ހޯދޭތޯ މަންޒިލެއް… 21
ލިޔާ މޭޒު ދޮށުގައި އިން މާއީ މޭޒު މަތީ ބަހައްޓާފައި ހުރި ކަރުދާސް ފޮށްޓެއް ތެރެއިން އަލްބަމްތަކުގެ އިތުރުން އޭނަގެ ޑައިރީ ނެގިއެވެ. މޭޒު މަތީ އަތުރާލެވުނު ތަކެއްޗަށް އޭނަ ބަލަމުން ދިޔަ އިރު މާނަވީ ހިނިތުންވުމެއް ތުންފަތުގައި ކުޅެލަމުން ދިޔަ އެވެ. އޭރު މަތީ ސާނަވީގެ ދުވަސްވަރުގެ ހަނދާންތައް އާވަމުން ދިޔަ އެވެ. އެއީ އޭނަގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރޭން ދުވަސްތަކެވެ. ވިއްސާރަ ބަނަ ވިލާތަކުން އަނދިރިނުކުރަނީސް އެއީ އިރުގެ ދޯދިތަކުން ރަންގުވެފައިވި އުއްމީދީ ދުވަސްތަކެކެވެ. ފޮޓޯތަކާއި އޭނައާއި ނަހީކްއާ ދެމެދު ބަދަލުކުރެވިފައިވި ލޯބީގެ ސިޓީތަކުން މާޒީގެ ދުވަސްތައް އާލާ ވިއެވެ.
*****
ހުކުރު ދުވަހެވެ. މެންދުރަށް ފިހާރަތައް ބަންދުކުރުމުގެ ކުރީން ހިސާބުގަނޑުގައި ހުންނަ ފިހާރައަށް މާއީ ދިޔައީ ތޫގާ ބުނެގެން ޗިޕްސް ދަޅަކާއި ކޯކު ފުޅިއެއް ގަންނާށެވެ. ފިލްމު ބެލުމުގެ ކުރިން އެއީ އަބަދު ވެސް ތޫގާގެ އާދައެކެވެ. ނަމަވެސް ކަންނެތްކަމުން ފިހާރައަށް ދެވޭކަމަކަށް ނުވެއެވެ. ކޮންމެފަހަރަކު ދާން ޖެހެނީ މާއީ އެވެ.
އިރުގެ ރަތްދަކައަވިން ދުނިޔެ ހޫނުކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މަގަށް ނިކުތުމާއެކު ހީވީ ހަންގަނޑު ފިއްސާލި ހެންނެވެ. މާއީ އަވަސްއަވަހަށް ޖެހިލީ މަގުގައި ގަސްތަކުން ހިޔާދީފައި އޮތް ފަޅިއަށެވެ. އަދި ފިހާރައަށް ދާން ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބު ޖެހި އެވެ. އޭރު ޅަފުރައިގެ ކުދިންތަކެއް އިރުގެ ހޫނުގައި ވެސް ބޯޅަކުޅެން މަގުގައި ހަރަކާތްެރިވަމުން ދާތަން ފެނެއެވެ.
ފިހާރައާއި އަރާ ހަމަކުރެވުނު ތަނާ، ފިހާރަ ކުރިމައްޗަށް ހުރި ގޭގެ އިންފާރު ކައިރީގައި ޕިކަޕެއް މަޑުކޮށްލާފައި އޮތްތަން ފެނުނެވެ. ޕިކަޕުގައިވަނީ ހުސް ގޭގައި ގެންގުޅޭ ސާމާނުތަކެވެ. ހީވާ ގޮތުން ގެ ބަދަލުވާން އުޅެނީ އެވެ. ލިބުނު ހައިރާންކަމާއެކު މާއީގެ ސަމާލުކަން އެދިމާއަށް ދެވުނެވެ. ޕިކަޕުގައިވި ސާމާނުތައް ބާލަން ހަރަކާތްތެރިވަމުން ދިޔަ ޒުވާނާ މާއީގެ ލޮލުގައި އަޅައިގަތީ އެދަނޑިވަޅުގައެވެ. މާއީއަށް އެވަގުތު ހީވީ ފިލްމުތަކުން ފެންނަ މަންޒަރެއް އަސްލަށް ވެސް ސިފަކުރެވެން ފެށުނު ހެންނެވެ. އެޒުވާނާ ފެނި ވަށައިގެންވާހާ މަންޒަރެއް ވެސް ހީވީ ލަސްލަހުން ތަމްސީލުވަމުން އަންނަހެންނެވެ. އެންމެ ފެނިލުމަކުން ވެސް މާއީގެ ހިތަށް އެޒުވާނާ ސިހުރެއް ޖެއްސިކަން ގައިމެވެ. މިއިން ދުވަހަކު ވެސް ފިރިހެނަކު ފެނި ނުވާ އިހުސާސްތަކެއް ހިތުގައި ވިންދު ޖަހާލި އެވެ. އެއާއެކު ހިތް އަވަސްވެލި އެވެ. ނޭވާ ކުރުވެއްޖެ އެވެ. މެޔަށް ފިނިކަމުގެ އިހުސާސްކުރެވުނެވެ.
ޒުވާނާ ވެސް އޭނަގެ އަތުގައި އޮތް ފޮށިގަނޑު ހިފައިގެން އެތެރެއަށް ވަންނަން އުޅުނު ވަގުތު މާއީ ފާހަގަ ކުރެވިއްޖެއެވެ. އެހިނދު ދެޒުވާނުންގެ ހަތަރުކަޅިބައްދަލުވެގެން ދިޔަ އެވެ. އެތޫނުފިލި ދެލޮލުގައިވި ދަމާބާރުގެ ތެރެއަށް ހަމަ ރަގަޅަށް ވެސް މާއީގެ ހިތް ދަމައިގަތެވެ. އޭނަ ބަލާ އެކިއެކި ސީރީސްތަކުން ވެސް އަދި އެހާ ރީތި ފިރިހެނަކު ފެނުނުކަމެއް ނޭގެއެވެ. އެސޫރައިން ހިތަށް ފިނިކަން ގެނެސްދިނެވެ. މާއީއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ.
ނަހީކްއަށް ވެސް ވީ މާއީއަށް ވީވަރެވެ. ގަނޑުވެފައި އޭނައަށް ވެސް ބަލަން ހުރެވުނީއެވެ. މާއީގެ މައުސޫމް މޫނާއި ރޫފަ ރަގަޅު ހަށިގަނޑަށް ބަލާލެވުނެވެ. ހަމައެއާއެކު އުނަގަނޑާ ހަމައަށް އަންނަ ރާޅުބާނީ އިސްތަށިގަނޑުން އަރާ ދިހުމުން މާއީ ހީވަނީ ރީތިކަން ހުސްކޮށްފައި ހުރި ޕަރީއެއް ހެންނެވެ. އެތުންފަތަށްވެރިވި ހިނިތުންވުން ފެނި ނަހީކްއަށް ވެސް ހިނިތުންވެވުނެވެ. ނޭގޭ ދަމާބާރެއް އެދެމެދުގައި ވާ ކަހަލަ އެވެ.
”ދޮންބޭ… ކިހިނެއް ވެފަތަ ތިހުރީ؟…” ނަހީކް ގާތަށް ހުއްޓުނު ފަލަކް ބުނެލިއެވެ.
”ނަތިންގް…” ނަހީކްއަށް ތެޅިގަނެވުނެވެ. އޭނަ އަވަސްއަވަހަށް އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފަލަކް ވެސް ޕިކަމުން ފޮށްޓެއް ނަގައިގެން އެތެރެއަށް ވަންނަން ދަމުން މަގަށް ނަޒަރެއް ދިނެވެ. އެވަގުތު ގޭ ކުރިމަތީ ހުރި ފިހާރައަށް ވަން އަންހެންކުއްޖާ އޭނަގެ ލޮލުގައި އަޅައިގަތެވެ.
އެދުވަހު ގެއަށް އައިސް ވެސް މާއީއަށް ވިސްނުނީ މިއަދު ފެނުނު ޒުވާނާއާ މެދުގައެވެ. އިތުރުކަމަކަށް އޭނައަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. އެސްފިޔަ މަރާލިޔަސް އެޒުވާނާ ނޫން ފަރާތެއް ސިފަ ނުކުރެވެއެވެ. އޭނައަށް އަދިޔާ ކުރި ފުރިހަމަ ހިނިތުންވުން ލޯކުރިމަތިން ފެންނަ ހެން ވެސް ހީވެ އެވެ. އެޚިޔާލުތަކުން ލަދުރަކި ހިނިތުންވުމެއް ވެސް މާއީގެ ތުންފަތާ ކުޅެލައެވެ.
”ކާކުތަ އެއީ؟… ޒުމްރާއްތަ ގެއަށް އައި މެހުމާނުންތަކެއްތަ އެއީ؟…” މާއީއަށް އޭނަގެ ހިތާ ސުވާލުކުރެވުނެވެ. އެދުވަހު ބެލި ފިލްމުތަކުންނާއި ދިވެހި ނޫސްތަކަށް ވަދެން ކިޔުނު ވާހަތަކުން ދާންދެން އެޒުވާނާ ސިފަ ކުރެވޭތޯ މާއީ އުޅުނެވެ. އޭނަ ހުރީ ރަގަޅަށް ވެސް ދީވާނާ ވެފައެވެ. އެންމެ ފެނިލުމަކުން ވެސް ހިތް ދެވިއްޖެޔޭ ހިތަށް އެރިއެވެ. އެޒުވާނާ ދެކިލުމަށް ވެސް އޭނަގެ ހިތް ބޭޤަރާރުވާން ފެށިއެވެ.
އެދުވަހަށް ފަހު އަޅުކަމެއް އަދާކުރާ އުސޫލުން ދުވާލުގެ އެތައް ދަޅައަކަށް އެޒުވާނާ ފެނޭތޯ މާއީ ފިހާރައަށް ދެއެވެ. ބައެއް ފަހަރު ނަސީބު ވެސް އޭނައަށް އެހީވެދެއެވެ. އެއިން ކޮންމެ ފަހަރަކު ފިނިފިނި ވައިރޯޅިއެއްގެ ރާހަތު ހިތަށް ކުރެވިގެން ދެއެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތުގައި ދުވެލައެވެ. ހިތުގެ ތެޅުން އަވަސް ވެއެވެ. ކަރަންޓުގެ ބާނީތަކެއް ހަށިގަނޑުގައި ދުވެލަ އެވެ. އެއީ މުޅިން އަލަށް މާއީއަށް ކުރެވުނު އިހުސާސްތަކެކެވެ.
އެއްދުވަހަކު މާއީ ފިހާރައަށް ކިއްލި ގަންނަން ދިޔަ އިރު އެޒުވާނާ ދަޅެއް ގަނެގެން ފިހާރައިން ނިކުންނަނީއެވެ. ވަގުތުން ދެޒުވާނުން މުޑިއަރައިފިއެވެ.
މާއީގެ ހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެން ފެށިއިރު މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ. ނޭވާވެސް އެެތެރެހަށީގައި ތާށިވެއްޖެއެވެ. މުޅި ޖިސްމަށް ފެތުރިގެން ދިޔައީ ފިނިކަމެކެވެ.
ނަހީކް މާއީއަށް ތަންދައްކަން އެއްފަރާތަކަށް ޖެހިލަން އުޅުމުން ބޭއިހްތިޔާރުގައި މާއީގެ ފިޔަވަޅުތައް ވެސް ހަރަކާތްކުރީ ނަހީކްގެ ފިޔަވަޅުތަކާ ހަމަ އެއް ގޮތަކަށެވެ. އަނެއް ފަހަރު ވެސް ހަމަ އެފަދައިންނެވެ. ތިންވަނަ ފަހަރަށް ވެސް އެފަދައިންނެވެ.
އެންމެފަހުން ނަހީކް އޭނަގެ އަތް މައްޗަށް ހިއްލާލީ އަމާންކަން ދީފީމޭ ބުނާ އުސޫލުންނެވެ. އަދި އެއްފަރަރާތަކަށް ޖެހިލީ ލުއި ހުނުމެއްގެ އަޑާއެކުގައެވެ.
”ސޮރީ…” ނަހީކް ބުނެލިއެވެ. މާތްކަލާކޯއެވެ. އެހެރެ ފިރިހެންވަންތަ އަޑެކެވެ. މާއީއަށް ހީވީ އޭނަ އަނބުރައި ގެންފާނެ ހެންނެވެ. ނަހީކް ދަމުން މާއީއަށް ދިން ހިނިތުންވުމާއެކު ހަމަ ރަގަޅަށް ވެސް މާއީ އާޝޯހުވި އެވެ. ޕަރުވާނާއެއް ފަދައިން ނަހީކްގެ ފަސްފަހަތުން ދާން ވެސް ހިތް އެދި ގޮވާލިއެވެ. އެހެނަސް ލަދުރަކިކަމާ ހުރެ އެއަށް އަމަލުކުރާކަށް ނުކެރުނެވެ.
*****
އޯލެވެލްގެ ޗުއްޓީ ބަންދަށްފަހު މަތީ ސާނަވީގެ ކިޔެވުން ފެށުނު ދުވަހެވެ. ސްކޫލަށް ވަދެގެން ދިޔަ މާއީގެ މޫނުން ނުތަނަވަސްކަން ފެނެއެވެ. އެހެނިހެން އަރުތަކާ އެއްފަދައިން މިއަހަރު ވެސް އޭނައަށް ކްލާސް ކުދިންގެ ނަފްރަތު އަމާޒުވެދާނެކަމުގެ ބިރު އޭނަގެ ހިތުގައި އޮތެވެ. އޭނަގެ އެއްވެސް ކުށެއް ނެތި ކުދިން އޭނަގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމުތަކާއި ބުނާ ބަދު ބަސްތަކުން އޭނަގެ ހިތަށް ހާދަ އަސަރެއް ކުރެއެވެ. އެހިތްދަތި ވަގުތުތަކުގައި ތޫގާގެ ފަރާތުން ލިބޭ އެހީތެރިކަމާއި ލޯތްބަށް އޭނަ އަބަދު ވެސް ޝުކުރެވެރިވެ އެވެ.
ތޫގާ މާއީގެ އަތުގައި ހިފާލަމުން ހިިނިތުންވެލީ ހުރިހާކަމެއް ވެސް ދާނީ ރަގަޅަށޭ ބުނާ ފަދައަކުންނެވެ. މާއީ ވެސް ތޫގާއަށް ހިނިތުންވެލިއެވެ.
ކްލާހަށް ވަން މާއީގެ ހިތް އަވަސްވެލިއެވެ. ބަލިވެގެން އުޅުނު ދުވަހެއްގައި އޮރިއެންޓޭޝަން ކުރިއަށް ދިޔުމުން، އޭނައަށް އޮރިއެންޓޭޝަންގައި ވެސް ބައިވެރިއެއް ނުވެވުނެވެ. އެހެންވުމުން ކްލާސް ކުދިންނާ އޭނައަށް ބައްދަލުވެވޭ އެއީ ފުރަތަމަ ފަހަރެވެ. ހުސް އައު މޫނުތަކެކެވެ.
މާއީއާއެކު ތޫގާ ގޮސް އިށީނީ ފުރަތަމަ ބަރިން ގޮނޑިއެއްގައެވެ. އޭރު ކްލާހަށް ކުދިންތައް ވަންނަމުން ދިޔަ އެވެ. ކޮންމެ ކުއްޖެއްގެ މޫނަށް ބަލާލަމުން މާއީ ހިނިތުންވެލައެވެ. ރައްދުގައި އެކުދިން ވެސް ހިނިތުންވެލައެވެ. އޭރު މާއީއަށް ސިއްރުން ތޫގާ ލޯއަޅަމުން ދިޔަ އެވެ.
ކްލާހުގައި މާއީއާއި ތޫގާ ފިޔަވާ ތިބީ ގުޅިފައިވާ ރަށްރަށު ކުދިންނެވެ. ގިނަ ކުދިންނަކީ އެރަށްރަށުން ސާނަވީއާ ހަމަަށް ކިޔެވި ކުދިންނަށްވުމުން ބައްދަލުވީ ވެސް އަލަށެވެ. އެކުދިންގެ ތެރެއިން މާއީއަށް ޒީޝާންއާއި ދިޔާނާއާއި ބައްދަލުވިއެވެ. އެދެއަންހެންކުދިންނަކީ އެއްރަށެއްގެ ކުދިންނެވެ. އެހެންވުމުން އެކުވެރިކަން އޮވެއެވެ.
ޒީޝާންއާއި ދިޔާނާ އައިސް އިށީނީ މާއީއާ ޖެހިގެން ހުސްކޮށް ހުރި ގޮނޑިތަކުގައެވެ. އަދި އަމިއްލައަށް ތަޢާރަފުވެލި އެވެ. ޒީޝާންއާއި ދިޔާނާގެ ހިތްހެޔޮކަމާއި އެކުވެރި މިޒާޖުން މާއީގެ ނުތަނަވަސްކަން ކުޑަވި އެވެ. އޭނަ ވެސް ހިނިތުންވުމަކާއެކު ތަޢާރަފްވެލިއެވެ. އޭރު ތޫގާ އިނީ ތުންފިއްތައިގެންނެވެ.
ކުއްލިޔަކަށް ކްލާހުގެ އެންމެންގެ ސަމާލުކަން ހުއްޓުނީ ކްލާހަށް ވަދެގެން އައި ޒުވާނާއަށެވެ. މާއީ ވެސް ދެލޯ ބޮޑުކޮށްގެން ބަލަން އިނެވެ. އޭރު އޭނަގެ ހިތް ވެސް ނުހަނު ބާރަށް ތެޅެމުން ދިޔަ އެވެ. އެޒުވާނާއާއި މާއީގެ ހަތަރުކަޅި ބައްދަލުވި ހިނދު އެޒުވާނާ ހިނިތުންވެލިއެވެ.
”ސާބަސް، އެންޓްރެންސް ބްލޮކް ނުކޮށްބަލަ…” ނަހީކްގެ ބުރަކަށީގައި ބޮޑިއެއް އަޅާލަމުން ފަލަކް ބުނެލިއެވެ. އެއާއެކު ކްލާސް ކުދިންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. މާއީއަށް ވެސް ހެވުނެވެ. އެމަންޒަރު ފެނި ނަހީކް ލަދުގަންނަ ގޮތް ވިއެވެ. ވަގުތުން ކޮއްކޮއާއި ދިމާއަށް ނަހީކް ލޯއަޅާލިއެވެ.
ފަލަކްއާއި ނަހީކްއަކީ އެއްމާބަނޑު ދެބެއިންނެވެ.
”އޯހ، ޝޮޕް ގާރލް…” ކްލާހަށް ވަދެގެން އައި ފަލަކްއަށް މާއީ ފެންނައިރަށް ގޮވާލިއެވެ. މާއީއާއި ފަލަކް ފިހާރައިން ފެނި ދެނެފަރިއްޗެވެ. މަދުމަދުން އެދެމެދުގައި ވާހަކަ ވެސް ދެކެވިފައިވެ އެވެ.
ފަލަކް ގޮސް ފުރަތަމަބަރީގައި ހުސްކޮށް ހުރި ގޮނޑީގައި އިށީނެވެ. އަދި ނުހަނު އެކުވެރިކަމާއެކު މާއީއާ ވާހަކަ ދައްކަން ފެށިއެވެ. މިކަމާ ހުރެ ތޫގާ އިނީ ބޮލަށް އުނދަގޫވެފައެވެ. އޭނަ ބާކީވެއްޖެ ކަމުގެ އިހުސާސާއެކު މާއީ ދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
ނަހީކް ގޮސް ކްލާހުގެ ފަހަތު ގޮނޑިބަރިން ގޮނޑިއެއްގައި އިށީނެވެ. އަދި މާއީ ފުން ނަޒަރެއް ދިނެވެ. މާއީއާ އެއްކުލާހެއްގައި ވުމުގެ ނަސީބު ލިބުމުން އެކަމުގެ އުފާވެރިކަން އޭނަގެ މޫނު މަތިން ފެނެއެވެ. އޭނަގެ ހިތުން މާއީއަށް ދެވުނު ޝައުގުވެރިކަމުގެ ސަބަބުން އޭނަ މާއީއާ ވާހަކަދައްކަން ބޭނުންވެފައި ހުންނަތާ ވެސް ލައްކަ ގިނަދުވަސް ވެއްޖެއެވެ. ނަމަވެސް އިސްނަގަން އޭނައަށް ފަސްޖެހެވެނީއެވެ. މާއީ އޭނައާ މެދު ދެކޭ ގޮތް ނޭގޭތީ އެވެ. އެހެނަސް، މިލުބުނު ފުރުސަތުގައި މާއީއާ އެކުވެރިކަން ބަދަހިކުރެވިދާނެ ކަމުގެ އުއްމީދު އެހިތުގައި އޮތެވެ.
ދުވަސް ނިމިގެން ދިޔަ އިރު މާއީ، ފަލަކް، ދިޔާނާ އަދި ޒީޝާންއާ ދެމެދު އެކުވެރިކަމުގެ ގުޅުން ބަދަހިވި އެވެ. އެކަމާ ހިތްހަމަނުޖެހިފައި ހުރި ތޫގާ އިންޓަރވަލް ގަޑީގައި ބަހަނާއެއް ދައްކާފައި ކްލާހުގެ ދެން އޮތް އަންހެން ގުރޫޕާ ގުޅުނީ ހީލަތްތެރި ވިސްނުމަކާއެކުގަ އެވެ.
*****
ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު ފަލަކްގެ ޒަރިއްޔާއިން މާއީއާ އެކުވެރިކަން ބަދަހިކުރަން ނަހީކް މަސައްކަތްކުރިއެވެ. އޭނަގެ ހިތުގައި އޭރު މާއީއަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން ދެވިއްޖެއެވެ. އެހެނިހެން އަންހެންކުދިންނާ ތަފާތު އެތައް ސިފައެއް މާއީގެ ފަރާތުން ފާހަގަކުރެވިއްޖެއެވެ. މާއީގެ ލަދުރަކި ކަމެވެ. ހިތްހެޔޮކަމެވެ. ހިނިތުންވެލާއިރު އެހިނިތުންވުން ލޮލާ ހަމައަށް ދަތުރުކުރާ ގޮތެވެ. މަޑުމައިތިރިކަމެވެ. މިހުރިހާ ސިފަތަކާއެކުގެ ނަހީކްގެ ހިތުން މާއީއަށް ޖާގައެއް ދެވުނެވެ. މާއީއާއެކު އަބަދުމެ ވަގުތު ހޭދަކުރަން އޭނަ ބޭނުންވާން ފެށި އެވެ.
މާހެފުމާ ދިމާކޮށް ”ހަންކެޑަ”އަށް ދާން ކްލާސްކުދިން އިންތިޒާމުކުރި ދަތުރުވެގެން ދިޔައީ މާއީއާއި ނަހީކްގެ ގުޅުމުގެ ބިންގަލަށެވެ. އެދުވަހު ދެޒުވާނުންގެ ދެމެދުގައި އޮތް ބީރައްޓެހި ކަމުގެ ފަރުދާތައް ކަހާލެވުނެވެ. ފަސްޖެހުމަކާ ނުލާ އެތައް ވާހަކައެއް ދެކެވުނެވެ. ބަދަހި އެކުވެރިކަމުގެ ގުޅުމެއް އާލާވެގެން ދިޔަ އެވެ. ކްލާސްކުދިންގެ މެދުގައި ކުޅެވުނު ކުޅިވަރުތަކުގެ ތެރޭން ދެޒުވާނުން މަޖާ ނަގަމުން ދިޔަ އިރު މޫޑު ހަރާބުވެފައި ހުރީ ތޫގާ އެވެ. އޭނަ ހުރީ އެދުވަހު ވަރަށް ފާޑަކަށެވެ. ރުޅި ވެސް އައިސްފައެވެ. ނަހީކް ފަދަ ރީތި ޒުވާނަކު މާއީ ފަހަތުން އުޅެތީ ވީ އަމަށަކު ފޫއްސެއް ވެސް ނޫނެވެ. ނަހީކްއާއި މާއީ ހީސަމާސަކޮށްފައި އުޅުނު މަންޒަރުތައް ފެނި އޭނަ ވަކިން ރުޅި ގަދަވި އެވެ. މުޅި ހަށިގަނޑުގައި އަލިފާން ރޯވާހެން ވެސް ހީވިއެވެ.
*****
ހިތުގައި އެކަކު އަނެކަކަށް އޮތް ލޯބި ފާޅުކުރަން ނަހީކްއާއި މާއީ ތައްޔާރުވަމުން ދިޔައީ އެކަމަށް އެންމެ ރަގަޅު ދަނޑިވަޅު ބަލާފައެވެ. ކިޔެވުމަށް ވަގުތު ހޭދަކުރަން ބޭނުންވާތީ އޭލެވެލް ނިމެންދެން ދެޒުވާނުން ވެސް ދިގު އިންތިޒާރެއް ކުރިއެވެ. އޭރު ވެސް ބަހާއި އަމަލުން އެކަކު އަނެކަކު ދެކެ ގަޔާވާކަން ހާމަކުރަމުން ދިޔަ އެވެ.
*****
ތަފާތު އެކި ދުވަސްމަތިން މާއީއަށް ކުރިއެރުމެއް ލިބެން ނޭދޭތީ ކްލާސް ކުދިންނާއި މާއީއާ މައްސަލަ ޖައްސަން ތޫގާ މަސައްކަތްކުރެއެވެ. ސިއްރުސިއްރުން ދޮގު ވާހަކަތައް ވެސް ފަތުރާ ހެދިއެވެ. މާއީ ފިރިހެނުން ހޯދަމުން ދުވަނީ ކަމުގައެވެ. މަތީ މާކުސްތައް ހޯދަނީ ފިރިހެން ޓީޗަރުންނާއި ހިތާވެގެން ކަމަށެވެ. ނަމަވެސް އެހެނިހެން ފަހަރުތަކައި ޚިލާފަށް އޭނަގެ މަޤުސަދު މިފަހަރު ހާސިލެއް ނުވިއެވެ. މާއީގެ ދިފާއުގައި ފަލަކްގެ އިތުރުން ޒީޝާން، ދިޔާނާ އަދި ނަހީކް ވެސް ތެދުވާތީއެވެ. އެއްވެސްކަމެއްގައި ހަޤީޤަތެއް އެކުލެވިގެން ނުވާކަމަށް ބުނެ ޖަދަލުކޮށް އެވާހަކަތަކުގެ ކުރި މަރާލާތީއެވެ. ދޮގު ވާހަކަތައް ދައްކާ ގަނާކުރަން އުޅެންޏާ ސްކޫލުގެ ކަމާބެހޭ ފަރާތަށް އަންގާ ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ވެސް ދިނެވެ. މާއީގެ ހިޔަނިހެން ގާތުގައި ނަހީކް ހުންނާތީ އޭނަގެ ބައިގަނޑަށް ވަސްވާސްދީ މާއީއާއި ދިމާކުރުވާކަށް ވެސް ތޫގާއަށް ނުކެރުނެވެ.
ތޫގާގެ އެއްވެސް ރޭވުމެއް ކާމިޔާބު ނުވާތީ އޭނަ ހުންނަނީ ރުޅިއައިސް ރަތްވެފައެވެ. ނުވީތާކަށް މާއީއާއި ނަހީކް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރޭތީ ވެސް އޭނަ ހުންނަނީ ކެކިކެކި ހުރި އަލިފާން ފަރުބަދައެއްހެން ފަޅައިގެންދާން ކައިރިވެފައެވެ.
ތޫގާގެ އަމަލުތަކުންނާއި އޭނައާއެކު އުޅޭ މީހުންގެ ފަރާތުން ނޫނީ މާއީއަށް ބަދުބަސް ރައްދުނުވާތީ ފުރަތަމަ ވެސް ތޫގާގެ ނިޔަތާ މެދު ޝައްކު އުފެއްދީ ނަހީކް އެވެ. އޭނަ އެއްދުވަހު އިންޓަރވަލް ގަޑީގައި ކްލާހަށް ވަން ވަގުތު ތޫގާ މާއީގެ ދަބަހުގައި އޮތް ފޯނުނަގައި ކޮންމެވެސް މީހަކަށް މެސެޖުކުރަނީ އެވެ. ނަހީކް ފެނުމާއެކު ތޫގާއަށް ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ. ތެޅިފޮޅިގަންނަމުން ވަގުތުން ދޮގު ހެދީ މިއަދު ސްކޫލަށް އާދެވުނު އިރު މާއީގެ ފޮތެއް އޭނަގެ ދަބަހަށް ލެވިފައިވުމުން އެފޮތް ހަވާލުކުރީކަމަށެވެ.
ނަހީކްގެ ޝައްކު އެދުވަހު ޔަޤީނަށް ބަދަލުވެގެން ދިޔައީ އިންޓަރވަލް ގަޑި ނިމި ކްލާސް ކުދިން ހަމަވަމުން ދިޔަ ވަގުތު ކްލާހުގައި އުޅޭ ރާނިޔާ އައިސް މާއީއާ ދިމާކޮށްލީމައެވެ. އޭނަގެ ލޯބިވެރިޔާއަށް މެސެޖުކޮށް ދޭތެރެޖައްސަން އުޅެނީކަމަށް ބުނެގެންނެވެ. އެދުވަހު ވެސް އެމައްސަލަ ވަރަށް ބޮޑަށް ހޫނު ވިއެވެ.
”މިއޮތީ މެސެޖު ވެސް…” ރާނިޔާ ދެއްކިއެވެ. އެމެސުޖު އައި ގަޑިއަކީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކު ކެންޓީނުގައި އުޅުނު ގަޑި ވެސް މެއެވެ. އެހެންވުމުން އޭނައަށް މެސެޖު ފެނުނީ އެވެ.
”ތި މެސެޖު ފޮނުވި ގަޑީގައި މާއީ ހުރީ އަހަރުމެންނާއެކު މާދަމާ އޮތް ސްޕޯޓްސް މީޓިންގްގައި… މިތާ ތިބި ޕްރިފެކްޓުން ކައިރިން އަހާބަލަ މާއީ ފޯނު ބޭނުންކުރަނިކޮށް ފެނުނުހޭ… މާއީ ދިޔައީ ވެސް އޭނަގެ ފޯނު ދަބަހަށް ލާފައި… ދެން ކިހިނެއް މާއީ ތި މެސެޖެއް ކުރާނީ… ތީ ކޮންމެ ވެސް މީހަކު ދޭތެރެ ޖައްސަން ކޮށްފަ އޮތް މެސެޖެއް…” ފަލަކް ބުނެލިއެވެ. އެއާއެކު މެސެޖު ފޮނުވި ގަޑީގައި މާއީ ކްލާހުގައި ނޫޅޭކަމަށާއި މާއީ ފޯނު ބޭނުންކުރިތަން ވެސް ނުފެންނަ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވިއެވެ. ދެން އުފެދިގެން އައި ސުވާލަކީ މާއީގެ ފޯނުން މެސެޖު ކުރީ ކާކު ތޯ އެވެ. ތޫގާ ވެސް ދެނެހުރި ކަމަކަށް ނުހެދުނެވެ. އޭނަ ވެސް ހުރީ މާއީއާ އެއްކޮޅަށެވެ. މާއީގެ ބޮލުގައި ދޮގު ތުހުމަތުތައް ނޭޅުމަށް ބުނެލީ އަސަރާއެކުގައެވެ.
”ކަލޭމެން ކޮންމެވެސް މީހަކު ކުޑާ ފޯނުގެ ކޯޑު ދަސްކޮށްގެން ކުޑާ ބޭޒާރުކުރަން ތިއުޅެނީ…” މާއީ ގާތަށް ޖެހިލަމުން ތޫގާ ބުނެލިއެވެ.
ތޫގާގެ ކުޅަދާނަކަން ފެނި ނަހީކް ހުރީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓިފަ އެެވެ. ތޫގާގެ ހަޤީޤަތް ހާމަކުރަން އުޅެފައި ވެސް ނަހީކް ފަސްޖެހެވުނީ މާއީ ޤަބޫލުނުކޮށްފާނެތީ އެވެ. ސާބިތު ހެއްކެއްނެތި މާއީ ގާތު ބުނެފިނަމަ މާއީ ރުޅިއަންނާނީ އޭނަ ދެކެއެވެ. އޭރުން އެދެމެދުގައި ކުނިޖެހިދާނެއެވެ. އެދުވަހަށްފަހު ނަހީކް މަސައްކަތް ކުރީ ތޫގާއާއި ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއް ފެނޭތޯއެވެ. ނަމަވެސް ތޫގާ ވަރަށް ވެސް ވިސްނުން ތޫނެވެ. ކޮޅުމަތި ދިރާސާކޮށް އޭނަ ހިމޭންވީ ނަހީކް އޭނައަށް ޝައްކުކުރާކަން ރޭކާލުމުންނެވެ. މާއީއަށް ދެމުން އައި ހަމަލާތައް މަޑުޖައްސާލައި އޭނަ ހަމަޖެހިލީ ބޭޒާރުވެދާނެކަމުގެ ބިރަށްޓަކައެވެ.
*****
އޭލެވެލްގެ ފަހު އިމްތިހާނު ދުވަސްކޮޅެވެ. އިމްތިހާނަށް ތައްޔާރުވާން މާއީ އޭނަގެ ފިލާވަޅުތައް މުތާލިއާ ކުރަމުން ދަނިކޮށް ތޫގާ އައިސް ކޮޓަރިއަށް ވަނެވެ.
”ކޮބާ ދަސްކޮށްފިންތަ؟…” މާއީ ހިނިތުންވުމަކާއެކު އެހި އެވެ.
”އައި ކާންޓް… އެއަށް ވުރެން ބޮޑު ކަމަކާ ލައިގަނެގެން މިއުޅެނީ…” އެނދަށް ވެއްޓިގަންނަމުން ތޫގާ ބުނެލިއެވެ. ތޫގާގެ ޖުމްލައިން މާއީއަށް ލިބުނީ ހައިރާންކަމެކެވެ.
”ކޮންކަމެއްތަ؟…” މާއީ އެހި އެވެ.
”ލޯބިވެވިގެން މިއުޅެނީ… އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭ، އަބަދު އޭނަ މަތިން ހަނދާން ވަނީ، އައި ތިންކް އައެމް ގޮއިންގް ކްރޭޒީ…” ދީވާނާ ރާގަކަށް ތޫގާ ބުނެލިއެވެ. އޭރު އޭނަގެ ނަޒަރު އަމާޒުވެފައި ވަނީ މާއީ އަށެވެ. މަަކަރުވެރި ހިނިތުންވުމެއް ވެސް އޭނަގެ ތުންފަތުގައިވި އެވެ.
”އަނެއްކާ ކާކުތަ އަހަރެންގެ ކޮއްކޮގެ ހިތް އަތުލައިގަނެ ތިވަރުކަމެއް ކޮށްލީ؟…” ލުއި ހުނުމަކާއެކު މާއީ ސުވާލުކޮށްލިއެވެ.
”ނަހީކް!…” މާއީއަށް ބަލާލަމުން ތޫގާ ބުނެލިއެވެ. އެޖަވާބާއެކު މާއީ ދިޔައީ ސިއްސައިގެންނެވެ. މޫނުގެ ކުލަވަރު ބައްދަލުވެ ހަރަކާތްތައް ވެސް ގަނޑުވެއްޖެއެވެ. މާއީއަށް އައި ބަދަލުތައް ފާހަގަ ކުރެވުނު ތޫގާ އެނދުން ތެދުވެގެން އައިސް މާއީ ގާތު ކުރުފައިމައްޗަށް ތިރިވެލިއެވެ. އޭނަގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ.
”ކުޑާ އަހަންނަށް އެހީވެބަލަ… ހާދަ ދުވަހެއް ވެއްޖެއްޔޭ ނަހީކް ކަމުދާތާ… ކުޑާއާ ނަހީކްއާ ވަރަށް ކްލޯޒްއެއްނު، އަހަންނަށް އެހީވެދީބަލަ… ނަހީކްގެ ގާރލްފްރެންޑެއް ވެސް ނުހުރެއެއްނު… ސޯ ޕްލީޒް އަހަންނަށް އެހީވެދީބަލަ… ނަހީކް އަހަރެންގެ މީހަކަށް ވާން ވަރަށް ބޭނުން… އަހަރެން މިހާރު މޮޔަވަނީ ނަހީކްއާ ހެދި… ކުޑާ، ޕްލީޒް އަހަންނަށް އެހީވެދީބަލަ…”
ތޫގާ މާއީގެ އަތްތިލައިގައި ހިފާލަމުން އާދޭސްކުރަން ފެށިއެވެ. އޭނައަށް ނަހީކް މާއީ ގާތު ރައްޓެހިވާން ނާހާކަން އެނގެއެވެ. އެދެމެދުގައި ”ހާއްސަ” ގުޅުމެއް އޮންނަކަން އެނގެއެވެ. ނަމަވެސް އަދި ދެޒުވާނުން ވެސް ރައްޓެހިވާން ނާހައެވެ. އޭނަ މާއީގެ ޑައިރީ ވަގަށް ނަގައިގެން ކިޔާލުމުން އެކަން ހާމަވިއެވެ. މާއީ އާއި ނަހީކް ވެސް އިންތިޒާރުކުރަމުން އެދަނީ އޭލެވެލް ނިމޭ ދުވަހު އޮންނަ ފެއާރވެލް ޕާޓީއަށެވެ. އެޕާޓީ ތެރޭން ލޯބި ހުށަހަޅާށެވެ. އޭގެ ކުރިން އެކަން ހާސިލްވިޔަ ނުދޭން ތޫގާ ހުރީ ފައި ވިއްދާލާފައެވެ. މާއީއަކީ އޭނަ ދެކޭ ގޮތުގައި ގަމާރެކެވެ. މިވީހާ ދުވަހު އޭނަގެ މައްޗަށް ޝައްކެއް ނުވީ ވެސް އެހެންވެއެވެ. އޭގެ ސަބަބުން މާއީގެ ސިކުނޑިއާއި ކުޅެލަން ފަސޭހަ ވާނެކަން އޭނައަށް އެނގެއެވެ.
”ކުޑާ އެއްޗެކޭ ބުނެބަލަ، އަހަންނަށް ނަހީކް ހޯދައިދޭނަމޭ ބުނެބަލަ، ނަހީކް ނުލިބިއްޖެއްޔާ އަހަރެން މަރުވެދާނެ، އެހާ ވެސް ލޯބިވޭ…” ތޫގާ އޭނަގެ ލޮލަށް ގަދަކަމުން ކަރުނަ ގެނައެވެ. ތޫގާގެ ޖުމްލައިން ސިހުން ލިބުނު މާއީއަށް މޮޅިވެރިކަން އެކުލެވިފައިވި ތޫގާގެ މޫނަށް ބަލާލެވުނެވެ. އެދެލޮލުން ފައިބަމުން އައި ކަރުނަ ތަކާއި ވޭނުގެ އަސަރުތަކުން އޭނަގެ އަތުގައި ހިލިހިލާއެޅިގެން ދިޔަ އެވެ. ހިތުގައި އޭރު ހައިޖާންގަނޑެއް ވެސް އުފެދިފައިވި އެވެ.
”ނަހީކް ނުލިބެންޏާ އަހަރެން ވާނީ މަރު…” ފަންސުރާއި ގަލަންތައް އަޅާފައި ހުރި ކުޑަ ޓުކުރީގެ ތެރޭގައި އޮތް ކަޓަރު ނަގަމުން ތޫގާ ބުނެލިއެވެ. އެއާއެކު ބޮޑު ބިރެއް ފެނިގެން އުޅޭ މީހާކު ފަދައިން މާއީއަށް ތެޅިގަނެވުނެވެ. ވަގުތުން ތޫގާގެ އަތުގައި ހިފާ އަތުގައި އޮތް ކަޓަރު ފޮޅުވާލިއެވެ. އޭރު ބިރުން ގޮސް މާއީ ތުރުތުރުއަޅައެވެ.
”ކުޑާ ބުނެބަލަ އަހަންނަށް އެހީވާނަމޭ… އައި ލަވް ހިމް ސޯ މަޗް، އަހަރެން… އަހަރެން… އަހަރެން… މަ…ރު ވެދާނެ…”
ތޫގާ ރޮމުން ގިސްލަމުން ވާހަކަދެއްކި އެވެ. އަދި މާއީގެ ގައިގައި އޮޅުލައިގަތެވެ. ހަމަހިމޭންކަން ވެރިވެފައިވި މާއީގެ ދެލޮލުން ކަރުނައިގެ ދިލަކަން އިހުސާސްކުރެވުނެވެ. އޭނަގެ ހިތުގައި އޭރު ވޭން އަޅަމުން ދިޔަ އެވެ. ކޮއްކޮގެ އުފަލައްޓަކައި ބޮޑު ޤުރުބާނީއެއް ވާން ގަސްދުކުރީ ލޮލުން ލޭކަރުނަ އޮހޮރޭ ހާލުގަ އެވެ. ހިތުގައި ވޭން އަޅާހާލުގައެވެ. މޭ ފިސްފިސްވަމުންދާހެން ވެސް ހީވިއެވެ. އަސަރާއެކު މާއީއަށް ލޯމަރާލެވުނެވެ.
އިތުރު އެއްވެސް ގޮތެއް އޭނައަކަށް ނެތެވެ. ތޫގާގެ ފަރާތުން ދެންމެ ފެނުނު އަމަލުތަކާއެކު ތޫގާ އެދޭ ފަދައިން ކަންތައް ނުކޮށްދީފިނަމަ ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަގެ ހިތް ބިރުގަތެވެ. އޭނަގެ ސަބަބުން ކޮއްކޮ ކަތި ފިޔަވަޅެއް އެޅުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. ހަމައެއާއެކު ދެބެއިންގެ ދެމެދުގައި ނަފްރަތުގެ ކުޅިގަނޑެއް ފެށިގެންދާން ވެސް މެއެވެ. މާއީ ނިންމީ އޭނަގެ ހިތުގައި ނާހީކްއަށްޓަކައި ވިންދުޖަހަމުން އައި ލޯބި ކަފުންކުރާށެވެ. ތޫގާގެ އުފަލަށްޓަކަ އެވެ. ވޭން އެޅިކަމުގައި ވިޔަސް ކޮއްކޮއާ މެދު އުފެދިފައިވި ބިރުވެރިކަމުން ޤުރުބާންވާން އޭނަ ހުރީ ތައްޔާރަށެވެ. އޭރު އެއީ އޭނަ އެކަނި ނިންމަން ޖެހޭ ނިންމުމެއް ނޫންކަން ވެސް މާއީއަކަށް ރޭކާނުލި އެވެ. އޭގެ ސަބަބުން ނަހީކްގެ ހިތަށް ދެވޭނެ އަނިޔާ ތަކާ މެދު ވެސް ވިސްނާނުލެވުނެވެ. އޭނައަށް އެވަގުތު މުހިންމުވީ ހަމައެކަނި އޭނަގެ ކޮއްކޮ އެވެ. ތޫގާ އެވެ.
(ނުނިމޭ)
7 Comments
Comments are closed.
Oh me first dhw. Also vvv nice.
Kn irakun next part up kuranyy
Abadhu maaee ah dhera goiy nuhadhaba
Vvvv salhiiii
❤❤❤❤❤
So mee dho aslu mi v gothakee.. v reethi. Keeve mihaaru kuryga up kuraahen nukuranee??
Alhedhoooo.
Kiaa hithun ovva thi ninmaalee mireyge part vvdhigu kolla dheebal plx plx vvv salhi (thanks) ??
Masha Allah ? v reethi mibaives.