Skip to content
އެސްފިޔަ

ޙަޔާތުގެ ދަތުރު

 

މިއީ އަހަރެންގެ މާޒީގެ ޙަޔާތުން ދެތިން ޞަފުޙާއެވެ. ހުސްވަގުތުގެ ފޫހިކަން ފިލުވާލުމަށް ގަނޑުތަކެއްގައި ގަލަން ހިންގާލަނީއެވެ. ހަނދާން ހުންނަން ފެށީއްސުރެން އަހަރެން ބަލާ ބޮޑުކުރަމުން އައީ ކާފަ އާއި މާމައެވެ. އަހަރެން މިދުނިޔެއަށް ނޭވާލީ ވެސް ޔަތީމެއްގެ ގޮތުގައެވެ. މާމަ ކިޔައި ދީފައި ވާގޮތުން ނަމަ، އަހަރެންގެ މަންމަ މި ފަނާވަނިވި ދުނިޔެއާ ޢަލްވަދާޢު ކިޔަންޖެހުނީ ،އަހަރެން ދުނިޔެއަށް އުފަންކުރުމަށް އުފުލަންޖެހުނު ވޭންތަކަށް ކެތް ނުކުރެވިގެންނެވެ

މާމަ އާއި ކާފަ އަހަރެން ބަލާބޮޑުކުރީ ނުހަނު ލޯބިންނެވެ. މާމަ ތާއަބަދު މަސައްކަތް ކުރަމުން ދިޔައީ  އަހަންނަށް މައިންބަފައިންގެ އުނިކަން އިޙުސާސު ވިޔަ ނުދިނުމަށެވެ. ކާފަ މަހަށް ގޮސްގެން ލިބޭ ލާރިން ތަޢުލީމު ޙާސިލް ކުރީމެވެ. ޒިންމާދާރު މީހަކަށް ވުމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރީމެވެ. ތަޢުލީމީ ޙަޔާތުގައި އަހަންނަށް ގިނަ ކާމިޔާބީތައް ލިބުނެވެ. އަބަދުވެސް ސްކޫލުގައި ނަގާކިޔާލެވޭ ކުދިން ގެ ލިސްޓުގައި ވުމަށް މަސައްކަތް ކުރީމެވެ. އެހެނަސް ތަޤުދީރު ކުރަހަމުން ދިޔައީ ކޮންކަހަލަ މަންޒަރެއް ކަން އެގޭނީ ކާކަށްހެއްޔެވެ؟

އަހަރެން ގެ ހަޔާތުގެ ނަވަށް ކުއްލި ލޮޅުންތަކެއް ގެނުވީ މާމަގެ މަރުގެ ހިތްދަތި ޚަބަރާ އެކީގައެވެ. ލިބުނުހިތާމަ ބުނަންވެސް ނޭގެއެވެ. މާމަ ގެ ކުއްލި ވަކިވުން ވެގެން ދިޔައީ ކާފައަށް ވެސް ބަރުދާސް ކުރަން ދަތި ހިތާމަ އަކަށެވެ. ކާފަގެ އުފާވެރި މިޒާޖު ގެއްލި، ނެގިމަޑު ވެފައި ހުންނަ ވަގުތު ގިނަވާން ފެށިއެވެ. މަސައްކަތް ކުރެވޭ ވަރަށް ވުރެ ކާފަ ބަލި ވާންފެށިއެވެ. އެހާ ހިސާބުން އަހަންނަށް ތަޢުލީމީ ހަޔާތުގައި އުދަގޫތަކެއް ކުރިމަތި ވިއެވެ. އެހެނަސް އަހަރެން ގެ ވަރުގަދަ އަޒުމަކަށް ބަދަލެއް ނާދެއެވެ.އަހަރެން ބޭނުންވީ ކޮންމެ ހާލެއްގައި ވެސް ގްރޭޑް ދިހައެއް ނިންމާށެވެ .ޔުނިފޯމް ހޯދީ ޖެހިގެން ހުރިގޭ އައިސައްތަ އަތުންނެވެ. އެގޭ ކުއްޖަކު  ފާއިތު ވި އަހަރު ލާފައި ހުރި ޔުނިފޯމެވެ. ފޮތް ފަންސުރު ހޯދީ ގޮނޑު ހޮވައި ގެންނާއި، ގާތް ތިމާގެ މީހުން ދިއްކޮލާ ކުދި ކުދި އެހީއިންނެވެ.

އަހަރެން ކަތީބަށް ޝުކުރުވެރިވަމެވެ. ސްކޫލުގެ އިމްތިހާނުގައި ބައިވެރި ވެވުނީ އޭނަ ދެއްވި ދީލަތި އެހީ އަކުންނެވެ. ޝަރުތެއް ގެ މަތިންނެވެ. ރަށު އޮފީހުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރުމަށެވެ. ކޮންމެ ގޮތެއް ވިޔަސް އެންމެ ބޭނުންވި ވަގުތު ތައުލީމުގެ ދޮރުވެސް ބަންދު  ވީއެވެ. އިމްތިހާނުގެ ނަތީޖާ ލިބުނު ދުވަހަކީ އަހަރެން ގެ ހިތުން ފިލާ ނުދާނެ ހިތާމަވެރި ދުވަހެކެވެ. ފާސް ނުވެގެނެއް ނޫނެވެ. އަހަރެން ގެ ހަމަ އެކަނި އުއްމީދު ކަމަށް ވާ ކާފަ އަހަންނާއި ވަކިވީމަ އެވެ. ރިހޭ ފައި މައްޗަށް ފޮއިވެއްޓުނީއެވެ.

ދުވަހުގެ ގިނަވަގުތު އަހަރެން މަސަތްކަތުގެ މާޙައުލުގައި ހޭދަކުރަން ފެށީމެވެ. ކަމެއްނެތި ހުންނަ ވަގުތުތަށް މަދުކުރަން ފެށީމެވެ. އެކަނިވެލުމުން ހިތަށްކުރަމުންދިޔަ އަސަރާއި، ލިބެމުންދިޔަ ވޭނާއި ކެކުޅުންތަކުން ދުރަށްދިޔުމުގެ ބޭނުމުގައެވެ. މިގޮތުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އަހަރެންގެ ޙަޔާތަށް ބަހާރުމޫސުން އަންނަން އުޅޭކަމުގެ ކޮޅުމަތި ފެންނަންފެށިއެވެ

އޮފީހުގައި މަސަތްކަތަށް ދޭންޖެހޭ ސަމާލުކަން އަހަންނަށް އެހެން ދިމާލަކަށް އަނބުރައިލެވުނެވެ. ގަސްތުގައެއްނޫނެވެ.  ރީތި ފަންމިންޏެއްގެ

ޖާދޫގައި ޖެހުނީއެވެ.އަހަންނަށް ޒުހާ އާއި ބައްދަލުވީ އޮފީހުންނެވެ. ކޮންތާކު ،ކިހިނެތް އުޅޭ ކާކުކަމެއް ނޭގި އަހަރެން ޒުހާއާއި ރައްޓެހިވީ ހިތަށްލިބިފައިވާ އަނިޔާތަކަށް ފަރުވާއެއް ހޯދުމަށެވެ. ޒުހާގެ ބޯކޮޅު ބަލަމުން ފަހަތުން މުގޯލި އަޅަމުން އަހަރެން އޭރުދިޔައީމެވެ. ޙަޔާތުގައި އުނިވި ލޯބީގެ ބަދަލު ހޯދަންފެށީ ބައެއްރޭރޭ ގޭގޭފުޅަށްބުޑުން އަނެއްބައިރޭރޭ ރެސްޓޯރެންޓު ތަކުންނެވެ. ލިބޭ މުސާރައިގެ ބޮޑުބައި އަހަރެން ހޭދަކުރަމުން ދިޔައީ ލޯބިވެރިޔާގެ ހިތް އުފާކޮށް ދިނުމަށެވެ. ޒުހާ އަކީ ޒަމާނީ ކުލަތަކަށް ލޯބި ކުރަމުން ދިޔަ ކުއްޖެކެވެ.

އޭނާގެ ގައިން އަހަންނަށް ކަމުނުދާ ސިފަތަކެއް ފެންނަމުން ދިޔައިރުވެސް އެއަށް ފަސް އަޅައި ފޮރުވަމުން ދިޔައީ ފަހުން ރަނގަޅު ވާނެ ކަމުގެ އުއްމީދުގައެވެ. ކިތަންމެ ވަރަކަށް އަތަރުލިޔަސް ކުރަފީގައި ދުވާނީ ކުރަފި ވަސް ކަމެއް އޭރަކު ވިސްނިފައެއް ނެތެވެ.

ހަޔާތުގެ ޞަފްޙާ ތަކުން ގަނޑަކަށް ފަހު ގަނޑެއް އުކެމުން ދެއެވެ. އަހަރެމެންގެ ލޯތްބަށް ބަރާބަރު ފަސްމަސް ފުރުނު ރެއެވެ. ޒުހާ އާއި ބައްދަލު ކުރުމަށްޓަކައި ދިޔުމަށް އަހަރެން ތައްޔާރުވަމުން ދިޔައީމެވެ. ގޭދޮރާށި ދޮށަށް ސައިކަލެއް މަދުކޮއްލި އަޑަށް އަހަރެން ބޭރަށް ނިކުތީމެވެ. ނުދަންނަ ކުއްޖަކު އަހަންނަށް ދިއްކޮއްލީ ސިޓީ އެކެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ވަދެ ސިޓީ ކަޑައިލީމެވެ. ވަރަށް ރީތިކޮށް ފަރުމާކޮއްފައިވާ ކައިވެނިޕާޓީއެއްގެ ދައުވަތުކާޑެކެވެ.  “ސ. ހިތަދޫ، ޔޫފޯރިޔާ ” ޖަހައިފައި އޮތުމުން އަހަރެން އަނެއްކާވެސް ކާޑުބަލައި ލީމެވެ. ޒުހާގެ ގޭގައި ކައިވެންޏެއް ބާއްވަން އުޅޭ ވާހަކަ ޒުހާ ބުނެފައި ނެތީމައެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދައެވެ. ކާޑުގައިވާ ނަން އަހަންނަށް ތަކުރާރުކޮށް ކިޔެން ފެށުނެވެ. މަރިޔަމް ޒުހާ ޒަހީނެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ދިރިއުޅުމުގެ މައިދާނުގައި ބަލިވެފައިވާ ސިންގާއެއް ފަދައިން ،ހިތަށް ލިބުނު ކުއްލި ސިހުމާއި، މޮޅިން ބިންމަތީ ގައި އިށީދެވުނެވެ.

މުޅި އުމުރަށް ގެންގުޅެން ހޯދި ގުރާ ،އަތުން ބީވެ ދިޔުން ވީ އަހަންނަށް ލިބުނު ވަރަށް ހިތްދަތި ތަޖުރިބާ އަކަށެވެ.  އެހިތާމަތަކުގައި ދުވަސްކޮޅަކު އުޅުމަށްފަހު އެކުވެރިންގެ ޙިޔާލާއި އެކު ޒުހާގެ ހަނދާންތަކުން ދުރަށްދިޔުމަށް މަސައްކަތް ފެށީމެވެ. މަސައްކަތުގެ މާޙައުލުގައި ހޭދަ ކުރާ ވަގުތު ގިނަކުރީމެވެ. ކައިވެންޏަށް ފަހު ޒުހާ އޮފީހުން ކެނޑުން ވެގެން ދިޔައީ، އެ ކެހިވެރި ހަދާންތަކުން މިންޖުވުމަށް ކުރަމުން ދިޔަ މަސައްކަތަށް އެޅުނު ހެޔޮ ފާލަކަށެވެ.  އަހަރެން ވަޒީފާއަދާކުރަނީ ރަށު އޮފީހުގައި ކަމުން ބައެއްދުވަސް ވަރު ކައިރި ރަށްރަށަށް އެކިއެކި ބައްދަލުވުންތަކާއި އެކިއެކި ބޭނުންތަކަށް ދާންޖެހެއެވެ. އެގޮތުން އެފަހަރު ގއ.ކޮލަމާފުއްޓަށް ދާންލިބުނު ދަތުރުގެ ބޭނުން އަހަރެން ކުރީ ،ކުޑަދުވަސް ކޮޅަކަށްނަމަވެސް ރަށާދުރަށް ދިޔުމަށް ބޭނުން ވާތީއެވެ.

ހަޤީގަތުގައިވެސް އެފަހަރުގެ އެދަތުރު ޒުހާގެ ހަނދާންތަކާއި މުޅިންހެން އަހަރެން ދުރަށްގެނުވިއެވެ. ރަށުގެ ހަމަހިމޭން މާހައުލަށް ހޭނޭކަށް މާ ގިނަ ދުވަސްތަކެއް ނުނެގި އެވެ. ލިބޭ ހުސްވަގުތު ތަކުގެ ބޭނުން އަހަރެން ހިފީ ރަށުތެރެ ބަލާލުމަށެވެ. ރަށުގެ ބަށި މުބާރާތް ބޭއްވުނު ދުވަހަކީ އަހަރެން ގެ ބަނަ ހަޔާތަށް ދިރުމެއް ގެނެސްދިން ދުވަހެކެވެ. އަހަރެންގެ ވަތުކިބަ އަހަންނާއި ބައްދަލުވީ އެދުވަހުގައެވެ. މައިޝާ ވެގެން ދިޔައީ އަހަރެން ހީކުރި ވަރަށް ވުރެވެސް ރަނގަޅު އޯގާތެރި ގެވެހި އަންބަކަށެވެ.

މައިޝާ ބަލިވެއިންކަން އެގުނީ އަހަރެމެންގެ ކައިވެންޏަށް ތިންމަސް ފުރުނު ދުވަހުގައެވެ. ވީއުފަލުން އުދުހިލާންވެސް އަހަރެން ބޭނުންވިއެވެ. އަލަތު ދަރިފުޅަށްޓަކައި އަހަރެން ގިނަގުނަ ތައްޔާރީތައް ވާންފެށީމެވެ. ދަރިފުޅާއި މައިޝާއަށް ބޭނުންވާނެހެން ހީވާ ހުރިހާއެއްޗެއް ގެއަށް ޖަމަޢަކުރަމުން ދިޔައީ ނުހަނު ކެތްމަދުވެފައިވާ ޙާލެއްގައެވެ

އެއްދުވަހަކު އަހަރެން އޮފީހުގައި އުޅެނިކޮށް ކުއްޖަކު ދުވެފައި އައިސް މައިޝާ ބަނޑުގައި ރިއްސާތީ އުޅޭވާހަކަބުންޏެވެ. އަހަންނަށް ލިބުނީ ކުއްލިސިހުމެކެވެ. ހަމައެއާއެކު ހުރިހާ މަސައްކަތެއް ދޫކޮށް އަހަރެން ދުއްވައިގަތީ ގެއާއި ދިމާލަށެވެ.އަހަންނަށް ގެއާއި ހަމައަށްއާދެވުނު އިރު ގޭތެރެ ވަނީ މީހުންނާއިގެން ފުރިފައެވެ. އަވައްޓެރިންނާއި އެކުވެރިންނެވެ. އަހަރެން ގެއަށް ވަނުމާއެކީ މުޅިގޭގެ ހަލަބޮލި މާޙަޢުލު ހަމަހިމޭން ވެއްޓަކަށް ބަދަލުވެއްޖެއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. އެހާހިސާބުން ވެގެން އުޅޭގޮތް އަހަންނަށް ވިސްނޭކަށް މާކަގިނަ އިރެއް ނުނެގިއެވެ. އަހަންނަށް އަޑުގެ ކޮޅަށް މައިޝާ އަށް ގޮވައި ލެވުނެވެ. އެއާއެކު އަހަރެން ގެ ވުޖޫދު އަރިއަޅާލި އެވެ.

މައިޝާގެ ފުރާނަނެތް މަސްގަނޑާއި ހަމައަށް އަހަންނަށް ދެވުނީ އެކުވެރި ފަޒީލްގެ އެހީއާއި އެކުގައެވެ. މައިޝާ އޮތީ ހިނިތުން ވެފައެވެ. ކަރުނައައީ އަހަރެންގެ ލޮލުންނެވެ. ހުރިހާއުފާތަކާއި ލޯބިދީފައި މައިޝާ އަހަރެން ދޫކޮއްދިޔައީ ކީއްވެބާއެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ.

ލިބުނު ހިތާމައާއިގެ ބޮޑުކަމުން އަހަރެންގެ ސިކުނޑިއާއި ހިތް އޭރުވަނީ މުޅީންހެން ދުޝުމިނުންނަށް ބަދަލުވެފައެވެ. އަހަރެންގެ ފިސްފިސް ވެފައިވާ ހިތްއެދެމުން ދިޔައީ މައިޝާގެ މޫނަށް ބަލަން އެގޮތުގައި ތާއަބަދު ހުންނާށެވެ. އެހެނަސް ހިތްވަރުކުރުމަށް ސިކުނޑިވިސްނައި

ދެމުންދިޔައެވެ.ކޮންމެގޮތެއްވިޔަސް ކުރެވޭނެއިތުރު ކަމެއްނެތުމުން، ލޮލުން ލޭކަރުނަ ހިލޭ ހާލު އަހަރެން މައިޝާގެ ފުރާނަނެތް މަސްގަނޑު ކައިރީ އިށީދެލައިގެން ރޯންއިނީމެވެ.

ފޫޅުމައިދައިތަ ދަރިފުޅުގެނެސް އަހަރެންގެ އަތަށް ދިނީ އެވަގުތުއެވެ. އަހަރެން ހިތްވަރުކޮއްލާފައި ދަރިފުޅު އުރާލީމެވެ. މައިޝާ އާއި އެއްވެސް ތަފާތެއްނެތެވެ. ހަމައެފަދަ ލޯބިލޯބި އަންހެން ކުއްޖެކެވެ. އެންމެންވެސް އަހަންނަށް ނަސޭހަތް ދެމުންދިޔައީ ހިތްވަރުކުރުމަށެވެ. ދުނީޔެގެ ދެގޮތެއް ނުވާ ޤާނޫނާއި އޭގެ ނިޔާގެ ކުރިމަތީ އިންސާނުންނަށް ހެދޭނެގޮތެއް ނޯންނާތީއެވެ.

މައިޝާ ވަޅުލީ އެދުވަހު ޢަޞުރު ނަމާދަށް ފަހުގައެވެ. ލޯބިވާ އަނބިމީހާއަށް އެންމެފަހުގެ ސަލާމް އަހަރެން ތިންމުށްވެލިން ހަދިޔާ ކުރީމެވެ. ކަރުނަފޮހެލަމުން އަހަރެން ތެދުވީމެވެ. ދަރިފުޅަށްޓަކައެވެ. މައިޝާގެ ލޯބި ލޯބި ހަދިޔާ އެންމެފަހު ވަގުތާޖެހެންދެން ވެސް އަމާނާތްތެރި ކަމާއެކު ގެންގުޅުމަށެވެ.

އަހަރެން އެވަގުތުން ފެށިގެން އަޒުމު ކަނޑައެޅީމެވެ. ދަރިފުޅަށްޓަކައި އަހަރެން ހުރިހާ ޤުރުބާނީއެއްވެސް ވާނަމެވެ. ދަރިފުޅުގެ މުސްތަޤުބަލް އަލިކޮށް އުޖާލާ ކުރާނަމެވެ. މައިޝާ ނެތް ދުނިޔޭގައި ވެސް އޭނާ ދެކުނު ހުވަފެންތަކުގައި ކުލަ ޖައްސައި ދަރިފުޅު  ހެޔޮލަފާ މޮޅު ކުއްޖަކަށް ހަދާނަމެވެ. އެއާއެކު ދަރިފުޅަށް މަންމަ އަކާއި ބައްޕައެއްގެ ލޯބި ޙުދުއަހަރެން ދޭނަމެވެ. ދުވަހަކުވެސް މަންމައެއްގެ އުނިކަން ދަރިފުޅަށް އިހުސާސް ވިޔަކަ ނުދޭނަމެވެ. އަހަރެން ގެ ތަޖުރިބާއިން ދަރިފުޅަށް އިބުރަތެއް ހޯދައި ދޭނަމެވެ.

މިއަދުމިއީ އޭގެ ފަންސަވީސް އަހަރުފަހެވެ. އަހަރެންގެ ހުރިހާއުފަލެއް ގުޅިފައިވަނީ ދަރިފުޅާއެވެ. ބޮޑުވެފައި ވިޔަސް ޒޯހާ އަބަދުވެސް އަހަރެންގެ ޚިޔާލު ކަންކަމުގައި މިހާރުވެސް ހޯދައެވެ. ސިއްޙީ ދާއިރާއިން މަތީ ތައުލީމު ޙާސިލްކޮށްފައިވާ ދަރިފުޅަށް އަމިއްލައަށް ނުލިބުނު ތަޢުލީމު އަހަރެން ހޯދައި ދިނީމެވެ. ޒޯހާއަކީ އަބަދުވެސް ކިޔެވުމުން ރަންވަނަތަށް ހޯދި ކުއްޖެކެވެ. ބެލެނިވެރިއެއްގެ ގޮތުގައި ކޮންމެ ޙަފްލާއެއްގައި އަހަރެން ހާޒިރުވެ އިންނަނީ އުފަލުންނެވެ. ސްޓޭޖްމަތިން “މަރިޔަމް ޒޯހާ ޒިޔާދު” ގެ ނަން ތަކުރާރުކޮށް އިވެމުން ދާއިރު އަހަރެންގެ ހިތުގެ ހަމަ އެކަނި އުދާހަކީ ދަރިފުޅަށް ލިބޭ ކާމިޔާބީ ތަކުގައި ހިއްސާވާން ދަރިފުޅުގެ މަންމަ ނެތުމެވެ. އެހެނަސް މިއަދު އަހަރެން މިވަނީ ދަރިފުޅު މައިޝާ ފަދަ ހެޔޮލަފާ ދަރިޔަކަށް ހަދާފައެވެ.

އަހަރެން މިހާރު ތައްޔާރުވަމުން މިދަނީ ގައިން ދާއޮހޮރުވައިގެން ،އަތްވާއި ވާރޭގައި ތެމިގެން ބަލާބޮޑުކުރި ދަރިފުޅު އެހެން އަތެއްގެ ޙިމާޔަތަށް ހަވާލުކުރާށެވެ. ޒޯހާގެ ކައިވެންޏަށް ބާކީ ގަޑީއިރުތަކެއް އޮތްއިރު އަހަރެން ގެ ލޮލުން ކަރުނަ އަންނަން މިހާރުވެސް ފަށައިފިއެވެ. އާއެކެވެ. އެއީ އުފާވެރި ކަމުގެ ކަރުނައެވެ. ދަރިފުޅަށް މައެއްގެ ލޯތްބާއި ބަފައެއްގެ ލޯބި އެކީ ދިނުން އެއީ ކުޑަކަމެއް ނޫނެވެ. އަހަރެން ގެ އުންމީދަކީ މައިޝާ ބޭނުން ވިފަދަ ގޮތަކަށް އަހަންނަށް އަހަރެމެންގެ ދަރިފުޅު ތަރުބިއްޔަތު ވިކަމަށެވެ. އަދި ދުޢާއަކީ ދަރިފުޅު އަބަދުވެސް އުފަލުގައި ވުމެވެ. އަހަރެން ގެ ބޮލުގައި އެޅިފައިވާ ޒިންމާތަކަށް ނިމުމެއް އަންނަ ވަގުތު މިހާރު ޖެހިއްޖެ އެވެ. އަހަރެންގެ މާޒީ ކިތަންމެ ހިތިވިޔަސް މިއަދު އަހަރެން މިވަނީ މުސްތަޤުބަލު އުޖާލާކޮށްފައެވެ. މިއީ އަހަރެންގެ މާޒީގެ ހަނދާނެވެ. ޙަޔާތުގެ ދަތުރުން ޚުލާސާއެކެވެ

Comments (18)

  1. hurt

    So amazing…seriously…rowijje…

    1. leyfa
      hurt

      thankss…eha boda nuroacchey 🙂

  2. unaan

    leyfa……vvv toching mi story..vvv salhi…fenkahli vefa iny mi vaahaka kee iru….thnks mi kahala vaahaka genes dheythy

  3. ifa

    vvv reethi story eh mi…thanks leyfa mikahala reethi story eh genes dhinyma

  4. leyfa

    THANK YOU UNAAN AND IFA:)

  5. ziudhaa

    i could just nearly hold my tears…. at the end i have been really……………. what to say then…………very emotional and heart touching … best of luck and wish you a very bright future ahead..:)

  6. mihaaxaa

    Mivaahaka kiyaafa nuroveyne meekaaku nuhunnaane

  7. Aksham

    Very Touching… Hama Perfect!! 😀

  8. Ainy

    Asl ves mee hageegee vahaka ehtha…. vvvvvvvvvv dhera vejje mi vahaka kiyafa….. asl ziyad thy hama perfect father eh varah hiyvaru gada kerey firiheneh…….thikahala firihenun vv ves madhu vaane miharu

  9. naaya

    sis dis is ur best story..realy i dont get bored readin it again and again..superb work and keep up ur great work..im realy proud to be ur little sister

  10. maee

    masha allah!!vv perfect story eh!!ibarai kurunthah v.reethi!!GUD JOB!!!n maee ge nan vahakaiga inyma v.happy vefa mi iny..ALL DA BEST 4 U

  11. hadhee

    Really very nice….

  12. fahtha

    hope for more stories

  13. leef

    wow varah salhi keep it up :]

  14. Aanth

    vara kea koafemev .. ekmas kurany keehev .. hama hifa hataanuveli beyihuthiyarugai rovijje ev .. vara salhi story ah

  15. ޢަބްދުﷲ

    ވާހަކަ ވ މޮޅު. އިބުރަތްތެރި ރީތި ވާހަކަތަކެއްވެސް ލިލެދެއްވާތި….. ލޯބީގެ ވާހކަވެސް އިބުރަތްތެރި މެސެޖެއް ލިބިދޭގޮތައް ލިޔެދެއްވުން އެދެން …މި ހިޔާލަށް ރިޕްލައި ކޮއްދެއްވުން އެދެން… މިދެންނެވި ފަދަ ވާހަކއެއް ލިޔުއްވައިގެން ދެއްވިޔަސް ވަރަށް ބޮޑަށް ޝުކުރިއްޔާ….

    1. leyfa
      ޢަބްދުﷲ

      iradha kureviya thikan kuraanan ..abdhulla thankyou

  16. alyna

    hama kiriyaa heart attackeh nujehuny ..asluves…vv touching…..

Comments are closed.