Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

ފާތިކް

Azkii Level 110 Stories
January 29, 2019 7 Mins Read
15 Comments

އެއަރޕޯޓުން ނިކުތްގޮތަށް އެންމެ ފުރަތަމަވެސް ހަޔާ ހޯދާލީ އޭނާގެ ލޯބިވެރިޔާ ފާތިކްއެވެ. އެއްއަތުން ފޮށީގައި ހިފައިގެން ހުރެ އަނެއްއަތުން ލޮލުގައިވާ އަވިއައިނު ރީތިކޮށްލިއެވެ. ދެކޮޅު ހޯދާ ބަލަމުން ދިޔައީ އެއްވެސް ދިމާލަކުން ފާތިކް ފެނޭތޯއެވެ. އެތާ ހުންނަތާ ދިހަ މިނެޓްވީއިރުވެސް ފާތިކްގެ ހަބަރެއް ނުވުމުން މޫނު ކުނިކޮށްލަމުން ހަޔާ ހިނގައިގަތީ ޓެކްސީ ކިއު އާއި ދިމާއަށެވެ. އެހިސާބަށް ރަނގަޅަށް ނުދެވެނިސް ރަތްކުލައިގެ ކާރެއްގައި ފާތިކް އައިސް މަޑުކޮށްލީ ހަޔާގެ ކުރިމައްޗަށެވެ. ދޮރުގެ ލޯގަނޑު ތިރިކޮށްލަމުން ފާތިކް ހަޔާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެއްލޯމަރާލިއެވެ. ފާތިކްގެ އެހަރަކާތުން ހަޔާއަށް އުފާވެރިކަމެއް ލިބުނަސް އެކަން ނުދައްކާ ކުރިއަށްވުރެ ބޮޑަށް މޫނު ކުނިކޮށްލަމުން އައިސް ކުރީ ޝީޓަށް އަރާ އިށީނެވެ.

” ކީއްވެ ފޮށި ބަހައްޓާފަ ތިއެރީ” އެއްފަހަރު ފޮއްޓަށް ބަލާލާފައި އަނެއްފަހަރު ހަޔާ އަށް ބަލާލަމުން ފާތިކް ބުނުމުން ހަޔާ ހައިރާންވެ އަނގަހުޅުވާލިއެވެ.

” ސީރިއަސްލީ ފާތިކް… އަހަރެންތަ ފޮށި އަރުވަންވީވެސް… ” ހިތްހަމަނުޖެހިފައި ހަޔާ ބުނެލިއެވެ.

ހަޔާ ކޮލުގައި ކޮއްޓާލަމުން ވަރަށް ލޯބިން ފާތިކް ބުނެލިއެވެ” ހަހަހަހަ… އެމަޖާ… ހަޔާ ރުޅިއަރުވާލަންވެގެން އެހެން ބުނީ… ބަލާބަ ކިހާ ލޯބި ރުޅިއައިމަ”.

” ދެއަހަރު ފަހުން މިފެނުނީ… ތިގޮތަށް ހަޔާ ރުޅިއައިސްފަ ހުރީމަ ވަރަށް ދެރަވޭ… ބްރިޖްގަ އެކްސިޑެންޓެއް ހިނގައިގެން އުޅޭތީއޭ ލަސްވީ.. ސޮރީ ދޫނި” ދެރަވެލާފައި ފާތިކް ބުނުމުން ހަޔާވެސް ދެރަވިއެވެ. ދެއަހަރުކޮށްފައި އެންމެ ލޯބިވާ ފާތިކް ފެނުމުން ހަޔާއަށް މިއިނދެވުނީ ރުޅިއައިސްފައެވެ.

” ސޮރީ ފާތި… އަސްލު އަހަރެން ދެރަވީ ރިސީވްކުރަން އަންނަން އެހާ ލަސްވީމަ…” ފާތިކްގެ އަތުގައި ހިފާ ކައިރިކޮށްލުމަށްފަހު އެމޫނުގައި ފިރުމާލަމުން ހަޔާ ބުނެލިއެވެ. ފާތިކްވެސް ހަޔާގެ ދޮންމޫނުގައި ފިރުމާލުމަށްފަހު ނިތްކުރިއަށް ބޮސްދިނެވެ. އެއަށްފަހު ކާރުން ފައިބައިގެން ގޮސް ބޮޑު ބަރު ފޮށި ޑިކީއަށް ލުމަށްފަހު އައިސް ކާރަށް އަރާ އިށީނެވެ. މާނޭވާ އެޅިއެޅި ހުރި ފާތިކް ހަޔާ އަށް ބަލާލަމުން ހީލިއެވެ. ހަޔާއިތުރު އެއްވެސް ހަރަކާތެއް ނުކޮށް ފާތިކްއަށް ބަލަން އިނީ ހިތުގައި އެތައް ސުވާލެއް އުފެދިއެވެ. މީގެ ދެއަހަރު ކުރިން އެންމެ ފަހުން ހަޔާއަށް ފާތިކްއަކީ ނުލާހިކު ފިޓް ހަށިގަނޑު ވަރުގަދަ ޒުވާނެކެވެ. އެކަމަކު މިހާރު އޭނާގެ ފާތިކަށް ވަނީ އެތަކެއް ބަދަލެއް އައިސްފައެވެ. ހަށިގަނޑު މުޅިން އަނަރޫފަވެ ކުރިން ހުންނަ ދޮންކުލަވަނީ ފޭދިފައެވެ. ދެލޯވަޅުވަދެފަވާއިރު ކޯތާފަތްވެސް ވަނީކޮންމެވެސް ވަރަށް އެތެރެއަށް ވަދެފައެވެ. ކުޑަކުޑަ ކަމެއް ކޮށްލުމާއެކު ވަރުބަލިވެ މާނޭވާ އަޅަން ފެށި ފާތިކް އަނެއްކާ ބަލީ ހެއްޔެވެ. ކަނާއަތުގެ ފަލަމަސްގަނޑު ކައިރީ އަޅާފައި ހުދުކުލައިގެ މަލަންކޮޅު ފެނުމުން ހަޤީގަތުގައިވެސް ފާތިކް ބަލީބާއޭ ހަޔާ ހިތަށް އެރިއެވެ.

” ފާތި ބަލީތަ.. ކޮން މަލަން ކޮޅެއް އަޅާފަ އޭނދީ… ފާތިކް ވަރަށް ވަރުބަލި ވެފައި އިންހެންވެސް ހީވޭ… ދެލޯވެސް ރަތްވެ ކުޑަވެފައެއްނު ތިހުރީ.. ” ހަޔާ ފައްޗަކަށް އަމުނާލިއެވެ.

” އެ… އެ…އެއީ… އެއީ ދެންމެ މިއައީ ކުއްޖަކަށް ލޭދީފަ… އެނގެއެއްނުއަބަދުވެސް އަހަރެން ކުރާކަމެއްކަން…” އަޅައިގަންނަމުން ފާތިކް ވާހަކަދެއްކިއެވެ.  ކުދިންނަށް ލޭދިނުމަކީ ފާތިކް އަބަދުވެސް ކޮށްއުޅޭ ކަމެއްކަމުން އިތުރު ސުވާލެއް ނުކޮށް ހަޔާ ފާތިކްގެ ކޮނޑުގައި ބޯއަޅާލިއެވެ.

ފަނަރަ މިނެޓްގެ ދަތުރަކަށް ފަހު ހަޔާ އުޅޭ ގެޔަށް އާދެވުނެވެ. އޭރު ހަޔާގެ ދައްތަ މާޔާ އޭނާގެ ދަރިފުޅު މާން ގޮވައިގެން ގޭން ބޭރަށް ނިކުމެ ދޮރުމަތީގައި ހުއްޓެވެ. އެތައް ދުވަހަކަށްފަހު މާޔާ ފެނުމުން ހަޔާ ކާރުން ފޭބިގޮތަށް ދުވެފައި ގޮސް މާޔާ ގައިގާ ބައްދާލިއެވެ. މާންވެސް އުރާލުމަށްފަހު ދޮނެއްދިނެވެ. ހަޔާގެ ހަރަކާތްތަކަށް ބަލަމުން ހިނިތުންވެ ހުރެ ފާތިކް ޑިކީއިން ފޮށި ނަގައިގެން ގެންގޮސް ވައްދަން އުޅުމުން މާޔާ އަތުގެ ހަރަކާތުން ފާތިކްއަށް މަޑުކުރުމަށް އެންގިއެވެ. އެއަށްފަހު އޭނާގެ ފިރިމީހާ ލިޔާއުއަށް ގޮވުމަށްފަހު ފޮށިއެތެރެއަށް ވެއްދުމަށް ބުންޏެވެ. އެވަގުތު ފާތިކްގެ މޫނުމަތި ބަނަވެގެން ދިޔަ މަންޒަރު ފެނުމުން ހަޔާ ދެރަވިއެވެ.

” އަހަރެން ގޮސްލީ… މިރޭ ނުވަ ގަޑި ބަޔަށް ރެޑީވައްޗެ… އަންނާނަން ބަލާ” ހަޔާ އިއްވާލަމުން ފާތިކްގޮސް އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ. ހިތްހަމަނުޖެހުމާ ހައިރާންއެކުލެވިފާވާ މޫނުން ހަޔާ މާޔާއަށް ބަލާލިއެވެ.

” އަހަންނަށް އެނގޭ ހަޔާ ހިތުގައި އަހަރެން ކަންތައް ކުރިގޮތާ މެދު ޝަކުވާ އުފެދޭނެކަން… އަހަރެން ފަހު ހަޔާއާ ވާހަކަ ދައްކާނަން.. އިހަށް ދޭ ކޮޓަރިއަށް ގޮސް ފްރެޝްވެލައިގެން ސައިބޯން އަންނަން” މާޔާ މާން އުރައިގެން ގެޔަށް ވަނެވެ. މާޔާ ދައްކާނެ ވާހަކައަކާ މެދު ވިސްނަން ހުރުމަށްފަހު ހަޔާވެސް އަވަސްވެގަތީ ފްރެޝްވެލައިގެން ސައިބޯންއައުމަށެވެ. ބަނޑުހައިވެސް ވެފާ ހުރުމާއި އެކުއެވެ.

 

ސައިބޮއެގެން ސިޓިންގް ރޫމަށް ނިކުތްއިރު ލިޔާއު އާއި މާޔާ އޮލަވާހަކައެއްގައި ތިއްބެވެ. ޓައިލްސްތައް މަތީ ދެފައި ވަށްކޮށްލައިގެން ކުޅެން އިން މާންގެ ކޮލުގައި ކޮއްޓާލާފައި ހަޔާވެސް އައިސް އެތަނުން ސޯފާ ގޮނޑިއެއްގައި އިށީނެވެ.

” ހަޔާ… ދޮންތަ މިދައްކާ ވާހަކަ ރަނގަޅަށް ވިސްނައިގެން އަޑުއަހައްޗެ… ދޮންތަވެސް އަދި ދޮންތަބޭވެސް ބޭނުމެއް ނޫން ހަޔާއަށް އެއްވެސް ދެރައެއް ލިބޭކަށް.. މަންމައާއި ބައްޕަގެ ތިބީ އަހަރުމެން ދެމީހުން އެކަނި… އެދެމީހުންގެ ވަކިވެ ދިއުމަށްފަހު ހަޔާގެ ހުރިހާ ކަމެއް ބަލަހައްޓަމުން މިއަންނަނީ އަހަރެން… ތީ އަހަރެންގެ ހުރިހާވެސް މީހަކީ… އެހެންވީމަ އަހަރެން ބޭނުމެއް ނޫން ހަޔާއަށް އެއްވެސް ދެރައެއް ލިބޭތަން ދެކޭކަށް…” މާޔާ ބުންޏެވެ.

” ދޮންތަ ތިބުނަން އުޅޭ އެއްޗެއް އަހަންނަކަށް ނުވިސްނޭ… އަހަންނަށް ދެރައެއް ލިބޭކަށް ނޫޅެޔޭ ދޮންތާ…” އެއްފަރާތުގައި އޮތް ކުޝަން އުނގުމައްޗަށް ލަމުން ހަޔާ ވާހަކަދެއްކިއެވެ.

” މިބުނަން އުޅެނީ ފާތިކް އެއީ އަހަރުމެންނަށް އެހާ ކަމުދާ މީހެއް ނޫނޭ… އަހަންނަށް ފެންނަނީ މިހިސާބުން ހަޔާ ފާތިކްއާއި ދުރަށްދާން….” މާޔާގެ ވާހަކަތަކުން ހަޔާ ހިތްހަމަނުޖެހޭގޮތްވިއެވެ.

” މިއަދުތަ ދޮންތައަށް ފާތިކްއާ ދުރަށްދާން ބުނަން އެނގުނީ.. ގައިމުން މީގެ ހައަހަރު ކުރިން ފާތިކް އަހަންނާ ރައްޓެހިވިއިރު ދޮންތައަށް އެއަށްވުރެ ކަމުދާ މީހަކު ނެތް… އެހެންނޫނަސް ފާތިކް އެވަރުގެ ކޮންކަމެއް ކުރީ އޭނައާ ދުރަށްދާން ތިބުނަނީ.. އޭނައަކީ އަހްލާގް ރަނގަޅު އެހާ މޮޅަށް ކިޔަވައިގެން ހުރި ރަނގަޅު ވަޒީފާއެއްގައި އުޅޭ މީހެއް… ދެން ކޮބާ އޭނަގެ މައްސަލައަކީ.. އަނެއްކާ އޮފީހުގަ ދޮންތަބެއާ މައްސަލައެއް ޖެހުނީތަ” ހިތްހަމަނުޖެހިފައި ހަޔާ ބުންޏެވެ.

” ފާތިކް އޮފީހުން ކެނޑިއްޖެ… އެއްވެސް ސަބަބަކާ ނުލާ… އެހެންނޫނަސް އަހަންނާ ފާތިކްއާއި މެދު މައްސަލައެއް ޖެހުނަސް ހަޔާ ކައިރީގަ އޭނައާއި ވަކިވާކަށް ނުބުނާނަން… ބުނަން މިއުޅެނީ ހަޔާ ދިޔަފަހުން ފާތިކް މުޅިން ބަދަލުވެއްޖޭ… އޭނައަށް އައިސްފަ ހުރި ބަދަލް ހަޔާއަކަށް ފާހަގައެއް ނުވޭތަ… ” ހަޔާއަށް އެއްޗެއް ވިސްނޭފަދަ ގޮތަކަށް ވާހަކަދެއްކޭތޯ ލިޔާއު މަސައްކަތް ކުރިއެވެ.

” ތިބުނީ ކޮން ބަދަލެއްގެ ވާހަކަ… ބަދަލު އައިސްފައި ހުރީ އޭނަގެ ސިފައަށް… އަހަރެން ދެކެ ވާލޯތްބަކަށް ބަދަލެއް ނާދޭ… ” ޤަބޫލުކުރަން ބޭނުންނުވާފަދަ ގޮތަކަށް ހަޔާ ވާހަކަދެއްކިއެވެ.

” ސިފައަށް ބަދަލު އައިސްފިކަން ހަޔާއަށް ފާހަގަ ކުރެވޭދޯ… އޭނާލޯ ރަތްވެ ވަޅުވަދެ ދެކޯ އެތެރެއަށްވަދެ މީހާ ހިކި ކަށިކޮޅަކަށްވެ… ހަޔާއަކަށް ހަމަ ނުވިސްނޭތަ… ފާތިކް އެހެރީ މަސްތުވާތަކެތީގެ އަވައިގެ ޖެހި ހަލާކުވެފަ… އަހަރެން ބޭނުމެއް ނޫން ހަޔާ އެކަހަލަ މީހަކާއި ގުޅިގެން އުޅޭކަށް” މާޔާގެ ޖުމްލަތައް ހަޔާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އިންތަނުން ތެދުވެ މާޔާއަށް ފުރަގަސްދިނީ އެވާހަކަތައް ޤަބޫލުކުރަން ބޭނުން ނުވާތީއެވެ.

”  ނޫން އަހަރެން ޤަބޫލެއް ނުކުރާނަން… އަހަރެން އެކޮޅުގަ އުޅުނުއިރު ގަޑިއަކު ދެފަރުހެން އޭނަ އަހަންނަށް ގުޅާ… ތިކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވޭ… އެހެންނޫނަސް މިއަދުތަ ދޮންތައަށް ތިވާހަކަ ބުނަން އެނގުނީ… ކީއްވެ އެކޮޅުގަ ހުރިއިރު ނުބުނެވުނީ” ހިތްހަމަނުޖެހިފައި ހަޔާއަށް ބުނެވުނެވެ.

” ހަޔާގެ ކިޔެވުމަށް ހުރަސް އެޅިދާނެތީ ނުބުނެވުނީ… އެކަންތައް އެކަންޏެއް ނޫން… އަހަރެން ދެފަހަރަކު ފާތިކްއުޅޭ އެޕާޓްމެންޓްގެ މަތީގަ އުޅޭ އަހަރެންގެ ރަހުމަތްތެރި ޔުމްނާ ކައިރިއަށް ދިޔައިރު އެގެއިން އަންހެން ކުއްޖަކު ނިކުތްތަން ދުށިން… ހަމަ އެހެން ދުވަހަކު އެއަންހެން ކުއްޖާ ސައިކަލު ފަހަތަށް ލައިގެން ދަނިކޮށްވެސް ދުށިން… އެއީ ހަމަގައިމުންވެސް އޭނަގެ ކޮއްކޮ ފާތިނާއެއްވެސް ނޫން އަދި އޭނަގެ މަންމައެއްވެސް ނޫން… ” އިންތަނުން ތެދުވެ ހަޔާއާއި ކުރިމަތިލަމުން މާޔާ ކިޔާލިއެވެ.

” ނޫން ނޫން އެހެނެއް ނުވާނެ… އެވާނީ އޭނަގެ ރަހުމަތްތެރިއެއް ކަމަށް… ” ޤަބޫލުކުރަން ދަތިވެ ހަޔާއަށް ހަޅޭއްލަވައި ގަނެވުނެވެ.

“ހަޔާ ހެޔޮނުވާނެ ޤަބޫލުކުރޭ… އަހަރެން ކީއްވެ ހަޔާއަށް ދޮގުހަދަންވީ…” އާދޭހުގެ ރާގަކަށް މާޔާ ބުންޏެވެ. ނަމަވެސް ހަޔާގެ މޫނުމަތިން ގޮތްދޫނުކުރުން ނޫން ކަމެއް ނުފެނުނެވެ. އެހެން ހުރެފާ ކުއްލިއަކަށް ގެއިން ބޭރަށް ނިކުތުމަށް ހަޔާ ހިނގައިގަތެވެ.

” ހަޔާ ކޮންތާކަށް” މާޔާ އަށް ގޮވާލެވުނެވެ.

” ފާތިކް ކައިރިއަށް… އޭނަގެ ގެއަށް… ” ފަހަތް ބަލާ ނުލާ މިހެން ބުނަމުން ހަޔާ ގެއިން ބޭރަށް ނިކުތެވެ.

ފާތިކް އުޅޭ އެޕާޓްމެންޓްގެ ދޮރުގައި ޓަކި ޖަހާލުމާއެކު އޭނާގެ މަންމަ ފަރީދާ ދޮރުހުޅުވިއެވެ. އެހާ ގިނަދުވަސްކޮށްފައިވެސް ހަޔާ ފެނުމުން ފަރީދާގެ މޫނުމަތިން އުފާވެރިކަން ނުފެނި ހާސްކަން ފެނުމުން ހަޔާ ހައިރާންވިއެއް ކަމަކު އެކަން ނުދައްކާ ހިނިތުންވެލިއެވެ. ފަރީދާގެ ހުއްދަ ނުހޯދާ އެތެރެއަށް ވަދެ ފާތިކްގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ސޯފާގައި ތިބި ފާތިކްގެ ބައްޕައާއި ފާތިނާއަށް ބަލާވެސް ނުލައެވެ. ފާތިކްގެ ކޮޓަރީގެ ދޮރުހުޅުވާލަން ތަޅުގައި ހިފަން އުޅުނުވަގުތު އެތެރެއިން ނިކުތް ދޮންދޮން ރީތި އަންހެންކުއްޖާފެނި މާޔާ ދެއްކިވާހަކަތައް ހަނދާނަށް އަންނަން ފެށިއެވެ. އެކުއްޖާ ހަޔާއަށް ބަލާލާފައި ހިނިތުންވެލަމުން ސިޓިންގްރޫމާ ދިމާއަށް ހިނގައިގަތެވެ. އެންމެ އިރުކޮޅަކުވެސް މަޑުނުކޮށް ފާތިކްގެ ކޮޓަރީ ދޮރުހުޅުވާލާފައި ހަޔާ އެތެރެއަށް ވަނެވެ. އޭރު އެނދު ކައިރީގައި ގަމީހުގެ ގޮށްތައް އަޅުވަން ފާތިކް ހުއްޓެވެ. ހަޔާ އައިސްދާނެ ކަމަށް އުއްމީދުނުކޮށް ހުރި ފާތިކް ހަޔާ ފެނުމުން ސިހުނެވެ.

” ހަޔާ… ބޭބް… ބުނީމެއްނު ނުވަ ގަޑި ބައިގަ ބަލާދާނަމޭ” އަވަހަށް ގަމީހުގެ ގޮށްތައް އަޅުވަމުން ވާހަކަދެއްކިއެވެ. އިތުރު ވާހަކައެއް ނުދައްކާ ހަޔާ ގޮސް ފާތިކްގެ ހަށިގަނޑުގައި ބައްދާލިއެވެ. އެތައްދުވަހެއްގެ އިންތިޒާރުގެ ނިމުން އައިކަހަލައެވެ. ފާތިކްވެސް ހަޔާގެ ހަށިގަނޑުގައި ދެއަތްވަށާލި ވަގުތު އެދެލޯ މެރިގެންދިޔައެވެ.

” ފާތިގެ ހަށިގަނޑު ހާދަ ހޫނޭ… ހުން އައީތަ…” އެހުރި ގޮތަށް ހުރެ ހަޔާ ސުވާލުކޮށްލިއެވެ.

ޖަވާބުގައި ފާތިކް ނޫނެކޭ ބުނެލިއެވެ.

” ފާތި އަހަރެންދެކެ ލޯބިވޭތަ… ” ފާތިކްގެ މޭތެރޭގައި ކުރިއަށްވުރެ ބޮޑަށް ބޮނޑިވެލަމުން ހަޔާ ވާހަކަދެއްކިއެވެ.

” އަހަރެން ހަޔާދެކެ އިންތިހާއަށް ލޯބިވަން… އެންމެ ފަހު ނޭވާއާއި ޖެހެންދެންވެސް ހަޔާދެކެ އަހަރެން ލޯބިވާނަން… ” އެހެން ބުނިއިރު ފާތިކްގެ އަޑުގައި ތުރުތުރެއްވީކަން ހަޔާއަށް ފާހަގަ ކުރެވުނެވެ.

” އެހެންވިއްޔާ ހިނގާބަ ކުރިއަށް މިއޮތް ހަފްތާ ތެރޭ ކައިވެނިކުރަން…” ހަޔާގެ ޖުމްލަ އަޑުއިވިފާ ފާތިކް ހަޔާ ގަޔާ ދުރުކޮށްލިއެވެ.

” ކިހިނެއްވީ ” ފާތިކް ބަލަން ހުރި ގޮތުން ހަޔާ ސުވާލުކޮށްލިއެވެ.

” އޯކޭ އެހެންވިއްޔާ މިމަސް ނިންމާފަ މެރީ ކުރާނީ” އަނެއްކާވެސް ހަޔާ ބުނެލީ ފާތިކްގެ ކޮލުގައި ދެފަރާތުން ހިފަހައްޓާލަމުންނެވެ. މަޑު މަޑުން ހަޔާ ފާތިކްގެ މޫނާ ކައިރިވާން ފެށުމުން ފާތިކް ހަޔާ ދުރުކޮށްލީ ކުއްލިއަކަށެވެ. ހަޔާ ކިހިނެއްވީހޭ ބުނެލީ އަތުގެ ހަރަކާތުންނެވެ.

” އަހަންނަށް މާފުކުރޭ ހަޔާ… އަހަންނަށް ހަޔާއާއި ކައިވެނި ކުރެވޭކަށް ނެތް” ފާތިކްގެ ޖުމްލަ ހަޔާއަށް އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ކުއްލިއަކަށް ފާތިކްއާއި ދުރަށް ޖެހެވުނީ މާޔާދެއްކި ހުސް ތެދު ވާހަކަކަން ޤަބޫލުކުރެވުމުންނެވެ.

” އެހެންވީމަ ދޮންތަ ދެއްކީ ހުސްތެދުވާހަކަ ދޯ… ފާތިކް މުޅިން ބަދަލުވެއްޖެ.. ދެންމެ މިތަނުން ނިކުމެގެން އެދިޔައީ ފާތިކްގެ މިހާރުގެ ލޯބިވެރިޔާކަންވެސް އަހަންނަށް އެނގޭ… މަސްތުވާތަކެތީގެ އަވައިގާ ޖެހި ފާތިކް ތިހުރީ މުޅިން ބަދަލުވެފަ… ކީއްވެ ފާތިކް ކީއްވެ… ” ހަޔާ ރޯންފެށިއެވެ. ވަކި އެއްޗެއް ނުބުނެ ފާތިކް އެނބުރުނީ އަނެއް ފަރާތަށެވެ. އިތުރަށް ވާހަކަ ދައްކަން އުނދަގޫވެ ހަޔާ ރޮމުން ކޮޓަރިން ނިކުތެވެ. އަވަސް ހިނގުމެއްގައި ސިޓިންގްރޫމަށް އާދެވުނުއިރު އެއަންހެން ކުއްޖާ ފަރީދާއާއި ވާހަކަ ދައްކަން ހުއްޓެވެ.

” އެހެންވީމަ ދައްތައާއި ބޭބޭއަށްވެސް އެނގޭދޯ ފާތިކް މިކުއްޖާއާއި ރައްޓެހިވެގެން އުޅޭކަން… ތިއެންމެންވެގެން އަހަންނަށް ތިހާ ބޮޑު ދެރައެއް ތިދިނީ ކީއްވެ… ” އެންމެންނަށް ވަކިވަކިން ބަލާލަމުން ހަޔާ އަހާލިއެވެ. އެއްވެސް މީހަކު ޖަވާބު ނުދިނުމުން ވީދެރައިން ހަޔާ އެގެއިން ނިކުމެގެން ދިޔައެވެ.

ގޭގެ ދޮރު ހުޅުވާލިގޮތަށް ދުވަމުން ދުވަމުން އައިސް ބަދިގޭގައި ހުރި މާޔާ ގައިގާ ހަޔާ ބައްދައިގަތެވެ. އަޑުން އަޑު ނަގާ ރޮމުން ދިޔައީ މާޔާ ދެއްކީ މުޅިންވެސް ތެދު ވާހަކަތަކެއް ކަމަށް ބުނަމުންނެވެ.

” ހަޔާ އުފާކުރޭ އެކަހަލަ މީހެއްގެ ކިބައިން ހަޔާ ސަލާމަތްވީތީ… އިންޝާﷲ އެއަށްވުރެ ރަނގަޅު މީހެއް ހަޔާއަށް ލިބޭނެ.. ދެން ހިނގާ ކޮޓަރިއަށް ނިދާލެވޭތޯ” ހަޔާ އަތުލަފިކޮށްގެން މާޔާ ހަޔާ ކޮޓަރިއަށް ގެންދިޔައެވެ. އެނދުމަތީގައި ބޭއްވުމަށްފަހު ކައިރީގައި އިނދެ އެތަކެއް ނަސޭހަތެއް ދިނެވެ. ހަޔާ ހަމައަކަށް އެޅުމުން ނިދަން ބުނުމަށްފަހު ކޮޓަރީގެ ލައިޓް ނިއްވާލަމުން މާޔާ ނިކުތެވެ. ނަމަވެސް ނިދިން މަޙުރޫމްވެ އެމުޅި ރޭ ހަޔާއަށް ހޭދަކުރެވުނީ ރުއިމުގައެވެ.

ހެނދުނު ތެދުވެ މާޔާއާއި އެކީ ސައިހެދުމުގައި ބައިވެރިވެ އުޅުނީ މާޒީއަށް ފަސްއަޅާ ފޮރުވާލުމުގެ މަގްސަދުގައެވެ. ނަމަވެސް އެމާޒީ އެނބުރި ހަޔާކައިރިއަށް އަންނާކަށް މާގިނައިރެއް ނުނެގިއެވެ. ދޮރުގައި ޓަކި ޖަހާ އަޑަށް މާޔާ ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ފާތިކްގެ މަންމަ ފަރީދާއެވެ.

” ހަޔާ ބޭނުމެއްނޫން ފާތިކްގެ އެއްވެސް މީހަކާ ވާހަކަ ދައްކާކަށް” ރުންކުރު ގޮތަކަށް މާޔާ ވާހަކަ ދެއްކިއެވެ.

” އިޓްސް އޯކޭ ދޮންތާ… އަހަރެން ބޭނުން ފާތިކްގެ މަންމަ ކިޔާ އެއްޗެއް އަޑުއަހާލަން” ފަހަތުގައި ހުރި ހަޔާ މިހެން ބުނުމާއެކު ދެން އިވުނީ ފަރީދާގެ ގިސްލުމުގެ އަޑެވެ.

” އަހަރެން މިއައީ ހަޔާ ކައިރީގަ އާދޭސް ކުރަން… ހިނގާ ދައްތައާއި އެކު ފާތިކް ކައިރިއަށް” ރޮމުން ރޮމުން ހަޔާއާއި ދިމާއަށް އަންނަމުން ފަރީދާ ވާހަކަ ދެއްކިއެވެ.

” އަހަރެން ނުދަންނަން ފާތިކް ކިޔާ މީހެއް އުޅޭކަމެއް..” ދުރަށް ބަލަމުން ހަޔާ ވާހަކަދެއްކިއެވެ. ” ތިހެން ނުބުނޭ ދަރިފުޅޭ… ފާތިކް ހަޔާ ދެކެ ވަރަށް ލޯބިވޭ… ތިލޯބީގެ ހައްޤުގަ އޭނަ ނުކުރަނީކޮންކަމެއް… ހަޔާ ދައްތަ މިބުނަން އުޅޭ ވާހަކައިން ދަރިފުޅު ވަރަށް ދެރަވާނެކަން އެނގޭ… ބުނަން މިއުޅެނީ ހަޔާ ކައިރީ ނުބުނުމަށް އެދި ފާތިކް އާދޭސް ކުރި ވާހަކައެއް… ހަޔާ… އަހަރެންގެ ފާތިކް ވަރަށް ބަލި…” އެހިސާބަށް ބުނެވުނުއިރު ފަރީދާއަށް ބާރަށް ރޮވެނީއެވެ. ހަޔާއަށް ފަރީދާއަށް ބަލާލެވުނުއިރު އެހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

” ހަޔާ… މީގެ ދެއަހަރު ކުރިން ފާތިކްއަށް ވަނީ ލޭގެ ކެންސަރު ޖެހިފަ” ފަރީދާގެ ޖުމްލަ އަޑުއިވުމާއިއެކު ހަޔާ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

” ދައްތަ ކީކޭ ތިކިޔަނީ….” މިހެން ބުނިއިރު ހަޔާގެ އަޑުގައި ތުރުތުރެއް ވިއެވެ. މާޔާއަށްވެސް އަނގަމަތީގައި އަތް އަޅާލެވުނީ ޤަބޫލުނުކުރެވިގެންނެވެ.

” އޭރު ފާތިކް ވަނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖްގަ… ޑޮކްޓަރުން ބުނީ ފާތިކް ދުނިޔޭގަ ހުންނަން ލިބިފާ އޮތީ އެންމެ ހަތަރުމަސް ކަމަށް އެކަމަކު މާތްﷲ އިރާދަފުޅުން އެކުއްޖާ ދެއަހަރު އުޅުމަށް ފުރުސަތު ލިބިއްޖެ… ފާތިކް ހަޔާއަށް ނޭންގީ ހަޔާ ދެރަވާނެވަރު އެނގޭތީ.. ފާތިކްއަށްޓަކާ ހަޔާ ކިޔެވުން ދޫކޮށްލާފާއި އައިސް ދާނެތީ… އަހަރެންގެ ފާތިކް ހަޔާދެކެ ހާދަ ލޯތްބެކޭ ވަނީ… އަހަރުމެންގެ އަތުގައި ފާތިކްއަށް ބޭސް ކުރާނެ ފައިސާ ނެތުމުން އެހީއަކަށްވެސް އެއްވެސް ތަނެއްގެ ނޭދުނީވެސް ކޮންމެސްގޮތަކުން ހަޔާއަށް އެނގިދާނެތީ… ހަޔާ… ފާތިކް މިހާރު ގުނަމުން އެދަނީ އެންމެ ފަހު ވަގުތުކޮޅު… ރޭގަ ފާތިކްގެ ކޮޓަރިން ނިކުތް އަންހެންކުއްޖާ އެއީ ފާތިކްގެ ޑޮކްޓަރ… ރޭގަ ހަޔާ ނިކުމެގެން ދިޔަ ފަހުން އަހަރުމެން އެކޮޓަރިއަށް ވަނީ ފާތިކްގެ ހާލެއް ބަލާލުމަށް.. އެވަގުތު ފާތިކް އޮތީ ތިރިއަށް ވެއްޓިފަ… އަނގައިން ހޯސްލާފައި ލޭއަންނަމުން ދިޔަ… މިވަގުތު އަހަރެންގެ ފާތިކް ބޭނުންވާނެ އެންމެ ފަހުފަހަރަށް ތިމަންޖެ ދެކިލަން… ހެޔޮނުވާނެ އާދޭސްކޮށްފަ ބުނަން… ” ރޮވޭ ވަރުން ފަރީދާއަށް ވާހަކަދައްކަންވެސް އުނދަގޫވަމުން ދިޔައެވެ.

” ނޫން ނޫން… ފާތިކް ….. ނޫން ….. ދޮންތާ އަހަރެންގެ ފާތިކް…. ފާތިކް މަރުވަނީ… ނޫން ދޮންތާ… އަހަރެން ބޭނުމެއް ނޫން ފާތިކް މަރުވާތަން ދެކޭކަށް” ރޮމުން ރޮމުން ކިޔޭ ނުކިޔޭއެއްވެސް ހަޔާއަށް ނޭނގޭ ކަހަލައެވެ. ދެން ފެނުނީ ހަޔާ ދުވެފައި ދޮރާ ދިމާއަށް ދިތަތަނެވެ. ފަހަތުން މާޔާއާއި ފަރީދާވެސް ދިޔައިރު މަގު އޮތްގޮތަށް ހަޔާ ދުވެފައި ދަނީއެވެ.

ދުވަމުން އައި ހަޔާއަށް ހޮސްޕިޓަލަށް ވަދެވުމާއެކު ފާތިކް އޮތް ތަނެއް ރިސެޕްޝަންގައި އެހުމަށްފަހު އެދިމާއަށް ދުއްވައިގަތެވެ. ފާތިކް އޮތް ކޮޓަރިއަށް އައިސް ވަދެވުނު ވަގުތަކީ ފާތިކްގެ އެންމެ ފަހު ނޭވާ ދޫކޮށްލި ވަގުތެވެ. ބާރަށް ރޯންފަށަމުން ފާތިނާއަށް އޭނާގެ ބައްޕަގައިގާ ބައްދައިގަނެވުނެވެ. ކައިރީގައި ހުރި ނަރުސް ކުއްޖާ ފޮތިގަނޑުން ފާތިކްގެ މޫނު ފޮރުވާލުމާއެކު އަޑުން އަޑުނަގާ ރޯންފަށަމުން ހަޔާއަށް އެދިމާއަށް ދުއްވައިގަނެވެ. ފާތިކްގެ މޫނުމަތިން ފޮތިގަނޑު އެއްލާލައި އެފުރާނަ ނެތް ހަށިގަނޑުގައި ބައްދަމުން ހަޔާ މޮޔައެއްހެން ރޮމުންދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އެތަނަށް އައިސްވަން ފަރީދާއާއި މާޔާއަށް މިމަންޒަރު ވެގެން އުޅޭ ގޮތެއް އެނގިގެން ދިޔައެވެ. ފަރީދާވެސް ރޯންފެށުމާއެކު މާޔާއަށް ފަރީދާ ގައިގާ ހިފަހައްޓާލެވުނެވެ. ފާތިކްގެ ހަށިގަނޑުން ގަދަކަމުން އަތްނައްޓުވާ ހަޔާ ދުރުކުރުވީ ފާތިކްގެ ބައްޕައެވެ. އޭރުވެސް ފާތިކްއަށް ގޮވަމުން ހަޔާ ރޮމުން ދިޔައެވެ.

އެދުވަހުގެ ފަހުން ހަޔާ ހުންނަނީ ހަމަހިމޭންވެފައެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އަބަދުގެ އަބަދަށް ފާތިކްމަތިން ހަނދާންކުރުމުގައި ދެމިހުރީއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ބުނާށޭ ލޯބި ނުވަނީހޭ……1

Next

ހުވަފެނުގެ ރާނީ 24

Next
January 30, 2019

ހުވަފެނުގެ ރާނީ 24

Previews
January 29, 2019

ބުނާށޭ ލޯބި ނުވަނީހޭ……1

15 Comments!

  1. Akii says:
    January 29, 2019 at 10:11 pm

    hello hurihaakudhin… miothy dhevana vaahaka.. heekuran kamudhaane kamah… good night…

  2. Kitty says:
    January 29, 2019 at 10:35 pm

    Haadha sad story ekey.. Kiriyaa hama roven kairivefa mihiry….. Overall varah reethi mi vaahaka ves Masha allah ❤️❤️❤️???

    1. Akii says:
      January 29, 2019 at 10:36 pm

      Thanks kitty

  3. HIju says:
    January 29, 2019 at 10:39 pm

    Sad and beautiful

    1. Akii says:
      January 29, 2019 at 10:46 pm

      Thank you ?

  4. Aroo says:
    January 30, 2019 at 6:47 am

    Mivaahaka v reethi kiyaa nimunuiru hama rangalhah ves rovijje

    1. Akii says:
      January 30, 2019 at 6:51 am

      Thank you Aroo..

  5. eny says:
    January 30, 2019 at 7:36 am

    v nice mi story ves… when next stry.. keep going dear❤️

  6. SCARLET says:
    January 30, 2019 at 12:35 pm

    Alhey hama rangalhah vx rovijje… vvvv reethi mi stry vx…. waiting for u r nxt stry

  7. naf says:
    January 30, 2019 at 1:21 pm

    hama rangalhah vs rovihjje.. 🙁 vr asaru gadha adhi ehaime rythi vaahaka eh.. masha allah.. 🙂 akii ge dhevana story vs hama habeys.. 🙂 maaii allah thibaage faafa fuhsavaa thibaa ah heyo rahumaii lahvaashi.. aameen.. 🙂 akii dheenee vaahaka eh liyan v nun… vr kiyaalaa hiyy veyba akii ge dheenee vaahaka eh.. looking forward to u r next story.. 🙂 keep it up nd gud luck. 🙂 adhives ehfaharu vvvvvvvvvvvvvvvv vr rythi story…. 🙂

  8. Kujjeh says:
    January 30, 2019 at 2:04 pm

    Alheyy vrh vx rythi mi story??Hama roveyhaa vey Sooooo nyc

  9. ??Neha?? says:
    January 30, 2019 at 2:37 pm

    Ooh akii Haadha molhey story liyan…. ???I’m very proud of you….. Thankolheh ginain stories liyebalaa… Alhu nudheken akii haa molhu insaaneh.. Mi buny stories liyan… Kihineh tha akii story liyan dhaskury.. Alhu ves beynun story liyan dhaskuran… ???????

  10. Aishath aish says:
    January 31, 2019 at 2:54 pm

    Varah reethi

  11. zaara says:
    February 2, 2019 at 8:26 am

    jumla thah hunna goi ithurah rythi kohlani koh mi vaahaka ithurah rythi vegen dhaane. Overall koh mi vaahaka v ryhchey buneveyny. Keep up yr good work❤❤❤

  12. ........ says:
    February 2, 2019 at 4:02 pm

    Maayaa keehve dhogu hedhii???

Comments are closed.


All Right Reserved!