ހުމާ ކޮޓަރިން ނުކުތްތަން ބަލަން ހިބާއަށް އިނދެވުނީ ވެގެން އުޅޭ ގޮތަކާއިމެދު ސުވާލު އުފެދިފައިވީ މޫނަކާއެކުގައެވެ. ލީޝާއަށް އެކަން ރަނގަޅަށް ފާހަގަ ކުރެވުނެވެ. ހިބާގެ މޫނާއި ދިމާލުގައި ލީޝާ އަތް ހޫރާލީ ހިބާ ފުންހިޔާލަކަށް ގެއްލި ހުސްވެފައި އިންހެން ހީވާތީއެވެ. ލީޝާ ކައިރީ އިންކަން ހިބާ އަށް އިހްސާސް ކުރެވުމުން އަވަހަށް ލީޝާއަށް ހިނިތުން ވުމެއް ރައްދު ކޮށްލީ ހުމާގެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. “ޑޯންޓް ވޮރީ ޑާރލިންގ، ހުމާ ދުވަސްކޮޅަކުން އޯކޭ ވެދާނެ. އެހާ ލޯބިވީމީހެއް އެކަހަލަ ލަނޑެއްދިނީމަ ދެރަވާނެއްނު. ދުވަސްކޮޅެއް ނަގާނެ ހަމަޔަކަށް އެޅެން. އެނގެއެއްނު އެކަހަލަ ހާލަތްތައް ދާނެގޮތް ރަނގަޅަށް.” ލީޝާ ހިބާއަށް ބަލަން އިނދެ އެހެން ބުނެލީ ހުމާޔާމެދު ހިބާ ފިކުރު ބޮޑުވެފައި އިންކަން އެނގުމުންނެވެ. ނަމަވެސް ކުޑަކޮށްވެސް ވެގެން އުޅޭ ގޮތް ހިބާ އަށް ނޭނގިދާނެ ކަމަކަށް ލީޝާ ހިޔެއް ނުކުރެއެވެ.
“ކީކޭ؟ ލޯބިވެރިޔާއޭ؟ ލަނޑު ދިނިއްޔޭ؟” ސުވާލުން ފުރިފައިވި ނަޒަރަކުން ލީޝާއާއި ދިމާލަށް ބަލަން އިނދެ ހިބާ ސުވާލުކުރީ ރަނގަޅަށްވެސް ވެގެން އުޅޭ ގޮތް ނޭނގޭތީއެވެ. ހިބާގެ ސުވާލުތަކުން ލީޝާ އަށްވެސް ލިބުނީ ހައިރާން ކަމެވެ. ހުމާގެ ދައްތައަށް ވެ ހުރެ، އެއްގެއެއްގައި ދެ މީހުން އުޅޭއިރު ހުމާގެ އެކަންތައްގަނޑު ހިބާއަށް ނޭނގިދާނެކޭ ކުޑަކޮށްވެސް ލީޝާގެ ހިތަކަށް ނާރައެވެ. ނަމަވެސް ހިބާގެ ސުވާލުތަކުން ލީޝާއަށް އެނގޭ މިންވަރަށް ލީޝާ އެވާހަކަތައް ކިޔައިދިނެވެ. ހުމާ އުޅުނީ ރަޒާން ކިޔާ ކުއްޖަކާއި ރައްޓެހިވެގެން ކަމާއި އެކަން އާއިލާ އެންމެންނަށް އެނގޭ ކަމެވެ. ނަމަވެސް މީގެ ދެތިން ދުވަސް ކުރިން އެ ދެމީހުން ރުޅިވެއްޖެކަމާއި ރުޅިވާން ޖެހުނީ ރަޒާން ހުމާގެ ރައްޓެއްސެއްގެ ފްރެންޑަކާއި އަޅައިގަނެގެން އެ ދެމީހުންގެ ކަންތައް ގަނޑެއް ފަޅާއަރައިގެންކަމެވެ.
އެވާހަކަތައް އަޑުއަހާފައި ހިބާ އެންމެ ހައިރާންވީ އެއިން އެއްވެސް ވާހަކަ އެއް ހުމާ ހިބާއާއި ހިއްސާ ނުކުރީތީއެވެ. މަންމަމެން ހިބާއާއި ވާހަކަ ނުދައްކާއިރު އެމީހުންގެ ފަރާތުން ނޭނގުން އެއީ ބޮޑު ކަމެއް ނޫނެވެ. އެކަމަކު ހުމާ އެކަހަލަ ވާހަކައެއް ނުދެއްކީ ކީއްވެގެން ހެއްޔެވެ؟ އެކަން ލީޝާ އަށް އެނގުނީ ލީޝާގެ މަންމަ އަފޫދައްތަ ބުނީކަމަށް ލީޝާ ބުންޏެވެ. އަފްޝާއާއި ރަހްމާއާއި ދެބެންގެ ގުޅުން ރަނގަޅުކަމުން އެ ދެމީހުން އެކަކު އަނެކަކާއި ދެމެދު އެއްވެސް ސިއްރެއް ނުބާއްވައެވެ. އެކަކު އަނެކަކު ހިތްހަމަ ނުޖެހުންތަކާއި ދިމާވާ ކަންތައްތައް ހިއްސާ ކުރެއެވެ.
އެވާހަކައިގެ ތެރެއިން ގޭތެރޭގައި ކަންތައްތައްދާ ގޮތުގެ ވާހަކަ ހިބާ ލީޝާއާއި ހިއްސާ ކުރީ އެންމެ ގާތް ރަހުމަތް ތެރިޔާއަށް އެއްވެސްކަމެއް ސިއްރު ކުރަން ބޭނުން ނުވާތީއެވެ. ލީޝާ ހިބާއަށް ހިތްވަރު ދިނީ ދުވަސްކޮޅެއް ވީމާ ރަހްމާ މެންވެސް ހިބާގެ އެބަދަލަށް ހޭނި ހަމަޔަކަށް އެޅޭނެކަމަށް ބުނަމުންނެވެ. އެވާހަކައިގެ ތެރެއިން ހިބާ މޫނު ބުރުގާ އިޙްތިޔާރު ކުރީ ކީއްވެގެން ކަމާއި ދީނަށް އޭނާގެ ހިތުގައި ވާ ލޯބި ލީޝާއަށް ހާމަކުރީ ލީޝާއަށްވެސް ދީނާބެހޭ ގޮތުން އިތުރު ކަންތައްތަކެއް އޮޅުންފިލުވާދޭން ބޭނުންވާތީއެވެ. އަދި ހިބާގެ މައިންބަފައިން ފަދައިން ލީޝާގެ ހިތުގައި އެ މޫނު ފޮތިކޮޅާއިމެދު ނަފްރަތު ބާއްވަން ނޭދޭތީއެވެ. ކުޑަގޮތަކަށް އިރުދީނާގެ ވާހަކަވެސް ހިބާ ލީޝާއަށް ކިޔައިދިނީ ލީޝާއަށް މަރުމަތިން ހަނދާންކޮށްދީ މަރަށް ތައްޔާރުވެގެން ތިބުމުގެ މުހިންމުކަން ބުނެދިނުމަށެވެ.
ދެކުދިން ވާހަކައިގައި ތިއްބާ މެންދުރު ނަމާދު ބަންގި ގޮވުމުން ހިބާ ފެންވަރައިގެން އައިސް ދެކުދިން އެކުގައި ނަމާދު ކުރުމަށް ލީޝާއަށް ދައުވަތު ދިނެވެ. ލީޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ނަމާދެއް ކުރިދުވަހެއް ހަނދާނުގައިވެސް ނެތެވެ. އެހެންކަމުން ނަމާދުގައި ކިޔާ އެއްޗެހިވެސް މިހާރު ހަނދާނަކު ނެތްވިއްޔާއެވެ. މުސްލިމެއްގެ ގޮތުގައި އުފަންވިޔަސް އޭނާގެ އާއިލާ މީހުންނެކޭ އެއްފަދައިން ލީޝާވެސް ވަރަށް ދީނާއި ދުރެވެ. ކުޑައިރު ޤުރުއާން ކިލާހަށް ގެންދިޔުމުން ނަމާދުގައި ކިޔާ ތަކެތި ދަސްކޮށްދިން ނަމަވެސް އާންމު ގޮތެއްގައި ނަމާދު ކުރުމަކީ އެއްވެސް އިރެއްގައި އޭނާގެ އާދައެއް ނޫނެވެ. އެހެންކަމުން މިހާރު އެއްވެސް އެއްޗެއް ހަނދާންވެސް ނެތެވެ.
ނަމަވެސް ހިބާ މާވަރަކަށް ކިޔަން ހެދުމުން ދައްކާނެ އުޒުރެއް ލީޝާގެ ސިކުނޑިއަކަށް ނައެވެ. ރަނގަޅަށް ނަމާދުކުރަން ނޭނގޭ ވާހަކަޔާއި، ނަމާދުގައި ކިޔާ އެއްޗެހި ހަނދާން ނެތިފައިވާ ވާހަކަ ބުނަން ލީޝާއަށް ނުކެރުނީ ކީއްވެގެން ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެންކަމުން ފާހާނާއަށްވަދެ ހަނދާންވާ ގޮތައް ވުޟޫ ކޮށްލައިގެން ނިކުމެ ހިބާގެ ފަހަތުގައި ނަމާދު ކުރަން ފެށިއެވެ. ހިބާގެ ހަރަކާތްތަކާއި އެއްވަރަށް ހަރަކާތް ކުރިނަމަވެސް ފާތިހާ ސޫރަތް ފިޔަވާ ކިޔާނެ އިތުރު އެއްޗެއް އޭނާއަކަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ.
ނަމާދު ކޮށް ނިމުމުން ހިބާ ސުންނަތް ނަމާދު ކުރަން ފެށުމުން ލީޝާ ތެދުވީ އަޅައިގެން ހުރި ދޮޅި ބާލާ ފަތްޖެހުމަށެވެ. ނަމަވެސް އޭނާއަށް ހައިރާން ވެފައި ބަލަން ހުރެވުނީ ކުރިމަތީ ހުރި އަލަމާރީގެ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަފެނިފައެވެ. ހުދުކުލައިގެ ނަމާދު ދޮޅި އަޅައިގެން އޭނާހުރީ ހިބާގެ ކަޅު ހެދުމެއް ލައިގެންނެވެ. އޭނާ ލައިގެން ހުރި ކުރު ޓީޝާޓާއި ޖިންސުން އަޢުރަ ނިވާނުވާނެތީއެވެ. އެ ހެދުމުގައި އޭނާ ފެންނަނީ މުޅިން އެހެން މީހެއް ހެންނެވެ. ހާދަހާ ތަފާތެވެ. އެމޫނުމައްޗާއި ހަށިގަނޑުގައިވި އެތައް އުނި ސިފައެއް ފޮރުވި، ހިތްގައިމު، އަންހެންވަންތަ ސޫރައެއްގެ ވެރިއެއް ފެނުމުންނެވެ. ވުޟޫ ކުރުމުން މޫނުގައިވި މޭކަޕްތައް ފުހެވިފައި ވީނަމަވެސް، މޭކަޕުން ނުގެނެވޭނެފަދަ ފުރިހަމަ ކަމެކެވެ. އެއީހަމަ އޭނާ ބުރުގާ އެޅީމާ ހުންނާނެ ގޮތް ހެއްޔެވެ؟ ކުރިން ބައެއް ފަހަރު ބުރުގާ އަޅަން ވިއްޔޭ ހިތައް އެރިޔަސް ހުންނަގޮތް ބަލާލަންވެސް އޭނަ ބުރުގާއެއް އަޅާފާ ނުވެއެވެ.
ހިބާ ސުންނަތް ކޮށް ނިމިގެން ތެދުވަން އުޅުނު ވަގުތު އަޅައިގަތީ އަމިއްލަ ސޫރައަށް ބަލަން ހުރި ލީޝާ އަށެވެ. ލޯގަނޑު ކުރިމަތީގައި މޫނުގައި އަތް ޖައްސާލައިގެން ހައިރާންވެފައި ލީޝާ ހުރުމުން ހިބާއަށް ކުޑަކޮށް ހިނިތުން ވެވުނީ ލީޝާގެ ހާލު އޭނާއަށް އިހްސާސް ކުރެވުމުންނެވެ. ހިބާ މަޑުމަޑުން ލީޝާގެ ފަހަތުގައި ހުއްޓިފައި އޭނާގެ ކޮނޑުމަތީ ދަތްދޮޅި ޖައްސާލީ ހީލަމުންނެވެ. “މާޝާ ﷲ” ހިބާގެ އަޑު ޖެހުމުން ލީޝާވެސް ލޯގަނޑުން ހިބާއަށް ބަލާލާފާ ހިނިތުން ވެލިއެވެ. އަދި އޭނާގެ ހިތުގައިވާ ވާހަކަތައް ފޮރުވަން މަސައްކަތް ކުރާ ފަދަޔަކުން ހިބާޔާއި ދުރަށް ޖެހިލާފައި އަވަސް އަވަހަށް ނަމާދު ދޮޅި ބާލާފައި ފަތް ޖަހަން ފެށިއެވެ.
“މާޝާ ﷲ، ބުރުގާ އެޅީމާ ލީޝް ވަރަށް ލޯބި. އެކަމަކު ބުރުގާ އަޅާނީ އަޢުރަ ނިވާކުރަން އިނގޭ.. އަޢުރަ ނިވާ ނުވާނަމަ އެ އެޅުމުގެ ބޭނުމެއް ނެތް. ބުރުގާ އެޅިޔަސް، މޫނު ބުރުގާ އެޅިޔަސް އެ އަޅައިގެން އިތުރު ފިތުނަޔަކަށް މަގު ކޮށެނީ ނަމަ އޭގެ ހަޤީޤީ މަޤްސަދު ފުރިހަމައެއް ނުވާނެ. އަހަރެމެންގެ ހަށިގަނޑު ނިވާކުރަން، ނުވަތަ އަޢުރަ ނިވާކުރަން އެންގެވީ ﷲ. ވީމާ ނިވާވަންވެސް ވާނީ އެކަލާނގެ އެންގެވި ގޮތައް. އެންމެން އަޅާތީ އެންމެން އަޅާގޮތަކަށް ނޫން. އެކަމުގައި ރަނގަޅު ނިޔަތެއް ނެތްނަމަ އެކަމަކުން ލިބޭނެ ހެޔޮކަމެއް ނޯންނާނެ. މުޖުތަމަޢުގެ ޕްރެޝަރުތައް އެކި އެކި ގޮތްގޮތައް ފޯރާނެ އަބަދުވެސް ހުރިހާ ކަމެއްގައިވެސް. އެކަމަކުވެސް އޭގެ މަޤްސަދު ހަނދާން ނައްތާނުލާ އެގޮތުގައި ސާބިތުވެ ހުރެވޭތޯ މަސައްކަތް ކުރީމަ އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ. އަބަދުވެސް ﷲ ބައްލަވާ ވޮޑިގެންވާކަން ހިތުގައި ބޭއްވުމުން ސާބިތުވެ ހުރުމަށް ފަސޭހަ ވާނެ.” ލީޝާގެ ހިތުގެ ހާލު ހިބާއަށް އެނގޭކަން އަންގައިދެމުން ހިބާ އަނެއްކާވެސް އިއްވާލީ ރަނގަޅު ނަސޭހަތްތަކެކެވެ. ހެޔޮ އެކުވެރިންނަކީ އަބަދުވެސް އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކަށް އަމުރު ކުރާ ބަޔަކުކަން ޔަޤީނެވެ. ލީޝާ އެކަމާއިމެދު އެއްޗެކޭ ނުބުނެވި އުޅެނިކޮށް ހުމާ އައިސް ގޮވާލީ އަފޫ ދައްތަމެން އަތުވެއްޖެ ކަމަށް ބުނަމުންނެވެ. ލީޝާ ހުމާގެ ފަހަތުން ތިރިއަށްދާން ހިނގައިގަތީ ހިބާ އިރުކޮޅަކުން މިދަނީކަމަށް ބުނީމައެވެ.
ހިބާ ރަނގަޅަށް ނިވާ ވެގެން ތިރިއަށް ފޭބިއިރު ހުރިހާ އެންމެން ސިޓިންގްރޫމް ގައި ސަކަރާތްޖަހަން ތިއްބެވެ. އަފޫދައްތަގެ އާއިލާގެ ތެރެއިން މަދީ ލީޝާގެ ބައްޕަ ނައީމްބެ އެކަންޏެވެ. އެމީހުންގެ ވާހަކައިން އެނގުން ގޮތުގައި ނައީމްބެ ވީ ވިޔަފާރި ދަތުރެއްގައި ބޭންކޮކަށް ގޮހެވެ. ދުވަސްކޮޅަކަށްފަހު ރަހްމާއާއި އަފްޝާ އެގެއިން ބައްދަލުވުމުން ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. އަފްޝާގެ ހަގު ދެދަރިން ކުރެ ނާހިލް އަކީ ލީޝާ އާއި ޖެހިގެން ދެވަނަ އަށް ހުންނަ ދަރިއެވެ. ނާހިލްވެސް ނިމިދިޔަ އަހަރު އޭލެވެލް ނިންމުމަށްފަހު މިހާރު އުޅެނީ ލީޝާޔާއެކު އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލް ކުރުމުގައެވެ. އަފްޝާ އާއި ރަހްމާ ދެމީހުން އެކި އެކި ވާހަކަ ދައްކަމުން ދިޔައިރު ނާހިލް އާއި އޭނާގެ ކޮއްކޮ ތިބީ ޓީވީން ދައްކާ ފްޓްބޯޅަ މެޗެއް ބަލާށެވެ. ލީޝާއާއި ހިބާ އަދި ހުމާ ތިންކުދިން ތިބީ މަންމަމެންގެ ވާހަކަ އަށް ސަމާލުކަން ދީގެންނެވެ. އަފްޝާ ހިބާ ފެނުމުން ހީލުން ފިޔަވާ އިތުރަކަށް އެއްޗެކޭ ނުބުނެއެވެ.
ހިބާގެ ކިޔެވުމުގެ ކަންތައްގަނޑައް ވީގޮތް ރަނގަޅައް އެނގޭތީ އެކަމާއި ބެހޭގޮތުން އިތުރަށް ސުވާލު ނުކުރީ އެހަނދާންތައް އާ ވުމުން ރަހްމާ އިތުރަށް ރުޅި ގަދަ ވާނެހެން ހީވާތީއެވެ. މޫނުބުރުގާ އެޅުމަކީ މުހިންމުކަމެއް ނޫންކަމަށް ނަސޭހަތްދޭން އަފްޝާ ބޭނުންވީ ނަމަވެސް ހުރިހާ ކުދިން ކުރިމަތީ އެވާހަކަދެއްކުން ރަނގަޅު ނުވާނެކަން އޭނާއަށް އިހްސާސްވާތީ އެއްޗެކޭ ނުބުނީއެވެ.
ނާސިރު އައިސް ގެއަށް ވަނުމުން ރަހްމާ އެންމެންނަށް ކާންގޮވީ ނީލާ މޭޒްމައްޗައް ކާތަކެތި އަރުވާ ނިމުނު ވަގުތެވެ. ހުރިހާ އެންމެން ކެއުމަށް އިންސާފް ކުރުމަށް މޭޒް ކައިރީ އިށީނުމާއިއެކު އެންމެންގެ ސަމާލުކަން އިރުއިރުކޮޅާ ދަނީ ހިބާ އަށެވެ. މޫނު ބުރުގާ އަޅައިގެން ހުރުމުން އޭނާއަށް ކާން އުނދަގޫވާނެވަރު ހިތައް އަރާފައެވެ. ރަހްމާ އާއި ނާސިރުވެސް އިނީ ބޮލައް އުނދަގޫވެ ރުޅިގަދަ ވެފައެވެ. އެންމެފަހުން އަފްޝާ އަށް ނީނދެވިގެން ސުވާލުކުރާ އުސޫލުން ޝަކުވާ ކޮށްލިއެވެ. “ހިބާ! ކީއްވެތަ ގޭގައި އުޅޭ އިރުވެސް ތި އަޅައިގެން ތި އުޅެނީ؟ މިތާކު ނެތެއްނު ދުރު މީހަކުވެސް. މިތިބީ މުޅިންވެސް ތިމާގެ ކުދިން ވިއްޔަ؟” އެންމެންވެސް އެ ސުވާލުކުރަން ބޭނުންވެފައިތިބި ފަދައަކުން ހިބާއަށް ބަލާލިއެވެ. ހިބާ ކެތްތެރިކަމާއިއެކު އެންމެންނަށް ބަލާލާފައި އާއިލާ މީހުންނަކަސް އައުރަ ދެއްކުން ހުއްދަ ނުވާނެ މީހުން އެބަތިއްބެއްނޫންހޭ ބުނެ ނާހިލްއަށް ބަލާލިއެވެ. ނަމަވެސް އެ ޖަވާބު އެއްގޮތަކަށްވެސް އަފްޝާއަކަށް ކަމަކު ނުދިޔައެވެ. “ތިޔަ ވީގޮތުން ދެން ނާހިލް މިގެއަށް ނާންނަންވީތާ… ނާހިލް އިނީމަ ތި އުޅެނީ ނުކެވިގެން ވިއްޔަ..” ރުންކުރު ގޮތަކަށް އަފްޝާ އެހެން ބުނިއިރު ރަހްމާ އާއި ނާސިރުވެސް އިނީ އެ ޖަވާބާއިމެދު ހިތްހަމަނުޖެހިފައި ކަހަލައެވެ.
“ނޭނގެ މަށަކަށް.. ވަރެއްގެ މޫނު ބުރުގާއެއް އެޅިފައި ތިހުރީ… ގައިމު ތި ކިޔާ އައުރައެއް ނުފެންނަ މީހަކު މިތާގައި ނޫޅޭނެވިއްޔަ.” ރަހްމާވެސް އެންމެފަހުން ރުޅިވެރި ރާގަކަށް އޭނާގެ އިހްސާސްތައް ބަންޑުން ކޮށްލިއެވެ. ހުރިހާ ކުދިވެރިން ތިބީ ބުނާނޭ އެއްޗެއް ނޭނގި ޖެހިލުން ވެފައެވެ. ދެ އާއިލާގެ ބައްދަލުވުންތަކުގައި ކަމަކާއިމެދު ހިތްހަމަ ނުޖެހިގެން އެންމެން ކުރިމަތީ ބޮޑެތި މީހުން އެ ރާޤުގައި ވާހަކަދެއްކި މީ ފުރަތަމަ ފަހަރު ވިއްޔާއެވެ.
“ދެން މަންމަ އަށް ސާބަސް. ހިބާ ނޫޅެއެއްނު ނާހިލް ކޮއްކޮ މިތާ އިނީތީ ނުކެވިގެނެއް. މަންމަ މެނައްނު ތިއުޅެނީ ހިބާގެ އެ މޫނުބުރުގަލާހެދި އުނދަގޫ ވެގެން.” ލީޝާ މަޑުމަޑުން ޖެހިލުންވެފައިވާ ރާޤެއްގައި އޭނާގެ މަންމަ އަށް ވިސްނައިދޭން އުޅުނީ އިތުރަށް އެންމެންގެ ކުރިމަތީގައި ހިބާއާއި ދިމާލައް އެމީހުން އެއްޗެހި ކިޔުން ހުއްޓޭތޯއެވެ. “އެއީ ތެދެއް އަފޫދައްތާ.. އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނޫން މިހެން ކާކަށް. އަދި ނާހިލް އިނީމަކާވެސް އުނދަގުލެއް ނުވޭ.” ހިބާ ލީޝާ އާއި ބައިވެރިވެލީ އޭނާއާއި އެއްބައިވެލީތީ ހިތުން ޝުކުރުވެރިވާ ހާލުގައެވެ. ނަމަވެސް ހަމައެޔާއިއެކު އަފޫދައްތައާއި އިދިކޮޅައް އެއްޗެކޭ ބުނުމުން އަފޫދައްތަ އިންނާނީ ހިތްހަމަ ނުޖެހިފައިކަން އެނގޭތީ ދެރަވިއެވެ.
**ނުނިމޭ**
13 Comments
Comments are closed.
Assalaam Alaykum everyone. Here is the 7th part.
🙂
Have a good day..
masha Allah <3
masha allah varah reethi mi story
Ma Shaa Allah
mee haqeeqy vaahaka aka bina koffatha?
Nooney.. Hama hiyaaly story eh. ?
Jazaakumullah. (May Allah reward you all)
☺
Maashallah.. hyvanii hama real hn….
Jazaakillah (may Allah reward you).
☺
V reethi masha allah. When next part?
Jazaakillah.
Day after tomorrow. In Shah Allah.
?
Masha Allah ?? v nice
Jazaakillah
🙂