ޙަރާމް
” ހާރިސް.. އަހަރެން ބިރުގަނޭ.. މީހަކަށް އިނގިއްޖެޔާޔޯ…؟” ކުރަން އުޅުނު ފާފައިގެ ބޮޑު ކަމުން ނިހާ ވަނީ ދާހިތްލާ ފޯވެފައެވެ. ވަށައިގެންވާ މާހައުލަށް އިރުއިރުކޮޅާ ބެލުން ނޫންކަމެއް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. މީހަކަށް ފެނިއްޖެއްޔާ ހާރިސްއާއި އޭނާގެ ދިރިއުޅުން އެހާ ހިސާބުން ނިމޭނެކަން ޔަގީނެވެ. “ކަމޯން ބޭބް.. ކުރިންވެސް އޮތީ މިގޮތަށް ޑިސައިޑް ކޮއްފައެއްނު.. އޯކޭވާނޭ.. މިހާރު ވަރަށް ގިނަ މީހުން ކުރާ ކަމެއް މީ..” ނިހާގެ ހިތް ހަމަޖައްސައިދިނުމަށްޓަކައި ހާރިސް ނިހާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. ނަމަވެސް ހަޤީޤަތަކީ އޭނާވެސް ހުރީ ހަމަ ނިހާއާ އެއް ހާލެއްގައެވެ. ހަމައެކަނި މޫނުމައްޗަށް ބިރުވެރިކަން ނުދައްކާކަން އެކަންޏެވެ.
ކޮލެޖް ނިމުމާއެކު ނިހާއާއި ހާރިސްގެ ކައިވެނީގެ ތައްޔާރީތައް ވުމަށްޓަކައި ގ.ނިއުމޫން ވަނީ ބޮކިފަތިން ޖަރީ ކުރެވިފައެވެ. ތަފާތު މާތައް އެލުވައި ޑެކޮރޭޓްކުރެވިފައެވެ. ވާނީވެސް އެހެންތާއެވެ. ހާރިސްއަކީ މާލޭގެ ބޮޑު ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. ކުރެވެމުންދަނީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ކައިވެންޏެވެ. އެހެންކަމުން ކުރެވިފައިވާ ތައްޔާރީތަކަކީ މީހަކު ހައިރާންކުރުވާނެކަމެއް ނޫނެވެ. ނިހާއަކީވެސް އެފަދަ ޢާއިލާއަކަށް ނިޞްބަތްވާ މާލޭ މީހެއްގެ ދަރިއެކެވެ. ހާރިސް ނިހާއާ ދިމާވީ ދެމީހުން ކިޔަވަމުން ދިޔަ ކޮލެޖުންނެވެ. ދެމީހުން ރަޙްމަތްތެރިކަން އުފެދި ރައްޓަހިވެގެން ލޯބިވެރިންނަށްވެ ހުރިހާ ކަމެއް ހިގައިދިޔައީ ކޮލެޖްތެރޭގައެވެ. މި ގުޅުމަކީ ދެފަރާތުގެ ޢާއިލާވެސް ވަރަށް ޤަބޫލުކުރި ގުޅުމަކަށްވިއެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުންނަކީވެސް އެއް ފަންތިއެއްގެ ޢާއިލާއަކަށް ނިޞްބަތްވާ ދެމީހުންނެވެ. އެކަކުގެ ޢާއިލާ އަނެކެއްގެ ޢާއިލާއަށް މުއްސަދިކަމުގައި ދުލެއްނުކުރެއެވެ.
ދެމީހުން ކައިވެނި ކުރެވި އަހަރެއްވިއިރުވެސް ދަރިއެއް ލިބޭ ގޮތެއްނުވެއެވެ. “ހާރިސް.. އަހަންނަށް އޯކޭ ހާރިސް އެހެން މީހަކާއިނަސް… ޑަކްޓަރުންވެސް އެބަ ބުނޭ އަހަންނަށް ދަރިން ނުލިބޭނޭ…” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން ހާރިސްއަށް ބަލާލާފައި ނިހާ އެދެމުން ދިޔައީ އެންމެ ކަމަކަށެވެ. ނަމަވެސް ހާރިސްގެ ޖަވާބަކަށް ވަނީ އަބަދުވެސް އެކައްޗެކެވެ. އަދި ރަގަޅު ގޮތެއް ﷲ އިރާދަކުރެއްވިއްޔާ މެދުވެރި ކުރައްވާނެކަމެވެ. ނަމަވެސް މިކަމަކީ އެ ދެމީހުންނަށްވެސް ހިތުން ޤަބޫލުކުރެވޭ ކަމަކަށްނުވެއެވެ. އެކަކު އަނެކަކު މޫނުން މާޒީގައި ކުރެވިފައިވާ ފާފަތައް ހަދާންވުން ނޫންކަމެއް ނުވެއެވެ.
އެތައް އިރެއްގައި ހާރިސްއާ ވާހަކަދެއްކުމަށްފަހު އޭނާ ނިހާ ވާހަކަ ޤަބޫލުނުކުރާނެކަން ޔަޤީންވުމުން ނިހާ ދެން ނިންމީ އެކަމަށް އިތުރަށް އަޅާނުލުމަށެވެ. އަދި ވަގުތަކީ ރޭގަނޑަށްވުމުން ނިދަން އޮށޯތުމަށެވެ. ހެނދުނު ދެމީހުންވެސް އޮފީހަށް މަސައްކަތަށް ދާންޖެހޭތީއާއެކުވެސްމެއެވެ.
“މަންމާ… މަންމާ….” އަޑު އިވެމުން ދިޔައީ ކޮޓަރިންކަން ނިހާއަށް ޔަޤީނެވެ. ލޯ ހުޅުވާލާކަށް ނުކެރުނެވެ. މީހާ ދާހިއްލާ ފޯވަން ފެށީއެވެ. ކައިރީގައި އޮތް ހާރިސްގެ ގައިގައި އަތުން މަޑުމަޑުން ޖަހަން ފެށިއެވެ. އަނގައިން ބުނާކަށް ނުވަތަ ލޯހުޅުވާލަން ނުކެރޭތީއެވެ. ފެނިދާނެ މަންޒަރަކަށް އޭނާ ހުރީ ތައްޔާރީވެގެންނޫނެވެ. “ހޫން.. ހޫން ނިހާ.. ނިހާ… ޝަހާދަތް ކިޔައިގެން ނިދާބަލަ.. މިހާރު ހަމަ ކޮންމެ ރެއަކު ނިދީގައި އެބަ މަގޭ ގައިގާ ތަޅައި ހޭލައްވާލަޔޭ…” ގައިގާ ޖެހެމުންދިޔަ ނިހާގެ އަތް ދުރަށްލަމުން ނިހާގެ މެރިފައިވާ ދެލޯ ފެނިފައި ހާރިސް އަނެއް ފަރާތަށް އެނބުރި ދެލޯ މަރާލިއެވެ. ނިހާ ލޯ ހުޅުވައި އޭނާ އޮތީ ހޭލާކަން އަންގާކަށް ނޫޅެއެވެ. އިވެމުން ދިޔަ އަޑު ކެޑުމުން ލޮލަށް ނިދި އަލުން ސަވާރުވީތީއެވެ.
ހެނދުނު އޮފީހަށް ދާން ހޭލާފައި ހާރިސް ހުރީ ނިހާއާ ވާހަކަދައްކާން ނިންމައިގެންނެވެ. ބައެއް ރޭރޭގައި ނިދީގައި އޭނާ ގައިގައި ނިހާ ޖަހާ ޖެހުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ހޯދުމަށެވެ. ނިހާއަކީ އެއްވެސް އިރެއްގައި ނިދީގައި ވާހަކައެއް ދައްކާ ހިނގާ އަދި މިފަދަ ކަންކަން ނިދީގައި ކޮށް އުޅުނު އުޅުނު މީހަކަށް ނުވާތީއެވެ. “އެއީ އެއްވެސް ކަމެއް ނޫނޭ.. ހުވަފެނުގައި މަދިރި މަރާންވެގެން އުޅޭއިރުގައި ހާރިސް ގައިގައި އަސްލުގައި ޖެހެނީ…” ހެމުން ހެމުން ހާރިސްއަށް އޮޅުން ފިލުވައިދެމުން ނިހާ އޭނާއަށް ކަންތައްވާގޮތް ބުންޏެވެ. ހާރިސް ނިހާ ދެއްކި ވާހަކަ ޤަބޫލުކުރިއެވެ. އަދި އެއަށްފަހު ދެމީހުން ތައްޔާރީވެގެން އޮފީހަށް ދިޔައެވެ.
ޖެހިގެން އައި ރެޔެވެ. މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު ނިހާ ގެއަށް އައިސް ކޮޓަރިއަށް ވަތް އިރު ހާރިސް އޮތީ އޭނާގެ އޮފީސް ހެދުމުގައި އެނދުމަތީގައި ނިދާފައެވެ. ގޮވާނަމޭ ހިތަށް އަރާފައިވެސް އެކަމަށް ސަމާލުކަމެއް ނުދީ ފާހަނާއަށް މިސްރާބު ޖެހީ މީހާ ގައިން ތާހިރުވެލުމަށްޓަކައެވެ. ފެންވަރައި ނިކުމެގެން ބޭރަށް ނުކުތްއިރު މެންދަމުން 1 ޖަހައިފިއެވެ. އާންމު ގޮތެއްގައި މިގަޑިއަކީ ނިހާވެސް ނިދާފައި އޮންނަ ގަޑިއެވެ. އެހެންކަމުން އަވަހަށް ޓީޝާރޓް ގަޔަށް މަހާލައި، ތުވާލި އަޅުވަން ޚާއްސަ ހަރުގަނޑުގައި އެ އެޅުވުމަށްފަހުގައި އެނދާ ދިމާލަށް ހިނގައިގަތެވެ. ފިވަޅެއްހާ އެނދާ ދުރުމިނަށް ދެވުން ތަނާ ނިހާ ހުއްޓުން އެރިއެވެ. “މަންމާ….” އެއީ އާންމުކޮށް އޭނާއަށް އަޑުއިވޭ ކުޑަކުއްޖާގެ އަޑެވެ. ބިރުން މީހާ ތުރުތުރު އަޅަން ފެށިއެވެ. މި ފަހަރު އަޑުން ސަލާމަތްވުމަށްޓަކައި ކުރާނެ އެއްވެސްކަމެއް ނިހާގެ ހިތަކަށް ނައެވެ.
“މަންމާ…” ދެވަނަ ފަހަރަށް އަޑު އިވުމުން ކުރިއަށްވުރެ އަޑު އޭނާއާ ގާތްވެއްޖެކަން ނިހާއަށް ޔަގީންވިއެވެ. މީހާގެ ދެލޯ ލެއްޕުނު އެންމެ ބާރެއްލާފައި ލެއްޕިއެވެ. އެއީ ހުވަފެނެއްކަން އަމިއްލަ ނަފްސަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. އެތައް އިރަކު ލޯ މަރައިގެން ހުރުމަށްފަހު، ކުއްލިއަކަށް އެނދަށް ވެއްޓިގަންނާނަމޭ ހިތައި ދެލޯ ހުޅުވާލުމުން ފެނުނު މަންޒަރުން މީހާގެ ހުރިހާ އިސްތަށްޓެއް ބިރުން ކޮޅަށްޖެހުނެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. ލޮލުން ކަރުނަ ހިލެން ފެށިއެވެ. ގަތްފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ.
އެނދުގައި ހާރިސްގެ މަގަތަށް އޮތީ ކުޑަކުއްޖެކެވެ. އެކުއްޖާގެ ފޫޅު އޮތީ ހަށިގަނޑާ ވަކިނުވެއެވެ. އަތުގެ އިނގިލިތައް ހުރީ ގުޅިފައެވެ. ބަލާބެލުމުން ސިފަވަނީ ދުވަސްނުފުރާ ވިހާފައި އޮތް ކުއްޖެކެވެ. ލެއިން ތަތްތެޅިފައެވެ. “މަންމާ…އާދޭ… އާދޭ..” މިފަހަރު އަޑު އައީ ކުރިމަތިންނެވެ. އެކުއްޖާ އޮތީ އޭނާގެ ދެއަތް ދިއްކޮއްގެންނެވެ. ނިހާއާ ދިމާލަށެވެ. ނިހާ ރޯންފެށިއެވެ. ސަލާމަތަށް އެދިއެވެ. އެތައް ފަހަރަކު ލޯ މަރާލަފައި ލޯ ހުޅުވިއެވެ. އެކުއްޖާ ގެއްލޭތޯއެވެ. ފެންނަމުން ދަނީ ހުވަފެނެއްކަން ހިތުން މެދުކެޑުމެއްނެތި ދުޢާކުރާ ޙާލުގައެވެ.
ހާރިސްއަށް ހޭލެވުނީ ނިހާ ރޯއަޑަށެވެ. ކައިރީގައި އޮތް ލެއިން ތަތްތެޅިފައިވާ ކުއްޖާ ފެނިފައި ލިބުނު ސިހުމެއްގައި ހާރިސް އެނދުންވެސް ވެއްޓުނެވެ. “ނިހާ… ނިހާއަށްވެސް ފެނޭތަ… ” ހާރިސް ތުރުތުރުލަމުން ނިހާއަށް ސުވާލުކޮއްލިއެވެ. “މަންމާ….” އެކުއްޖާ ދެލޯ ހުޅުވައިގެން ނިހާއަށް ބަލާލިއެވެ. އަދި އަތް ދިއްކޮއްލިއެވެ. މިފަހަރު އަންނާށޭ ބުނީ އަތުގެ އިޝާރާތުންނެވެ. އިރުކޮޅަކުން އެކުއްޖާގެ ފައި ހަށިގަނޑާއި ވަކިވިއެވެ. އަތްވެސްއެވެ. އަދި ބޯވެސްމެއެވެ. އެގޮތަށް އޮވެވެސް ކެޑިނޭޅި މަންމާއޭ ގޮވަމުން ދިޔައެވެ. ނިހާއާ ހާރިސް ތިބީ ހަނދާނެ ގޮތް ހުސްވެފައެވެ. ކިޔާނެ ހެޔޮ އެއްޗެއްވެސް ދެމީހުންނަކަށް ނޭނގެއެވެ. ދީނީ ކަންކަމަށް އެހާ އަހަންމިއްޔަތުކަން ދެވިފައި ނެތީމައެވެ.
ދެން ނިހާ ކޮއްލީ ހާރިސް ދުވަހެއްގައިވެސް ނިހާ ކޮއްފާނެކަމަށް ހީކުރި ކަމެއް ނޫނެވެ. ނިހާ އެހާ ފިޑިކަމެއް ހާރިސްއަކަށް ނޭނގެއެވެ. އެނދާ ކައިރީގައި ހުރި ކަނބަޑުގައި އޮތް ކަތުރު މެޔަށް ހަރާލީއެވެ. “ދެން އޮތީ ކަލޭ…” އެއަށް ފަހު އެ ކުޑަކުއްޖާ ގެއްލުނެވެ. ހާރިސް ނިހާއާ ދިމާއަށް ދުއްވައިގަތެވެ. އަދި ދެއަތުން ނިހާ ނަގައި ބޭރަށް ނިކުމެ ކާރުގައި ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތެއްނުވިއެވެ.
ނިހާއަށް ލިބިފައިވާ ޒަހަމުގެ ސަބަބުން ކަމެއް ގޯސްކަން ހީވެގެން ހޮސްޕިޓަލުގެ މެނޭޖްމެންޓުން ޕޮލިހަށް ގުޅިއެވެ. ހާރިސްއަށް ތެދު ތެދަށް ހުރިހާކަމެއް ކިޔާދިނުން ނޫންގޮތެއް ނެތުމުން އޭނާ ކަންތައް ހިނގާދިޔަ ގޮތް ތެދުތެދަށް ކިޔާދިނެވެ.
“އެއީ މީގެ 3 އަހަރު ކުރި… ނިހާއާ އަހަރެން ރައްޓަހިވެގެން ކުރަމުން ދިޔަ ފާޙިޝް ޢަމަލުތަކުގެ ސަބަބުން އޭނާ ބަޑުބޮޑުވި.. އަހަރެމެން ދެމީހުންނަށް އިނގުނީ ބަނޑަށް ހަ މަސްވީ ފަހުން.. ބަޑު ތޮޅޭހެން ހީވެގެން ޓެސްޓު ކުރީމަ އެވެސް.. ފެންނަ ފެނުމަކަށް ނޭނގޭނެ އެކަކަށްވެސް ނިހާ ބަޑުބޮޑުކަމެއް.. އަހަރެމެން ދެމީހުން ނިންމީ ދަރި ވައްޓާލަން … އެހެންވެ ކްލާސް މީހުން ފަޅު ރަށަކަށް ކުރި ދަތުރެއްގައި ދަރިވައްޓާ ބޭސްތަކެއް ހިފައިގެން ދިޔައީ.. ގޮސް ދަރިވައްޓާލީ… ދެން ހަށިގަނޑު ބައިތައް ވަކިކޮށް ދަޅަކަށް ލާފައި ގަސްގަޑެއްގެ ތެރެއަށް އެއްލާލީ….”
ހާރިސްގެ ބަޔާން ނަގައި ފުލުހުން އެކަން ދިރާސާ ކުރިއެވެ. ހާރިސް ބުނި ރަށަށް ސްޕެޝަލް ޓީމެއް ފޮނުވިއެވެ. އަދި އޭނާ ބުނިތަން ހޯދިއެވެ.
“ދަޅެއްގެ ތެރެއިން ކުނިވެފައިހުރި ކުޑަކުއްޖެއްގެ ހަށިގަނޑު ފެނިއްޖެ… ބެލެވޭ ގޮތުގައި މިއީ މާލޭގެ މަޝްހޫރު ދެ ވިޔަފާރިވެރިންގެ ދަރިންކަމަށްވާ ހާރިސްއާ ނިހާގެ ހަރާމް ދަރިއެއް… ހާރިސްވަނީ މި ކުށުގައި ހައްޔަރު….” ގެއަށް ވަދެވުމާއެކު ނާސިރު އޭނާގެ އަންހެނުން އަތުން ރިމޯޓް އަޅުވާލައި ޓީވީ ނިއްވާލިއެވެ. “ހާމިދާ ގާތުގައި ބުނެފީމެއްނު ތި ޓީވީއިން ކިޔާހާ އެއްޗެއް އަޑުނާހާށޭ… އެމީހުން ކިޔާނެ ފޮނިތޮށީ ކާފޫރު ތޮޅި އަޅައިގެން.. ” ރަތްވެފައިވާ ދެލޮލުން ހާމިދާ ނާސިރަށް ބަލާލިއެވެ. ހާމިދާއަށް އެއްޗެއް ނުބުނެވުނު ނަމަވެސް ނާސިރަށް ހުރިހާކަމެއް ވިސްނެއެވެ. ކިތަންމެ ދެރަވިޔަސް ދެންމެ އަޑު އިވުނު ޚަބަރަކީ ދޮގަކަށް ނުވާނެކަން އޭނާއަށްވެސް އެނގެއެވެ.
ހާރިސްގެ ހައްޔަރު ކުރެވުމާއި ނިހާގެ މަރާއެކު ދެފަރާތުގެ ޢާއިލާއަށް ބޮޑު ގުޑުމެއް އައެވެ. ނިހާގެ ޢާއިލާ މެލޭޝިޔާއަށް ބަދަލުވިއެވެ. ރާއްޖޭގެ މާޙައުލުން އުދަނގޫވާތީއެވެ. ހާރިސްގެ މަންމައަށް ޖެހުނު ޝޮކަކުން ފަހުން ވާހަކައެއް ނުދެއްކެއެވެ.
އެކަމަށް މަސް ފާއިތުވެގެން ދިޔައެވެ. ހާރިސްގެ މައްޗަށް ޒިނޭކުރުމާއި ކުއްޖަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ޝަރީޢަތް ހިންގައި، އޭނާގެ ޢިއުތިރާފުން މައްސަލަ ސާބިތުވެ އޭނާ ޖަލަށް ލެވުނެވެ.
“އަހަރެން މިހިރީ…” ޖަލުގެ ކުޑަ ގޮޅީގައި ނިދާފައި އޮތް ހާރިސްއަށް އޭނާއަށް އިވުނު އަޑުން ހިތުގެ ހިގުން އަވަސްވިއެވެ. ހިގާދިޔަ ހާދިސާތަކުން މީހާއަށް ވަނީ ނަފްސާނީ ގޮތުން ބަދަލުތައް އައިސްފައެވެ. މީހާގެ ފިޑިކަމުން އެ ބިރާ ކުރިމަތިލާނެ ހިތްވަރެއް ހާރިސްގެ ގަޔަކު މިހާރަކު ނެތެވެ. އެހެންކަމުން ބާލީސްދަށުގައި އޮތް މަތިމަސް ބާލަން ގެންގުޅުނު ރޭޒަރުގެ ތިލަ ނަގައި އަތް ކަޑާލިއެވެ. މަރުވަމުން ދިޔައިރުވެސް އޭނާއަށް ކުޑަކުއްޖާގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ. “ޙަރާމް … ޙަރާމް… ހައް ހައް ހާ..” މަލާމަތް ކުރަމުން ދިޔަ ފާޑަށް އެކުއްޖާ ގޮވަމުން ދިޔައެވެ.
ނިމުނީ
2 Comments!
Comments are closed.
reethi
Varah ibrayi their vaahakayeh