10 ވަނަ ބައިގެ ތެރެއިން…..
“ދެން… ދިގުކޮށް ހުންނަ ހެދުމެއް ލައިފިއްޔާ އިންޑިޔާ މީހެއް. ކުރު ހެދުމެއް ލައިފިއްޔާ ޔޫރަޕް މީހެއް. ބުރުގާ އަޅައިފިއްޔާ ބުނާނެ ފަލަސްތީނު މީހެކޭ. މި ފައި ކުރިމައްޗަށް އަންނަންވީ އެއްވެސް އެއްޗެއްނުލާ ކަންނޭނގެ” ޔަނާލް ހަޅޭއްލަވާތެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔަޒްދާން ސިއްރު ނަޒަރެއް ޔަނާލަށް ދިނެވެ. ޔަނާލް ހުރިގޮތުން ޔަޒްދާން ކައިރރިއަށް ހިނިއައެވެ. ނަމަވެސް ހިމޭނުން އިނެވެ.
“ނުނޭ.. ވަރަށް ރީތި ޕްރިންސަސް…” އާކިން ޔަނާލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ތެދެއް. އަދި ވަރަށް ލޯބިކޮށް ހުންނާނީ ނާލް ބުރުގާ އެޅީމަ” ޝިފާވެސް ބުނެލިއެވެ.
“އަހަރެމެންގެ ނާލް ރީތިވާނެ ކޮންމެ ކަހަލަ ހެދުމެއް އެޅިޔަސް” އިފްނާ ބުނެލިއެވެ.
“ހުރެބަލަ އެއްދުވަހަކުން ފައި އަށް ލަނޑެއްދޭނަން. މޫނު ބުރުގާ އަޅައިގެން ދާނީ ފައި ކައިރިއަށް. އޭރުން ހުންނާނެއްނު ކާކުކަން ނޭނގިގެން ވަރަކަށް ތެޅިގަނެފަ. އޭރުން އަހަރެން ގެއްލިގެން ނުހޯދާތި” ޔަނާލް ބުނެލިއެވެ. ޔަޒްދާން އެއްފަހަރު ޔަނާލްގެ މޫނަށް ބަލާލުމަށްފަހު އަނެއްފަހަރު ފައިޒަންގެ މޫނަށް ބަލާލިއެވެ.
****************************************
ކޮލެޖުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕާޓީއަށް ހުރިހާ ކުދިންވެސް ލާންޖެހުނީ އެއްވައްތަރެއްގެ ހެދުމެވެ. މަޑު ޕާޕަލް ކުލައަކުން ކޮލެޖުގެ ގޯތިތެރެ ޖަރީކޮށްފައިވާއިރު ދުރުގައި ހުރި ސްޓޭޖުގައި ލައިވް މިޔުޒިކް ކުޅެވެމުން ދިޔައެވެ. ޔަޒްދާން މޭޒު ކައިރީގައި ކޯކްތައްޓެއް ހިފައިގެން އިން އިރުފަރި ހިނގުމެއްގައި އެދިމާލަށް އައި އައިނީ ފެނުނެވެ. އައިނީ ހުރީ ކަކުލުން މައްޗަށް ހުރި ވައްތިރި ހެދުމެއް ލާފައެވެ. ތިރިން ވަނީ ކަޅު ކުލައިގެން ސްޓޮކިންއެއް ލާފައެވެ. އައިނީގެ ބުޅި އިސްތަށިގަނޑު އެއްކޮށް އައްސާލާފައި ބޮޑު ހުޅިއެއް މެދަށް ޖަހާފައިވާއިރު ދެފަރާތުން ދެ ނަންނުގަތި ގޮތަށް އިސްތަށިކޮޅު ވަނީ ވައްޓާލާފައެވެ. އަރާފައި ހުރި ހައި ހީލްސް ގަ އައިނީގެ ހިނގުމަށް ހަމަ ސަތޭކަ ދޭހާވޭއެވެ. ޔަޒްދާނާއި ޖެހިގެން ހުރި ގޮނޑީގައި އިށީނުމާއި ހަމައަށް ޔަޒްދާންގެ ނަޒަރު ވަނީ އައިނީގެ މޫނަށް ހުއްޓިފައެވެ.
“ޔޫ ލުކް ބިއުޓިފުލް. ރިއެލީ.. އޯސަމް…” ޔަޒްދާން ބުނެލިއެވެ. އައިނީ ލަދުން އިސްޖަހާލިއެވެ. އައިނީއަށް އައި ބަދަލު ފެނި ޔަޒްދާން ހިނިތުންވެލިއެވެ.
“ކެން އައި އާސްކު ޔޫ ސަމްތިންގ” ލަދުން ވިރިވިރިއިން އައިނީއަށް ބަލާލަމުން ޔަޒްދާން ބުނެލިއެވެ. އައިނީ ބޯޖަހާލިއެވެ.
“ޑޫ ޔޫ ހޭވް އަ ލައިފް ޕާޓްނަރ. އައި މީން ބޯއީ ފްރެންޑެއް ހުރޭތަ؟” ޔަޒްދާން އަހާލިއެވެ. ވަގުތުން އައިނީ ނޫނެކޭ ބުނެލިއެވެ.
“އެކަމަކު އަހަރެން ވަރަށް ލައިކްވާ މީހަކު އެބަހުރި. ވަރަށް ލޯބިވެސް ވެވިއްޖެ. ހިތަށް އަރާ އޭނަ ލިބޭނީ ކޮންއިރަކުންބާއޭ” ޔަނާލް ހުވަފެނީ ގޮތަކަށް ޔަޒްދާންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
“އަސްލު. އެހެންވިއްޔާ އެމީހަކީ ވަރަށް ނަސީބުގަދަ މީހެއް. އައިނީ ކަހަލަ ބިއުޓީ ކްއީންއެއް ލިބޭނީ ނަސީބުގަދަ މީހަކަށް” ޔަޒްދާން ބުނެލިއެވެ.
“ޔަޒްދާން ވެސް މިރޭ ވަރަށް ތަފާތު. ވަރަށް ހޭންޑްސަމް އޭސް އޯލްވޭސް” ޔަޒްދާނަށް ބަލާލަމުން އައިނީ ބުނެލިއެވެ. ތެދެކެވެ. ޔަޒްދާން މިރޭ ވަކިން ރީއްޗެވެ. ހުދުކުލައިގެ އަތްދިގު ގަމީހުގައި ޔަޒްދާން ތަފާތެވެ. އަޅައިގެން ހުރި ކަޅު ކުލައިގެ ހިމަ ޓައީ ވަނީ ކުޑަކޮށް ދޫކޮށްލާފައެވެ. ބެގީ ނުޖަހާ ހުންނައިރު ވަރަށް ފުރިހަމައެވެ. މޮޔަވާހާވެއެވެ.
“އަސްލު ދާންގެ ތި ދެލޯ ފެނުނު ކޮންމެ މީހެއްގެ ހިތް މޮޔަވާނެކަން ޔަގީން. ވަރަށް ފޮނިވޭދޯ އެހެންވެ” އައިނީ އަހާލިއެވެ.
“ނުވޭ. މަންމަ އަތުގައިވެސް އިންނަނީ ހަމަ ސޭމް އައިސް….. ދެން އެވަރަށް ލޮލަށް ބަލާކަށް ނުވާނެ” އައިނީ ޔަޒްދާންގެ ލޮލަށް ބަލަން ގެއްލިފަ އިން ވަގުތު އައިނީގެ ލޯ ކުރިމަތީގައި އަތް ހިންގާލަމުން ޔަޒްދާން ބުނެލިއެވެ.
“ލޮލަށް ބެލީމަ ކިހިނެއްވާނީ. އައިނީ މިހެން އިނދެފާނަން ކިތަންމެ އިރެއް ވަންދެންވެސް ދާންގެ ލޮލަށް ބަލަން. އައި ރިއަލީ ލަވް ޔުއަރ ބޯތް އައިސް…”
“އެހެންތަ. ތެންކިއު….” ޔަޒްދާން ބުނެލިއެވެ. އައިނީ ބޯޖަހާލަމުން ހީލިއެވެ.
“ކޮބާ މިރޭ ފައިމެން” ދެފަރާތް ބަލާލަމުން އައިނީ ބުނެލިއެވެ.
“ވެއްޖެ އޭނަގެ ބީއެފް ބަލާގޮސް” ޔަޒްދާން ބުނެލިއެވެ.
“ބީއެފް؟؟؟” އައިނީ ބުނެލިއެވެ.
“ހޫމް… ބެސްޓްފްރެންޑް…” ޔަޒްދާން ބުނެލިއެވެ.
“އޯވް…. ހީކުރީ ފައި ގެ ބީއެފްއޭ ބުނީމަ…. ހެހެހެ… ލީވް އިޓް……” ހީލަމުން އައިނީ ބުނެލިއެވެ. އެ ހުނުމުގައި ޔަޒްދާންވެސް ބައިވެރިވިއެވެ.
“މިހާރު އެނގިއްޖެތަ ދާންއާއި އެކުގަ ޝޯ ހުށައަޅައިދޭ ޕާޓްނަރ އަކީ ކާކުކަން” އައިނީ އަހާލިއެވެ.
“ނޭނގޭ. އެއީއެއްނު މައްސަލައަކީ…. ދެން ޕްރިންސިޕަލް ބުނީމަ ރެފިޔުސް ކުރާކަށްވެސް ނުކެރޭނެއްނު” ޔަޒްދާން ބުނެލިއެވެ.
“އެއޮށް ވަޑައިގަތީނު އެމީހުން” ދޮރާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އައިނީ ބުނެލިއެވެ. ޔަޒްދާން އެދިމާލަށް ބަލާލިއެވެ. ފައިޒަން އަތުގައި ހިފައިގެން ހުރެ އެތެރެއަށް ވަދެގެން އައި ޔަނާލް ފެނި ޔަޒްދާނަށް ގޮނޑިން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ. ޔަނާލްގެ ލޫޅާފަތި ހަށިގަނޑަށް ހެޔޮވަރުކޮށްލައިގެން ހުރީ ހުދުކުލައާއި ގޯލްޑް ކުލަ އެކުލެވޭ ދިގު މާމެއިޑް ހެދުމެކެވެ. ކަކުލުން ތިރީގައިވަނީ ގޯލްޑް ކުލައިގެ ލޭސްފޮތިން ފަރުމާކޮށްފައެވެ. އެހެދުމުގައި ޔަނާލްގެ ފުރިހަމަކަން އެތައް ތަނެއް ފުރިހަމައެވެ. އަރާފައި ހުރި ހީލްގެ ސަބަބުން ދިގު ކަމަށް ވެސް ދައްކައެވެ. އިސްތަށިގަނޑު ވަނީ މަތިން ރީތިގޮތަކަށް ހަދާލާފައި ބާކީ ބައި އެއްކޮށް ފަހަތަށް ދޫކޮށްލާފައެވެ. ކޮށްފައިވާ މޭކަޕް ޔަނާލާއި ނުހަނު ގުޅެއެވެ. އިތުރު ދިމާލަކަށް ބަލާވެސްނުލާ ޔަނާލްގެ ކަޅި ހުއްޓިފައިހުރީ އޭނާ އާއި ދިމާލަށް ބަލަން ހުރި ޔަޒްދާނަށެވެ. ޔަޒްދާންގެ ބެލުންތަކުން ފުރަތަމަ ފަހަރަށް ޔަނާލް ރަކިވިއެވެ. ހުއްޓުން އަރާފައި ހުރި ޔަޒްދާނުގެ މޫނަށް އެއްފަހަރު އަނެއްފަހަރު ރަކި ހިނިތުންވުމަކާއެކު ޔަޒްދާނަށް ބަލަމުން ދިޔަ ޔަނާލްގެ މޫނަށް ބަލަން އައިނީ ހުއްޓެވެ. އޭނާއަށްވުރެ ފުރިހަމައަށް ޔަނާލް ތައްޔާރުވެފައި ހުރީތީ އައިނީ ހިތްހަމަނުޖެހުނެވެ. އައިނީ ބޭނުންވީ ޔަޒްދާންގެ ސަމާލުކަން ހޯދާށެވެ.
“ހޭއި! ދާން… ކިހިނެއްވީ އަނެއްކާ؟ ކީއްވެ ތެދުވީ. އަދި ހާފް އެންޑް އަވަރ އޮބައޮތް ދޯ ފަށަން” ޔަޒްދާންގެ އަތުގައި ކޮށްޓާލަމުން އައިނީ ބުނެލިއެވެ.
“އެނ؟ ކީކޭ؟ އެއްޗެއް ބުނިންތަ؟” ޔަޒްދާން ސިހުނެވެ. އަވަސް އަވަހަށް ޔަނާލްގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އޭނައަށް އުޅެވުނު ގޮތުން އަމިއްލަ ނަފްސުދެކެ ފޫހިވިއެވެ. އިތުރަށް ބުނާނެ އެއްވެސް އެއްޗެއް އޭނާގެ ވިސްނުމަކަށް ނައެވެ. އެދެމީހުން ތިބި ގޮނޑި ކައިރީގައި ފައިޒަންއާއި ޔަނާލް އައިސް ހުއްޓުނެވެ.
“ދެކުދިންނަށް ގުޑް ލަކް. ސަޅިކޮށް ބަލާތި ހުށައަޅާދެވޭތޯ. އަހަރެމެން ވައިވެގެން މިތަނުން ނިކުންނަވަރު ނުކުރާތި” ޔަޒްދާންގެ ކޮނޑުގައި ޖަހާލަމުން ފައިޒަން ބުނެލިއެވެ. ޔަޒްދާން ފައިޒަންގެ މޫނަށް ބަލާލީ އެދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ހާލުގައެވެ.
“މަށާ އައިނީ ތަ؟” ހަޤީޤަތުގައިވެސް ޔަޒްދާން ހީކުރީ ފައިޒަން އެދައްކަނީ އޭނާއާއި ޔަނާލް އައިނީގެ ވާހަކަތައް ކަމެވެ.
“ނޫން. މިއެންމެން ތެރޭގައި ހުދުކުލައަށް ހާއްސަވެފައި ތިބީ ކޮންބައެއް. ކަމޯން މޭން…. މިހިރީނު ދާންގެ ޕާޓްނަރ” ކައިރީގައި ހުރި ޔަނާލަށް އިޝާރާތް ކުރަމުން ފައިޒަން ބުނެލިއެވެ. ޔަޒްދާން ޔަނާލްގެ މޫނަށް ބަލާނުލިއެވެ. އެހެންނަމަވެސް ހިނިތުންވުމަކާއެކު ޔަނާލް ހުރީ ޔަޒްދާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
“މަ ހާދަބޭނުންވިޔޭ މިރޭގެ ޝޯ ހުށައަޅާލަން. އަދި އެވެސް މަގޭ ބެސްޓްފްރެންޑާއެކު” ފައިޒަން ބުނެލިއެވެ.
“އަދި އެބައޮތް ވަގުތު. ފައި ދާންވީނުން” ޔަޒްދާން ބުނެލިއެވެ. ބައިވެރިޔަކީ ޔަނާލްކަން އެނގުމުން އޭނާ ދާންބޭނުން ނުވީއެވެ. ޔަނާލާއި އެކުގައި އެއްވެސް ކަމެއް ކުރަން ޔަޒްދާން ބޭނުންނުވާ ކަހަލައެވެ. ވަގުތުން ޔަނާލްގެ މޫޑްއޮފްވިއެވެ. ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާގެ އުޖާލާވެފައިވާ ދޮން މޫނު މިލާފައިވާ މަލެއްހެން މޯޅިވިއެވެ.
“ނޫނޭ… ތަންކޮޅެއް ކުރިން ތި އޮފަރ ކުރިނަމަ. ނައު އައިމް ނޮޓް ރެޑީ” ފައިޒަން އަނގައަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ޔަޒްދާން އިތުރު އެއްޗެއް ނުބުނެއެވެ.
“މިއަންނަނީ” ދުރުން އެހެން އެކުވެރިޔަކު ކޮށްލި އިޝާރާތަކުން އިޖާބަދެމުން އައިނީ އިންތަނުން ތެދުވެގެން ހިނގައިގަތެވެ.
“އަހަރެން ވަރަށް ފޫހިވޭ މިކަން ކުރަން. ވަރަށް ބޮލުގައިވެސް ރިއްސަންފަށައިފި” ޔަޒްދާންގެ ވާހަކަތަކުން ޔަނާލް ހިތުގައިޖެހުނެވެ. އެހުރިހާ ކަމެއް ޔަޒްދާނަށް ވާންފެށީ އިވެންޓް ހުށައަޅައިދިނުމުގައި ބައިވެރިޔަކީ ޔަނާލްކަން އެނގުނުފަހުންނެވެ.
“އިޓްސް އޯކޭ ޔަޒްދާން. އަހަރެން އެކަނި މިކަން ކޮށްލަފާނަން” އެންމެފަހުން ޔަނާލް ބުނެލިއެވެ. ވާހަކަ އެހިސާބަށް ދިޔަތަނާ ޔަޒްދާނާއި ޔަނާލް ސްޓޭޖަށް ދާންޖެހިއްޖެއެވެ. ޔަނާލް ސްޓޭޖާއި ދިމާލަށް ހިނގައިގަތުމުން ފަހަތުގައި ހުރެ ޔަޒްދާން ވެސް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ.
“ޔަޒްދާން، ޔަނާލް މަޑުކޮށްބަލަ” ފަހަތުން ޝާއިނާ ގޮވާލިއެވެ. ޝާއިނާއަކީ މިރޭގެ ހަފްލާ ހިންގާ ރޭވުމުގައި އެންމެ ކުރީގައި އުޅުއްވާ އެކަކެވެ. ޔަޒްދާނާއި ޔަނާލް ހުއްޓުމުން ޝާއިނާ އަރާހަމަކުރިއެވެ. އެދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ގަޔާނުވެފައި ހުރިކަމުގެ ކުލަވަރުތަކެވެ.
“މިރޭގެ ހަފްލާއަށް ވަރަށް ގިނަ ބޭފުޅުން އައިސް އެބަތިއްބެވި. ސަރުކާރުގެ އިސްވެރިން ޕްލަސް ޔަނާލްގެ ފެމެލީވެސް ހާއްސަ ދަޢުވަތެއް ދީގެން ގެނެވިފައި ތިބީ. ޕްލަސް ފުލުހުންގެ ވެރިޔާއާއި އަދި އެޑިޔުކޭޝަން މިނިސްޓަރ ވެސް އެބައިންނެވި. އެހެންވީމަ ދެމީހުންވެސް ޖެހޭނެ ވަރަށް ހެޕެނިންގކޮށް މި ކުރިއަށް ގެންދާން. ތިދެކުދިން މިކަމަށް ނެގީވެސް ހުރިހާ ޓީޗަރުންވެސް ބޭނުންވެގެން. އެހެންވީމަ މޫނުމަތިން ފޫހިކަމާއި ވަރުބަލިކަން އެއްވެސް ކުއްޖެއް ނުދައްކާތި” ޝާއިނާ އިރުޝާދު ދިނެވެ. ޔަނާލް ބޯޖަހާލިއެވެ. ޔަޒްދާން ހަމަ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ.
“މޭމް… ކުރިން މީގެ ކުޑަ ތަޢާރަފެއް ދެއްވިނަމަ. އަޅުގަނޑު މިދެންނެވީ އަދި ކިރިޔާ އަޅުގަނޑަށް މި އެނގުނީ ބައިވެރިޔަކީ ޔަނާލްކަންވެސް” އެންމެފަހުން ޔަޒްދާން ބުނެލިއެވެ.
“މި ހަފްލާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެޖެންޑާ ދެކުދިންނަށްވެސް ދިނިން. ދެން ޔަޒްދަނަށް ނޭނގޭތަ ބައިވެރިޔަކީ ޔަނާލް ކަމެއް. ހުސެން ބުނި ތިމަންނަ ޔަޒްދާނަށް އަންގާލާނަމޭ. އެވާނީ ހުސެން ހަނދާން ނެތުނީކަމަށް. އެހެންވިޔަސް މޭމްއަށް ޔަގީންކަން އެބައޮތް ތިދެކުދިންނަށް. ދެން އަވަހަށްދޭ” ޝާއިނާ ބުނެލިއެވެ.
“އަޅުގަނޑު ކައިރީގައި ހުސެން ސަރ ބުނުއްވި” ޔަނާލް ބުނެލިއެވެ. ޔަޒްދާން ޔަނާލްގެ މޫނަށް ބަލާލިއެވެ. ޔަނާލަށް އެކަން އެނގިގެން ގަސްދުގައި ޔަޒްދާން ކައިރީގައި ނުބުނީކަން އެނގުމުން އިތުރަށް ފޫހިވިއެވެ. ޝާއިނާއަށް ހިނިތުންވުމެއް ދިނުމަށްފަހު ޔަނާލާއި ޔަޒްދާން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ޝާއިނާ ގޮވާލިއެވެ.
“ޔަޒްދާންގެ އަތްތިލައިގެ ތެރެއަށް ޔަނާލްގެ އަތްތިލަ ލައިބަލަ. ދެން މަޑުމަޑުން އަރާނީ. އޭރުން މަންޒަރު ވަރަށް ރީތިކޮށް ފެންނާނީ” ޝާއިނާ ކުރިމަތީގައި އިންކާރުކުރަން ނުކެރުމުން ދެމީހުންވެސް އެގޮތަށް ކަންތައްކުރިއެވެ. ސްޓޭޖްގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ ޔަނާލާއި ޔަޒްދާން ހީވަނީ އަލަތު ކައިވެންޏަށް ތައްޔާރުކޮށްފައި ތިބި ދެލޯބިވެރިން ހެންނެވެ. ޔަޒްދާން ފޫހިވެފައި ހުއްޓެއްކަމަކު ޔަނާލްގެ ނަޒަރު ވަނީ ޔަޒްދާންގެ މޫނަށް ހުއްޓިފައެވެ. އޭނާގެ ތުންފަތަށް ވަނީ ފަނޑު ހިނިތުންވުމެއް ވެރިވެފައެވެ. ކިޔަވާ ދެކުދިން ނަމަވެސް ހަފްލާއަށް ހާޟިރުވެތިބި ހާޟިރީންގެ ދުލުން ވެސް ޔަނާލާއި ޔަޒްދާނަށް ތަޢުރީފުގެ ބަސްތައް އޮށްސަމުން ދިޔައެވެ. ދެމީހުންނަށް ހާއްސަ ކުރެވިފައިވާ ޖާގައިގާ ގޮސް މަޑުކޮށްލުމާއެކު ޔަޒްދާން ޔަނާލްގެ އަތުން ދޫކޮށްލިއެވެ. އަދި ދުރަށް ނަޒަރު ހިންގާލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެއީ ހަމައެކަނި ކުރިމަތިން ފެންނަން ތިބި މެހެމާނުންނަށް އޭނާ ރައްދުކޮށްލި ހިނިތުންވުމެކެވެ.
ޝާއިނާ ދީފައިވާ އިރުޝާދާއި އެއްގޮތަށް ޔަނާލާއި ޔަޒްދާން ވަރަށް އެކުވެރިކަމާއެކު ކުރިއަށް ގެންދިޔައެވެ. ބައެއްފަހަރު ދެމީހުން ދެމީހުންނާއި ސަމާސާވެސް ކޮށްލައެވެ. އުފަލާއި މަޖަލާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިމުމަކަށް އައީ އެގާރަ ގަޑި ބައިވާން އުޅެނިކޮށެވެ. ހަފްލާ ނިމުމުން ކޮލެޖްގެ މެނޭޖްމަންޓުން ޔަނާލާއި ޔަޒްދާނާއި ބައްދަލުކޮށް ޝުކުރުއަދާ ކުރިއެވެ.
“ވަރަށް އުފާވެއްޖެ ޔަޒްދާން ތިހާ ހެޕީކޮށް ވާހަކަދެއްކީތީ” ޔަނާލް ވާހަކަދައްކަމުން ޔަޒްދާން ހުރި ދިމާލަށް އެނބުރިލިއެވެ. ނަމަވެސް އޭރު ޔަޒްދާން ޔަނާލް ފަސްދީފައި ދަނީއެވެ. ޔަނާލް ވާހަކަދެއްކިކަން އެނގުމުން ޖަވާބުދޭން ބޭނުންނުވީއެވެ. ޔަނާލް ދެރަވިއެވެ. ޔަޒްދާން އޭނާދެކެ އެހާ ފޫހިވާންވި ސަބަބެއް ވިސްނާ ވިސްނާ ނޭނގުނެވެ. އެހެންކަމުން އޭނާ އެސަބަބު ހޯދަން ބޭނުންވިއެވެ. އެއްވެސް މީހަކަށް ނޭނގޭނެހެން ޔަނާލް ޔަޒްދާން ފަހަތުން ދިޔައެވެ. ފިރިހެނުންގެ ފާހާނާ ބަރިއަށް ޔަޒްދާން ވަތްތަން ފެނުމުން ފަހަތުން ޔަނާލްވެސް ވަނެވެ. މޫނު ދޮންނަން ހުރި ޔަޒްދާން އެނބުރި ބަލާލީ މީހަކު ވަތްކަން އެނގުމުންނެވެ. ފަހަތުގައި ރޮވިފައި ހުރި ޔަނާލް ފެނުމުން ފުރަތަމަ ޔަޒްދާނަށް ޤަބޫލެއްވެސް ނުކުރެވުނެވެ.
“ހައު ޑެއަރ ޔޫ. ހަމައިގަތަ ތިހެރީ” ހިތްހަމަނުޖެހިފައި ޔަޒްދާން ބުނެލިއެވެ.
“އަހަރެން މިއައީ ހަމަ އެންމެ ސުވާލެއް ކޮށްލަން” ޔަނާލް ބުނެލިއެވެ.
“ހީކުރީ ދޯ އަހަރެން ހުންނަނީ ޔަނާލާއި ހެދި މޮޔަވެފައޭ. ޔަނާލްގެ ރީތިކަމުގެ އަހަރެން ޖެހިއްޖޭ. ހެހެހެ… ބޭޑް ތިންކިންގް….” ޔަޒްދާން ބުނެލިއެވެ.
‘ނޫން. އަހަރެން އެހެން ހިއެއް ނުކުރަން. މީހަކު އަހަރެންގެ އަވައިގާ ޖެހެން އަހަރެންނަކީ ރީތި މީހެއްގެ ގޮތުގައެއް އަހަރެން ނުދެކެން. އަހަރެން ބޭނުންވަނީ އެންމެ ސުވާލެއްގެ ޖަވާބު” ޔަނާލް ރޮވިފައި ބުނެލިއެވެ. ޔަނާލަށް ޔަޒްދާން ފުރަގަސް ދިނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ.
“އަހަރެންނަކަށް ނޭނގުނު ތިސުވާލުގެ ޖަވާބު ހޯދަން ޔަނާލް ފިރިހެން ކުދިންގެ ފާހާނާއަށް ވަންނަންޖެހޭނެ ހެންނެއް” ޔަޒްދާން ބުނެލިއެވެ.
“އަހަރެން ކީތްކުރާނީ. ޔަޒްދާން އަހަރެން ފެންނަ ހިސާބުގައި މަޑުކުރަން ބޭނުންނުވާއިރު އަހަރެން ކިހިނެއް އެއްޗެއް އަހާނީ” ޔަނާލް ބުނެލިއެވެ.
“ބުނާއެއްޗެއް އަހަން އުޅޭ އެއްޗެއް އަހާފައި ދެންވެސް މިތަނުން ދޭ. އެހެންނޫނީ ބޭޒާރުވާނީ މަށެއް ނޫން” ފަރުވާކުޑަ ގޮތަކަށް ޔަޒްދާން ބުނެލިއެވެ.
ކީއްވެ؟ ކީއްވެ ޔަޒްދާން އަހަރެންދެކެ އެހާ ފޫހިވަނީ؟ ބުނެދީފާނަންތަ އަހަރެންނަށް ކުރެވުނީ ކީތްކަން. އަހަރެން ކުރިން ޔަޒްދާން ނުވެސް ދެކެން. އަލަށް ފެނުނު ދުވަހުވެސް އަހަރެންނަށް ޔަޒްދާންގެ ދެލޮލުން ފެނުނީ ފޫހިކަމާއި ރުޅިވެރިކަން. ބުނެބަލަ؟ ކީއްވެތަ؟” ޔަނާލަށް ގިސްލެވެން ފެށުނެވެ. ޔަޒްދާނަށް ދެލޯ މަރާލެވުނެވެ. ޔަނާލް ރޯކަން އެނގުމުން އޭނާ ދެރަވިއެވެ. ނަމަވެސް ޔަނާލާއި ކުރިމަތިލާން ބޭނުންނުވިއެވެ.
“ކީއްވެ ޖަވާބުނުދިނީ؟ ބުނެބަލަ؟ ޔަޒްދާން އަހަރެންދެކެ ތިހާ ފޫހިވާންވީ ސަބަބެއް” ދެވަނަ ފަހަރަށް ޔަނާލް ސުވާލުކޮށްލިއެވެ.
“އަހަރެންގެ ސަމާލުކަން ހޯދަން އުޅޭ ކޮންމެ މީހަކަށް އަހަރެން ނަފްރަތުކުރަން. މިދުނިޔޭގައި އަހަރެން ގަޔާވާއެއްވެސް އަންހެނެއް ނުހުންނާނެ. އަހަރެންނަކީ އެހެން ފިރިހެނުންނާ ތަފާތު މީހެއް. އަހަރެން ބޭނުންވަނީ އަހަރެންގެ ގޮތުގައި ކުރިއަށްދާން. މިހެން ބުނީމަ ހިތަށް އަރާފާނެ އަހަރެންނަކީ ފިރިހެނުންނަށް ޝައުޤުވެރިވާ މީހެކޭ. އެގޮތަށް ވިސްނިޔަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް” ޔަޒްދާން އިއްވާލިއެވެ. ޔަނާލަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ތިހެން އޯޕެންކޮށް ޔަޒްދާން ސަބަބު ހާމަކުރިތީ އަހަރެންވެސް ވާހަކައެއް ބުނަން ބޭނުން. އަހަރެންވެސް ޝައުޤުވެރިވާ ފިރިހެނެއް ނެތް. ޔަޒްދާން ތިހީކުރީ އަހަރެންނާމެދު މުޅިން ނުބައިކޮށް. އަހަރެންނަށް ޔަޒްދާން ކަމުދޭ. ރީތި. އެކަމަކު އަހަރެން ޔަޒްދާންގެ ހަޔާތުން ޖާގައެއް ހޯދުމަށް މަސައްކަތެއް ނުކުރަން. ނުވެސްކުރާނަން. އަހަރެން ބޭނުންމީހަކު އެމީހެއްގެ ހަޔާތަށް އަހަރެން ގެންދަން ޖެހޭނީ އެމީހަކު އަހަރެން ބޭނުންވެގެން” ޔަނާލް ބުނެލިއެވެ.
“ޖަވާބު ލިބިއްޖެކަމަށް ހީކުރަން” ޔަޒްދާން ބުނެލިއެވެ.
“ލިބިއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ އަހަރެން ވިސްނާނަން” ދެލޯ ފޮހެލަމުން ޔަނާލް ބުނެލިއެވެ. އަދި ފާހާނާއިން މަޑުމަޑުން ނިކުމެގެން ދިޔައެވެ. ޔަޒްދާން ފަހަތް ބަލާލީ ފާހާނާއިގެ ދޮރު ލެއްޕުނު އަޑަށެވެ.
****************************************
މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ގަޑިން ބާރަޖަހަން ގާތްވަނީއެވެ. ކެބިންގައި އިން ހާރޫން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަނީ މާއިރާއެވެ. ހާރޫން ދިޔައީ ސިހިގެންނެވެ. އެވަގުތު ކެބިން ތެރެއިން މާއިރާ ފެނުމުން ހާރޫން ހީލިއެވެ.
“ކޮބާ ފޯނު؟” މާއިރާ އަހާލިއެވެ. އެވަގުތު ޗާޖަރަށް ޖަހާފައި އޮތް ފޯނު ހާރޫން މާއިރާއަށް ދައްކާލިއެވެ.
“ހާދަ ގުޅައިފީމޭ. ޖަވާބެއްނުދޭ. މިއަދު ކާންނުދާ ދުވަހެއްތަ؟ އާކުމެން އެވަރަށް ބައްޕައަށް ގުޅާށޭ ބުނީމަ ގުޅީވެސް. އެތިން ކުދިން ހިނގައްޖެ ލަންޗަށޭ ކިޔާފަ” މާއިރާ އެއްފައްޗަކަށް އަމުނާލިއެވެ. އަދި ހާރޫން އިން މޭޒުގެކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.
“ހޫނުގަދަވީމަ ކަންނޭނގެ. ބޮލެގައި ރިއްސާވަރުން މިއުޅެނީ” ހާރޫން ބުނެލިއެވެ. މާއިރާ ތެދުވެގެން ގޮސް ހާރޫންގެ ބޯ މަސާޖުކުރަން ފެށިއެވެ.
“މިހާރު ފަސޭހަތަ؟” ހާރޫން ބޯޖަހާލިއެވެ.
“މިހާރު މާބޮޑަށްވެސް ލުއިވެއްޖެ. އާދެބަލަ” ހާރޫން މާއިރާ އަތުގައި ބޮސްދިނުމަށްފަހު ގޮވައިގެން ގޮސް ބޭންދީ ވަކިން ހުރި ސޯފާ ސެޓުގައެވެ. އަދި އަލުން މޭޒުކައިރިއަށް ގޮސް ފައިލްތަކެއް ހިފައިގެން އައިސް މާއިރާގެ އަތަށް ދިނުމަށްފަހު މާއިރާއާއި ޖެހިގެން އިށީނެވެ.
“މިއީ ކޯޗެއް އަނެއްކާ” ފައިލްތައް ހުޅުވާލަމުން މާއިރާ ބުނެލިއެވެ. އަދި ކޮންމެގަނޑެއް ވަކިވަކިން ބަލަމުން ކިޔަމުން ދިޔަވަރަކަށް މާއިރާގެ ދެބުމަ ގޮށްޖެހެމުން ދިޔައެވެ.
“މުޅި ޕްރޮޕަޓީ އެއްކޮށް ނާލްއަށް” ހައިރާންވެފައި މާއިރާ އަހާލިއެވެ. ހާރޫން ހީލަމުން ބޯޖަހާލިއެވެ.
“އެކަމަކު އަދި ނާލްއަށް އަށާރަވެސް ނުވޭ. އަނެއްކޮޅުން ދެންތިބި ފިރިހެން ދަރިންނޯ. އެވެސް އަހަރެމެންގެ ދަރިންނެއްނު” މައިރާ ބުނެލިއެވެ.
“އޮފްކޯޒް އެވެސް ދަރިން. އެކުދިންނަކީ ފިރިހެން ދަރިން. އެމީހުންނަށް އަހަރެމެންގެ ދެމީހުން ނެތް ދުނިޔެއެއްގަ އެކުދިންނަށް ޖެހޭނީ ކޮންހާލެއް. އިރާދަކުރެއްވިއްޔާ އެއީ ކިޔަވައިގެން ތިބި ވިސްނުންތޫނު ކުދިބައެއް” ހާރޫން ބުނެލިއެވެ. މާއިރާ ހީލިއެވެ. ނަމަވެސް ހާރޫންގެ އެ ނިންމުން އޭނާ ހިތްހަމައެއްނުޖެހެއެވެ.
“ދެން އަޅެ. ހާރޫނަށް ހީވޭތަ މިއީ ރަނގަޅު ނިންމުމެއްހެން. ނާލް އަދި ވަރަށް ޅައެއްނު” މާއިރާ ބުނެލިއެވެ.
“ތިންކް ޕޮޒިޓިވް މައި ލަވް. މީތި އެމަންޖެ މައްޗަށް ހިނގާނީ އެމަންޖެގެ އުމުރުން އަށާރަ އަހަރުވީމަ. އެކަމަކު އަދި މިއީ ސަޕްރައިޒެއް އިނގޭ. ނުބުނާތި އެއްވެސް ކުއްޖެއް ކައިރީގަ” މާއިރާގެ އަތުގައި ހިފާލަމުން ހާރޫން ބުނެލިއެވެ. މާއިރާ ބޯޖަހާލިއެވެ. ހާރޫންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ހަމަ އެހާ އަވަހަށް އެހިނިތުންވުން ފިލައިގެން ދިޔައީ މާއިރާ ކައިރީގައި ނުބުނެވޭ އަދި އެއްވާހަކަ އޮތުމުންނެވެ. އެއީ ވެސް ޔަނާލާއި ގުޅުފައިވާ ކަމެކެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ އެކަން ހާމަކުރާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Alhey vvv reethi… specially this prt… vvvv special name eh inyma ingey.. n thankolheh avahah up kohdhehchey nxt prt ingey dear..
Jst wow ?
Masha Allah! V reethi Mi vaahaka..kon dhuvas thakegga mi vaahaka genesdhenee? V kiyaa hiiy vey vaahaka..
nice keep it up love ☺??