ނޯޓް: މީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް.

ފެނުން މައްޗަށް ބޯހިއްލައިލި އާދަނު ސިހިގެންދިޔައީ މުޅި ދުނިޔެ ބައްދާފައިވާ އަނދިރިކަން ފެނިފައެވެ.ވިއްސާރައިގެ ބޯކަޅު ވިލާތަކުން އުޑުމަތި ބަނަވެފާ އޮތަސް ދުވާލެއްގަ މިހާ އަނދިރިކަން ވެރިކޮށްލި މީފުރަތަމަ ފަހަރެވެ.ތޫފާނެއްފަދަ މިބޯ ވިލާ ގަނޑުގެ ވައި އުތުރުން ޖެހެންފެށުމުން މޫދުގައި އޮތް އާދަނު ގުޑުގުޑުޖަހައިގަތެވެ.މުންޑު ގަނޑު ރަނގަޅު ކޮށްލަމުން އާދަނު އަވަސްވެގަތީ އެއްގަމަށް އަރާށެވެ.ގޮނޑުދޮށުގައިވެސް މީހަކު ފެންނާކަށްނެތެވެ.މިހިރަ ކަޅުވިލާގަނޑެއް ފެނިފަ ހިޔަލެއްގަ ހުރެ ނިކުންނަން ކެރޭނީ ކާކަށްހެއްޔެވެ.ކަނޑުގެ ގަދަވެފައިވާ އޮއެވަރާ ދެކޮޅަށް އުނދަގުލާއެކު އާދަނު ހިނގާފައައިސް ފަރުމައްޗާ އަރާ ހަމަކުރުމާއެކު ރާޅު ބިންދަން ފެށުމުން އައްސޭރިއަށް އާދެވުނީ އެތަށް ހާލަކުންނެވެ.ވާރޭގެ މިކެރިގަނޑު އޮއްސާނުލަނީސް ގެއަށް ފޯރާނެހެނެއްވެސް ހިއެއްނުވެއެވެ.

އާދަނު މޫދަށް އެރެން އައިއިރު މޫސުން އޮތީ އެހާރީތިކޮށެވެ.ނަމަވެސް ބަނަ ވިލާތަށް ގިނަވެ ތޫފާނީ ދުވަހަކަށް މިވީ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.ލޮނާއެކު ގައިގަ ތަތްލާފައިވާ މުންޑު ރަނގަޅު ކުރަމުން އާދަނު ގޮސް ނެގީ ވަޔާއެކު ދުރަށް އެއްލާލާފައިވާ އޭނާގެ ބާ ޓީޝާޓެވެ.ވަލުމަގުން އަވަސްއަރައިގަނެފަ ގެއަށްދާން ހިނގައިގަތުމާއެކު އޮއްސާލި ބޯވާރޭގެ ބޮޑެތި ތިކިތަކުން ހީވީ ގަޔަށް ބޮލަށް އޮއްގާ އުކައިގެންހެވެ.މިޖެހޭ ގަދަވައިން ރުއްފާ ތެރޭ އެހުރި ރުއްތަށް މިއަދު ބިމަށް ތިރިނުވެއްޖާ ރަނގަޅެވެ.

އާދަނު އަޅާއިތިކޮށް ގެއާވީ ފަޅިއަށް ދުއްވައިގަތެވެ.ކަނޑުން ނަގޫވައިރޯޅިއެއްވެސް އަރާފާނޭ ހީވެފައެވެ.ގެއާ ހަމައަށް ފޯރިއިރު ތެމިފޯވެ މާ ނޭވާ ލެވެނީއެވެ.އަސްކަނި ދޮށަށް ވަދެ ހިޔާވަހިކަން ހޯދިއިރު ލޯބިވާ އަންހެނުން ދޮންއައިސަ ހުރީ ދެއަހަރުގެ ދަރިފުޅު ކިހިލި ޖަހައިގެން އަސްކަނި ދޮށުގަ ހިސާބަކަށް ހާސްވެ މަގަށްބަލާށެވެ.
“ބިރުން ހަލާކުވެއްޖެ..މިހާ ތޫފާނީ ދުވަސްދުވަހު މޫދަށް ނުދޭބަލަ..މިވިލާގަނޑުފެނި އާދަނުވާނީ މޫދުގަކަން އެނގޭތީ ރާޅު ބޮޑުވާނެވަރު ހިތަށްއަރާފަ އަހަރެން ބިރުން އަވަދިވެއްޖެ” ފިރިމީހާގެ ސަލާމަތާ މެދު ވިސްނި ފިކުރުބޮޑުވެފައިވާ ދޮންއައިސައަށް އާދަނު ފެނުމާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

މިފިނިން ކަރުވާ ހިއިން ގުޑުގުޑުޖަހާތީ އާދަނު އަވަސްވެގަތީ ފެންވަރާލައިގެން ތެތް ހެދުން ބަދަލުކުރާށެވެ.އޭނާ އެކަމަކުން އަވަދިވެގެން ނިކުތްއިރު ދޮންއައިސަ ހުރީ މޭޒުމައްޗަށް ހުނިލީ ރޮއްޓާ ހޫނު ބަބުކެޔޮ ރިހައާ ކަޅުސައި ނަގާފައެވެ.ދަރިންފަތި ގޮވައިގެން އުޅުނަސް އަންހެނުންގެ މިމުރާލިކަމަށް އާދަނު ހިތާ ހިތުން ތައުރީފުކުރިއެވެ.މިފަދަ ވިއްސާރަ ދުވަސްތަކުގަ އޭގޭގަ އަބަދުވެސް މީރުކޮށް ކާލެވޭ ކެއުމަކީ އެއީއެވެ.

އާދަނު މޭޒާ ގާތްވެލާފައި ކައިރީހުރި ދޮންއައިސައަށް ތައުރީފުގެ ބަސްތަށް އޮއްސަމުން މޫނުގަ އަތްބީއްސާލުމާއެކު ދޮންއައިސަ ލަދުން އިސްޖެހިއްޖެއެވެ.ދެމަފިރިންގެ އުމުރުގަ ފަނަރަ އަހަރުގެ ތަފާތު ހުއްޓެއްކަމަކު އެކަކު އަނެކަކު ދެކެ މިއޮއްވާ ލޯތްބެކެވެ.ދޮންއައިސަގެ ޒުވާންކަމާ ބަނިޔާދަން އެހަށިގަނޑު ކިތަންމެ ރީއްޗެއްކަމަކު އާދަނު އަކީ ދޮންއައިސައާ ބަލާފަ ބޭރުފުށުން ރީތިސިފަތަކެއް ނެތްމީހަކަސް ދޮންއައިސަ އާދަނު ދެކެ ވަނީ އަމަށަކު ލޯތްބެއްނޫނެވެ.

ދެމަފިރިން އެމީހުންގެ ކުޑަތިންދަރިންނާއެކު އަވަސްވެގަތީ މިފިނިން ހީފިލުވައިލުމަށް ތާޒާ ހޫނު ކެއުމަށެވެ.އޭރުވެސް ބޭރުގަ އުފެދިގެން މިއުޅޭ ތޫފާން މައިތިރިނުވެ ހައްތާ ވައިގަދަވެ ކެރި ބޯވާހެން ހީވެއެވެ.ވިދުވަރާއެކު ފިތްކަނޑައިގެން ދާހާ ބާރަށް ގުގުރަންވެސް ފަށައިފިއެވެ.ކިރިޔާ އަސުރުން ދަންވެލިއިރު ދުނިޔެ އަނދިރިވެފަ ވާލެއް ބޮޑުކަމުން ހީވީ އިރުއޮއްސޭ ވަގުތުހެނެވެ.

ދޮންއައިސަ އިނީ އޭނާގެ ދެއަހަރުގެ ދަރިފުޅު އުގަށް ލައިގެން ގާތުން ދޭށެވެ.އޭރު އާދަނު ބޮޑުއަށީގައި އޮށޯވެލައިގެން އޮތީ ވާރޭވެހޭލެން ބޯކަމުން ދެންމިއަދު މަސައްކަތެއްވެސް ކޮށްނުލެވޭނެތީއެވެ.އޭނާ ހިތުއަޅައިގެން ހުރީ މެންދުރުފަހުން ކަށިކެޔޮ ކަޑަން ވަލަށް ވަންނާށެވެ.އެކަމަކު އެކަން ވެސް މިނުވީތާއެވެ.

ކުއްލިއަކަށް އިވުނު ގަދަފަދަ އަޑުފަށްގަޑަކުން އާދަނުގެ ދެފައި ކޮޅަށް ޖެހިގެން ތެދުވެވުނެވެ.ދޮންއައިސަވެސް ދަރިފުޅު ނަގައި އުނގަށް ލަމުން ސިއްސައިގެން ތެދުވެއްޖެއެވެ.ވާނުވާ ނޭނގި ލޯބޮޑުވެފަ ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވިއްޖެއެވެ.އެއިވުނީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ ގަދަފަދަ އަޑުފަށްގަޑެކެވެ.ކޮންމެސް އެއްޗެހި ތަކެއް ފުޑުފުޑުވެ ފޭބިހެން ހީވިއެވެ.

ވީ ގޮތެއް ބަލައިލަން ދާން އުޅުނު އާދަނުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ދޮންއައިސައަށް ވާންފެށި ގޮތްތަކުންނެވެ.ކުއްލިއަކަށް މޭދޮށުގަ ފިރުމަމުން ނޭވާނުލެވިގެން ތެޅިފޮޅެން ފެށުމުންނެވެ.ދޮންއައިސަގެ ދެކަޅި ހުރީ މައްޗަށްއަރާފައެވެ.ނޭވާހާސްވެގެން ތެޅިފޮޅެނީއެވެ.އެމަންޒަރު ފެނި އާދަނަށް އިންތިހާ ކަންބޮޑުވުން ލިބުނެވެ.ލޯބިވާ އަނބިމީހާއަށް މިވަނީ ކީއްބާއެވެ.ބަލާކަށް ނުހުރެ އާދަނު އައިސް ދޮންއައިސަގެ ބާމަތީ ކުޑަކޮށް ތަޅައިގަނެފަ ނޭވާ ހަމައަކަށް އެޅޭތޯ ބަލަން ފެށުމުން ދޮންއައިސަ މައިތިރިވެއްޖެއެވެ.ހަމަ ނޭވާ ލެވުމާއެކު ދޮންއައިސަ ވަށައިގެންވާ މާހައުލަށް ބަލަންފެށީ އެތަށް ހައިރާންކަމަކާ ސުވާލުތަކަކާއެކުގައެވެ.ހީވީ އެތަށް ޒަމާނަކުންސުރެ އެއްވާނަކަށް ހިނގަމުންދިޔަކަމަކަށް ކުއްލި ބަދަލެއް އައީހެނެވެ.

“ކިހިނެއްވީ މަގޭ ދޮންއައިސަ” އާދަނު ގެ ހާސްވެފައިވާ އަޑު ކައިރިން އިވުމުން ދޮންއައިސަ ކުއްލިއަކަށް ބަލައިލިއެވެ.ދުރުގޮތެއް ހުރި ބީރައްޓެހި ނަޒަރެކެވެ.

“ކަލޭތަ..ކި..ކިހިނެއް” އާދަނާ ދިމާއަށް ބަލަން  ދެލޯބޮޑުކޮށްގެން ހުރެ ދޮންއައިސައަށް ބުނެވުނެވެ.އެތަށް ނުރުހުމަކާއެކުގައެވެ.ވީގޮތާ ވާން މިއުޅޭ ގޮތާ ވަމުންދިޔަ ގޮތް ލަސްލަހުން ދޮންއައިސައަށް ރޭކާލަން ފެށިއެވެ.

“ޗީޑި..ކަލެއާ އިނދެގެންތަ އަހަރެން މިއޮއްހާ ދުވަހު މިއުޅުނީ..ކިހިނެއްވީ ކަމެއްތަ މީ..އަޅެ އަހަރެން ހަމަ ހަމަޖެހިލައިގެން މިމީހާޔާއެކު މިއޮއްހާ ދުވަހު އުޅުނީ ކިހިނެއްތަ..ދެން އެންމެ ދުވަހަކުވެސް މަށަކަށް ކެތެއްނުވާނެ..ހަމަ މިހާރު އަހަރެން ވަރިކުރޭ..ކުޑަކޮށްވެސް އަހަރެން ކަލޭދެކެ ލޯތްބެއްނުވޭ…މީމަގޭ ދަރިންތަ…މިކުދިން ދާނީ މަށާއެކީ” ދެލޯ ބޮޑުކޮށްގެން ރުޅިވެރި އަޑަކުން ދޮންއައިސަ ކިޔަމުންދިޔަ އެއްޗަކުން އާދަނުގެ މެއަށް ހީވީ ހޫނު ފެންއެއްޗެއް އަޅާލިހެނެވެ.ދޮންއައިސަ ބީވެ ހިނގައިދާނެތީ ގަތްބިރަކުން އާދަނުގެ ހަތަރެސްފައި ތުރުތުރު އަޅައިގަތެވެ.ކުއްލިއަކަށް ދޮންއައިސައަށް މިވީ ކީއްކަމެއް އެއްގޮތަކަށްވެސް އާދަނަކަށް ނުވިސްނުނެވެ.ދިހައަހަރުވީ ކައިވެނީގެ ގުޅުމުގަ އެއްވެސް މައްސަލައެއްނުޖެހި ލޯބިން އުޅެނިކޮށް މިއަދު މިފާޑަކަށް ނަފްރަތާ އެކީ ދޮންއައިސަ ވާހަކަ ދައްކަންޖެހުނީ ކީއްވެބާއެވެ.އަންހެނުން ނުރުހޭ ގޮތަކަށް އާދަނަށް ކުރެވުނީ ކީއްބާއެވެ.ވިސްނާވިސްނާވެސް ސިކުނޑިއަކަށް އެއްޗެއްނައެވެ.

ދޮންއައިސަ ކުއްލިއަކަށް ދަރިފުޅު ނަގާ ކިހިލި ޖަހަމުން ދެންތިބި ދެކުދިންގެ އަތުގަ ހިފައިގެން މިވާރޭ ތެރޭ ގެއިން ނިކުމެގެން ދާން ހިނގައިގަތުމުން އާދަނަށް ހީވީ ދުނިޔެވެސް އެނބުރިގަތްހެނެވެ.ގޮތްހުސްވެހުރެ އޭނާ ދުވެގޮސް ދޮންއައިސަ ހިފޭއްޓޭތޯ އުޅުނަކަސް އޭނާ ބުނީ ފަޅި ސިކުންތަކަށްވެސް މިގޭގަ ދެން ނުހުންނާނެކަމަށެވެ.އާދޭސް ކޮށްކޮށް ހުއްޓާ ވާރޭ ތެރެއަށް ނިކުމެ ދޮންއައިސަ ހިނގައިގަތީ އޭނާގެ މައިންބަފައިންގެ ގެއަށް ދިއުމަށެވެ.ވާނުވާ ނޭނގި ހާސްވެފަ ހުރެ އާދަނުވެސް ފަހަތުން ދުވެ ނިކުތެވެ.އެއާއެކު ގޭގެ އިންފާރު ކައިރިން ފެނުނު މަންޒަރަކުން އާދަނު ސިހިގެންދިޔައެވެ.އޭރު އިވުނު  ގަދަފަދަ އަޑުފައްގަޑުގެ ހަގީގީ ސަބަބު އޭނާއަށް އެނގިއްޖެއެވެ.ގޭ ދޮށުގައި އެތަށް ޒަމާނަކުންސުރެ ހެދިފައިވާ ބޮޑު ވަރުކަނދު ގަސް އެވަނީ ކެރިގަނޑުގެ ވަޔާއެކު ބިންދައިގެންގޮސް ގޭގެ އިންފާރުވެސް ފުޑާލާފަ ބިމަށްތިރިވެފައެވެ.އާދަނުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.އޭނާގެ ދިރިއުޅުން މިނިމުނީއޭ ހީވިއެވެ.އަމާންކޮށް އޭނާގެ ހަޔާތް ކުރިއަށްދިޔަ ސަބަބަކީ މިގަހެވެ.ގަސް ބިނދުމާއެކު އޭނާގެ ހަޔާތްވެސް އެބަޑިބަޑިން ޖެހުނީއެވެ.ދިރިއުޅުމާ ގުޅިފައިވާ މިގަސް ރައްކާތެރިކުރަން ކިތަންމެ މަސައްކަތެއްކުރިޔަސް ކޮޅިގަނޑުގަ އައި ގުދުރަތީ ވައިން ގަސްމިވަނީ ބިނދި ދިރުންގޮހެވެ.ދޮންއައިސައަށް އައި ކުއްލި ބަދަލުގެ އަސްލަކީ މިއީކަން ރޭކާލުމާއެކު އަޑުންއަޑުނަގާ އާދަނަށް ރޮއެގަނެވިއްޖެއެވެ.ދޮންއައިސަ އަބަދަށް އޭނާގެ ހަޔާތާ ވަކިވީކަން ޔަގީންވުމުންނެވެ.ވެހެމުން ދިޔަ ވާރޭތެރޭ ފޯވެގެން ފެންގަނޑުތެރެއަށް ވެއްޓިއޮވެ ބިނދިފައިވާ ގަހުގަ ފިރުމަމުން އާދަނު ދިޔައީ ރޮމުންނެވެ.މީގެ އެގާރަ އަހަރުކުރިން އޭނާކުރި ކުށް ހަނދާންވެފަ ގިސްލުންވީ އިތުރެވެ.އަހަރު ތަކަކަށްފަހު އޭގެ ބަދަލު މިފަދަ ގޮތަކަށް އައިސްދާނެކަމަކަށް ކުޑަކޮށްވެސް އާދަނު ހީނުކުރެއެވެ .އެގާރައަހަރު ކުރީގެ އެމާޒީ އައިސް އާދަނުގެ ކުރިމައްޗަށް ހުއްޓިލިކަހަލައެވެ.

********************************************************

މުޅި އެއަތޮޅުގައިވެސް ދޮންއައިސަ ވަރުގެ ރީތި އަންހެންކުއްޖަކު ނެތެވެ.ރަށުގެ ގިނަ ފިރިހެނުންނެއް ދޮންއައިސަގެ ބޯކޮޅު ބަލަމުން ފާރަލަމުން ދިޔައީ ކޮންމެ މީހެއްގެ ހިތުގައިވެސް ދޮންއައިސަ މިލްކު ކުރުމުގެ ޝައުގު އޮތްލެއް ބޮޑުކަމުންނެވެ.

އެރަށު އާދަނަކީ ދޮންއައިސައަށްވުރެ ފަނަރަ އަހަރު ދޮށީ ފިރިހެނަކަސް އޭނާގެ ހިތުގައިވެސް ދޮންއައިސަގެ ރީތިކަން ފެވި ނިމިއްޖެއެވެ.އަދި ވަރަށް ބޮޑަށް ދޮންއައިސަ ހާސިލުކުރަން ބޭނުންވެ އިންތިހާއަށް ލޯބިވެވިއްޖެ ކަމަށް ގަބޫލުކުރެވުނެވެ.

އެކަމަކު އާދަނުގެ ހިތްހަލާކުވެގެން ދިޔައީ ކަނޑޫފަލުގަ ކަނޑޫ ހޮވަން ދޮންއައިސަ އޮތް ދުވަހެއްގަ ގޮސް ލޯބި ހުށަހެޅުމުން އެކިބުރުވެރި އަންހެންކުއްޖާ ދިންޖަވާބުންނެވެ.ބޮޑާ ކަމާއެކު އޭނާ ބުނީ އެހާ އުމުރުގެ ތަފާތު ބޮޑު ފަގީރު ކަޅުބަބުރެއްފަދަ މީހަކާ އޭނާ ކަހަލަ ދޮންމީހަކު އޮޅިގެންވެސް އިންނަން ބޭނުންނެތް ކަމަށެވެ.އާދަނުގެ ހިތް ހަލާކުވިއެވެ.އަބަދަށްޓަކާ ދޮންއައިސައަށް ވައްސަލާމޭ ހީކުރެވުނަސް އުޅެއުޅެ އާދަނުގެ ހިތުން އެސޫރަ ފޮހެވޭ ގޮތެއްނުވިއެވެ.ނިދުމުން ހުވަފެނުގައިވެސް ފެންނަނީ ދޮންއައިސަގެ މޫނެވެ.ހޭލާ ހުންނަ ވަގުތު ތަކުގައިވެސް އަބަދު އެނބުރެވެނީ އެގޭ ދޮރުމަތިންނެވެ.އެންމެ ދުވަހަކުވެސް އެމޫނު ނުފެނިއްޖާ ހިތަށް ކެއްވަނީކީ ނޫނެވެ.ޔަގީނުންވެސް އޭނާހުރީ ލޯބީގައި ޖެހި ދީވާނާވެ މޮޔަވެފައެވެ.ދޮންއައިސަ އެދެފިއްޔާ މަރުދޭންވެސް ތައްޔާރަށެވެ.އޭނާގެ ލޯތްބާނުލާ ދުނިޔޭގަ ކެއްނުކުރެވޭވަރު ވެފައެވެ.

އެންމެފަހުން ހިތަށް ކެއްނުވުމުން ދަންވަރެއްގަގޮސް އާދަނު އެހީތެރިކަމަށް އެދުނީ މުސްކުޅިވެފައިވާ މޫސަބޭގެގާތުގައެވެ.ކޮންމެސް ކަހަލަ އިސްތިރިއަކުން ނަމަވެސް ދޮންއައިސަ ލިބޭނެގޮތް ހަދައިދޭށޭ ކިޔައިގެން ފައިބުޑަށް ވެއްޓި ރޮއެ އާދޭސް ކުރިއެވެ.މޫސަބޭ ފުރަތަމަ ހެދީ ދެކޮޅެވެ.އާދަނަށް ވިސްނައިދޭން އެތަށް ވާހަކައެއް ދެއްކިއެވެ.އިސްތިރި ހަދައިގެން ގަދަކަމުން ހޯދޭ ލޯތްބަކީ އަބަދަށް ދެމިދާނެ އެއްޗެއްނޫންކަން ބުނެދިނެވެ.އެކަމަކު ލޯބީގައި ދީވާނާވެފައިވާ އާދަނަކަށް ނުވިސްނުނެވެ.ދޮންއައިސަ ނުލިބިއްޖާ މަރުވާނަން ކަމަށްބުނެ ވާހަކަ ދެއްކުމުން އެންމެފަހުން މޫސަބެއަށް ގޮތްހުސްވެގެން ކަމެއްކޮށްލަދިނެވެ.

އޭނާ ތައްޔާރު ކުރި ތަވީދު އެއްސީ އެތަށް ޒަމާނަކުންސުރެ އާދަނުމެން ގޭގަ އިންނަ ވަރުކަނދުގަހުގައެވެ.މޫސަބޭ ބުނިގޮތުންވިއްޔާ އެގަހަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ދޮންއައިސަ ބީވެދާނެއެވެ.ހިތްބަދަލުވެ ވަގުތުން ދުރަށްދާނެއެވެ.ގަހަށް ގެއްލުމެއް ވާދުވަހަކީ ފަންޑިތައިގެ ބާރުވެސް އެކީ ނެތިދާނެ ދުވަހެވެ.

**************************************************************

ބޯވާރޭތެރޭ ބިނދިފައިވާ ގަހުގަ އޮޅުލައިގަނެގެން އޮވެ އަދިވެސް އާދަނު ރޮނީއެވެ.ގޮތްހުސްވުމާ ނިމުމެއްނެތް ހިތާމައިން ހިތްފޮތިފޮތިވެގެންނެވެ. މިއަދު އޭނާއަށް އެހީވެދޭކަށް މޫސަބޭވެސް ދުނިޔެއަކު ނެތެވެ.ކުރި ކުށުގެ ސަޒާ އަމިއްލައަށް ބޮވިގެން އޭނާ އެކަނިވީއެވެ.އެހާ ލޯބިން ބަލައިގެން އުޅުމުންވެސް ގަސް ބިނދި ދިޔައީ، އޭނާގެ ހަޔާތުގަ ނިމުމުގެ ސިއްކަ ޖަހާފައެވެ.

ކުރާ ކޮންމެ ކުށެއްގެ ސަޒާ ވަގުތުން އިންސާނާއާ ބައްދަލުނުކޮށްފާނެއެވެ.އެކަމަކު ހަޔާތުގެ ކޮންމެސް ހިސާބަކުން އެކަން އެމީހަކާ އަރާ ހަމަކުރާނެއެވެ.އޭގެ މިސާލަކަށް އާދަނު ފުދެއެވެ.އިސްތިރިއަކުން އޭނާ ގަދަކަމުން ހޯދި ދޮންއައިސަގެ ލޯބި އޭނާގެ އަތުން މިއަދު ބީވެހިނގައްޖެއެވެ.ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫނެވެ.ފަންޑިތަ މެދުވެރިވެގެން ކުރެވޭ ކައިވެނިތަށްވެސް އެތަށް ޒަމާކަށްފަހު ރޫޅިދަނީ ސަބަބެއް ނެތިއެއްނޫނެވެ.ފަންޑިތަ ދިރިއުޅުމަށް ހަމަޖެހުމެއް ހޯދައެއްނުދޭނެއެވެ.ކޮންމެވެސް ހިސާބަކުން ހަޔާތް ގަޑުބަޑު ކޮށްލާނެއެވެ.ވަގުތީ ގޮތުން ލިބުނު އުފާ ވަޅުޖެހި ދާނެއެވެ.

ބޭރުގަ އުފެދިފައިވާ ކޮޅިގަނޑު މައިތިރި ވީއިރު އާދަނުގެ ދިހައަހަރުވީ ކައިވެނީގެ ގުޅުމާ އުފާވެރި ދިރިއުޅުން ވަނީ ބަރުބާދުވެ ގޮހެވެ.ﷲ މަތިން ހަނދުމަނުވެ ކުރި ބޮޑު ކުށެއްގެ ސަބަބުންނެވެ.ކަރުނަ އަޅާރުޔަސް ދެނެއް ވީކަމެއް ބަދަލެއް ނުވެސް ވާނެއެވެ.

(ނިމުނީ)

22

4 Comments

 1. Aroo

  March 25, 2019 at 10:33 pm

  Varah reethi vaakaeh iburathun furigen vaa ehaame hiygaumu

 2. Anonymous

  March 26, 2019 at 8:25 am

  Hadi

 3. Shif

  March 27, 2019 at 5:21 pm

  Mee hagygy vaahakaeh dhw

 4. Laalu

  March 31, 2019 at 8:05 am

  Miyga ulheni hus Aadhanu… Hey hey main character dhw….. BTW Aireen mulhin perfact story eh noonas konmehen vareh vey…. Nxt time try to improve…. Best wishes frm me???

Comments are closed.