ރޫހު

- by - 34- January 10, 2019

ގަޑިން ރޭގަނޑު 10 ޖެހީއެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ހުޅުމާލޭގެ ފެރީ ޓާރމިނަލް އޮތީ ފުރިބާރުވެފައެވެ. އެ ބައިގަނޑު ތެރެއިން ޖާގަ ހޯދަމުން އަވަސްގޮތެއްގައި މާހިން ގޮސް ފެރީއަށް އެރިއެވެ. ގެއަށް ގޮއްސައި ފެންވަރައިގެން އޮފީހަށް ދާން ނިކުންނަން ޖެހޭތީއެވެ. އޮފީހުން ގުޅާފައި މާ ހައިރާން ކުރުވަނިވި ކަމެއް ވެގެން އުޅޭ ވާހަކަ ބުނެގެންނެވެ.

މާހިން ވަޒީފާ އަދާކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުގެ މައްސަލަތައް ދިރާސާ ކުރާ ޓީމްގައެވެ. އެއީ މައްސަލަތައް އަވަސް ގޮތެއްގައި ތަޙުޤީޤުކޮށް ނިންމުމަށް ޕޮލިހުން ޓީމުތަކެއް ބަހައިގެން ޢަމަލު ކުރި ކުރުމުގައި މާހިން ދިޔަ ޓީމެވެ. މި ދުވަސްކޮޅޫގައި މާހިންމެންގެ ޓީމްގެ އިސްވެރިޔާ ހުރީ ޗުއްޓީގައިކަމުން، ވަގުތީ ގޮތުން އެ ޓީމުގެ އިސްވެރިޔާކަން ޙަވާލުކުރީ މާހިންއަށެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާގައި އުޅެން ޖެހޭ ވަގުތު ވަނީ އިތުރުވެފައެވެ. އޮފް ދުވަސްތަކުގައިވެސް އޮފީހުން ގުޅުމުން ޖެހެނީ އޮފީހަށް ނިކުންނާށެވެ. މިރެއަކީވެސް އެފަދަ ރެއެކެވެ. މާހިން ހެނދުނާއި ހުޅުމާލެއަށް ދިޔައީ އޮފް ދުވަހަކަށް ވީމައެވެ. އަނެއް ދުވަހު އަންނަ ގޮތަށެވެ. އެކަމަކު އޮފީހަށް މީހަކު އައިސް ކުރި ރިޕޯޓެއްގެ ސަބަބުން، އޮފީހުން ގުޅައިގެން ދާން ޖެހުނީއެވެ. އަލަށް އަންނަ ކޭސަސްތައް ދިރާސާ ކުރުމުގައި ވެރިއެއް ހުރުމަކީ ކޮންމެހެން މުހިންމުކަމަށް ވާތީއެވެ.

“ރަޒާން.. މިއޮއް އައީ މާހިން.. ” އުނީފޯމްގައި ހުރި މާހިން ސެކްޝަނަށް ވަނުމާއެކު އޭނާއާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާ ވިޝާމް ބުންޏެވެ. މި އަޑު އިވުމާއެކު ރަޒާން އޭނާގެ ކައިރީގައި އިން މީހާ ގާތުގައި މަޑުކުރުމަށް ބުނެ އަވަހަށް މާހިން އާ ދިމާލަށް ހިނގައިގަތެވެ. “އަހަންނަށް ހީވަނީ މިތާ އެއިން މީހާ މޮޔަހެން.. މާހިން ލަސްވާތީ އަހަރެން އޭނާ ގާތުގައި ވެގެން އުޅޭ ގޮތް އަހާލައިފިން.. ޔޫ ވޯންޓް ބިލީވް އިޓް… އޭނާ ބުނަނީ އޭނާ މީހަކު މެރިކަމަށް..” ދުމެއްހެން އަރާ މާހިންއާ ހަމަކުރަމުން ރަޒާން ބުންޏެވެ. މާހިން އިޝާރާތް ކޮއްލީ ސައިކޮޓަރިއަށެވެ. އަދި އެއަށްފަހު މަޑުމަޑުން ހިނގަމުން އެ ސެކްޝަންގެ ސައިކޮޓަރިއާ ދިމާލަށް ދިޔައެވެ. އަދި ސުވާލުކުރާ ކޮޓަރީގައި އިން ރަޒާން ބުނި މީހާއަށް ބަލާލިއެވެ. ފެންނަ ފެނުމަށް މަޢުސޫމް މީހެކެވެ. ނިއްމަތީގައި ހުރި ދާތަކުން ހުރީ ބިރުގެންފައިކަން ހާމަވެއެވެ. މީހުން މެރުންފަދަ ރަޙުމު ކުޑަ ޢަމަލެއް ކޮއްފާނެކަމަށް އޭނާއަށް ބަލާލައިފައި މީހަކު ނުބުނާނެކަން ޔަޤީނެވެ. އިތުރު އެއްޗެކޭ ނުބުނެ މާހިން ގޮސްވަނީ ސައިކޮޓަރިއަށެވެ. ފަހަތުން ރަޒާންވެސް ދިޔައެވެ. އެމީހާ ގާތުގައި މަޑުކުރީ ވިޝާމެވެ.

“ކޮބާ އެހެން މީހުން..؟” ސެކްޝަންގައި އިތުރަށް އުޅޭ 3 ފިރިހެނުން އެތާނގައި ނެތުމުން މާހިން ފުރަތަމަ ބޭނުންވީ އެކަން އޮޅުންފިލުވާށެވެ. “އަސްލު އަހަންނަކަށް ހިއެއް ނުވޭ މިއީ ކޭސްއެއް ކަމަކަށް. އެހެންވެ އިތުރު މީހަކަށް ނުގުޅީ.. މާހިންއަށް މިވަގުތު ހިންގުން ހަވާލުކޮއްފައި ހުރީމައި މާހިންއަށްވެސް މިގުޅީ..ނޫންނަމަ އަހަރެން މިހާރު މި މީހާ ދޮގުހަދާކަމަށް މައްސަލަ ރިޕޯޓްކޮށް އެތާނގައި ރީއްޗަށް ގޮޑީގައި ނުބައިންދާ އެކަމަށް ހައްޔަރުގައި ބެހެއްޓީސް.. އޭނާ މެރިކަމަށް އެކިޔަނީ އަހަރެން ދަންނަ މީހެކޭ.. އަހަރެން ގުޅާފައި ޗެކްވެސް ކޮއްފިން މިހާރު.. އޭނަ އެބުނާ މީހާ ދުނިޔޭގައި އެބަ ހުރި.. ދެން އޭނައަކީ ޤާތިލަކަށް ވާންވީ ގޮތެއް އަހަންނަކަށް ނުވިސްނުނު..” ދެ އަތް ހަށަންބަދެލައިގެން ހުންނަ ގޮތަށް ހަދާލުމަށްފަހު ރަޒާން ފަތިވަރެއްހެން އަމުނާލިއެވެ. މާހިން އަދި އިތުރަށް ސުވާލުކުރުމަށްފަހު ގޮތެއް ނިންމާނީކަމަށް ބުނެ، އޭނާއަށް ކޮފީތައްޓެއް ހަދަންފެށިއެވެ. ކުރިއަށް އޮތީ ވަރަށް ބުރަ ވަގުތުތަކެއްކަން މާހިންއަށް ހީވެފައި އޮތީމައެވެ.

ކޮފީ ތަށި ހިފައިގެން މާހިން ސުވާލު ކުރާ ކޮޓަރިއަށް ދިޔައެވެ. އަދި އެތާނގައި އިން މޭޒު ކައިރީގައި ވިޝާމް އިން ގޮޑިއާ ޖެހިގެން އިން ގޮޑީގައި އިށީނެވެ. ފަހަތުން އައި ރަޒާންވެސް އިތުރު ގޮޑިއެއް ކައިރިކޮށް މާހިން ކައިރީގައި އިށީނެވެ. “އަޅުގަނޑު މިއީ މި ވަގުތަށް މި ފަދަ މައްސަލަތައް ބަލަން ހެދިފައިވާ ޓީމުގެ ވަގުތީ ހިންގުންތެރިޔާ.. އަޅުގަނޑަށް ކިޔަނީ މާހިން.. ތިއީ ކޮން ބޭފުޅެއްތޯ؟ ރިޕޯޓުކުރަން ބޭނުންވަނީ ކޮންކަމެއްތޯ؟” މާހިން އޭނާގެ ކުރިމަތީގައި ބިރުގަނެފައި އިން މީހާއަށް ސުވާލުކުރިއެވެ. “ހައިދަރު.. އަހަންނަށް ކިޔަނީ ހައިދަރު.. އަޅުގަނޑު މީހަކު މަރާލީ.. ރަތްފުސްގޭ މޫސަ މަރާލީ” މާހިންގެ ސުވާލަށް އެމީހާ ޖަވާބުދިނެވެ.

މާހިން ހައިރާންވިއެވެ. ރަޒާން ބުނިހެން އެމީހާ އެއީ މޮޔަ މީހެއްބާއޭ ހިތަށް އެރިއެވެ. މޫސައަކީ އޭނާގެވެސް ރަޙްމަތްތެރިއެކެވެ. އެފަދަ ބޮޑުކަމެއް މޫސައަށް ވާނެއިރު އޭނައަށް ނުއެނގި ހުންނާނެކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. މާހިންއަށް ވިސްނުނީ އެންމެ ގޮތެކެވެ. ވީޑިއޯ ކޯލް ކޮއްގެން މޫސަ އެމީހާއަށް ދެއްކުމަށެވެ. ހަމަލޮލުން ފެނުމުން އެމީހާ ޤަބޫލުކުރާނެކަމަށް އަދި ހަދާ ދޮގުތަކުގެ އަސްލު ކިޔަދީފާނެހެން ހީވާތީއެވެ. މާހިން ވަގުތުން އޭނާގެ ފޯން ނެގިއެވެ. އަދި މޫސައަށް ވައިބަރ މެދުވެރިކޮށް ވީޑިއޯ އޮން ކޮށްގެން ގުޅާލިއެވެ. އަދި ފޯން ނެގުމުން އެތާގައި އިށީދެގެން އިން މީހާއަށް ދެއްކިއެވެ. އެމީހާ ހުރީ ބަސްހުއްޓިފައެވެ. ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައެވެ. “އެކަމަކު އަޅުގަނޑު މޫސަ ކޮއްޕާ ވައްޓާލިން.. މޫސަ މަރާލިން.. މޫސަ ހުރީ ރާބޮއިގެން.. އެހެންވެ މަރާލީ..ނުބައި ޢަމަލެއް ކުރީމަ..” މާހިން ފޯން ބޭއްވުމާއިއެކު ބިރެއް ފެނިގެން އުޅޭހެން އެމީހާ އެހެން ކިޔަން ފެށިއެވެ. މާހިންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެމީހާ އަދިވެސް ބުނަމުން އެ ދަނީ އޭނާ މޫސަ މެރިކަމަށެވެ. އެމީހާ ގާތުގައި އިށީނދެގެން އިނުމަށް ބުނުމަށްފަހު ރަޒާންއާ ވިޝާމަށް ބޭރަށް އައުމަށް އިޝާރަތް ކުރަމުން މާހިން ބޭރަށް ދިޔައެވެ.

“ކިހިނެއް ދެން ހަނދާނީ؟ އެމީހާ އަދިވެސް އެ ބުނަނީ އޭނާ މޫސަ މެރިކަމަށް. މޫސަ ވައްޓާލީކަމަށް…” މާހިން އޭނާއާއެކު ހުރި ދެމީހުންނަށް އަމާޒުކޮށް ސުވާލުކޮށްލިއެވެ. އެވަގުތު އެތާނގައި ހުރި ފޯން ރިންގުވިއެވެ. ވިޝާމް ގޮއްސައި ފޯނު ނެގިއެވެ. ފޯނު ބޭއްވިއިރު ވިޝާމު ހުރީ ބިރުވެރިކަމެއްގައެވެ. ދުވެފައި ސުވާލުކުރާ ކޮޓަރިއަށް ވަނެވެ. މާހިންމެންނަށް ތިބީ ވާނުވާ ނޭނގިފައެވެ. ތިން މީހުންނަށް އެތެރެއަށް ވަދެވުމާއެކު ހައިރާންކަން ލިބުނެވެ. ދެންމެ އެތާނަގއި އިން މީހާއެއް މިހާރަކު ނެތެވެ. “މޫސަގެ ގެ ކައިރީ މީހަކު ގުޅީ… މައްސަލަ ރިޕޯޓް ކުރަން.. މޫސަ ވެއްޓުނީއްޔޯ.. ވަރަށް ލޭ އޮހުނޯ… ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެއްޖެއޯ.. އެމީހުން ދިޔައިމޯ އެގެވެސް ބަލަން.. އެކަކުވެސް ފެންނާކަށް ނެތޯ… ގޭ މީހަކުވެސް ފެންނާކަށް ނެތޯ” މާނޭވާލެވޭ ހާލުގައި ހުރެ ވިޝާމް ބުންޏެވެ. މާހިން އާ ރަޒާން އެކަކު އަނެކަކަށް ބަލާލިއެވެ. އެނެމެންގެ ސިކުނޑީގައި ވަނީ ސުވާލުތައް އުފެދިފައެވެ.
ލަސްނުވެ މޫސަގެ މަރުގެ ޚަބަރު މުޅި މާލެ ތެރޭގައި ފެތުރިއްޖެއެވެ. މޫސަގެ ޢާއިލާ މީހުންވެސް ހުޅުމާލޭގައި ހުރެފައި އެވާހަކަ އަޑު އިވިގެން އަވަސް ގޮތެއްގައި މާލެއައެވެ. މާހިން ޓީމުގެ އެންމެން ހަމަކޮށް ޕޮލިސް ޖިޕުގައި އެ ގެއަށް ދިޔައެވެ. އޭރުގައި ފަތިސް ވެއްޖެއެވެ. ތަޙުޤީޤުކުރަން ދިޔަ ޓީމް މުޅި ގޭގެ ތަންތަނުގެ ފުޓޯ ނަގައި ވަށައިގެން ހުރި ގެ ތަކާއި މޫސަ ގޭގައިވެސް ހަރުކޮއްފައި ހުރި ސީސީޓީވީ ކެމެރާތައް ޗެކުކުރުމަށް އެ ގެ ތަކުގެ ވެރި ފަރާތްތަކުގެ އަތުން ވީޑިއޯ ފުޓޭޖް ނެގިއެވެ. މާހިން އާއި ވިޝާމްއާއި ރަޒާން ނިންމީ އެހެން މީހުން ބަހައްޓާފައި ގޮއްސައި ވީޑިއޯ ފުޓޭޖްތައް ބަލައި ކުރީބައިގައި ވީޑިއޯ އެނާލަސިސް ރިޕޯޓެއް ހެދުމަށެވެ. އެހެންކަމުން މާހިން ދެން ހުރި ޓީމުގެ މީހުން ގާތުގައި އިތުރަށް އެތަން ރަގަޅަށް ބަލައި ހެއްކާއި ޤަރީނާ ހޯދުމަށް ބުނުމަށްފަހު އެ ތިން މީހުން އަނބުރާ ފުލުސް އޮފީހަށް ދިޔައެވެ.

“މިއަކު ނެތެއްނު އެކައްޗެއްވެސް.. މިއިން މި ފެންނަނީ މޫސަ އަމިއްލައަށް ފުންމާލާތަން..ކިހިނެއްތަ މި ވަނީ؟” ބިރުގަންފައި ހުރެ ރަޒާން މާހިންއަށް ސުވާލު ކޮށްލިއެވެ. މާހިން ދެފަރާތަށް ބޯހޫރާލައިފައި އަތުގެ އިޝާރާތުން އޭނާއަށް ނޭނގޭކަމަށް ބުންޏެވެ. އިތުރަށް ދޭނެ ޖަވާބެއް މާހިންއަކަށްވެސް ނުވިސްނުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ރޭގައި މީހަކު އައިސް އޭނަ މޫސަ ކޮށްޕާ މަރާލިކަމަށް ބުނިއިރު މޫސަ ދުނިޔޭގައި ހުރިއެވެ. އެމީހާ ބައިންދާފައި ބޭރަށް ވާހަކަ ދައްކާލަން ނުކުތް އިރުގައިވެސް އޭނާ ހުރީ އޮފީހުގައެވެ. ބޭރަކަށް ނުދެއެވެ. ނަމަވެސް މޫސަގެ މަރުގެ ޚަބަރާއިއެކު އޭނާ ގެއްލިއްޖެއެވެ. އެމީހާ ދިޔަ ތަނެއް، ދިޔަ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. “އައިޑިޔާއެއް… ހިނގާ މި އޮފީހުގެ ފުޓެޖްތައް ބަލަން.. ސުވާލު ކޮޓަރީގެ ކެމެރާތައް ބަލާން” ފުންމައިގެން ތެދުވެ ވިޝާމް ބުންޏެވެ. ރަޒާންއާ މާހިންއަށްވެސް މިކަމަށް އެއްބަސްވެވުނެވެ.

ތިން މީހުން އެއްކޮށް އޮފީހުގެ ވީޑިއޯ ކެމެރާތަކުން ވާގޮތް ފެންނަ ގޮތަށް ހަދާފައިވާ ރޫމަށް މިސްރާބު ޖެހިއެވެ. އަދި ވަދެފައި ފަހަރަކު ކެމެރާއެއް ޗެކު ކުރަން ފެށިއެވެ. ބިރުވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެއިން އެއްވެސް ކެމެރާއަކުން ހައިދަރޭ ކިޔުނު އެމީހާއެއް ފެންނާކަށް ނެތެވެ. ސެކްޝަންގައި ހަރުކޮއްފައި ހުރި ކެމެރާތަކުންވެސް ފެންނަނީ އެތިންމީހުން އެކަންޏެވެ. އިތުރު މީހަކު ވާހަކަ ދައްކާތަނެއް އަދި ވާހަކަ ދައްކާ އަޑެއްވެސް ނީވެއެވެ. އެމީހުން ހައިދަރާއި ވާހަކަ ދެއްކި ވަގުތުތަކުގައި އެތާގައި މީހަކު ހުރިކަމަށް ނުވެސް ދައްކައެވެ. އެހެންކަމުން އެމީހުން ނިންމީ އެ ވާހަކަ މީހަކު ގާތުގައި ނުބުނެ ސިއްރުކޮށް ބެހެއްޓުމަށެވެ.

ހެނދުނު 9 ޖެހިކަށްހާއިރު ޓީމުގެ ދެން ތިބި މީހުން މޫސަގެ ގެ ދިރާސާ ކުރުމަށްފަހު ފޮޓޯ ނަގައިގެން އެނބުރި އޮފީހަށް އައެވެ. އެތަނުން އެއީ މީހަކު ކޮއްފައިވާކަމެއްކަމަށް އިޝާރަތްކުރާ އެއްވެސް ހެއްކެއް ނުފެނުނެވެ. އެހެނަސް އެމީހުން ނެގި ފޮޓޯތައް ބެލުމުގެ މަސައްކަތް މާހިން ފެށިއެވެ. ދެން ތިބި މީހުންތައްވެސް މޮނީޓަރު ގާތުގައި އެއްވެގެން ތިއްބެވެ. “އޭއް… މަޑު.. ޒޫމް ކޮށްލަބަލަ” އެތަނުން މޫސަ މަންމަ މެންގެ ކޮޓަރީގެ ފޮޓޮއެއް އެޅުވުމާއެކު ރަޒާން ހަޅޭލަވައިގަތެވެ. މާހިން ރަޒާން ބުނި ފޮޓޮއަށް ޒޫމް ކޮއްލިއެވެ. ފެނުނު މަންޒަރުން ލޯ ބޮޑުވިއެވެ. އެމީހުންގެ ޢާއިލީ ފޮޓޯގައި އެހުރީ ރޭގައި އެމީހުން ގާތުގައި ހުރި ހައިދަރު ކަން ޔަގީނެވެ. އެހެން މީހަކަށް އެއިން ކަމެއް ފާހަގަ ނުވިޔަސް އެމީހުންގެ ސިކުނޑީގައި ފޮޓޯއާމެދު ސުވާލުތައް އުފެދެންފެށިއެވެ.

މެންދުރު ވީއިރު މޫސަގެ ގައިން ނެގުނު ޓެސްޓުތަކުގެ ނަތީޖާތައް ލިބުނެވެ. އޭގައި ވަނީ މޫސަގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރިކަމަށެވެ. މިކަމާއި ގުޅިގެން އެންމެންވެސް ނިންމީ މިއީ މޫސަ އަމިއްލައަކަށް ފުންމާލައިގެން ވީ މަރެއްކަމަށެވެ. ހެކިތައް ހުރި ގޮތުން އެހާ ހިސާބުން މައްސަލަ ނިންމާލަން ޖެހުނެވެ. ނަމަވެސް މާހިންމެންނަށް މިކަން ޤަބޫލެއް ނުކުރެވުނެވެ. އެހެނެއްކަމަކު މިއިން އެއްވެސް ވާހަކައެއް އެ ތިން މީހުން އިތުރު މީހަކާ ޙިއްސާއެއް ނުކުރެއެވެ. އެންމެން ދިއުމުން ފޮޓޯގެ ކުޑަ ޕްރިންޓެއް ނަގައި މާހިން ޖީބަށްލިއެވެ.

އެދުވަހުގެ އަސުރު ނަމާދަށްފަހު މޫސަގެ ކަށުނަމާދު އޮތެވެ. މާހިން އާއި ރަޒާންއާ ވިޝާމްވެސް ދިޔައެވެ. ކަޝުނަމާދުކޮށް ވަޅުލުމުގެ ކަންތައް ނިމުމުން އެނެމްން ގެއަށް ދާން މިސްރާބު ޖެހިއެވެ. މާހިންމެންގެ މިސްރާބު ހުރީ ހައިދަރު ޢާއިލާގެ ގާތަށެވެ. “ބޭބެ..އަޅުގަނޑުވެސް ވަރަށް ދެރަވެފައި މިހިރީ ކަންތައް މިދިމާވި ގޮތުން..ރިޕޯޓުތަކުންވެސް ދައްކަނީ މިއީ އޭނާ އަމިއްލައަށް ކުރި ކަމެއްކަމަށް..އެކަމަކު..ބޭބޭ އަޅުގަނޑު މި ދައްކާ ފޮޓޯގައި އިން މީހާގެ މަޢުލޫމާތު ދެވިދާނެތަ؟” މޫސަގެ ބައްޕައާ އަރާ ހަމަވެފައި ޖީބުގައި އޮތް ފޮޓޯ ނަގާލުމަށް ފަހު މާހިން ބުންޏެވެ. އަދި މޫސަ ބައްޕައަށް އެ ފޮޓޯ ދެއްކިއެވެ. “މިއީ ބޭބެގެ އެންމެ ބޮޑު ދަރިފުޅު ހައިދަރު.. މާ ގިނަ މީހުންނަށް މީނައެއް ނޭނގޭނެ.. މޫސަ އުފަންވިއިރު ހައިދަރު ދުނިޔޭގައެއް ނުހުންނާނެ..ބަލިވެގެން ފަރުވާ ނުކުރެވި މަރުވީ” މޫސަ ބައްޕަ ބުނި އެއްޗިހި އަޑު އިވިފައި މާހިންމެން ސިއްސައިގެން ދިޔައެވެ. މޫސަ ބައްޕަ ކިހިނެއްވީތޯ ސުވާލު ކުރުމުން، ކަމެއް ނުވާކަމަށް ބުނެ އެތަނުން ދާން ތިން މީހުން އަވަސްވެގަތެވެ.

ވެގެންދިޔަ ކަންތައް ތިން މީހުންނަށް ވިސްނުނު ކަހަލައެވެ. ކިހިނެއް ވެގެން ވީކަމެއްކަން ނޭނގުނަސް މޫސަގެ މަރުގެ ހަޤީޤަތް ތިން މީހުންނަށް ހާމަވިއެވެ. ނަމަވެސް މިއިން އެއް ކަމެއްގެ ވާހަކަވެސް އިތުރު މީހެއް ގާތުގައި ނުދައްކާން ތިން މީހުން ނިންމިއެވެ. އެއްވެސް މީހަކު ޤަބޫލު ނުކޮއްފާނެތީއެވެ. އޭގެ ބަދަލުގައި ތިން މީހުން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރިއެވެ. ވަޒީފާ އަދާކުރަމުންވެސް ދީނީ އަޅުކަންތައް ގަޑިން ގަޑީއަށް ކުރަމުންއައެވެ. ޖިންނި ޝައިޠާނުންނާއި ބެހޭގޮތަށް އިތުރަށް ދިރާސާކޮށް މިކަމަށް މީހުން ދީނީ ކަންކަމަށް އަހުލުވެރިކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވާން ފެށިއެވެ.

ނިމުނީ

34

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.