“އޮފްކޯޒް އެވެސް ދަރިން. އެކުދިންނަކީ ފިރިހެން ދަރިން. އެމީހުންނަށް އަހަރެމެންގެ ދެމީހުން ނެތް ދުނިޔެއެއްގަ އެކުދިންނަށް ޖެހޭނީ ކޮންހާލެއް. އިރާދަކުރެއްވިއްޔާ އެއީ ކިޔަވައިގެން ތިބި ވިސްނުންތޫނު ކުދިބައެއް” ހާރޫން ބުނެލިއެވެ. މާއިރާ ހީލިއެވެ. ނަމަވެސް ހާރޫންގެ އެ ނިންމުން އޭނާ ހިތްހަމައެއްނުޖެހެއެވެ.
“ދެން އަޅެ. ހާރޫނަށް ހީވޭތަ މިއީ ރަނގަޅު ނިންމުމެއްހެން. ނާލް އަދި ވަރަށް ޅައެއްނު” މާއިރާ ބުނެލިއެވެ.
“ތިންކް ޕޮޒިޓިވް މައި ލަވް. މީތި އެމަންޖެ މައްޗަށް ހިނގާނީ އެމަންޖެގެ އުމުރުން އަށާރަ އަހަރުވީމަ. އެކަމަކު އަދި މިއީ ސަޕްރައިޒެއް އިނގޭ. ނުބުނާތި އެއްވެސް ކުއްޖެއް ކައިރީގަ” މާއިރާގެ އަތުގައި ހިފާލަމުން ހާރޫން ބުނެލިއެވެ. މާއިރާ ބޯޖަހާލިއެވެ. ހާރޫންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ހަމަ އެހާ އަވަހަށް އެހިނިތުންވުން ފިލައިގެން ދިޔައީ މާއިރާ ކައިރީގައި ނުބުނެވޭ އަދި އެއްވާހަކަ އޮތުމުންނެވެ. އެއީ ވެސް ޔަނާލާއި ގުޅުފައިވާ ކަމެކެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ އެކަން ހާމަކުރާނެއެވެ.
************************************
ކާރުން ފައިބައިގެން ކޮލެޖާއި ދިމާލަށް ހިނގާފައި އައި ޔަނާލް އެނބުރި ކާރުގައި އިން އާކިންއަށް ބަލާލިއެވެ. އާކިން ޔަނާލަށް އަތް އުފުލާލަމުން ބާއި ކިޔާލިއެވެ. އަދި ބަލައިގެން އުޅުމަށް ބުނެލިއެވެ.
“ނާލް ނިންމާފައި ގުޅާނަންތަ ދޮންބެއަށް” އާކިން އަހާލިއެވެ.
“ފަހަރެއްގައި” ކުޑަކޮށް ބޯ ގުދުކޮށްލަމުން ހީލުމަކާއެކު ޔަނާލް ބުނެލިއެވެ.
“މިހެން މިބުނީ ދޮންބެ ދާންޖެހޭ ކްލައިންޓަކާއި ބައްދަލުކުރަން. އެކަމު ޑޯންޓްވޮރީ ޕްރިންސަސް. ތިއްތި ނޫނީ ކުޑަބެ އަންނާނެ ގުޅާލީމަ” އާކިން ބުނެލިއެވެ. ޔަނާލް ބޯޖަހާލުމުން އާކިން ކުރިއަށް ކާރު ދުއްވާލިއެވެ. ޔަނާލް އެދިމާ ބަލަންހުއްޓާ އައިސް މަޑުކޮށްލީ ފައިޒަންގެ ކާރެވެ. ފައިޒަން ޔަނާލަށް ބަލަން ހުރީ ފާޑަކަށެވެ. ހިނދުކޮޅަކަށް ފައިޒަން ކައިރީގައި އިން ޔަޒްދާންގެ ނަޒަރު ޔަނާލާއި ބައްދަލުވިއެވެ. ޔަނާލް އަވަސް އަވަހަށް ނޭނގޭކަމަށް ހަދާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފައިޒަން ކާރު ޕާކްކޮށްފައި ނިކުމެ ބަލާލިއރު ޔަނާލް ފެންނާކަށް ނެތެވެ. އޭރު ޔަޒްދާން އައިނީ އާއި ވާހަކަދައްކަމުން އެތެރެއަށް ވަދެއްޖެއެވެ. ކުލާހަށް ވަނުމަށްފަހު ފައިޒަން އޭނާގެ ޖާގައިގާ އިށީނެވެ. މަޑުކޮށްލީ ޖެހިގެން ހުރި ޝީޓުގައި ޔަނާލް އައިސް އިށީންނަންދެނެވެ. އަބަދުވެސް ފައިޒަން ކައިރީގައި އިންނަނީ ޔަނާލް ކަމުގައި ވާތިއެވެ. ފައިޒަންއާއި ޖެހިގެން އަނެއްފަރާތަށް އިނީ ޔަޒްދާނެވެ. ދެން އިނީ އައިނީއެވެ. ކުއްލިއަކަށް ސިހުނީ ޔަނާލް އިންނަތަނުގައި އައިސް އެހެން ފިރިހެންކުއްޖެއް އިށީނުމުންނެވެ.
“]ނަނާ އައެއްނޫންތަ ކްލާހަށް” ހައިރާންވެފައި އެކުއްޖާ ކައިރީގައި ފައިޒަން އަހާލިއެވެ.
“އާނ. އެނީނު. ނޭނގެ ކީއްވެކަމެއް. މިއަދު މަގޭ އައިތަނާ ބުނެފި ޝީޓް ބަދަލުކުރަން” އެކުއްޖާ ބުނެލިއެވެ. ފައިޒަން އެނބުރި ފަހަތް ބަލާލިއެވެ. ތެދެކެވެ އެންމެ ފަހަތު ޝީޓުގައި ޔަނާލް އިނެވެ. ގަލަމުގެ ކޮޅު އަނގއަށް ލައިގެން އިންއިރު ނަޒަރު ސީދާވެފައިވަނީ ކުރިމަތީގައި ހުޅުވާލާފައި އޮތް ފޮތަށެވެ. ނަމަވެސް އޭނާއަށް ނޭނގުމުގެ ތެރެއިން ފައިޒަންއާއި ނަޒަރު ސީދާކޮށްލެވުނެވެ. ޔަނާލް ގަދަކަމުން ހީލިއެވެ. ފައިޒަން އަޅާވެސްނުލާ އަނެއްފަރާތަށް އެނބުރުނެވެ. ޔަނާލް އެގޮތަށް ކަންތައް ކުރުމުން އޭނާ ހިތުގައި ޖެހުނީއެވެ.
“ސޮރީ ފައި” ޔަނާލް މަޑުމަޑުން ބުނެލިއެވެ. އެސާބުން ޓިޗަރ ކްލާހަށް ވަނުމާއެކު މުޅި ކްލާސް އެކީގައި ހިމޭންވިއެވެ.
ބްރޭކަށް ހުރިހާ ކުދިން ނިކުތްވަގުތު ފައިޒަން ބެންޗް ކައިރީގައި މަޑުކޮށްލީ ޔަނާލް އަންނާނެ ކަމަށެވެ. ނަމަވެސް ޔަނާލްގެ ހިލަމެއްވެސް ނުވިއެވެ. ފައިޒަން ފޯނު ނަގާފައި ގަޑި ބަލާލިއެވެ. އެއްގަޑި އިރު ފަހުން ބްރޭކަށްހު ކްލާސްތައް ފެށޭނެއެވެ.
“ލެޓްސް ގޯ” ކައިރިއަށް އައިސް ހުއްޓުނު ޔަޒްދާން ބުނެލިއެވެ. ޔަޒްދާން ކައިރީގައި އައިނީވެސް ހުއްޓެވެ.
“ހިނގާ. އެކަމު އަހަރެމެން ދެމީހުން އެކަނި ދެވިދާނެތަ؟” ފައިޒަން ހިތްހަމަނުޖެހުނީ ޔަނާލް އޭނާއާއި ދުރުވީ އައިނީގެ ސަބަބުންކަމަށް ހީކޮށްފައެވެ.
ޔަޒްދާން އައިނީއަށް ބަލާލިއެވެ.
“އިޓްސް އޯކޭ” ހީލަމުން އައިނީ ބުނެލިއެވެ. އަދި އަނެއްފަރާތަށް އެނބުރި ހިނގައިގަތްއިރު ހިތާއިހިތުން ފައިޒަންއަށް އެއްޗެހި ކިއިއެވެ.
“ކެންޓީނަށް ދޯ ދާނީ” ޔަޒްދާން ބުނެލިއެވެ. ގަޔާނުވެފައި ހުރެ ވެސް ފައިޒަން ބޯޖަހާލިއެވެ.
“އެކަމަކު ކެންޓީނުގައި ނުހުރޭއެއްނު އިށީންނާކަށް ތަނެއް” ފައިޒަން ބުނެލިއެވެ.
“އޯކޭވާނެ. އެއްޗެއް ހިފައިގެން މިތާ ޕާކަށް ނިކުންނާނީ” ޔަޒްދާން ބުނެލިއެވެ. ފައިޒަން މާބޮޑު ޝައުޤުވެރިކަމެއް ނެތަސް ޔަޒްދާނާއި އެކީގައި ކެންޓީނަށްވަނެވެ. އެއްޗެއް ހިފައިގެން ނިކުމެ ޕާކަށް ވަތްއިރު ފުދޭވަރަކަށް ކުދިން ތިއްބެވެ. އިށިންނާނެ ތަނެއް ހޯދާލުމަށް ދެކޮޅު ބަލާލިތަނާ އެކަނި ގޮނޑިއެއްގައި އިން ޔަނާލް ފައިޒަންއަށް ފެނުނެވެ. ފައިޒަން އެދިމާލަށް ހިނގައިގަތުމުން ފަހަތުގައި ހުރި ޔަޒްދާންވެސް ފައިޒަން ފަހަތުން ހިނގައިގަތެވެ. ފައިޒަން ދާ ދިމާލަކަށް އޭނާ ނުބަލައެވެ. އޭނާ ދިޔައީ އަތުގައި އޮތް ދަޅު ބޮމުންނެވެ. ފޯނާއި ކުޅެން އިން ޔަނާލް ސިހުނީ ކައިރީގައި ފައިޒަން އައިސް ހުއްޓުމުންނެވެ. އޭރު ޔަޒްދާނަށް ވެސް ޔަނާލް ފެނިއްޖެއެވެ.
“ފައި!” ޔަނާލް ތެދުވެލި ވަގުތު ދެތުންފަތް ދޭތެރެއިން ނިކުތެވެ. ފައިޒަން ހުރީ ހިތްހަމަނުޖެހިފައި ޔަނާލަށް ބަލަހައްޓައިގެންނެވެ. ޔަޒްދާން އަޅާވެސްނުލާ ދިޔައީ ދަޅު ބޮމުންނެވެ.
“ހޭއި އަރޫ… މަޑުކޮށްބަ މަށާއެކު ދާން” ޔަނާލް ބެންޗުމަތީގައި ހުރި ފޮތްތައް ހިފައިގެން ދިޔައެވެ.
“ފައި ހާދަވަރަކުންނޭ އޭނަ ފަހަތުން ތިއުޅެނީ. ތީ މީހުން އުޅޭގޮތެއްނޫން” ޔަޒްދާން ހިތްހަމަނުޖެހިފައި ބުންޏެވެ. ފައިޒަން ޔަޒްދާނަށް ބަލާލިއެވެ. އޭރު ފައިޒަންގެ ދެލޮލަށް ޖަމާވަމުންދާ ކަރުނަ ޔަޒްދާނަށް ފެނުނެވެ. ޔަޒްދާނަށް ފައިޒަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ ފެންނަމުންދާ ހަޤީޤަތް ޤަބޫލުނުކުރެވިފައެވެ.
“ހަމަ ތިހާ ދެރަވޭތަ ފައި. އޭނަ ވާހަކަނުދައްކަނީއެއްވެސް ނޫނެއްނު” ޔަޒްދާން ބުނެލިއެވެ. ފައިޒަން އެ ބެންޗުގައި އިށީނެވެ. ކައިރީގައި ޔަޒްދާންވެސް އިށީނެވެ.
“ވިސްނާ ވިސްނާވެސް ނޭނގުނު ނަނާއަށް އެވީގޮތެއް. އެހެންނޫނީ އޭނައަކީ ދުވަހަކުވެސް މަށާ ވަކިން އެއްވެސް ތަނަކަށްދާ ކުއްޖެއްނޫން. އެއީ އަހަރެންގެ ބެސްޓްފްރެންޑް” ފައިޒަން ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން ބުނެލިއެވެ.
“ޑޫ ޔޫ ލަވް ހަރ” ޔަޒްދާން ފައިޒަންގެ މޫނަށް ބަލާލީ ތަޙުޤީޤީ ނަޒަރަކުންނެވެ. ފައިޒަން ޔަޒްދާނަށް ބަލާލިއެވެ.
“މޮޔަވީތަ؟ ވީއަރ ފްރެންޑްސް. ނަތިންގް މޯރ. ދުވަހަކުވެސް މިގުޅުން ލޯތްބަކަށް ބަދަލެއްނުވާނެ. އެއީ ކުޑައިރުގެ އެކުވެރިޔާ” ފައިޒަން ބުނެލިއެވެ. ފައިޒަންގެ ޖަވާބުން ނޭނގޭ ސަބަކާއި ހުރެ ޔަޒްދާނުގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.
“ހިނގާ ދާން. ދެން ކްލާސްތައް ނިންމާފައި ފަހުން މީޓްކުރެވިދާނެއްނު އޭނަ އާ” ޔަޒްދާން ފައިޒަންގެ ކޮނޑަށް އަތްއެއްލަމުން ބުނެލިއެވެ.
**************************************
ރައްޓިއްސަކާ ބައްދަލުކުރުމަށް ހާރޫން ގެއިން ނިކުތްފަހުން ގަޑިއިރެއް ވީއެވެ. މިހާރު ހަވީރުފަހެއް ޖަހަނީއެވެ. ސިޓިންގްރޫމުން އެއްވެސް މީހަކު ފެންނާކަށްނެތެވެ. ގެންގުޅޭ ކައްކާ ކުދިންތައް ބަދިގޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަމުން ދިޔައެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ވަދެގެން އައި ހާރޫން އިށީނީ ސޯފާގައެވެ. ލޮލުގައި އިން އަވި އައިނު ނެގުމަށްފަހު ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި ބޭއްވިއެވެ. ދެފަރާތް ބަލާލީ މާއިރާ ނޫނީ ކުއްޖެއްގެ ހަބަރެއްވޭތޯއެވެ. އިރުކޮޅަކުން ހާރޫންގެ ކުރިމަތީގައި ފިނި ފެންތައްޓެއް ގެނެސް ބެހެއްޓިއެވެ. އެއީ އެގޭގައި އުޅޭ ހަމައެކަނި މަސައްކަތު ދިވެހި އަންހެންކުއްޖާއެވެ.
“ކޮބާ މާއިރާ؟ އެއްވެސް ކުއްޖެއްްވެސް ނުފެނޭ. އެބައުޅޭތަ ގޭގަ” ފެންތަށީގައި ހިފާ ކޯވަރެއް ބޯލަމުން ހާރޫން އެކުއްޖާ ކުރެން އަހާލިއެވެ. އެވަގުތު އެކުއްޖާގެ މޫނަށް ތަފާތު ކުލަވަރެއް އަރައިގެން ދިޔައެވެ. އެކުއްޖާގެ ނަޒަރު މަތިން ކޮޓަރިތަކާއި ދިމާލަށް ދަތުރުކޮށްލުމަށްފަހު ދެން ބަލާލީ ހާރޫނަށެވެ.
“ރަނގަޅުތަ ހުރިހާ ކަމެއް” ހާރޫން އަހާލިއެވެ. އެކުއްޖާ ބޯޖަހާލަމުން ތަށި ހިފައިގެން ދިޔައެވެ. ހާރޫން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ދަނިކޮށް ނަމާދު ކޮޓަރިން ޝިފާ ނިކުންނަނިކޮށް ފެނުނެވެ.
“ދަރިފުޅާ! ނަމާދުކޮށްލީތަ. ހާދަ ރަނގަޅޭ. ކޮބާ އެންމެން. ހަބަރެއް ދަބަރެއްނުވޭ. މިގެއެކޭ ފަޅު ހާއްޔެކޭ މިވަގުތު ތަފާތެއްނެތް” ހާރޫން ބުނެލިއެވެ.
“އަޅުގަނޑު ނަމާދަށް ދިޔައިރު ތިބި މިތާ ހޯލުގަ އެންމެން. މިހާރު ނޭނގެ. ބައްޕަ ގުޅާލަބަލަ” ޝިފާ ވާހަކަދެއްކުމަށްފަހު މިސްރާބުޖެހީ ބަގީޗާއާއި ދިމާލަށެވެ. ހާރޫން ކޮޓަރިއަށް ދާން އާކިންގެ ކޮޓަރިދޮރުމަތިން ހުރަސްކުރިއިރު އެކޮޓަރީގެ ދޮރު ކުޑަކޮށް ލައްޕާލާފައި ހުއްޓާ ފެނުނެވެ. އޭސީގެ ފިނިކަން ކޮޓަރީގެދޮރުން ބޭރަށް ހުރުމުން ހާރޫން އުޅުނީ ދޮރު އެއްކޮށް ލާއްޕާލާށެވެ. ކައިރިވިވަގުތު ކޮޓަރި ތެރެއިން މާއިރާ، އާކިން، ޒާކިން، ރާކިން އަދި އިފްނާ ފެނުމުން ހާރޫންގެ ދެލޯ އަރައިގެން ދިޔައެވެ. އާކިން އެނދުގައި އޮތްއިރު ބާކީ ތިބި މީހުން ތިބީ ގޮނޑިތަކުގައެވެ. ކޮޅަށް ހުރީ އެކަނި އިފްނާއެވެ.
“އަނެއްކާ ކޮންކަހަލަ މަޖްލިސް ބައްދަލުވުމެއްތަ މީ” އެތެރެއަށް ވަންނަމުން ހާރޫން އަހާލިއެވެ. ހުރިހާ މީހުން ދިޔައީ ސިހިގެންނެވެ. މާއިރާގެ މޭގަނޑު އަދިވެސް ނެގިނެގިފައި ޖެހެނީއެވެ.
“ބަ….ބައްޕާ” ޒާކިން ހުއްޓަ ހުއްޓަމުން ގޮވާލިއެވެ. އާކިންއަށް ވެސް އޮތްތަނުން ތެދުވެވުނީ ސިހުމަކާ އެކުގައެވެ.
“ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” ހާރޫން އަހާލިއެވެ. ހުއްޓުނީ މާއިރާ ކުރިމަތީގައެވެ. އޭނާ ދިޔައީ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންނެވެ.
“ކި….ކިހިނެއް މިތާކަން އެނގުނީ” މާއިރާ ލަސްލަހުން އަހާލިއެވެ.
“ހޫން…މިހާރު އެނގިއްޖެ ބައްޕައާއި ނާލް ނުލާ ވަރަށް ވަރުގަދަ ބައްދަލުވުމެއް ކުރިއަށް މިތަނުގައި ކުރިއަށްދާކަން. ބައްޕަ ކައިރީގައި ނުބުނެވޭވަރުގެ ކަމެއްތަ؟” ހާރޫން ކުރިމަތިލީ ތިން ފިރިހެންދަރިންނާއެވެ.
“އާކިން! ދަރިފުޅު ރަނގަޅުތަ؟ އޮފީހަށް ދިޔަ ހެދުމުގައި އަދިވެސް ތީނީ” އެނދުގައި އިން އާކިން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.
“ނަސީބެއްނުން. ހާރޫން އައިކަން. މި އާކިން މިއަދު އެކްސިޑެންޓްވީއޯ. އެއްވެސް ތަނަކަށް ތަދެއްވެސް ނުވެޔޯ. މިކިޔަނީ ބޭރުފުށުން ކަމެއް ނެތަސް ހުރެދާނޭ އަނިޔާއެއްވެފަ” މާއިރާ ބުނެލިއެވެ.
“ޔާރައްބީ! ހަމަތެދެއް. އެކަމަކު ދަރިފުޅާ. ބައްޕަ އަބަދުވެސް ބުނަމެއްނު ތިހުރިހާ ކުދިން ކައިރީގައި ސައިކަލުގައި އުޅުނަސް ކާރުގައި އުޅުނަސް ބަލައިގެން އުޅެން” އާކިންގެ މަގަތުން އިށީންނަމުން ހާރޫން ބުނެލިއެވެ.
“ކޮންތަނެއް ޖެހުނީ. އަދި ހުންނާނީ ޖެހުނުތަނެއް އައްސިވެފަ. އެކަމަކު ބައްޕައަށް ފެންނަނީ މަންމަ ބުނިހެން ހޮސްޕިޓަލަށްދާން. ބައްޕަވެސް ދާނަން ދަރިފުޅާއެކު” ހާރޫން ބޮޑުވެފައި ހުރި އޭނާގެ ފިރިހެން ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
“އަނެއްކާ ބައްޕަވެސް. އަޅުގަނޑަށް އެއްވެސް އަނިޔާއެއްނުވޭ. އަރިއަޅާލިތަނާ އަޅުގަނޑު ބެލެންސް ކޮށްފިން” އާކިން ހާރޫންގެ އަތުގައި ހިފައިގެން އިނދެ ބުނެލިއެވެ. އޭރުވެސް ހާރޫންގެ ދެލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
“އޯކޭ… ބައްޕައަށްޓަކައި އަޅުގަނޑު ދާނަން ހޮސްޕިޓަލަށް. އެކަމު ވަރަށް ބަނޑުހައި. އެއްޗެއް ކައިގެން ދެވޭނީ” އާކިން ބުނެލިއެވެ. ހާރޫން އުފަލުން އާކިންގެ ގައިގާ ބައްދާލިއެވެ.
*******************************************
ކޮލެޖު ނިންމާފައި ކޮޓަރިއަށްވަންގޮތަށް ޔަނާލަށް ނިދިފައި ހޭލެވުނީ އިޝާނަމާދަށް ގޮވަނިކޮށެވެ. ކަންނެތް ގޮތަކަށް ތެދުވުމަށްފަހު ގަޑި ބަލާލިއެވެ. ދެ ނަމާދު ފާއިތުވެ ދިޔުމުން ޔަނާލް ހިތްހަމަނުޖެހުނެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ނަމާދަށް އެރިއެވެ. ކޮޓަރީ ދޮރުގައި ތަޅަންފެށީ ޔަނާލް ސަލާންދީ ނިމުނުތަނާއެވެ. ނަމާދު ބުރުގާވެސް ނުބާލާ ޔަނާލް ދޮރު ހުޅުވާލިއެވެ.
“ނާލް! އަލްހަމްދުލިއްލާހް. ދުނިޔޭގަ އެބަހުރިންދޯ. އެހެންޏަ ކޮޓަރިއަށް ވަތްގޮށް ހަބަރެއްވީއެއްނޫން” ދޮރުމަތީގައި ހުރި ޝިފާ ބުނެލިއެވެ.
“ހެހެހެ…ނިދުނީއޭ. ދެންމެ ހޭލެވުނީ. ޝިފައްތަ ގޮވާވެސްނުލަމެއްނު. ވަރަށް ބަނޑުހައިވެސްވޭ އެބަ” އެނދުގައި އިނދެ އިސްޓާކީނު ބާލަމުން ޔަނާލް ބުނެލިއެވެ.
“ހަވީރު ސައިބޯން ނާންނާތީ ގޮވަން އުޅެނިކޮށް ބަދިގެއިން ކުއްޖަކު ބުނެފި ނާލްއަށް ކޮޓަރިއަށް ސައި ވައްދަން ބުނެފައޭ އިނީ. ނުބޮންދޯ. ދެންވެސް ހިނގާ ކާން. އެންމެން އެބަތިބި ނާލް ނާންނާތީ ނުފެށިފަ” ޝިފާ ބުނެލިއެވެ. ނަމާދު ބުރުގާ ފަތްޖަހާލުމަށްފަހު އެނދުމަތީގައި ބާއްވާފައި ޔަނާލް ޝިފާއާއެކު ތިރިއަށް ފޭބިއެވެ.
ކައ ނިމިގެން ހުރިހާ މީހުން ހޯލުގައި މަޑުކުރުމުން ފޯނު ހިފައިގެން ޔަނާލް އެރީ މައްޗަށެވެ. ކޮޓަރިއަށް ވަދެ ރަނގަޅަށް އެނދުގައި ހަމަނުޖެހިވެގެން އުޅެނިކޮށް ދޮރުގައި ޖަހާލިއެވެ.
“ހުޅުވާފަ” ޔަނާލް ބުނެލިއެވެ. އިރުކޮޅަކުން ބޭރުގައި ހުރި ފައިޒަން ދޮރުހުޅުވާލިއެވެ.
“ފައިތަ! އާދޭ އެތެރެއަށް” ހީލަމުން ޔަނާލް ބުނެލިއެވެ. ފައިޒަން އެތެރެއަށް ވަދެ އެނދުގައި އިށީނެވެ. ޔަނާލްވެސް ބާލީސް އުނގަށް ލައިގެން ދެފައި ވަށްކޮށް އެނދުގައި އިނެވެ. އެކަކުވެސް ބަހެއް ނުކިޔައެވެ. ފައިޒަން އިނީ ޔަނާލްގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔަނާލް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
“ނަނާ! ވަޓްސް ރޯންގް ވިދް ޔޫ؟” ފައިޒަން ބުނެލިއެވެ.
“ނަތިންގް” ޔަނާލް ބުނެލިއެވެ.
“އެހެންނުވާނެ. ކީއްވެ އެގޮތަށް މަ އިގްނޯ ކުރީ” ފައިޒަން ބުނެލިއެވެ.
“އަހަރެން ފައި އިގްނޯރ ކުރުމުގެ ގޮތުންނެއްނޫން އެހެން ކަންތައްކުރީ” ޔަނާލް ބުނެލިއެވެ.
“ދެން ކީއްވެ؟” ފައިޒަން އަހާލިއެވެ. އޭނާ އިނީ ސަބަބު އެނގެން ބޭނުންވެފައެވެ.
“ތިގޭގައި އުޅޭއެއްނު ޕްރިންސެއް. އޭނައަށް ހީވަނީ މަ ހުންނަނީ އޭނައާއި ހެދިފައޭ. އައި ވޯންޓް ޓު ޕްރޫވް ހިމް ދެޓް ހީ އިޒް ރޯންގް. އެހެންވެ އޭނަ ހުންނަ ތަންތަނުގަ ނުހުންނަން ފައިއަށް ފުރަގަސްދީފަ ދަނީ” ޔަނާލް ބުނެލިއެވެ.
“ތީ ކިހިނެއްވިކަމެއް. ތިދެމީހުން މައްސަލައެއް ޖެހުނީތަ އަނެއްކާ. ޒުވާބެއް ކުރީތަ؟” ފައިޒަން އަހާލިއެވެ. ކޮލެޖުގައި ޝޯ އޮތް ރޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ޔަނާލް ފައިޒަންއަށް ކިޔައިދިނެވެ. ފައިޒަން އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު ފައިޒަން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ދެޓް މީންސް ނަނާ ދެން ދުވަހަކުވެސް ކޮލެޖުގަ މަށާއެކު ނޫޅޭނަމޭތަ؟” ފައިޒަން އަހާލިއެވެ.
“ހޫމް… އެކަމު އަބަދުވެސް ތިއީ އަހަރެންގެ ބެސްޓްފްރެންޑް. ހުވާ މިބުނީ މިހާރު އަހަރެން ވަރަށް ފޫހިވެއްޖެ އެ ޔަޒްދާނު ދެކެ. އޭނައަށް އޭނަ ފެނިފަ ހުރީ. އޭނަ އެގޮތަށް މަށާ ވާހަކަދައްކާ ހެދިއިރު ފިޔޮކެއްހެން އަބަދު އެ އައިނީ ފަހަތުގަ ޖަހައިގެން އުޅެނީ. މަގޭ ހިތަށް އަރާ މަށަށް ކުރެވުނީ ކީއްބާއޭ” ޔަޒްދާންގެ ވާހަކަދައްކާ ވަރަކަށް ޔަނާލްގެ ރުޅިގަނޑު ބޮޑުވަމުން ދިޔައެވެ. ފައިޒަން އެކައްޗެއްވެސް ނުބުނެ ޔަނާލަށް ބަލަހައްޓައިގެން އިނެވެ. ޔަނާލަށް ނޭނގުނީ އޭނަ ޔަޒްދާން ދެކެ ފޫހިވެޔޭ ބުނާއިރު އަދިވެސް އޭނާގެ ހިތުން ޖާގައެއް ޔަޒްދާނަށް ދެވިފައިވާކަމެވެ.
******************************************
އެނދުން ޔަޒްދާން ބޯހިއްލާލީ ކަންނެތްކަން ފިލުވާލުމަށް ފެންވަރަން ދާންވެގެންނެވެ. އޭރު ގަޑިން ހަވީރު ފަހެއްޖަހަން ގާތްވަނީއެވެ. ކޮލެޖުން އައިގޮތަށް ކޮޓަރީގައި އޮށްވާ ޔަޒްދާނަށް ނިދުނީއެވެ. ކުއްލިއަކަށް ޔަޒްދާން ސިހުނީ ކޮޓަރި ދޮރު ހުޅުވާލާފައި ވަތް ޔަނާލް ފެނިފައެވެ. ޔަނާލް ލައިގެން ހުރި ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުން އޭނާ ގަޔަށް ނުލާހިކު ޗާލެވެ. ކަރު ހުރަސްކޮށް ފަހަތަށް އެއްލާފައިވާ ދޯޕައްޓާގެ ކަނުގައި ހިފައިގެން ޔަޒްދާނަށް ބަލަން ހުރިއިރު އެތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ޔަނާލްގެ އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލާފައެވެ. ޔަޒްދާން ބޭނުންވީ ޔަނާލަށް އެއްޗެހި ގޮވައިގަންނާށެވެ. ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޔަނާލް މަޑުމަޑުން ހިނގާފައި އައިސް އޭނާއާއި ދާދި ގާތުގައި ހުއްޓުނީ ޔަޒްދާން ބަލަހައްޓައިގެން އިންދައެވެ. ޔަޒްދާންގެ ކަޅި އެހެންދިމާލަކަށް ގުޑާވެސް ނުލައެވެ. ޔަނާލް މަޑުމަޑުން ޔަޒާދާނާއި ގާތަށް ޖެހިލިއެވެ. ޔަޒްދާން ހަމަ އެއިންގޮތަށް އިނެވެ. ޔަނާލް އޭނާގެ މޫނު ޔަޒްދާންގެމޫނާއި ގާތްކޮށް ޔަޒްދާންގެ ކަނާއަތު ކަންފަތަށް ފުމެލިއެވެ. އެވަގުތު ޔަޒްދާންގެ މުޅިހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ.
“ތިގޮތަށް ބެލީމަ ވަރަށް ލަދުގަނޭ” ޔަޒްދާންގެ ކަންފަތްދަށުގައި ވައި އަޑުން ޔަނާލް ބުނެލިއެވެ. ޔަޒްދާން ބޭނުންވީ ޔަނާލަށް އެއްޗެހި ގޮވައިގަންނާށެވެ. ބަވާލަން އަނގަ ހުޅުވާލިތަނާ ޔަނާލްގެ އެއްއަތުގެ އިނގިލި ޔަޒްދާންގެ މަޑު ފިޔާތޮށި ކަމެއް ވެރިވެފައިވާ މަޑު ތުންފަތުގައި ހުރަސް ކޮށްލިއެވެ. ވަގުތުން ޔަޒްދާން ހިމޭންވިއެވެ. އޭނާގެ ދުލުގައި ކަސްތޮޅު އެޅުނެވެ. ޔަނާލްގެ ދެލޮލަށް ބަލަހައްޓައިގެން އިނީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއްގެ މަތިން ހަނދާން ނެތިފައެވެ. ޔަނާލްގެ ދެލޮލުން ފެންނަމުން ދިޔަ ފުންކަމުގެ ތެރޭގައި ފީނައިގަންނަން އޭނާ ހިތް އެދެމުން ދިޔައެވެ. ކުއްލިއަކަށް ޔަނާލް އޭނާ އަޅައިގެން ހުރި ދޯޕައްޓާއިން ޔަޒްދާންގެ ބޮލާއެކު ލޯމަތީގައި އަޅާލާފައި ތިރިއަށް ދަމާލިއެވެ. މެރިފައިވާ ޔަޒްދާންގެ ދެލޮލުގައި ޔަނާލް ލުއިލުއިކޮށް ބޮސްދިނެވެ.
ފުން ނިދީގައި އޮތް ޔަޒްދާނަށް ދެލޯ ހުޅުވާލެވުނީ ހަމަ ކުއްލިއަކަށެވެ. އޭނާ ދެފަރާތް ބަލާލިއެވެ. އެނދުން ތެދުވެ އެއްއަތުން ބާލީސް ހިފައިގެން ހުރެ މުޅި ކޮޓަރި ހޯދާބެލިއެވެ. ޔަނާލެއް ނުފެނުނެވެ. އޭނާ ހަނދާނަށް އައީ ކޮލެޖުން އައިގޮތަށް އޭނާއަށް ނިދުނު ހަނދާނެވެ. އެހެންވީމާ އޭނާއަށް އެފެނުނީ ހުވަފެނެއްކަމަށް ޤަބޫލުކުރިއެވެ. ޔަޒްދާނަށް އެނދުގައި އިށީނދެވުނެވެ. މޫނުމަތީގައި އަތް ހިންގާލެވުނީ ހަމަޖެހިލުމަށެވެ. އޭނާއަށް އެފެނުނީ އެއްގޮތަކަށްވެސް އޭނާ ގަޔާވާ ހުވަފެނެއްނޫނެވެ. ޔަޒާދާނަށް ހަނދާނަށް އައީ ހުވަފެނުގައި ޔަނާލް ލައިގެން ހުރި ހެދުމެވެ. އަންހެންކުދިން ޕާކިސްތާނު ހެދުމުގައި ހުންނައިރު އަބަދުވެސް އޭނާއަށް ވަރަށް ރީއްޗެވެ. ސަބަބަކީ އޭނާގެ މަންމަވެސް ލައި އުޅެނީ އޭގެ ހެދުމަށް ވާތީއެވެ. ޔަޒްދާނަށް އުނދަގުވިއެވެ. އޭނާއަށް މޭގައި ފިރުމާލެވުނީ އާދަޔާޚިލާފަށް ތެޅެމުން ދިޔައޭނާގެ ހިތް މައިތިރިކޮށްލުމަށެވެ. ކޮންމެގޮތެއް ވިޔަސް އެހުވަފެނުގައި އޭނާއަށް ފެނުނީ ޔަނާލް ނޫން ދެވަނަ އިންސާނެއްނޫނެވެ. ޔަޒްދާން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ލޯގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ނުބަލަން އޭނާ އިސްޖަހާލިއެވެ. ދެލޯމަރާ ބާރުކޮށްލީ ކޮންމެސްކަމެއް ހިތުންފޮހެލަން މަސައްކަތްކުރާ ފަދައިންނެވެ. އޭނާ ދެވަނަ ފަހަރަށް ލޯގަނޑަށް ނަޒަރު ސީދާކޮށްލިއިރު އެދެލޯ ފުރިފައިވަނީ ކަރުނުންނެވެ.
“ކީއްވެ؟ ކީއްވެތަ؟ އަހަރެން އެއްވެސް މީހަކުދެކެ ލޯބިވާކަށް ބޭނުމެއްނޫން. އަދި ހާއްސަކޮށް ޔަނާލްދެކެ. އަހަރެން ބޭނުމީ ޔަނާލަށް ނަފްރަތުކުރަން. އަބަދުވެސް ނަފްރަތުކުރަން. އެއީ މިއާއިލާ އާއި ގުޅުން ޔަނާލް އޮންނާތީ. އަހަރެންގެ މަންމައަށް ލިބުނުފަދަ ދެރައެއް ލޯބީގައި ލިބޭކަށް އަހަރެންވެސް އަދި މަންމަވެސް ބޭނުމެއްނުވޭ. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް މުސްލިމް ދިވެހި އަންހެނެއް ބޭނުމެއްނޫން. މިއީ ވަރަށް އަނިޔާވެރި ތަނެއް. މަންމާ! ޔަނާލްގެ ރޫހު ޔަނާލްގެ އަސަރު ޔަނާލްގެ ނަން އަހަރެންގެ މި ބަސްނާހާ ހިތާއި ގުޅިލާމެހިއްޖެ. އައި ހޭޓް ޔޫ ޔަނާލް. އައި ހޭޓް ޔޫ” އޭނާ ހިތާއި ހިތުން އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ.
***************************************
ޔަނާލް ކޮލެޖަށް އައިރު ދޮރުމަތީގައި ފައިޒަން އަދި ޔަޒްދާން ހުއްޓެވެ. ޔަނާލް ފެނުމުން ޔަޒްދާން އަވަހަށް އެހެން ކަމަކާއި މަޝްޢޫލުވިއެވެ. ފައިޒަންއަށް ހިނިތުންވުމެއް ދިނުމަށްފަހު ޔަނާލް އެތެރެއަށް ވަދެގެން ދިޔައީ އެކަންޏެވެ. ބޭރުގައި ޔަނާލް ގޮވައިގެން އައި ހާރޫން އެތެރެއަށްވަނީ ހުރިހާ ކުދިން ގޭޓުން އެތެރެއަށް ވަދެ ނިމުމުންނެވެ. ކްލާސްތެރޭގައާއި ކުލާހުން ބޭރުގައި ހޭދަކުރި ކޮންމެ މިނިޓެއްގައި ޔަޒްދާނަށް ޔަނާލްގެ ހަރަކާތްތަކަށް ބެލެމުން ދިޔައެވެ. ޔަނާލްގެ އެއްވެސް ސަމާލުކަމެއް އޭނާއަށް ދެވިފައިނުވާތީ ހިތުގައި ޖެހުނަސް އެއަށްވުރެ ބޮޑަށް އޭނާ އުފާވިއެވެ. ނަމަވެސް ޔަނާލް އެހެން ފިރިހެން ކުދިންނާއި ސަމާސާކޮށް މަޖާކުރަމުންދާ މަންޒަރު ފެންނަން ފެށުމުން އެއްވެސް އިހުތިޔާރަކާއި ނުލާ ޔަޒްދާންގެ ދެއަތް މުށްކެވުނެވެ. ޔަނާލް ބުނި ފަދައިން އޭނާއާއި އަޅައިގަނެގެން ޔަނާލް ނޫޅެއެވެ. އެކަން އޭނާ އެދަނީ ސާބިތުކޮށްދެމުންނެވެ.
ކޮލެޖު ފާހާނާއިން ނިކުމެގެން އައި ޔަނާލް ކްލާހަށް ނުވަދެ މަޑުކޮށްލީ އެގަޑިއަކީ އޭނާ އެންމެ ގަޔޔާނުވާ ޓީޗަރ ކިޔަވާދޭ ގަޑިއަށްވާތީއެވެ. އޭނާ ބޭރުގައި ހުއްޓާ ޓީޗަރަށް ފެނިގެން ގޮވާފައި ވައްދާފާނެތީ ޔަނާލް ނިވާވީ ކްލާސް ރޫމާއި ލައިބްރަރީ ދެމެދުގައިވާ ތަނބެއްގެ ފުރަގަހުގައެވެ. ކުއްލިއަކަށް ކުރިމައްޗަށް އެރި މީހެއްގެ ސަބަބުން ޔަނާލްގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Varah salhi
thankyu Vish 🙂
vvvv reethi.. when nxt prt…
thankyu SCARLET 🙂 next part maadhama. insha allah 🙂
DN past nimuneema reethivaanee knirakun ebaithah nimeynee
wow…mi part vx vvvvvvv reethi…nxt part avahah up kohla dheh cheyy…
Maazee adhives varah dhigutha