
ކުށްވެރިއެއް ނޫންހެއްޔެވެ؟
ކޮޓަރީގެ އަނދިރިކަމަށް އިތުރު އަލިކަމެއް ގެންނަން އަހަރެން ބޭނުންނުވީ ދެން ދުވަހަކުވެސް އަހަރެންގެ ހަޔާތުން މިއަނދިރިކަން ފިލައިގެން ނުދާނެތީއެވެ. އެހެންގޮތަކަށް ބުނާނަމަ އަހަރެންގެ މިއަނދިރި ހަޔާތަށް އަލިކަމެއް ގެންނަން ބޭނުންނުވެސް ވަނީއެވެ. މިގޮތުގަ އޮވެ ނިމިދިޔުމަކީ އަހަންނަށް ލިބިދޭންޖެހޭ އަދަބެކެވެ. އާއެކެވެ. އަހަންނަކީ ބޮޑު ކުށްވެރިއެކެވެ. އަހަރެންގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން މިވަނީ ހަލާކުވެ ގޮސްފައެވެ. އެމީހުންގެ އުފާވެރިކަން ވެއްޔާ މޮޑެވުނީ އަހަންނަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ. އެކަމަށްޓަކައި ދުވަހަކުވެސް އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެއެވެ. އަހަންނަށް ކުރެވުނު އެބޮޑު ކުށުގެ ސަބަބުން އަހަރެންގެ އަތުން ބީވެގެން ދިޔައީ މިދުނިޔޭގައި އަހަރެންގެ މައިންބަފައިން ނެގުމަށްފަހު އަހަންނަށް އެންމެ މުހިންމު ދެމީހުންނެވެ. ޝާނީ! އަހަރެންގެ ހަޔާތަށް އައި އެންމެ ފުރިހަމަ ކުއްޖާއެވެ. އަހަރެން އިންތިހާއަށް ލޯބިވާ ކުއްޖާއެވެ. ޝާނީގެ އުފާތައް ފޭރި ގަނެވުނީ އޭނާގެ އެއްވެސް ކުށަކާނުލާއެވެ. ދެން ހުރީ ޒަކްވާންއެވެ. އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ޒަކްވާންއަށްޓަކާ އަހަރެންގެ ފުރާނަވެސް ޤުރުބާން ކުރާހާވަރުވެއެވެ. އެހާވެސް އަހަރެންގެ އެކުވެރިޔާ ދެކެ ލޯބިވެއެވެ. ނަމަވެސް އަހަންނަށް އޭނާގެ ފުރާނައިގެ އަގު ވަޒަނެއް ނުކުރެވުނެވެ.
މީގެ ކުރިން އަހަރުމެން ތިންމީހުންވެސް އުޅެމުން އައީ އުފާވެރި މަޖާ ހަމަޖެހޭ ދިރިއުޅުމެކެވެ. ތިންމީހުންގެވެސް ދިރިއުޅުން ބަދަލުވެގެން ދިޔައީ ހަމައެންމެ ދުވަހެއްގެ ތެރޭގައެވެ. އެއީ އަހަރެންގެ ހިތުގެ ހާލު ޝާނީއަށް ހާމަކޮށްދޭން ހިތުލައިގެން ހުރި ދުވަހެވެ. ޝާނީއާއި ބައްދަލުކުރަން ދިއުމުގެ ކުރިން އަހަރެން ޒަކްވާންގެ ގެއަށް ދިޔައީމެވެ. ޒަކްވާންއާއި ބައްދަލުވުމުގެ ކުރިން އަހަންނާ ބައްދަލުވީ އޭނާގެ މަންމައާއި އެވެ. އަހަރެން ފެނުމާއި އެކު ޒަކްވާންގެ މަންމަ ދަރިފުޅާއޭ ކިޔާ އަހަރެންގެ ގައިގާ ބައްދާލިއެވެ.
“ދަރިފުޅާ އަމާން… ޒަކްވާންގެ ކައިވެނި ހަމަޖެހިއްޖެ… ދެންމެ މިއައީ އަންހެން ކުއްޖާގެ ގޭ މީހުންނާ ބައްދަލުކޮށްފަ… އަހަރެންގެ ޒަކްވާން ކަހަލަ ބަލި ކުއްޖަކާ އިންނަން އެއްބަސްވީ އެމަންޖެ ހާދަ ރަނގަޅުވީމައޭ…” ޒަކްވާންގެ މަންމަ އުފަލުން ގޮސް ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ.
ޒަކްވާން އަކީ އުފެދުނީއްސުރެ ހިތުގެ ބަލި ހުންނަ ކުއްޖެކެވެ. އެހެންކަމުން އެގޭ މީހުންވެސް ޒަކްވާން ގެންގުޅެނީ ވަރަށް ލޯބިދީގެންނެވެ. ނަމަވެސް ފަހަކަށް އައިސް ޒަކްވާންގެ ހިތާމައަކަށް ވެފައިވަނީ އޭނައާއި އިންނާނެ މީހަކު ނުވުމެވެ. އޭނާގެ ބަލީގެ ސަބަބުންނެވެ. ނަމަވެސް މިހާރު މާތްﷲގެ އިރާދަފުޅުން އެކަންވެސް ހަމަޖެހުނީއެވެ. އަހަރެންވެސް ވަރަށް އުފާވިއެވެ. އެތައް ފަހަރަކު މާތްﷲގެ ހަޟްރަތަށް ޝުކުރުކުރެވުނެވެ. ޒަކްވާން އާއި ބައްދަލުކުރަން އަހަރެން އެކޮޓަރިއަށް ވަންއިރު އެނދުގައި އުއްޑުން އޮށޯވެގެން ހުވަފެނީ ގޮތަކަށް ސީލިންގަށް ބަލަހައްޓައިގެން އޮތެވެ. މަޑުފިޔަވަޅުތަކެއްގައި ގޮސް ޒަކްވާންގެ ކަންފަތް ދޮށުގައި އަޑުގަދަ ކޮށްލުމާއިއެކު ޒަކްވާން ސިހިގެން ދިޔައެވެ.
” ބްރޯ ކަލޭ ތިއުޅެނީ އަހަރެން މީހަކާ އިނުމުގެ ކުރިން އަހަރެން މަރާލަންތަ” މޭގައި އަތް އަޅައިގެން ތެދުވެ ޒަކްވާން އެނދުގެ ހެޑްބޯޑްގައި ލެގިލިއެވެ. އޭރު ޒަކްވާންއަށް ވީގޮތްފެނި އަހަންނަށް ހެވެނީއެވެ.
” ކޮންގްރާ ބްރޯ… ނުވެސް ބުނަމެއްނު” ޒަކްވާން ކައިރީގައި އެނދުގައި އިށީންނަމުން އަހަންރެން ބުނެލީމެވެ.
” އަދި ނުބުނެވިފަ ނެތެއްނު… އަމާން… އަދި އެހާ ރީތިކުއްޖެއް އަހަރެންގެ މުޅި ހަޔާތުގައިވެސް ނުދެކެން… އެކަމަކު އަހަރެން ހިތަށް އަރާ އޭނަ ހަމަ ރަނގަޅަށްވެސް އަހަންނާ އިންނަން ޤަބޫލުބާއޭ” ޒަކްވާން ބުންޏެވެ.
” ކީއްވެ ތިހެން ތި ބުނީ” އަހަރެން ސުވާލުކޮށްލީމެވެ.
” ނޭނގެ… އޭނާގެ މަންމައާއި ބައްޕަ ބުނި އެމީހުން އަހަންނާ ރުހި ޤަބޫލޭ… އެކަމަކު އެ އަންހެންކުއްޖާގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް އަހަންނަކަށް ނުފެނޭ… ” ޒަކްވާންގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ.
” ތިހަމަ ހީވާގޮތް… ބަލާތީ…މާތްﷲ އިރާދަކުރެއްވިއްޔާ މިފަހަރު ވަރަށް ކުލަގަދަކޮށް ބްރޯގެ ކައިވެނި ކުރެވޭނެ… ” ޒަކްވާން ހިތްހަމަޖައްސައި ދިނުމަށްޓަކާ އަހަރެން ބުނީމެވެ.
” އެކަމަކު ފަހުން އެއަންހެން ކުއްޖާ ނުޤަބޫލު ވެއްޖިއްޔާޔޯ” ދެންވެސް ޒަކްވާންގެ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ.
” ޤަބޫލު ނުވެއްޖިއްޔާ އެއަންހެންކުއްޖާ ލައްވާ ގަދަކަމުންވެސް ކައިވެނިކުރުވާނަން” ޒަކްވާންގެ ހެއްވާލުމުގެ މަޤްސަދުގައި އަހަރެން ބުނީމެވެ. ނަމަވެސް އެޖުމްލަ ވެގެން ދިޔައީ ޒަކްވާންއަށްޓަކާ ހަމަ ހަޤީގަތުގައިވެސް ކުރަންޖެހުނު ކަމަކަށެވެ.
” ދެން މޮޅެތި ވާހަކަ ނުދައްކާ ބުނެބަލަ… އެއްކަލަ ކުއްޖާ ކައިރީ ލޯބިވާ ވާހަކަ ބުނީތަ” ޒަކްވާން އަހާލިއެވެ.
” އަހަރެން ނުބުންޏަސް އޭނައަށް އިނގޭނެ އަހަރެން ލޯބިވާކަން… އަހަންނަށް ވެސް އެނގޭ އޭނަ އަހަރެން ދެކެ ލޯބިވާކަން… ދެން އޮތީ އޮފިޝަލީ ޕްރޮޕޯސް ކުރުން” އަހަރެން ހިނިތުންވެލަމުން ބުނީމެވެ.
” އެކަމެއް ނޭނގެ ދެމީހުން ކިސްކުރާއިރަކު….” ހިނިގަނޑެއް ޖަހާލަމުން ޒަކްވާން ބުނެލިއެވެ.
” އަސްލު އަހަރުމެން ދެމީހުންނަށް ގަސްދުގަކުރެވުނު ކަމެއް ނޫން އެއީ… ބުނެއެއްނު ޒުވާން އަންހެނަކާއި ފިރިހެނަކު ތަނެއްގަ އެކަހެރިވެއްޖިއްޔާ ތިންވަނަ މީހަކަށް އިބިލީސް ހުންނާނޭ… އެދުވަހުވެސްވީ ހަމަ އެކަހަލަ ގޮތެއް… ވީ ކުޑުންޓް ކޮންޓްރޯލް އަވަރ ސެލްވްސް… ނަސީބެއް އެއަށްވުރެ ބޮޑުކަމެއް ކުރެވުމުގެ ކުރިން އަހަރުމެން ދެމީހުންނަށްވެސް ހަމަހޭވެރިކަންވިކަން…” އަހަރެން ކުށްވެރިއަކު ފަދައިން ބުނެލީމެވެ.
” ހްމްމްމް… ދެން ހެވޭ….އަދިވެސް އެކުއްޖާ ނަން ބުނާކަށް ނުވޭތަ” ޝަކުވާ ކުރާފަދަ ގޮތަކަށް ޒަކްވާން ބުންޏެވެ.
” އާނ… އޮފިޝަލީ އަހަރެންގެ ގަރލްފްރެންޑަށް ވީމަ ޒަކްއާ ބައްދަލުކޮށްދޭން ގެންނާނަން… ” ލާނެއް ގޮތަކަށް އަހަރެން ބުނީމެވެ.
” އެހެންވިއްޔާ އަހަރެންވެސް އަހަރެން އިންނަން މިއުޅޭ ކުއްޖާގެ ނަމެއް ނުބުނާނަން… ރަންކިއުމަށްފަހު އަމާންއާ ބައްދަލުކޮށްދޭނަން… ” ޒަކްވާންވެސް ދެރަނުވާން ވެގެން ބުނެލިއެވެ.
” އެހެންވިއްޔާ ވާނެ ޑަބަލް ޑޭޓަކަށް ދާން… ސަޅި ކަމެއް ދޯ” އަހަރެން ބުނެލީމެވެ. ޒަކްވާން ވެސް ހީލަމުން ބޯޖަހާލީ އެކަމަށް އެއްބަސް ވަމުންނެވެ.
ހަމައެދުވަހު ޝާނީ އާއި އަހަރެން ބައްދަލުކުރީ ރަސްފަންނުގެ ހިތްގައިމު މާހައުލުންނެވެ. ފަނުން ހަދާފައިވާ ކުޑައެއް ދަށުގައި އަހަރުމެން ތިބިއިރު ޝާނީގެ ރީތި މޫނުން އަހަރެންގެ ނަޒަރު ވަތްކެއް ނުވެއެވެ. އެހެންދުވަސްދުވަހާ ހިލާފަށް އެދުވަހު ޝާނީގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ނުފެނެއެވެ. ޝާނީ ކޮންމެވެސް ކަމަކާ ވިސްނަނީކަން އަހަންނަށް އެނގުނެވެ.
” ޝާނީ ކޮންކަމަކާ ދެރަވެފަ.. އަހަރެން ދެކެ ހިތްހަމަނުޖެހިފަތަ….” ޝާނީ އެގޮތަށް އިންނަން ފެށުމުން އަހަންނަށް އުނދަގޫވެގެން އަހާލީމެވެ. ދެން ފެނުނީ ޝާނީ ރޯންފެށި ތަނެވެ.
” ހެއި ބޭބީ ގާލް ކިހިނެއްވީ.. ކޮންކަމެއް ގޯސްވީ… ” އިންތަނުން ތެދުވެގެން ގޮސް ޝާނީ އިން ގޮނޑިކައިރީ އެއްފައި މައްޗަށް އިށީނދެ ޝާނީގެ މަޑުމަޑުކޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.
” އަމާން… އަހަރެންގެ ކައިވެނި ހަމަޖެހިއްޖެ…. މަންމައާއި ބައްޕަ ބޭނުންވަނީ އަހަރެން އެމީހާއާއި އިންނަން… ދެން ކިހިނެއް އަހަރެން ހަދާނީ… ” ގިސްލަމުން ޝާނީ ބުނި ވާހަކައިން އަހަރެންގެ މޫނުމަތި މިލައިގެން ދިޔައެވެ.
” އަހަންނަކަށް ނޭނގެ މަންމަމެންނަށް އެމީހާގެ ކޮންސިފައެއްކަމެއް ކަމުދިޔައީ.. އެހާ ރީތިވެސް މީހެއް ނޫން… އަނެއްކާ ބަލިމީހެއް… އަހަރެންވެސް ބޭނުމެއް ނޫން އިނދެގެން މާގިނަ ދުވަހެއް ނުވަނިސް ހުވަފަތް ވާކަށް…” ޝާނީގެ ބަސްތަކުން އަހަންނަށް ސިހުމަކަށްފަހު ސިހުމެއް ލިބެމުން ދިޔައެވެ.
” އެއީ ކޮންނަމެއް ކިޔާ މީހެއް…” އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުކުރުމަށް އަހާލީމެވެ.
” އަމާން އަދިވެސް އޭނާގެ ނަންތަ އަހަން ބޭނުމީ… ޕްލީޒް އަމާން ސޭވް މީ ފްރޮމް ދިސް ތިންގް… ” އަހަރެންގެ އަތުގައި ހިފަމުން އާދޭހުގެ ރާގަކަށް އަމާން ބުންޏެވެ.
” އަހަރެން މިއަހަނީ އެއީ ކޮންނަމެއް ކިޔާ މީހެއްހޭ…” ހިތް އަވަސްވެފައިވާ ހާލު އަނެއްކާވެސް އަހަރެން އަހާލީމެވެ.
” ނޭނގެ މަށަކަށް… ކޮންމެވެސް ޒަކްވާނެކޭ ކަންނޭނގެ” ޝާނީގެ ޖުމްލައިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އިންތަނުން ތެދުވެވުނީ ކުއްލިއަކަށެވެ. ޒަކްވާންގެ ނަން ސިކުނޑީގައި އެނބުރެމުންފެށިއެވެ.
” އަހަންނަށް އެނގޭ އަމާން ދެރަވާނެ ކަން… އަހަންނަށް އެނގޭ އަމާން އަހަރެންދެކެ ވަރަށް ލޯބިވާކަން… އަހަރެންވެސް ލޯބިވަނީ އަމާންދެކެ… އާނ އަމާން… އަހަރެން އަމާން ދެކެ ވަރަށް ވަރަށް ލޯބިވޭ…. ” އިވިގެން ދިޔައީ މީގެ ދެމިނެއްޓާހާއިރު ކުރިން އަހަރެން އިންތިހާއަށް އަހަން ބޭނުންވި ބަސްތަކެވެ. ނަމަވެސް މިހާރު އެބަސްތައް އަހަރެންގެ މެޔަށް ހެރޭ ތޫނު ކަށިތަކެއް ފަދައެވެ. ދެލޯ މަރާލައި ފުންނޭވައެއްލުމަށްފަހު އަހަރެން ޝާނީއަށް ޖަވާބުދޭން ތައްޔާރުވީމެވެ. ނަމަވެސް އޭގެ ކުރިން އަނެއްކާވެސް ޝާނީ ވާހަކަދައްކަން ފެށިއެވެ.
” ހިނގާ އަވަހަށް މެރީކުރާން… އޭރަށް މަންމަމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ…” އަހަރެންގެ އަތުގާ ހިފާ އަހަންނާ ކައިރިވެލަމުން ޝާނީ ބުންޏެވެ. ހަމައެވަގުތު މަލާމާތްކުރާ ވައްތަރަށް އަހަރެން ހީލީމެވެ.
” ހާދަ މޮޔައޭ ޝާނީ… އަހަރެން އެއްވެސް އިރެއްގަ ނުބުނަން ޝާނީ ދެކެ ލޯބިވެޔެކޭ… ކުށްހީއެއް ކުރެވިގެން ތިއުޅެނީ… އެހެންނޫނަސް ޝާނީފަދަ ރަހުމުކުޑަ މީހެއްދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ…” ހިތް މަތީގައި ހިލަގަނޑެއް ބާއްވަން އަހަންނަށް މަޖުބޫރުވިއެވެ. އެންމެ ގާތް އެކުވެރިޔާގެ ހައްޤުގައެވެ.
” އަމާން ނުބުންޏަސް އަހަންނަށް އެނގެއޭ އަމާން އަހަރެންދެކެ ލޯބިވާކަން.. އަމާންގެ ލޮލުން އަހަންނަށް އެކަން ސާފުކޮށްފެނޭ… ގިނަރޭރޭ ދަންވަންދެން ފޯނުގައި ތިބުމާ.. އަހަރެން ނުބުންޏަސް އޮފީހަށް އަހަރެން ބަލާއައުމާ.. އަހަންނަށް ކެއަރ ކުރާގޮތާ… އެންމެ ބޮޑު ކަމަކަށް އެރޭ ކުރެވުނު ކަންތައް… ދެޓް ކިސް މީންސް އަލޮޓް ޓު މީ… ” ޝާނީގެ އަޑުގައި ތުރުތުރެއްވިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ޝާނީގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ. އަހަރެންގެ އިހުސާސްތައް ފޮރުވަމުން އަނެއްކާވެސް އަހަރެން ހީލީމެވެ.
” ތިކިޔަނީ މުޅިންވެސް އަހަރެން ކޮށްކޮށް ވަރުބަލިވެފައިވާ ކަންތައް… އެރޭގެ އެކިސް ގެ މާނަ ޝާނީއަށް ތިނެގުނީ ނުބައިކޮށް… އެރޭ އަހަރެންގެ މަޤްސަދަކަށްވީ އެހެން ކަމެއް.. އެރޭ އަހަންނަށް އެކަން ކޮށްދިންނަމަ މިއަދު އަހަރެން މިތާކު ނުހުންނާނަން… މެރީ ކުރާށޭ… ހެހެހެ… އަހަރެން ނޫޅެމޭ މޮޔަވެގެނެއް… ޝާނީ ކަހަލަ ކިތަންމެ އަންހެނުންނަކީ މިހާރު އަހަންނަށް ހިތި އެއްޗެއް… ޝާނީ އަހަރެން ތިހާ ބޭނުންވަންޔާ ވަން ނައިޓް ސްޓޭންޑަކަށް ދެވިދާނެ…” ޝާނީއާއި ކައިރިވާން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ. އެވަގުތު އަހަރެންގެ މޫނުމައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރުން އަހަންނަށް ސިހުމެއް ނުލިބެޔެވެ. ޝާނީގެ ފަރާތުން އެބޮނޑި އަންނާނެކަން އެނގޭތީ އަހަރެންހުރީ އެކަމަށް ތައްޔާރުވެގެންނެވެ.
” އަހަރެން ހިއެއް ނުކުރަން އަމާން ތީ ތިހާ މުޑުދާރު ފެންވަރު ދަށް މީހެއް ކަމަކަށް… ތިކަހަލަ މީހެއްދެކެ ލޯބިވެވުމަކީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއް… ތިކަހަލަ ފިރިހެނުންނާ ހެދިއޭ އަހަރުމެން ކަހަލަ ނިކަމެތި އަންހެންކުދިން ފަލީހަތް ވަނީ… މަންމައާއި ބައްޕަ ބުނީ ރަނގަޅަށް… މިހާރު މިއުޅޭ ފިރިހެނުންނަށް އިތުބާރު ކުރާކަށް ނުވާނެ…. އެމީހުން ދެއްކި މީހަކާ އިނުން މާރަނގަޅު… މީގެ ފަހުން ތި އަމާން އާއި އަހަންނާ އެއްވެސް ގުޅުމެއް ނޯންނާނެ… އަހަރެން އަމާންއަށް ނަފްރަތުކުރަން…. ” އެންމެ ފަހުބަސް އިއްވާލަމުން ޝާނީ އަހަންނާއި ދުރަށް ހިނގައިގަތެވެ. އަހަރެން އެންމެ ލޯބިވާ ޝާނީ އަހަންނާ ދުރަށްދާތަން ބަލަންހުރިއިރު އަހަރެންގެ ހިތްދެފަޅިވާ ކަހަލައެވެ. އަޑެއްނައެއް ކަމަކު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެތަކެއް ޒަމާން ވަންދެން ދެކެމުން އައި ހުވަފެން އަމިއްލަ އަތުން ކަފުންކޮށް ވަޅުލީއެވެ. އަހަރެންގެ އެންމެ ލޯބިވާ އެކުވެރިޔާއަށްޓަކައެވެ. ނޭނގިނަމަވެސް ޒަކްވާން ކައިރީ ބުނެފައިވާ ކަންތައް ކޮށްދިނީއެވެ. އެދުވަހު އަހަރެން އެތަނުން ދިޔައީ އަހަރެންގެ ހިތުގައި ޝާނީއަށްޓަކައި އޮތް ސާފު ތެދުވެރި ލޯތްބަށް ފަސްއަޅާ ފޮރުވާފައެވެ.
އޭގެ ފަހުން ދެތިން ދުވަހެއް ވީއިރުވެސް އަހަރެން ޒަކްވާންއަކާ ބައްދަލެއް ނުކުރަމެވެ. ކޮންމެހެން ނިކުންނަންޖެހޭ ހާލަތެއްގަ ނޫނީ ގެއިންވެސް ނުނިކުންނަމެވެ. ޒަކްވާން އާއި ޝާނީގެ ރަންކިއުމުގެ ހަފްލާއަށް ދައުވަތު ލިބުނީ ހަތަރު ވަނަ ދުވަހުއެވެ. ޒަކްވާން އުފާވާނެވަރު އިނގޭތީ އެކަމާ އަހަރެން ހިތްހަމަޖެހުނެވެ. ހަމައެހެންމެ ލޯބިވާ ފަރާތް ވަކިވެދާތީ ހިތްރޮމުންދިޔައެވެ. ރަންކިއުމުގެ ހަފްލާއަށް ނުދާން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ޒަކްވާންއާއި އޭނާގެ މަންމަގެ އެދުންތަކާއި އާދޭސްތަކުގަ ކޮޅުފައިން ނުޖަހަންވެގެން އަހަރެން އެހަފްލާއަށް ދިޔައިމެވެ.
ހަފްލާ ކުރިއަށް ދިއުމަށް ހަމަޖެހިފަ އޮތީ ރާނބާ ރެސްޓޯރެންޓްގެ ދެވަނަ ފަންގިފިލާގައެވެ. އެތަނަށް ގޮސްފައިވެސް މައްޗަށް އަރަން ނުކެރިފައި އަހަރެން ހުރީމެވެ. ޝާނީއާއި ކުރިމަތިލާނެހާ ހިތްވަރެއް ނެތީމައެވެ. ނަމަވެސް ޒަކްވާން ފޯނުކޮށްފައި އަހަރެން އައިމަ ނޫނީ ހަފްލާ ނުފާށާނަން ކަމުގައި ބުންޏެވެ. މަޖުބޫރުވުމާއެކު އަހަންނަށް ޖެހުނީ ދާށެވެ. މައްޗަށް އަރައިގެން އެމީހުންތިބި މޭޒާއި ދިމާއަށް ހިނގާފައި ދިޔައިރު އަހަންނަށް ބެލެމުން ދިޔައީ ޒަކްވާން ކައިރީގައި އިސްޖަހާލައިގެން އިން ޝާނީއަށެވެ. މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ނުފެނެޔެވެ.
” އެއޮށް އައީ ޒަކްވާން ތިނައިސްގެން އުޅޭ މީހާ” އަހަރެން ފެނުމާއި އެކު ޒަކްވާންގެ މަންމަ ބުނެލިއަޑު އިވުމެވެ. ޒަކްވާން އަހަންނަށް ބަލާލިއިރު އެދެލޮލުން ފެންނަމުން ދިޔަ އުފާވެރިކަން އަހަންނަށްވެސް ފެންނަމުން ދިޔައެވެ.
” މައި މޭން… ބްރޯ އާދޭ މިތާ އިށީންނަން… ” އޭނާ ކައިރީގައިން ގޮނޑި ދައްކާލަމުން ޒަކްވާން ބުންޏެވެ. އޭރުވެސް ޝާނީ ހަމައެގޮތަށް އިސްޖަހައިގެން އިނެވެ.
” އޯކޭ… އަހަރެން ހުންނާނަން މިތާ” އަހަރެންގެ އަޑެ އިވުމާއެކު ޝާނީ ސިހިފައި ބަލާލިއެވެ. އަހަރެން ފެނުމާއެކު ޝާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
” ޝާނީ… އެއީ އަހަރެންގެ އެންމެ ގާތް އެންމެ ލޯބިވާ އެކުވެރިޔާ އަމާން… މަންމައާއި ބައްޕައަށްފަހު އަހަރެން އެންމެ ލޯބިވާ އިންސާނާ… ބްރޯ… މީނީ އަހަރެންގެ ޓު ބީ ވައިފް.. ޝާނީ…” ޒަކްވާން އަހަރުމެން ދެމީހުން ތައާރަފްކޮށްދިންއިރު އަހަރުމެންނަށް ތިބެވުނީ އެކަކު އަނެކަކަށް ބަލަހއްޓައިގެންނެވެ. ޝާނީގެ ލޮލުން އެތަކެއް ސުވާލެއް އަހަންނާ ކުރަން ބޭނުންވެފަ ވާކަން އެނގެމުން ދިޔައެވެ.
ރަންކިއުމުގެ ހަފްލާ ކުރިއަށް ދިޔައިރު ޝާނީގެ ލޯ އިރުއިރުކޮޅާ އަހަންނަށް އަމާޒުވަމުން ދިޔައެވެ. އަހަރެންވެސް އެފަދަ ހާލެކެވެ. ރަނުގެ އަދަދު ބުނިއިރު ޝާނީގެ އަޑުވެސް ނިކުތީ ހަމަކިރިޔާއެވެ. ރަންކިޔާ ނިމުމަށްފަހު ޒަކްވާން ޝާނީގެ އިނގިލީގައި އަނގޮޓި އެޅުވިއެވެ. އެމަންޒަރު ބަލަން އަހަރެންގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ހިތްކުދިކުދިވެގެން ދާފަދަ އިހްސާސެއް ކުރެވުނެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވި ލޮލުން އެކަން ހާމަވާން ފެށުމުން އަވަހަށް އަހަރެން އެތަނުން ފޭބީއެވެ. ސިޑިން ތިރިއަށް ފޭބުނީ ހަމަކިރިޔާއެވެ. ލޮލުން ހޯސްލާފައި ކަރުނަ އަންނަންފެށިއެވެ. އަވަހަށް ނިކުތީ ބޭރަށެވެ. ބޭރަށް ނިކުމެ ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން އަހަރެން ފުންނޭވައެއް ދޫކޮށްލީމެވެ. ހަމައެވަގުތު ކޮންމެވެސް މީހަކު ފަހަތުން އަހަރެންގެ ކޮނޑުގައި އަތްއަޅާލިއެވެ. އަވަސްއަވަހަށް މޫނު ފޮހެލަމުން އަހަރެން އެނބުރުނީ ޒަކްވާން ކަމަށް ހީކޮށެވެ. ހީކުރިގޮތާ ހިލާފަށް އެތާ ހުރީ ޝާނީއެވެ. ދެލޯ ފެންކަޅިވެފައެވެ.
” އަހަންނަށް މާފުކުރޭ އަމާން… އެރޭ އަހަންނަށް ޒަކްވާންއާއި ދިމާއަށް އެއްޗެތި ގޮވުނީ އެއީ އަމާންގެ އެންމެ ގާތް އެކުވެރިޔާކަން އެނގިގެނެއް ނޫން… ” ޝާނީގެ އަޑުގައި ރިހުމެއް ވިއެވެ. އެއީ އެއްވެސް ކަމެއް ނޫން ކަމުގައި ބުނެ އަހަރެން ދާން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން ޝާނީ އަހަރެންގެ އަތުގައި ހިފާ މަޑުކުރުވިއެވެ. ތެދަށް ބުނާނަމަ ޝާނީގެ އަތްފޮޅުވާލާފައި ދާނެހާ ހިތްވަރެއް އަހަރެންގެ ކިބައިގާ ނެތީއެވެ.
” އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ… ލޯބިވާ އެކުވެރިއަކަށްޓަކާ އަމާން ތިވަނީ ވަރަށް ބޮޑު ގުރުބާނީއެއް.. ” ވާހަކަ ދައްކަމުން އައިސް ޝާނީ އަހަންނާ ކުރިމަތިލިއެވެ.
” އެކަމަކު އަހަންނޯ… ތިގޮތަށް ކަންތައް ކުރީމަ އަހަންނަށް ކުރާނެ އަސަރު އަމާންއަށް ހަމަ ނޭނގެނީތަ… އަހަރެންގެ ހިތްކުދިކުދިކޮށްލާފައި އެކުވެރިޔާގެ ހަޔާތް އާބާދުކުރަން ތިވިސްނާއިރު އަހަރެން އަތުގަވެސް އޮންނަނީ ހިތެއް ކަމެއް ނޭނގޭތަ… އަހަރެންގެ ހިތަށް ތަދުވާނެވަރު ނޭނގޭތަ…” ރޮވޭ ވަރުން ޝާނީއަށް ވާހަކަވެސް ނުދެއްކެއެވެ. ދެން ފެނުނީ އަހަރެންގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފިތަނެވެ.
” ޕްލީޒް އަމާން… އަހަންނަށް ތިހެން ނުހަދާ… އަހަންނަށް އަމާންއާއި ނުލާ ނޫޅެވޭނެ… އަހަންނަށް ރަހުމް ކުރޭ… ” ޝާނީގެ އެވޭނީ ރުއިމުގެ އަޑުއިވުމުން އަހަންނަށްވެސް ކެތެއް ނުވިއެވެ. މަޑުމަޑު ގިހެއް ލަމުން އަހަރެން ގަދަކަމުން ޝާނީގެ އަތްނައްޓުވާ ދުރުކޮށްލީމެވެ.
” ޕްލީޒް ޝާނީ… ޝާނީ އޭނައާ ނީނދެފިއްޔާ އޭނާގެ ހިތްހުއްޓިގެން މަރުވެދާނެ…. ޝާނީއަށް އަހަރެން ލިބިދާނެ… ޝާނީދެކެ މާލޯބިވާ މީހަކުވެސް ލިބިދާނެ.. އެކަމަކު އަހަންނަކަށް އެފަދަ އެކުވެރިއެއް ނުލިބޭނެ… ޕްލީޒް އަހަންނަށްޓަކާ…” އެހެން ބުނިއިރު އަހަންނަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ވަކި ޖަވާބެއް ނުދީ ރޮމުން ރޮމުން އައި ކޮޅަށް ދުއްވައިގެތެވެ. އިތުރަށް އެތާ ހުންނަން ބޭނުންނުވެ އަހަރެން ސައިކަލަށް އަރާ ނައްޓާލީމެވެ.
އޭގެ ފަހުން އަހަންނަށް ޝާނީ ފެނުނީ ކައިވެނީގެ ހަފްލާ ތެރެއިންނެވެ. ހުދު ކުލައިގެ އެހެދުމުގައި ޝާނީ ފެންނަލެއް ވަރަށް ރީއްޗެވެ. ކުރިއާ ހިލާފަށް މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ޒަކްވާންވެސް ހުރީ އެހާ އުފާވެފައެވެ. ގާޒީ އައުމާއެކު އެންމެން ކައިވެނިކުރަން ހަމަޖެހިފައިވާ މޭޒުކައިރިއަށް ޖަމާވިއެވެ. އެދިމާލަށް ދަމުން ޝާނީ އަހަރެން ކައިރީ މަޑުކޮށްލިއެވެ.
” ހާސްނުވޭ… ލޯތްބަށް އެދި އާދޭސް ކުރާކަށް ނޫން މިއައީ… ދެތިން ވާހަކައެއް ބުނެލަންވެގެން… އަހަރެން އަބަދުވެސް އަމާން ދެކެ ލޯބިވާނަން… އަހަންނަށް ހިތްހެޔޮ ކުރާތި… ދެން ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ވޭނަކަށް ނިމުމެއް އަންނާނެ… ފޯ ދަ ލާސްޓް ޓައިމް އައި ލަވް ޔޫ ވެރި މަޗް އަމާން…” ހިނިތުންވެހުރެ މިހެން ބުނަމުން ޝާނީ އެދިމާއަށް ހިނގައިގަތެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެއް ކަމަކު ހިތުގައި ރިހުމެއްވެސް ވިއެވެ. ކައިވެނީގެ މަޖިލިސް ފެށިގެން ކުރިއަށް ދިޔައިރު އަހަންނަށް ތަފާތުކަމެއް ފާހަގަ ކުރެވުނެވެ. ޝާނީ ހިނިތުންވެގެން އަހަންނާ ދިމާއަށް ބަލަން އިންގޮތެވެ. ހިސާބެއްގެ ވަރުބަލިކަމެއްވެސް އެމޫނުމަތިން ފެންނަމުން ދިޔައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ފެނުނީ ޝާނީ ގައިން ވަރުދޫވެ ގޮނޑިން ތިރިއަށް ވެއްޓުނުތަނެވެ. ވަގުތުން ހޭނެތުނު ޝާނީ އަނގައިން ހުދުކުލައިގެ ފޮނުތަކެއް ފައިބާން ފެށިއެވެ. އަހަންނަކަށް ވީނުވީއެއް ނޭނގުނެވެ. އެތަނަށް ޖަމާވަމުން ދިޔަ އެންމެން ދުރަށް ލަމުން އަހަރެން ވެއްޓިފައި އޮތް ޝާނީގެ ބޯ އަހަރެންގެ އުނގުމަތީގައި ބޭއްވީމެވެ. އެއަށްފަހު ހޭނެތިފައިވާ ޝާނީއަށް ގޮވަމުން ދިޔައީމެވެ. ޝާނީގެ އެއްވެސް ހަރަކާތެއް ނެތްކަން އެނގުނު ހިނދު އަހަރެން ތުރުތރުލާ އަތް ޝާނީގެ ނޭފަތާ ކައިރިކޮށްލީމެވެ. ނޭވާ ނުލާކަން އެނގިގެން ދިޔަ ވަގުތު އަހަރެން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަނދާނަށް އައީ ކުޑައިރުކޮޅެއް ކުރިން ޝާނީ ބުނެލި ބަސްތަކެވެ.
‘ ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ވޭނަކަށް ނިމުމެއް އަންނާނެ…’ އެޖުމްލަ އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެހެން އެއްވެސް މީހެއްގެ އަޑެއް އަހަންނަށް ނީވޭ ކަހަލައެވެ. އަޑުން އަޑު ނަގާ އަހަންނަށް ރޯންފެށުނީ ކުއްލިއަކަށެވެ.
” ނޫން… ޝާނީ އަހަރެން ދޫކޮށްފަ ނުދޭ…. ޝާނީ… އަހަރެން ޝާނީދެކެ ވަރަށް ލޯބިވޭ… އަހަރެން ޒަކްވާން އާއި އިންނަން ޝާނީއަކަށް މަޖުބޫރެއް ނުކުރާނަން… ޕްލީޒް ކަމް ބެކް ފޯރ މީ…” ރޮމުން ރޮމުން އަހަންނަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ. ބަލަން ތިބި އެއްވެސް ބަޔަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ.
” އަމާން…” އަހަންނަށް ހޭވެރިކަންވީ ރިހުން އެކުލެވޭ އަޑަކުން ޒަކްވާން ގޮވާލުމުންނެވެ. އަހަންނަށް ބަލާލެވުނުއިރު ޒަކްވާން އަހަންނާ ދިމާއަށް ބަލާން ހުރީ އެތަކެއް ސުވާލެއް އުފެދިފައެވެ.
” ޝާނީ އަކީ އަމާން ލޯބިވި ކުއްޖާދޯ… އެހެންވެ ދޯ އެކުއްޖާ އާއި އަހަންނާ ބައްދަލު ނުކޮށްދިނީ… ޝާނީ ލޯބިވަނީ އަމާން ދެކެ ދޯ… އަހަންނާ އިންނަން އޭނައަށް މަޖުބޫރު ކުރީ އަމާން ދޯ… މާފުކުރޭ އަމާން… އަހަންނަކަށް ނޭގޭ އެކަމެއް އެހެންނޫ….” ޒަކްވާންއަކަށް ވާހަކައެއް ނުދެއްކުނެވެ. މެޔަށް ތަދެއް އަރާ ޒަކްވާންވެސް ހުރި ދިމާއަށް ވެއްޓުނެވެ. އެންމެންގެ ރުއިމުގެ އަޑު މުޅި ތާނގައި ގުގުމާލިއެވެ.
އަހަރެންގެ ސަބަބުން ދެފުރާނައެއް ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ޝާނީ އަމިއްލައަށް ޒަހަރުކައިގެން މަރުވިއިރު ލިބުނު ހިތްދަތިކަމަށް ކެތްނުވެ ހިތްހުއްޓިގެން ޒަކްވާން މަރުވީއެވެ. އެދެމީހުންގެ އިތުރުން އެދެމީހުންގެ އާއިލާއަށް އަހަންނަށް މިދެވުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ.
އަޅެ އަހަރެންގެ މިވާހަކަ އަޑުއެހި ބުނެބަލާށެވެ. އަހަންނަކީ ބޮޑުކުށްވެރިއެއް ނޫންހެއްޔެވެ.
-ނިމުނީ-
20 Comments!
Comments are closed.
here’s my 4th story.. hope You ppl will like it.. see you again tommorow in sha Allah 🙂
alheyy varah varah salhi stry.. keep up your good work♥️when next stry?
Thank you melon ❤️
Masha Allah..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ beautiful..? wonderful..?? perfect..?? nice?? obbiness to the max..?? dhn neygey bunaane ehcheh vs…❤️❤️❤️❤️????? alhey haadha ryhchehy mivaahaka vs akii…❤️❤️❤️❤️ Hama aslah speechless vehjje…??????? Masha Allah… Thank u akii mikahala rythi stories genes dheythy…❤️?❤️?❤️?❤️❤️ Maaii Allah thibaage faafa fuhsavaa thibaa thi kuraa masahkathugai barakaaii lahvaashi.. aameen..❤️❤️❤️❤️❤️❤️ akii plz dheenee vaahaka eh liyan v nun… Akii ge dheenee vaahaka eh kiyaa laa hithun hama keii madhu vefa myny…?????❤️❤️❤️❤️❤️❤️❤️❤️???? Abadhu beleni mihaaru akii ge vaahaka eh aahsa in thow… ❤️❤️❤️?❤️?❤️ Keep up the gud work akii…❤️❤️❤️❤️ Have a nice day.. ly?❤️?❤️?❤️?
Jazakillah khair naf.. in Sha Allah thikan kuraanan..????
Omg… haadha reehchey.. kiyaairu hama sifavey.. vvvvv salhi.. nxt stry ah wait kuran eba..??????
Thank you Scarlet ❤️
Vvvvv reethi mi story.hamaragalhahves rovihjje??
Thank you amimi ?❤️
Maa has Allah mi vahaka hama super ingey .. looking forward to read another story from yu soon .. keep it up dear
Thank you Eekko❤️
*** Maa sha Allah
Varah reethi mi vaahaka.. Akki keep up the good work dear.. Waiting for the next story of urs
Thank you kitty ❤️
Buneemennu kommedhuvahaku gennaanamey
Miss nuliyevey haalatheh yes aisdhaanehnu hama.. ekam in Sha Allah konme dhuvahakuves upkohdheveytho balaanan
Keekey bunaanee ves dho reethi kamun vvvvvvvv furihama v reethi maasha allah
Hama Rangalhah ves rovihjje…. ?????Mi part ves Varah furihama….. ????
Vvvvvv salhi.
OMG konfadha nice story eh…
Vvvvvv obi igeyyyy???
nice story:)