
ސިއްރު 16 (ފަހުބައި)
“އޭ ތިގޭގަ ވެއްޖެ އާލްގެ ލެޕް.. އެ ގެންދިޔަގޮތަށް ބާއްވާފަ އެއިރު އައީ.. ތިގެއަށ ްގޮއްސަ އެހެން ވީމަ ދެވޭނީ..” އާހިލް ވެސް ހަނދާން ބައްޔެވެ. އަހަރެމެން ގެއަށް އެއްޗެއް ގެންގޮއްސިއްޔާ ދުވަހަކުވެސް ދެވަނަ ފަހަރު އޭއްޗެއް ބަލައި އަލުން ބަލުން ގެއަށް ނުގޮހެއް ނުވާނެއެވެ. އެއްޗެއް ގެންގޮސްފިނަމަ އޭތި އަނބުރާ ގެންދަން ހަނދާން ނައްތާލާނެއެވެ. “ހިނގާ..” އަހަރެންވެސް އޭނާ ގޮވައިގެން ދާން އެއްބަސްވީމެވެ.
ގޭގެ ދޮރު އަހަރެން ހުޅުވާލީ ނިކަން މަޑޫމަޑުންނެވެ. އަހަރެމެން އެތެރެއަށް ވަތް އިރު ކުޑާ ބެލްކަނިގައި ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަން ހުއްޓެވެ. އަހަރެންގެ ކުރިން ދިޔައީ އާހިލް ކަމުން އަހަރެން ދިޔައީ އޭނާގެ ފަަތުން މަޑޫމަޑުން ހިނގާލައިފައެވެ. އަހަރެންގެ ކޮޓަރި އިންނަނީ ގޭގެ ބެލްކަންޏާ އެންމެ ގާތުގައެވެ.
“ދެން ކޮންމެވެސް ގޮތެއް ހަދާބަލަ.. ރުޅި އަރުވާނުލެވުނިއްޔާ ދެން ހަމަ އާޔާ އަށް ހެދިހެން ކޮއްޕާލެވިދާނެއްނޫންތަ.. މަ ސަލާމަތް ކޮށްދޭނަމޭ މިފަހަރުވެސް..” އަހަރެންގެ ދެފައި ހުރި ތަނަށް ގަނޑުވީ އިވުނު އަޑުތަކެއްގެ ސަބަބުންނެވެ. އަހަރެންގެ ކަންފަތަށް މި އިވެނީ ހަމަ ޙަޤީގަތް ބާވައެވެ؟ ނޫނީ މިއީ އަހަންނަށް ހީވާ ގޮތްބާވައެވެ؟
ނޫނެކެވެ. ކުޑާ އެހެންނެއް ނަހަދާނެއެވެ. ކުޑާ އެޔަސްވުރެ އަހަރެމެން ދެކެ ލޯބިވާނެއެވެ. އިތުރަށް ކެތް ނުވުމުން އައި ބާރުމިނުގައި އަހަރެން ކޮޓަރިއަށް ވަނީއެވެ. އާހިލްވެސް އައިސް އަހަރެން ފަހަތުން ވަނެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އާހިލް އަށްވެސް ކުޑާގެ ހެޔޮކަން އިނގޭނެއެވެ. އަހަންނާއި މެދު ބަހައްޓާ ގާތްކަމާއި އަޅާލުން ފެންނާނެއެވެ. “ޔާން.. މިއީ ކޮން ކަމެއް؟ ކިކޭ ޔާންގެ ކުޑާ އެކިޔަނީ؟” އަހަންނާއި އާހިލް ކުރި ސުވާލު އެއީ ޚުދު އަހަންނަށްވެސް ޖަވާބު ލިބެން ނެތް އެއްޗެއް ފަދައެވެ. އޭނާއަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެން އަތުގަ އެޔަށް ދޭނެ އިތުރު އެއްވެސް ޖަވާބެއް ނެތެވެ.
“ސަސްޕެކްޓްސް ލިސްޓަށް އަނެއްކާ ޔާންގެ ކުޑާވެސް އިތުރު ކުރަން ވީތަ؟” އަހަރެން އެނދުގައި އިށީން ގޮތަށް ޚިޔާލަކަށް ގެއްލިފައި އިންދާ އަނެއްކާވެސް އާހިލް ސުވާލުކޮށްލިއެވެ. “ކީކޭ ބުނާނީވެސް ތިކަމަށް.. އަދިވެސް އިތުރަށް ޒަޔާން ގާތުން އެއްޗެއް އިނގޭތޯ ބަލަން ވީ.. އިރާދަކުރެއްވިއްޔާ އަހަރެމެންނަށް އަދި މިކަމުގެ ޙަޤީގަތް އިނގޭނެ އެއްދުވަހަކުން.. އަހަރެންގެ ހިތެއް ނުބުނޭ ކުޑާ ހަމަ އެކަހަލަ ކަމެއް ކޮށްފާނެޔެކޭ..” އަހަރެން އާހިލް ގާތު ބުނީމެވެ. އަހަރެންގެ ހިތުގައި މިހާރު އުފެދިފައިވާ ޢަޒުމަކީ އެހާ ފަސޭހައިން ބަލިކަށި ކޮށްލެވޭނެ އެއްޗެއް ނުނެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާ ވަރަށް އަވަހަށް އަހަރެމެން މި ސިއްރު ހޯދާނަމެވެ.
އާ ދުވަހަކަށް އިރު އެރީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އެކި މީހުންގެ ދިރިއުޅުންތައް ބަދަލު ކުރަމުންނެވެ. އެއްބައެއްގެ ހިތަށް އުފާވެރިކަން ލިބެމުން ދިޔަ އިރު އަނެއްބަޔަކަށް ދިޔައީ ހިތާމައާއި ވޭން ތަޙައްމަލު ކުރަން ޖެހެމުންނެވެ. އާދައިގެ މަތިން އަހަންނާއި އާހިލްވެސް މަޑު ހިނގުމެއްގައި ދިޔައީ ސްކޫލަށް ދާށެވެ. މިއަދު އަހަރެމެން ދެމީހުންގެ ހިތުގައި ވަރުގަދަ ޢަޒުމެއް އެބަ ވެއެވެ. އިރާދަކުރެއްވިއްޔާ މިއަދު ހުރިހާ ޙަޤީގަތެއް ހޯދޭތޯ އަހަރެމެން ދެމީހުންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަމެވެ. ހުރިހާވެސް ދުޢާއަކީ އަހަރެމެންގެ މި މަސައްކަތުގައި ﷲ ބަރަކާތްލެއްވުމެވެ.
ކްލާހުގައި ދަބަސްތައް ބެހެއްޓުމަށްފަހު އަހަންނާއި އާހިލް ކުލާހުން ނިކުތީ ހޯލަށް ދާށެވެ. މިއަދަކީ އެސެމްބްލީ އޮންނަ ދުވަސް ކަމަށް ވާތީ ދާން ޖެހެނީ ހޯލަށެވެ. ހޯލަށް ވަންނަން އިން މައިދޮރުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ކޮންމެވެސް މީހެއްގެ ގައިގައި އަހަރެން ލައިގަތެވެ. ބާރު ފިޔަވަޅުތަކެއްގައި އެމީހަކު ކުރިއަށް އެ އައީ ޖެހޭ މީހަކުވެސް ވެއްޓޭނެހާ ބާރަށެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން މިއަދު މި ސަލާމަތް ވީތާއެވެ. ނުރުހުންވެފައި އަހަރެން އިސްއުފުލާ އެމީހަކާއި ދިމާލަށް ބަލައިލީމެވެ.
ޒަޔާން؟ އެހެން މީހުން ހޯލަށް ޖަމާވަމުން ދިޔައިރު ޒަޔާން ހޯލުން ނިކުންނަނީ ކީއްކުރަން ހެއްޔެވެ؟ އަހަރެން އޭނާއަށް ދެބުމަ މަގުލަސް ޖަހައިގެން ހުރެ ބަލައިލި ނަމަވެސް އޭނާ އަހަންނާއި ދިމާލަށް ބަލައިލީ އެއްމިޔަކަނުން ހީލައިގެން ހުރެއެވެ. އައި ރުޅިން އޭނާގެ މޫނުމަތީގައި ޖަހައިފާނަމޭވެސް ހިތަށް އެރިއެވެ. ދެދަތްޕިލަ ފިއްތާ ބާރުކޮށްލަމުން އަހަރެންގެ ރުޅި އަމިއްލަ ބާރުގެ ދަށަށް ގެނައީމެވެ. މިވަގުތު ތަޅާފޮޅުމެއް ހިންގައިފިނަމަ ސްކޫލުން އަހަރެން ސަސްޕެންޑްވެސް ކޮށްފާނެވެ. އޭނާ ދައްކާހާ ފަރިއެއް ބަލަން ނުހުރެ އަހަރެން އާހިލްއާއިއެކު ގޮނޑިބަރިއާއި ދިމާއަށް ގޮސް ކުރީބަރިން ގޮނޑިއެއްގައި އިށީނީމެވެ.
މުޅި ތަން ގުގުމާލައިފައިވަނީ ކުދިންގެ ފިޔަވަޅުތަކުގެ އަޑާއި ކުދިން ވާހަކަ ދައްކާ އަޑުންނެވެ. ދެމީހަކު ގާތުގަ ހުރެގެން ދައްކާ ވާހަކައެއްވެސް ރަނގަޅަށް ވިއްޔާ އަޑުއިވޭނީ ހަޅޭތްލަވާހާ ބާރަށް ދައްކައިގެންކަން ގައިމެވެ. އަހަންނާއި ޖެހިގެން އިން ގޮނޑީގައި އާހިލް އިށީނދެގެން އިން އިރު ކުރީބަރީގެ ހުރިހާ ގޮނޑިއެއް ހުރީ ފުރިފައެވެ. އަހަރެމެންގެ ފަހަތުގައި ހުރި ގޮނޑިތަށްވެސް ދިޔައީ ވަގުތު ހިނގަމުން ދިޔަ ވަރަކަށް ފުރެމުންނެވެ. “އަޔާން..” އަހަންނަށް ސިހުން ގެނުވީ އާހިލް އަހަރެންގެ ކޮނޑުގައި ކޮށްޓާލުމަށްފަހު ގޮވާލުމުންނެވެ.
އަހަރެން އޭނާއަށް ބަލާލަމުން ބުމަ އަރުވާލީ ކީކޭހޭ އަހާ ފަދައަކުންނެވެ. “އެއްކަލަ ޒަޔާން.. އޭނާ ބޭރަށް ދިޔަ ތަން މަ ދުށިން.. އެޔޮށް އައީނު އަނެއްކާ.. މީނާ ކީއްތަ މިކުރަނީ ދެ ދަޅަޔަށް ހޯލުން ނިކުމެ ނިކުމެފަ ވަދެ ވަދެފަ.. މަށަކަށް ހިއެއް ނުވޭ ހެޔޮ ކަމެއް ކޮށްފާނެހެނެއް..” އާހިލް ދެބުމަ ގާތްކޮށްގެން އިނދެ ބުނެލި ގޮތުން އަހަންނަށް މަޖާވެގެން ހެވުނެވެ. ނަމަވެސް އޭނާ އެބުނީވެސް މުޅިއަކުން ދޮގެއް ނޫންވިއްޔާއެވެ. އެހެން ނޫނަސް އަހަރެމެން މި ދައްކަނީ ޒަޔާންގެ ވާހަކައެވެ. މުހައްމަދު ޒަޔާން ފާއިޒް ގެ ވާހަކައެވެ. އެއީ އެއްވެސް ތަނެއްގެ އެއްވެސް ގަވާއިދަކަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ނޫނެވެ. މުޅި ކްލާހުގެ ހުރިހާ ކުދިން ތިބެން ޖެހޭނީ އޭނާގެ އަތްދަށުގައެވެ. އޭނާ އެ އުޅޭގޮތް ފެނި އަހަރެން ގާތަށް އަންނަނީ ހިންޏެވެ. ކިތަންމެ ފޮނިވެފައި މިއަދު އުޅުނަސް ފަހުން ވާނެ ގޮތެއް ވަކި އޭނާއަކަށްވެސް ނޭނގޭނެއެވެ.
ގިނަ ފަހަރަށް ތިމާގެ ގަޓު ހުރިކަން ދައްކަން އުޅުމުގެ ތެރޭގައި މައްސަލަ ނިމޭނީ ތިމާގެ ހުރި ފިނޑިކަން ހާމަވެގެންނެވެ. އަހަރެންވެސް ހިތަށް އަރުވާ އެއްޗެހި ދޯއެވެ. “އޭތް.. ކޮންކަމަކާ މޮޔައެއްހެން އެކަނި އިނދެގެން ތި ހެނީ؟ އެހެން ނޫނަސް އަހަރެން ދެއްކީ މަޖާ ވާހަކައެއްވެސް ނޫނެއްނު..” އާހިލް ވާނުވާގައި އިނދެގެން އަހަރެން ގާތު އެހިއެވެ. “އެއީ..” އަހަރެން ވާހަކަ ދައްކަން ހަމަ ފެށިތަނާހެން ޤުރުއާންގެ ބަރަކާތުން އެސެމްބްލީ ފެށިއްޖެއެވެ. އެހެން ކަމުން އަހަރެމެންގެ ވާހަކަވެސް ޖެހުނީ މެދުކަނޑާލާށެވެ. އާހިލް ގާތު ފަހުން ބުނާނެ ކަމަށް ބުނެ އަހަރެންވެސް އެސެމްބްލީއަށް ސަމާލުކަން ދިނީމެވެ.
**********
“އެއިރު ވީގޮތަކީ އާހިލް އެވާހަކަ ދެއްކީމަ ޒަޔާން މަތިން ހަނދާންވީ.. ކުޑައިރު ބައެއްފަހަރަށް ކަންކަމާ ވަރަށް ފަސޭހައިން ފިނޑިވާނެ.. އެކަމަކުވެސް ވަރަށް ބޮޑު މީހަކަށް ވެލައިގެން އުޅޭނީ.. މިހާރުވެސް އެއުޅެނީނު މުޅި ކްލާސް އޭނާގެ މުށުތެރެއަށް ލައިގެން.. އަޅާނުލާ..” އެސެމްބްލީ ނިމުމުން ހުރިހާކުދިންނާއި އެކީ އަހަރެމެން ދެމީހުންވެސް ހޯލުން ނިކުތީމެވެ. އަހަރެން އާހިލް ގާތު ކުރިން ބުނަން އުޅުން ވާހަކަ ދައްކަމުން ކްލާހާއި ދިމާއަށް ހިނގަމުން ދިޔައީމެވެ. ނަމަވެސް ހަމަ އެވަގުތު އަހަރެންގެ ފިޔަވަޅުތަށް ހުއްޓުނީ އަހަރެންގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ.
އެއީ ކާކުބާވައެވެ؟ އަހަރެން ފަހަތަށް އެނބުރިލީ ވާނުވާ ނޭނގޭ ޙާލުއެވެ. “ބްރޯ..” ހުއް! މިހުންނެވީ އަހަރެމެންގެ ކްލާހުގެ ބޮޑު ވަޒީރު އަލްފާޟިލް މުޙައްމަދު ޒަޔާން ފަޔާޒްއެއް ނޫންހެއްޔެވެ. އަހަރެން ކަރުކެހިލުމަށްފަހު ހިނިތުންވެލީމެވެ. “ކީކޭ؟” އަހަރެން ނޫންކަމަށް ހެދެމުން ސުވާލުކޮށްލީމެވެ. އާހިލްވެސް އޭނާގެ ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލައިގެން ވާގޮތެއް ބަލަން ގާތުގައި ހުއްޓެވެ. “އަހަރެމެން ދެމީހުންނަކީ ކުޑައިރުއްސުރެވެސް އެކި ކަންކަމުގައި ވާދަވެރިން.. މިއަދާއި ހަމައަށްވެސް އެކަން އޮތީ ހަމަ އެހެން.. ދެން މި ތަޅާފޮޅުން ނިންމާލާ އެއްގަލަކަށް އަރަމާ.. އަބަދު އެކަކު އަނެކަކާއި މިހެން ޖެއްސުންކޮށް ރުޅި މޫނު ހަދައިގެން ތިބުން އެހާ ބުއްދިވެރިއެއް ނޫން ކަންނޭނގެ..” ވާހް! ހީވަނީ ފިލްމެއްގައި އުޅޭ ވިލެއިން އެއް ފިލްމް ނިމެން ގާތްވުމުން ހެޔޮ ވިސްނި މައާފަށް އެދޭހެންނެވެ. މީނާއަށް މިހާމޮޅަށް އެކްޓް ކުރަން އެނގޭކަމެއް އަހަންނަކަށް ކުރިއަކުން ނޭނގެއެވެ. ކިތަންމެ ހެޔޮ އެދޭހެން ހީވި ނަމަވެސް މިއީ ޒަޔާން އަހަރެމެންނަށް ދައްކާ ދަޅައެއްހެން އަހަންނަށް ހާދަ ހީވެއެވެ.
ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަހަންނަށް ޖެއްސުން ކުރީ އިއްޔެއެވެ. ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް އޭނާއަށް ހަމަ އައިސްދާނެހެއްޔެވެ؟ މައްސަލައެއް ނެތެވެ. ހެޔޮ ވިސްނިދާނެއެވެ. އެކަމަކުވެސް އެއް ދުވަސްތެރޭ ހެޔޮ ވިސްނި ވަގުތުން މައާފަށް އެދެން އައިސްދާނެހެން ހާދަ ހީނުވެއެވެ. މީގެ ހިނދުކޮޅެއް ކުރިންވެސް އޭނާ އަހަންނަށް ބަލައިލީ މަލާމަތް ކުރާ ފަދައިންނެވެ. ދެން މިއީ އޭނާ އެ ކުޅޭ ފިލްމްގެ ކޮން ސީންއެއް ބާވައެވެ؟ “އައުޗް..” އަހަރެން ސިހިގެން ދިޔައީ ގާތުގައިހުރި އާހިލްގެ އަޑަށެވެ. ބަލައިލި އިރު އޭނާ ހުރީ ކަނާއަތުގައި މަޑުމަޑުން ފިރުމާލަ ފިރުމާލައެވެ. އަހަރެން ކިހިނެތް ވީތޯ އޭނާ ގާތު ސުވާލުކޮށްލީމެވެ.
“އަހަރެން ހީކުރީ މިއީ ހުވަފެނެއްކަމަށް.. ނޭނގޭނެއްނު.. ޒަޔާން އެހާ އަވަހަށް ބަލި ޤަބޫލު ކޮށްފާނެޔޭ ހަމަ އަހަރެންގެ ހިތަށް ނޭރީ.. އެހެންވެގެން އަތުގަ ވިކާލީ މީ ހަގީގަތެއްތޯ ބަލައިލަން..” އާހިލްވެސް ދައްކާ ވާހަކަ ދޯއެވެ. އަހަރެން ގާތަށް ހިނި އައި ވަރުން ހިނިގަނޑު މަތަކޮށްލެވުނީ ކިރިޔާއެވެ. އަހަރެން ޒަޔާންއަށް ބަލައިލުމަށްފަހު ހިނިތުންވެލީމެވެ. އަދި ސަލާމަށް އަތް ދިއްކޮށްލީމެވެ. މައްސަލައެއް ނެތެވެ. މިއީ އޭނާ އަހަންނަށް ދޭ ގެއްލުމެއް ކަމުގައިވަނީނަމަ މިފަހަރު މިކަމުގެ އެންމެ އަޑިއަށް ފީނައިގެން ނަމަވެސް ޒަޔާންގެ ޙަޤީޤީ ސޫރަ އެންމެންގެ ކުރިމައްޗަށް ގެންނާނަމެވެ. އެހެން ނޫނީ މިއީ ހަމަ ޙަޤީގަތުގައިވެސް އޭނާ އަހަންނާއި އެކުވެރި ވާން ބޭނުންވެގެން އެކުވެރި ވަނީނަމަ އަހަރެން ހިތުން ރުހުމުން މި އެކުވެރިކަން ޤަބޫލު ކުރާނަމެވެ. މިވީގޮތުން ދެން ޖެހޭނީ ވާ ގޮތެއް ބަލަން ތާއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒަޔާންގެ ކިބަޔަކުން އަހަރެން ހީކުރި ކަހަލަ އެއްވެސް ނޭދެވޭ ސިފައެއް ނުފެނެއެވެ. އެހެން ކަމުން އަހަންނަށް ޤަބޫލުކުރެވެމުން ދިޔައީ އޭނާ ހަމަ ޙަޤީގަތުގައިވެސް ރަނގަޅުވީ ކަމަށެވެ. އެއްވެސް މީހަކާއި މެދު ގޯސްކޮށް ވިސްނާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. އެހެން ކަމުން ތެދު ހިތަކާއިއެކީ އަހަރެން ޒަޔާން ބަލައިގަތީމެވެ.
އެއްދުވަހެއްގެ ހަވީރެވެ. އަހަންނާއި އާހިލްގެ އިތުރުން ޒަޔާންވެސް އަހަރެމެން ގޭގައި ގްރޫޕް ސްޓަޑީސް ހަދަން އައިސް އުޅުނެވެ. އިމްތިޙާންތަށް ގާތްވަމުން ދާތީ އަހަރެމެންވެސް އެ އިމްތިހާނުތަކަށް އެންމެ ފުރިހަމައަށް ތައްޔާރުވެވޭތޯ ބެލީމެވެ. “އެބަ އަންނަން އިނގޭ ތިން މީހުންނަށް ކޮފީއެއް ހިފައިގެން.. ބްރޭކެއް ނަގަންވީއެއްނު ދެން.. މިހާރު ހުއްޓާނުލައި ވާވަރަށް ދަސްކުރެވިއްޖޭ.. ސިކުނޑިއަށް ރެސްޓްވެސް ދޭން ވާނެ..” އަހަރެން ގޮނޑިން ތެދުވެލައިފައި މޯޅިއަކަށް ދެމިލަމުން އެ ދެމީހުން ގާތު ބުނެލީމެވެ. ދެމީހުންވެސް ހިނިގަނޑެއް ޖަހާލައިފައި އެއްބަސް ވުމުން އަހަރެން ކޮޓަރިން ނިކުތީ އަމިއްލައަށް ކޮފީއެއް ތައްޔާރުކޮށްލުމަށެވެ.
އެވަގުތު ބަދިގޭގައި މަންމަ އުލެމުން ދިޔައެވެ. އަހަންނަށް ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނީ އެހެންވެގެންނެވެ. ބައްޕަގެ ވިހަގަދަ ބަސްތަށް އައިސް އަނެއްކާވެސް އަހަރެންގެ ސިކުނޑީގައި ކޮއްޓަމުން ދިޔައެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހިން ދިރުވާލެވުނެވެ. މަންމައަށް އަހަރެން ފެނުނު ވަގުތު ހިތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ނަމަވެސް ވާހަކައެއް ނުދައްކައެވެ. ބަލައިލިޔަސް މަންމަ އަހަންނާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރި މިންވަރު ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. މަންމަ އަހަންނާއި ވާހަކަ ދެއްކިކަން އިނގިއްޖެއްޔާ ބައްޕަ ރުޅި އަންނާނެ ވަރު އެނގި އަހަރެން އިސްދަށަށް ޖަހާލީމެވެ. އެއިރުން މަންމައަށް އަހަރެންނާއި ވާހަކަ ނުދައްކަން މަޖުބޫރުވާނެ ނޫންހެއްޔެވެ.
ހިތަށް ތަދުވެއެވެ. ކިތަންމެހާވެސް ތަދުވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މި އާއިލާގައި މިހާރު އަހަންނާއި މެދު އަޅާލާ ހަމައެކަނި މީހަކީ އަހަރެންގެ ލޯބިވާ މަންމައެވެ. އެ މަންމަގެ ލޯތްބަށްވެސް އަހަރެން މިއަދު މިޖެހެނީ ފަސްދޭށެވެ. އެ މަންމައަށްވެސް އެ ޖެހެނީ ހުރި ހަމައެކަނި ދަރިފުޅާއި ފުރަގަސްދޭށެވެ. ނަމަވެސް މައްސަލައެއް ނެތެވެ. އަދި އަހަރެންގެ ބައްޕައަށް އަހަރެންގެ ކުށެއް ނެތްކަން ﷲގެ އިރާދަފުޅުން ސާބިތުކޮށްދޭނަމެވެ. އާޔާގެ މަރުގެ ފަހަތުގައި ވީ ސަބަބުވެސް ހާމަކޮށްދޭނަމެވެ. މިއީ އަހަރެންގެ އަމިއްލަ ނަފްސަށްވެސް ވާ ވައުދެކެވެ.
އިސް އުފުލާލަމުން އަހަރެން ބަދިގެތެރެއަށް ވަދެގެން ދިޔައީމެވެ. މަންމަވެސް އެއިރު ގޮސް ކޮޓަރިއަށް ވަންނަނީއެވެ. ތިން ޖޯޑު ނެގުމަށްފަހު ކޮފީގިރަން ތައްޔާރުކޮށްލީމެވެ. ފެން ހޫނުވަންދެން އަހަރެން މަޑުކޮށްލައިގެން ހުރީ އިންތިޒާރުގެ ވަގުތުތައް ގުނާށެވެ. ތިން ކޮފީތަށި ތައްޔާރުކޮށް ނިމުމުން ދެޖޯޑު އަތަށް ހެޔޮވަރުކޮށްލަމުން އެނބުރިލީމެވެ. މީއްޗިހި ކޮޓަރީގައި ބަހައްޓާފައި އައިސް ތިންވަނަ ޖޯޑު ގެންދާނީއެވެ.
އަހަރެން ބަދިގެއިން ނިކުތްތަނުން އެރުނީ ޒަޔާންގެ ކުރިމައްޗަށެވެ. “އަނހަ.. ކިހިނެއްވީ ތި އައީ؟ އަހަރެން އަދި މީއްޗިހި ހިފައިގެން އަވަސް އަވަހަށް މިދަނީ.. ދެން އައީމަ ޖެހޭނީ މަސައްކަތެއްވެސް ކޮށްދީފަ ދާން.. އާދޭ އަނެއް ކޮފީ މަގް ހިފައިގެން..” އަހަރެން ލާނެތް ރާނަގަކަށް ބުނެލީމެވެ. ނަމަވެސް އަހަރެން ހައިރާންވީ ޒަޔާން ހުރިގޮތުންނެވެ. އަހަންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުރި އިރު ހިރުވާތާ ކަހާވެސް ނުލިއެވެ. ޔަގީނެވެ. މިވާނީ އޭނާގެ ކޮންމެވެސް ސަމާސާއަކަށެވެ. އޭނާ އެއީ އެކްޓް ކުރަން އެހާ މޮޅު މީހެއް ނޫންހެއްޔެވެ؟
އަހަރެން މަޖާވެގެން ވަރުގަދަ ހިނިގަނޑެއް ޖަހާލީމެވެ. “މަޑުކޮށްލާ.. މަ މީއްޗިހި ކޮޓަރީގަ ބަހައްޓާފަ ފިލްމް ޕްރޮޑިއުސަރ އަކަށް ނޫނީ ޑައިރެކްޓަރ އަކަށް ގުޅާލާނަން.. ބުނާނަން އެބަހުއްޓޭ ވަރަށް މޮޅު ކުއްޖެއް މިގޭގަ.. އޭނާ ވަރަށް ފިލްމު ކުޅެންވެސް ބޭނުންވެޔޭ.. ދެން އާދެބަލަ ދޯ އޭތި ހިފައިގެން.. ހޫނޭ މީއްޗިހި..” އަހަރެން ހެމުން ހެމުން އެހެން ބުނެފައި ކުރިޔަށް ހިނގައިގަތީމެވެ. ނަމަވެސް ހުއްޓިލީ ޒަޔާންގެ އަޑަށެވެ.
“އަހަންނާއި ހަވާލު ކުރި މަސައްކަތް އަހަރެން ކުރަމުންނޭ މިދަނީ.. އަޔާންއަކަށް ކުޑަކޮށްވެސް ޝައްކެތް ނުވިއެއްނު.. ވިސްނުމުގެ ބޭނުން ތިހާ ކުޑަކޮށް ހިފާމީހުންނަކަށް ނޭނގޭނޭ ތިމާ ކުރިމަތީ މީހަކު ހުރެ ތިމާގެ ލޮލުގައި ކަނުބަނަސް..” ޒަޔާން އެހުރިގޮތަށް ހުރެ ބުނެލިއެވެ. އަހަރެން އިތުރަށް ހައިރާންވުން ނޫން ކަމެއް ނުވިއެވެ. މިހާރު އެ ދައްކަނީ ކޮން ވާހަކައެއް ބާވައެވެ. އަހަރެންގެ ވިސްނުން ބޭނުން ނުކޮށް ގައިމު ޓެސްޓަށް ދަސް ކުރެވޭ ހެއްޔެވެ؟
“ނޭނގުނު ދޯ.. އެހެންނޭ މި ކިޔަނީ.. އަޔާންގެ ސިކުނޑި އިނީ ރިއްޗަކަށް ބައިންދާފައެއްނު.. އޭގެ ބޭނުމެއް ނުއެއް ކުރަމެއްނު.. އެހެންވީމަ ދުނިޔޭގައި ވާ އެއްކަމެއްވެސް ނޭނގެނީ.. އަޔާން އަހަންނާއި ހަވާލު ކުރި މަސައްކަތުގެ ކުރިން އަހަރެން އަދި ނިންމަންޖެހޭ އެއް މަސައްކަތް އެބައޮތޭ.. އެކަންތަށް ކޮން ނިންމާފަ ވަގުތު އޮތިއްޔާ އެ ކޮފީ މަގް ތި ރޫމްއަށް ގެންގޮސްދޭނަން.. އޯކޭ އެއްނު..” ޒަޔާންގެ މޫނަށް އަހަރެން ބަލަހައްޓައިގެން ހުރި ނަމަވެސް އެއްގޮތަކަށްވެސް އޭނާ އެ ދައްކާ ވާހަކައެއް އަހަރެންގެ ސިކުނޑިއަކަށް ނުވަދެއެވެ. މިއަދު އޭނާ އަށް އައިސްގެން މި އުޅެނީ އަނެއްކާ ކޮން ބަދަލެއް ބާވައެވެ.
“އިހަށް މީއްޗިހި މިތާ ބަހައްޓާލަމާ ދޯ..” އަހަރެން އެހުރިގޮތަށް ހުއްޓާ ޒަޔާން އަހަރެންގެ އަތުގައި ހުރި ދެ ޖޯޑު ގާތުގައި ހުރި ކާމޭޒު މަތީގައި ބަހައްޓާލިއެވެ. އެޔަށްފަހު އަހަރެންގެ މޫނަށް ބަލާލަމުން އެއް މިޔަކަނުން ހީލިއެވެ. ޒަޔާންގެ ސިކުނޑީގައި ހިނގަމުން އެ ދަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް ކަންތައްތައް މިދަނީ ރަނގަޅަކަށޭ އަހަރެންގެ ހިތެއް ނުބުނެއެވެ. ހިން ދިރުވާލެވުނީވެސް ބޭއިޚްތިޔާރުގައެވެ.
ޒަޔާން އަހަންނާއި ދިމާލަށް ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. އެޔަށްފަހު ގޮށްމުއްކަވާފައި ބާރުބާރަށް އަހަރެންގެ ކޯތާފަތްމަތީގައި ޖެހިއެވެ. އޭނާގެ އަތް ޖެހުނީ ތުންފަތާއިވެސް ފުދޭވަރަކަށް ކައިރީގައި ކަމުން އަނގަ ގައިރިން ތަންކޮޅެއް ފަޅައިގެންވެސް ގޮއްސިއެވެ. އަހަރެން ކުޑަކޮށް ގުދުވެވުނު އިރު ނުވެއްޓުނީ ހަށިގަނޑު ބެލެންސް ކޮށްލެވުމުނެވެ. ޤަބޫލު ކުރަން ދަތިވެފައިހުރެ އަހަރެން ޒަޔާންއަށް ބަލައިލީމެވެ. “މޮޔަ ކުއްޖާ.. ކަލެއަށް ހީވޭތަ އަހަރެން ކަލޭގެ ހެޔޮ އެދޭ ރައްޓިއްސަކަށް ވެދާނެޔޭ؟ މި ހުރިހާ ކަމެއްވެސް މިއީ އަހަރެމެންގެ ޕްލޭންގެ ބައެއް.. މަހަކަށްވުރެ ގިނަ ދުވަހު އެގޮތަށް ކެތްކޮށްފިން.. އެކަމަކު ދެނެއް ނޫން.. ކަލެއާއި އެކީ މާ ރަނގަޅު މީހަކަށް ވެގެން މަ އުޅޭއިރުވެސް ކެތް ކުރެވެނީ ކިހާ ވަރަކަށް ކަން އިނގޭތަ؟ މޭމް ބުނާތީވެ އަހަރެން ކެތްތެރިވީ.. އެކަމް މިހާރު އަހަރެން ކެތްތެރިކަމާއިއެކު އިންތިޒާރު ކުރި ދުވަސް މިހުރީ އައިސް.. ދެން އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށެއް ނުލާނަން..” ޒަޔާން އަހަރެންގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
އެއިރުވެސް އަހަރެން ބުނީމެއް ނޫންހެއްޔެވެ؟ ހުސް އަހަރެންގެ މޮޔަކަމުން ވާހާ ކަންތަކެވެ. އެދުވަހު އަހަރެން ޒަޔާންއަށް އިތުބާރު ނުކުރެވުނު ނަމައެވެ. އޭނާއަކީ ކިހާ ވަރެއްގެ ކާކުކަން ހަނދާން ނައްތާ ނުލެވުނު ނަމައެވެ. އޭނާ އަހަންނަށް ކުރި ޖެއްސުން ހަނދާނުގައި ބެހެއްޓުން ނަމައެވެ. ނަމަވެސް އެ ހުރިހާކަމަކަށްވުރެ ބޮޑަށް އަހަރެން އިސްކުރީ އޭނާ އަހަރެން ގާތު އެދުނު މަޢާފެވެ. ހެޔޮ ހިތުން އަހަރެން އޭނާއަށް މަޤާފް ކުރީމެވެ. ނަމަވެސް އޭގެ ބަދަލު ދޭން އޭނާއަށް އެނގުނީ މިހެން ހެއްޔެވެ؟ ނަމަވެސް ނަމަނަމައިގެ ކެކޭނެ ރިހައެއް ދެން ނޯންނާނެއެވެ.
އޭނާ އަހަންނަށް މިހާ އަނިޔާ ކުރަން ބޭނުން ވަންޏާ ކުރިންވެސް ބުނެލި ނަމައެއް ނޫންހެއްޔެވެ؟ ކޮންމެހެން މާ ގާތް އެކުވެރިޔަކަށް ވެގެން ބޮޑު ޑްރާމާގަނޑެއް ކުޅޭކަށް ނުޖެހޭ ނޫންހެއްޔެވެ؟ “ކަލޭގެ ނިމުންވެސް އޮތީ އަހަރެންގެ މި ދެއަތުގަ.. އަހަރެންގެ ބާރު ކަލޭ ހަނދާން ނެތުނީދޯ؟ ފުއްޓަތްކެއް ޖަހާލިޔަސް އަހަންނަށް ކުރެވޭނެ އެތަށް ކަމެއް ހުންނާނެ.. ކަލޭވެސް ނިމިގެން ދާނީ ހަމަ އަހަރެންގެ އަތުން.. އަދި ހަމަ ކަލޭގެ ކޮއްކޮވެސް ނިމިދިޔަ ގޮތަށް.. އަޑު އިވިއްޖެ؟” ޒަޔާން ދަތްކުނޑި ވިކާލައިފައި ބުނެލިއެވެ.
ވެއިޓް! އަހަރެންގެ ކޮއްކޮގެ ޤާތިލަކީ ޒަޔާން ހެއްޔެވެ؟ އާޔާ ސިޑިން ވައްޓާލާ މަރުގެ ތުންފަތްމައްޗަށް ވައްޓާލީ މި ޒަޔާން ހެއްޔެވެ؟ އެހެން ވެއްޖެނަމަ އޭނާއާއި ކުރިމަތިލާން ހޭވައްލާ ތައްޔާރެވެ. އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް އަހަރެންގެ ކޮއްކޮގެ ދިފާއުގައި އަހަރެން ނިކުންނާނަމެވެ. ޒަޔާންގެ އެ މަކަރުވެރި ރޭވުން ކާމިޔާބުވިޔަކަ ނުދޭނަމެވެ. ﷲގެ އިރާދަފުޅުން މިއަދު ޒަޔާން ކުރި ކުށް އަހަރެންގެ މުޅި އާއިލާއަށް އަންގާނަމެވެ. އަހަރެންގެ ކޮއްކޮއަށް އެހެން ހެދުން އެއީ ޒަޔާންއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އެހެން އިންސާނަކަށް އެވަރުގެ އަނިޔާއެއް ދިން އިރު އެ ހިތުގައި އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީބާވައެވެ؟
“އާޔާ ސިޑިން ވައްޓާލީ ޒަޔާންތަ؟” އަހަރެންވެސް ޒަޔާންގެ ގަމީހުގެ ގިރުވާނުގައި ހިފާލަމުން ރުޅިއައިސް ރަތްވެފައިހުރެ އެހީމެވެ. ރުޅިގަދަވެގެން ގޮސް އެއިރު ހުރީ އަހަރެންގެ ދެލޮލަށް ކަރުނަތައްވެސް ޖަމާވެފައެވެ. “އާން.. އަހަރެން.. އަހަރެން ކުރި ކަމަކުން އާޔާ މަރުވީ.. އަދިވެސް ކަލޭ ބިރެއް ނުގަނޭތަ އަހަރެން ދެކެއެއް.. އަހަރެން ބޭނުންވެއްޖެ ކަމެއް އަހަރެން ކުރާނަން.. ކަލޭގެ ވަސްވެސް މި ދުނިޔެއިން ފުހެލަން ދެން މާ ގިނައިރެއް ނެތް..” މަލާމާތު ރާގަކަށް ނުލަފާ ހިނިގަނޑެއް ޖަހާލަމުން ޒަޔާން ބުނެލިއެވެ.
އަހަރެމެން ދެމީހުންގެ ދެމެދުގައި ތަޅާފޮޅުންގަނޑެއް ފެށިގެން ދިޔައީ އެވަގުތުއެވެ. އޭނާ އަހަރެންގެ ބަނޑުގައި ކަކުލުން ޖެހި ވަގުތު ކިތަންމެހާވެސް ތަދުވިއެވެ. ނަމަވެސް ހިތްވަރުކޮށްލަމުން ތެދުވީ އާޔާއަށްޓަކައެވެ. އާޔާއަށް އިންސާފު ހޯދައިދޭން އަހަރެން ބޭނުމެވެ. އަހަންނަށް ހަމަޖެހުމެއް ލިބޭނީ އެއިރުންނެވެ. އަހަރެން ތެދުވެލި ވަގުތު އަނެއްކާވެސް ޒަޔާން އަހަރެންގެ ގަމީހުގައި ހިފާއި ކާމޭޒާއި ދިމާލަށް އަހަރެން ކޮށްޕާކިއެވެ. އެވަގުތު ގޮސް އަހަރެން މޭޒުގައި ޖެހިފައި މޭޒުމަތީ ބަހައްޓާފައި ހުރި ކޮފީ ޖޯޑުތަށް ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. މުޅި ސިޓިންގް ރޫމަށްވެސް އެ ބާރުގަދަ އަޑުފަށްގަނޑު ފެތުރިގެން ދިޔައެވެ.
އެވަގުތު އާހިލް އަހަރެންގެ ކޮތަރިން ސިޓިންގް ރޫމަށް ނިކުތް އިރު މަންމަވެސް ކޮޓަރިން ނިކުތެވެ. އަހަރެމެންގެ އަޑުފަށްގަނޑު މާ ބާރުވީކަންނޭނގެއެވެ. “އަޔާން..” އާހިލް އެހެން ބުނެ އަހަންނާއި ދިމާލަށް ބާރުބާރަށް އައެވެ. އަހަރެންގެ މަންމަ ހުރީ ވާނުވާ ނޭނގޭ ޙާލު ހައިރާންވެފައެވެ. “ކަލޭގެ ބޮޑުދައިތަގެ ސަބަބުން އަހަރެންގެ ހުރިހާ އުންމީދެއް މިއަދު ހާސިލްވަމުން މިދަނީ..” ޒަޔާން އަހަންނާއި ދިމާލަށް ބާރުބަރަށް އައިސް އަނެއްކާވެސް އަހަރެންގެ ގައިގައި ހިފައިގަންނަމުން ބުނެލިއެވެ. އޭނާގެ އެ ޖުމުލައިން އަހަންނަށް ހުއްޓުން އެރިއެވެ. ބޮޑުދައިތަ؟؟؟ އަހަރެންގެ ހުންނާނީ އެންމެ ބޮޑުދައިތައެކެވެ. އޭނާ އެ ދައްކަނީ ތެދު ވާހަކައެއް ކަމުގައި ވަނީނަމަ އޭނާ އެ ކިޔަނީ ކުޑާގެ ވާހަކައެއް ނޫންހެއްޔެވެ؟ ޒަޔާންގެ އެ ޖުމުލަ އާހިލްގެ އިތުރުން އަހަންނާއި ގާތަށް އަންނަމުން ދިޔަ މަންމައާއި އެވަގުތު ކޮތަރިން ނިކުތް ބައްޕައަށް ވެސް އިވޭނެކަން ޔަގީނެވެ.
އެންމެންނަށްވެސް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. “ޒަޔާން.. ހަމަ މިހާރު އަޔާން ދޫކޮށްލާ..” އާހިލް އަހަރެމެންނާއި ގާތަށް އައިސް ޒަޔާންއާއި އަހަރެން ދުރުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. “އޭތް.. ހިކި ހޯލިކޮޅެއްހެން ހުރި އިރުވެސް އަދި އެބަ އުޅެއެއްނު މިދޭތެރެއަށް ވަންނަން.. ދުރުގަ ހުރޭ..” ޒަޔާން އާހިލް ގައިގައި ޖަހާ ކޮށްޕާލަމުން ބުނެލިއެވެ. އެވަގުތު ޒަޔާން ގެނައި ކުއްލި ޙަރަކާތަކާއިއެކު އަހަރެން ބެލްކަންޏާއި ދިމާއަށް ކޮށްޕާލިއެވެވ. އަހަރެން ނުވިސްނާ ހުރުމުގެ ސަބަބުން ބެލެންސް ނުވެ ގޮސް ޖެހުނީ ބެލްކަނީގައި އެވަގުތު ކަހާލައިފައިވި ބިއްލޫރި ދޮރުގައެވެ. ޖެހުނުލެއް ބާރުކަމުން ބިއްލޫރިތަށް ކުދިކުދިވެގެން ވެރުނު އިރު އަހަރެންގެ ބުރަކަށްތަށް އޭއްޗެހި ހެރުމުން ތޫނު ދިލައެއް ނެގިއެވެ. ދެލޯ ފިއްތާ ތަގުޅި ކޮށްލީވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނެއްގެ ސަބަބުނެވެ. “އަޔާން..” އެވަގުތު އާހިލް ހަޅޭތްލަވައިގަތެވެ.
ވީ ތަދުގެ މައްޗަށް ހިތްވަރު ހޯދަމުން ދެލޯ ހުޅުވާލައިފައި އަހަރެން ތެދުވެލީމެވެ. ޒަޔާންގެ ކުޅިވަރު ދެން މި ނިމުނީއެވެ. އަހަންނަށްވެސް ކޮންމެވެސް ގޮތެއް އޮންނާނެ ނޫންހެއްޔެވެ؟ ހިތްވަރާއިއެކު ތެދުވެމުން އަހަރެން ދިޔަ ބާރުމިނުގައި ގޮސް ޒަޔާންގެ ކޯތާފަތްމަގައި ޖެހީމެވެ. އޭނާ ކޯމަތީގައި އަތް އަޅައިގެން ހުރެ އަހަންނާއި ދިމާއަށް ބަލައިލީ ނުރައްކާތެރިގޮތަކަށެވެ. އޭނާ އަހަންނަށް ބިރު ދައްކަނީ ހެއްޔެވެ؟ ހުއް! އޭނާ ޖަހާހާ ބެރަކަށް އަހަންނެއް ނުނަށާނެވެ. އަދި އޭނާގެ ދައްކާހާ ބިރަކަށް ބިރުން ނުވެސް ފިލާނަމެވެ. ހީވާ ގޮތްދޯއެވެ. އަހަރެން އަނެއްކާވެސް ޒަޔާންގެ ގައިގައި ޖަހަން އުޅުނު ވަގުތު އޭނާ އަހަރެންގެ ކަރުގައި ހިފިއެވެ.
“އަޔާން..” އެވަގުތު އަހަރެންގެ މަންމަގެ ހަޅޭކުގެ އަޑު މުޅި ގޭތެރެއަށް ފެތުރިގެން ދިޔައެވެ. އެންމެންވެސް ތިބީ ސިހުންވެފައެވެ. ޒަޔާން އަހަރެންގެ ކަރުގައި ހިފައިފައި ހުރިލެއް ބާރުކަމުން ނޭވާވެސް ލެވެނީ ކިރިޔާއެވެ. ހުރިހާގޮތަކުންވެސް އޭނާ އަހަންނަށްވުރެ ބާރު ގަދައެވެ. އެހެން ނަމަވެސް އަހަރެން ވަކި ހިތްވަރު އެލުވައެއް ނުލާނަމެވެ.
ޒަޔާން އަހަރެންގެ ކަރުގައި ހިފައިގެން ހުރެ އަހަރެން ގޮވައިގެން ކުރިޔަށް ދިޔައެވެ. އަހަރެން ފަހަތަށް ފިޔަވަޅު އަޅަމުންދިޔަ ވަރަކަށް ބެލްކަންޏާއިވެސް ކައިރިވަމުން ދިޔައެވެ. އަދި އެތަނަށް ވެރިފައިހުރި ފުޅިތޮށިތައް ފަޔަށް ހެރެމުން ދިޔުމުން ފަޔަށް ތަދުވަމުން ދިޔައެވެ. އޭނާގެ މަގްސަދު އެނގި އަހަރެން އޭނާގެ މޭގައި އަޅައި ފަހަތަށް ކޮށްޕާލީމެވެ. އޭނާ އެ އުޅުނީ އަހަރެން ބެލްކަނިން ބޭރަށް ކޮށްޕާލާށެވެ. ނަމަވެސް ﷲގެ އިރާދަފުޅުން އަހަންނަށް އޭގެ ކުރިން އޭނާ ހުއްޓުވިއްޖެއެވެ.
“އިނަފް..” އޭގެ އިރުކޮޅެއް ފަހުން އިވިގެންދިޔައީ އަހަރެންގެ ބައްޕަގެ ބާރު ހަޅޭކުގެ އަޑެވެ. އަހަންނާއި އެއްވަރަށް ޒަޔާންގެ ޙަރަކާތްތައްވެސް މަޑުވެގެން ދިޔައީ ސިހުމުގެ ސަބަބުންކަންނޭނގެއެވެ. “ޒަޔާން.. ވީގޮތް އަހަންނަށް އަކުރުން އަކުރަށް ކިޔައިދީ.. އެހެން ނޫނީ އިނގެއެއްނު ވާނޭ ގޮތް.. މިވަގުތުވެސް އަހަންނަށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ޒަޔާން ފޮނުވާލެވިދާނެ.. އެކަމަކު އޭގެ ކުރިން އަހަންނަށް މި ވެގެން އުޅޭ ގޮތް ކިޔައިދީ..” ބައްޕަ ޒަޔާންއަށް އަމުރުކުރިއެވެ.
“ބައްޕާ.. އާޔާގެ ޤާތިލަކީ މިއީ.. އެދުވަހު އާޔާ ސިޑިން ފައިބަން އުޅެނިކޮށް ކޮށްޕާލީ މީނަ.. އާޔާގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ހަމަ ޒަޔާން..” އަހަރެން އައި ރުޅީގައި ބާރަށް ހަޅޭތްލަވައިގަތީމެވެ. އަހަރެންގެ ބައްޕަ ދެބުމަ ގާތްކޮށްގެން ހުރެ ޒަޔާންއާއި ދިމާއަށް ބަލައިލިއެވެ. ޒަޔާން އަހަންނާއި ދިމާލަށް ނުރުހުންވެ ހުރެ ބަލައިލިއެވެ ހީވަނީ އައިސް ހުރި ރުޅީގައި އަހަރެންވެސް ފިއްސާލަފާނެހެންނެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު އެކަމަށް ހުރަސް އެޅުނީ ގޭތެރެއަށް އެވަގުތު ވަދެގެން އައި ކުޑާގެ ސަބަބުންނެވެ. ކުޑާއަށް މިގެއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟ އާހިލްމެން އައި ފަހުން އެ ދޮރު ތަޅުލި ހަނދާން އަހަރެން ހަމަ ރަނގަޅަށްވެސް އެބަހުއްޓެވެ. އަނެއްކާ ޒަޔާން އޭގެ ފަހުން ދޮރު ހުޅުވީ ބާވައެވެ؟
އަހަރެންގެ ލޮލުގައި އެވަގުތު އެޅިގެންދިޔައީ ކުޑާގެ އަތުގައި އޮތް ތަޅުދަނޑިއެވެ. މިގޭ ދޮރުގެ ތަޅުދަނޑިއެއް ކުޑާ އަތުގައިވެސް އެބައޮތެވެ. މިއީ އަދި އަހަންނަށް ނޭނގޭ ކަމެކެވެ. ބައްޕަ ކުޑާއަށް މިގޭ ތަޅުދަނޑިއެއް ދިން ކަމެއް އަހަންނަކަށް އިނގިފައެއް ނެތެވެ. ހުސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.
ކުޑާ ހުރިގޮތުން އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކަށް ބޮޅެއް އިތުރުވެގެން ދިޔައެވެ. އެހާ ހާސްވެގެން ކުޑާ މިގެއަށް އެއައީ ކީއްވެގެން ބާވައެވެ؟ މުޅި މީހާގެ މޫނުމަތިން ދާތިކިތަށް ފާޅުވަމުން ދިޔައިރު ހުރީވެސް މައިނޭވާ ލެވިލެވިއެވެ. “އާރިފާ.. ކީއްކުރަނީ މިގޭގަ؟” ބައްޕަ ހަރުކަށިކަމާއި ހައިރާންކަން އެކުލެވިގެންވީ ރާގެއްގައި ބުނެލިއެވެ.
“އަހަ.. އަހަރެންގެ ކާރު ތަޅުދަނޑި ގެއްލިގެން މިއުޅެނީ ދޮ.. ދޮންބޭ.. ވަރަށް އަވަހަށް އޮފީހަށްވެސް ދާން ޖެހިއްޖެ މީޓިންގްއަކަށް.. އެހެންވެ ދޮންބެ ކަ.. ކާރުގެ ތަޅުދަނޑި ބަލާ މި.. އައީ..” ހުއްޓެމުން އާގަންނަމުން ކަހަލަ ގޮތަކަށް ކުޑާ ވާހަކަ ދެއްކިއެވެ. ގޭގައި މިހުރީހާ ހާދިސާއެއް ހިނގި އިރުވެސް އެއިން ކަމަކާއި ކުޑާ ސުވާލުކޮށްނުލުމުން އަހަރެން ހައިރާންވެއްޖެއެވެ. އެވަގުތު ކުޑާ ޒަޔާންއަށް އެތަނުން ދިޔުމަށް ލޮލުން އިޝާރާތް ކުރިއެވެ. އެ އިޝާރާތް ކިތަންމެ ސިއްރުވެރިޔަސް އަހަންނަށް ހަމަ ރަނގަޅަށްވެސް ފެނިއްޖެއެވެ. ކުޑާވެސް؟؟ އަހަންނަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ. ކުޑާ މިފަދަ ކަމެއް ކޮށްފާނެހެން އަހަންނަށް އެއްވެސް އިރެއްގައި ޚިޔާލަށްވެސް ނުގެނެވެއެވެ.
“މިއީ ކާކުތަ؟ ކިހިނެއް ވެފަތަ އެންމެން ތި ތިބީ؟” ޒަޔާން ހުރި ފިޔަވަޅުމަތިން ގުޑާ ނުލުމާއިއެކު ކުޑާ އަވަސް އަވަހަށް ސުވާލުކޮށްލިއެވެ. އަހަންނަށް ދެލޯ ހަނިކޮށްލެވުނީ ވަމުން މިދަނީ ކީއްކަން ނަގައިނުގަނެވުމުންނެވެ. “އަހަންނަށްވެސް ނޭނގިގެނެއްނު މިއުޅެނީ.. މިހިރަ ކުއްޖާ ކައިރީ އަހަރެން އަހައިފިން.. އެކަމަކު އަނގައިނަކުން ނުބުނި ވިއްޔަ.. އަހަރެން ދެވަނަ ފަހަރަށް މި ސުވާލު ކުރަނީ.. ހުރިހާ ޙަޤީގަތެއް އަހަންނަށް ކިޔައިދީ..” ކުޑާއާއި ވާހަކަ ދެއްކުމަށްފަހު ޒަޔާންއާއި ދިމާއަށް އެނބުރިލަމުން ބައްޕަ ހަރުކަށިކަމާއިއެކު ބުނެލިއެވެ. އެއިރު އެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހަ ދަރަޖައިގެ ރުޅިވެރިކަމެވެ.
ބައްޕަ އެހެން ބުނުމާއިއެކު ކުޑާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. ހުރިހާކަމެއް ވަމުން ދިޔަ އިރުވެސް މަންމަ ހުރީ އަނގައިން ބަހެއްވެސް ބުނަން ނޭނގިފައެވެ. އަނގަ މަތީ އަތް އަޅައިގެން ހުރި އިރު އެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. “މި ފިރިހެން ކުއްޖާތަ؟ ދޮންބޭ.. މީނާ ހަމަ މިހާރު މިގެއިން ނެރޭ.. މިއީ ކުރީ ދުވަހު އަހަރެންގެ އެޕާޓްމެންޓުންވެސް ވައްކަން ކުރަން އުޅުނު ފިރިހެން ކުއްޖާ.. އެދުވަހުވެސް ޕޮލިހުންނާއި ހަވާލު ނުކުރީ ތިމަންނާ އިސްލާހުވާނަމޭ ބުނީމަ..” ކުޑާ ބާރުބާރަށް ހަރުކަށިކަމާއިއެކު ބުނެލިއެވެ. އެވަގުތު ޒަޔާން އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ވާއު.. ހުރިހާ ކަމެއް އަހަރެން ލައްވާ ކުރުވައިފަ އެންމެ ފަހު ވަގުތު ތިމާގެ ޙަޤީގަތް ފާޅުވާން ފެށުމުން އެހެން މީހުން ބޮލަށް ހުރިހާ ކަމެއް! އެއްޗެއް ބޭނުންކޮށްފަ އޭގެ ބޭނުން ކެނޑުމުން އެއްލާލާހެން ހަމަ.. ދޮގު މައްޗަށް ދޮގު ހަދަމުން ދާއިރު އެއްޗެއްވެސް ހިތަށް ނާރަނީތަ؟ އަހަންނެއްވެސް ދެން ނުހުންނާނަން މަޑަކުންނެއް… މި ހުރިހާކަމެއްގެ ފަހަތުގައި ހުރި މީހަކީ އެއީ…” އެންމެންގެ ނަޒަރުތައް އެވަގުތު އަމާޒުވެގެން ދިޔައީ ޒަޔާންއަށެވެ. އޭނާގެ މޫނުމަތިން ހާސްކަން ފިލާ ދިޔަ އިރު މިހާރު ހުރީ ރުޅިވެރިކަމެވެ. ރުޅިވެރި ނަޒަރެއް ކުޑާއަށް ދީގެން ހުރި އިރު އޭނާގެ ދެދަތްޕިލަ ހުރީ ޖައްސާ ބާރުކޮށްގެންނެވެ. އެންމެންނަށްވެސް ޝޮކެއް ލިބިގެން ދިޔައިރު ކުޑާއަށްވެސް އަވަސް ނަޒަރެއް ދެވުނެވެ.
“ކި.. ކީކޭ.. ސަލާމަތް ވާނެ ގޮތެއް ނޭނގިގެން ވާހަކަވެސް ހަދަން ފެށީތަ؟” ކުޑާގެ އަޑު ބާރުވިއެވެ. ނަމަވެސް އެ އަޑުގައިވީ ތުރުތުރުލުން އަހަންނަށް ނުފޮރުވެއެވެ. އަހަންނަށް މިހާރު ހުރިހާކަމެއްވެސް ސާފުވެއްޖެއެވެ. އެ ދުވަހު މިގޭ ބެލްކަނީގައި ހުރެގެން ކުޑާ ދެއްކި ވާހަކައިން ފެށިގެންގޮސް މިއަދާއި ޖެހެންދެންވެސް ވީ ހުރިހާ ކަމެއް އަހަންނަށް މިހާރު ފަހުމްވެއްޖެއެވެ.
“އަދިވެސް ބޭނުމީ ދޮގު ހަދަންތަ؟ ސަލާމަތް ނުވާނެކަން ޤަބޫލުކޮށްފަ ޙަޤީގަތް ހާމަކުރުން ރަނގަޅީ…. އަހަރެން އަޔާން އަށް ނަފްރަތު ކުރާކަން އެނގުނު ހިސާބުން އޭނާ މަސައްކަތް ކުރީ އަހަރެން ލައްވާ ހުރިހާ ކަމެއް ކޮށް ނިންމާލަށް… އޭނާ އަހަންނަށް ފައިސާތަކެއް ދީފައި ބުނީ އާޔާއަށް ގޮތެއް ހެދުމަށް… އަހަރެންވެސް އަޔާންދެކެ އަންނަ ރުޅިއެއްގެ ސަބަބުން ބޭނުންވީ އަޔާންއަށް ދެރައެއް ދޭން… އެހެންވެ އެދުވަހު އާރިފާގެ ބަހަށް ހެއްލި އާޔާ ސިޑިން ކޮށްޕާލީ އަހަރެން… ދެން އާރިފާ އަހަންނަށް ވިސްނައިދިނީ އަޔާންވެސް މަރާލަން… އެއިރުން އަހަރެންގެ ސިކުނޑިއަށްވެސް ހަމަޖެހުމެއް ލިބޭނެކަމަށް ބުނަމުން… އެކަމަށްވެސް އަހަރެން ހެއްލުނީ… އެހެންވެ މީގެ އެއްމަސްދުވަސްކުރިން ޕްލޭން ކޮށްގެން މިއަދު ހުރިހާ ކަމެއް މި ފެށީ… އެކަމަކު އެކަމެއް ނުއެއް ވި… އޭނާގެ ގެއިން އަހަރެން ވައްކަމެއްވެސް ނުކުރަން… އަދި އޭނާގެ ކާރުގެ ތަޅުދަނޑިއެއްވެސް ނުގެއްލޭ.. އެއީ ހުސްވެސް ދޮގު… އަހަރެމެން ޕްލޭން ކުރީ އޭނާ ތިރީގައި ހުރެ އަހަރެން އަޔާން ބެލްކަނިން ކޮށްޕާލާފަ އޭނާގެ ކާރުގަ އަވަހަށް ފިލަން.. އެކަމަކު ބުނި ވަގުތަށްވުރެ ގިނައިރުވުމުން އޭނާ އަވަހަށް އެ އައީ.. މިގޭ ތަޅުދަނޑިވެސް އޭނާ އަމިއްލައަށް ހައްދާފަ އެހުރީ ހަމަ މިކަމުގެ ބޭނުމުގަ.. އަހާބަލަ އޭނާ އަތުގަ މިގޭ ތަޅިދަނޑި ނެތްތޯ..” ޒަޔާން ވާހަކަ ކުރުކޮށްލަމުން ކުޑާއަށް ފޫހި ނަޒަރެއް ދިނެވެ.
އެވަގުތު އަހަރެންގެ އިތުރުން އާހިލް މާ ހައިރާން ނުވި ނަމަވެސް މަންމައާއި ބައްޕައަށް ލިބިގެން ދިޔައީ ސިހުމެވެ. ދެމީހުންވެސް ކުޑާއަށް ބަލަހައްޓައިގެން ތިބީ ޤަބޫލު ނުކުރެވިފައެވެ. “އެއީ ތެދެއްތަ؟” ބައްޕަ މަޑުން ނަމަވެސް ހަރުކަށިކަމައެކު ކުޑާއަށް ސުވާލުކޮށްލިއެވެ. ނަމަވެސް ކުޑާ ޚިޔާރު ކުރީ ހަމަހިމޭންކަމެވެ. “އަހަރެން އާރިފާ ގާތު މި އަހަނީ އެއީ ތެދެއްހޭ.. ޖަވާބުދީ..” މިފަހަރު ބައްޕަގެ ބާރުގަދަ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. އެވަގުތު ކުޑާ ސިހިގެން ދިޔައެވެ. “އާން.. ތެދެއް އެއީ.. ޒަޔާން އެބުނި ހުރިހާ ވާހަކައަކީވެސް ތެދު..” ދެކަންފަތް މަތީ އަތް އަޅަމުން ކުޑާ ހަޅޭތްލަވައިގަތެވެ.
“އަހަރެންވެސް މިއީ އިންސާނެކޭ.. ކެތްކުރެވޭނީވެސް ވަކި ވަރަކަށްނު.. ކުޑައިރުއްސުރެ އަހަރެން އައީ ކެތްކުރަމުން.. އެންމެ ފުރަތަމަ މަންމަމެންގެ ފަރާތުން.. މުޅި އާއިލާ އެންމެނަށްވެސް ރަން ދަރިއަކީ ދޮންބެ.. ހުރިހާ މޮޅެއް ދޮންބެއަށް.. އެންމެންގެ ލޯބިވެސް ދޮންބެއަށް.. އަހަރެން މިއީ އެއްވެސް މީހަކަށް ނުވޭ.. އަހަރެންގެ ކާމިޔާބީއެއް މަންމަމެން ފާހަގަކުރި ދުވަހެއް ބުނެބަލަ.. އެކަމަކު ދޮންބެއަށް މޮޅެއް ލިބޭއިރަށް ރަށު ރައްޔިތުންނަށް ކައްކާފަ ކާންދޭނެ.. ހަދިޔާތަށް ދޮންބެއަށް ދޭނެ.. ކިޔަވަން ފޮނުވީވެސް ދޮންބެ.. އަހަރެން ހުންނަން ޖެހުނީ ރަށުގަ އޮފީހުގަ ވަޒީފާއެއް އަދާކޮށްލަ ކޮށްލާ.. ކިޔަވަން ދާކަށް އަހަންނަކަށް ފުރުސަތެއް ނުދިން.. އެންމަފަހުން މަންމައާއި ބައްޕަ މަރުވުމަށްފަހު ހުރިހާ މުދާކޮޅެއްވެސް ދޮންބެއަށް.. މުޅި ގެވެސް ދޮންބެއަށް.. ބިޒްނަސްވެސް ދޮންބެއަށް.. އަހަންނާއިމެދު އެކަކު އެއްފަހަރުވެސް ވިސްނާލިތަ؟ އަހަރެންގެވެސް އުންމީދުތަކެއް އޮވެޔޭ. އެކަމަކު އަހަންނަށް އެހީވާނެ އެކަކުވެސް ނުވި.. އެހެންވެ އަހަރެން ބޭނުންވީ ކޮންމެވެސް ގޮތަކުން ދޮންބެއަށް ދެރަދޭން… ދޮންބެ އަތުން ބިޒްނަސް އަތުލާ ދޮންބެއަށް ދަތިކުރަން… އާޔާ ކުޑައިރު ގެއްލުވާލީވެސް އަހަރެން… އެފަހަރު ދޮންބެއަށް އިޙުސާސްވިއެއްނު ހިތާމައަކީ ކޮބައިކަން… އާޔާ މި ދުނިޔެއާއި ވަކިވި ދުވަސް ދެން… އެ ދުވަހުވެސް ދޮންބެއަށް ހުންނާނީ ހިތާމައަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިފަ… އަހަރެން ކުރި ހިތާމަ އަދި އެޔަށްވުރެ މާ ބޮޑު… މުޅި އުމުރު ދުވަހު އަހަރެން ހޭދަކުރީ އެކަނިވެރިއެއްގެ ގޮތުގަ ކަރުނަ ބާލުވަން… އެކަން މިހާރު އިޙުސާސް ވާނެ ދޮންބެއަށް… އެދުވަހު އަހަންނަށް ދިން ދެރައިގެ ހިތި ނަތީއްޖާ ތި ފެންނަނީ… އިނގިއްޖެތަ؟” ކުޑާއަށް ރޮވޭޙާލުވެސް ބާރުބާރަށް ރުޅިވެރިކަން އެކުލެވިފައިވީ ރާގެއްގައި ކިޔަމުން ދިޔައެވެ. އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ބަދަލު ހިފުމުގެ ރޫޙުގައި ހުރެ މިވަރު ބޮޑު ކަމެއް މީހަކު ކުރި ވާހަކަ ދުވަހަކުވެސް އަހަންނެއް ނާހަމެވެ.
ބައްޕަ ކުޑާއާއި ދެތިން ފިޔަވަޅު ގާތަށް ޖެހިލުމަށްފަހު ބާރު ބާރަށް ކުޑާގެ ކަންފަތްމަތީގައި ޖެހިއެވެ. “އާރިފާ އެހެން ހެދި އިރު ތި ހިތުގަ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީތަ؟ އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅޭ އެއީ… އާރިފާއަށް ބޮޑުދައިތަ ކިޔާ ހަމައެކަނި އަންހެން ދަރިފުޅު… އެހާ ދުވަހު އަހަންނާއި ދުރުން ގެންގުޅެފަ އަހަންނަށް އޭނާ ލިބުމާ އެކީ އެދަރިފުޅަށް އެހާ ބޮޑު އަނިޔާއެއް ދިނީ… ދެން ކުރިން ދެއްކި ވާހަކަ.. އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ އާރިފާއާއި އަހަންނާއި މަންމަމެން ތަފާތުކުރީ ކީއްވެކަމެއް… ޤަބޫލުކުރަން މަންމަމެން ވެސް ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫންކަން… އެކަމަކު އާރިފާ ޤަބޫލުކުރަން ވާނެ އަހަރެން ދުވަހަކުވެސް އާރިފާއަށް ދެރަވާގޮތަކަށް ކަންތައް ނުކުރާކަން… މިވީހާ ދުވަހު އަހަރެން މަސައްކަތް ކުރަމުން މި އައީ އާރިފާއަށް ބިޒްނަސްގެ އެއްބައި ހަވާލުކުރަން.. އެކަމަކު އަހަންނަށް ހީވަނީ އާރިފާއަށް އެވެސް ޙައްގެއް ނޫންހެން.. އާރިފާގެ ތިކަމުގެ ސަބަބުން އަހަރެންގެ މިހިރަ ކުށެއް ނެތް ދަރިފުޅަށް އަހަރެން ހުރިހާ ނަފްރަތެއް އަމާޒުކުރީ.. އޭނާގެ ކޮން ކުށެއް އޮތީ އޭނާގެ ބައްޕަގެ ލޯބިން މަހުރޫމްވާން.. އަހަރެން އޭނާއާއި ދިމާއަށް އެވަރަށް އެއްޗެހި ކިޔާފަ އޭނާގެ މަންމައާއިވެސް ދުރުކުރުވިން.. މުޅި މި އާއިލާ ތެރޭގައި މިއަދު މިވަނީ މައްސަލަ ޖެހިފަ.. ހަމަ އެންމެ ކަމެއްގެ ސަބަބުން..” ބައްޕަ އެހާ ދެރަވެފައިހުރެ ވާހަކަ ދެއްކިތަން އަހަންނަށް މިފެނުނީ އަދި އަލަށެވެ. އެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔަ އިރު އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އަހަންނަށް މަންމައާއި ދިމާއަށް ދުއްވައިގަނެވުނީ އެއްވެސް ބާރެއް ނެތް މީހެއް ފަދައިން މަންމަ ހުރިތަނަށް ތިރިވުމުންނެވެ. އެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.
“އާރިފާ ކުރި ކުށުގެ އަދަބު އާރިފާއަށް ލިބެންޖެހޭނެ ކަމަށް އަހަރެން ޤަބޫލު ކުރަނީ….” ބައްޕަ އެހެން ބުނެ ފޯނު ނަގައި ޕޮލިހުންނަށް ގުޅއެވެ. އެންމެން އެގޮތުގައި ތިއްބާ ޕޮލިހުން އައިސް ކުޑާއާއި ޒަޔާން ގެންދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި މުޅި ގޭތެރެ ހިމޭންވެގެން ދިޔައެވެ. އާހިލް އައިސް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވަމުން ދިޔައިރު އަހަންނަށްޓަކައި ހަމްދަރުދީވާކަންވެސް ހާމަވަމުން ދެއެވެ.
“މަންމާ… ދެން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ހިތްވަރުކުރަންވާނެ…” އަހަރެން ބެލީ އެވަގުތު މަންމަ ހަމައަކަށް އެޅުވޭތޯއެވެ. ހުރިހާ ޙަޤީގަތެއް އެނގުމުން އެ މަންމަގެ ހަލާކުވެފައިވި ހިތަށް އަނެއްކާވެސް އިތުރު ޒަޚަމްތަކެއް ލިބިގެންދިޔައީއެވެ. އަހަރެންގެ ހިތުގައިވެސް ވަރަށް ވޭން އަޅައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ “ދަރިފުޅު… ބައްޕައަށް މަޢާފް ކުރޭ… ކަމުގެ ދެކޮޅު ނުބަލާ ބައްޕައަށް ހިތަށް އައި ގޮތަށް އެއިރު ކަންތައް ކުރެވުނީ… ޝައިޠާނާގެ ނުބައި ވަސްވާހުގައި ޖެހި ދަރިފުޅުގެ އެއްވެސް ކުށެއް ނެތް އިރުވެސް ދަރިފުޅު ދުރުކޮށްލެވުނީ… ބައްޕައަށް މަޢާފް ކުރޭ…” ބައްޕަ އައިސް އަހަރެމެން ގާތުގައި އިށީންނަމުން ބުނެލިއެވެ.
“ނޫން ބައްޕާ… ބައްޕަ މަޢާފަށް އެދޭކަށް ނުޖެހެއޭ… މިހާރު ހުރިހާ ކަމެއްވެސް މި ހައްލު ވީއެއްނު… އެއިރު އެހާ ނާޒުކު ހާލަތެއް ވީމަ އެހެންވެސް ވެދާނެއޭ… އެދުވަހު ބައްޕަ ތިހުރި މަގާމުގައި އަޅުގަނޑު ހުރި ނަމަވެސް މިހެން ކަންނޭނގެ ވާނީ…. ބައްޕަ އާޔާދެކެ ވަރަށް ބޮޑަށް ލޯބިވާކަން އަޅުގަނޑަށް އިނގޭ…” އަހަރެންގެ ހިތުގައި ޙަޤީގަތުގައިވެސް ބައްޕައަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ. އެ ބައްޕަގެ ލޯބި އަނބުރާ އަހަންނަށް ލިބުމުން އެއިރު ހިތުގައި އެޅުނު ހުރިހާ ކޫރުމެއް މުޅިން ފިލާ ދިޔަކަހަލައެވެ.
އަހަންނާއި އާހިލް ކުރި ބުރަ މަސައްކަތުން ﷲ އިރާދަފުޅު ކުރެއްވީތީ މިއަދު ހުރިހާ ސިއްރެއް ފަޅާ އަރުވާލެއްވިއްޖެއެވެ. ﷲ އަހަރެމެންނަށް ކާމިޔާބު ދެއްވައިފިއެވެ. އެކަލާނގެއަށް މިހާރުވެސް ޝުކުރުވެރިވެވުނީ ކިތަށް ފަހަރުކަމެއްވެސް ނޭނގެއެވެ. އެކަލާނގެ އަޅުންނަށް އެކަލާނގެ ކާމިޔާބު ދެއްވާނެވެ. ޚިޔާރުކުރަން ޖެހޭނީ ކެތްތެރިކަމެވެ. އެކަކަށް ދެރައެއް ދީފައި އުފަލުގައި އުޅެވެނީ ކާކަށް ހެއްޔެވެ؟ އަނެކާއަށް ދެރަ ދީފައި ތިމާއަށް އަރާމުގައި އުޅެވޭނަކަމަށް ހީކުރުމަކީވެސް މޮޔަ ކަމެކެވެ. ކޮންމެވެސް ދުވަހަކުން ތިމާ ކުރި ކުށް މުޅި ދުނިޔެއަށް ސާބިތުވާނެއެވެ. އެ ދުވަހުން ތިމާ އެންމެންގެ ކުރިމަތީގައި ބޭޒާރުވެސް ވާނެއެވެ. އެހެން ކަމުން ކުށް ކުރުމުގެ ކުރިން އެކަމުން ނިކުމެދާނެ ނަތީއްޖާއަކައިމެދު ވިސްނާލުން އެއީ ބުއްދިވެރި ގޮތެކެވެ. ސިއްރިއްޔާތުގައި ކުރި ކަމެއް ނަމަވެސް ކޮންމެވެސް ދުވަހުން އެ ސިއްރު ހާމަވާނެ ކަމާއި މެދު ވިސްނާލާށެވެ.
(ނިމުނީ)
8 Comments!
Comments are closed.
salaam.. vaahakaige emme fahu bai up nuve las v kamahtakaa hurihaa kiyuntheringe faraathunves nihaayathah maafah edhen.. las v eki sababuthakah takaa namaves e sababuthah haamakuraakah alhugandu nethin.. adhi alhuganduge kuh ves mikamugai oiyykamah alhugandu qabool kuran.. ehn v ma ummeedhu kuranee kiyuntherin alhugandah maafu kuraanekamah… kuriyah oiyythanuga alhgandu genesdhey vaahakathah miahvure rangalhu kureveytho masahkaiyy kuraanan…. in sha allah..
mihaa dhuvas kohfa ves vaahaka genesdhevunu kamahtakaa vrh ufaavey.. adhi allah hamdhukuran… ummeedhu kuran hurihaa kiyuntherinnah mi bai adhi mulhi mi vaahaka kamudhaane kamah… adhi mi vaahakain iburatheh haasil vi kamah.. hurihaa kiyuntherinnah ves faagathi mustaqbalakah edhen… 🙂
Yeyy me first dhw…haadha dhuvaheh fahunney mi prt kiyaalan mi libuny..????????..as usual mi prt vx vrh reethi masha allah..ibaaraiy kurumah 100 dheyvaruvey..??????????..waiting for ur nxt stry dear????..Ly inan
maasha allah v v reethi iburaethari vaahakaye ☺????? vaahaka nimenden genes dineema v rae ufaaveje love u inan
Mi vaahakaa ge baky prt theh kobaa tha ????
Author ge name ah click kohlaba.. Eyrah fennaane… ?
Masha allah. Wow. Mi vaahaka vrh vrh reethi. Inan ge ehn vaahaka eh fennaanee dhn kn dhuvaha kun?? Anyways mi vaahaka vrh reethi. Thank u inan mi vaahaka nimendhn genesdhinee thee. Thank u sis.
Kuriyah part thah hadhaan nuvaathy v Vaanuvaa neygy mi part ga eh
Maashaa Allah ❤️V reethi story eh inaan v molhu ♥️