އަހަރެން އެނބުރި އަންނާނަން! … (5 ވަނަ ބައިގެ ތެރެއިން)

ފޯނު އަނެއްކާވެސް ރިންގ ވާން ފެށިއެވެ. ލަޙްފާން ކައިރިން ސަލާމަތް ވެގެން އަހަރެން ފޯނާއި ހަމައަށް ނުދެވެނީސް އަނެއްކާވެސް ފޯނު ކެނޑިއްޖެއެވެ. ގުޅަނީ ޒައިދާން ކަން އަހަރެންނަށް އެނގެއެވެ. އިންތިހާއަށް ލަޙްފާންދެކެ ރުޅިއައިސް އަނެއްފަހަރު އަހަރެން ލަޙްފާން ކޮށްޕާލާފައި ކޮޓަރިން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ލަޙްފާން އަހަރެންނަށް ވުރެ ބާރުގަދަކަމުން އަހަރެންނަށް ލަޙްފާންގެ އަތުތެރެއިން ސަލާމަތް ވާކަށް ފަސޭހައެއް ނުވިއެވެ.

+++++++++++++++++++++++++++++++++++++++++

އަހަރެން އެނބުރި އަންނާނަން! … (6 ވަނަ ބައި)

ލަޙްފާނު އަހަރެން ގައިގައި އޮޅުލައިގަނެގެން އުޅެނިކޮށް، ކުއްލިއަކަށް އަހަރެންނަށް ކޮޓަރި ދޮރުމަތިން މީހަކު ފެނުނުހެން ހީވިއެވެ. އިސާހިތަކު ލަޙްފާނުގެ ލަފުގައި ހިފާ ފާރަށް ގުޅައަކަށް އެއްލިތަން އަހަރެންނަށް ފެނުނެެވެ. އާ އެކެވެ. އަހަރެން ފޯނު ނުނަގާ ލަސްވުމުން އަހަރެން ކޮބައިތޯ ބަލަން ޒައިދާން ގެއަށް ވަދެ، ކޮޓަރިއާއި ހަމައަށް އައީއެެވެ.

“ކަލޭތީކާކު؟!…” ޒައިދާންގެ އަޑުގައިވަނީ އިންތިހާއަށް ރުޅިވެރިކަމެވެ.

“ކޭތީވަކިކާކު؟!” ލަޙްފާނު އަނގަ ދަމަމުން ބުންޏެވެ.

“ކޮންކާކެކޭ ކިޔާކަށް!؟..” ކަލޭގެ އަތްފައި ބިނދޭނެ މިއަދު މަގޭ އަތުން!” މިހެން ބުނެފައި އަނެއްކާވެސް ޒައިދާން، ލަޙްފާނުގެ މޫނުމަތީ “ގުއްޓެއް” އަޅާ ފާރާއި ދިމާލަށް ކޮށްޕާލިއެވެ.

އަހަރެން އިންތިހާއަށް ބިރުގަތެވެ. ހަދާނެ ގޮތެއްވެސް ނުވިސްނުނެވެ. މުޅިމީހާ ތުރުތުރު އަޅާހެންވެސް ހީވިއެވެ. ޒައިދާން އެހާ ރުޅިއައިސްފައި ހުއްޓާ އަހަރެން އޭގެ ކުރިން ދުވަހަކުވެސް ނުދެކެމެވެ.

އަހަރެން ވަރަށް ހިތްވަރުކޮށްފައި ޒައިދާން އަތުގައި ހިފައި ކޮޓަރިން ނެރެވޭތޯ މަސައްކަތްކުރީމެވެ. ޒައިދާން އޭރުވެސް ލަޙްފާން ގައިގައި ތަޅަނީއެވެ. ލަޙްފާންވެސް ޖެހުނު ގޮތަކަށް ޒައިދާންގައިގައި ޖަހަން މަސައްކަތްކުރިއެވެ. އެންމެ ފަހުން ލަޙްފާނުގެ ނޭފަތާއި އަނގަމަތި ފަޅައިގެން ދިޔައެވެ. ލަޙްފާން އޮތީ ކޮޓަރީ ފާރުބުޑަށް ވެއްޓިފައެވެ. އަހަރެން ބެލީ ވީ އެންމެ އަވަހަކަށް ޒައިދާން އެގެއިން ނެރެވޭތޯއެވެ. އަހަރެން ޒައިދާން ގަދަކަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރެގެން ގެންގޮސް ވީ، އެންމެ އަވަހަށް ގެއިން ނިކުތީމެވެ.

++++++++++++++++++++++++++++++++++++++++++++

“އަހަރެންނަކަށް ނުކެރޭނެ ދެން އެގެއަށް ދާކަށް!” އަހަރެން ވަރަށް ކަންބޮޑުވިއެވެ.

“އަހަރެން އިފާ އެގެއަށް ފޮނުވާނެކަމަށްތަ ހީކުރީ!.. ނުވެސް ފޮނުވާނަށް ދެން އެގެއަކަށް!” ޒައިދާން ރުޅިވެރިކަމާއެކު ބުންޏެވެ.

“އަހަރެން ދެން އެކަމު ހުންނާނީވެސް ކޮންތާކު؟! ލީޝާ ކައިރީވެސް ކީކޭ ބުނާނީ، ލީޝާ މަންމަމެން އަހަރެން ދެކެ ވަރަށް ރުޅިއަންނާނެ!.. އަހަރެން ވަރަށް އެބަ ހާސްވޭ!”

“އިފާ ހާސްވާނެކަމެއްނެތް!.. ލީޝާ ކައިރީ ރީތިކޮށް ވީގޮތް ބުނޭ!.. އޭނަ ނުޖެހެއެންނު އިފާ ގަޔަށް ބޮލަށް އަރާގަންނާކަށް!.. އަހަރެން މަންމައާއި ވާހަކަ ދައްކައިގެން އިފާ އަހަރުންގޭގައި ބެހެއްޓޭނެ ގޮތް ހަދާނަން.. މަންމަ ވަރަށް އަންޑަސްޓޭންޑިންގ ވާނެ…އަނެއްކޮޅުން މަންމަ ނިންމާ ކަންކަމަކަށް ބައްޕަ ފާޑެއް ނުކިޔާނެ!” ޒައިދާން އަހަރެންނަށް ގޮތެއް ހޯދާން ދޭން މަސައްކަތް ކުރިއެެވެ.

“ނުކެރޭނެ ދެން އެކަމަކު ދެން ތިގެއަށް ދާކަށް!..” އަހަރެން ހަމައަސްލުގައިވެސް ލަދުގަނެ، ޖެހިލުންވިއެވެ.

“އެއީ ނުކެރޭ ވަރުގެ ކަމެއް ނޫނޭ އިފާ!.. އެގޮތަށް ހަމަނުޖެހި، ގެސްޓް ހައުސް އެއްގައި ބަހައްޓަން ޖެހުނަސް އަހަރެން އިފާ ދެން އެގޭގައި އުޅޭކަން ނުފޮނުވާނަން ހުވާ މިބުނީ!.. ” ޒައިދާން ޔަޤީން ކަން ދިނުމުގެ ގޮތުން ބުންޏެެވެ.

+++++++++++++++++++++++++++++++++++++++++++++++

ޒައިދާން މަންމަމެންނާއި ވާހަކަ ދެއްކުމަށް ފަހު އަހަރެން އެގެއަށް ބަދަލުކުރަން ނިންމިއެވެ. ކައިވެންޏަށް ދެން އޮތީ އެންމެ ހަފްތާއެއް ކަމުން ނުކެރި ހުރެގެންވެސް އިތުރު އެހެން ގޮތެއް ނެތުމުން އަހަރެން އެގޮތާއި އެއްބަސް ވީއެވެ.

އަނެއްކޮޅުން މިދިމާވި ކަންތައް ލީޝާއަށް ކިޔައިދޭނީވެސް ކިހިނެތްބާވައޭ އަހަރެން ހިތަށް އެރިއެވެ. ލީޝާގެ މަންމަމެން އަހަރެންނަށް އެހާ ރަނގަޅުއިރު، އަހަރެންގެ ފުށުން ލަޚްފާންއަށް އެވީ ގެއްލުމުގެ ސަބަބުން އެމީހުން އަހަރެންނަށް މުޅި ޢުމުރަށް ނަފްރަތު ކުރާނެކަން ގައިމެވެ. އެ ޚިޔާލުތައް އަހަރެން މާޔޫސްކޮށް ކަންބޮޑުކުރުވިއެވެ.

+++++++++++++++++++++++++++++++++++++++++++

އެންމެ ފަހުން އަަހަރެން ލީޝާ ގާތު ކަންތައްވީ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ލީޝާ އަހަރެން ދެއްކި ވާހަކަ ޤަބޫލުކުރިއެވެ. އަދި ދޮންބެގެ ފަރާތުން ވީ ކަންތަކަށް އަހަރެންގެ ކިބައިން މަޢާފަށްވެސް އެދުނެެވެ. އެހެނަސް ޒައިދާންގެ ފަރާތުން އެފަދަ އަނިޔާއެއް ލީޝާގެ ދޮންބެއަށް ލިބުނީތީ ހިތްހަމަ ނުޖެހިފައި ހުރިކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް އެކަމާ ކަންބޮޑުވާ ވާހަކަ ބުނީމެވެ. ނަމަވެސް އެގޮތަށް އެކަން ދިމާވީ، ޚުދު ޒައިދާންއަށް އެމަންޒަރު ފެނުމުންކަންވެސް އަހަރެން ބުނީމެވެ.

އެދުވަހު ލީޝާ އާއި އޭނާގެ މަންމަ ދިޔައީ ވިހައިގެން އުޅޭ ތިމާގެ ކުއްޖަކަށް ގޮވާލަންކަންވެސް ލީޝާގެ ވާހަކައިން އަހަރެންނަށް އެނގުނެވެ. ލީޝާގެ މަންމައާއި ކުރިމަތިލާން އަހަރެންނަށް ނުކެރޭނެ ކަމުގައި އަހަރެން ލީޝާގާތު ބުނީމެވެ. އަދި ވީ ގޮތް ލީޝާގެ މަންމައަށް ކިޔާދިނުމަށް އަހަރެން ލީޝާގާތު އެދުނީމެވެ. އަދި އެގޭގައި އަހަރެން ހުންނަން ޒައިދާން ބޭނުންނުވާ ވާހަކަވެސް އަހަރެން ލީޝާގާތު ބުނީމެވެ.

+++++++++++++++++++++++++++++++++++++++++++++++

ޖެހިގެން އައި ދުވަހު އަހަރެން ޒައިދާންމެންގެއަށް ބަދަލުވީމެވެ. އެގޭގައި ހުރި ގެސްޓް ރޫމް އަހަރެންނަށް ދިނެވެ. ހެޔޮވަރުގެ ކޮޓަރިއެކެވެ. ކޮޓަރީގައި ފާޙާނާއެއްވެސް އިނެވެ. ގޭގައި ގެންގުޅޭ މީހަކު ހުންނާތީ، ގޭގައި މާބޮޑުކަމެއް ކުރާކަށް ޒައިދާން މަންމައަކަށް ވެސް ނުޖެެހެއެެވެ. މުޅި ގޭތެރެ އާއި، އަހަރެންނަށް ދިން ކޮޓަރިވެސް ވަނީ ވަރަށް ރީތިޮށް ސާފުކޮށްފައެވެ.

 

“އިފާ ދޮރުހުޅުވާލަބަލަ…” ޒައިދާން ކޮޓަރީގައި އޮވެ ފޯނުން ގުޅާލާފައި ބުންޏެވެ.

“ކިހިނެތްވީ؟.. އަހަރެން ކަންބޮޑުވެހުރެ އެހީމެވެ.

“ޕިސް ދެންހާދަ ސުވާލުގިނައޭ… ތި ކޮޓަރިއަށް ޖައްސާލަންވެގެންނޭ!..” ޒައިދާން ލާނެތްފާޑަކަށް ބުންޏެވެ.

“އަޅޭ… ޒައިދާން ކީކޭ ތިކިޔަކީ..! މަށަކަށް ނުކެރޭނެ ދެން!..” އަހަރެން ހާސްވިއެވެ.

“އެކަކުވެސް ނެތޭގެއަކު… ތިން ސިކުންތު ތެރޭ ދޮރު ހުޅުވާތި، މިދަނީ..” ޒައިދާން އެހެން ބުނެފައި ފޯނުބޭއްވިއެވެ.

އަހަރެން ވަރަށް ބިރުން ހުރެ، ޒައިދާން އެބުނި ގޮތަށް ކޮޓަރީގެ ދޮރު ހުޅުވީމެވެ. އިސާހިތަކު ޒައިދާން އައިސް އަވަސް އަވަހަށް އަހަރެންގެ ކޮޓަރިއަށް ދެމިގަތެވެ.

“މީ މާ ސަޅިގޮތެންނު ދޯ!” ވަތްގޮތަށް ވަދެ، އަހަރެން ގައިގައި އޮޅުލާގަންނަމުން ޒައިދާން ބުންޏެވެ.

“ސާބަސް! ބިރެއްވެސް ނުގަނޭތަ! މަންމައަށް އެނގިއްޖެއްޔާ ކީކޭތަ ހިތަށް އަރާނީ!” ޒައިދާން އާ ކުޑަކޮށް ދުރުވެލަމުން އަހަރެން ބުނީމެވެ.

“މަންމައެއް ނެތޭ ގެއަކު!.. އެހެން ނޫނަސް މަންމަމެންވެސް މިހިން އުޅެފައޭ ހުންނާނީ..!”

މިހިން ބުނުމަށް ފަހު ހެމުން ހެމުން އަހަރެން އެނދުމަށްޗަށް ވައްޓާލިއެވެ. އަހަރެން ހަމައެވަގުތު ކުއްލިއަކަށް ތެދުވީމެވެ. ޒައިދާން އަހަރެންނާއި ވަރަށް ކައިރިއަށް އައެވެ. އަހަރެން މަޑުމަޑުން ފަހަރަށް ޖެހިލީމެވެ. އަނެއްކާވެސް ޒައިދާން އަހަރެންގެ މޫނަށް ބަލަމުން އަހަރެންނާއި އިތުރަށް ކައިރިވެލިއެވެ. އަހަރެންގެ ބުރަކަށި މަޑުމަޑުން ފާރުގައި ޖެހުނެވެ. ދެން އިތުރަށް ފަހަތަށް ދެވޭކަށް ނެތެވެ. ޒައިދާން އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަދި އަހަރެންވެސް ޒައިދާންގައިގައި ހިފަހައްޓާލީމެވެ. ޒައިދާން އޭނާގެ ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފާލާފައި ޒައިދާންގެ މޫނާއި ކައިރިކޮށްލިއެވެ. އަހަރެން އިސް އުފުލާލާފައި ޒައިދާންގެ ލޮލަށް ބަލާލީމެވެ. ޒައިދާންވެސް ސީދާ އަހަރެންގެ ލޮލަށްބަލަމުން ގެންދިޔައެވެ. ޒައިދާންގެ ބުޅިއިސްތަށިގަނޑާއި އަހަރެން ކުޅެލީމެވެ. އެއީ އަހަރެންނަށް އެންމެ ހިތްގައިމު އިސްތަށިގަނޑެވެ. ޒައިދާން އަހަރެންގެ މޫނުގައި ބޮސްދެމުންގެންދިޔައެވެ. އެ ލޯބިން ފުރިގެންވާ ވަގުތުކޮޅުގެ އުފާ އަހަރެންނާއި ޒައިދާން ފުރިހަމައަށް ލިބިގަތީމެވެ.

ޒައިދާން މީ ހާދަ އާފަޔާ ޚިލާފް މީހެކޭ އަހަރެން ހިތަށް އެރިއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ޒައިދާންގެ މިފަދަ އާދަޔާޚިލާފް ލޯބި ކަންކަމުން އަހަރެން ޒައިދާންދެކެ ވާލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދެއެވެ.

++++++++++++++++++++++++++++++++++++++++++++++

ކައިވެނީގެ ހުރިހާ ކަމެއްހެން ހަމަޖެހި ނިމިއްޖެއެވެ. ޒައިދާންމެންގެ ގޭގައި އަހަރެންގެ ރަންވެސް ކިޔައިފިއެވެ. ކައިވެނިކުރަން 4 ދުވަހަށްވީއެވެ. އިންތިހާއަށް އަހަރެންގެ ހިތްނުތަނަވަސްވެއެވެ. ހަމައެއާއެކު އުފާވެރިކަންވެސް އިޙްސާސްކުރެވެއެވެ.

ލީޝާ އެ ދުވަހުގެ ބޮޑުބައި އަހަރެންނާއި އެކު ސެލޫންގައި އުޅުމަށް ފަހު އަހަރެން ކައިވެނިޕާރޓީއަށް ވަރަށް ފުރިހަަމައަށް ތައްޔާރުކޮށްގެން، އަހަރެންނާއި އެކު ދަރުބާރުގެއަށް  ދިޔައެވެ. ޒައިދާން އޭރު އަދި ތައްޔާރުވެގެނެއް ނާދެއެވެ.

ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އެރޭގެ 8:00 ހާއިރުއެވެ. ޕާޓީ ފެށެން އޮތީ ކައިވެނިކުރުމަށްފަހު އެވެ. އަހަރެމެންގެ ކައިވެނީގެ ކަންތައް ކުރުމަށް ތައްޔާރުކޮށްފައިވާ މޭޒަށް ބަލާލާ ކޮންމެ ފަހަރަކު އަހަރެންގެ ވިންދު އަވަސްވެއެވެ. ބައްޕަ އަންނާނެބާއޭ ހިތަށްއަރާފައެެވެ.

އަހަރެން އަރަައިގެން ހުރީ އެހެންޏާ ނާރާވަރުގެ ހީލް އަކަށްކަމުން ފަޔަށް ތަދުވާގޮތްވާތީ، ގޮނޑީގައި ކުޑައިރުކޮޅަކަށް އިށީނދެލީމެވެ.

“އާޗާ..! ބަލާލަ އެހެރަ އަންނަނީ.. އިފާގެ ޕްރިންސް” އަހަރުމެން ތިިބި ހޯލްގެ ދޮރާއި ދިމާލަށް އިޝާރާތްކޮށް ލީޝާ ބުނެލިއެވެ.

އަހަރެންވެސް އެނބުރި ބަލައިލީމެވެ. އެއީތެދެކެވެ. ޒައިދާން މިރޭ ހާދަރީއްޗެވެ. ގަދަނޫކުލައިގެ ސޫޓެއްލާފައި ހުރިއިރު އިސްކޮޅުން ދިގު ޒައިދާންގެ ފިރިހެންވަންތަކަން މާރަނގަޅަށްވެސް މިރޭ ހާމަވެއެވެ. ޒައިދާންގެ ހިތްގައިމު އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ހުރިގޮތް މިރޭ އަދި މާރީއްޗެވެ. ކަޅުކުލައިގެ ކޮޅަށް އޫ، ބޫޓުގައި އާދައިގެ ހިނގުމެއްގައި ހޯލަށް އެހެރަވަދެގެން އަންނަނީ ކުޑައިރުކޮޅެއް ފަހުން އަަހަރެންގެ ފިރިމީހާއަށް ވާނެ އަހަރެން އެންމެ ލޯބިވާ ޒައިދާންއެވެ. ޒައިދާންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

“ސުބްޙާނަﷲ މީކޮންކުއްޖެއް؟..” ޒައިިދާން އައިސް އަހަރެންގެ ކައިރީހުއްޓިލާފައި ބުންޏެވެ.

“މީ އެކުއްޖާ ހަމަ!” އަހަރެންވެސް ލާނެއްކަމާއެކު ޖަވާބުދިނީމެވެ.

“ނުވާނެ އެހެނެތް! ތީ މިހޯދާ ކުއްޖާއަށްވުރެވެސް މާލޯބިކުއްޖެއް!…މިރޭ ހާދަރީއްޗޭ އިފާ! ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެންގެ އަންހެނުންދޯ..” ޒައިދާން އުފާވެލާފައި ބުންޏެވެ.

“ކުޑައިރުކޮޅަކުން ތީ އަހަރެންގެ ފިރިމީހާ ދޯ!” ކުޑަކޮށް ރަކިވެހުރެ އަަހަރެންވެސް ބުނީމެވެ.

++++++++++++++++++++++++++++++++++++++++++++++

ކައިވެނީގެ ވަގުތު ޖެހިއްޖެއެވެ. ކައިވެނިކޮށްދޭ މީހުންނާއި ހެކިވެރިންވެސް މޭޒުކައިރީގައި އިށީދެއްޖެއެވެ. އަހަރެންގެ ހިތްނުތަނަވަސްވެ އިނދެ ދޮރާއި ދިމާލަށް ބަލާލީމެވެ. އަހަރެން ހީކުރުގޮތަށް ބައްޕަ ހޯލަށް ވަދެގެން އައިސް އަހަރެންނާއި ޖެހިގެން އެއްފަރާތުގައި އިންގޮނޑީގައި އިށީނެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ބައްޕަ އެއައީ އަހަރެންނަށް ވަލީދޭށެވެ. ބައްޕަ ކިހާ ރަނގަޅުހޭ ހިތަށް އެރިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ކައިވެނި ކުރެވިއްޖެއެވެ. އަހަރެން ޒައިދާންގެ އަންބަކަށް ވީއެވެ. އެއާއެކު، ޒައިދާން އަހަރެންގެ އަލަތު ފިރިއަކަށް ވީއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އެ އުފާވެރި ޙަޕްލާގައި މަންމަ އާއި، ތުއްތަ ބައިބެރިވިނަމަ، އެ ޙަފްލާ އިތުރަށް ފުރިހަމަވީހޭ އަހަރެންގެ ހިތަށް އެރިއެވެ.

ކައިވެނި ކޮށްދީ ނިމުމާއި އެކު، ބައްޕަ ހޯލުން ނިކުންނަށް ހިނގައިގަތެވެ. ޒައިދާންގެ ބައްޕަ ގޮސް ކޮންމެވެސް އެއްޗެއް އަހަރެންގެ ބައްޕަ ގާތު ބުނިތަން ފެނުނެެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ބައްޕަ އެ ޙަފްލާ ދޫކޮށް ހިނގައްޖެއެވެ. އަހަރެން އިންތިހާ އަށް ދެރަވިއެވެ. އަހަރެންގެ ޙަޔާތުގައި އައި އެންމެ މުހިންމު ދުވަހު، މަންމަ ކައިރީގައި ނެތްތާނަގައި ބައްޕަ އައުމަށްފަހުވެސް، އަހަރެންނާއި ކުޑަމިނުން ހަތަރުކަޅިވެސް ހަމަކޮށްނުލާ އެ ދިޔައީއެވެ. އަހަރެން ކިހާ ބަދުނަސީބުވެރި ހެއްޔެވެ!

“އިފާ..ޕްލީޒް.. ނުރޯތި މިގަޑީ،، ޕްލީޒް… ” އަހަރެންނާއި ޖެހިގެން އަންނަ މީހުންނަށް މަރްޙާބާ ކިޔުމަށް ތައްޔާރުވެގެން ހުރި ޒައިދާން އަހަރެންގެ މޫނަށް ބަލާލާފައި، އަސަރާއެކު ބުންޏެވެ.

އަހަރެން ހިތްވަރުކޮށްފައި، ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލީމެވެ. ހިތްވަރު ކުރުމުގެ ބޭނުމުގައެވެ. އެއީ ތެދެކެވެ. އަހަރެން އެ ޙަފްލާގައި ރޮއެފިނަމަ، އެއީ މާ ހިތްގައިމު މަންޒަރަކަށް ނުވާނެެއެވެ.

ޒައިދާންގެ އާއިލާގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި، ހިނިތުންވުން އަހަރެން ދުށީމެވެ. ޒައިދާންއަކީ މާލޭގެ ބޮޑު އާއިލާއަކަށް ނިޞްބަތްވާ މީހެއްކަމުން އެ ޕާޓީއަށް އައީ ގާތްގަނޑަކަށް ހުސް އެ އާއިލާ މީހުންނެވެ. އަހަރެންގެ ފަރާތުން އެ އާއިލާއަށް އައީ، ލީޝާ، ހުވޭ އެކަންޏެވެ.

++++++++++++++++++++++++++++++++++++++++++++

ކައިވެންޏަށްފަހު ހަމަ އެރޭ އަަހަރުމެން ރިސޯޓަކަށް ފުރީމެވެ. އެއީ ޒައިދާންގެ ބައްޕަ އަހަރުމެންނަށް ދިން ހަނީމޫން ގިފްޓެކެވެ. އެރޭވީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުުފާވެރިރެއަށެވެ. އަހަރެންގެ މުޅި ޢުމުރު ހޭދަކުރަން ބޭނުންވަނީ ޒައިދާންގެ އަތްބެއްގެ ގޮތުގައި ކަމުގައި އަހަރެން ބުނީމެވެ. އަހަރެންގެ ޙަޔާތުގެ އުފަލަކީ ޒައިދާންކަން އަހަރެން ބުނީމެވެ. އަހަރެން އެރޭވެފައި ހުރި އުފާ އަހަރެންނަށް ބަޔާނެއް ނުކުރެވޭނެއެވެ. ހަމައެގޮތަށް ޒައިދާންވެސް އޭނާގެ އަތްބަކަށް އަހަރެން ވުމުން އޭނާއަށް ކުރެވޭ އިޙްޞާޞްތައް ބަޔާން ކުރިއެވެ. އެރޭ އަހަރެންނަށް ސިފަކުރެވުނީ ލޯބި ލޯބި ހުވަފެނެއްގެ ގޮތުގައެވެ. އެހެނީ، އަހަރެންގެ ދިރިއުޅުމުގައި ޒައިދާން އާއި ދިމާވުމާއި ހަމައަށް އޮތީ، ހިތްދަތިކަމާއި، ހިތާމައާއި، ބިރުވެރިކަން ކަމުގައި ވީތީއެވެ.

(ނުނިމޭ)

46

4 Comments

 1. someone

  March 23, 2019 at 11:29 am

  hey… kurin zaidhaan miihaka indhefa vari vefa huriyya ifaa zaidhaan ge alathu anbakah vaanii kihineh…. i don’t understand

 2. Yaas4

  March 23, 2019 at 8:04 pm

  @someone : Thank you for pointing out.. it was a typo, and it has been corrected 🙂

 3. Shaa

  March 24, 2019 at 9:13 am

  When next part?

 4. [email protected]

  March 27, 2019 at 3:26 pm

  When next part.

Comments are closed.