
އެންމެންނަށް ލިބުނު ޙައިރާން ކަމުގައި އަޖާއިބުވެފައި ޙިބާ އަށް ބަލަހައްޓައިގެން ތިބެވުނީ ސުވާލުން ފުރިފައިވި ހިތަކާއިއެކުއެވެ. ޙިބާ ލައިގެންހުރި ކައިވެނީގެ ހެދުމުގައި އެއްވެސް ހާއްސަކަމެއް ފެންނަން ނެތުމުންނެވެ. ބްރައިޑެއްހެންވެސް ހީނުވާތީއެވެ. ޙިބާގެ އާއިލާއަކީ ވިޔަވާރީއެއް ހިންގާ ފުދުންތެރި ބަޔެއްކަމަށް ވީނަމަވެސް އެކަން ލައިގެންހުރި ހެދުމުން ނުފެންނާތީއެވެ.
އާންމުކޮށް ޙިބާ ލާއުޅޭ ކަހަލަ ކަޅު، ގަޔައްދޫ ހެދުމެއްގައި ފެންނަން ހުރިއިރު އެންމެހާ ޒީނަތްތެރިކަން ވަނީ ރަނގަޅައްވެސް ފޮރުވިފައެވެ. އެކަޅު ހެދުމުގެ ފަސްބައިގައި ރީތި ޑިޒައިނެއް ހަދާލާފައިވެއެވެ. އަދި އަޅައިގެންހުރި ބުރުގާ ފަރުމާ ކޮށްފައިވަނީ އެތެރެ ނުފެންނަ ގޮތައް ލޭސް ފޮތިންނެވެ. ނަމަވެސް އެފެންނަ މީހުންނަކައް، އެފަދަ އެއްވެސް ހާއްސަކަމެއް އެހެދުމުން ނުފެންނަނީ ޙިބާ އާންމުކޮށް އަޅާ ހެދުމާއި މާބޮޑު ތަފާތެއް އެ ހެދުމުން ނުފެންނާތީއެވެ.
ފެންނަން ހުރީ ހަމައެކަނި ދެލޯ ނަމަވެސް އެ ދެލޮލުގައިވެސް އެއްވެސް މޭކަޕެއް ކުރެވިފަކާއި ނުވެއެވެ. އެންމެ ކުޑަމިނުން އަނދުންކޮޅެއް ހިސާބުވެސް އަޅާފަކާއެއް ނުވެއެވެ.
ޙިބާގެ ހިތުގައި ﷲ ގެ ޙުކުމްފުޅުތަކަށް ބޯލެނބުމަށް ދީފައިވާ މުހިންމުކަން އެކަމުން ވިސްނައިފި ހިތަކަށް ނަގައިގަނެވުނު ނަމަވެސް، އެތާތިބި ގިނަ މީހުންނަށް އެކަން ވެގެންދިޔައީ ދީނުގައި ހައްދުފަހަނައެޅުން ކަމުގައެވެ. ކައިވެނީގެ ދުވަހަކީ ކޮންމެ މީހަކަށްވެސް ހާއްސަ ދުވަހަކަށްވެފައި، އެލިބޭ ހަމައެކަނި ދުވަހު ހާޟިރުވާ މެހެމާނުންގެ ކުރިމަތީގައި އެގޮތައް އެއްވެސް ވަރަކަށް ރީތި ވުމެއްނެތި ހުރުން، ގިނަ މީހުންނަށް ޤަބޫލު ކުރެވޭކަމަކަށް ނުވިއެވެ. ޙިބާގެ އެ ނިންމުމުން ރަހްމާވެސްއިނީ މެހެމާނުންނާ ކުރިމަތިލާންވެސް ލަދުގަނެފައެވެ. މީހުން އެކަމާމެދު ހިތައް އަރާނެ އެއްޗިސްސާއި ކުރާނެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނެތީ މީހުންނަށް މޫނު ދައްކަންވެސް ޖެހިލުންވެފައެވެ.
މީހުންގެ ބަދު ބަހައްވުރެ ﷲ ކުރިމަތީ ދޭންޖެހޭނެ ޖަވާބާއިމެދު ރަހްމާ ވިސްނާލާނަމަ އޭނާގެ އެ ޖެހިލުންވުން ކެނޑި އެކަމަށް އުފާ ކުރާނޭކަން ޔަޤީނެވެ. ކުޑަކުޑަ އެންމެ ދުވަހަކައް ނުވަތަ ވަގުތު ކޮޅަކައް ނަމަވެސް ފާފައަކަށް އަރައިގަތުމަކީ ﷲގެ އަޒާބައް ބިރުވެތިވާ މީހަކަށް ކުރަންކެރޭނެ ކަމެއް ނޫންކަން ޔަޤީންވާނެއެވެ.
ޙިބާ މާހިލްއާއި ޖެހިގެންއިން ގޮނޑީގައި އިށީންއިރު ޙިބާގެ އަނެއްފަރާތުގައި އިނީ ނާސިރެވެ. ޤާޒީގެ ވާޖިބު އަދާކޮށްނިމުނީ ނާސިރު ވަލީދިނުމާއި، މާހިލް އަނބި ޤަބޫލުކުރިކަމަށްބުނި ހިސާބުންނެވެ. ހިފަހައްޓައިގެން ތިބިނޭވާ ދެމީހުނަށްވެސް ބޭރުކޮށްލެވުނީ ހިތައް ފިނިކަން ލިބުމުންނެވެ. އަލައް ދެމަފިރިންނައްވި ޖޯޑައް އެންމެންގެ މަރުހަބާގެ ބަސްތައް އޮހެން ފެށިއެވެ. ކައިވެނީގެ ކަންކަން ނިމުނު ހިސާބުން ސައިގެ ކަންކަން ފެށިގެންދިޔައެވެ. ދަރުބާރުގޭގެ އެ މާޙައުލު ދެބަޔަކަށް މެދުން ޕާޓިޝަންޖަހާ އަންހެނުންނާއި ފިރިހެނުން ވަކިވާ ގޮތައް ހަދާފައިވެއެވެ. ކައިވެނިކުރަން ހަމަޖެހިފައިފި މޭޒު، ބައިކޮށްފައިވި ދެފަޅީގެ މެދައް ބަހައްޓާފައި ވީއިރު، ކައިވެންޏައްފަހު އެ މޭޒު ނަގާ އެތަނުގައި ދެމަފިރިން އިށީންނަން، މާތަކުން ޖަރީކޮށްފައިވާ ރީތި އުނދޯޔެއް ބެހެއްޓުނެވެ. ކޮޅައްތިބެ ތިބެ ވަރުބަލިވެގެން ޕާޓީ ނިންމާލާކަށް ނުޖެހޭނެތާއެވެ.
ޕާޓީގެ މެހެމާނުން މާގިނަ ނޫންވީމާ ޕާޓީ ބޭއްވީ ދޮޅުގަޑިއިރުގެ ދިގުމިނަށެވެ. މެހެމާނުން އައިސް ނިމުމުން ދެފަރާތުގެ އާއިލާ އާއިއެކު ތިރީސް ވަރަކަށް މިނަޓް ހޭދަކޮށްލުމަށްފަހު ޕާޓީ ނިންމާލާ އެމީހެއްގެ ގެއަށް އެ މީހަކު ދިޔައެވެ. މާހިލް އާއި ޙިބާ ދިޔައީ ޙިބާމެންގެ ގެޔަށެވެ. ކައިވެނީގެ ކަންކަން ނިމި ޙިބާ ހަދަން ޖެހިފައިވާ ޕްރޮޖެކްޓް ނިމެންދެން ދެ މީހުން މާލޭގައި މަޑުކުރަން ނިންމީއެވެ. އެނިންމުމުން ނާސިރައް ކުޑަކުޑަ ނަމވެސް ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.
ޕާޓީ ނިމިގެން ޙިބާ ދިޔައީ ހުމާގެ ބަޔަށެވެ. މާހިލް އޭނާގެ ގެޔައް ދިޔައީ ދުވަސްކޮޅަކައް ބޭނުން ކޮށްލާނެ އަންނައުނު ކޮޅެއް ބަލައޭ ކިޔާފައެވެ.
ޙިބާ ދިޔައީ މޭކަޕް ކުރާ މީހަކު ގެއަށް ގެނެސްގެން މޭކަޕް ކޮށް ޒީނަތްތެރިވަމުންނެވެ. ފެހި ކުލައިގެ އިސްކޮޅާއި އެއްވަރަށްދިގު ހެދުމެއް ލާފައި އިންއިރު ލޭސް ފޮއްޗާއި މިނާ ބޭނުން ކޮށްގެން އެ ހެދުން ޖަރީ ކޮށްފައިވެއެވެ. ބުރަސޫރަ ރީތިކޮށް އެނގެންހުރި އެ ހެދުމުގައި، ޙިބާ ފެންނަނީ ނުލާހިކު ނަލަކޮށެވެ. ފޮރުވިފައިވާ އަގުބޮޑު ޖަވާހިރެއްގެ ރީތި ވިދުންތައް އަލައް ފެންނަ ފަދައެވެ. މޭކަޕް އާޓިސްޓް ލުއި، ނެޗުރަލް މޭކަޕެއް ކޮށްލީ ޙިބާގެ އެދުމުގެ މަތިންނެވެ. މާބޮޑައް ހެދިފައި އިނުމުން ޙިބާއަށް ކަމުނުދާތީއެވެ. މޭކަޕް ކޮށް ނިމުމުން ލޯގަނޑުން ސޫރައަށް ބަލައިލި ޙިބާ ހިނިތުންވެލަމުން އޭނާގެ ފަހަތުގައި ހުރި ހުމާ އަށް ބަލާލިއެވެ. އެވަގުތު ހުމާވެސް ހިނިތުންވަމުން ވަރަށް ރީތިކަމަށް ބުނެލިއެވެ.
ކައިވެނީގެ ހުރިހާ ކަމެއްގައިވެސް އެންމެ ގާތުން ހުމާގެ އެހީތެރެކަން ޙިބާއަށް ލިބުނެވެ. އެކަމާ ޙިބާ އޭނާގެ ކޮއްކޮއަށް ހިތުގެ އަޑިން ޝުކުރުވެރިވިއިރު، އެކަމުގެ ސަބަބުން އިހުނައްވުރެ ދެކުދިންގެ މެދުގައި އޮތް ގުޅުންވެސް ވަނީ ރަނގަޅު ވެފައެވެ.
ހެދުމަށްވުރެ ތަންކޮޅެއް ފެހިކަންގަދަ ލޭސްފޮތީގެ ބުރުގަލެއް އަޅާފައިހުރިއިރު، ބުރުގަލުގެ ފަހަތް ވަނީ ކުޑަކޮށް ބިންމަތީގައި ކޭއްތޭ ވަރަށް ދިގުކޮށެވެ. ކުރިމަތިން މޭމަތި ފޮރުވޭ ވަރަށް ހުރިއިރު ދެން އޭގެމަތިން އެޅި މޫނުބުރުގާ ވަނީ ސާދާ ފެހިކުލައެއްގައެވެ. ފަހަތުބައިގައި ބުރުގަލާއެއް ޝޭޑެއްގެ ފެހިކުލައިގެ ރިބަނެއް އަޅާލާފައިވުމުން ބަލާލަން ނުލާހިކު ހިތްގައިމެވެ.
ޙިބާގެ ނަލަކަމާއި ފަރިކަން ފެނިގެންދާނީ ހަމައެކަނި އޭނާގެ ފިރިމީހާއަށެވެ. ޙިބާއަށް ކައިވެނީގެ ކަންކަން އަމިއްލައަށް ބޭނުންވާގޮތައް ކުރަން ލިބުމުން ޙިބާ ބެލީ އޭނާ ބޭނުންވާގޮތައް ދީނުގެ ޙުކުމަކާއި އިދިކޮޅު ނުވާނޭގޮތައް ހުރިހާ ކަމެއްވެސް ކުރެވޭތޯއެވެ.
މާހިލް އައިއިރު ޙިބާ އިނީ އޭނާގެ ކޮޓަރީގައެވެ. ފުރަތަމަ ދެމީހުންވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ނުކެރިފައިތިބީ ދައްކާނެ ވާހަކައެއްވެސް ނޭނގުނީމައެވެ. ސިއްރު ސިއްރުން އެކަކު އަނެކަކައް ބަލާލަނީ އަނެކަކު ދެން ކޮންމެވެސް އެއްޗެކޭ ބުނާނެ ނަމައޭ ހިތާއެވެ. ޙިބާ މޫނުބުރުގާޔާއިއެކު އިން އިރުވެސް އޭނާގެ ރީތިކަން ފެނިފައި މާހިލްގެ ހިތުގައިވަނީ ބުނެދޭން ނޭނގޭ ޝުއޫރުތަކެކެވެ. އޭގެ ކުރިން އޭނާ އާއި ދިމާވި ޙިބާޔާއި އޭނާގެ އަލަތު އަނބިމީހާ އެތައް ގުނައެއް ތަފާތޭ ހީވިއެވެ. މިއަދު ދެމީހުންވެސް އަލައް ބައްދަލު ވިފަދައެވެ. މާހިލްގެ ހިތުގައި އޭނާގެ އަނބިމީހާއަށްޓަކައި މިއަދު އުފެދިފައިވާ ޖަޒުބާތަކީ މީގެ ކުރިން ދުވަހަކުވެސް އޭނާގެ އެއްވެސް ގާލްފަރެންޑަކަށްޓަކައި އެ ހިތުގައި ނުއުފެދޭ ޖަޒުބާތުތަކެކެވެ. ޢަނބިމީހާ ކައިރީގައިވާކަން އިހްސާސްވުމުންވެސް އެ ހިތައް ލިބިދެވޭ ހިތްހަމަ ޖެހުމަކީ އެހެން ހިތްހަމަ ޖެހުންތަކާއި ތަފާތު ހިތްހަމަ ޖެހުމެކެވެ. އޭނާއަށް މިއަދު އިހްސާސްވަމުންދަނީ އޭނާ މިދުނިޔެއިން ބޭނުންވާހާ އުފަލެއް ﷲ އޭނާއަށް މިންވަރުކުރެއްވި ފަދައިންނެވެ. އޭނާގެ އެތައް ދުޢާއެއް ﷲ އިޖާބަކުރެއްވީތީ އެ ހިތުން ﷲ އަށް ޙަމްދު ކުރުން ނުހުއްޓެއެވެ.
…………………………
ހުމާ ޕާޓީ އަށްފަހު ވަރުބަލިވެގެން އެނދުގައި ޖައްސާލުމައް ފެންވަރާ ތާޒާ ވެގެން ނިކުތް ވަގުތު ޑްރެސިންޓޭބަލްގެ އެއްފަރާތުގައި އޮތް ޙިބާގެ ހޭންޑްބޭގް ފެނުނެވެ. ދެތިން ފޮތްލެވޭ ވަރުގެ އެ އަތްދަބަސް ހުމާގޮސް ބަލައިލީ ޙިބާ މިރެއަށް ބޭނުންވެދާނެ އެއްޗެއް ހަނދާންނެތިގެން ނުގެންގޮސް އޮވެދާނެއޭ ހިތާއެވެ. ނަމަވެސް އެ ދަބަހުގައި މާ މުހިންމު އެއްޗެއް ނެތްކަން އެނގުން ނަމަވެސް ހުމާގެ ލޯ އަޅައިގަތީ އެދަބަހައް ލާފައި އޮތް ފޮތަކަށެވެ. “ކައިވެނީގެ ސުންނަތްތައް” ނަމަކައްދީފައި އޮތްފޮތް ކިޔާލާ ހިތްވުމުން އެ ފޮތް ހިފައިގެން އެނދުމަތީ ހަމަޖެހިލިއެވެ. އަދި މަތިމަތިން އެކިއެކި ގަނޑުތައް ކިޔަމުން ދިޔައެވެ.
ކައިވެންޏައްފަހު އަނބިމީހާގެ ބޮލުގައި އަތް އަޅައިގެން ދުޢާކުރުމުގެ ވާހަކައާއި، ކިރުތައްޓެއްފަދަ ދިޔާ އެއްޗެއް ބުއިންވެސް ސުންނަތުގައި ހިމެނޭ ވާހަކަ ކިޔާފައި ހުމާ ޙައިރާންވިއެވެ. އެއީ އޭނާޔައް ކުރިން އެނގިފައި ނެތް މަޢުލޫމާތެވެ. އަދި ދެމީހުންއެކީ ދެރަކުޢަތް ނަމާދެއް ކުރާ ވާހަކަވެސް އޮތެވެ. އަދި އޭގެ އިތުރުން ދެމީހުން އަނބިފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިން ކުރަންޖެހޭ ދުޢާއެއްވާ ކަމާއި އެ ދުޢާގެ މުހިންމުކަން އެފޮތުގައި ބުނެދީފައިވެއެވެ. އަދިވެސް އަނބިފިރިކަމުގެ ގުޅުން ހިންގުމަށްފަހު ހިނައި ޠާހިރު ވާންޖެހޭ ވާހަކަތައްފަދަ އެތައް މުހިންމު މަޢުލޫމާތެއް އެފޮތުން ލިބިގެންދިޔައެވެ.
އެފޮތުން ހުމާ އެންމެ ޝައުޤުވެރިވީ ދެމަފިރިން އެކަކު އަނެކަކައްޓަކައި އަދާކުރަންޖެހޭ ވާޖިބުތަކުގެ މުހިންމުކަން ބުނެދީފައިވާބަޔަށެވެ. އަދި ދެމީހުން އެކަކު އަނެކަކައް ހެޔޮ ކަންކަމަށް ބާރުއަޅާ ނަސޭހަތްތެރި ވާންޖެހޭކަން އެނގުމުން ހުވަފެނީ ގޮތަކައް އޭނާގެ އަމިއްލަ ކައިވެންޏަކާއިމެދު ވިސްނާލެވުނެވެ. އަދި ބޯއީފްރުންޑެއް ނަގައިގެން ދެމީހުން އެކީގައި ކުރެވެނީ ހުސްފާފަކަމާއި ނޭނގި ނަމަވެސް ދެމީހުން އެކަކު އަނެކަކައް އެ އެހީވެދެވެނީ ނަރަކައިގެ މަގައްކަން ވިސްނުނެވެ.
………………….
މާހިލް އާއި ޙިބާ ކައިވެންޏައްފަހު ދެމީހުންވެސް އެކަކު އަނެކަކާ ވާހަކަ ދެއްކުމަށްފަހު ކައިވެނީގެ ޞަދަޤާތެއްގެ ގޮތުން ބޭނުންޖެހިފައިވާ ބަޔަކަށް ފައިސާގެ ގޮތުން މެދު މިންވަރެއްގެ އެހީއެއް ދިނެވެ. އަދި ހޮސްޕިޓަލުގެ އެއް ފްލޯގައި އެޑްމިޓްކޮށްފައިވާ ފަންސާހަކަށް މީހުނަށް މޭވާއިން ޞަދަޤާތް ކުރިއެވެ. އެދެމީހުންގެ ކައިވެނީގައި ބަރަކާތް ލެއްވުމަށް އެދިއެވެ. ޞަދަޤާތް ކުރުމަކީ ޝައްކެއްވެސް ނެތްގޮތުގައި ރިޒްޤު އިތުރު ކޮށްދެއްވާ ކަމެއްވިއްޔާއެވެ.
އެއަށްފަހު މާހިލްއަށް ހަވާލު ކުރި ޒިންމާ އޭނާ އަދާކުރިލެއް ފުރިހަމަކަމުން އެންމެނައްވެސްވީ ބޮޑު ސަޕްރައިޒަކަށެވެ. ހަނީމޫން ދަތުރު މާހިލް ރޭވީ ޢުމްރާ ދަތުރަކަށެވެ. އެ ސަޕްރައިޒުން އެންމެ އުފާވީ ޙިބާއެވެ. ﷲ ގެ ގެފުޅައް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުމުން އުފާ ނުވާނީ ކޮން މުސްލިމަކު ހެއްޔެވެ؟ ޙިބާގެ ހިތުގައި މާހިލް އަށްޓަކައިވި ލޯބި އެ ހަދިޔާގެ ސަބަބުން އިތުރުވިއެވެ.
ދެފަރާތު އާއިލާ އެންމެން ދެ މީހުން ފުރުވަން އެއަރޕޯޓައް އައިސް ތިއްބެވެ. ރަހްމާ ޙިބާ އާއި މާ ބޮޑައް ވާހަކަ ނުދެއްކި ނަމަވެސް ފުރަން ވަންނަން އުޅެނިކޮށް އަތާއިއަތް ޖޯޑުކޮށް ސަލާން ކޮށްލިއެވެ. އެކަމުންވެސް ޙިބާގެ ހިތައް ހަމަޖެހުން ލިބިގެން ދިޔައެވެ.
އެއަރޕޯޓުގައި އެތައް ގަޑިއިރެއް ހޭދަކުރުމަށްފަހު ދެމީހުންނަށް އެމީހުންގެ ގުރޫޕާއިއެކު އެމީހުން ތިބެން ހާއްސަ ކޮށްފައިވާ ހޮޓަލައް ދެވުނީ ސައުދީގެ ގަޑިން ހެނދުނުގެ ވަގުތެއްގައެވެ. އެހެންކަމުން ހެނދުނު ސައި ބޮއިގެން ގަޑިއިރެއްހާއިރައް ފަހު ގުރޫޕްގެ އިސް ދެމީހަކު އެ ގްރޫޕްގެ އެންމެން ގޮވައިގެން ޢުމްރާގެ އަޅުކަން ފެށުމަށް ޙަރަމްފުޅައް މިސްރާބު ޖެހިއެވެ. ހޮޓަލުން ނިކުތީ ސަމާލުވާންޖެހޭނެ ކަންކަން ކިޔައިދިނުމަށްފަހުއެވެ. އެ އިސް ދެމީހުންގެ އިރުޝާދާ އެއްގޮތައް އެމީހުން ފަހަތުން ހިނގާފާ ގާތްގަނޑަކަށް ދިހަވަރަކަށް މިނަޓް ތެރޭގައި ޙަރަމްފުޅު ހުންނަ މިސްކިތާއި ހަމައަށް ދެވިއްޖެއެވެ.
އެ މިސްކިތް ދުރުން ފެނުމުންވެސް ދެ މީހުންގެ ހިތައް އުފާވެރިކަން ލިބިގެންދިޔައެވެ. އެކަކު އަނެކަކު އަތް ގުޅާލައިގެން މިސްކިތްތެރެއަށް ވަދެގެންދިޔައިރު ތަނުގެ ރީތިކަމުން އެކި ދިމަދިމާލައް ބޯ އަނބުރަ އަނބުރާފައި ބެލެއެވެ. އެތައް ބަޔަކު އަބަދުވެސް އަޅުކަންކަމުގައި ޝާމިލްވެފައިވާ އެމިސްކިތްތެރޭގެ ބޮޑުމިން ރާއްޖޭގެ ރަށަކާއި އަޅާބަލާއިރު އެތައް ގުނައެއް ބޮޑުވާނެކަން ޔަޤީނެވެ. އެތައް ބަޔެއްގެ ތެރެއިން ހިނގާފައިގޮސް އެތެރެއަށް ވަނުމުން ކަޢުބަތުﷲ ގެފުޅު ފެނުނެވެ. ހިތައް ކުރުވި އަސަރުން އަމިއްލަ އިޚްތިޔާރަކާއިނުލާ ޙިބާގެ ދެލޮލުން ކަރުނަ އައެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ﷲ އޭނާއަށް އެކަން މިންވަރު ކުރެއްވީތީ ވެވުނު އުފަލެވެ. ﷲ ގެ ޙާއްސަ އަޅުން ތެރޭގައި އޭނާ ހިމެނޭކަން އިހްސާސްވުމުން ވެވުނު އުފަލެވެ. އަދި އެފަދަ ބޮޑު ނިޢުމަތެއް އޭނާއަށް މިންވަރު ކުރެއްވީ އޭނާގެ އަލަތު ފިރިމީހާޔާއިއެކު ކަމައްވާތީ އެ އުފާ އެތައް ގުނައެއް ހާއްސަ ވެގެން ދިޔައެވެ. މާހިލްގެ ދެލޯ ފުސްވެގެން ކަރުނަ ނިކުތީ ޙިބާ ރޯތަން ފެނުމުންނެވެ. ޙިބާގެ ހިތުގެ ތެޅުމާއި، ޙިބާގެ އިހްސާސްތައް އޭނާއަށްވެސް ކުރެވުނު ފަދައެވެ. އަދި ޙިބާއަށް އެފަދަ އުފަލެއް ލިބެން މެދުވެރިއަކަށް އޭނާވީތީ އެހިތައް އުފާވެރިކަންލިބި ﷲއަށް ޙަމްދު ކޮށްލިއެވެ.
ކޮންފަދަ ލޯތްބެއް ހެއްޔެވެ. ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ ދެމީހުން މިއަދު އެތިބީ ﷲ މި ބިންމަތީ އެންމެ ޙާއްސަ ކުރައްވާފައިވާ ބިމުގެ އެންމެ ޙާއްސަ ގެ ކޮޅުގެ ކުރިމަތީ އެކަލާނގެ އަށް އަޅުކަން ކުރާށެވެ. ދެމީހުންގެ ލޮލުގައި ކަރުނަވަނީ އެކަކު އަނެކަކާއިއެކު އެ ޙާއްސަ މަންޒިލްގައިވީތީ ލިބުނު އުފަލުގެ އަސަރެއްގެ ގޮތުންނެވެ. އެއީ ދުނިމަތީގައި ދެމަފިރިއަކަށް ލިބޭނެ އެންމެ މަތީ ދަރަޖައިގެ އުފާ ނޫން ހެއްޔެވެ؟ ދެމީހުންގެ އުފާވެރިކަމުގެ މަންޒަރުން ހަނދުމަ ކޮށްދެނީ ސުވަރުގެ މަތިންނެވެ. ދެމަފިރިން އެކީގައި ސުވަރުގެއިން ބައްދަލުވާނެ ބައްދަލުވުމެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެމީހުންނައްލިބޭނެ ވަގުތު ވާނީ ޔަޤީނުންވެސް ހާސިލް ކުރަން އިންސާނަކު ބޭނުންވާނެ ހުރިހާކަމެއް ހާސިލްވުންފަދައިންނެވެ. ނުވަތަ އެއަށްވުރެވެސް ފުން، އަސަރުގަދަ އިހްސާސްތަކެއް ކުރެވޭނެ ކަންޔަޤީނެވެ.
**ނުނިމޭ**
16 Comments!
Comments are closed.
Wow.varah reethi..masha allah
Jazaakillah. ? ❤
Varah reethi vaahakaeh…
Me First dho
Jazaakallah. Nop. mifaharu u r second. ?
ވަރަަށް ލޯބި މި ބައިވެސް. މާޝާﷲ. ވަރަށް އުފާވޭ އިސްލާމްދީނުގެ ސުންނަތްތަކުގެ ވާހަކަތައް ޑީޓެއިލްކޮށް ގެނެސްދޭތީ! މާތްﷲ ތިބާއަށް އަބަދުވެސް ހެޔޮކަން މިންވަރު ކުރައްވާށި! އާމީން.
Allah thibaa ahves heyo rahmai lahvaashi. ?☺❤❤
Faathi and Jana ge masakkathuga Allah Swt barakai lavvaashi.. Ameen..
Varah ufaavey mikahala dheenee vaaahaka thah genesdheytheeve.. keep up the good work sis.. may allah swt bless
Aameen. ?❤❤❤ May Allah Swt bless u too..
Ad lives mi story hama habeys masha Allah
Waiting for next part
Jazaakallah 🙂
This is an admirable story???..with less evil acts in the story
??
Jazaakallah 🙂
e photo ga e iny humaa dhn maahil aai hiba dho
Yes. ehen visnaigen photo editkohfa einy. 🙂 jazaakillah
When is next??..cant wait…
Where is nxt part