އަސްލާން 1
އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން އުޑުމައްޗަށާއި މޫދުގެ ހިމޭން ލޮނުގަނޑަށް ވެރިވެފައިވަނީ ރަތާއި އޮރެންޖުގެ ތަފާތު ކުލަތަކެވެ. ހިކެމުންދިޔަ ތުނޑީގެ ތެތް ވެލީގައި ހުސް ފައިން ފިޔަވަޅުތައް ބިންވަޅު ނަގަމުންދިޔަ އަހަރެންގެ މޫނުމައްޗަށް ސިފަވަމުންދިޔަ ޒުވާނާގެ ލޯބިވެތި ހަރަކާތްތަކުން، ބޭއިޙްތިޔާރުގައި ތުންފަތަށް ހިނިތުންވުން ވެރިކުރުވިއެވެ. އޭނާގެ ކޮންމެ އަމަލެއް އަހަންނަށް ކަމުދެއެވެ. ހިނިތުންވެލާއިރު އެއް ކޮލަށް އަރާ އަޑިކޮޅަކީ އޭނާގެ ބުރުސޫރައިން އެންމެ ރީތި ސިފައެވެ.
“އަސްލާން…” އަހަރެން މަޑުމަޑުން ކިޔައިލީމެވެ. ހިނގުން ހުއްޓައިލާފައި އިސްއުފުލައިލިއިރު އޭނާ ހުރީ ކުރިމަތީގައެވެ. އަހަންނާއި ހަތަރުކަޅި ހަމަވުމުން އޭނާ ހިނިތުންވެލިއެވެ. ކައިރިއަށް އައިސް ލުއި ފަތެއްހެން އަތްދަނޑި މައްޗަށް އަހަރެން އުފުލައިލުމުން އަހަންނަށް ހެވުނެވެ.
“ކީއްވެ އަވަހަށް ނުގޮވީ؟” މަޑު ފިޔަވަޅުމަތީ ހިނގައިގަންނަމުން އަސްލާން އެއްސެވެ. އެ މަޑުމައިތިރި މިއުޒިކީ އަޑުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ. އަހަރެން ވަކިި ޖަވާބެއް ނުދެމެވެ.
“މިއަދު ބައްޕަގެ އުފަންދުވަސްވީމަ ވަރަށް ގަދަ ޕާޓީއެއްގަ އުޅެފަ މި އައީ.” އަނެއްކާވެސް ވާހަކަދެއްކީ އަސްލާންއެވެ.
“ތި މީހުންވެސް އުފަންދުވަސް ފާހަގަކުރަންތަ؟” އަސްލާންގެ ހިތްގައިމު މޫނަށް ބަލަހައްޓައިގެން އޮވެ އަހަރެން އެހީމެވެ.
“މާ ގަދަޔަށްވެސް. މިއަހަރު އަހަރެންގެ އުފަންދުވަހު ޖެހި ކުނި ބިސްތަކުގެ ވަސް ބޮލުން ނުފިލި ދެ ދުވަސް ވަންދެން.” އަސްލާން ވަރަށް ލޯބިކޮށް ހިނިގަނޑެއް ޖަހައިލިއެވެ.
“މި އަހަރު ކިތަށް އަހަރު ވީ؟” މާ ބޮޑު ހިޔާލެއް ނެތި އަހަރެން އަހައިލި ސުވާލުން އަސްލާންގެ މޫނުގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. އިރުކޮޅެއްގެ ސުކޫތަކަށްފަހު އަސްލާން ވާހަކަ އޮޅުވައިލުމުން އެ ސުވާލު ނުކުރެވުނުނަމައޭ އަހަރެންގެ ހިތަށްއެރިއެވެ.
ބައްދަލުވާ ކޮންމެ ފަހަރަކު އަހަރެމެން ދައްކާނީ މިކަލަހަ ކޫސަނި ވާހަކައެވެ. އެގޮތް އަހަންނަށް ވަރަށް ކަމުދެއެވެ. އެގޮތަށް އެއްވެސް ޝަރުތަކާއިނުލައި އަހަންނާއި ވާހަކަދައްކާ އެހެން މީހަކު ނެތުމުން ކަންނޭންގެއެވެ.
“އެބައާދޭ ބަލައި. ދެން ދަނީ އިނގޭ.” ކުއްލިއަކަށް ވާހަކަ މެދުކަނޑައިލާފައި އަސްލާން ބުންޏެވެ. އޭނާ މަޑުމަޑުން އަހަރެން ވެލިގަނޑުމަތީ ކޮޅަށް ބެހެއްޓިއެވެ.
“ހިނގާ ދާން! އެއޮއް އިރުއޮއްސުނީ.” ފަހަތުން ގޮވައިލި އަޑަށް އަހަންނަށް ބަލައިލެވުނެވެ. އަވަސްއަވަހަށް އެނބުރި އަސްލާން ހުރި ދިމާއަށް ބަލައިލިއިރު އޭނާއެއް ނެތެވެ. ބަލައި އައި މީހާއާއިއެކު އަހަރެން ދިޔައީ ސުވާލެއް ކުރުމަކާއިނުލައެވެ.
އަހަރެން ގޮސް ވެއްދީ ހުދުކަން ގަދަ ކޮޓަރިއަށެވެ. އެނދަކާއި، އަތް ނުފޯރާ ހިސާބުގައި ހަރުކޮށްފައި ހުރި ގަޑިއަކާއި، ފާހަނައެއް ފިޔަވައި އިތުރު އެއްޗެއް ނުހުރެއެވެ. އެއީ އަހަރެންގެ ކޮޓަރިއެވެ. ދެން އަލުން އުޑު ފެންނާނެ ދުވަހެއް އޭރު ނޭންގެއެވެ. ނަމަވެސް އެ ދުވަހެއްގެ އިންތިޒާރެއް އަހަރެން ނުކުރަމެވެ. ދެކެން ބޭނުންވާ ފަރާތާއި ބޭނުން އިރަކު ބައްދަލުވާނެތީއެވެ.
ކޮންމެ ރެއަކު ބަރާބަރު އަށަކަށް ގެންނަ ކައިކައި ފޫހިވެފައިވާ ބަތް ތައްޓަށްފަހު ހުދު ބޮކި ނިވި ރަތް ބޮކި ދިއްލުނެވެ.
“މިރެއަކު ނުގޮވާނަން.” އަހަރެން މަޑުމަޑުން ކިޔައިލީމެވެ. ބައްޕަގެ އުފަންދުވަހު ބައްޕައާއި އެކީ ވަގުތު ހޭދަކުރަން ތަންދޭންވެގެންނެވެ. ދެފައި ކުރުކޮށްލައިގެން ވަތް ބޯޅައެއްހެން އޮވެ ލޯ މަރައިލީމެވެ.
ޖެހިގެން ހުރި ކޮޓަރިއަށް މީހަކު ވެއްދި އަޑަށް ފަތިހު ހޭލެވުނެވެ. ކޮންކަހަލަ މީހެއްބާއޭ އަހަރެންގެ ހިތަށްއެރިއެވެ. މާ އަޑުގަދަ ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ނަރުސްކުދިން އޭނާ ވައްދާފައި ނުކުމެ ދޮރު ލައްޕައި ބޭރުން ތަޅުލި އަޑު އިވުނުތާ މާ ގިނައިރެއް ނުވެއެވެ. ބީރައްޓެހި ފިރިހެނެއްގެ އަޑު އިވެންފެށިއެވެ. ރާގަކަށް ތުމުން ފުމޭ އަޑެވެ. ދޭތެރެއަކުން ލަވައިގެ ބަސްބަސް ކިޔައިލައެވެ.
“މިތާ މީހަކު އެބައުޅެން އިނގޭ. މާ ބޮލަށް އުނދަގޫ ނުކުރިއްޔާ ވަރަށް ރަނގަޅު.” އަހަރެންގެ އަޑަށް އޭނާގެ ލަވަ ހުއްޓައިލިއެވެ.
“މީ ސައުންޑް ޕްރޫފް ތަނެއް ނޫންތަ؟” އޭނާ މާޔުސީ ރަގަކަށް އެއްސެވެ. އަނގަތަޅަން ފެށުމުން އިސްވެ ވާހަކަދެއްކުނު މޮޔަ ހިތަށްއެރިއެވެ. ދެއްކި ވާހަކައިގެ ބޮޑު ބައި ތާކުންތާކުން ނުޖެހެއެވެ. ނަމަކީ ހިލްމީކަމަށާއި، ތިމާއަކީ ފާޑެއްގެ ނަމެއްކިޔާ ތަނެއްގައި ލަވަކިޔަން އުޅޭ މަޝްހޫރު މީހެއްކަމަށް އޭނާ ބުންޏެވެ.
ހެންދުނު ހައެއްގެ ސަޔާއި، ގުޅަ ބޭސްތަކަށްފަހު ޖެހި އިންޖެކްޝަނުން އާދައިގެމަތިން ލޮލަށް ބަރުވެ، މޫނުމައްޗަށް އަނދިރިވެ، ނިދިޖެހުނެވެ. ކިތަންމެ ފަހަރަކު ތަހައްމަލުކޮށްފައިވީ ނަމަވެސް ކަމުދާ އިހުސާސަކަށް ނުވިއެވެ.
ދެން ހޭވެރިކަމެއް ވީއިރު އިރު އޮއްސިއްޖެއެވެ. އެނދުމަތީ ފެތުރިފައި އޮވެވުނުއިރު، ލައިގެން ހުރި ހުދު ހެދުމާއި އެނދުމަތީ އޮތް ހުދު ބެޑުޝީޓުގަނޑު އޮތީ ވީދިފައެވެ. އިސްތަށިގަނޑު ހޭވިފައެވެ. އާކަމެއް ނޫނެވެ. އަހަރެންގެ އަމިއްލަ އަތުން ކުރެވުނު ކަމެއްކަން އެނގެއެވެ. ނަމަވެސް ހަނދާނުގައި އެކައްޗެއްވެސް ނެތެވެ. އެވެސް އާކަމެއް ނޫނެވެ. ހެނދުނު އިންޖެކްޝަން ޖެހި އަތް ނޫން އަނެއް އަތަށް އިންޖެކްޝަނެއް ޖަހާފައި ކަފަކޮޅެއް ތަތްކޮށްފައި ހުއްޓެވެ.
“ކަލޭ ހާދަ މަޖަލޭ.” ޖެހިގެން ހުރި ކޮޓަރިން އިވުނު ހިލްމީގެ އަޑަށް އަހަރެން ސިހުނެވެ.
“ހަމަ އެހާ އަޑުގަދަތަ އަހަރެން؟” ލިބޭނެ ޖަވާބަކަށް ޖެހިލުންވެފައި އަހަރެން އެހީމެވެ.
“ކިރިޔާ ކަންފަތު ތޫރި ނުފެޅުނީ. ދަންވަރު ތި ކަމެއް ނުޖެހިއްޖިއްޔާ ރަނގަޅު. މިތަން ވީ ހަމަ ސައުންޑް ޕްރޫފްކުރަން.” ހިލްމީ ބުންޏެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދިޔުމަކާއި ނުލައި އަހަރެން ގޮސް ވަނީ ފާހަނައަށެވެ. ގައިން ތާހިރުވެ، ހެދުން ބަދަލުކޮށްގެން ނުކުތްއިރު ބެޑުޝީޓު ވަނީ ބަދަލުކޮށްފައެވެ.
ރޭގަނޑުގެ ކެއުމަށްފަހު ރަތް ބޮކި ދިއްލުމުން އެނދުމަތީ ދެފައި ވަށްކޮށްގެން އަހަރެން އިށީނީމެވެ.
“އަސްލާން…” ލޯ މަރައިލާފައި އަހަރެން ގޮވައިލީމެވެ. ލޯ ހުޅުވައިލިއިރު އަސްލާން ހުރީ ކުރިމަތީއެވެ. އަހަރެން ބަލައިލުމުން ތުއްތު ކުއްޖެއްހެން ރޯ މޫނު ހަދައިލުމުން އަހަރެންނަށް ކަންބޮޑުކަމާއިއެކީ ދެ ބުމަ ގާތްކޮށްލެވުނެވެ.
“ކީއްވެ ރޭގަ ނުގޮވީ؟” ބޮޑާހާކާ ރާގަކަށް ދަމާލައިފައި އަސްލާން އެއްސެވެ. އިރުކޮޅަކު އެއް ބުމަ ހިއްލައިގެން އިނދެވުމަށްފަހު އަހަންނަށް ހެވުނީއެވެ. “އިންތިޒާރުގަ އިންގޮތަށް ނިދުނީވެސް.”
“ބައްޕަގެ އުފަންދުވަސްވީމަ ރޭގަނޑުވެސް ކަމެއް އޮވެދާނެކަމަށް. މަގޭ ކައިރިއަށް އަންނަން ހަދައިގެން ބައިވެރި ނުވެވިދާނެތީ.” އަހަރެން ބުނީމެވެ.
“ކޮންތާކު، ބައްޕައަކީ ރޭގަނޑު އެހާ ބިޒީ މީހެއް. ކިހިނެތް ކަމެއް ބާއްވާނީ.” އެނދުމަތީ އޮށޯވެ އަހަރެންގެ އުނގުމަތީ ބޯ އަޅަމުން އަސްލާން ބުންޏެވެ.
“މިއަދު ވީ ކަމެއް އިނގޭތަ…” އަސްލާން އާދައިގެމަތިން ވާހަކަ ފެށިއެވެ. އޭނާގެ ވާހަކަތައް ދުވަހަކުވެސް ހުހެއް ނުވެއެވެ. އެއްވެސް ކަމެއް ނެތި އެ ކޮޓަރިތެރޭ ސައުއްވީސް ގަޑިއިރު އިންނަ އަހަރެންގެ ހަޔާތަށް އޭނާގެ ވާހަކަތަކުން އާ ކުލަތަކަކާއި އިހުސާސުތަކެއް ގެނުވައިދިނެވެ. އަހަރެންގެ އުމުރުގައި ފެނިފައިނުވާ ކަންތަކާއި މަންޒަރުތަކެއް ސިފަކުރުވައިދެއެވެ.
އޭގެ އަނެއް ދުވަހެވެ. ފަތިހު ފަތިހާ ހޭލެވުނީ ހިލްމީ ލަވަކިޔާ އަޑަށެވެ. ހިސާބަކަށް ރުޅި އައި ނަމަވެސް އެއީ އަހަރެން އާންމު ގޮަތެއްގައި ހޭލާ ގަޑިކަމުން އެއްޗެކޭ ބުނާކަށް ނަހަދަމެވެ.
“ރޭ ދަންވަންދެން ކަލޭ ވާހަކަދައްކީ ކާކާ؟” ހިލްމީގެ ސުވާލުން އަހަރެން ހާސްވިއެވެ. އަނެއްކާ އަސްލާންގެ އަޑު އިވުނުބާއޭ ހިތަށްއެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





OMG..I new story from yuh dhw..Btw Mi first..feshun habeys..whn next..Curiously waiting fr the next ingey..lysm jinni <3 <3 <3 ????❤❤❤?????????❣❣❣???????????????????????????????
Thnx jiji luv u more nxt prt varah avahah up vaane hen heevany submit koffin mihaaru