އަސްލާން 4
“ދެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އެރުވި އެންމެ ބޮޑު ހަވާގެ ކަނިތައް ގެއްލުމުން، އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި އެއްސެވެ. އެ ވަގުތު ކުއްލިއަކަށް ހިތަށްއެރި އެތިން އިސްޖަހައިލެވުނެވެ. މިފަހަރު އަމިއްލައަށް ކަމެއް ހުށައެޅުމަކާއިނުލައި އޭނާ ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން އިސްއުފުލައި ސީދާ އަސްލާންގެ ލޮލަށް ބަލައިލީމެވެ.
“އަހަރެންގެ…ބަލި ރަނގަޅުކޮށްދެވޭނެތަ؟”
*******************************
މަޑުމަޑުން އަހަރެން ބުނި ޖުމުލައިން އަސްލާންގެ މޫނުގެ ކުލަވަރު އޮއްސުންތަން ދުށީމެވެ. ވަގުތުން މުޅި މާހައުލުގެ ވައިވެސް ބަދަލުވިކަހަލައެވެ.
“ތި… ނޫން ކަމެއް.” އަނެއް ފަޅިއަށް އެނބުރެމުން އަސްލާން ބުނި ޖުމުލައިން، ކުރެވުނު އުންމީދުކޮޅު އަހަރެންގެ ހަށިގަނޑުން ފޭދިގެން ދިޔަކަހަލައެވެ. އެ މޫނުގައިވީ ކޮން ކުލަވަރެއްބާއެވެ؟ އެ ހިތުގައިވީ ކޮން އިހުސާސުތަކެއްބާއެވެ؟
އެ ދުވަހުވެސް ހޭލެވުނީ ހިލްމީ ލަވަކިޔާ އަޑަށެވެ. އެހެން ދުވަސް ދުވަހަށްވުރެ ބާރުހެން ހީވެއެވެ. ގޮވައިލާފައި އަޑުމަޑުކުރުމަށް ބުނީ ހައެއް ޖަހަންދެން ނިދައިލަން ވެގެންނެވެ.
“އަހަރެން ލަވަކިޔާއިރު އަޑުނާހާ މީހުން މަރާލާނަން!” ލަވަކިޔުން ހުއްޓައިލުމަށްފަހު ހިލްމީ ތަންކޮޅެއް މަޑުން ކިޔައިލިއެވެ. އަހަންނަށް ބުނި އެއްޗަކަށްވުރެ ހީވީ އަމިއްލައަށް ވާހަކަދެއްކިހެންނެވެ. ދެން ކީ އެއްޗެހިތަކެއް ސާފެއްނުވިއެވެ. ދެފަޅިއަށް ބޯ ހަލުވައިލާފައި އަހަރެން ގޮސް ފާހަނައަށް ވަނީ ދެން ނިދޭނެހެން ހީނުވުމުންނެވެ.
އެރޭ އެތައްއިރަކު، ދެ ފިކުރެއްގައި އިނދެފައި އަހަރެން ނިންމީ އަސްލާންއަށް ގޮވަންށެވެ. ކުރީ ރޭގެ ބައްދަލުވުން ހިސާބަކަށް ހިތި ރަހައެއްގައި ނިމުނުނަމަވެސް، އެއީ ނުވާ ކަމަކަށް ހަދައި ހަނދާން ނައްތައިލަން އަހަރެން ބޭނުންވިއެވެ. އަހަރެން ބުނުމަކާއި ނުލައި އަސްލާންއަށް އެކަން ވިސްނުނުކަހަލައެވެ. އޭނާ ކުރިއެކޭ ތަފާތެއް ނެތެވެ. އެކަމާ އަހަރެންގެ ހިތްހަމަޖެހުނެވެ.
ހިލްމީގެ އަޑަށް ހޭލެވުން އަހަރެންގެ އާދަޔަކަށް ވެއްޖެއެވެ. އިޒުނައަކާއި ނުލައި ވާ ސޯނާ ގަޑިއެއްފަދައެވެ. އެ ފަހަރު ހޭލެވުނީ ދަންވަރު މެދުތެރެއިންނެވެ. އޭގެ ކުރިން ހިލްމީ ދަންވަރު ހޭލި އަޑެއް ނާހަމެވެ. އިވުނީ ލަވަކިޔާ އަޑެއް ނޫނެވެ. ވާހަކަދެއްކި އަޑެވެ. އެކަނި ވާހަކަދެއްކުމަށްވުރެ ބޮޑަށް ހީވީ ކައިރީގައި ތިބި ބަޔަކާއި ވާހަކަދައްކާހެންނެވެ.
“ހުރިހާ ކުދިންނަށް ލަވަ ކަމުދިޔަތަ؟” ހިލްމީ ވަރަށް އުފާވެރި ރާގަކަށް އަހައިލިއެވެ. ދެތިން ސިކުންތު މަޑުކޮށްލައިގެން ހުރީ އެ ސުވާލުކުރެވުނު ބައެއްގެ ޖަވާބު އަޑުއަހަން ކަންނޭންގެއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ.” ކުރިއަށްވުރެ އުފާވެރި ރާގަކަށް ހިލްމީ ބުންޏެވެ. އެކަމާ ދޭތެރޭ މާ ބޮޑަށް ވިސްނާކަށް ނަހަދަމެވެ. މި އެސައިލަމްއަށް ގެނެސްފައި ހުންނާނީ ކަމެއް ވީމަތާއެވެ.
“މިރޭ ހިނގާ ވަރަށް ރީތި ތަނަކަށް.” އަސްލާން ބުންޏެވެ. ދަތްޕިލަ ދިލުވާލައިފައި އަހަރެން ބޯ ޖަހައިލީމެވެ. އެއީ އަސްލާންގެ ގެއަށް ދިޔަތާ ދެ ދުވަސް ފަހެވެ. އެހެން ތަނަކަށް ދާން، އިސްވެ ބުނަން އަހަންނަށް ނުކެރުނީ، އަނެއްކާވެސް އަސްލާންއަށް ފުއްދައިނުދެވޭނެ ކަމަކު އެދެވިދާނެތީއެވެ.
ލޯ ހުޅުވައިލެވުނުއިރު ހުރެވުނީ ހަލަބޮލި މަގެެއްގެ ދުވާރުމަތީއެވެ. ވަށައިގެންވި މާހައުލަށް ނަޒަރުހިންގައިލީމެވެ. ފުޅާ މަގު އަލިކޮށްދީފައިވަނީ ދުވާރުގެ އަރިމަތީގައި ހުރި ދިގު ދަނޑިލީ ބޮކިތަކުގެ އިތުރުން، މަގުގެ ދެފަޅީގައި ހުރި ފިހާރަތަކުގެ ބިއްލޫރިގަނޑުން ނުކުންނަ އަލިންނެވެ. އެ ފިހާރަތަކުގެ މައްޗަށް އެކި ފަންގިފިލާތަކަށް ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުން އަލިވާތީ އެ ގެތަކުގައި މީހުން ދިރިއުޅޭކަން ދައްކުވައިދިނެވެ. ދެ ފަޅީގެ ދުވާރުމަތިން އެކި އުމުރުގެ މީހުން ހިނގާބިނގާވެ އުޅުނުއިރު، އެކަކުވެސް އަނެކަކަށް ބަލައިނުލައެވެ. ހީވަނީ ކޮންމެ މީހަކު އެ މީހެއްގެ އަމިއްލަ ދުނިޔެއެއްގައި އުޅޭހެންނެވެ. އަޑަކަށް އިވެނީ އެ މީހުންގެ ފިޔަވަޅުތަކުގެ އަޑާއި، މަގު މެދުން ދުއްވާފައި ދިޔަ ޒާތްޒާތުގެ ކާރުތަކުގެ ފުރޮޅު ތާރުގަނޑުގައި ކޭއްތޭ އަޑާއި، ދޭތެރެެއަކުން ބަޔަކު ވާހަކަދައްކައިލާ އަޑުތަކެވެ.
“ކޮންތާކަށް މި ދަނީ؟” ވަށައިގެން ތަންތަން ބަލަމުން އަހަރެން އަސްލާން ކައިރީ އަހައިލީމެވެ.
“މި ދަނީ ވަރަށް ރީތި ތަނަކަށް.” އަސްލާން އަނެއްކާވެސް ބުންޏެވެ. އެބުނާ ރީތި ތަނެއް ބަލައިލާހިތްވި ނަމަވެސް، އުޑު ފެންނަ ތަނެއްގައި، އެހާ ގިނަ މީހުންގެ ތެރޭގައި ހިނގައިލެވުންވެސް އަހަންނަށް ވީ ހިތްހަމަޖެހުމަކަށެވެ. އަހަންނަކީވެސް އެ މީހުންފަދަ އިންސާނެއްކަން ހިތަށް އައީ ދުވަސްގަނޑެއް ފަހުންނެވެ.
ދިހަ ވަރަކަށް މިނެޓު ފޫހިވުމެއް ނެތި ހިނގުމަށްފަހު އަސްލާން ހުއްޓުނީ ބަސްހުއްޓިއެއްގައެވެ. އަހަރެން ކައިރީ އިށީންނާށޭ ބުނެފައި އޭނާ ދިޔައީ ޓިކެޓު ނަގަންށެވެ. ބަހުގެ އިންތިޒާރުގައި ތިބެން ޖެހުނީ ދެތިން މިނެޓެވެ. ބަހަށް އެރިއިރު ފުދޭވަރަކަށް މީހުން ގިނައެވެ. މަގުމަތިން ދިޔައިރު ނުބެލި ނަމަވެސް، އެހާ ހަނި ޖާގައަކަށް ވަންނައިރު، ހުދު ހެދުމުގައި ހުރި އަހަންނަށް ވަރަށް މީހުންގެ ނަޒަރުތައް އަންނާނެކަމަށް ހީކުރީމެވެ. ނަމަވެސް ހީއާއި ހިލާފަށް ހަތަރުކަޅި ހަމަކުރެވުނު ދެ މީހަކު ފިޔަވައި އެކަކުވެސް ނުބަލައެވެ. ހަމަ އެ މީހަކު އެ މީހެއްގެ އަމިއްލަ ދުނިޔޭގައެވެ.
ފަނަރަ މިނެޓުގެ ދަތުރަކަށްފަހު އަސްލާންއާއިއެކީ ބަހުން ފޭބީމެވެ. ދެލޮލުގެ ގޮބޮޅިގަނޑު ނުނިކުތީ ކިރިޔާއެވެ. ހައިބަތުގައި އަހަރެންގެ ކުރިމަތީ ހުރީ ދެވަނަ ތަނެއް ނޫނެވެ. ޕެރިސްގެ އެއިފެލް ޓަވަރެވެ. އިރުކޮޅަކު އާގަމާވެފައި ހުރެވުމަށްފަހު އަހަރެން އަސްލާންއަށް ބަލައިލީމެވެ. އަހަންނަށް ވީގޮތް ފެނި ހެވިފައި ހުރި އަސްލާން އިތުރަށް ހިނިތުންވެލިއެވެ.
“ކަމުދޭތަ؟” ކުރީ ފަހަރެކޭވެސް އެއްފަދައިން އަސްލާން އަހައިލިއެވެ. އަހަރެން އުފަލުން ބޯޖަހައިގަތީމެވެ. އެންމެ ކުޑައިރުންސުރެ އެ ތަނަށް އައުމަކީ އަހަރެންގެ ހުވަފެނެއްވިއްޔާއެވެ.
“މައްޗަށް އަރާނަން ދޯ.” އަސްލާން ބުންޏެވެ.
“އެރޭނެތަ؟” އަހަރެން ދެބުމަ ހިއްލާލައިފައި އެހީމެެވެ. ހަމަލޮލުން ބަލައިލެވުނީތީ އަހަރެން ހުރީ ހިތް ފުރިފަވިއްޔާއެވެ. ހިނގާށޭ ކިޔާފައި އަސްލާން އަނެއްކާވެސް އަތުގައި ހިފިއެވެ.
ކައިރިއަށް ދެވޭވަރަކަށް ޓަވަރުގެ ބޮޑުމިން އަނދަޒާކުރެވެމުންދިޔައެވެ. ސިޑިއާއި ހަމައަށް ދެވުމުން މައްޗަށް އަރަން ފެށީމެވެ. މައްޗަށް އެރޭ ވަރަކަށް ތިރިވަމުންދިޔަ ބިމަށް ބަލަމުން އަހަރެން އެރީމެވެ.
“މިހެން ދެވަނަ ބުރިއާއި ހަމައަށް އަރަންވެއްޖިއްޔާ މަރުވާނެ.” ކުއްލިއަކަށް ހުއްޓިފައި އަސްލާން ބުންޏެވެ. އޭރު އަހަރެންވެސް ވަރުބަލިވާން ފަށައިފިއެވެ. “ހިނގާ ޝޯޓްކަޓެއް ނަގަން.” އަސްލާން އެހެން ބުނެލިތަނާހެން ޖެހުނު ބާރު ވައިރޯޅިއަކުން އަހަންނަށް ލޯމަތީ އަތް ހުރަސްކޮށްލެވުނެވެ. އަތް ދުރުކޮށްލިއިރު ހުރެވުނީ ސިޑިމައްޗަކު ނޫނެވެ. އެއީ ޓަވަރުގެ އެންމެ މަތިކަން އެނގުނީ ހަމަބިން އޮތްލެއް ތިރިކަމުންނެވެ. ދަގަނޑު ރެއިލިންގުން ތިރި ބަލައިލާއިރު ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. އެހެނަސް އެ މަންޒަރު ހިތްފުރޭހާ ރީއްޗެވެ. އެހާ މަތިން ދުނިޔެ ބަލައިލެވުނުއިރު ލިބުނީ އާދަޔާއި ހިލާފު ހިތްހަމަޖެހުމެކެވެ.
“ލުއާ..” އަސްލާން ގޮވައިލި އަޑަށް އަހަރެން ބަލައިލީމެވެ. އަހަރެންގެ އަތްތިލައިގައި ހިފާފައި، އަތުގެ ނުފުށުގައި އަސްލާން ބޮސްދިނުމުން ނޭވާ ހިފަހައްޓައިލެވުނެވެ. “ލަވް ޔޫ.” ސީދާ ދެލޮލަށް ބަލައިލާފައި އަސްލާން ކިޔައިލިއެވެ. އެ ތޫނު ކަޅިން އަހަރެންގެ ހިތް ފޫއަޅުވައިލިފަދައެވެ.
“ލަވް ޔޫ ޓޫ.” އަހަރެން ބުނީމެވެ. އެއާއިއެކު އަސްލާން ހީލިއެވެ. ކޮލަށް އަރާ އަޑިކޮޅު ދައްކައިލަމުންނެވެ.
އަނބުރާ ކޮޓަރިއަށް އައިއިރުވެސް އެ ދަތުރުގެ އުފާވެރިކަން ނުފިލައެވެ. އަސްލާން ދިޔުމުން ނިދަން އޮށޯތްއިރު ހިލްމީ ލަވަކިޔާ އަޑުއިވެއެވެ. ނަމަވެސް އެކަމަކާވެސް ރުޅިއެއް ނާދެވުނެވެ. އެރޭ ނިދުނީ ދުވަހަކުވެސް ނުނިދޭހާ އަރާމުގައެވެ.
ވަރަށް ހާލުން ލޯ ހުޅުވައިލެވުނުއިރު ބޮލުގައި ތޫނު ރިހުމެއް ހުއްޓެވެ. ކޮޅަށް ތެދުވިއިރު ގައިގައި ވަރަށް ވަރުދެރައެވެ. އިނދެވުނީ ފަރުވާދޭ ކޮޓަރީގެ އެނދެއްގައެވެ. ވާތަށް އައިވީއެއް ގުޅާފައި ހުއްޓެވެ. ނަރުހަކަށް ކޮޓަރިއަށް ވަދެވުނީ އެ ވަގުތުއެވެ. އަހަންނާއި ދިމާއަށް ބަލަހައްޓައިގެން އޭނާ އިރުކޮޅަކު ހުއްޓެވެ.
“ކީއްވެ މިތާ މިއޮތީ؟” އޭނާ އެއްޗެއް ނުބުނުމުން އަހަރެން އެހީމެވެ. ބަހެއް ބުނުމަކާއިނުލައި ނަރުސްކުއްޖާ އައިސް އަހަރެންގެ ލޭގެ ޕްރެޝަރު ބެލިއެވެ.
“ކާނަންތަ؟” ނަރުސް އެއްސެވެ.
“އާނ. ވަރަށް ބަނޑުހައި.” ޖަވާބުގައި އަހަރެން ބުނީމެވެ. ގަޑި ނޭންގުނު ނަމަވެސް އެހެން އެހުމުން އެއީ ކާންދޭ ގަޑިކަމަށް އަހަންނަށް ހީވިއެވެ. އައިވީގެ ދައުރުވުން ތަންކޮޅެއް ދަށްކޮށްލުމަށްފަހު ނަރުސްކުއްޖާ ނުކުމެގެންދިޔައެވެ.
އިރުކޮޅެއް ފަހުން ވަދެގެން އައީ ރޫބީއެވެ. އާދައިގެމަތިން މޫނުމަތީ އަސަރެއް ނެތެވެ. ނަރުހާއި ކޮށްލި ސުވާލު އަހަރެން ރޫބީގާތު ތަކުރާރުކުރީމެވެ.
“ކާއެއްޗެހީގަ ޒަހަރު ހުންނާނެއޭ ކިޔާފަ ނުކާތާ ހަފްތާއެއް ވެގެން އައިވީ ގުޅާފަ ތި އޮތީ.” ރޫބީގެ ޖަވާބުން އަހަރެން ހައިރާންވިއެވެ. އޭގެ އިތުރުންވެސް އެތައް ކަމެއް ހިންގައިލެވުނުކަން ޔަގީނެވެ. އަހަރެންގެ ހަނދާނުގައި ނެތް އެއް ހަފްތާ ވޭތުވެ ދިޔައީވިއްޔާއެވެ. ނަމަވެސް ރޫބީއެއް އަހަރެންގާތަކު ނުކިޔާނެއެވެ.
“ކާނަން ދޯ.” ރޫބީ އެއްސެވެ. އާނއެކޭ ބުނުމުގެގޮތުން އަހަރެން ބޯޖެހީމެވެ. އެވަރަށް، ކާނަންތޯ ސުވާލުކުރެވުނީ އަލަށެވެ. ދުވަހަކު، ނުކާނަމޭ ބުނެވުނު ހަނދާނެއްވެސް ނެތެވެ.
އައިވީ ހުސްވުމުން ކޮޓަރިއަށް ގެންދިޔަ މަގުމަތީ ހޯލްވޭއިންލާފައި ދިޔަ މީހަކު ވަރަށް ފާޑަކަށް ބެލިއެވެ. އަހަރެންވެސް އަނބުރައި ކަޅި ހަމަކޮށް ބެލީ ދަށް ނުވާންވެގެނެވެ. އެއީ އަހަންނަށް އާދަވެފައިވާ ކަމެކެވެ. އެ މީހާވެސް ހުރީ ހަމަ އަހަރެން ލައިގެން ހުރި ކަހަލަ ހުދު ހެދުމަކާއި ހަރުވާޅެއްގައެވެ. ނަމަވެސް ނަރުހެއް ނުވަތަ ޑޮކްޓަރެއްގެ ބެލެނިވެރިކަމާއި ނުލައި އުޅެވޭ ޕޭޝެންޓުންނަކީ އަހަންނަށްވުރެ ބަލީގެ ހާލު ދަށް ނޫން މީހުންނެވެ.
ބެލެނިވެރިކަމުގެ ދަށުގައި އުޅޭ އަހަންނަށް އެ މީހުން އަބަދުވެސް ބަލާނީ ފާޑަކަށެވެ. މާ ނުރައްކާތެރި ޕޭޝެންޓެެއްކަމުން ބިރުންހެން ހީވެއެވެ. ހާއްސަ އަޅައިލުމެއް ލިބޭހެން ހީވެ ހަސަދަވެސްލަނީއެވެ. އެ މީހުން އުޅެނީ ހޮސްޕިޓަލެއްގެ ވާރޑެއްކަހަލަ، އެއް ތަނެއްގައި ބައިވަރު އެނދު ހުންނަ ތަނެއްގައެވެ. ބޭރުން ތަޅުލާފައި ހުންނަ ކޮޓަރިގަނޑަކަށްވުރެ، ބައިވަރު މީހުން އެކުގައި އުޅޭ ތަނެއްގައި އުޅެ، އެސައިލަމްގެ ބިލްޑިންގުގައި ހިނގާބިނގާވެ އުޅުމުގެ މިނިވަންކަން އޮތުން އަހަންނަށް މާ ކަމުދެއެވެ. ނަމަވެސް އެ ފުރުސަތު އަހަންނަކަށް ނުލިބެއެވެ.
ކޮޓަރިއަށް ވައްދާފައި ދިޔަ ނަރުހުގެ ފިޔަވަޅުތަކުގެ އަޑު ދުރުވަމުންދިޔަ އަޑުއަހަން ހުރީމެވެ. ރަތްބޮކި ދިއްލި، މުޅިތަން ހިމޭންވިއެވެ. ލޯ މަރައިލާފައި އަސްލާންއަށް ގޮވައިލީމެވެ. ލޯ ހުޅުވައިލިތަނާ، މޫނުވެސް ރަނގަޅަށް ނުފެންނަނީސް އަސްލާން އައިސް އަހަރެންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އަދި އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރި ގޮތަށް ހުއްޓެވެ.
“ހީކުރީ ދެން ދުވަހަކުވެސް ނުގޮވާނެކަމަށް.” އަސްލާން މަޑުމަޑުން ކިޔައިލިއެވެ. އަސްލާން ދުރަށް ޖެހިލުމުން އެނދުގައި އިށީންދެފައި އަހަރެން ވީ ގޮތް ކިޔައިދިނީމެެވެ. ހުރިހާއިރު އަހަރެންގެ އިނގިލިތަކު ދޭތެރެއަށް އިނގިލިތައް މަހާލައި، އަތްތިލައިގައި ހިފައްޓައިގެން އިން އަސްލާން ހީވީ ދުވަހަކުވެސް ދޫކޮށްނުލަން ގަސްތުކޮށްގެން އިންހެނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.





❤varah reethi ❤
Thnx
Awesome ?????????????I like this part ves
Keep up the good work
Thnx drax
Jinni❤❤❤?????????????????????????….Mi part vec v rythi ingey..next part dhigukohlaathi ingey….Curiously waiting fr the nextu
As always thnx jiji
reechey masha allah when next part dhoonyaa
Thnx nxt prt miadhu or maadhan ingey