އަހަރެން 2

- by - 28- January 21, 2019

އަހަރެން ވަރަށް މޮޅަށް ކިޔަވަމުންއައި އަހަރެކެވެ. ގޭތެރޭގައި ހުއްޓައި އަހަރެންގެ ހަގަށް ހުންނަ ކޮއްކޮ އައިސް ބޮލުގައި ބާރަކަށް ޖެހުމުން އަހަރެން ސިހިފައި އަވަހަށް ބަލާލީމެވެ. ނަމަވެސް ކޮއްކޮ ތިރިއަށް ބަލަހައްޓައިގެން ހުރުމުން ކޮއްކޮ ޖެހީ އަހަރެންގައި ނޫންކަން އިނގުނެވެ. ކޮއްކޮ ގޭގެ ދޮރު ލެއްޕަމުން އަތުގެ އިޝާރާތުން ދޮރުމަތީގައި އޮތް ބޮޑު ކަކުނި ދައްކާލިއެވެ. އެއީ ގޮނޑުދޮށުގައި ހަރު ކޮންގެން އުލޭ ކަހަލަގެ ކަކުންޏެވެ. އަހަރެން ހައިރާންވީ އޭތީގެ ބުރަކަށި މަތީގައި އަރަބިން ލިޔެފައި ހުރުމުންނެވެ. ކޮއްކޮ ބައްޕަ ގޮވައިގެން އައުމުން ބައްޕަ ބަލާކަށް ނުހުރެ އޭގައި ފައިން ޖަހައި ގޭތެރެއަށް މަރާލައިފިއެވެ. އަހަރެން އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭތި އަހަރެންގެ ކޮޓަރިއަށްވަދެ އަހަރެންގެ ގަޔަށް އެރީ ކިހިނެއް ހެއްޔެވެ؟

ދެން އަހަރެންނާއި ކުރިމަރިލާން ޖެހުނީ ވަރަށް އުނދަގޫ ދުވަސް ތަކަކާއެވެ. އެކި ގޮތްގޮތުންނެވެ. އަހަރެން ކިޔެވުމަށް ކުރިއެކޭ އެއްފަދައިން ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް ބަދަލުއައީ އަހަރެންގެ އުޅުމަށެވެ. ކުރިން ހުންނަ ސަކަ ގޮތްގަނޑު ކެނޑި އަހަރެން އެކަނި ވަގުތު ހޭދަ ކުރަންފެށީމެވެ. ކޮންމެ ރެއަކު ބިރުވެރި ހުވަފެން ފެންނަ ވަރުން ނުވެސް ނިދަމެއެވެ.  ގްރޭޑް އަށެއްގެ އަހަރުކަމުން އަހަރެން އަބަދުހެން އޮންނަނީ ފޮތް ކިޔާށެވެ. އެއް ރެއެއްގައި އަހަރެން  އެކްސްޓްރާ ކްލާސް ނިންމާފައި މަޑު ކޮއްލައިގެން ހުރީ ސްކޫލް ގޭޓް ކައިރީގައެވެ. ޒޫރިން ދުރުން އައިސް ހުއްޓިފައި ބޮޑަށް ހިނިތުން ވެލަމުން ދާނަންހޭ އަހާލިއެވެ. އަހަރެން ޖަވާބުގައި ބޯ ޖަހާލީމެވެ. ޒޫރިން އެބަ އަންނަމޭ ކިޔާފައި ދިއުމުން އަހަރެން ހުއްޓި އިނީ އަނެއްކާވެސް ގޭޓު ކައިރީގައެވެ. ދުރުން ލައިލްއާއި ޒޫރިން އައިސް ދާން ބުނުމުން އަހަރެން ހައިރާންވިއެވެ.

ކުއްލިއަކަށް ކުރިން ޒޫރިން ދިޔައީ ކޮންތަނަކަށްތޯ އަހާލީމެވެ. ޒޫރިން ބުނީ އަހަރެން ކައިރިއަށް މިއައީ ކަމުގައެވެ. އިންސާނެއް ބިރު ގަންނާނެ ވަރަކަށް އެރޭގައި އަހަރެން ބިރު ގަންނާނެއެވެ. ނަމަވެސް އެކަންވެސް އަހަރެން ބޮޑު ކަމަކަށް ނުހަދަމެވެ. އަހަރެންގެ ސިކުނޑި މާ ތަހުޒީބެވެ. އެކަންތައް ޤަބޫލު ނުކުރަން ސިކުނޑިއަށްހުރީ މާކުރިން ވިސްނައިދީފައެވެ. އެއީ އަހަންނަށް ހީވާ ގޮތެވެ. އެއީ އަސްލަކަށް ނުވާނެއެވެ. ނަމަވެސް މިކަންތައް މާ ގޯސްވީ ދުވަސްތަކުގެ ދެބައި ކުޅަ އެއްބައިހެން އަހަރެން ހަނދާން ނުހުންނަށް ފެށުމުންނެވެ. އަހަރެންނަކީ އެއްވެސް ކަމެއް ހަނދާންނެތޭ ކުއްޖެއް ނޫނެވެ. ނަމަވެސް މިވާ ގޮތެއް ކިޔައި ދޭކަށް ނޭނގުނެވެ. އަބަދު ފެންނަނީ މަންމަމެންގެ މޫނުން ނުތަނަވަސްކަމެވެ.

ކޮންމެ ރެއަކު އަހަރެން ނިދާ ހޭލާއިރު ކަރު ހުންނާނީ ރަތްވެފައެވެ. ދެފައި ހުންނާނީ ރަތްވެފައެވެ. ގައިގެ ތަންތަން ހުންނާނީ ރަތްވެފައެވެ. ކޮޓަރި ތަޅުލައިގެން ނިދާ މީހެއްކަމުން އަހަރެންގެ ކޮޓަރިއަކަށް މީހަކު ނުވަންނަކަން އަހަންނަށް ޔަޤީނެވެ. އެއީ ކޮޓަރީގެ ތަޅުގެ އިތުރުން އަހަރެންގެ ކޮޓަރީގެ ދޮރުފަތުގައި ހުންނާނީ ތަންޑެއްވެސް ހަރުކޮށްފައެވެ. ކޮންމެރެއަކު ކޮޓަރި ތަޅުލާފައި ތަންޑު އަޅުވަނީ އަހަރެންގެ ދެއަތުންނެވެ. މަންމައަށް އަހަރެންގެ ގައި ދެއްކުމުން މަންމަ އެދުވަހު ވަރަށް ރުޔެވެ. މަންމަބުނީ ފަންޑިތަ ހަދާ މީހެއްގެ ކައިރިއަށް އަވަހަށް ދިއުމަށެވެ. އަހަރެންނަށް ދެން އިވެންފެށީ އަހަރެން ބާރުގަދަ ވާހަކައެވެ. އަހަރެން އެކަންމަތިން ހަނދާން ނުހުންނަ އެތައް ކަމެއްގެ ވާހަކައެވެ. އެހިސާބުން އަހަރެން ކޮންމެވެސް ވަރަކަށް މަންމަ ކައިރީގައި އަހަންފެށީމެވެ. މިވާ ގޮތެއް ނޭނގި އަހަރެން މޮޔަވަނީހެންވެސް ހީވެއެވެ.

އެކަން އެހެން ވާން ފެށިތާ ތިންވަރަކަށް ހަފްތާ ފަހުން އަހަރެން މަންމަ ބުނެގެން ކޮންމެ ރެއަކު ދެނަމާދު ދޭތެރޭގައި ބަގަރާ ސޫރަތް ކިޔަވަން ފެށީމެވެ. ނަމަވެސް ދެގަނޑު ކިޔެވެންތަނަށް އަހަރެންނަށް ވާ ގޮތެއް ނޭނގޭނެއެވެ. ނިދެނީ ނޫންކަމެއް ނުވަތަ ހޭނެތީ ނޫންކަމެއްވެސް ނޭނގެއެވެ. ހޭލެވޭނީ އިޝާނަމާދު ކޮށްވެސް ނިމޭ ފަހުންނެވެ. ދެން އަހަރެންވެސް ކުރަންފެށީ ސުވާލެވެ. ވާގޮތް އެނގެން ބޭނުންވެއެވެ. އަހަރެންގެ ދިރިއުޅުމަށް މިއައި ބަދަލީ ކޮބައި ހެއްޔެވެ. މަންމަ ކިޔައިދިން ގޮތުން އަހަރުމެންގެ އާއިލާއަށް މީހަކު ހުރީ ކުރިން ސިހުރު ހަދާފައެވެ. އެކަމުގެ އިތުރުން އަހަރެން ކިޔެވިޔަ ނޫދޭން މީހަކުހުރީ ވަރަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް އެކަމާއި އަހަރެން ހިލާފެވެ. އެއީ އަހަރެން، މާތްﷲ ގެ އިރާދަ ފުޅުން ކިޔަވަން ވަރަށް ޝައުޤު ވެރިކަން ހުންނާތީއެވެ. މީހަކު ކުރާކަމެއް އެމީހަކަށެވެ. އެއީ އަހަރެން އޭރު ބުނާ އެއްޗެކެވެ.

ދިރިއުޅެން އުނދަގޫވީ އަހަންނަށް ލޮލުގެ ކުރިމައްޗަށް ކަންތައްތައް ފެންނަން ފެށުމުންމެވެ. ހުރިހާ ވާހަކައެއް ކިޔައި ދޭކަށް ނެތީމެވެ. މިހެން މިކަންތައް ކިޔައި ދެމުން ގެންދާއިރުގައިވެސް އަހަރެންގެ ގައިގައި ކޮޅަށް ނުޖެހޭ ލޯލިއެއް ނެތެވެ. އެހައިވެސް ބިރުގަނެއެވެ. އަހަރެން މިހެން ހޭލައި ދެލޯ ހުޅުވައިގެން ހުއްޓައި އަހަންނަށް ގޮވައެވެ. އަދި މީހަކު އަބަދުވެސް ކައިރީގައި އުޅޭހެން ހީވެއެވެ. އަހަރެން މީހަކަށް އެއްވެސް ކަމެއް ނުކުރަމެވެ. މީހަކަށް އުނދަގުލެއް ވިއްޔަސް ވާނީ އަހަރެންމެން ގެއަށް ވަންނައިރު އެކި ތަންތާގައި އަހަރެން އުކާފައި ހުންނަ ފޮތް ތަކުންނެވެ.

އޭގެ ދެހަފްތާވީއިރު އަހަރެން ނިދަންއޮތީ ކޮޓަރީގައެވެ. ވަރަށް ފިނި ރެއެއް ކަމުން އަހަރެން އޮތީ ގައިމަތީގައި ރަޖާ އަޅައިގެންނެވެ. ކުއްލިއަކަށް ހޭލެވުނީ މީހަކު ގައިމަތިން ރަޖާ ނެގުމުންނެވެ. ތެދުވެ އަހަރެން ރަޖާ އަޅައިގެން އަނެއްކާވެސް އޮށޯވެއްޖައީމެވެ. އިރުކޮޅަކުން ހޭލެވުނީ މާބޮޑަށް ފިނިވާތީއެވެ. މިފަހަރު ރަޖާގަނޑު އޮތީ ތިރީގައެވެ. އެނަގައި ގައިމަތީގައި އަޅައިގެން އަހަރެން އޮށޯވެ ފުންނޭވާއެއް ދޫކޮށްލީމެވެ. ހަމައެއާކު މުޅި ގަޔަށް ހީވީ ލޮޅުމެއް އައިހެންނެވެ. އެނދުގެ ފައިލާ ކޮޅުގައި ހުއްޓި ހުރި ފިރިހެންކުއްޖާ ފެނުމުން އަހަރެންނަށް ނޭވާވެސް ނުލެވުނެވެ. ދެލޯ ބޮޑުކޮއްގެން އަހަންނަށް އޮވެވުނީއެވެ. ތެދުވެގެން ދުއްވައިގަންނަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. އަތެއް ފައެއް ގުޑުވައެއްވެސް ނުލެވުނެވެ. މޫނުވެސް އަތަކަށް އަނބުރައެއް ނުލެވުނެވެ. ދެލޯބޮޑުކޮއްގެން އޮވެވުނީއެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު އަހަންނަށް ރޮވެމުން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ ކުއްޖާ ރީތިކަމުންނެވެ. އަހަރެން އުމުރުން މިވީހާ ތަނަށް އެހައި ރީތި ފިރިހެނެއް ނުދެކެމެވެ. އެއީ ފުރިހަމަ ކަމެވެ.

އަނެއް ދުވަހު އަހަންނަށް ހޭވެރިކަމެއްވީ މަންމަ ގޮވާ އަޑަށެވެ. އަހަރެން އޮތީ ފިނިވެގެން މަރުވަން ކައިރި ވެފައެވެ. މަންމަ އަހަރެން ގައިމަތީގައި ހަތަރު ރަޖާ އެޅިކަން އެނގެއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ޖެހިގެން އައި ދުވަހު މަންމަ އަހަރެން ގޮވައިގެން މާލެ އައީއެވެ. އެނޫން ގޮތެއްވެސް މަންމައަކަށް ނުފެނުނެވެ. އަހަރެންގެ ބުއްދި އެއްކޮށް ފިލައި ދިޔަކަމަށް މަންމަ ބުނިއެވެ. ދައްކާ ވާހަކައެއް ހަމައެއް ނުޖެއެވެ. މީހުނާއި ދިމާލަށް އެމީހުން ކޮއްފައި ހުންނަ ކަންތަކުގެ ވާހަކަ ދައްކައި ހީހަދާ ކަމަކަށްވެސް މަންމަ ބުންޏެވެ. ދެރައީ މީގެ އެއްވެސް ކަމެއް އަހަރެން ހަނދާން ނެތުމެވެ. މާލެއައިސް ލަސްތަކެއް ނުކޮށް މަންމަމެސް އަހަރެން ދެންދިޔައީ އޭރު ރަށުގައި ހުރި އެންމެ މޮޅު ފަންޑިތަވެރިޔާ ކައިރިއަށެވެ. މަންމަ ކިޔައިދިން ގޮތުން އެރޭގައިވެސް އަހަރެން އެމީހާ ކޮށްފައި ހުރި ކޮންމެވެސް ކަމެއްގެ ވާހަކަ ދެއްކި ކަމަށްވެއެވެ.

އަހަރެންނަށް ހަމަހޭވެރިކަން ވާންފެށީ ފަންޑިތަވެރިޔާ ކިޔެވެލި ކިޔަވަން ފެށުމުންނެވެ. ފުރަތަމަ ކަންފަތުގައި ޖެހުނީ ޤުރުއާންގެ އަޑެވެ. ދެން ފެނުނީ ރަށުގައި ހުއްޓައި ފެނުނު ރީތި ރީތި ފިރިހެން ކުއްޖާއެވެ. މާޝާﷲ އަހަރެން އެހައި ރީތި ފިރިހެނެއް ނުދެކެމެވެ. އޭނާގެ އަތުން ކައިރިއަށް އައުމަށް ބުނެލިއެވެ. އަހަރެން އަނެއްކާވެސް އަތްފައި ފިނިވީއެވެ. ކުއްލިއަކަށް ކުރިމަތިން އޭނާ ގެއްލުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ހޭއެރީ ގެއެއްގެ ސިޓިންރޫމްގައި އޮއްވައެވެ. މަންމަގެ ލޮލުން ފެނުނީ ބިރުވެރިކަމެވެ. ފަންޑިތަވެރިޔާ އަހަރެންގެ ކޮނޑުގައި ހިފައި ގާތް ކޮށްލަމުން ހިނިތުން ވެލިއެވެ.

“މައިރާ ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް….” އެހައި ހިސާބަށް އެމީހާ ބުނެވުނު ތަނާއިހެން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ.

އެމީހާ ކިޔައިދިން ގޮތުން އޭތި އަހަރެންނާއި އަޅައިގަތީ އަހަރެންގެ އުމުރުން އެންމެ ތިން އަހަރުގައެވެ. އަހަރެންނަކީ ގަސްގަހަށް އަރައި އުޅޭ ކުއްޖެއް ކަމުން އެހެން ވެދާނެކަމަށް އަހަރެންވެސް ޤަބޫލު ކުރީމެވެ. އެކަމެއް އެމީހަކު ކުރީ ސީދާ އަހަރެންނަކަށް ނޫނެވެ. އަހަރެންގެ މަންމައަށެވެ. ނަމަވެސް އޭތި އަޅައިގަތީ އަހަރެންނާއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ އަބަދުހެން ގަސްގަހުން އުޅޭ މީހެކެވެ. ޖިންނިއަކަށްވުރެ އެންމެ ތަންކޮޅެއްވެސް އަހަރެން ދޫނުކުރަމެވެ. ދެރައީ އޭތި އަހަރެންގެ ކައިރިން އެއްކޮށް ފިލައިގެން ނުދިޔަ ކަމެވެ. ފަންޑިތަ ވެރިޔާ ބުނި ގޮތުގައި އޭތި އަހަރެން އުޅޭ ގޮތް ބަލާނެއެވެ.

އަހަރެން އޭގެ ފަހުން ބުރުގާ ނާޅައި ކޮޓަރިންވެސް ނުނިކުންނަމެވެ. މޫދަކަށް ނޭރެމެވެ. މޫދަށް އެރުމުން އަހަންނަށް ބައެއް ފަހަރު މާބޮޑަށް އުނދަގޫ ވެއެވެ. ނަމަވެސް އަހަރެން ކިޔެވީމެވެ. އަހަރެންނަކީ މިހާރު ޑިގްރީ ހަދައިގެންހުރި ކުއްޖެކެވެ. ކުރިންވެސް އަހަރެން ބުނި ފަދައިން އެމީހަކު ކުރިކަމެއް އެމީހަކަށެވެ. ބަދަލުނުވި ކަމަކީ، މިހާރުވެސް އެފިރިހެންކުއްޖާ އަހަރެން ކައިރީގައި އުޅޭކަމުގެ އިހްސާސް އަހަރެންވުމެވެ. ނަމަވެސް އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. ޤުރުއާން ކިޔަވަމެވެ. ބުންނަން ހެއްޔެވެ؟ މިއަދާއި ހަމައަށް އެދުވަސްތަށް ހަނދާން ނުވި ނަމަވެސް އަހަރެން އަބަދުވެސް އެވާހަކަތަށް އަހަމެވެ. އެއީ އަހަރެން އަބަދުވެސް އެކަން ހަނދާން ކުރުމަށެވެ. އެހެންނޫނީ ދަސްކުރާނީ ކިހިނެއް ހެއްޔެވެ.

ނިމުނީ

28

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
    1. Milly dear i’m trying so hard avaha up kurevey tho. mi week ga kureveytho balaanan enge 🙂

      ⚠Report!
  1. Mi vhka ai ga ulhey aharennaky ninnu thr..Anyways vrh loabii loabiiiiiiiiiiiiiii ingey.. Vrrhh reethi..ummmmmmmmmmmmmmmmmmrrrrrrrwwwwwwhhhhhhhhhhhhh

    ⚠Report!

Leave a Reply

Your email address will not be published.