مَرْيَمُ ގެފާނުގެ ބަފައިކަލުން عمران އާއި މައިކަނބަލުން حَنَّة އަކީ ނުހަނު ޞާލިޙު ތަޤުވާވެރި ދެބޭކަނބަލުންނެވެ. މާތް ﷲ ހަނދުމަކުރައްވާ ޒިކުރުކުރައްވަމުންގެންދެވި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެއްތަށް ދުވަހެއް ވީއިރުވެސް އޭގެ ދެކަނބަލުންނަކަށް ބޭފުޅަޅު ލިބިވަޑައެއް ނުގަންނަވައެވެ.
محمد بن إسحاق ވިދާޅުވެފައިވެއެވެ. “حَنَّة އަކީ ދަރިމައިނުވާ ބޭކަނބަލެކެވެ. އެއްދުވަހަކު ގަހެއްގެ ހިޔަލުގައި އިންނަވަނިކޮށް އެކަމަނާއަށް ޅަދަރީންނަށް ކާންދޭ ދޫންޏެއްފެނިވަޑައިގެންނެވިއެވެ. އެމަންޒަރު ފެނިވަޑައިގެންނެވުމުން ތުއްޕުޅު ބޭފުޅަކަށް ޝަޢުޤުވެރިވުމުގެ ޝުޢޫރުއެކަމަނާގެ ހިތްޕުޅުގައި ހިނގައިގެންދިޔައެވެ. އަދި ދަރިކަލަކު ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ. ދީލަތިވަންތަ މާތް ﷲ އެކަމަނާގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަމަނާ އާލާސްވެއިންނަވައިފިއެވެ. އާލަސްވެއިންނެވުމުން އެކަމަނާގެ ބަނޑުގައިވާ ދަރިކަލުން ބައިތުލް މަޤްދިސްގައި ޚާލިސްވެ އަޅުކަން ކުރަން އިންނަވާ ގޮތުގައި ދޫކޮށްލެއްވުމަށް ނަދުރު ވިދާޅުވިއެވެ.”
އަރަހުށި މާތް ﷲ އެކަމަނާގެ ދުޢާފުޅު ކީރިތި ޤުރުޢާނުގެ އާލު ޢިމްރާނު ސޫރަތުގައި ބަޔާން ކުރައްވާފައިވަނީ މި ދަންނަވާ ފަދައިންނެވެ.
إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾
“عمران ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (بيت المقدس ގެ خدمة އަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަރަސްކަލާނގެ حضرة އަށް خالص ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) قبول ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
حَنَّة ވިދާޅުވި ނަދުރަކީ އޭރު ހިނގަމުން އަންނަ ޝަރުޢީ ޤާނޫނުތަށް ހުއްދަކުރާނަދުރެއްކަމުގައި އަލް އިމާމު ޤުރުޠަބީ ލިޔުއްވާފައިވެއެވެ. އެ ޒަމާނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މުޙައްރަރުކޮށް ހަމައެކަނި މިސްކިތުގައި މާތް ﷲ އަށް އަޅުކަން ކުރާގޮތުގައި ދޫކުރެވިފައިވެއެވެ. އެގޮތަށް ދޫކުރާ ކުދިންގެ މަސްޢޫލިއްޔަތެއްކަމުގައިވަނީ ހަމައެކަނި މާތް ﷲ އަށް އަޅުކަންކުރުމެވެ. ދުނިޔެވީ އެންމެހައި ކަންތައްތަކަން ދުރުވެއެވެ.
ނަމަވެސް އިސްލާމީ ޝަރީޢަތުގައި އެގޮތަށް ދުނިޔެ އަޅާފައި ހަމައެކަނި މާތް ﷲ އަށް އަޅުކަން ކުރުމަށް ހުސްވެގެން ތިބުންވަނީ ވަރަށް ބޮޑަށް މަނާ ކުރައްވާފައެވެ. އިސްލާމްދީނުގައި އަންގަވާފައިވަނީ ދުނިޔަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ޝަރީޢަތުގައި އަންގަވާފައިވާ ގޮތަށް މަސައްކަތްކުރަމުން މާތް ﷲ އަށް އަޅުވެތިވުމެވެ. އެކަލާނގެ އަށް ބޯލެނބުމެވެ.
حَنَّة ނަދުރު ވިދާޅުވީ އެކަމަނާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިނަމަ އެ ދަރިކަލުން ބައިތުލް މަޤްދިސްގެ ޚިދުމަތަށް ހުސްކޮށް ދޫކޮށްލެއްވުމަށެވެ. އެކަމަނާ އާލާސްވެއިންނަވައި އަދި ރައްކައުނުވަނީ ލޮބޮވެތި ފިރިކަލުން عمران އަވަހާރަވެއްޖެއެވެ. ފިރިކަލުންގެ ވަކިވެވަޑައިގެންނެވުން އެކަމަނާ ނުހަނު ކެތްތެރިކަމާއެކު ބަރުދާސްތުކުރެއްވިއެވެ. ކޮންމެއަކަސް حَنَّة ދުވަސްފުޅުފުރާ ފުރިހަމަވެ ރައްކައުވީ އަންހެން ބޭފުޅެކެވެ. އެކަމަނާ އެދިވަޑައިގެން އިންނެވި ފަދަ ފިރިހެން ބޭފުޅެއް ނޫނެވެ. އެވާހަކަ ކީރިތި ޤުރުއާނުގެ ޢާލު ޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ.
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾
“ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން اللَّه ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.”
މިދެންނެވި އާލު ޢިމްރާނު ސޫރަތުގެ 36 ވަނަ އާޔަތުގައިވާ ބަސްފުޅުތައް އެކަމަނާ ވިދާޅުވީ ފިރިހެން ބޭފުޅަކަށް އުއްމީދު ކުރައްވައިގެން އިންނަވަނިކޮށް އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވުމުންނެވެ. އެކަމުގެ ސަބަބުން ލިބިވަޑައިގެންނެވި މޮޅިވެރިކަމެއްގެ ސަބަބަން އެހެން ވިދާޅުވެވުނީއެވެ. އެހެނީ އަންހެން ކުދީންނަކީ އެގޮތައް ނަދުރުބުނެގެން މުޙައްރަރު ކުރެވޭ ބައެއްނޫނެވެ. ފިތުރީ ސަބަބުތަކާހުރެ މިސްކިތުގައި އަބަދާއި އަބަދު މަޑުނުކުރެވޭނެ ސަބަބަށްޓަކައެވެ.
ދެން އާޔަތުގައިވަނީ އެދަރިކަނބަލުންނަށް مريم އޭ ވިދާޅުވެ ނަންދެއްވި ވާހަކައެވެ. އެނަންފުޅު ދެއްވީވެސް ޚުދު حَنَّة އެވެ.
އިބްނު ޖަރީރު، عكرمة ގެ އަރިހުން ރިވާކުރައްވާފައިވާ ކަމަށް علاّمة إبن كثير رحمه اللّـه، އޭނާގެ ތަފްސީރުގައި ލިޔުއްވާފައިވެއެވެ. ” حَنَّة، ތުއްޕުޅު މަރްޔަމުގެފާނު، ފޮތިކޮޅަކަށްލައްވައިގެން އޮޅާލައްވައި ބައިތުލްމަޤްދިސްގެ އަޚްބާރުންގެ އަރިހަށްވަޑައިގެންނެވިއެވެ. އެ އަޚްބާރުންނަކީ މޫސާގެފާނުގެ އަޚް ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުންނަކީ އެ ޒަމާނުގައި ބައިތުލްމަޤްދިސްގެ ބެލެހެއްޓުމާ ޙަވާލެވެވަޑައިގެން ތިއްބަވާ ދީނުގެ ޢިލްމުވެރިންނެވެ. މައްކާގެ މީސްތަކުން ކަޢުބާ ބަލަހައްޓަމުން ގެންދާފަދައިން އެބައިމީހުން ބައިތުލްމަޤްދިސް ބަލަހައްޓަމުން ގެންދެއެވެ.
مريم ގެފާނުގެ މައިކަނބަލުން އެބައިމީހުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.” މިކުއްޖާއަކީ އަޅުގަނޑު މިސްކިތުގެ ޚިދުމަތަށްޓަކައި ނަދުގެންފައިވާ ކުއްޖެކެވެ. އަޅުގަނޑުވަނީ އެދަރިކަނބަލުން ދުނިޔަވީ އެންމެހައި މަސައްކަތްތަކަކުން މިނިވަންކޮށް ހަމައެކަނި މިސްކިތުގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ. މިދަރިކަނބަލުން އަނބުރާ ރައްދުކުރުމެއްނެތެވެ.
އެކަމަނާގެ ވާހަކަފުޅު ނިމުމުން އަޚްބާރުންގެ މީސްތަކުން ބުންޏެވެ. “އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ. އެހެނީ عمران އަކީ އަހަރެމެންނާއިގެން އިމާމުވެ ނަމާދުކުރައްވާ ބޭކަލެކެވެ. ޤުރުބާނީތަކާއި ޙަވާލުވެވަޑައިގެން ހުންނަވަނީވެސް އެކަލޭގެފާނެވެ.”
އަޚްބާރުންގެ މީސްތަކުން މިވާހަކަ ދައްކަން ތިއްބާ زكريّا عليه السّلام ވަޑައިގެން ވިދާޅުވިއެވެ. ” އެދަރިކަނބަލުން އަޅުގަނޑާ ޙަވާލު ކުރައްވާށެވެ. އެދަރިކަނބަލުން އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ އަޅުގަނޑަށެވެ. އެހެނީ އަޅުގަނޑު ކާވެނިކޮށްގެން މިއުޅެނީ އެދަރިކަނބަލުންގެ މައިފުށެގެ ބޮޑުދައިތައާއެވެ.”
زكريّا عليه السّلام މިހެން ވިދާޅުވުމުން ބައިތުލް މަޤްދިސް ބަލަހައްޓާ އަޚްބާރުން އެކަލޭގެފާނަށް ދެންނެވިއެވެ. ” ތިޔަގޮތަށް ކަންތައްކުރެއްވުމަކީ އަހަރެމެންގެ ހިތްތަކަށް ފަސޭހަގޮތެއްނޫނެވެ. އެހެނީ އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ.”
ދެން އެބައިމީހުން ނިންމެވެވީ ޤުރުޢަތު ލުމަށެވެ. އެބައިމީހުން ތަޢުރާތު ލިޔާންގެންގުޅޭ ޤަލަމްތަށް ބޭނުންކޮށްގެންނެވެ. އެބައިމީހުން އެ ޤުރުޢަތުލުމުން ޤުތުޢަތުން ހޮވިވަޑައިގެންނެވީ زكريّا عليه السّلام އެވެ. ދެން زكريّا عليه السّلام، مريم ގެފާނުގެ ބެލެނިވެރިއެއްކަމުގައި ހަމަޖެހިގެންދިޔައެވެ.
ކީރިތި ޤުރުޢާނުގެ ނައްޞުން مريم ގެފާނުގެ ބެލެނިވެރިކަމާ ޙަވާލުވާނެ މީހަކާމެދު ޔަހޫދީންގެ އަޚްބާރުން އިޚްތިލާފު އުފެދުނުކަން ސާބިތުވެއެވެ. އާލު ޢިމްރާނު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴿٤٤﴾
އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.
މިދެންނެވި ކަންތައްތަކަށްފަހު އެ އަޚްބާރުންގެ މީސްތަކުން زكريّا عليه السّلام އަށް مريم ގެފާނުގެ ބެލެނިވެރިން ޙަވާލުކުރުމަށް އެއްބަސްވިއެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރުޢާނުގެ އާލު ޢިމްރާނު ސޫރަތުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖإِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾
“ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.”
زكريّا عليه السّلام، مريم ގެފާނުގެ ކަފާލާތު ނުވަތަ ބެލެހެއްޓެވުމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު އެކަމަނާއަށް ރަނގަޅު ތަރުބިއްޔަތެއްދެއްވުމަށް ވަރަށް ބޮޑު އަޙައްމިއްޔަތުކެމެއްދެއްވިއެވެ. އެކަލޭގެފާނަކީ مريم ގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ. އެހެން ރިވާޔަތްތަކުން ސާބިތުވާގޮތުގައި އެކަމަނާގެ އުޚްތުގެ ފިރިކަލުންނެވެ.
علاّمة إبن كثير رحمه اللّـه، ތަޚްރީޖުދެއްވަނީ زكريّا عليه السّلام، އަކީ مريم ގެފާނުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ.
ކޮންމެއަކަސް مريم ގެފާނު ބޮޑުފުޅުވަމުންއައީ ނުހަނު ނިޢުމަތުގައެވެ. زكريّا عليه السّلام ގެންދެވީ އެކަމަނާއަށް ދީނީގޮތުންނާއި އަޚްލާޤީ ގޮތުން އުޅުމާއި ގުޅުން ބައްޓަންކުރަންޖެހޭނެ ގޮތް ބަޔާންކޮށްދެއްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާވެވަޑައިގެންނެވީ ތަޤްވާވެރިކަމާއި އަޅުވެރިކަމުގައި މިސާލުޖެހެވޭ ފަދަ މާތް ބޭކަނބަލެކަށެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައިވެސް ވަނީ އެކަމަނާގެ އަޅުވެރިކަމާއި، ދީންވެރިކަންވަނީ މަޝްޙޫރުވެފައެވެ.
مريم ގެފާނު އަޅުވެރިކަމާއި ތަޤްވާވެރިކަމުގެ ނަތީޖާއަކަށްވީ އެކަމަނާގެ ފަރާތްޕުޅުން ކަރާމާތް ފާޅުވާނެފެށުމެވެ. ކަރާމާތަކީ ރަސޫލުންގެ ރިސާލަތަށް ފުރިހަމައަށް ތަބަޢަވެ ޢަމަލުކުރި ޞާލިހު އަޅުންގެ އަތްމައްޗަށް ފާޅުޅުކުރައްވާ އާދަޔާ ޚިލާފުކަންތައްތަކެވެ. مريم ގެފާނުގެ ފަރާތްޕުޅުން ފާޅުވި ކަރާތްމާތް އެންމެ ފުރަތަމަ ދެކެވަޑައިގެންނެވީ زكريّا عليه السّلام އެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރުޢާނުގެ އާލު ޢިމްރާނު ސޫރަތުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖإِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾
“އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.”
مجاهد އާއި عكرمة އާއި سعيد بن جبير އާއި މިނޫވެސް އެތައް ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. زكريّا عليه السّلام، مريم ގެފާނުގެ އަރިހުން ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ ދެކެވަޑައިގަންނަވައެވެ. ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާ ދެކެވަޑައިގަންނަވައެވެ.
4 Comments!
Comments are closed.
V aguhuri liyumeh.. Mikahala dheenee liyunthah gina ginainn genesdhinun edhn
Masha allah.. Varahves aguhuri liyumeh miyaky..
I want to knw more!!!
???????????????????❣