އެނގުމެއްނެތި…20
އިރުގެ ރަން ދޯދިތައް ދޮރުފޮތިގަނޑު ފާއްދައިލިއެވެ. ލޮލަށް އަލި އެޅުމުން ދެލޯ އިތުރަށް ބާރުކޮށްލި ނަމަވެސް ނިދިން ހޭލެވިއްޖެއެވެ. ބޯ ހިއްލައިލިއިރު ކަނދުރާއިން ނެގި ތޫނު ތަދަކުން އީތަންއަށް އަތް އަޅައިލެވުނެވެ. ރަނގަޅަށް ލޯ ހުޅުވައިލައިފައި ބަލައިލިއެވެ. ނިދުނީ ކުރުގެޅިގެން، ސޯފާގެ އަތްގަނޑުގައި ބޯ އަޅައިގެންނެވެ. ސޯފާގެ އަނެއްފަޅީގައި ބޯޅައެއްހެން ވަށްވެގެން ނިދާފައި އޮތް އަލީޝާއަށް އީތަން ބަލައިލިއެވެ. އަލީޝާގެ ބޯލާކޮޅުގައި ހުރި ދޮރުފޮތިގަނޑުން ކެހިފައިވީ ތަންކޮޅުން އަވި އެޅިފައިވީ ސީދާ އަލީޝާގެ މޫނަށެވެ. އީތަން ސޯފާގައި އިންގޮތަށް އިނދެ އަލީޝާއާއި ދިމާއަށް ގުދުވެލާފައި ދޮރުފޮތިގަނޑު ކަހައިލިވަގުތު އަލީޝާއަށް ލޯ ހުޅުވައިލެވުނެވެ. ފުރަތަމަވެސް ފެނުނީ ކިރިޔާ ގައިގައި ނުޖެހޭ ހިސާބުގައި ހުރަސްވެފައި އޮތް އީތަންއެވެ. އީތަންއަށް އެ އޮޮތްގޮތަށް އޮވެ އަލީޝާާއަށް ބަލައިލެވުނެވެ.
***********************************
“ގުޑް މޯނިންގ!!!…” ބައްތިރީސް ދަތް ދިލުވާލާފައި އީތަން ގޮވައިލިއެވެ. އެއްވެސް އަސަރެއްނެތި ބަލަހައްޓައިގެން އޮތް އަލީޝާާ އީތަންގެ މޭގައި އަޅައި ކޮއްޕާލައިފައި ތެދުވިއެވެ. އަދި ބިންމައްޗަށް ދެފައި ބާލުވާފައި ލޯ ހިރުވައިގަތެވެ. ބޯ ހޭވިފައި ހުރިގޮތުން އިސްތަށިގަނޑަކަށްވުރެ ވައްތަރީ ދޫނި ހާއްޔަކާއެވެ. ހިތް ފުރެންދެން ލޯ އުނގުޅައި ނިމިގެން ކިރިޔާ ހުޅުވިފައި އިން ދެލޮލުން އީތަންއަށް ބަލައިލާފައި އަނގައިން ފައިބައިފައި ހުރި ސޮނިތައް ފޮހެލިއެވެ. އީތަން އިނީ ފަކުރުން ޖައްސާނެ ވައްތަރެއް ނޭންގިފައެވެ.
“ކޯޗެއް ތި ބަލަނީ މާ ވަރަކަށް؟” ވަރެއް ނެތް ކުރަކި އަޑުން އަލީޝާ އަހައިލިއެވެ.
“އެ…އެއްޗެއް ނޫން. ކަލެއާ އިންނާނެ މީހަކަށް ހަމްދަރްދީވަން.” އެހެން ބުނެލުމަށްފަހު އީތަން ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
“މީ ފިލްމެއް ނޫނޭ ދެންމެ މޭކަޕް ކުރިހެން ތާޒާކޮށް ނިދާހޭލާއިރު ހުންނާކަށް… ނޫން! ފާހަނައަށް ނުވަންނާތި! މަޑުކުރޭ!!!” އަލީޝާ ގޮވައިގަތް އަޑަށް އީތަން އަވަހަށް ދުއްވައިގަތެވެ. ސޯފާގައި ފައި ނުދެމުނަސް އެންމެ ފުރަތަމަ ފާހަނަ ހޯދުމުގައި ކާމިޔާބު ވުމަށެވެ. އީތަން ފާހަނައަށް ވަދެފައި ދޮރު ލެއްޕުމުން އަލީޝާ ތުންގަނޑު ދަމައިގެން ފާހަނަ ކުރިމަތީގައި ދެފައި ވަށްކޮށް އިށީނެވެ.
ވީ އެހީތެރިކަމަށް ރިލްވާނަށް ޝުކުރުއަދާކޮށްފައި އީތަންއާއި އަލީޝާ އެނބުރި ރަށަށް ދިޔައެވެ.
“މަ އެބަޖެހޭ ހުސެން ކައްޕި ހޯދަން ދާންވެސް. އިނގޭތަ އޭނަ ގެ ހުންނަތަން؟” ލޯންޗުން ފައިބާފައި އަލީޝާ އެއްސެވެ.
“އޭނަ އުޅެނީ އަހަރުން ގޭ މަގުގަ. ކީއްކުރަން ހޯދަނީ؟” ކޮނޑުގައި ދަބަސް އަޅުވަމުން އީތަން އެއްސެވެ.
އެއީ ފޯނު ބަލައި ދާންށޭ ބުނެވެން އުޅެފައިވެސް އަލީޝާ ހުއްޓުނެވެ. އޭނާ ހުރީ، އީތަން ބަލައި ދިޔައީ ކަނޑުގައި ފަތާފައިކަން، މަރުވިޔަސް އިނގުނަދީގެން ނުވާނޭ ހިތަށް އަރުވައިގެންނެވެ.
“ކަލޯގަޔާ ރޭގަ މަލިކު ލޯންޗު ކަނޑު މެދަށް ހުއްޓުނު ވާހަކަ އެހިންތަ؟ އެ ލޯންޗުގަ ދިޔަ މުދިންބެ ދަރި އަލީޝާ ކަނޑަށް ފުންމައިލައިގެން ފަތާފަޔޯ ދިޔައީ.” ޖޯލީގައި އިން ޒުވާން އަންހެން ކުއްޖަކު ކީ އަޑު އީތަންގެ ކަންފަތުގައި ޖެހި ސަމާލުކަން އަތުލިއެވެ.
“ދޮންބެ ރޭގަ އެއާޕޯޓުގަ އިންދަ ދުށީމޯ އަލީޝާ ތެމި ފޯވެގެން ވަދެގެން ދަނިކޮށް.” އަނެއް ޖޯލީގައި އިން ފިރިހެންކުއްޖާ ބުންޏެވެ.
“މުދިންބެ ހާލު މާ ދެރަވީބާ؟ ޓެސްޓަށް ދޯ އެމަންޖެ ރަށަށް އައީ. އަނެއްކާ އެ ދިޔައީ ކަންނޭންގެދޯ މާލެއަށް.” އަންހެންކުއްޖާ ބުންޏެވެ. އަޑު ނީވޭކަމަށް ހަދާފައި ދިޔަ އީތަން ހުރީ ހައިރާންވެފައެވެ. ހަމަ ހަގީގަތުގައިވެސް އަލީޝާ އޭނާއަށްޓަކައިި އެވަރު ކުރީބާއޭ ހިތަށްއެރިއެވެ.
ކައްޕި އަތުން އަނބުރައި ފޯނު ހޯދައިގެން އަލީޝާ ގެއަށް ދިޔައެވެ. ލައިގެން ހުރި ހެދުން ބޭލިއިރު ލޮނު ވަސް ހުރީތީ، ރިލްވާން ގޭ ސޯފާގައި އަނެއްކާ ވަސް ހިފިބާއޭ ހިތަށްއެރިއެވެ. އޮށޯތްއިރު ހުރީ ހަމަ ގައިމުވެސް އެއްކޮށް ހިކިފައެވެ. އަވަސްއަވަހަށް ފެންވަރައިލައިގެން ސްކޫލަށް ދާން ނުކުތީ ތެޅިފޮޅެމުންނެވެ. ދިހައެއްޖަހާާއިރު ޓެސްޓު އޮތްކަން ނަސީބެކެވެ. އެހެންނޫންނަމަ ލައްވާނުލީސްއެވެ. އެ ދުވަހުވެސް އީތަން ނާދެއެވެ. ޔުނިޓް ޓެސްޓުތައް ނިމިގެންދިޔައިރު އެންމެ ދުވަހަކުވެސް އީތަން ސްކޫލަކަށް ނާދެއެވެ. އެ ދުވަހުގެ ފަހުން އަލީޝާއަކަށް އީތަން ނުފެނެއެވެ.
ގޭންގު ކައިރިއަށް އަލުން ދާހިތް ނެތުމުން އީތަން ހުރީ ފޫހިވެފައެވެ. ގޭގައި އޮވެ ކުރާނެ ކަމެއް ނެތުމުން އާދައިގެން މަތިން ނުކުތީ އަތިރިފަޅިއަށެވެ. ވަކި ހިސާބަކުން ލޮލުގައި އަޅައިގަތީ ހަނި މަގަކުން ނުކުމެ އޭނާއެކޭ އެއްފަދައިން ވެލިގަނޑުމަތީ ހުރި ސީދަލަށް ހިނގާފައި ހުރި ފިޔަވަޅުތަކެކެވެ. ހުސްފައިން އަޅާފައި ހުރި އެ ފިޔަވަޅުތައް އީތަންގެ ފިޔަވަޅުން ފޮހެމުން ކުރިއަށްދިޔައިރު ކުރިންވެސް މިކަހަލަ ކަމެއް ކުރެވުނު ހަނދާނެއްވިއެވެ. ފިޔަވަޅުތައް ފޮހެމުން ގޮސް ހުއްޓެވުނީ ދެފައި ވަށްކޮށްގެން އިށީންދެއިން އަލީޝާ ކައިރިއަށެވެ. އުޑުގައި ރަނިކަން ކުރަމުންދިޔަ ފުރިހަމަ ހަނދަށް ބަލަން އިން އަލީޝާ އީތަންއާއި ދިމާއަށް ބަލައިލިއެވެ. އަދި އެއްވެސް އިހުސާސެއް ދެއްކުމަކާއި ނުލައި އަނެއްކާވެސް ހަނދާއި ދިމާއަށް ބަލައިލިއެވެ.
“ފަހަތު އަޅުވާލައިގެންތަ ތި އުޅެނީ؟” އެ އިން ގޮތަށް އިނދެ އަލީޝާ އަހައިލިއެވެ.
“އެހެންކަމަށް ވިސްނާލާ.” ވެލިގަނޑުމަތީ އިށީންނަމުން އީތަން ބުންޏެވެ.
“ކީއްވެ ސްކޫލަށް ނާންނަނީ؟” އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އަލީޝާ ވާހަކަދެއްކިއެވެ.
“ދާންވީތަ؟” އީތަން އެއްސެވެ.
“މަ ބުނެގެންތަ ސްކޫލަށް އަންނަނީ؟” އަލީޝާ އަނެއްކާވެސް ކުރީ ސުވާލެކެވެ.
“ދެން ހުޅުވުނީމަ ދާނަން. މިހާރު އެމްސީ ދީފަވީ. މި ބަންދުގަ ހެދޭނެ ޓެސްޓުތައް.” އެ ސުވާލަށް ޖަވާބެއް ނުދީ އިނުމަށްފަހު އީތަން ބުންޏެވެ.
“ކަލޭ ބަލިވެގެންތަ ނައީ؟” އަލީޝާ އީތަންއަށް ކުރަން ހުރި ސުވާލުތައް ހުސްނުވެއެވެ.
“ނޫން. އެކަމަކު މަންމަ އެމްސީއެއް ހޯދަައިފި ކޮންމެވެސް ގޮތަކުން، ޓެސްޓުތައް ހަދާށޯ ކިޔާފަ.” ފައިވާން ބާލައިފައި ވެލިގަނޑު ތެރެއަށް ފައިތިލި ގަންބަމުން އީތަން ބުންޏެވެ.
“ތިހެން އުޅޭކަށް ނުވާނެއެންނު މަންމަ ކިހާ ދެރަވާނެތަ؟” އަލީޝާ ނަސޭހަތްދޭން މަސައްކަތްކުރިއެވެ.
“އޯކޭ ބޮޑުދައިތާ. ދެން ބަސްއަހާނަމޭ.” އީތަން ސަމާސާއަކަށް ހަދައިލިއެވެ. އެ ދެމެދުގައިވީ ސީރިއަސް މޫޑުން އޭނާއަށް އުނދަގޫވީތީއެވެ. “ބޮޑުދައިތަވެސް ދެން އެހާ ގިނައިރު މިތާ ނީންދެ ގެއަށް ދައްޗޭ، ޖިންނިއެއް އައިސް ކާލަފާނެ.” ކޮޅަށް ތެދުވެ ޖިންސު ފޮޅާލައިފައި އީތަން އައި ކޮޅަށް އެނބުރި ދިޔައެވެ. އަލީޝާ އީތަންއާއި ދިމާއަށް ބަލައިލިއެވެ. އީތަން ގޮސް ލޮލުކޮޅަށް ގެއްލުނުތާ އިރުކޮޅެއް ފަހުން އަލީޝާވެސް ތެދުވިއެވެ. އައި މަގުންލާފައި ގޮސް ނުކުމެވުނީ ސީދާ ރާއިން ކުރިމައްޗަށެވެ. ދެ ކުދިންވެސް ދިޔައީ އެކަކު އަނެކަކަށް ފެނިފައި ސިއްސައިގެންނެވެ.
“ކިހިނެތްތަ؟” ޖޯލީގައި ތިބިއިރު، ވެރިވެފައިވީ ހަމަހިމޭންކަން ފޫއަޅުވައިލީ އަލީޝާއެވެ. ރަނގަޅޭ ބުނެފައި ރާއިންވެސް ހާލު އަހައިލިއެވެ. އަލީޝާވެސް ހާލު ރަނގަޅޭ ބުނެ ޖަވާބުދިނެވެ.
“ސޮރީ އިނގޭ ކުރީ ރޭ…” ރާއިން އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެއެވެ. ނަމަވެސް އެއީ ކޮން ވާހަކައެއްކަން އަލީޝާއަށް އިނގެއެވެ.
“ކަލޭ އަދިވެސް… މަގޭ ދެކެ ލައިކުވަނީ ތަ؟” އަލީޝާ ސީދަލަށް އެއްސެވެ.
“އާނ. އަލީޝާ މަށަށް ފުރުސަތެއް ނުދޭނަންތަ؟” ރާއިން އާދޭހުގެ ރާގަކަށް އަހައިލިއެވެ.
“މަގޭ ޖަވާބެއް ބަދަލެއްނުކުރާނަން. ސޮރީ. އެކަަމަކު މަ ކަލޭދެކެ ލައިކު ނުވާއިރު ކަލެއާ އެއްކޮށް އުޅުން އެއީ ރަނގަޅުގޮތެއްހެންނެއް ހިއެއްނުވޭ.” އަލީޝާ ހިތުގައި އޮތް އެތި ތެދަށް ބަޔާންކުރިއެވެ.
“އާނ. ގަބޫލުކުރަން.” ރާއިން އެއްބަސްވިއެވެ. “އަސްލު އިނގޭ އަލީޝާ ޖަވާބު ބަދަލު ނުކުރާނެކަން. އެކަމަކު އަލުން ތިހެން ބުނާ އަޑު އަހަން ބޭނުންވީ. ދެން ހަނދާން ނައްތައިލަން.”
“ކަލޭދެކެ ލޯބިވެގެން މޮޔަވާވަރު ކުއްޖެއް އަދި ފެންނިދާނެ. ކަލެއަށްވެސް އެ ކުއްޖެއްދެކެ ލޯބިވެވިއްޖިއްޔާ އެއްކޮށް އުޅޭނީ. އެގޮތް މާ އުފާވެރިވާނެ.” އަޑުއިވޭ މީހަކަށް ހީވާނީ އަލީޝާ އެކަމުން ސަލާމަތްވާން ރާއިންއަށް ދޮގު ހުވަފެންތަކެއް ދައްކަނީހެންނެވެ. ނަމަވެސް އަލީޝާ އެވަގުތު ބުނި ހުރިހާ އެއްޗެއް ބުނީ ހިތުގެއަޑިން ރާއިންއަށް ހެޔޮއެދިގެންނެވެ. އެންމެ ރަނގަޅު ގޮތް ވިސްނައިގެންނެވެ.
“މާލެ ދާން މި އުޅެނީ. އެކޮޅުން މާ ރަނގަޅު ވަޒީފާއެއް ލިބޭތީ.” ރާއިން ބުންޏެވެ. “އަލީޝާ… މަ އަނބުރާ އަންނަ ދުވަހަކުން، ނޫނީ ދެން ދިމާވާ ދުވަހަކުުން އަނެއްކާވެސް މަގޭ އެކުވެރިއަކަށް ވާނަންތަ؟” އެ ދެމެދުގައި މިހާރު ވަނީ އެކުވެރިކަަމެއް ނޫންކަން އިނގޭތީ ރާއިން އެއްސެވެ. މިވަގުތު އެކުވެރިއަކަށް ވާން ނޭހީ ކީއްވެކަން އަލީޝާއަށް އިނގެއެވެ. އެ އިހުސާސްތައް ފޮހެލުމަށް ވަގުތު ބޭނުންވެފައިވާކަން ވިސްނެއެވެ.
“ޔަގީނެންނު.” އަލީޝާ ހީލާފައި ބުންޏެވެ. ރާއިންވެސް ހިނިތުންވެލިއެވެ. އެއީ އަލްވަދާއުއެއް ނޫންކަން ފާހަަގަކުރަމުންނެވެ. “އިންސްޓާއިން ވާހަކަދައްކަންވާނެ ދޭތެރެ ދޭތެރެއިން.” އަލީޝާ ބުންޏެވެ. ރާއިން އިތުރަށް ހެވިފައި ބޯ ޖަހައިލިއެވެ.
އަލީޝާއަށް އޮވެވުނީ ވިނަގަނޑެއްގެ މަތީގައި އެއް އަރިއަކަށެވެ. މީހެއްގެ ފައިތިލަ ގާތްވާތަން ފެންނަން ފެށުމާއިއެކު ހިތުގައިވީ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެ މީހަކު އައިސް ކައިރީގައި ހުއްޓިފައިި އަލީޝާއާއި ދިމާއަށް ތިރިވާން ފެށިއެވެ.
ސިހިފައި އަލީޝާއަށް ލޯ ހުޅުވައިލެވުނުއިރު މާނޭވާ ލެވެއެވެ. ދެލޮލުން ކަރުންތައް ފައިބައިގަތީ ކިހިނެތް ކަމެއް ނޭންގެއެވެ. ނޭވާ ހަމައަކަށް އަޅުވާފައި ކޮޅަށް ތެދުވިއެވެ. އަދި ކޯތާފަތަށް ފޭދިފައި އިން ކަރުނު ރޮނގު އަތުގެ ނުފުށުން ފޮހެލާފައި، ނައިޓްސްޓޭންޑްގައި އަތް ހާކައިލީ ފެން ފުޅި ނަގަންށެވެ. ނަމަވެސް ފެންފުޅި ހުސްކަން ފެނިފައި ތެދުވެ ކޮޓަރިން ނުކުތެވެ. ފެން އަޅަން ބަނދިގެފަރާތަށް ދިޔައިރު މުޅި ގޭ ތެރޭގައިވަނީ މަރުފަދަ ހިނމޭންކަމެވެ. ދުވަސްތަކެއް ފަހުން، އެކަނި ހުންނަން އަލީޝާ އެރޭ ބިރުގަތީ އެ ހުވަފެން ފެނުމުން ކަންނޭންގެއެވެ. އޭނާއަކީ އެންމެ ކުޑައިރުންސުރެވެސް ހިތްވަރުގަދަ ކުއްޖެކެވެ. އެހެނަސް އެ ހާދިސާ އޭނާގެ ހަޔާތައް ގެނުވީ އިންގިލާބެކެވެ. އެ ހުވަފެނަކީ އޭނާގެ ހަމައެކަނި ބަލިފައެވެ.
ސްކޫލު ބަންދުވުމުން ކުރާނެ ކަމެއް ނެތީތީ އަލީޝާާ އިނީ ފޫހިވެފައެވެ. އަލުން މާލެދާކަށްވެސް ރާއިދާ ގަބޫލެއް ނުވިއެވެ. ދެވަނަ ޓާރމަށް ސްކޫލު ހުޅުވެންވާއިރަށް އިރާދަކުރެއްވިއްޔާ ޔޫސުފް ދޫކޮށްލާނެކަމަށް ރާއިދާ ބުންޏެވެ. އެއީ އަލީޝާގެވެސް އެދުމެވެ.
ދޮރުގައި ޓަކިޖެހި އަޑަަށް އަލީޝާ އިސްތަށިގަނޑު އައްސަމުން އައްސަމުން ނުކުތެވެ. ދޮރު ހުޅުވައިލިއިރު ދޮރުމަތީ ހުރި ވަލީދު ހުރީ ފުރަގަސްދީގެން ދަބަސް ހާވަންށެވެ. އަލީޝާ ބޯ އަރިކޮށްލާފައި ކާކުތޯ ބަލައިލަން މަސައްކަތްކުރިއެވެ. ދޮރު ހުޅުވިކަން އިނގުމުން ވަލީދު އެނބުރި ބަލައިލިއެވެ. އަލީޝާ ފެނުމާއިއެކު ވަލީދުގެ ދެލޯ މެރޭވަރަށް ދަތްޕިލަ ދިލުނެވެ. އަލީޝާގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތްހެންނެވެ. ބޮޑު ބިރެއް ފެނުނުހެން މުޅި މީހާ ތުރުތުރުއަޅައިގަތްއިރު ދެފައިކޮޅުން ވަރުދޫނުވީ ކިރިޔާއެވެ.
“އަސްތާ ކަނބުލޯ! ހާދަ ބޮޑުވެއްޖެއޭދޯ.” ވަލީދު ރާގަކަށް ކިޔައިލިއެވެ. އަލީޝާއަށް އެއްފަޅިިއަކަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ ހަށިގަނޑު އޭނާގެ ބާރުގެދަށުގައި ނެތް ކަހަލައެވެ. ދަބަސް ހިފައިގެން ވަލީދު އެތެރެއަށް ވަނެވެ. އެއްވެސް ސުވާލެއް ކުރުމަކާއިނުލައި މަޑުމަޑުންގޮސް ކޮޓަރިއަށްވަނެވެ. ފަހަތުން ދޮރު ލެއްޕުމާއިއެކު އަލީޝާއަށް ބިންމައްޗަށް ތިރިވެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.





mi kon kameh??? kon valeedheh…
Valeedh ei aa character eh
ehnneyy kn valeedheh mihaaru mi ulhenyy btw stry v reethi
Ei aa character eh. Thnx nattu
alisha aa jinc geoana kiran meeheh dhw
Vedhaane. Kuriah huri baithah keema ingeyne
Nice ❤️when’s next part?
thnx next part maadhamaa noon aneh duvahun insha allah
Vrh salhi mi prt❤..ekm e valeedheh ethanah faavyma ma hama vrh rulhi aissi..jinni u r hama fahkaa comedy brww eh????????????..Alysha vx firihenakah dhoonukurey sahaadheh.haha. In Sha allah.. try kurahche bunaa dhuvahah up kohdheyn..Eethanoo alysha ah dhera gotheh e valeedh hedhiya nudhehchey..??❤❤?????????????..Bye ingey..nxt prt ah inthizaaru kuran!!!
Wow… mi bai vs vvv furihama masha allah… alysha e valydheh fenunyma birun tha binmahchah thiri v??? Curiously waiting for the nxt part…
Yeah kinda. Thnx Twinkle
Alysha ah kihineh evee? So much inthizaaru ga next part ah..sunday ga avahah up kurachey
aslu vaahakaiga “kaley” e lafzu innaathi ehaa reehcheh noon kiyaakah, ?? ethankolhu rangalhu kohlaane kamah ummeedhu kuran?
Thnx for the suggestion
Wow varah reethi ❤❤❤❤❤
Thnx