އަހަރެން އެނބުރި އަންނާނަން! … (3 ވަނަ ބައި)
+++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! … (2 ވަނަ ބައިގެ ތެރެއިން)
” ކަލޭމެން މިތަނަށް އަންނަނީ މިތާ ތިބޭ މުވައްޒަފުންނާ ފޮށެންތަ؟ ކަލެއަކާ ބެހޭ ކަމެއްނޫނޭ އެއީކީ އޭނައާމަށާ ކޮންމެ ކަމެއް ކުރިއަސް! ދެން ނިކަން ކަލޭމެން އޭނައާއި ބެހިބަލަ! ވާގޮތެއް ބަލާލަން!”
މިހެން ބުނުމަށްފަހު އެޒުވާނާ ކައުންޓަރަށް ފައިސާދެއްކުމަށްފަހު ކެފޭއިން ނިމުމެގެން ވަރަށް ބާރަށް ހިނގައްޖެއެވެ.
އަންމަޑޭމެންވެސް އިތުރު އެއްޗެއް ނުބުނެ ފާޑަކަށް ތިއްބެވެ. އަހަރެން އެޒުވާނާ އިން މޭޒު ސާފުކުރަން ދިޔައިރު އޭނާ އޯޑަރުކުރި އަލަނާސި ފަނިތަށި އިންގޮތަށް އިނެވެ.
++++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! … (3 ވަނަ ބައި)
ކޮންމެއަކަސް މިވީ ކަންތަކުން އަހަރެންނަށް ޙައިރާންކަމެެއް ލިބުނެވެ. ސަބަބަކީ މި ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި އަހަރެންނާއި ދިމާކޮށް ފޮށެ ހަދާ ބަޔާކާއި ދިމާލަށް އަހަރެންގެ ދިިފާޢުގައި އެއްޗެކޭ ބުނާނޭ މިހަކު ނުވާތީއެވެ. ކުޑަމިނުން ކެފޭ ބޮޑުމީހާއަށް ވެސް އެކަން އެނގިހުރެމެ، އެއްޗެކޭ ނުބުނާތީއެވެ.
އޭގެ ހަފްތާއެއްފަހެވެ. އަހަރެންގެ އޮފް ދުވަސްކަމުން ލީޝާ އާއި އެކީ އަހަރެން ފިހާރައަކަށްގޮސް ހުއްޓާ އަހަރެންނަށް ފޯނެއް އައެވެ. ނުދަންނަ ނަންބަރެއް ވިޔަސް ފޯނު ނެގުމަށް އަހަރެންގެ ހިތް އެދުނެވެ.
“ހަލޯ..އަފާތަ؟ އެކޮޅުން ބުންޏެވެ.
” އާން.. އަފާ.. ތީ ކާކު..” އަހެރެން ޙައިރާންކަމާއެކު ބުނީމެވެ.
“މީ.. މީރައްޓެއްސެއް” އެކޮޅުން އަނެއްކާވެސް ބުންޏެވެ.
” އަފާގެ ނުތިބޭނެ ފިރިހެން ރައްޓެހިންނެއް” އަހަރެން ގަޔާނުވާ ކަން ދެއްކުމުގެ ގޮތުން މިހެން ބުނުމަށްފަހު ފޯނު ބޭއްވީމެވެ.
އެރޭއަހަރެންނަށް އެ ފޯނުކުރި މީހާއާއި ދޭތެރޭވިސްނެން ފަށައިފިއެވެ. ކާކުބާއޭ ހިތަށް އެރިއެވެ. ހާދަ ހިތްގައިމު އަޑެކެވެ. އެހާމެ ފިރިހެން ވަންތައެވެ. އަހަރެންގެ ހިތް އެއަޑު އިތުރަށް އަހަން ބޭނުންވިއެވެ. އެހެނަސް އިސްވެ ފިރިހެންކުދިންނަށް ގުޅާ ނޫޅޭތީ، އެކަންކުރަން އަހަރެން ޖެހިލުންވިއެވެ. މިޒާޖުގެ ގޮތުން އަހަރެންނަކީ މީހުންނާއި މާ ވާހަކަދައްކާ ހަދާ މީހެއްނޫނެވެ. ޙާއްސަކޮށް ނުދަންނަ މީހުންނާއި އިސްވެ، ވާހަކަދައްކާ އަމުދުން ނޫޅެމެވެ.
ޖެހިގެން އައިދުވަހު ހަވީރު ޑިއުޓީ ނިންމާފައި އަހަރެން ކެފޭ އިން ނިކުތްއިރު ދޮރުމަތީ އެއްކަލަ ޒުވާނާ ހުއްޓެވެ. މާބޮޑު ސަމާލުކަމެއްނުދީ އަހަރެން ކާރަކަށް ގުޅުމަށް ފޯނުނެގީމެވެ. ދެތިން ޓެކްސީ ސެންޓަރަށް ގުޅުމަށްފަހުވެސް ޓެކްސީއެއް ނުލިބުމުން، މަގުމަތިން ޓެކްސީ އެއް ނަގާނަމޭ ހިތާ އަތްދިއްކޮށްލީމެވެ. އިސާހިތަކު ޓެކްސީއެއް ކައިރި ކުރިއެވެ. ނަމަވެސް އަހަރެން އެ ޓެކްސީއަށް އަރަން ބޭނުންނުވިއެވެ. ޓެކްސީވެސް ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ނައްޓާލިއެވެ. އޭގައި އިނީ އަފްސަލްއެވެ. އަހަރެން އެންމެ ނަފްރަތު ކުރާ މީހާއެވެ.
“ކީއްވެ އެޓެކްސީ އައިމަ ނޭރީ؟” އަަހަރެން ފަހަތަށް އެނބުރި ބަލައިލިމެވެ. އަހަރެންގެ ފަހަތުގައި ހުރެ އެއްކަލަ ޒުވާނާ އަހަރެންނާއި މުހާތަބުކޮށް ބުންޏެވެ.
އަހަރެންނަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ. އެއީ ކުރިން ދުވަހު އަންމަޑޭ މެންނާއި އަންމަޑޭމެން އަހަރެންނާއި ދިމާކުރި އިރު، އަހަރެންގެ ދިފާޢުގައި އެމީހުންނާއި ދިމާލަށް އެއްޗެހި ކީ ޒުވާނާއެވެ.
“ކަމެެެެެއް ނުވޭ!” އެޒުވާނާ ވާހަކަދެއްކީ އަހަރެންނާއި ކަން އެނގުމުން އަހަރެން ޖަވާބުދިނީމެވެ.
“އަަހަރެންނާއި އެކީ ސައިކަލުގައި ދާން ކެރިދާނެތަ؟ ގެއަށް ގެންގޮސް ދީފާނަށް. ޓެކްސީއެއް ފަސޭހައިން ނުލިބޭނެ މި މާލެއަކުން މިހާރަކު” އެޒުވާނާ އަހަރެންގެ މޫނަށް ބަލާލަމުން ބުންޏެވެ.
އަހަރެން ދެ ފިކުރެއްގައި އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރީމެވެ. ވެފައި ހުރި ވަރުބަލިން އިތުރަށް ޓެކްސީއެއްގެ އިންތިޒާރުގައި ހުންނާނެ ހިތްވަރެއް ނެތުމުން، އަހަރެން އެ ޒުވާނާ އާއެކު ގެއަށް ދާން ނިންމީމެވެ.
އަހަރެން އޭގެ ކުރިން ދުވަހަކުވެސް ފިރިހެން ކުއްޖެއްގެ ސައިކަލް ފަހަތަކަށް ނާރަމެވެ. ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެސް ވިއެވެ. ބާރަށް މޭގަނޑު ތެޅެންފަށާއި، ނޭވާވެސް އަވަސް ވާހެން ހީވިއެވެ.
“ހާދާ ހާސްވެފައި ތިހިރީ؟.. އަހަރެން ގޮތެއް ނަހަދާނަމޭ” އަހަރެންގެ މޫނުމަތިން ހާސްކަން ފެނުމުން އޭނާ ބުންޏެވެ.
އަހަރެން އެކަމާ އެއްބަސް ވާކަށް ބޭނުމެއް ނުވިއެވެ. އަދި ކޮންމެހެން ދެބަސް ވާންވެސް ބޭނުންނުވާތީ، ވަކިއެއްޗެެއް ނުބުނެ އޭނާގެ ސައިކަލް ފަހަތަށް އަހަރެން އެރީމެވެ.
އޭނާ އަހަރެންް ގެއަށް ގެންދިޔަ މަގުމަތީ ގެންދަންވީ ހިސާބު އެހުން ފިޔަވާ، އެހެން އެއްވެސް ވާހަކައެއް ނާހައެވެ. ކުޑަމިނުން އަހަރެންގެ ނަންވެސް ނާހައެވެ.
އަހަރެން އޭނާއާއެކު ސައިކަލްގައި ދަތުރުކުރަމުން ދިޔައިރު އޭނާ ލައިގެން އިން ކަޅު ޓީޝާޓްގައި ވައި އެޅޭމުންދިޔަ އިރު، ދުވި ހިތްގައިމު މީރު ސެންޓުގެ ވަހުން އަހަރެންގެ ހިތްފުރި، ވެފައިވާ ވަރުބަލިކަމަށްވެސް ލުޔެއް ލިބިގެން ދިޔަ ކަމުގެ އިޙްސާސް ކުރެވެވުން ދިޔައެވެ. މުޅި ރޭ އެއްކޮން އެ ގޮތް ނޭނގޭ މީހާގެ ސައިކަލް ފަހަތުގައި އިންނަން އަހަރެން ބޭނުންވިއެވެ. ދެމީހުންގެ ދެމެދުގައިވާ ހަމަހިމޭން ކަމުގެ ތެރެއިން ދުއްވަމުން ދިޔައިރު އަހަރެންގެ ހިތުގެ ވިންދުވެސް އަހަރެންނަށް އިވޭހެން ހީވިއެވެ.
ދިހަ ވަރަަކަށް މިނެޓަށް ފަހު އަހަރެންނަށް ގެއަށް ދެވުނެވެ. އެވަގުތުގެ ތެރޭގައި އޭނާ އަހަރެންނާއި އެއްވެސް އިތުރު ވާހަކައެއް އޭނާ ނުދައްކައެވެ. އެކަމުން އަހަރެންނަށް ޙައިރާންކަމެއް ލިބުނެވެ.
އާންމުކޮށް އަންހެންކުއްޖަކު ސައިކަލެއްގެ ފަހަތަށް އަރާފިނަމަ، މި އުޅޭ ފިރިހެން ކުދިންގެ ފިސާރި ވާހަކަ އޮންނާނެއެވެ. ނަމާއި، ފޯނު ނަންބަރާއި، ބަނޑުއޮތް ބިހަށް ދަންދެން އަހާނެއެވެ، އެއާއި ޚިލާފަށް އެ ޒުވާނާ ވީ ތަފާތު މީހަކަށެވެ.
+++++++++++++++++++++++++++++++++++++++
އަހަރެންނަށް ހަމަ ޙަޤީޤަތުގައިވެސް އެ ޒުވާނާއާއި ދޭތެރޭ ޝައުޤުވެރިކަން އުފެދިއްޖެއެެވެ. ވާހަކަ ދައްކާލެވޭނެ ނަމައޭ ހިތަށް އެރިއެެވެ. ނަންބަރެއްވެސް އަހަރެންނަކަށް އެނގެނީކީ ވެސް ނޫނެވެ. އޭނާ ގުޅާލާނެ ނަމައޭ އަހަރެންގެ ހިތަށް ވަރަށް އަރައެވެ. މިފަދަ ވިސްނުންތަކެއްގައި އެނދުމަތީ އޮއްވާ ކޯލެއް އައެވެ.
“ހަލޯ!… ” އެކޮޅުން ބުންޏެވެ.
“ހަލޯ.. ” އަހަރެންވެސް ޖަވާބުދިނީމެވެ. ކުޑަކޮށް ހިތް އަވަސް ވާގޮތް ވެހުރެއެވެ.
“އަފާ…ދޯ ؟ ގުޅިމީހާ ޔަޤީން ކޮށްލުމަށް ބުންޏެވެ.
“އާން.. އަފާ…ތީކާކު؟ އަހަރެން ޝައްކުމަތީހުރެ ބުނީމެވެ.
” ނޭނގޭ މީހުންނާ ވާހަކަ ނުދައްކަންދޯ؟… އެކަމު އަހަރެން އެނގޭނެ މިހާރު؟ އެކޮޅުން ބުންޏެވެ.
“އަދި ނޭނގުނު..” އަހަރެން ނޭނގޭ ކަމަށް ހެދުމަށް މަސައްކަތް ކުރީމެވެ.
“މީ ޒައިދާން.. ކުރިންދުހު އަފާ ގެއަށް ގެންގޮސް ދިން …” އެކޮޅުން ބުންޏެވެ.
” އޯ.. އާން..އެގިއްޖެ… ކުރިން ދުހުވެސް ގުޅިންދޯ؟ ކުޑަކޮށް ރަކިވެފައި ހުރެ، އެހެނަސް ޔަޤީން ކޮށްލަން ބޭނުންވެފައި ހުރުމުން އަހަރެން އެސުވާލު ކޮށްލީމެވެ.
“އާން.. އަހަރެން ގުޅީ.. އެދުވަހު ނޭނގޭ މީހުންނާ ވާހަކަ ނުދައްކަމޭ ބުނީމަ، ކުޑަކޮށް އެނގޭވަރު ކޮށްފަ، މިއަދު މިގުޅީ..” ޒައިދާން ބުންޏެވެ.
“އެހެންތަ!.. ދެން ބުނެބަލަ ކިހިނެތް މަގޭނަން ހޯދީ..؟” އަހަރެން ޝައުޤުވެރިކަމާއެކީ އެހީމެވެ.
“ދެން ހޯދަން އުޅޭ މީހަކަށް ހޯދޭނެދޯ؟… ޒައިދާން ސަކަ ރާގަކަށް އެހެން ބުނެލިއެވެ.
އަހަރެންގެ ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. ހަމައެއާއެކު އުފާވެރިކަން އިޙްސާސް ވިއެވެ.
“ދެންމި އިނގުނީނު އެކަކު އަނެކަކަށް؟.. އޯކޭ ތަ ދޭތެރެއަކުން އަހަރެން ގުޅާލިޔަސް؟..” ޒައިދާން ހުއްދަ ހޯދާލުމނުގެ ގޮތުން އަހާލިއެވެ.
“އާން.. ގުޅާލުމަކުން މައްސަލައެއް ނޯންނާނެތާދޯ ދެން.. ” އަހަރެން ބުނެލީމެވެ.
ޒައިދާންގެ އަޑުގައި ހުރި ހިތްގައިމު ގޮތުުން އަހަރެން އިތުރަށް ވެސް ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެނަސް ފުރަތަމަ ކޯލުން އެކަން ހާމަކުރުން އެއީ އެހާ ބުއްދިވެރި ގޮތެއް ކަމުގައި އަހަރެން ނުދެކުނީއެވެ.
++++++++++++++++++++++++++++++++++++++++
އެދުވަހުން ފެށިގެން އަހަރެންނާއި ޒައިދާން އާއި ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކަމެވެ. ވައިބަރ މެސެޖުންނާއި، ކޯލުންނެވެ. ހޭލެވެނީ ވެސް ޒައިދާންގެ މެސެޖަކުންނެވެ. ނިދުމުގެ ކުރިންވެސް އެންމެ ފަހުން ކިޔަނީ ޒައިދާންގެ މެސެޖެކެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނަށް ޒައިދާން ކަމުދާން ފެށިއެވެ. ޒައިދާން ދެކިލަން ހިތް އެދެންފެށިއެެވެ. ކަޑާގައި ޑިއުޓީ ގައި ހުންނައިރުވެސް ޒައިދާން އެތަނަށް އަންނާނެ ނަމައޭ ބަައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ.
ޒައިދާން މަސައްކަތްކުރަނީ ޒައިދާން ބައްޕަގެ ވިޔަފާރީގައި ކަމުން ޒައިދާންއަށް ހުސްވަގުތު ވަރަށް ލިބެއެވެ. އަހަރެން ޑިއުޓީ ނިމޭގަޑީ ބަލާ ޒައިދާން އައުން ގިނަވެ، މަޑުމަޑުން އަހަރެމެން ދެމީހުން އެކަކު އަނެކަކު ދަސްކުރަމުން، ގަޔާވަމުން ދިޔައީމެވެ.
ޒައިދާން އަކީ މާލޭގައި މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިކަމަށާއި، ޒައިދާން ކުރިން ކައިވެންޏެއްކޮށް، އެ ކައިވެނި ރޫޅުނުތާ ދޮޅު އަހަރުވެފައިވާކަންވެސް އަހަރެންނަށް އެނގުނެވެ. އަދި އެކައިވެންޏަށް ދަރިއަކު ނެތެވެ.
އަހަރެންވެސް، އަހަރެންގެ އާއިލާއާއި ބެހޭ ގިނަ ވާހަކަ ޒައިދާންއާއި ޙިއްސާކުރީމެވެ. ތުއްތަމެންގެ ގޭގައި އަހަރެންނަށް ދިމާވި ކަންތަކުގެ ތަފްޞީލުވެސް އަހަރެން ޒައިދާންގާތު ކިޔައިދިނީމެވެ. ޒައިދާން އެކަމާ އަފްސަލްދެކެ ވަރަށް ނަފްރަތު ކުރިއެވެ. އަފްސަލް ފެނިއްޖެއްޔާ ‘ހޭއަރުވާލެވިދާނޭ’ ވެސް ބުންޏެވެ. ޒައިދާންގެ މިޖުމްލައިން އަހަރެން ދެކެ ޒައިދާން ލޯބިވާވަރާއި، އެހެންމީހެއްގެ ގޯނާއާއި، އަނިޔާ ލިބެން ބޭނުން ނުވާކަން އަހަރެންނަށް އެނގި، އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރުކުރަން ފުރުސަތު ލިބިގެން ދިޔައެވެ. އަދި އޭގެ އިތުރުން ނުރުހުމުގައި އަންހެންކުދިންނާއި ‘ބެހުމާއި’ ‘ފޮށުމަކީ’ ޒައިދާން ވަރަށް ނަފްރަތު ކުރާ ކަންތައްތަކެއް ކަންވެސް އަހަރެންނަށް އެނގުނެވެ. ޒައިދާން އަންމަޑޭމެންނާއި ދިމާލަށް އެދުވަހު އެއްޗެހި ކީވެސް އެހެންވެގެންތާއޭ އަހަރެން ހިތަށް އެރިއެވެ. ޒައިދާންގެ މިސިފައިގެ ސަބަބުން އިތުރަށް ޒައިދާން އަށް އަހަރެންނަށް ކުރާ ޢިހްތިރާމް ބޮޑުވެގެން ދިޔައެވެ.
ދުވަސްތައް ހަފްތާތަކަށް ބަދަލުވެގެން ގޮސް، އަހަރެންނާއި، ޒައިދާންގެ ނަންވެސް ލޯބިވެރިންގެ ލިސްޓުގެ ކުރީ ސަފަށް އަރައިފިއެވެ. ޒައިދާން އަހަރެންނަށްވުރެ 5 އަހަރު ދޮށްޓެވެ. އެއި އަހަރެންނަކަށް މައްސަލައެއް ނޫނެވެ. އަހަރެންދެކެ ޒައިދާން ލޯބިވާ މިންވަރު އަހަރެންނަށް ޒައިދާން އަބަދު ބުނެދެއެވެ. ލޯބި، ކުދި ކުދި ކަންކަމުން ޒައިދާން އަަހަރެން ހައިރާންކޮށްލައެވެ. ޒައިދާން އާއި އެކީ އުޅެން ފެށުމުން އަހަރެންނަށް ރައްކާތެރި ކަމާއި ޙިމާޔަތް އިޙްސާސްކުރެވެން ފެށިއެވެެ. އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޒައިދާން އަށް އަހަރެން އެނގެއެވެ. އަހަރެންނަށް މީރު ކާއެއްޗެއްސާއި، އަހަރެންނަށް މީރުވަސްދުވާ ސެންޓާއި، އަހަރެން ކުރާ ހިތްވާ ކަންތައްތަކާއި، އަހަރެން ދާހިތްވާ ތަންތަންވެސް ޒައިދާން އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޒައިދާންގެ ލޯބީގައި އަހަރެން ފިޔަޖަހަމުންދިޔައީމެވެ. ވަޢުދުތަކާއި އަޙުދުތައް ކުރަމުން އަހަރުމެންގެ ލޯބީގެ ދުވަސްތައް ގުނަމުން އުފަލާއެކު ކުރިއަށް ދިޔައީމެވެ.
++++++++++++++++++++++++++++++++++++++++++++
“އިފާ…އަހަރެން އެބޮތް އިފާކައިރީ ވާހަކައެެއް ދަންކަންވެފައި” ޒައިދާން ސައިކަލުގައި އަހަރެން ގޮވައިގެން ބުރެއްޖަހާލަން ދަމުން ބުންޏެވެ.
“އެހެންތަ؟… އަނެއްކާ މާބޮޑު ވާހަކަ އަކީތަ؟” އަޅެ ތިބުނާ ވާހަކައެއް ދައްކަބަލަ! އަހަރެން ހަމަޖެހިލާފައި ބުނީމެވެ.
“އާން.. ހިނގާ މިތަނުން ކާތަނަކަށް ވަދެލަމާ…އޭރުން ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނެ އެންނު؟”
ޒައިދާން ޙިޔާލެއް ދިނެވެ.
“އަލަނާސި ފަނި ބޮވައިގަތީދޯ”…އަހަރެން ހެމުން ބުނެލީމެވެ.
“އާން.. އަލަނާސި ފަންޏެއް ބޮވިއްޖެއްޔާ ދެން ވަރަށް ހަަމަޖެހިގެން ވާހަކަ ދައްކާލެވޭނެ!” ޒައިދާންވެސް ހެމުން ބުނެލިއެވެ.
ހުޅުމާލެ ބީޗުން ދުއްވަމުން ދަމުން ޒައިދާން ބީޗްގައި އިށީނދެވޭ ގޮތަށް ގޮނޑިޖަހާފައި ހުރި ރެސްޓޯރެންޓެއްގައި އަހަރެން ބެއިންދުމަށް ފަހު އަހަރެންގެ ކުރިމަތީ އިށީނެވެ.
“މިރޭ ހާދަ ލޯތްބޭ..” ސީދާ އަހަރެންގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ޒައިދާން ބުންޏެވެ.
” ހޫން…ތީ ތަ ތި ދައްކަން ތިއައި ވާހަކައަކީ..؟” އަހަރެން ރަކި ނުވާކަމަށް ހެދެމުން ބުނީމެވެ.
“މީވެސް އޭގެ ބައެއް!؟..” ޒައިދާން ލާނެއް ގޮތަކަށް ބުންޏެވެ.
“ދެން ސަކަރާތް ނުގަނެ ބުނެބަލަ! އަހަރެން ޒައިދާން އަތުގައި ހިފާލަމުން ބުނީމެވެ.
(ނުނިމޭ..)
+++++++++++++++++++++++++++++++++++++++++++++
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Kiyaalaafa comment eh kohlaanan?
Wow…. amazing storyyyy ?
Vrh chaalu???????
Konirakun fat next part
wow vr rythi story.. masha allah… nxt part kon dhuvahakun
Wow! ?