ކުށަކާ ނުލާ 3
އެ ގޮތުން އެ ހަތަރު ކުދިންގެ މެދުގައި އުފެދިފައި ވަނީ ވަރަށް ގާތް އެކުވެރި ކަމެކެވެ. ވަކިން ޚާއްސަކޮށް އަޔާޒް އާ ނަދާގެ މެދުގައި އޮތީ މިސާލެއް ފަދަ އެކުވެރި ކަމެކެވެ.
ނަދާގެ ހަޔާތުގައި ހިނގާ ކޮންމެ ކަމެއް، ނަދާގެ ކޮންމެ ސިއްރެއް ހިއްސާ ކުރެވޭ ފަރާތަކަށް އަޔާޒް ވިއެވެ. ސްކޫލްގައި އުޅުނު އިރުގެ އެންމެ ގާތް ތިން ރައްޓެހިންނަށް ވުރެވެސް ނަދާއަށް އިތުބާރު ކުރެވެނީ އަޔާޒްއަށެވެ. އެ މީހުންނަށް ކިޔާނުދެވޭ އެތައް ކަމެއް އަޔާޒްއަށް ކިޔާދޭން ނަދާއަށް މާ ފަސޭހައެވެ. ގޭތެރޭގައި ދިމާވާ ކަންތައްތަކާ، މަންމަ ކަންތައް ކުރާ ގޮތުގެ ވާހަކަވެސް ނަދާއަށް ބުނެވެނީ އަޔާޒް ކައިރީގައެވެ. އެއްބަނޑު އެއްބަފާ ދައްތައާ، އަންހެން ކޮއްކޮއަށް ވުރެ ނަދާއާ ގާތީ އަޔާޒްއެވެ.
ހަމަ އެހެން އަޔާޒްގެ ފުރިހަމަ އިތުބާރު ނަދާވެސް ވަނީ ހޯދާފައެވެ. އަޔާޒްގެ ދިރިއުޅުމުގައި ހިނގާ ކަންތައް ނަދާއާ ހިއްސާ ކުރެވެނީ އެހެން ވެއެވެ. އަޔާޒްގެ ޙަޔާތުގައި އެހާ ތަނަށް ދިމާވެފައިވާ ހުރިހާ ކަމެއް ނަދާއަށް އެނގެއެވެ. އާތިފްއަށްވެސް އަޔާޒްއާ ބެހޭ ގޮތުން ނޭނގޭ ކަންތައް އެނގެނީ ނަދާއަށެވެ.
އަނެއް ދުވަހު ފަތިހު ހޭލެވުމާ އެކު ނަމާދު ކޮށްލައިގެން ނަދާ ބަދިގެއަށް ވަނީ ހެނދުނުގެ ސައި ހަދާށެވެ. ހައެއް ޖެހުމުން ސްކޫލަށް ދާން ތައްޔާރު ވާން ނަދާ ދިޔައީ ސައިގެ ހުރިހާ ކަމެއް ނިންމާލާފައެވެ.
އެ ދުވަހު ނަދާއަށް ސްކޫލުން ގެޔަށް އާދެވުނީ ލަހުންނެވެ. ގޭ ކައިރިން ހުދާއާ ދިމާ ވީ އެއީ އޮފީސް ނިންމާފައި ހުދާ އަންނަ ގަޑިއަށް ވުމުންނެވެ. ދެ ކުދިން އެކީ ގެޔަށް ވަދެގެން އައި އިރު ސާޖިދާއާ އެކު ޒުލްފާވެސް އެ ގޭގައި އިނެވެ. ޒުލްފާ ފެނުމާއެކު ހުދާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެ ތަން ފެނި ނަދާއަށް ހެވުނީ ޒުލްފާ ދެކެ ހުދާ ފޫހި ވާ ވަރު އެނގޭތީއެވެ. އަދި އަމްދުން ޝާމިލް ހުދާ ފަހަތުން އުޅެން ފެށި ފަހުން ޒުލްފާ ދެކެ ހުދާ ވަކިން ފޫހި ވެއެވެ. ސާޖިދާ މެންނަށް ނުފެނި މައްޗަށް ދެވޭތޯ ދެ ކުދިން އަވަސް އަވަހަށް ސިޑިއާ ދިމާއަށް ދިޔައެވެ.
“ހުދާ!” ހުދާ ފެނުމާއެކު ސާޖިދާ ގޮވާލިއެވެ.
ލޯ މަރާ ބާރުކޮށްލަމުން ހުދާ ހުއްޓުނެވެ. ނަދާވެސް ހުއްޓިފައި ބަލާލިއެވެ.
“ނަދާ، ދޭބަލަ ޒުލްފާއްތައަށް ކޮންމެސް ފިނި އެއްޗެއް ގެނެސް ދޭން” ސާޖިދާ، ނަދާއަށް ބުންޏެވެ. އެ ވަގުތު މަންމައާ މެދު ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް ދަބަސް ސޯފާގައި ބާއްވާފައި ނަދާ ބަދިގެއަށް ވަނެވެ. އެހާ ލަހުން ސްކޫލުން ގެޔަށް އައިސް ވަނުމާއެކު ފުރަތަމަވެސް އެ ޖެއްސީ މަސައްކަތެވެ. ނަދާ ވަރުބަލި ވާނެ ކަމެއް، ބަނޑުހައި ވާނެ ކަމެއް މަންމަ ހިތަށްވެސް ނާރައެވެ.
ކަބަޑުން ޖޫސްފުޅި ނަގާ ބަލާލި އިރު ހުސްވެފައި ހުރުމުން އެއްޗެއް ނެތޭ ބުނަންވެސް ނަދާ ހިތަށް އެރިއެވެ. ނަމަވެސް އޭރުން ފިހާރައަށްވެސް ދާން ޖެހޭނީ ނަދާއަށް ކަން އެނގޭތީ އައިސް އަލަމާރި ހުޅުވާ ބަލާލިއެވެ. ކަނޑާފައި ހުރި އަލަނާސި ދަޅެއް ހުރުމުން ނަދާ އެއަށް ޕެޝަން ފްރުޓް އެއްކޮށްގެން މިކްސަރުން ޖޫސް ގިރާލިއެވެ.
“ތިން މަހަށް ވުރެ ގިނަ ވެއްޖެ މިހާރު ހުދާ ކައިރީ މި ވާހަކަ ދައްކާތާ، ހުދާއަކަށް ނުވިއެއްނު؟ މަންމައަކަށް ހިޔެއް ނުވޭ ހުދާ މީހަކާ އިންނަން އުޅޭ ހެނެއް—” ނަދާ ބަދިގެއަށް ވަނުމާއެކު ސާޖިދާ ފެށިއެވެ. ނަމަވެސް އެ ހިސާބުން ހުދާ “މަންމާ” އޭ ކިޔާ ގޮވާލުމުން ސާޖިދާގެ ވާހަކަ މެދު ނުކެނޑުމަށް ބުނެ ހުދާއާ ދިމާއަށް އަތް ދިއްކޮށްލަމުން ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ،
“އެކަން އެނގޭތީ އަހަރެން މިހާރު ހުދާގެ ކައިވެނީގެ ކަންތައް ނިންމައިފިން. ދުވަސްކޮޅެއް ކުރިން ޒުލްފާ އަހަރެން ކައިރީ ބުނީ ޒުލްފާގެ ޝާމިލް ހުދާއާ އިންނަން ބޭނުން ވެގެން އުޅޭ ވާހަކަ، އަހަރެން މަޑު ކޮށްގެން ހުރީ ހުދާގެ ދިރިއުޅުމާ މެދު އެ ނިންމުން ނިންމަން ހުދާއަށް ފުރުސަތު ދީގެން، އެކަމަކު މިހެން ހުދާއަށް މިކަން ނިންމަން ދޫކޮށްލައިގެން ހުންނަން ވެއްޖެއްޔާ މުޅި އުމުރުވެސް ދާނީ މިހެން” ސާޖިދާ އިރުކޮޅަކަށް ވާހަކަ މެދު ކަނޑާލިއެވެ.
ފުރަތަމަ ހުދާ، ސާޖިދާގެ ވާހަކަ ހުއްޓުވަން އުޅުނީ އެ ފަދަ ވާހަކައެއް ބޭރު މީހެއްގެ ކުރިމަތީ ދައްކަން ބޭނުން ނުވާތީއެވެ. އެއީ ސާޖިދާގެ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އެ ގޮތް ހުދާއަށް ކަމުނުދާތީއެވެ.
ނަމަވެސް ޒުލްފާގެ ހާޒިރުގައި ސާޖިދާ އެ ވާހަކަ ފެށީ ކީއްވެ ކަން ވިސްނުމުން އަޅާނުލާން ހުރި ނަމަވެސް ޒުލްފާގެ ބޭނުން އެނގުމުން ހުދާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“އަހަރެން ނިންމައިފިން ހުދާއާ ޝާމިލްގެ ކައިވެނި ކުރަން، ދެ ހަފްތާ ފަހުން ކައިވެނީގެ ކަންތައް ހަމަ ޖައްސަން ޒުލްފާ ކައިރީވެސް ބުނެފިން” ސާޖިދާ އިއްވާލީ އޭނަގެ ނިންމުމެވެ. ހުދާ ގާތު އަހާލުމަކާ ނުލައެވެ.
ލިބުނު ޝޮކްގައި ހުދާއަށް އެއްޗެއް ނުބުނެވިފައި ސާޖިދާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“މަންމާ… އަހަރެން ކައިރީ އަހާވެސް ނުލާ މަންމައަށް ތި ވަރުގެ ކަމެއް ނިންމޭތަ؟ ޝާމިލް އަހަންނާ އިންނަން ބޭނުން ވިޔަކަސް އަހަރެން ބޭނުމެއް ނޫނޭ އޭނަޔާ އިންނާކަށް” ހުދާއަށް އެއްޗެއް ބުނެވުނީ އިރުކޮޅެއް ފަހުންނެވެ. ހުދާގެ ހިތުގައި އެ ވަގުތު މަންމައާ މެދު ހިތްހަމަ ނުޖެހުމާ ރުޅިއަށް ވުރެ ބޮޑަށް ވީ ޝަކުވާއެވެ.
“ހުދާ ކައިރީ އަހައިގެން ރުހުން ހޯދާއިގެން ކުރަން އުޅެން ވެއްޖެއްޔާ އެއީ ނުވާނެ ކަމެއް ކަން އަހަންނަށް އެނގޭ، އެހެން ނޫން ނަމަ ނަވާރަ އަހަރު ވާ އިރު ތިހެންނެއް ނުހުންނާނެ” ސާޖިދާއަށް ހުދާގެ ހާލެއް ނުވިސްނެއެވެ.
“އަހަންނާ އިންނާނެ މީހަކު ނުވެގެންނެއް ނޫނޭ މި ހުންނަނީ މަންމާ، އަހަރެން މަންމަ ކައިރީ ބުނީމެއްނު ފުރަތަމަ ބޭނުމީ ކިޔަވާށޭ، އެހެންވެ މަޑުކޮށްގެން މި ހުންނަނީ” ހުދާ މަޑު މަޑުން ބުންޏެވެ.
“މުސްކުޅި ވަންދެން ކިޔަވަން ބޭނުން ވަނީ، އެހެން ވިއްޔާ ދެން މީހަކާ އިނދެ ކުދިން ހޯދަނީ ކޮން ދުވަހަކުން؟ ތި ވަރަކަށް ކިޔަވައިގެން ކޮން ކަމެއްތަ ވަނީ؟ މިހާރު ކިޔަވައިގެން ތި ހުރި ވަރުން ވަޒީފާވެސް ލިބިއްޖެ. ދެން މަންމަ ބުނާ ގޮތް ހަދާބަލަ، ހުދާއަށް ރަނގަޅަކަށޭ މަންމަ މި ބުނަނީ” ސާޖިދާ ދެކޭ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތެވެ.
މަންމާ، ޕްލީޒް… އަހަރެން ބޭނުމެއް ނޫން ޝާމިލްއާ އިންނާކަށް…” ސިއްރުން ކަހަލަ ގޮތަކަށް ހުދާ ބުނެލީ އާދޭހުގެ ރާގެއްގައެވެ.
“ދެން ކާކާތަ ހުދާ އިންނަން ބޭނުން ވެގެން ތި އުޅެނީ؟” ޝާމިލްއާ އިންނަން ހުދާ ބޭނުމެއް ނޫނޭ ބުނުމުން ސާޖިދާ ހިތްހަމަ ނުޖެހުނެވެ.
ޒުލްފާ އިނުމުން ހުދާ ނިހާލްގެ ވާހަކަ ބުނަން ފަސް ޖެހުނެވެ.
“ހުދާ އިންނަން ބޭނުން މީހަކު ހުރީތަ؟” ސާޖިދާގެ އަޑު ކުރިއަށް ވުރެ މަޑު ވިއެވެ.
އަނގައިން ނުބުނެ ހުދާ ބޯ ޖަހާލިއެވެ.
“ދެ މީހުންވެސް ބޭނުން ވޭތަ އިންނަން؟” މި ފަހަރުވެސް ސާޖިދާގެ ސުވާލުގެ ޖަވާބުގައި ހުދާ ބޯ ޖަހާލިއެވެ.
ކާކު އެއީ؟” ސާޖިދާ އެހިއެވެ.
ބުނަން އަނގަ ހުޅުވާލާފައިވެސް ޒުލްފާއަށް ބަލާލަމުން ހުދާއަށް ފަސް ޖެހެވުނެވެ.
“ދެން ބުނަން ވެއްޖެއެއްނު؟” ސާޖިދާގެ އަޑު ކުރިއަށް ވުރެ ބާރު ވިއެވެ.
“ނިހާލް…” ސާޖިދާގެ މޫނަށް ބަލާލަމުން ހުދާ ބުންޏެވެ.
ތަބައް ހިފައިގެން ބަދިގޭ ދޮރުމަތީ، ދެކެވެމުން ދިޔަ ވާހަކަ އަޑު އަހަން ހުރި ނަދާ ސިޓިންގރޫމަށް ނިކުތީ ހުދާ ނިހާލްގެ ނަން ބުނުމުންނެވެ. ދެން ވާނެ ގޮތް ވިސްނޭތީއެވެ. ތަބައް ސާޖިދާމެން ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބަހައްޓާފައި ނަދާ އައިސް ހުދާ ގާތު ހުއްޓިލިއެވެ.
“ނިހާލްއޭ…؟ ޒުލްފާމެން ގޭ ނިހާލް؟” ސާޖިދާއަށް ގަބޫލު ކުރަން ދަތިވިއެވެ.
ހުދާ އަނެއްކާވެސް ބޯ ޖަހާލިއެވެ.
“ހުދާއަށް އެ ނޫން މީހަކު ނުފެނުނީތަ؟ އެއީތަ މި ހުރިހާ ދުވަސް ވަންދެން ތި ކުޅުނު ކުޅިވަރަކީ؟ ހުދާގެ ބޮލަށް އެރިގެން އޭނަ ކުރި ކަމަކީ ތީ ދޯ؟ އެކަމަކު ހުދާވެސް… އޭނަގެ ފަރާތުން ކޮން ކަމެއް ކަމުގޮސްގެންތަ ހުދާ އޭނަޔާ އިންނަން ބޭނުން ވެގެން ތި އުޅެނީ؟” ސާޖިދާ އިން ތަނުން ތެދުވެގެން ގޮސް ހުދާގެ ކުރިމަތީ ހުއްޓުނެވެ.
“މަންމާ… ޕްލީޒް، އަހަރެން ބޭނުމެއް ނޫން ޝާމިލްއާ އިންނާކަށް… އަހަރެން ބޭނުމީ ނިހާލް—” ހުދާއަށް އެ ވަރަށް ބުނެވުނު އިރަށް ސާޖިދާ ހުދާގެ ކޯމަތީ ޖެހިއެވެ.
“ހަންދާން ނައްތާލާ. ނިހާލްއަކަށް މަގޭ ދަރިއަކާ ނީނދެވޭނެ. އޭނައަށް ވުރެ ހުދާއަށް މާ ރަނގަޅު ވާނެ ޝާމިލްއާ އިނިއްޔާ. މި ކަން ދެން މި ނިމުނީ، ދޭ ކޮޓަރިއަށް” ސާޖިދާ އޭނަގެ އެންމެ ފަހުގެ ނިންމުން އިއްވާލިއެވެ.
“އޭނަ ރަނގަޅު ކަމުންތަ ވަޒީފާއަކަށް ނުދަނީ؟ އެއް ވަޒީފާއެއްގަ ހަރު ނުލަނީ؟ އޭނަގެ ރަނގަޅު ކަމަކީ ޑްރަގްސް ބޭނުން ކުރާތީތަ؟ މުޅި ރޭގަނޑު މަގުމަތީ އުޅެ އުޅެފަ ދުވާލު ހަތަރުދަމު ގޭގަ އޮވެ ނިދުން އެއީތަ ރަނގަޅު އުޅުމަކީ؟ އެއީތަ ޝާމިލް ތިހާ ރަނގަޅު މީހަކަށް ވީ ގޮތަކީ؟” އެ ވަގުތު ސާޖިދާ ދެކެ ހުދާ ރުޅި އައީ އެ ފަދަ ނިންމުމެއް ހުދާ ގާތު އެހުމަކާ ނުލާ ނިންމީތީއެވެ. ހުދާގެ ދިރިއުޅުމާ މެދު ނުވިސްނީތީއެވެ.
މި ވީހާ ތަނަށްވެސް ހުދާގެ ދިރިއުޅުމުގައި ގޮތް ނިންމަމުން ދިޔައީ ސާޖިދާއެވެ. ނަމަވެސް ހަޔާތުގެ އެ ނިންމުން ސާޖިދާގެ އަތް މައްޗަށް ދޫކޮށްލާކަށް ހުދާ ބޭނުމެއް ނޫނެވެ. އެއީ މަންމަ ކަމުގައި ވީ ނަމަވެސް މަންމަގެ އެ ނިންމުން ހުދާ ގަބޫލެއް ނުކުރާނެއެވެ.
“އަހަންނާ ޒުވާބު ކުރަން ހަދާނެ ކަމެއް ނެތް. ހުދާއަކަށް ނިހާލްއަކާ ނީނދެވޭނެ. ދެ ހަފްތާ ފަހުން ޝާމިލްއާ އިންނަން ތައްޔާރު ވޭ” އެނބުރިފައި ހުދާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ސާޖިދާ ބުންޏެވެ.
“މަންމަ ބުންޏަސް އަހަރެން ޝާމިލްއަކާ ނީންނާނަން، އަހަރެން އިންނާނީ ނިހާލް އާ” ގޮތް ދޫ ނުކުރާ ރާގަކަށް ހުދާ ސާޖިދާއަށް ރައްދު ދިނެވެ.
ދެވަނަ ފަހަރަށް ހުދާ ގައިގައި ސާޖިދާ ޖެހިއެވެ.
“މަންމާ، ދޮންތަ އެހާ ބޭނުން ނުވަންޏާ ދެން ދޮންތަ ބުނާ ގޮތަށް ކަންތައް ކޮށްދީބަލަ… ދޮންތަގެ އުފާ މަންމައަށް މުހިންމެއް ނޫންތަ؟ ޕްލީޒް މަންމާ… ދޮންތަގެ ކައިވެނި ނިހާލްއާ ކޮށްދީ” ހުދާގެ އަތުގައި ހިފާލައިގެން ހުރި ނަދާއަށް ހުދާގެ ދިފާއުގައި މަންމަ ކައިރީ އާދޭސް ކުރެވުނެވެ.
“މީކީ ނަދާއަކާ ބެހޭ ކަމެއް ނޫން، ބެހެން ނުޖެހޭ ކަންތައްތަކާ ނުބެހި ކޮޓަރިއަށް ދޭ” ސާޖިދާ، އައި ރުޅީގައި ނަދާއާ ދިމާއަށް ހަޅޭ ލަވައިގަތެވެ.
ނަމަވެސް ނަދާ، ހުދާ ކައިރިން ދުރަކަށް ނުދިޔައެވެ.
“މަ ބުނާ ގޮތް ނަހަދައިފިއްޔާ ގަބޫލެއް ނުކުރާނަން ތީ އަހަރެންގެ ދަރިއެއް ކަމަކަށްވެސް، އެ ނިހާލްއާ ހުދާއާ އޮތް ގުޅުން މިއަދުން ފެށިގެން ކަނޑާލާ. ހަނދާން ކުރާތި ހުދާ! ހަމަ އެކަނި އޭނަޔާ ގުޅުން ކަނޑާލަން ވީއެއް ނޫން، މަ މި ބުނާ ގޮތް ހަދަން ޖެހޭނީ، ހުދާ ޖެހޭނީ ޝާމިލްއާ އިންނަން” ރޮމުން ދިޔަ ހުދާގެ ކަރުނައިން ސާޖިދާގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.
“މަންމާ…” ހުދާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ސާޖިދާ އެ އަޑެއް ނޭހިއެވެ.
“މަށާ ދެކޮޅު ހަދައިފިއްޔާ މަށާ އެއްވެސް ގުޅުމެއް ނޯންނާނެ، މަށާ ނެތް ގުޅުމެއް ނަދާއަކާ ރިދާއަކާވެސް ހުދާއަކަށް ނޯންނާނެ. ދެން ހުދާ ގޮތެއް ނިންމާ. މުޅި އާއިލާ ދޫކޮށްލާފަ ތި ނިހާލްއަކާ އިންނަންތަ ބޭނުމީ؟ ނޫނީ މަ ބުނާ ގޮތް ހަދާފަ އަހަރުމެން މީ އާއިލާ ކަން ދަނެގެން އުޅޭނީތަ؟” ސާޖިދާ އަހާލިއެވެ.
ޖަވާބެއް ނުދީ ހުދާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީ ރޮމުންނެވެ. ސާޖިދާ އެހާ ހިތް ހަރު ވެދާނެ ކަން ގަބޫލު ކުރަން ދަތިވެފައި އިރުކޮޅަކު ސާޖިދާއަށް ބަލަން ހުރެފައި ނަދާ ހުދާގެ ފަހަތުން ގޮސް ސިޑިން އެރިއެވެ.
“އޭނަ ގޮތް ދޫކުރާނެތަ؟” އެ ހުރިހާ އިރު އެއްޗެއް ނުބުނެ ބަލަން އިން ޒުލްފާ އަހާލީ ސާޖިދާ އިށީނުމުންނެވެ.
“ޒުލްފާ ހާސް ނުވޭ، ކައިވެނީގެ ކަންތައް ހަމަ ޖައްސަން ފަށާ، ހުދާ ޝާމިލްއާ އިންނާނެ” ސާޖިދާ ޔަގީން ކަން ދިނެވެ.
ރޭ ވަންދެން ހުދާ ކޮޓަރިން ނުވެސް ނިކުމެއެވެ. ރޮއެރޮއެ އޮތީއެވެ. ނަދާ އެތައް މަސައްކަތެއް ކޮށްގެންވެސް އެއްވެސް ކާ އެއްޗެއްވެސް ނުކެއެވެ. ރިދާ ހަވީރު ސްކޫލުން އައި އިރު ހުދާ ރޯ ތަން ފެނުމުން ކިހިނެއް ވީތޯ އެހުމުން ހުދާ ޖަވާބެއް ނުދިނުމުން މަންމަ ރުޅި އައީ ކަމަށް ނަދާ ބުނުމުން އިތުރު ސުވާލެއް ނުކުރީ ސާޖިދާގެ ގޮތް ބާރަ އަހަރުގެ ރިދާއަށްވެސް އެނގޭތީއެވެ. ރޭ ވީ އިރުވެސް ހުދާ އެއްޗެއް ނުކައި އެހެން އޮންނާތީ ނަދާއާ ރިދާވެސް ތިބީ ދެރަވެފައެވެ. ކާ ހިތްވެސް ނުވެފައެވެ. އެހެން އޮވެފައި ނުވައެއް ޖެހި ތަނާ ރިދާއަށް ނިދުނީވެސް ނުކައި އޮއްވައެވެ.
އެރޭވެސް ދިހަގަޑި ބައިވާން އުޅެނިކޮށް ނިހާލް ގުޅި އިރު ހުދާ އޮތީ ރުއިން ހުއްޓާލައިގެންނެވެ. ނަމަވެސް ފޯން ރިންގް ވުމުން ފޯނަށް ބަލާލުމާއެކު ހުދާއަށް އަނެއްކާވެސް ރޮވުނެވެ.
“ދޮންތާ، ދެން ހުއްޓާލާ، ތި ވަރަށް ރޯކަށް ނުވާނެ، ދޮންތަބޭ ގުޅަނީނު، ހުއްޓާލާފަ ފޯން ނަގާބަލަ” ހުދާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލަމުން ނަދާ ބުންޏެވެ. ނަމަވެސް ހުދާއަށް ހުއްޓައެއް ނުލެވުނެވެ.
ތިން ވަނަ ފަހަރަށް ފޯން ކެނޑި ހަތަރު ވަނަ ފަހަތަށް ރިންގް ވާން ފެށުމުން ނަދާ ފޯން ނެގިއެވެ.
“ހާދަ އިރަކުންނޭ ފޯން ތި ނެގީ… ކަމެއްގަތަ ތި އުޅެނީ؟” ނަދާ ފޯން ނެގުމާއެކު ނިހާލްގެ އަޑު އިވުނެވެ.
“ދޮންތަބޭ، މީ ނަދާއޭ” ހުދާއަށް ބަލާލަމުން ނަދާ ބުންޏެވެ.
“ނަދާ… ކޮބާ ދޮންތަ؟ ބިޒީތަ؟” ނިހާލް އަހާލިއެވެ.
“ދޮންތަ… ދޮންތަ ރޮނީ” ނަދާ ބުންޏެވެ.
“ރޮނީއޭ؟ ކިހިނެއްވި؟” ނިހާލްގެ އަޑުގައި ކަން ބޮޑުވުން އެކުލެވިގެން ދިޔައެވެ.
އެ ދުވަހު ވީ ގޮތް ނަދާ ކިޔާ ދިނެވެ.
“ދޮންތަ އަތަށް ފޯން ދީބަލަ” ނަދާ ވާހަކަ ދައްކާ ނިމުމުން ނިހާލް އެދުނެވެ.
ނަދާ ފޯން ހިފައިގެން ހުދާ ކައިރީ އިށީނެވެ.
“ދޮންތަބޭ ބުނީ ދޮންތަ އަތަށް ފޯން ދޭށޭ، ހުއްޓާލާފަ ވާހަކަ ދައްކަބަލަ” ހުދާގެ ކޮނޑުގައި ހިފާލާފައި ނަދާ ފޯން ދިއްކޮށްލިއެވެ.
“ދެ އަތުން މޫނު ފޮހެލާފައި ހުދާ ފޯން ކަންފަތުގައި ޖައްސާލިއެވެ.
“ނިހާލް…” ހުދާ ގޮވާލިއެވެ.
ރޮއެ ރޮއެ ބަރު ވެފައިވާ ހުދާގެ އަޑު އިވުމާއެކު ނިހާލްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ.
“ހުދާ—”
“ނިހާލް، އަހަރެން ބޭނުމެއް ނޫން ޝާމިލްއާ އިންނާކަށް، އަހަރެން ބޭނުމެއް ނޫން… ބޭނުމެއް ނޫން އޭނަޔާ އިންނާކަށް…” ނިހާލް ގޮވާލުމާއެކު ހުދާ އަނެއްކާވެސް ރޯން ފެށިއެވެ.
އެ ވަގުތު ހުދާގެ ކައިރީގައި ވުމަށް ނިހާލްއަށް އެދެވުނީ ދުވަހަކުވެސް އެދެވިފައި ނުވާ ވަރަށެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަން އެނގޭތީ އަމިއްލަ ހިތަށް ވިސްނައިދެމުން ނިހާލް ބެލީ ހުދާ ހުއްޓުވޭތޯއެވެ.
“ހުދާ، އިހަށް ހުއްޓާލަބަލަ… ޕްލީޒް، ނުރޮއެބަލަ، ހުއްޓާލާ ދެން…” ނިހާލް ބުންޏެވެ.
ހުދާ ރުއިން ހުއްޓާލާ މޫނު ފޮހެލިއެވެ.
“ނިހާލް، އަހަރެން ބޭނުމެއް ނޫން…” ހުދާ އަނެއްކާ ވެސް ބުންޏެވެ.
“ކޮންމެސް ގޮތެއް ވިސްނާނީ، އެހާ ވަރަށް ހާސް ވާކަށް ނުވާނެ، ދެން ނުރޯތި އިނގޭ… ކޮންމެސް ގޮތެއް އޮންނާނެ، އަދި ރަނގަޅު ވާނެ… އެހާ އަވަހަށް މާޔޫސް ވާކަށް ނުވާނެ… ޕޮޒިޓިވް ކޮށް ވިސްނަން ވާނީ” ނިހާލް ހުދާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ރަނގަޅު ގޮތެއް ނިހާލްގެ ޚިޔާލަށް އައިސްގެނެއް ނޫނެވެ. ހުދާގެ ހާލު ވިސްނޭތީ ފުރަތަމަ ކަމަކަށް ނިހާލް ބޭނުންވީ ހުދާގެ ހިތްހަމަ ޖައްސާދިނުމެވެ. ހުދާއެކޭ އެއްފަދައިން ނިހާލްވެސް ހުރީ ހާސްވެ ކަންބޮޑު ވެފައެވެ. ނިހާލްގެ ހިތްވެސް، ހުދާއާ ވަކިވާން ޖެހިދާނެތީ ރޮނީއެވެ.
“ނިހާލް، އަހަރެން ބޭނުން މީޓް ކުރަން، ޕްލީޒް… މިރޭ… އަހަރެން ނިހާލް ބުނި ތަނަކަށް ހިނގައިދާނަން…” ހުދާ އެދުނެވެ.
“ހުދާ ބޭނުމިއްޔާ މީޓް ކުރެވިދާނެ، އެކަމަކު އަހަރެން ނުބުނަނީސް ހުދާ ބޭރަށް ނުނިކުންނާތި އިނގޭ… އަހަރެން ގުޅާނަން، އެންމެ ރަނގަޅުތަ؟” ހުދާ ނިހާލްއާ ބައްދަލު ކުރަން ގޭން ބޭރަށް ދިއުމަށް ނޭދޭތީ ނިހާލް ބުންޏެވެ. އަދި އަމްދުން ނިހާލްމެން ގެޔަށް ހުދާ އައިސްދާނެތީ ނިހާލް ކަންބޮޑުވިއެވެ. ޒުލްފާއަށް އެނގިދާނެތީއެވެ.
“ކޮން އިރަކުން؟” ހުދާ އަވަސް އަވަހަށް އަހާލިއެވެ.
“މިރޭ ގުޅާނަން، ވީހާވެސް އަވަހަކަށް… ދެން ހާސް ނުވޭ، އިހަށް ފޯން ބާއްވާ އިނގޭ” ނިހާލް ޔަގީން ކަން ދިނެވެ.
ހުދާ ކުޑަކޮށް ނަމަވެސް ހަމަ ޖެހުނު ހެން ހީވުމުން ނަދާ ބަދިގެއަށް ގޮސް ކާއެއްޗެހި ހިފައިގެން އައިސް ކާން ބުނުމުން ހުދާ ކޮންމެވެސް ވަރަކަށް ކެއެވެ. ހުދާއާ އެކު ނަދާވެސް ކެއެވެ. ނިދިފައި އޮތް ރިދާއަށްވެސް ގޮވާ ނަގައިގެން ކާން ދިނެވެ. ކައި ނިމުނު ގޮތަށް ރިދާ އަނެއްކާވެސް ނިދީއެވެ.
ބާރަ ޖެހި ތަނާ ގޭތެރެ ނިވާލާފައި ސާޖިދާ ނިދަން ވަން ކަން ނަދާމެންނަށް އެނގުނީ ޓީވީގެ އަޑު ކެނޑުމުންނެވެ. އޭރުވެސް ހުދާއާ ނަދާ ތިބީ ނުނިދިފައެވެ.
އެއްގަޑި ބައި ވީތަނާ ނަދާއާ ހުދާ ސިހުނީ އެ ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަނިން ކުއްލިއަކަށް އިވުނު އަޑަކުންނެވެ. ދެމީހުން ބިރުގެންފައި ބަލަން ތިއްބާ ބެލްކަނީގެ ބިއްލޫރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދެކުދިންވެސް ބިރުން ދޮރާ ދިމާއަށް ބަލަން ތިއްބާ ހުދާގެ ފޯން ރިންގް ވީ އަޑަށް ސިހިގެން ދިޔައެވެ. ހުދާ އަވަސް އަވަހަށް ފޯން ނަގާ ބަލާލި އިރު ގުޅަނީ ނިހާލްއެވެ.
“ނިހާލް!” ހުދާއަށް ގޮވާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.








ސަލާމް، މި ބައިވެސ ކަމުދާނެ ކަމަށް ހީކުރަން، ހަތަރު ވަނަ ބައި އިރާދަ ކުރެއްވިއްޔާ ބުރާސްފަތި ދުވަހު ގެނެސްދޭނަން
Yey me first dhw….mi part vec vv rythi ingey..waiting fr the next???
Varah inthizaaru kureveyy vaahaka eh plxx avahah up kohdhyba…… And the story is just fantastic ❤️????
REEEEETHI
Varah reethi