އަހަރެން އެނބުރި އަންނާނަން! … (2 ވަނަ ބައި)
އަހަރެން އެނބުރި އަންނާނަން! … (1 ވަނަ ބަޔާއިގުޅޭ)
އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެނެވެ. ބިރުން މޭގަނޑު އަތަށް އައިކަހަލައެވެ. މިވާން އުޅޭގޮތެއް ނޭނގި ބިރުން ވިރިވިރި އެއްވެސް އެއްޗެއް ނުބުނެ އަހަރެން ހުރީމެވެ.
“ހަޔާތްކުޑަ އަންހެނެެށް މީ” މިހެން ބުނުމަށްފަހު އަހަރެންގެ ‘ކަންކަށި މަތީ’ ވަރަށް ބާރަށް އަޅާ ‘ ވިހެލި’ އެވެ.
“ހަމަ މިހާރު ކަލޭ ‘ރައްކާވޭ’ މިގޭން! އަހަރެންގެ ޙަޔާތް ބަރުބާދު ނުކޮށް!”
މިހެން ބުނުމަށްފަހު ތުއްތަ ވަރަށް ބާރަށް އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
+++++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! … (2 ވަނަ ބައި)
އަހަރެންނަށް ހަދާނެ އެއްވެސް ގޮތެއް ނޭނގުނެވެ. ތުއްތަ ދުވަހަކުވެސް އަހަރެެންނާއި ދިމާލަށް ހަޅޭލަވައެއް ނުހަދައެވެ. ދުވަހަކުވެސް އަހަރެންގެ ގައިގާ ނުވެސް ޖަހައެވެ. އަހަރެންގެ މޫނުމައްޗަށް އިންތިހާއަށް ތަދުވިއެވެ. ވަރަށް ދެރަވެ، ރުޅިވެސް އައެވެ. އެހެނަސް ތުއްތަ މޫނުމަތީ އެއްވެސް އެއްޗެެއް ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ހަމަވަގުތުން އެގެއިން ނިކުންނަން ނިންމީމެވެ.
އެނދުމަތީގައި އިށީނދެގެން އިންއިރު ކަރުނަތައް ހޯސްލާފައި އަހަރެންގެ ކޯތާފަތްމައްޗަށް ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. އަހަރެން ރޯކަށް ބޭނުމެެއް ނޫނެވެ. އެހެނަސް އެ ކަރުނަތައް ހުއްޓުވުން އަހަރެންނަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ.
ފަނަރަ ވަރަކަށް މިނެޓް ގިސްލާ ރުއިމަށްފަހު އަހަރެން އެގެއިން ނިކުމެގެން ދާނެތަނަކާއިމެދު ވިސްނަންފެށީމެވެ. މިވީ ކަންތައް މަންމަ ކައިރީ ބުނަން އަދި އެހާ ބޭނުންނުވާތީ، ކޮންމެވެސް ރައްޓެއްސެއްގެ އެހީ ހޯދުމަށް ނިންމީމެވެ. އަހަރެންނަކީ މާ ގިނަ ރައްޓެހިން ތިބޭ މީހެއް ނޫނެވެ. އަހަރެންނާއި އެންމެ ގާތް ދެ ރަޙްމަތްތެރިއަކަށް ތިބޭނީ، ހުވޭނާ (ހުވޭ) އާއި ލީޝާއެވެ. ހުވޭ ކައިވެންޏަށްފަހު ދިރިއުޅެނީ ފިރިމީހާގެ އާއިލާއާއި އެކު ފިރިމީހާ ގޭގައެވެ. ވުމާއެކު، ހުވޭއަށް ގުޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
އެހެންކަމުން ދެން އަހަރެން މިފަދަ އެހީތެރިކަމަކަށް އެދެން ހުންނާނީ ހަަމައެކަނި ލީޝާއެވެ.
+++++++++++++++++++++++++++++++++++++++++++++
ކަންބޮޑުވެފައި ހުރެ އަހަރެން ލީޝާއަށް ގުޅާ ވެގެން އުޅޭގޮތް ކިޔާދިނީމެވެ. ލީޝާގެ މަންމައަކީ އަހަރެންނަށް ވަރަށް ހެޔޮ މީހެކެވެ. ލީޝާ މަންމައާއި މަޝްވަރާ ކުރުމަށްފަހު، އަހަރެންނަށް އެގޭގައި ހުރެވޭނެ ވާހަކަ އާއި، ލީޝާގެ ދޮންބެ (ލަޙްފާން) ގެ ކޮޓަރީގައި އަހަރެންނަށް ވަގުތީ ގޮތުން ނިދިދާނެ ކަމަށް ބުންޏެވެ. ދޮންބެ ކޮބާތޯ އެހުމުން ދޮންބެ އަނެއްކާވެސް ޖަލަށް ގެންދިޔަ ޙަބަރު އަހަރެންނަށް ލީޝާ ދިނެވެ.
ލަޙްފާންއަކީ މަސްތުވާތަކެެއްޗާއި ވައްކަމުގެ މައްސަލަތަކެއްގައި މެދު ނުކެނޑި އުޅޭ މީހެކެވެ. އަހަރެން އެގެއަށް ގޮސް އުޅުނު ނަމަވެސް މަދުފަހަރެއްގައި ނޫނީ ލަޙްފާން އާއި ދިމަލެއްނުވެއެވެ.
ކޮންމެ އަކަސް އެރޭ އަހަރެން އެގެއަށް ބަދަލުވީމެވެ.
އެގޭގައި އަހަރެން ހަފްތާއެއް ހޭދަވީއިރު، ދަތިއެއްވެސް ކަމެއް އަހަރެންނަކަށް ނެތެވެ. އަހަރެންނަށް ލީޝާއާއި، ލީޝާގެ މައިން ބަފައިން ވަރަށް އޯގާތެރިއެވެ. އެހެންނަމަވެސް އަހަރެންނަށް އެގެއަށް ދޭން އެއްވެސް ފައިސާއެއް ދޭން ނުލިބޭތީ، އަހަރެން ވަރަށް ލަދުގަނެއެވެ. އަދި އަހަރެންނަކީ ބޭކާރު މީހެއްފަދަ އިޙްސާސްތަކެއް އަހަރެންނަށް ކުރެވެން ފަށައިފިއެވެ.
+++++++++++++++++++++++++++++
“އަފާ… ކިހިނެތްވެފަ ތިހިރީ ތިތާ..؟ އަހަރެން ސިޓިންގ ރޫމް ބެލްކަނީގައި މަގުމައްޗަށް ނަޒަރުހުއްޓިފައި ހުއްޓާ ލީޝާ ސުވާލުކޮށްލިއެވެ.
” ކަމެއް ނުވޭ … ހަމަހުރީ.. ” އަހަރެން ލީޝާއާއި ދިމާލަށް އެނބުރިލާފައި ބުނީމެވެ.
“ކަމަކާ ފިކުރުބޮޑުވެފައި ހުންނަހެން ހީވަނީ.. ގޭތެރޭ ކަމަކާ ހިތްހަމަ ނުޖެހުނީތަ؟..” ލީޝާ އޮޅުން ފިލުވުމުގެ ގޮތުން ސުވާލުކޮށްލިއެވެ.
“ނޫން… އެހެނެތް ވަކި ނޫން..! މަންމަ އަށް ގުޅާލަންވެސް ބޭނުންވޭ.. އެކަމަކު ނުކެރޭނެ ގުޅާކަށް..މަންމަވެސް ގުޅާ ނުލާތާ ހަފްތާއެއްވީ..ތުއްތަ ބުނީ ކަންނޭގެ މަންމަ ގާތު ވެގެން އުޅޭގޮތް..! ގޭގަ ހުރީމަ ވަރަށް ވިސްނޭ އެބަ ކަންތައްތަކާ..ވީ އެންމެ އަވަހަށް ވަޒީފާ އަކަށް ދާންބޭނުމީ.. ހެޔޮ ފިހާރައެއްގެ ސޭޓަކަށްވިޔަސް” ކަންބޮޑުވެފައި ހުރިވަރުން އަހަރެންނަށް އެއްފަހަރާ މާގިނަ ވާހަކަ ދެއްކުނެވެ.
“އަހަރެން ބައްޕަ ގާތު ބުނަންތަ، އަފާއަށް ކޮންމެވެސް ވަޒީފާއެއް ބަލާދޭށޭ؟..ބައްޕަ ކައިރީ ބުނިއްޔާ ހީވޭ ވެދާނެހެން.. ” ލީޝާ އަހަރެންނަށް އުއްމީދެއް ދެވޭތޯ މަސައްކަތް ކުރިއެވެ.
“ދެން އަފާ އެހާ ބޮޑަށް ކަންތައްތަކާ ނުވިސްނާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!.. ހަމަޖެހިލައިގެން މަންމައަށް ގުޅާލާނީ… އޭރުން މަަންމައަށްވެސް އިނގޭނެއެންނު އަފާ ކަން ގުޅީވެސް މަންމައާ !..”
ލީޝާ އިތުރަށް އަހަރެން ހިތްހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދޮރުކައިރީ ހުރި ލީޝާގެ ބޫޓަށް އެރިއެވެ.
“ކުޑަކޮށް ލަސްވެއްޖެ މިއަދު.. ދަނީ އިނގޭ… ސައިބޯތި އިނގޭ..” ކުރިން ދުވަހުވެސް އަަހަރެން ސައިނުބޯކަން ލީޝާއަށް އެނގިފައިވާތީ، ލީޝާ މިހެން ބުނުމަށްފަހު ގެއިން ނިކުމެއްޖެއެެވެ.
++++++++++++++++++++++++++++++++++++++++++++
ލީޝާ މަސައްކަތްކުރަނީ ބޭންކެއްގައި ކަމުން އޮފީސް ނިމިގެން ގެއަށް އަންނާނީ ޢާންމުކޮށް ވަރަށްލަހުންނެވެ. ލީޝާ ކިތަންމެ ބުރަކޮށް އޮފީހުގައި އުޅުނަސް އަހަރެންނާއި ވައިބަރ އިން ވާހަަކަ ދައްކާ އަހަރެންގެ ކަންތައްތައް ޗެކްކޮށްލާ ހަދައެެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން އަހަރެންނާއި ލީޝާ އާއި އޮތް ގުޅުން ކުރިއަށް ވުރެވެސް ގާތްވެ، ލީޝާ އާއި ދޭތެރޭ ދައްތައެއް ގޮތަށް ދެކެވެން ފަށައިފިއެވެ.
++++++++++++++++++++++++++++++++++++++++++++
އޭގެ ދެދުވަސް ފަހެވެ. އަހަރެން އެނދުމަތީ އޮށޯވެލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އޮތްވާ ދޮރުގައި ޓަކިހަހާލުމުން އަހަރެން ދޮރުހުޅުވީމެވެ.
އޭތް އިނގޭތަ؟…ބައްޕަ ބުނީ އެބައިނޯ ހާބަރު ކަޑައެއްގަ ވޭޓްރަސްއެއްގެ މަޤާމު..؟ ލީޝާ އަހަރެންގެ މޫނަށް ބަލަން ހުރެ އުފާވެލާފައި ބުންޏެެވެ.
“އެހެންތަ؟ .. އަހަރެންބޭނުން…” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
“އަސްލުވެސް ކެރޭނެތަ ދާން؟.. ” އިތުރަށް ޔަޤީން ކުރުމަށް ލީޝާ އަހާލިއެވެ.
“އާން.. ކެރޭނެ!..ދާނަށް.!.. ބައްޕަ ގާތު ބުނޭ އަހަރެން ދާނެޔޭ އިނގޭ؟.. ޔަޤީންކަން ދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ.
އަހަރެން އެ ގޮތަށް ނިންމީ ލީޝާ މެންގެ ގޭގައި ހިލޭ ހުންނަން ބޭނުންނުވާތީއާއި، އަހަރެން، އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާތީއެވެ.
++++++++++++++++++++++++++++++++++++++++++++
ރެއަކީ ހުކުރު ވިލޭރެއެކެވެ. އާދައިގެ މަތިން މިރެއަކީ ކަޑަ، ވަރަށް ބިޒީރެއެކެވެ. އެއްކަލަ އައްމަޑޭމެން ތިބި މޭޒުން އަހަރެންނާއި ފޮށުމުގެ ބައި ކުރިއަށް ދިޔައެވެ. އެ މޭޒުގެ ފަހަތުގައި އިން މޭޒުގައި އެކަނި އިން ކަސްޓަމަރަށް ފިނި އަލަނާސި ޖޫސްތައްޓެއް ހިފައިގެން އަހަރެން ދިޔައީމެވެ. އަންމަޑޭ މެން ފިއްޓޭމެން ތިބޭ ގޮތަށް ބޯ ދިގުކޮށް ކަންފަތްތޮރުފައިގެން އައިސް ތިބެ، ޢާންމުކޮށް ކަޅުކޮފީއާއި، ރެޑްބުލް އާއި ސިނގިރޭޓާއި އޯޑަރުކުރާ އެ ކެފޭގައި، އެ ޒުވާނާވީ، ބަލާލަން ފަސޭހަ ވަރަށް ސިމްޕަލް ލުކެއް ހުރި ޒުވާނަކަށެވެ.
“އޭތް މަންޖޭ! ހާދަ އަތްމަތި އަަވަހޭ ދޯ..؟ އަހަރުންނަށްވުރެ ފަހުން އައި މީހެކޭ ބަލަ އެއީ!” ފިއްޓޭ އާދައިގެ މަތިން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެންނާއި ދިމާކޮށްލިއެވެ.
“މިރޭ އޭނަ ދޯ ސެޓުވީ؟… އާން އޯކޭ އޯކޭ… ކުރިއަށް!… އަހަރުން ތިބޭނަށް ތި ސްޕެގެޓީގަނޑު ގެނެވެންދެން ..ދޯ ފިއްޓޭ؟..”
އައްމަޑޭ މިހެން ބުނުމުން އަހަރެން ވަރަށް ރުޅިއައެވެ. ރުޅިއައިކަން އެންގުމުގެ ގޮތުން އައްމަޑޭ އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ލޯ އަޅާލިމެެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ އެ ޒުވާނާ އައްމަޑޭ އާއި ދިމާލަށް ވަރަށް ރުޅިއައިސްގެންދިޔަތަނެވެ.
” ކަލޭމެން މިތަނަށް އަންނަނީ މިތާ ތިބޭ މުވައްޒަފުންނާ ފޮށެންތަ؟ ކަލެއަކާ ބެހޭ ކަމެއްނޫނޭ އެއީކީ އޭނައާމަށާ ކޮންމެ ކަމެއް ކުރިއަސް! ދެން ނިކަން ކަލޭމެން އޭނައާއި ބެހިބަލަ! ވާގޮތެއް ބަލާލަން!”
މިހެން ބުނުމަށްފަހު އެޒުވާނާ ކައުންޓަރަށް ފައިސާދެއްކުމަށްފަހު ކެފޭއިން ނިމުމެގެން ވަރަށް ބާރަށް ހިނގައްޖެއެވެ.
އަންމަޑޭމެންވެސް އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ތިއްބެވެ. އަހަރެން އެޒުވާނާ އިން މޭޒު ސާފުކުރަން ދިޔައިރު އޭނާ އޯޑަރުކުރި އަލަނާސި ޖޫސްތަށި އިންގޮތަށް އިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Yaas4..kyp it up❤❤??????..vrh vrh rythi mi prt vx…masha allah..kon irakun nxt prt upkohladheyny..?????????..me first dhw
Omg… Varah excite kohlaafa mi part thi ninmaalyvx.???. But adhi thankolheh dhigu kohlanikoh habeys vaane.. Guarantee… Varah reethi ingey mi story.. Next part avahah up kohla dhehchey ingey… Will b waiting eagerly for the next part ?????❤️❤️?????❤️?
wooow v salhi … next part vx avaha genesh dhehcheyy ?
Salhi !! Appreciate a lot that you have considered my view ? looking forward for the nex part
Wow