Skip to content
އެސްފިޔަ

ޖުވާ ކުޅުމާއި އެސް.އެމް.އެސް އިން ނަސީބު ވަޒަން ކުރުން.

ކަންކުރާ ގޮތާއި ކަންކުރާ ތަން ތަފާތެވެ. ކުރަނީ އެއްކަމެއް.

“ކޮބާ ކިހެނެއް ކަންތައްތައް” ކޮފީއަށް އައިސް ގޮނޑި ދަމާލާފައި އިށީނުމާއިއެކު ޝިޔާރު އަހާލިއެވެ.
“ކިހިނެއްވާނީ، ވަރަށް ސަކަރާތް، ހަމަ މިދަނީ ދެކޮޅު ނެޖެހިގެން” ސުވާލަކާއި އެކުގައި އަހަރެން ޝިޔާރަށް ޖަވަބު ދިނީމެވެ.
“އާން ތިކަން އޮތީ ތިހެން، ކޮންމެވެސް ގޮތަކުން ލާރިގަނޑެއް ލިބޭނެ ގޮތް ހޯދަންވީ” ޝިޔާރު އަހަރެން ބުނިއެއްޗަކާއި ބައިވެރި ވެލުމުގެ ގޮތުން ބުންޏެވެ.
“އެބައޮތް މޮޅު ގޮތެއް” ޝިޔާރު ކޮންމެވެސް ޚިޔާލެއް އައުމުން ބުންޏެވެ.
“ކޮބާ، އަނެއްކާ ކޮންކަމެއް؟” އަހަރެން އަވަހަށް އަހާލީމެވެ.
“މިހާރު ދިރާގުން ހުޅުވާލާފަ އެބައޮތް އެސް.އެމް.އެސް ނަސީބު ވެރިޔަކު ހޮވުމުގެ ފާޑެއްގެ ކަމެއް. ވަރަށް ގިނަ ފައިސާ އެމީހުން ދޭ ވިން ވާ ފަރާތަކަށް، އެހެންވީމަ އެސް.އެމް.އެސް ކުރަން ފަށަން ވީނުން. ހަމަ ފަހަރުގަ ލައްވާވެސް ލާފާނެ ނުން” ޝިޔާރުގެ ޚިޔާލަށް އައިކަންތައް ހުށަހަޅާލިއެވެ.
“ރަނގަޅު ކަމެއް، އެކަމު ތިއީ ވިސްނާލަންވެސް ޖެހޭ ކަމެއް” އަހަރެން ބޯޖަހާލަމުން ބުނެލީމެވެ.
“މަށަށް ތި އެސް.އެމް.އެސް ކުޅިވަރު ކުޅުމަކީ ޖުވާ ކުޅުންފަދަ ކަމެއް” އަހަރެން އެކަމާއި މެދު ދެކޭގޮތް ހާމަކުރީމެވެ.

މިހާރަކަށް އައިސް އެސް.އެމް.އެސް ނުވަތަ އެމް.އެމް.އެސް މެދުވެރިކޮށްގެން ކުރާ ވިޔަފާރިތައް މިވަނީ ވަރަށް ފުޅާވެފައެވެ. ޚާއްޞަކޮށް މުއާސަލާތީ ޚިދުމަތް ދޭ ފަރާތްތަކުންނާއި އަދި މަލްޓި މީޑިއާ ގެ ފަރާތްތަކުން މިކަމުގައި ބޮޑު ފައިދާއެއް ނަގަމުން ދެއެވެ.
އެގޮތުން ފަހަކަށް އައިސް ޓީވީ ސްޓޭޝަން ތަކުން ގެނެސްދޭ ހަމަ ކޮންމެ ޕްރޮ ގްރާމަކީވެސް މިފަދަ އެސް.އެމް.އެސް އެއްގެ ނަސީބު ވެރިން ހޮވައިގެން ކުރަމުން އަންނަ ވިޔަފާރިތަކެކެވެ. މިކަންކަމުގައި ބައިވެރިންނަކީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކެވެ. އަދި މިކަމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިއަށް ދާ ކަމެކެވެ.

އެކިއެކި ކަންކަމާއި ގުޅިގެން މިފަދަ ކުންފުނި ތަކުން އަގުބޮޑެތި މުދަލާއި އެތައް ފައިސާއެއް މިކަންކަމުގައި ބައިވެރިވެ ނަސީބު ދިމާވާ ފަރާތްތަކަށް ހުށަހަޅައެވެ. އަދި އެފައިސާ ނުވަތަ މުދާ ހޯދުމަށް އެތަކެއް ބަޔަކު އެތަކެއް ރުފިޔާއެއް ހޭދަ ކުރެއެވެ.
ބައެއް ފަރާތްތަކުން މިފަދަ މުދަލާއި ފައިސާ ހޯދުމަށް މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިން ފޯނަށް ފައިސާ ޖަމާކޮށް ހާހުން ގުނާލެވޭވަރަށް އެސް.އެމް.އެސް ކޮށް ހަދައެވެ. އެހެންނަމަވެސް މިހާވަރަށް ހޭދަކޮށްގެންވެސް ނަސީބު ދިމާނުވެ ފެއިލް ވެގެން އެބަދެއެވެ. މިފެއިލް ވެގެން ދާއިރު ތިމާއޮންނަނީ ދަރަނިވެރިވެސް ވެފައެވެ. މިކަމަކީ ވަރަށް ފުންކޮށް ވިސްނާލަން ޖެހިފައިވާ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެކެވެ. އެއީ އެކަމުން ބަޔަކަށް ފައިދާއެއް ލިބުނު ކަމުގައިވިސް އާއްމުކޮށް މީސްތަކުންނަށް ބޮޑު ގެއްލުމެއް ލިބޭކަމެއްކަމުގައި ވާތީއެވެ. ޖުވާ ކުޅުމަށް ޓަކައި މީސްތަކުން އެކަމަށް ހޭދަކުރަނީ އެކަމުން ލިބިދާނެކަމަށް ހީވާ ބޮޑު ފައިދާގަނޑެއްގެ ދަހިވެތި ކަމުގައެވެ. ޖުވާ ކުޅުމަށްވެސް އެއްފަހަރާ މާބޮޑު އެއްޗެއް ހޭދަކުރާކަށް ނުޖެހެއެވެ. ހޭދަ ކުރަނީ ކޮއިންސް އިން ނުވަތަ މަދު އަދަދެއްގެ ކުޑަ ފައިސާ ކޮޅެއް ބޭނުން ކޮށްގެން ޖުވާ ކުޅުމަށް ހަމަޖެހިފައި އިންނަ ޤަވައިދުގެ ދަށުންނެވެ. އެކަމުގައި ކާމިޔާބު ލިބޭ މީހަކަށް ގިނަ އަދަދެއްގެ ފައިސާ ލިބިގެން ދެއެވެ. އެހެންނަމަވެސް ދެން އެކަމުގައި ހޭދަކުރިން އެންމެން ޖެހެނީ ހުސްއަތާއި ދާށެވެ. އަދި ހޭދަކުރިއެއްޗެއްވެސް ނުލިބެއެވެ. މި ކުޅިވަރަކީ ސައިތާނީ ކުޅިވަރެކެވެ. މިކަމުގެ ތެރޭގައި ބޮޑެތި މަކަރާއި ހީލަތް ހެދުމުގެ ސަބަބުން މީސްތަކުންގެ މެދުގައި ބޮޑެތި ތަޅާފޮޅުން ހިނގާ މީހުންގެ ފުރާނަ ގެއްލިގެން ދެއެވެ. އެހެންނަމަވެސް މިކަން މީހުން ކުރަނީ ޝޯޓް ކަޓެއް ނަގާ މުއްސަނދިވުމުގެ ބޭނުމުގައެވެ.

އަޅުގަނޑުގެ ނަޒަރުގައި އެސް.އެމް.އެސް ނުވަތަ އެމް.އެމް.އެސް ވިޔަސް ފޮނުވައިގެން މިކުރެވެނީ ހަމަ މިފަދަ ކަމެކެވެ. އެކިއެކި ކުއިޒް މުބާރާތްތަކުގެ ނަމުގަޔާއި އަދިވެސް އެހެނިހެން ނަންނަމުގައި މިކުރެވެނީ ހަމަ އެއް ކަމެކެވެ. ތަފާތަކީ ކުލަބަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް އެއްމެން ޖަމާވެގެން އެކަން ނުކުރާކަމެވެ. ޒަމާން ތަރައްޤީވެ ދިއުމުގެ ސަބަބުން މިހާރު ދުރުދުރުގައި ތިބެގެން ވެސް އެކަން ކުރެވޭނެ މަގު އޮތީމާ ކޮންމެހެން އެއްމެން އެއްފުރާޅެއްގެ ދަށުގައި އެކަން ކުރަން ނުޖެހެނީއެވެ.

މިސާލެއްގެ ގޮތުން ދަންނަވާލަމެވެ. ހުކުރުދުވަހު ޓީވީއެމް އިން ގެނެސްދޭ ހޭޔާންބޯ ޝޯގައި މިފަދަ ވަރަށް ގިނަ ކަންތައް ތައް ކުރެއެވެ. އެއްމެ 600 ރުފިޔާ އަށް ދޭ ސެންޓް ފުޅިއެއް ނުވަތަ 300 ރުފިޔާ އަށް ލިބޭ ޑީވީޑީ ޕްލޭޔަރ އެއް ހޯދުމަށް ހާހުން ދެހާހުންވެސް މީހުން އެބަ އެސް.އެމް.އެސް އެބަކުރެއެވެ. ޓީވީއެމް އަށް އެ ހުށަހަޅާފައިވާ އެއްޗެއްގެ އެތަށްގުނައެއްގެ ފައިދާ ލިބިގެން ދެއެވެ.

އަޅުގަނޑުމެންގެ އަތްމަތި ދަތި ދުވަސްވަރާއި ތިޔާގިދުވަސްވަރު އަންނާނެއެވެ. އެހެންނަމަވެސް ފައިސާ ހޯދުމުގައި އެފައިސާ ހޯދެނީ ހުއްދަ ގޮތަކުންތޯ ނުވަތަ ހުއްދަ ނޫން ގޮތަކުންތޯ ވިސްނާލުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑު މި ލިއުން މި ހުށަހަޅާލީ ކިއުން ތެރިން މިކަމާއި މެދު ދެކޭގޮތެއް ހޯދާލުމަށެވެ. އަދި މިކަމާއިމެދު ތިޔަބޭފުޅުން އިންޞާފު ކުރެއްވުމަށެވެ. އަޅުގަނޑުގެ ނަޒަރުގައި ކޮންމެ މާނައެއްގައި ކޮންމެ ނަމެއްގައި ކުރިނަމަވެސް ޙަރާމް ކަމެއް ވާނީ ހަމަ ޙަރާމް ކަމަކަށެވެ. އެކަންވާނީ ޔަހޫދީންނަށް ސަރުބީ ހަރާމް ކުރެއްވުމުން ސަރުބީ ބޭނުން ކުރުމުގެ ބަދަލުގައި ސަރުބީއިން ތެޔޮހާނައިގެން ތެޔޮ ބޭނުންކުރުން ކަހަލަ ކަމަކަށެވެ.

Comments (6)

  1. veera

    Haqeyqathugavs Ragalhu vaahakaeh thibuniy veera vs thikamaa ebas haraakameh vaaney haraakamakah
    Milhiun hama best buneveniy

  2. ranveera

    Xim mee vvvragalhu vaahakaeh
    Hageegathakeevesthee meehun beynumee vaguthy ufalehhoadhan vaguthee hiyhama jehumaa ufaa libenyaa heyo konme kameh viyas kuraane neygifa oi hageegathakee eyee varah bodu olhuvaalumehkan ekan kuraabayakah ethah guna faidhaa thakeh vaairu nikamethi rahyyathun ithurah nikamethivaanee

  3. Xim

    Haqeegathakee miadhu alhugan’dumenge therein varah gina bayaku lanka fadha qaumuthakah gos Club thakugaives Juvaa kulhemun dhaakan. Allah nahee kurahvaafaivaa kankan eki eki nannamugai midhanee kuramun.

  4. meeo

    Xim ur right

  5. mystyrious grl

    mi hama thedhu hageegai
    adhi ramazan mahu mikanthah adhi gina vaane
    mee aharemen muslimun varah bodah visnaalan vefa oi kameh

  6. habeys

    ރަނގަޅު ވާހަކައެއް. މުޖުތަމއު އިސްލާހު ކުރުވާކަހަލަ ވާހަކ ގެނެސްދެއްވާ. އުފާވޭ ލޯބީގެ ވާހަކަ ގެނެސްދެއްވިއސް އެކަމަކު އެވާހަކއިން ޖެހޭނެ ހެޔޮކަންކަމަށް މަގު ދެއްކެނެ. ޝުކުރިއްޔާ

Comments are closed.