ނުނިޔަތް
ދުނިޔޭގައި ފާޑުފާޑުގެ މީހުން އުޅޭނެ ވާހަކަ އަބަދުވެސް އަޑުއަހަމެވެ. އެކިމީހުންގެ މިޒާޖާއި ވިސްނުންވެސް ތަފާތުވާނެކަން ދަންނަމެވެ. އެކަން ހިތުގެ އަޑިން ގަބޫލުވެސް ކުރަމެވެ. އަދި އެކިމީހުންނަށް އެކި ކަހަލަ ބުރަތަކާއި އުނދަގޫތަކާއެކު ތަފާތު ކަންތައްތައް ދިމާވާނެކަންވެސް ދެނަހުރީމެވެ. އެހެނަސް ޙަޔާތުގައި ދުވަހަކުވެސް އެފަދަ ބިރުވެރި، ހަޑި މުޑުދާރު، ވިޔާނުދާ ކަމަކާ ކުރިމަތިލާން ޖެހިދާނެއެކޭ ހިޔެއް ނުކުރަމެވެ. އާބާދީމަދު، ކުށްކުރުން މަދު ވެއްޓެއްގައި އޭރު އުޅެން ލިބުނީތީކަމަށްވެސް ވެދާނެއެވެ. އެހެނަސް އެދުވަސް އައުމުން އެކަމާވެސް ކުރިމަތިލީމެވެ. އޭރު އަހަރެން އުޅެނީ މާލޭގައެވެ. މުހިންމު ކޮންމެ ބޭނުމަކަށް ނާހިސްނުވާ، “ބްލަޑީ ސިޓީ” މާލޭގައެވެ. އަހަރެންގެ ވާހަކަ ފަށާނީ މާލެ ފައިބާ ކިޔަވަންހުރި 2010 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުމުގެ މެދެއްކަންހާ ހިސާބުންނެވެ. މިއީ ކިޔަވަން މާލެ ފައިބާހުރި އަހަރެންގެ އެކުވެރިއެއްގެ ދިރިއުޅުމުގައި ދިމާވެފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ސްކޫލްތަކުގެ ނަންތަކަކީ ހަޤީޤީ ހާދިސާއާ ގުޅުންހުރި ނަންތަކެއް ނޫނެވެ. އެހެން ހުރިހާ ކަމެއް މިގެނެސްދެނީ ހަމަ ކަންހިނގިމަގުން ހަޤީޤަތާ އެއްގޮތަށެވެ.
2010 ވަނަ އަހަރު ކިޔަވަން އައިސް މާލޭގައި ހުއްޓޭ ބުންޏަސް އެއީ އަހަރެންގެ މަދަރުސީ ދައުރުގެ ކިޔެވުމެއް ނޫނެވެ. މަދަރުސީ ދައުރު ނިމި، ވަޒީފާއެއްގައި ދެ އަހަރަށްވުރެ ގިނަ ދުވަހު އުޅުމަށްފަހު އަހަރެން އައިސް ހުރީ މަތީ ތަޢުލީމު ޙާސިލް ކުރުމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ލިބުނު މުދައްރިސްކަމުގެ ޑިޕްލޮމަރ ކޯހުގައި އަހަރެން ކިޔަވަމުން ދިޔައީ ނުލާހިކު އެކުވެރި މާޙައުލެއްގައެވެ. ކުލާހުގައި ޢިލްމާއި ޙިލްމުގެ ގޮތުން ތަޖުރިބާހުރި މީހުން ތިބިކަމުން، އެކަމުގެ ފައިދާވެސް ނުލާހިކު ބޮޑަށް ލިބެމުން ދިޔައެވެ. އެމީހުންގެ އެކުވެރިކަމުގެ އިތުރުން ދުވަސްވީވީހެން ފެކަލްޓީގެ ތެރެއިން އެހެން ކުދިންނާވެސް އެކުވެރިކަން ބަދަހިވެ މުޅިން އާ ރަޙުމަތްތެރިންތަކެއް ލިބެމުން ދިޔައެވެ. ތަފާތު އެކި އެކި މިޒާޖުގެ ކުދިންނާ ދިމާވެ ތަފާތު އެކިއެކި ގޮންޖެހުންތަކާ، ތަޖުރިބާތައް ކުރަން ޖެހުނެވެ. އެހެނަސް، ހިތް ބިރުގަނެ، ހައިރާންވެ އަންތަރީސް ކުރުވުމާއެކު ފަކުރުގަތް އެ ވިޔާނުދާ ހާދިސާއާ ކުރިމަތިވީ ޔުނިވަރސިޓީ މާހައުލުން ބޭރުގައެވެ.
މުދައްރިސްކަމުގެ ކޯހެއްގެ އެންމެ މުޙިންމު ބަޔަކީ ޢަމަލީ ތަޖުރިބާއެވެ. ޢަމަލީ ތަޖުރިބާ ނުވަތަ ޓީޗިން ޕްރެކްޓިކަމްއަށް (ޓީޕީ) ދާން ޖެހުމުން ކޮންމެ ކުއްޖެއްގެ ހިތުގައިވެސް ނުތަނަސްކަމާއި ހާސްކަން އުފެދޭނެއެވެ. އަހަންނަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ދާން ޖެހޭނީ ކޮންފަދަ ސުކޫލަކަށް ބާއޭ ހިތަށް އެރިއެވެ. ކުރިމަތިލާން ޖެހޭނީ ކޮންކަހަލަ މިޒާޖެއްގެ، ކޮންފަދަ ކުދިންތަކަކާ ބާއޭ ހިތަށް އަރާ ޖެހިލުންވެސް ވިއެވެ. ދަރިވަރުން ހަންމަތަ ނުވެ، ކިޔަވައިދޭން އުޅޭ އެއްޗެއް ކިޔަވައި ނުދެވި، “ފެއިލް” ވެދާނެތީ ހާސްވިއެވެ. އެހެނަސް ހިތް ހަމަ ޖައްސާލީ އެއީ ބޭކާރު ގޮތުގައި ވިސްނޭ ވިސްނުންތަކެއްކަން އަމިއްލަ ހިތަށް ބުނެދެމުންނެވެ. ކޮންމެ މިޒާޖެއްގެ ކޮންމެ ދަރިވަރަކަށްމެ ޢިލްމު އުނގަންނައި ދިނުމުގެ ޤާބިލްކަން ހުރެގެން ނޫނީ މުދައްރިސަކަށް ނުވެވޭނެކަމާއި، އަބަދުވެސް “ވާނެޔޭ، ކުރާނަމޭ” ބުނާ އަމިއްލަ “މޮޓޯ” އިން ހިތްވަރު ލިބިގަންނަމުންނެވެ.
ފުރަތަމަ “ޓީޕީ” ގެ ތިން ހަފްތާ ހޭދަ ކޮށްލަން ޖެހުނީ “ނަން މަޝްހޫރު” ސްކޫލެއްގައެވެ. ފުރަތަމަ ފަހަރަށް ކުރި ތަޖުރިބާ ދިޔައީ ހީވެސް ނުކުރާހާ ރަނގަޅުކޮންނެވެ. އަހަރެން އުންމީދު ކުރިހާ ފުރިހަމަކޮށް، ތަންކޮޅެއް “ލާނަތްވަރުގެ” ކުދިންވެސް ބައިވެރިކޮށްގެން، ކާމިޔާބު ފިލާވަޅުތަކެއް ކުރިއަށް ގެންދެވުނެވެ.
ފުރަތަމަ ސެމިސްޓަރގެ އެ ތަޖުރިބާއާއެކުގައި، ދެވަނަ “ޓީޕީ” އަށް ދާން ޖެހުނު އިރު އަހަރެންނަށް އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެއްޖެއެވެ. ކިޔަވައިދޭން ދާންޖެހުނު ސްކޫލަށް ރަސްމީކޮށް ނުކުމެ މަސައްކަތް ފަށައިގަތީ ނުހަނު ފޯރިއާއި ޖޯޝާއެކުގައެވެ. ދުނިޔޭގަ ކަން ހިނގާ އާނމު އުސޫލުގެ މަތިން، ފުރަތަމަ ދުވަސްކޮޅު ދަރިވަރުންނާއި، ތަނުގެ މުވައްޒަފުން ފެނުނީ ތަންކޮޅެއް ބީރަށްޓެހިކޮށެވެ. އެހެނަސް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ، އެ ބީރަށްޓެހިކަމާއި ދުރުކަން ކަފުންކޮށް، ގާތް ބަދަހި އެކުވެރިކަމުގެ ގުޅުމަކުން ގުޅުވައިދެމުންނެވެ. އާ މާޙައުލަކުން އާ ރައްޓެހިންތަކެއް ހޯދައިދެމުންނެވެ. މާޙައުލަށްވެސް ހޭނެމުންނެވެ.
ސްކޫލް ސްޓާފް ރޫމް ހުންނަނީ ތިންބުރި އިމާރާތުގެ ދެވަނަ ބައިގައެވެ. އަހަރެން ކިޔަވައިދޭންދާ ދެ ކުލާސްވެސް ހުންނަނީ ތިންވަނަ ބުރީގައެވެ. އާދައިގެމަތިން، އެއްދުވަހެއްގެ ކިޔަވައިދިނުން ނިންމާލުމަށްފަހު ރަސްމީ ގަޑި ނުނިމޭތީއާއެކު، ސްޓާފްރޫމުން ބޭރަށް ނުކުމެ، ހުސްބައިގައިވާ މޭޒުކައިރީގައި ޖައްސާލީމެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިތަނުން، ސަލާމް ގޮވާލައި ސަލާމަށް އަތް ދިއްކޮށްލުމުން ބަލާލިއިރު އެހާ ދެކެ ފަރިތަ މޫނެއް ނޫނެވެ. އެހެން ވެދާނެތާއެވެ. ދެސެޝަންއަށް ކިޔަވައިދޭތީއާއެކު، އަހަރެން ބޮޑަށް ދެކެ ފަރިތަ ބަޔަކަށް ވެފައިވަނީ ހެނދުނު ސެޝަންގެ މުދައްރިސުންނެވެ. ޚާއްސަކޮށް ސާނަވީ ގްރޭޑްތަކަށް ހިސާބު ކިޔަވައިދޭ މުދައްރިސުންނެވެ. އެހެނަސް އެމީހާގެ މޫނުގައިވާ ނަލަ ހިނިތުންވުމުން އެއީ ހިތްހެޔޮ މިތުރެއްކަމަށް ހިތާހިތުން ނިންމީމެވެ. ސަލާމް ބަލައިގަތުމުން ވަގުތުން ގޮޑީގައި އިށީންދެ ވާހަކަ ދައްކަން ފެށިއެވެ.
އޭނަގެ ވާހަކަތަކުން އެނގުނީ އޭނައަކީ ދަށް ގްރޭޑްތަކަށް އިސްލާމް ކިޔަވައިދޭ ހަމަ އެސްކޫލްގެ މުދައްރިސެއްކަމެވެ. ސްޓާފްރޫމުން ފެންނަ މޫނަކަށް ނުވަނީ ކީއްވެތޯ ސުވާލު އުފެދުނެވެ. އެހެނަސް އެސުވާލުނުކުރެވިގެން އުޅެނިކޮށް ޖަވާބު ލިބުނެވެ. ޑިގްރީ ކޯހުގައި އުޅޭތީވެ، ސްކޫލަށް އަންނަނީ ހަމައެކަނި ނަގައިދޭން ޖެހޭ ގަޑިތަކަށްކަމުގައި އޭނާ ބުނެދިނެވެ.
އެދުވަހަށްފަހުގައި އަހަންނާއި އޭނަޔާ ދެމެދުގައި ޚާއްސަ ގާތްކަމެއް އުފެދުނެވެ. އަހަންނަކީ އަބަދުވެސް ހެޔޮކޮށްހިތާ ގާތްކޮށް އުޅޭ މީހުނަށް ގާތްކޮށް ކަންކުރެވޭތޯ ބަލާ މީހަކަށް ވީތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ އަކަސް އަހަރެންގެ ކޯހުގެ އެސައިމަންޓްތައް ހެދުމާއި އަދި ޓީޕީ ގެ ކިޔަވައިދިނުމުގައިވެސް އޭނަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދިޔައެވެ. އޭގެ އިތުރުން ބައެއް ފަހަރު އޭނަގެ ސައިކަލްގައި ގެއާ ހިސާބަށްވެސް ގެނެސްދެއެވެ. އަމިއްލައަށް ތަކުރާރުކޮށް އެދޭތީވެ، ބްރޭކް ގަޑިތަކުގައި އޭނަގެ ޚަރަދުގައި ސައިބޯން އަދި ކާން ދިއުންވެސް ދިޔައީ އާދަވަމުންނެވެ.
ދުވަހުން ދުވަހަށް ގާތްކަމާއި އެކުވެރިކަން ވަރުގަދަވެ އިތުރަށް ބަދަހިވަމުން ދިޔައެވެ. އޭނަގެ ރަނގަޅުކަމަށް އަހަރެންގެ ހިތުގެ ފުންމިނުން ތަޢުރީފުވެސް ކުރެވެމުން ދިޔައެވެ. ބައެއް ފަހަރު ބޭބެއެއްހާ ގާތްކޮށްވެސް ދެކެވެއެވެ. އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން އިނދެ، ނަޞޭޙަތްދޭ ގޮތުންނެވެ. ބުރަކަށީގައި ފިރުމާލާތީއެވެ.
އޭނަ އަހަންނަށް އެންމެ ގިނައިންދޭ އެއް ނަޞޭޙަތަކީ އަންހެނުންގެ ކެހިވެރި މަކަރާ ޙީލަތުގެ މަޅީގައި ނުޖެހުމަށް ބުނެ ދޭ ނަޞޭޙަތެވެ. ދުނިޔޭގައި އުޅެވި ލައްކަ ތަޖުރިބާ ލިބިފައިވާ މީހެއްގެ ދުލުން އަހަންނަށް ބަޔާންކޮށްދެމުން ދިޔައީ އަންހެނުން ވަފާތެރިނުވާނެ ކަމަށެވެ. އެމީހުން އަބަދުވެސް ދަހިވެތިވާނީ ފައިސާއަށް ކަމުގައެވެ. ނޫނީ ރީތި ކަމަށް ކަމުގައެވެ. އެހެނަސް އަންހެނުންނަކީ ވަޔާ، އޮޔާ މޫސުން ބަދަލުވާހެން ބަދަލުވާބައެއް ކަމަށްވުމުން، އެކިފަހަރު ރީތިވާނީ އެކި މީހުން ކަމަށާއި، ފޫހިވެ ދޫކޮށްލާނީ އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި ކަމަށް ވިސްނައިދިނެވެ.
އޭނަގެ އެވާހަކަތައްވީ އަހަންނަށް ގަބޫލުކުރަން ފަސޭހަ ވާހަކަތަކަށެވެ. ދިރިއުޅުމުގައި މާޒީގައި ދިމާވެފައިވާ ހިތްދަތި ގޮތްތަކުންނެވެ. އިންތިހާއަށް ލޯބިވެވި، އެކުގައި އުޅެން ލިބުނު ލޯބިވާ ބައިވެރިޔާ އަހަންނަށް ބޭވަފާތެރިވި ގޮތުންނެވެ. ކެހިދީ ލަނޑުދިންގޮތުންނެވެ. އެހިތި އަސަރާއި، ރިހުން ހިތުގައި ހިނގަމުންދާތީއެވެ. ހިތުގައި އެއެޅުނު ޅިޔަތަކުގެ ޒަހަމްތައް ފަސޭހަވެސް ނުވަނިސް އަހަރެންގެ އާ ރަޙުމަތްތެރިޔާ އަހަންނަށްދޭންފެށި ނަޞޭޙަތްތަކުން ހަމަ ރަނގަޅަށްވެސް އަންހެނުންމަތިން އަހަރެން ދިޔައީ ފޫހިވަމުންނެވެ. އަންހެން ކުއްޖަކަށް ދުވަހަކުވެސް އިތުބާރު ނުކުރެވޭނެ މިންވަރަށެވެ.
ދުވަސްތައް މާޒީއާއެކުވަމުންގޮސް ޓީޕީ ނިމި އަނެއްކާވެސް ޔުނިވަރސިޓީއަށް ކިޔަވަންދާން ފެށީމެވެ. އާ ރަޙުމަތްތެރިޔާއާ ބައްދަލުވާ މިންވަރު މަދުވިއެވެ. އެހެނަސް އަހަރެމެންގެ ރަޙުމަތްތެރިކަމަށް ބަދަލު ނާންނާނެކަމުގެ އިތުބާރުވަނީ ލިބިފައެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ފަސްޖެހުމެއްނެތި އެދުމަށް އޭނަ އޮތީ ބުނެފައެވެ.
މާކަ ގިނަ ދުވަސްތަކެއްނުވެ އަހަންނަށް ވަރަށް ބޮޑަށް ދަތިވެއްޖެއެވެ. ޚަރަދުތައް ތަންކޮޅެއް ބޮޑު ކޮށްލެވުމުން ފައިސާގެ ދަތިކަން ކުރިމަތިވީއެވެ. މަންމަމެންގެ ކައިރީގައިވެސް އިތުރަށް ރުފިޔާ ފޮނުވަން ބުނާކަށް ނުކެރުނެވެ. ނަތީޖާއަކަށްވީ ދަތިގޮތަކަށް ކަންތައްތައް ހަމަޖައްސަން ޖެހުމެވެ. މިފަދަ ގޮތަކަށް އުޅެމުން ދަނިކޮށް އަހަރެންގެ އެކުވެރިޔާ ގުޅާލައިފިއެވެ. ކޮފީއަކަށް އައުމަށް ދައުވަތު ދިނެވެ.
އޭނަގެ އެދުމުގެ މަތިން އަހަރެން ދިޔައީ އައި.ޖީ.އެމް ހޮސްޕިޓަލްގެ ހޮޓަލަށެވެ. ގޯތިތެރޭގައިވާ މޭޒެއްގެ ކައިރީގައި އެ ހިތްހެޔޮ ހިނިތުންވުމުގައި އޭނަ އަހަންނަށް މަރުޙަބާ ކިޔުމަށް އިނެވެ. އަހަރެންގޮސް އިށީންނުމާއެކު ވެއިޓަރ އަކަށް ގޮވާގެނެސް ކޮފީއެއް ގެނެސް ދިނުމަށް އެދުނެވެ. އެއަށްފަހު އާދައިގެ މަތިން އެކިއެކި ވާހަކަތައް ދައްކަން ފެށުނެވެ.
“ކޮބާ ކަންތައްތައް ކިހިނެއްތަ؟ ” ހާލު އަހާލުމުން އަހަންނަށް އިސްދަށަށް ޖަހާލެވުނެވެ. އަހަރެންނަށް އައިބަދަލުން އޭނަ އިތުރަށް އަހާ އޮޅުންފިލުވަން ފެށިއެވެ. ގާތް އެކުވެރިއަކަށް ވީތީ، އަހަންނަށް ފައިސާ ދަތިވެފައިވާ މިންވަރު ބުނެދިނީމެވެ. އެއާއެކު އޭނަގެ ފަރާތުން ފެނުނީ އަހަރެން ހީނުކުރާ ކަހަލަ އަމަލެކެވެ. ވޮލެޓް ނަގާ ހުޅުވާލަމުން އަހަންނަށް ދިއްކޮށްލާފައި “ބޭނުންވަރެއް ނަގާށޭ” ބުނެލީ ހިނިތުންވުމުގައި ވަރަށް ހަމަޖެހިގެން ހުރެއެވެ. އަހަރެން އެކަމަށް އިންކާރު ކުރީމެވެ. އެފަދަ ގޮތަކަށް ފައިސާގައި ހިފަން ލަދުވެތިވާތީއެވެ. އެންމެފަހުން އޭނަގެ އަތުން ފަސްސަތޭކަ ރުފިޔާގެ ގަނޑެއް ނަގައި އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން ލަދުވެތިކަމާއެކުގައިވެސް ހިނިތުން ވެލަމުން އޭގައި ހިފީމެވެ. ޝުކުރު އަދާކުރީމެވެ.
ދެން އަނެއްކާވެސް އޭނާ މައުޟޫ ބަދަލުކޮށްލިއެވެ. މިހާރު “ބިޓެއް” ހުރޭތޯއާއި ކުއްޖަކާ ރައްޓެހިވެގެން އުޅޭތޯ އެހިއެވެ. އަހަރެން ފަރުވާ ކުޑަ ގޮތަކަށް ނޫނެކޭ ބުނީމެވެ. އެއާއެކު ދެން އޭނަ ބުނި ޖުމްލައިން ފުރަތަމަ ފަހަރަށް އަހަންނަށް ނުބައި މާނައެއް ނެގުނެވެ.
” ކީއްކުރަން ހޯދަނީ.. އަންހެނުންނަކީ ވަރަށް ** ބައެއް. މަމިހުރީނު ” މިފަހަރު އަހަންނަށް އޭނަގެ ހިނިތުންވުންވެސް ކަމަކު ނުދިޔައެވެ. ނޭނގޭ ބިރެއް ހިތުގައި އުފައްދާލިއެވެ. ދެން އެއަށްފަހު އޭނަ ވަރަށް ފާޅުކަން ބޮޑުކޮށް، މާނަ އެނގޭނެހެން ދައްކަމުން ދިޔަ ވާހަކަތަކަކީ އަހަރެންގެ ބިރުވެރިކަން އިތުރު ކުރުވި ވާހަކަތަކެކެވެ. ލޯބިވެ، ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖަކާވެސް އަހަރެން ދުވަހަކުވެސް ނުދައްކާނެ ފަދަ ވާހަކަތަކެކެވެ. އަހަންނަށް އެވެނި މިވެނި ކަމެއް ކޮށްދީފާނަމޭ، ވަރަށް މޮޅުވާނެއޭ، ވަރަށް ހިތްގައިމުވާނެޔޭ ބުނެ އޭނަ އެފަދަ ހުތުރު ވާހަކަތަކެއް ދައްކަމުން ދިޔައިރު އެއީ ފިރިހެނެއްކަންވެސް އަދި އަހަންނަނީވެސް ފުރާވަރު އުމުރު ފަހަނަ އަޅާދާން ތައްޔާރުވެފައިހުރި ޒުވާން ފިރިހެނެއްކަން އޭނަ ކުޑަކޮށްވެސް ހަނދާން ނެތީބާއޭ ހިތުގައި ތަކުރާރުކޮށް ސުވާލު އުފެދުނެވެ. އެއްޗެއް ނުބުނެ އުނދަގުލުން ހިނިތުންވެލަމުން މަޑުން އިނަސް އަހަރެން އިނީ ބިރުގަނެފައެވެ. ފަކުރުގަނެ، ލަދުވެތިކަން އިންތިހާއަށް އިޙުސާސްވެފައެވެ.
މިފަދަ މީހުން އުޅޭ ވާހަކަ މީގެކުރިން އަހަރެން އަޑު އަހަނީއެވެ. އިސްލާމީ ގައުމެއްގައި ޚާއްސަކޮށް ދިވެހިރާއްޖޭގައި މިފަދަ ހުތުރުކަން ބޮޑު މީހުން އުޅެދާނެއެކޭ ހިއެއް ނުކުރަމެވެ. އެންމެ ފުރަތަމަ ދުވަހުންފެށިގެން އޭނަ ދެއްކި ހިތްހެޔޮ ހިނިތުންވުމާއި، ދައްކަމުން ދިޔަ ވާހަކަތަކުގެ މޮޅު ރޭވުންތެރިކަން އަހަރެންގެ ސިކުނޑީގައި އެނބުރިގަތެވެ.އަތުގައި ހިފާ ބުރަކަށީގައި ފިރުމި ނުބައި ބޭނުމާއި، ދެންމެ ދިއްކޮށްލި ފަސްސަތޭކައިގެ ރަތްނޫޓުގެ މަޤުޞަދު ހިތަށް ނަގައިގަނެވުނެވެ. މީހެއްގެ ގޮތެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ހިތްހެޔޮކަމުން ގޯސް މާނައެއް ނަގަން އެނގޭނެ ހެއްޔެވެ؟ އޭނަގެ ވާހަކަތަކުގައި އަހަރެން އެއްބައިވީ އަހަރެން އެފަދަ މީހަކަށް ވީތީއެއް ނޫނެވެ. އަންހެނުންގެ ގޯސް ވާހަކަތަކަށް ތާޢީދުކުރީ ދިރިއުޅުމުގައި ދިމާވެފައިވާ ގޮތުންނެވެ. އެއް ޖިންސުގެ މީހުންނަށް އެފަދަ ގޮތަކަށް ޝައުޤުވެރިވާތީއެއް ނޫނެވެ. އަހަންނަކީ “ގޭ” އެއް ނޫނެވެ. އެހެނަސް އޭނަ އަހަންނަށް ނުނިޔަތެއް ލައިފިއެވެ. މިކުރިމަތިވީ ކޮންފަދަ ހުތުރުކަން ބޮޑު މުޞީބާތަކާ ހެއްޔެވެ؟ އަހަރެންގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ.
މާކަ ގިނަ އިރުތަކެއް ނުވެ އޭނަ ފޯން ކޯލް އެއްގައިހުރެ ދާން ތެދުވިއެވެ. އަހަރެން ހުރީ އަވަހަށް ގެއަށްދާން ބޭނުންވެފައެވެ. މިމީހާ ދެން ދުވަހަކުވެސް ނުދެކެން އަޒުމު ކަނޑައަޅައިގެނެވެ. އޭނަގެ އަތްދަށުނުވެ ސަލާމަތްވާން ބޭނުންވެފައެވެ. އަހަރެން އިންކާރުގެ ބަހެއް ނުބުނެ ހިނިތުންވެލަމުން އޭނަގެ ވާހަކަތައް އަޑުއެހީތީ އަދިވެސް އެނުނިޔަތް ފިލާނުދާކަން ކަށަވަރުވެއެވެ.
އޭނަގޮސް ސައިކަލަށް އެރުމުން އަހަރެން ގެއަށް ދަނީއޭ ބުނެލީމެވެ. އެހެނަސް އޭނަ އެދުނީ ސައިކަލް ފަހަތަށް އެރުމަށެވެ. ގެއަށް ގެންގޮސްދޭނަމޭ ބުނަމުންނެވެ. އިންކާރު ކުރަން ނުކެރި އަހަރެން ސައިކަލް ފަހަތަށް އެރީ ދެރަގޮތެއް މިންވަރު ނުކުރެއްވުންއެދި ދުޢާ ކުރާ ހާލުގައެވެ. ސައިކަލް ދުއްވާލުމާއެކު އޭނަގެ އެހެން އެކުވެރިއެއް ސައިކަލްގައި އައިސް ވާހަކަ ދައްކަމުން އެއްވަރަށް ދުއްވަން ފެށިއެވެ. އެހާ ހިސާބުންވެސް އަހަރެންގެ ހިތް އިތުރަށް ބިރުގަނެއްޖެއެވެ. ހާސްވެ ދާހިތްލަން ފެށިއެވެ. އިރުއިރުކޮޅުން މޫނު ފޮހެލަން ޖެހެއެވެ. އަހަރެން އިނީ ސައިކަލްގެ ފަހަތަށް އަރަން އިންކާރު ނުކުރެވުނީތީވެސް އަމިއްލަ ނަފުސަށް ލަދު ހީވެފައެވެ. ކެރެންވީ ވަގުތުގައި ފިޑިވެވުނީތީ އިންތިޙާއަށް ދެރަވެސް ވިއެވެ.
އޭނަގެ ނުބައި ވަކިތަކެއްގައި އަހަރެން ބެދެން އުޅޭކަމުގެ އިޙުސާސް އިތުރަށް ކުރެވުނީ އަހަރެން ބުނެދިން ގޮތާ ޚިލާފަށް އަހަރެން އުޅޭ ގެ އިން މަގު ފަސްދީ ކުރިއަށް ދިއުމުންނެވެ. ސުވާލުކުރުމުން ބުނެލީ ކުޑަކޮށް ދުއްވާލާފައި ގެއަށް ދާނީކަމަށެވެ. އެހިނދުދެން ސަލާމަތް ނުވާނެކަމަށް ހިތާހިތުން ނިންމީމެވެ. މާޔޫސްވެ ކަރުއެލުވާލަމުން ލޯމަރާލެވުނެވެ.
އެހެނަސް، ހެއްދެވި އިލާޙުގެ ކުޅަދުންވަންތަ ކަމާއެވެ. ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ތެމެން ފެށުމުން ސައިކަލް މަގުގެ އެއްކައިރިއަށް މަޑުކުރުމަށް އޭނައަށް މަޖުބޫރުވިއެވެ. ގެއެއްގެ އަސްކަންޏެއްގެ ހިޔާ ހޯދީމެވެ. އެހިނދު އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތުމުން އޭނަގެ ސުވާލު އަމާޒުވިއެވެ. ކުރިންވެސް ހިތުގައި ރާވާލި ފަދައިން، “ވާރޭ ވެހެން ފެށުމުން ދެން ނުދުއްވޭނެ ނޫންހޭ، ގެ ކައިރީގައި ހުރީތީ ދެން ގެއަށް މިދަނީއޭ” ބުނެ ހިނިތުންވެ ކުރިއަށް ހިނގައިގަތީމެވެ. ގެއަށް ދިޔަ މަގުމަތީގައި އަހަރެން ﷲ ހާސްފަށުން ޝުކުރުވެރިވީމެވެ.
އެހެނަސް މިހާރުވެސް އެންމެ ގާތް އެކުވެރިންނަށްވެސް އިތުބާރު ކުރަން އަހަންނަށް އުނދަގޫވެއެވެ. އެމީހުންގެ ކޮންމެ ކޮންމެ ވާހަކައެއްގައި، ކޮންމެ ކޮންމެ މަޖަލެއްގައި ބައިވެރިވާކަށް ނުކެރެއެވެ. ޖެހިލުންވާތީއެވެ. ކޮންމެ ކޮންމެ ވާހަކައެއް އަދި ހިތުގެ އިޙުސާސްތަކާއި، ޝުޢޫރުތައް އަނެކުންނާ ހިއްސާކުރަން ވަރަށް ދަތިއެވެ. އަނެއްކާވެސް “ނުބައި ނިޔަތެއްގައި” އުޅޭ މީހަކު، އަހަރެންވެސް މިއީ “އެފަދަ” މީހެކޭ ހީކޮށް އަހަންނާމެދުގައި ނުނިޔަތެއް ލާފާނެތީއެވެ. އަހަރެން އެދުވަހުގެ ފަހުން އޭނަ ގުޅިޔަސް ޖަވާބެއް ނުދެމެވެ. ފަހަކުން ނުވެސް ގުޅައެވެ. އެހެނަސް އެނަންބަރު “ޑިލީޓް” އެއްވެސް ނުކުރަމެވެ. އޮޅިގެންވެސް ޖަވާބު ދެވިދާނެތީއެވެ.
– ނިމުނީ –
ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ) / ފިނިހިޔާ، އދ.ކުނބުރުދޫ
8 Comments!
Comments are closed.
w reethi mi storyyy … it is difficult to believe that their r such people in maldives . OMG
nice once Mohamed Sushaantey 😀
v salhi mi vvahaka… uhmeedh kuran shaaheen ge ithuru vvaahakathah fehnaane kamah
Lol.. Nuniyai dhen thi bunani anhenun nah aniya kuraa firiheneh ulhey vaahaka eh liyefi nama vaahaka Liya liyun theri aki ekahala meehekey.. Nooni hashi vihkaa meehaku story ga ulhenya liyun theriya aki hashi vihkaa meehekey tha.. 😛
thyna ah bodah ingeyny dhe haadha gotheh neh myheka thy
In shaa allah
Is it real:$:$:$
V reethi…