއް އެހުމުންވެސް މިއާ އެއްޗެކޭ ނުބުނުމުން ސައިކަލު ދުއްވާފައި ދިޔައީ ކުރިއަށެވެ.

އެހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ނޭވާ ހަމައަކަށް އެޅުނީ، ގޮނޑިއެއްގެ މަތީ ހަމަޖެހިލެވުމުންނެވެ. ހަތަރު ވަރަކަށް މިނެޓްގެ ދުއްވުމަކަށް ފަހު އެއްވެސް މީހެއްގެ ހިލަމެއްނުވާ މިރީތި ގެއަށް އާދެވުމުން މިއާގެ ހިތަށް އުފާވެރިކަން ލިބުނެވެ.

ފައިމައްޗަށް އެއްލި ރަތްކުލައިގެ ތުވާއްޔަށް ބަލާލަމުން ޔައިންއަށް ބަލާލިއެވެ. އޭރު ޔައިން ޓީޝާޓަކާއި، ސޯޓެއްހިފަހައްޓާލައިގެން ހުއްޓެވެ. މިއާ ތެދުވެ ހިނގައިގަތީ ކުޑަކޮށް ފައި ރަނގަޅުވެފައި ހުރުމުންނެވެ.

ފާހާނާއިން ނުކުމެ ބޮލުގައި ތުވާލި އޮޅާލަމުން އެނދުމަތީ އޮތް ޔައިންގެ ޓީޝާޓަށާ، ސޯޓަށް ބަލާލަމުން އެއެއްޗެހި ލުމަށް އަވަސްވެލިއެވެ. ލައިގެން ހުރި އެއްޗިހި މެޝިނުން ހިއްކާލުމަށްފަހު ކޮނޑުގައި އަޅުވާލީ އަވަހަށް އެއެއްޗިހި ލުމަށެވެ.

ކުޑަކޮށް ބޮލަށް ބަރުވެފައި ހުރުމުން އެނދުގައި އޮއްތާލީ ނިދާކަށް ނޫނެވެ. އެހެންނަމަވެސް ލޮލަށް ނިދި ސަވާރުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ޔައިން ސިޓިންގ ރޫމުގައިހުންނަތާ ގިނައިރުވުމުން ކޮޓަރިކައިރިއަށް އައިސް މިއާގެ ނަމުން ގޮވާލީމާވެސް ހަބަރެއް ނުވިއެވެ. މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލިއިރު ތަޅުނުލާ ހުރުމުން ދޮރު ހުޅުވާލިއިރު ރީތިކޮށް ނިދާލާފައި މިއާ އޮތެވެ. ޔައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ، ޔައިންގެ ނަން ބުނުމުން މިއާވެސް އަމިއްލަ ނަން ބުނިގޮތް ހިތަށް އަރާފައެވެ.

ތައްޔާރުވެލައިގެން ނުކުމެ މިއާ ކައިރީ އެނދުގައި އިށީނދެލިއެވެ. ރޭގަނޑުގެ މިދަންވަރު ނުނިދިގެން ޔައިންވެސް ނުކުމެލީ ލޯންޗް ދުއްވާލުމަށެވެ. ކަނޑު މަޑުވެ ބޭރުގައި އަޅާފައިއޮތް މަސްއޮޑިއެއްގައި ލޯންޗް އަޅާފައި، ފީނާލުމަށް ތަންކޮޅަކަށް ދެވުނުތަނާ ފެނުނީ ރަށް ކައިރިން ދިޔަ ބޯޓުގެ ފަހަތުބައިން މީހަކު ފުއްމާލިތަނެވެ. އަޑިއަށް ދަނިކޮށް އެއްގަމަށް އެރުވުނީ ގިނައިރެއް ނުވަނީސްއެވެ.

އެ ޙިޔާލުން ދުރުވެލެވުނީ މިއާގެ މޫނުމަށްޗަށް އޮތް އިސްތަށި ކޮޅުއެއްކައިރި ކޮށްލުމަށްޓަކައި އެވެ. ރީތި ދޮންކަމެއް ލިބިފައި ވާއިރު ފިނިފެންމަލެއް ފަދަ ތުނި ތުންފަތުގައިވަނީ މަޑު ފިޔާތޮށިކުލައެކެވެ. މިރީތި ކުއްޖާ މަރާ ކުރިމަތި ލާނީ ކޮންމެވެސް ބޮޑުކަމެއް ކުރިމަތި ވީމަކަމަށް ޔައިން އަށް ވިސްނާލެވުނެވެ. ކޮންރަށެއްގެ ކާކުގެ ދަރިއެއްކަމެއް އެއްވެސް މައުލޫމާތެއް އިނގެނީއެއްނޫނެވެ.

ޔައިންގެ ޓީޝާޓަކާއި ސޯޓެއް ލައިގެން އޮތްއިރު މޫނުމަތިން ފެންނަނީ މައުސޫމުކަމެވެ. އުމުރުން ހަތާވީސް އަހަރު ވީއިރު މަންމަމެން އެވަރަށް ކިޔާއިރުވެސް ހަޔާތަށް އަންހެން ކުއްޖަކު ނުގެނެސް ހުރެވުނީ ހިތްކިޔާކަހަލަ ކުއްޖަކާ ދިމާނުވާތީއެވެ. ނަމަވެސް މިއާ ފެނުނުހިސާބުން ނޭނގޭ ގޮތެއް ހިތަށް ވަމުން ދިޔައެވެ. ރީތި ސިފަތަކެއްގެ ވެރި އަންހެން ކުއްޖަކު ޔައިންގެ ހިތް ކާމިޔާބު ކުރިކަހަލައެވެ. ފަސްޓްއެއިޑް ބޮކްސް ގެނައުމަށްފަހު މިއާގެ ފައި ހަލާކުވެފައި ވާތަނުގައި ބޭސްއަޅާލުމަށްފަހު އެތަން ބަންދުކޮށްލިއެވެ. މިއާގެ ހާމަޔަށް އޮތް ދޮންފަޔަށް ބަލާލަމުން ރަޖާގަނޑެއް އަޅާލަދިނުމަށްފަހު، ބާލީހަކާ ރަޖާގަނޑެއް ހިފައިގެން ސިޓިންގ ރޫމްގައި ހުރި ސޯފާގައި އޮއްތާލީ ނިދަން ހިތުލައިގެނެއް ނޫނެވެ.

***********************

ކުޑަކޮށް ލޯ ހުޅުވާލެވުނީ ރީތި ރާގަކަށް އިނގިރޭސި ލަވައެއްކިޔާ އަޑަށެވެ. ފާހާނާއަށްވަދެ ރީތިވެލުމަށްފަހު ބަދިގެއާ ހަމައަށް ދިޔައިރު، ބިސްގަނޑުގެ މީރުވަހާއި ކޮފީގެ ވަހުން މުޅި ތަން ވަނީ އެއްވަސްކޮށްލާފައެވެ.

” މޯނިންގް…ބިއުޓިފުލް….ފަޔަށް ތަދުވޭތަ މިހާރު” ޔައިންގެ ސުވާލާއިއެކު މިއާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ކުލަވަރު އެރިއެވެ. އެންމެ ފުރަތަމަ ޔައިންއާ ދިމާއަށް ކިޔުނު އެއްޗިހި ހިތައްއަރާފައި ހިތުގެ އަޑިން ހެވުނެވެ. ފައި މިހާރު ރަނގަޅުކަމަށް މިއާ ބުނެލީ މޭޒުމަތީ ތަށިތައް އަތުރަމުންނެވެ. މިއާ ކުރަމުން ދިޔަ މަސައްކަތައް ތައުރީފް ކޮއްލަމުން ކޮފީގެ ރަހަ ބަލާލާ ހިތްވިއެވެ.

” އެއްވެސް ވާހަކަ އެއް ކިޔާދޭން ބޭނުމިއްޔާ ހަމަ އަޑުއަހަން މިހުރީ…ހީކޮއްލާ ވަރަށް ގާތް މީހެއްގެ ކައިރީގައޭ މިހުރެވެނީ ” ޔައިންގެ ގާތްކަމުގެ ސަބަބުން ރައްކާތެރިކަން އިޙުސާސްވިއެވެ. ނުބައި ނިޔަތެއް ވާނަމަ މިހުރިހާ ކަމެއް ނުކޮށްދޭނެކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

” ތެންކިޔު ފޯރ އެވްރީތިންގ ….ދިމާވި ހުރިހާކަމަކުން ސަލާމަތްވާނެ ހަމައެކަނި ގޮތަކަށް ފެނުނީ ކަނޑަށްފުންމާލުން ނޫންކަން މިހާރު އިޙުސާސް ކުރެވޭ އެބަ….އަމިއްލަ ގޭން ނުލިބުނު ހިތްހަމަޖެހުމާ އުފާވެރިކަން މި ނުދަންނަ ތަނުން އެބަ ލިބޭ.. މީކޮންތަނެއްކަމެއް އަދި ތި ކާކުކަމެއްވެސް ނޭނގެ….އަހަންނަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން…މިތާ ހުއްޓަސް ބަލާ އަންނަން ޖެހޭނެ މީހަކު ނުހުންނާނެ…މިބުނީ އުމުރުން 23 އަހަރު ފުރިފައޭ މިހުރީ…ޖަލަށް ލާވަރުގެ ކުށެއް ކޮއްގެން އައިހެއް ނޫނޭ މިހުރީކީ ” މިއާގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަން އިނގުނީ ވާހަކަ ދެއްކުން ހުއްޓާލުމުންނެވެ.

” ކުށެއް ނުކުރާކަމެއް ނޭނގެ، ކަނޑު އަޑީގެ ރާނީއަށް ވާހިތުން ވިއްޔަ އުޅުނީ ” ޔައިންގެ ޖުމްލައިން މިއާ ލަދުގަންނަ ގޮތް ވިއެވެ. ފުރަތަމަ ފަހަރަށް ޔައިންގެ ފަރާތުން ސަމާސާ ކުރުމުގެ ސިފަ ފެނުނެވެ. ޔައިންގެ އެއްވެސް ކަމެއް ނޭނގޭއިރު ގިނައިން ޔައިންއާ ވާހަކަ ދައްކާ ހިތްވިއެވެ.

” މީ މާފުށި …މިރަށު ޑައިވިން ސެންޓަރުގެ މެނޭޖަރަކަށް އުޅެނީ…އެރޭވެސް ފޫހިވެގެން ބުރެއް އަޅާލަން ނުކުމެ އުޅެނިކޮށް މިއާ ޑޮލްފިން އަކަށްވެގެން ޑައިވް އެއް ޖެހިތަން ވިއްޔަ ފެނުނީ… ދެން މީ މަގޭ އަމިއްލަ ގެ…ނޫޅޭނެ އެކަކުވެސް  އުނދަގޫ ކުރާނެ..” ޔައިލް ވާހަކަ ދައްކަމުން ދިޔައީ މިއާގެ މޫނަށް ބަލަމުންނެވެ. ހިތް އުފަލުން ފުރިގެން ދިޔައީ މިއާ އަކީ އެއްވެސް މީހެއްގެ ހައްގަކަށް ނުވާތީއެވެ. އިތުރަށް ކަންކަމާ އުންމީދު ކުރެވެން ފެށިއެވެ.

” އައި ކޭން ވެއިޓް…ބޭނުން އިރަކު  ހުރިހާ ވާހަކައެއް ކިޔާދެވިދާނެ..” ޓިޝޫއަކުން ތުންފޮހެލަމުން މިއާ އަތުގަ ހިފިއެވެ. މިއާ ބަލައިލީ ސުވާލު އުފެދިފައި ހުރެއެވެ.

” އޯހް …ކަމޯން…މިއުޅެނީ އަތުގަ ހިފާގެން ރޫމަށް ވަންނާކަށް ނޫން…ހިނގާބަލަ ޝޮޕިން އަކަށް ދާން…ތި ހެދުންލައިގެންތަ އަބަދު އުޅޭނީ..” ޔައިންގެ ސައިކަލު ފަހަތަށް އެރުނު އިރުވެސް މިއާ ހުރީ ފުން ވިސްނުމެއްގައެވެ. ހުރިހާ ވާހަކައެއް ކިޔާދެވުނު ނަމައޭ ހިތައް އަރައަރައެވެ.

މިއާ ބޭނުންވާވަރަށް ހެދުމާ އެހެނިހެން ސާމާނު ނަގައިގެން ކައުންޓަރ ކައިރިއަށް ދިއުމުން ޔައިން ރުފިޔާ ދައްކަން އުޅުނެވެ.

” އައި ހޭވް މައި ވިސާ ކާރޑް…ޖީބުގަ އޮތީ.” ހުރިހާ އެއްޗެއް މިއާގެ ރޫމުގައި ބަހައްޓާފައި ގޭން ނުކުން އިރު ވިސާ ކާރޑް ޖީބުގައި އޮތީ ކިހިނެއްކަމެއް މިއާ ހަނދާނެއް ނެތެވެ. މިހާރު ގޭ އެންމެނަށް މިއާ ނެއްކަން އެނގި ހޯދަން އެކި ކަންކޮޅުތަކަށް މީހުން ފޮނުވާފާނެކަން މިއާ އަށް ކަށަވަރެވެ. މިއާގެ ބައްޕަ އަކީ އެހެން މަޑުން ދެއަށް އުރާލައިގެން ހުންނާނެކަހަލަ މީހެއްނޫނެވެ. މިއާގެ ފުރާނަ ނެއް މަސްގަނޑު ފެނުނަސް ފުރާނަ އެޅުވޭނެނަމަ އެކަންވެސް ކުރާކަށް ފަހެއް ނުޖެހޭނެއެވެ. ދޮންމަންމަގެ ސަބަބުން ބައްޕަ މިއާދެކެ ވާލޯބި ފަނޑުވަމުން ދާހެން މިއާ އަށް އަބަދުވެސް ހީވެއެވެ.

މިއާ އެވަރަށް ބުނީމަވެސް ޔައިން ހުރިހާ އެއްޗަކަށް ރުފިޔާ ދެއްކިއެވެ. އަދި އެވަރުން ނުވެގެން މޮބައިލް ސޮޕަކަށް ވަދެ އެންމެ ފަހުގެ ފޯނެއް ގަނެ އެއަށް ސިމެއްވެސް ލައްވައިދިނެވެ.

ދެހަފްތާ ފާއިތުވީ ހިކިފައިވާ މަލެއްގެ ފިޔަތައް ފައިބާހާ އަވަސް މިނުގައެވެ. ޔައިން އެކޭ އެއްފަދައިން މިއާގެ ހިތުގައިވަނީ ލޯއްބެވެ. އެކަކު އަނެކަކަށް ރުހެވެއެވެ. އެހީ ވަމުން ދަނީ އުފަލާ ހިތްހަމަޖެހުމުގައެވެ. އެހެން ނަމަވެސް އެކަކު އަނެކަކު ހިތުގައިވާ އެއްޗެއް ފާޅުކުރަން ދެމީހުންވެސް ޖެހިލުންވެއެވެ.

” ޔަން ” …މިއާ ގޮވާލިލެއް ލޯބިކަމުން ޔައިން ހުރީ ބަސްހުއްޓިފައެވެ. ކަރު ކެހިލަމުން ވާހަކަ ދެއްކިއެވެ. ” ހާދަ ރަސްމީކޮށް…ޑައިވިން ސެންޓާރ އަކަށް ނޫންތަ ދަނީކީ މިރޭ…” ކޯޓް ފަޓްލޫނުގައި ޔައިން ހުރިއިރު ވަރަށް ސްމާޓެވެ.

” ޔާ …އަދި ނުބުނެވޭ ދޯ.. މިދަނީ އޯޝަން ވިސްޓާ ގެސްޓް ހައުސްއަށް..ކުޑަކޮށް ބަލާލަން…ދާނަންތަ..” ޔައިން އެއްލޯމަރާލަމުން ވާހަކަދައްކާ ނުނިމެނީސް މިއާ ފަހަތުން ނުކުތީ އެތަނަށް ދާ ސަބަބެއް ހޯދުމަށެވެ. ފިރެހެނަކު ގެސްޓް ހައުސްއަށް ރަނގަޅު ނިޔަތަކާއެކު ނުދާނެކަން މިއާއަށް އިނގެއެވެ.

އެހިސާބަށް ސައިކަލު މަޑުކޮށްލަމުން މިއާ އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް ހިނގައި ގަންއިރު މިއާ ވަރަށް ޖެހިލުން ވިއެވެ. ވަކި ހަމަޔަކަށް ދެވުމުން އަތް ދަމައިގަތީ އެއްވެސް އެއްޗެއް ނުބުނެ ޔައިން ކުރިއަށް ދާތީއެވެ. ދެން ފެނުނީ ޑިއުޓީގައި މިވަގުތު ހުރި މުވައްޒަފުން އިޙްތިރާމް ކުރުމުގެ ގޮތުން ޔައިންއާ ސަލާންކުރުމަށްފަހު ހީލާމަންޒަރެވެ. ކޮންމެ މީހަކު ސާރ އޭ ބުނެ ވާހަކަ ދެއްކިއެވެ. މިއާ ހުރީ ހައިރާންވެފައެވެ.

” ސާރ މީ …މީ ސާރ ގެ ގާލްފްރެންޑް ތޯ؟ ” އެތަނުން އެކަކު ސުވާލު ކޮށްލުމުން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. އަދި އެއްފަހަރާ ނޫނެކޭ ބުނެވުނެވެ. އެއަށްފަހު ހީލިއެވެ.

ރިސެޕްޝަންގެ އެކި ބައިތައްވެސް ލަކުޑިން އެކި ގޮތްގޮތައް ފަރުމާ ކުރެވިފައި ހުއްޓެވެ. ވަރަށްވެސް ހިތްގައިމުވެފަ ހިތްހަމަޖެހެއެވެ.

” ކީކޭ ހިތައް އަރާފަތަ ތި ހުންނަނީ…” ޔައިން އަށް ހާއްސަ ކުރެވިފައި ހުރި ހުރި ބަޔަށްވަދެ ސޯފާގައި އިށީންނަމުން ބުނެލިއެވެ. އޭރު މިއާވެސް ޔައިންކައިރީ ގެނެސް ބަހައްޓަމުން އަތުގައި ފިރުމާލިއެވެ. އަދި އިސްޖެހިފައި ހުރި މިއާގެ ދަތްދޮޅީގައި ހިފައި ކުޑަކޮށް އުފުލާލިއެވެ.

” ތީ މިތަނުގެ ވެރިމީހާތަ ” އަޅައިގަންނަމުން މިއާ އަހާލީ ހިސާބަކަށް ޖެހިލުން ވެފަ ހުރެއެވެ. އޭރު ޔައިން އަތުން އަތް ދަމައި ގަނެވުނީ މިކަހަލަ ތަނަކަށް އައުމުންނެވެ. އެހެންނަމަވެސް ފެނުނު މަންޒަރުތަކުން މިއާހުރީ އެހެން ގޮތަކަށް ޔައިންއާމެދު ދެކެވުނީތީ ދެރަވެފައެވެ.

” ހޫމް…އިޓްސް އޯކޭ…ރީތިތަ މި ގެސްޓް ހައުސް.” މިއާ ހޫމް އެކޭ ބުނެލީ އުފަލުން ހުރެއެވެ. މިއާ އަށް ދިމާވި ހުރިހާ ވާހަކައެއް ޔައިން އަށް ކިޔައިދިނީ އެވަގުތުއެވެ. އާއިލާ މީހުން މިއާގެ ނުގަބޫލުގައި އާއިލީ ވިޔަފާރިވެރިޔާގެ ހަމައެކަނި ހުރި ފިރިހެން ދަރިފުޅާ ކައިވެނި ރޭވީ މިއާ އަށް އަންގާވެސް ނުލާ ކަމެވެ. މިއާ އެކައިވެންޏާ ނުގަބޫލުވީމަ ގަދަކަމުންވެސް އެ ކައިވެނި ކުރުވާނެކަމަށް މިއާގެ ދޮންމަންމަ ބުނިކަމެވެ. މިއާ ރައްޓެހިވެގެން އުޅުނުކުއްޖާވެސް އުޅުނީ މިއާގެ މުދަލާ ގެ މާލޭގައި ހުރުމުން އެކަމުގެ ބޭނުމުގައި ކަމެވެ. މަންމަ މަރުވިފަހުން ބައްޕަ ވަމުން ދިޔަ މަތިވެރި ލޯބި ދޮންމަންމަގެ ސަބަބުން ފަނޑުވަމުން އައިވާހަކައެވެ. އެހުރިހާ ކަމަކާ ކުރިމަތިލާނެ ހިތްވަރު ނުލިބުމުން މިއާގެ ވިސްނުން ދިޔައީ މުޅިން ގޯސްދިމާއަކަށެވެ. އެވާހަކަތައް ކިޔާދެމުން ދިޔައިރު މިއާދެލޮލުން ކަރުނަ އާދެއެވެ. ގިސްލެވެން ފެށުމުން ޔައިން ކައިރިވެ މިއާގެ ގައިގާ ބައްދާލިއެވެ.

މިއާ ހަމައަކަށް އެޅުމުން ކުޑަކޮށް ދުރުކޮށްލަމުން ދެމީހުންނަށް ބަލަން ހުރެވުނީ އެކަކު އަނެކަކުގެ އިޙްސާސްތައް އެނގޭ ފަދައިންނެވެ. މިއާ އިތުރަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. މަޑުމަޑުން ޔައިންގެ މޫނާ ގާތްވެލަމުން ޔައިންއަށް ފުރުސަތު ދިނެވެ. މިނެޓަކަށް ދިޔަ ވަގުތުކޮޅު ނިމުމަކަށް އައީ ދެމީހުން ނޭވާ ހަމައަކަށް އަޅުވާލަމުންނެވެ.

ހޮޓެލްގެ އެކި ބައި ދައްކާލުމަށްފަހު، ދެން ދިޔައީ ޖެހިގެން އޮތް ބީޗް ސައިޑަށެވެ. އުފާވެރި ހަނދާންތަކެއް ރައްކާކުރަމުން ދަންވާތީ ޔައިން އަވަހަށް މިއާ ގެއަށް ގެނައެވެ.

ހެނދުނު ޔައިން ޑިއުޓީއަށް ނުކުތުމުން މިއާ އުޅުނީ މެންދުރު މީރު ކެއުމެއް ހަދާލަންވެގެނެވެ. ބޭރުން ބެލް އަޅާއަޑުއިވިގެން އަތް ދޮވެލުމަށްފަހު، ނުކުތީ ޔައިންކަން އެނގޭތީއެވެ. ދޮރު ހުޅުވާލުމުން ސިހިގެން ދިޔައީ ކުރިމަތިން ބައްޕަ ފެނުމުންނެވެ. ނޭވާލާން ހަނދާންނެތިފަ ހުއްޓާ ބައްޕަގެ ފުރަގަހުން ނާއިމް ފެނުނެވެ. ޔުނީފޯމް އެޅި ދެފުލުހަކު ދޮރުގައި ހިފާ ކޮއްޕާލަމުން އެތެރެއަށް ދެމިގަތެވެ.

” އަޅުގަނޑުމެން މިއައީ މިއާ ފޮރުވައިގެން ޔައިލް އުޅޭކަމުގެ ޙަބަރު ލިބިގެން އެކަން މިއާގެ ބައްޕަ ރިޕޯރޓް ކޮއްފަ އޮތުމުން ” ޔައިން ކޮބާތޯ އަހަމުން އެތެރެއަށް އެމީހުން ވަންއިރުވެސް މިއާގެ ހިތް ހީވަނީ ގަނޑުފެނުން ފިނިވެފައި ހަރަކާތް ހުއްޓިފައި ވާހެނެވެ. ބައްޕަގެ ރުޅިއައިސްފައިވާ ދެލޮލަށް ބަލާލަމުން ހިންދިރުވާލެވުނީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ.

ނާއިމް އައިސް އަތުގައި ހިފެހެއްޓުމުން މިއާގެ ދެލޮލުން ކަރުނަ އައީ ހިމާޔަތް ކޮށްދޭނެ އެހެން ފަރާތެއް ނެތުމުންނެވެ. މިއާ ސިހިގެން ދިޔައީ ބާރުހުރި އަތަކުން ނާއިމްގެ އަތް ނައްޓުވާ މިއާ ގެ އަތް މިންޖުކޮށްދިނުމުންނެވެ.

” އަޅުގަނޑު މިއާ ފޮރުވައިގެން އުޅޭކަމުގެ އެއްވެސް ހެއްކެއް ނުދެއްކޭނެ. އުމުރުން 23 އަހަރު ފުރިފައިހުރި އަންހެން ކުއްޖަކަށް އެއްވެސް ކަހަލަ މަޖުބޫރެއް ކުރެވިގެން ނުވާނެ އެއްވެސް މީހަކަށް. މިއާގެ ނުގަބޫލުގާ އެއާއިލާއިން މިހެރެފެންނަ ގޮތެއް ފޮތެއް ނެއް އިންސާނާއާ ކައިވެނިކުރުވަން އުޅުނީ. މިއާ ބްލެކް މެއިލް ކުރިއިރުވެސް މިއާގެ ބައްޕަ ހުރީ ދެލޯ އަދިރިވެފަތަ. އެހުރިހާކަމަކަށް ކެއްތެރިނުވެވުނީމާ މާސިންގާ ކަނޑުގެ ބޮޑެތި ރާޅުތަކުގެ ތެރެއަށް މިއާ ފުންމާލީ…ކިރިޔާ މިއާ ދުނިޔޭގާ މިއަދު އެހުރީ…މިއާގެ ބައްޕަ އަށް މަދީ ކޯއްޗެއްތަ ބޮޑު ވިޔަފާރި ވެރިއަކަށް މުހިންމުވީ ހަމައެކަނި ހުރި ދަރިފުޅުގެ އުފާތަކަށްވުރެ މޮޅު ވިޔަފާރިއެއް ކޮއްލުން ތަ؟؟ މިއާ ނާއިމްއާ ކައިވެނި ނުކޮއްފިނަމަ ދެއާއިލާ މެދުގައިވާ ވިޔަފާރީގެ ގުޅުންކަނޑާލާނެކަމަށް ބުނެ ނާއިމް ބިރުދެއްކި…އަދި މިކަމުގެ އެންމެ އަޑީގަ ހުރީ މިއާގެ ދޮންމަންމަ..އަހަރެން މިހުރިހާކަމެއް ވަރަށް ގާތުން ބަލަމުން ދިޔަކަން މިއާއަށްވެސް ނޭނގޭނެ.. ” ޔައިންގެ ވާހަކަތަކުން ދެ ޕޮލިހުން ހުރީ ހައިރާންވެފައެވެ. އެއަށްވުރެ ޙައިރާންވެފައި ހުރީ މިއާގެ ބައްޕައެވެ.

“މަށަށް މިއާ ނުލިބިއްޖެއްޔާ އެހެންމީހަކަށްވެސް ލިބުނަކަ ނުދޭނަން…ހީކުރީ ކީކޭކަމައްތަ ”

ނާއިމް އަވަސް ހަރަކާތަކާއިއެކު ބަދިގެ ކަބަޑުމަތީ އޮތް ވަޅިއެއްހިފައިގެން އައިސް ޔައިން އާ ދިމާކޮއްލީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޕޮލިހުންނަށް ނާއިމް ހިފެހެއްޓުނީ ކިރިޔާއެވެ. އެއްމެން ސިހުނީ މިއާގެ ބައްޕަ އަތުގެ ހޫނު ހަމަލާއެއް ނާއިމްގެ މޫނުމައްޗަށް އެރުމުންނެވެ.

ނާއިމް އަތުގައި ބިޑި އަޅުވައިގެން ޕޮލިހުން ދިޔައިރު، ސާހިލްގެ މޫނުމަތިން ފެނުނީ ހިތާމައިގެ ކުލައެވެ.

” ދަރިފުޅާ ބައްޕަ އަށް މާފް ކުރޭ..ދަރިފުޅު ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާގެ މައުލޫމާތު ބައްޕައަށް އިނގޭތީ އެކަމާ ގަބޫލު ނުވެވުނީ…އަނެއްކާ ދޮންމަންމަ ފޮޓޯތަކެއް ދައްކާފަ ބުނި އޭނަޔާ ކައިވެނި ކުރާށޭ މިއާ އުޅެނީ ސިއްރުން އެހެންވެ އެހެން ކަންތައްކުރެވުނީ ” ސާހިލް ހުރީ ވަރަށް ދެރަވެފައެވެ.

” އިޓްސް އޯކޭ ބައްޕާ…ބައްޕަ އަކީ އެހާ ކަޅު ހިތެއްގެ ވެރިއެއް ނޫންކަން އަޅުގަނޑަށް އިނގޭ..” ސާހިލްގެ އަތުގައި ހިފަހައްޓައިގެން ހުރެ ހިނިތުންވެލިއެވެ. އަދި ނާއިމް އާއި ކައިވެނި ނުކޮއްފިނަމަ ބައްޕަ ކައިރިން ވަރިވާނެކަމަށް ބުނެ ދޮންމަންމަ ބިރު ދެއްކި ވާހަކަ ބުނުމުން ސާހިލް ހުރީ ރުޅިއައިސްގެން ހަލާކުވާވަރު ވެފައެވެ. އަމިއްލަ ދަރިފުޅަށްވުރެ މުހިންމު ވާނެ އެކަކުވެސް އޭނާގެ ނުހުންނާނެއެވެ. ދަރިފުޅު އަމިއްލަޔަށް މަރުވާން އުޅުކަން ހިތައްއެރުމާއިއެކު ހިތް ފިތުނުކަހަލަ އިޙްސާސްއެއް ކުރެވުނެވެ. ގެއަށް ދެވުނުހާ އަވަހަކަށް މިއާގެ ދުނިޔެ އުފާވާނެ ހުރިހާ ކަމެއް ކުރުމަށް ހިތުލިއެވެ.

****************

ކައިވެނި ކުރަން ހަފްތާއަކަށް ވީއިރުވެސް އަހަރެން ނަކަށް ލާނެ ހެދުމެއް ނުނިންމުނެވެ. އެކި ޑިޒައިންތަކުގެ އެކި ކުލަކުލައިގެ ހެދުން ބެލުނު އަދަދެއްވެސް ނޭނގެއެވެ. ސިމްޕަލް މާރމެއިޑް ވެޑިންގ ޑުރެސްއެއް ޗޫޒް ކުރީ ވީހާވެސް ސިމްޕަލްކޮށް ހުރިހާ ކަމެއް ގެންދިއުމަށް ބޭނުންވާތީއެވެ. ދެވަރުގެ ދެ ވޯޑްރޮބް ފުރިފާ ހުރި ހެދުންތަކުގެ ތެރެއިން ވެޑިންގ ޑުރެސް ނަގާ ލީމެވެ. މަޑުކުރީމް ކުލައަކަށް ދާ މިހެދުމުގައި ހުދުކުލައިގެ ލޭސްފޮތިން ފަރުމާ ކުރެވިފައިވާގޮތް ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑުވެސް ރީތިގޮތަކަށް ހަދާލުމަށްފަހު ކުރީމްކުލައިގެ ރީތި މާތަކަކުން ޑިޒައިންއެޅި ބޭންޑެއް އަޅާ ސިމްޕަލް މޭކަޕްއެއްކޮށް ނިންމާލީ ގަޑި ކުޑަތަންވެފަ ހުރުމުންނެވެ.

ކައިވެނި ކުރާމޭޒު ކައިރިއަށް އާދެވުނުއިރުވެސް ހިތް ތެޅެމުން ދިޔައެވެ. ކުރިމަތީ ހުރި ޤާޒީ އާއި ހެކިވެރިން ފެނުމުންވެސް ހުވަފެނެއްގައި އުޅެވޭހެން ހީވަނީއެވެ. ދެއަތް ދެއަތާ އުނގުޅާލަ އުނގުޅާލަ ހުރީ ފިނިވެފައި ހުރުމުންނެވެ. މަތިބަލާލެވުނީ ޔައިން އައިސް އަތްތިލާގައި ހިފާ ފިތާލުމުންނެވެ. ޔައިން ނުފެނިގެން ހުންނަތާ މިހާރު ކޮންއިރެއްހެއްޔެވެ. އެހިނިތުން ވުން ފެނި ހިތް ފުރުނެވެ. ކުރީމް ކުލައާއި ހުދުކުލައިގަ ޔައިން ފެންނަލެއް ވަރަށް ރީއްޗެވެ.

ޔައިންގެ އަނގައިން އަނބި ގަބޫލުކުރި ވާހަކަ އިވުނީ ރީތި މިއުޒިކެއްގެ އަޑުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ވަށައިގެން ތިބި މީހުން މަތިން ހަނދާންނެތި ކުއްލިއަކަށް ޔައިން ގައިގާ ބައްދާލެވުނީ އުފަލުންނެވެ. ޔައިން ގެ ގައިންދުވާ މީރުވަހުން ތުންފަތަށް ހިނިތުންވުން ވެރިވީ ހިތަށް އެރި އެއްޗިހި ގިނަކަމުންނެވެ. ޔައިން ކަރުކެހިލުމުން އަލުން ހިތް މަސައްކަތް ކުރިފަދައެވެ. އަވަސްއަވަހަށް ދުރުވެލަމުން ބައްޕަ ގައިގާ ބައްދާލީ އުފަލުންނެވެ.

ޕާޓީއަށް އަންނަ މީހުން މަދުވުމުން  އެނބުރިލާފައި ކުރިމަތީ އޮތް ރީތި މޫދަށް ބަލަހައްޓައިގެން ހުރީ މިހުރިހާ އުފަލެއް ދެއްވިކަމަށްޓަކައި ޝުކުރުކުރާ ހާލުއެވެ. ޔައިންގެ ގެސްޓްހައުސް ގައި ކައިވެނީގެ ކަންކަން ކުރިއަށް ގެންދިޔައީ ދެމީހުން ރުހުނީމައެވެ. ގެސްޓް ހައުސްއާ ޖެހިގެން ބީޗް އޮވެފަ ބީޗްގައި ޕާޓީބޭއްވޭނެތީ އެވެ.

ޖޫސްތައްޓެއް ހިފައިގެން ރައްޓެހިންނާ ހެވިފަ ވާހަކަ ދައްކަން ހުރި ބައްޕަ އަށް ބަލާލީ އުފަލުންނެވެ. މަންމަ މަރުވިފަހުން މިއަދު ނޫނީ މިހާ އުފާވެފައި ހުއްޓަކައި ނުފެނެއެވެ. ދޮންމަންގެ ހުރިހާ ކަމެއް ފަޅާއެރުމުން ދޫކޮއްލީ ބައްޕަގެ ނަސީބެވެ.

” ހޭ ސްވީޓްހާޓް.. ކޮންކަމަކާ ތިވިސްނާލީ ހަމަ ކުޑަ ހިނދުކޮޅަކަށް ދުރަށް ދިޔައީމަ ” މިއާގެ ފުރަގަހުން ބާރަށް ބައްދާލަމުން ޔައިން ވެސް ކުރިމަތިން ފެންނަ ރީތި މަންޒަރަށް ބަލާލިއެވެ. ޔައިންގެ ދިރިއުޅުމަށް މިއާ އައިފަހުން އުފާވެރިކަމުގައި އުދުހެވޭކަހަލައެވެ. ދިރިއުޅުމުގައި އުންމީދުތައް ގިނަވެއްޖެއެވެ. ހިޔާލް ކުރެވޭ ކަންތައް އިތުރުވިއެވެ.

” މިހިތައް އަރަނީ އެދުވަހު މޫދައް ފުއްމާނުލިނަމަ ޔަން އަކާ ދިމަލެއް ނުވީހޭ…ދެން މިހާ ލޯބި… ހޮޓް ފިރިއެއްވެސް ނުލިބުނީސް ” އެއްލޯމަރާލަމުން ތުންފަތުގައި ދަތް އަޅާލީ ޔައިން މޫނުމައްޗަށް ޖައްސާލި ވައްތަރު ފެނުމުންނެވެ.

” ހޮޓް ކަން އިނގޭނީ މިއެންމެންގެ ތެރެއިން އެއްކައިރި ވެވުނީމާ ” ޔައިންގެ ބަނޑުގައި ދެއަތުން ވިކާލީ އެ ބަސްތަކުން އުފާވެރިކަން ލިބޭތީއެވެ. އިތުރަށް ޔައިންގައިގާ ބައްދާލީ އެކަނިވެރިކަމުގެ ތެރެއިން ކާމިޔާބުވި ލޯބީގެ ފުރިހަމަކަމުންނެވެ. ދިރިއުޅުމުގައި ކަޑަތުކުރި އެކަނިވެރި ދުވަސްތަކާ، ހިތްދަތިކަން ކުޑަހިނދު ކޮޅެއްގެ ކަމަކަށް ބަދަލުވީ ޔައިންގެ އުފާވެރި ސަކަ މިޒާޖުންނެވެ. ލޯބީގެ ފުރިހަމަ އުފާވެރިކަން އިޙްސާސްކޮށްދިނީ ލޯބިވާ ޔައިންއެވެ.

ދުރުދުރަށް ދާންދެން ފެންނަނީ ކުލަ ބޮކިތަކުން ޖަރީކުރެވިފައިވާ ކައިވެނި ޕާޓީއެވެ. ހުދުކުލައިގެ ގަމީހުގެ ބޭރުން ކުރީމް ކުލައިގެ ޖެކެޓެއްގައި ޔައިން ހުރީ މިއާ ހަށިގަނޑުގައި ބައްދާލައިގެންނެވެ. އެމަންޒަރަށް އިތުރު ފުރިހަމަ ކަމެއްގެނުވަނީ ކާވްއެއް ގޮތައް ވަށައިގެން ހުރި ހުދުކުލައިގެ ފިނިފެންމާތަކެވެ. ދެމަފިރިންގެ އުފާވެރި ކައިވެންޏަށް މަރުޙަބާ ކިޔަމުން އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު ހަނދަށް މަރުޙަބާކިއެވެ.

 

29

7 Comments

 1. Ainth

  July 17, 2019 at 3:45 pm

  Vvarahves furihama ithuru episodehge inthizaaruga ebahurin

 2. malsamalkkomal

  July 17, 2019 at 4:42 pm

  Varah reethi.?

 3. malsamalkkomal

  July 17, 2019 at 9:33 pm

  Varah reethi.?

 4. Rai

  July 18, 2019 at 8:47 am

  Masha Allah.Varah reethi. Miaa is my friend.when next part??

  • Copy cat

   July 18, 2019 at 10:17 am

   Thanx. Nimuny story ?

 5. Lovlyn

  July 23, 2019 at 2:42 pm

  Varah rangalhu liumeh?

 6. IsHa

  August 27, 2019 at 6:25 pm

  WOW

Comments are closed.