ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ދުވަހަކީ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ބަންދަށްފަހު ދެވަނަ ޓާމުގެ ކިޔަވަން ފެށުނު ދުވަހެވެ. ކުއްލިއަކަށް ކުލާސް ދޮރުމައްޗަށް މީހަކު މަޑުކޮށްލުމުން އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. ސްކޫލު ޔުނީފޯމުގައި ހުރި އަންހެންކުއްޖާއަކީ މީގެ ކުރިން ސްކޫލުން ފެނިފައިވާ ކުއްޖެއްހެންވެސް ހީނުވެއެވެ. ނަމަވެސް އެއީ ހަމަ ސްކޫލުގައި ރަން ވަނަތައް ހާސިލުކުރަމުން ހަރަކާތްތެރިކޮށް އުޅުނު ކުއްޖާއެވެ. ހައިރާންކަމާއެކު އެކުއްޖާއަށް ބަލަން އަހަރެންނަށް ހުރެވުނެވެ.
ކޮނޑާއި ހަމައަށް ކޮށާލާފައި އޮތް އިސްތަށިގަނޑު ވަނީ ވޫލުކޮޅަކުން އައްސާލާފައި އޮތެއްކަމަކު ފުސްކުލަ އަރާފައިވާ އިސްތަށިގަނޑު ހީވަނީ ކިހުޅިގަނޑެއްހެންނެވެ. ދެލޯ ރަތްވެފައިވާތީ އަދިވެސް ނިދި ނުފިލާކަން ޔަޤީންވެއެވެ. ރޫގުޅައެއްފަދަ ޔުނީފޯމުގެ އެކި ހިސާބު ހިސާބުގައި ލައްތައް ޖަހާފައިވުމުން އެއީ ނުވެސް ދޮންނަ ޔުނީފޯމެއްކަން އަހަރެންނަށް އެނގުނެވެ. އެކުއްޖާ ކުލާހަށް ވަންނަން އަހަރެން ހުއްދަ ދިނީމެވެ. އެޔާއެކު އެކުއްޖާ ކުލާހަށް ވަދެ ހުސް ގޮނޑިއެއް ހޯދަން ފެށިއެވެ. ކުލާހުގެ އެންމެ ފަހަތު ކަނުގައި ހުރި ހުސް މޭޒުގައި އިށީންނަން އެކުއްޖާ ދިޔައެވެ.
“އޭތް ހަޑިގިއްލާ.. ކަލޭ މި ޑެސްކު ހިފައިގެން އެކޮޅަށް ދޭ.. ކަލޭ އަހަރެންގެ ކައިރީ އިށީނދެއްޖެއްޔާ ކަލޭ ގައިގައި ތިހުރި ނުބައި ހުތްބަޑި ވަސް އަހަރެންގެ ގައިގައިވެސް ހިފާނެ.. ދާންއުޅޭ..” އެކުއްޖާ ގޮސް ގޮނޑި ފަހަތަށް ދަމާލަން ހެދިތަނާ ޖެހިގެން ހުރި ގޮނޑީގައި އިން ލައިޝާ ބުނެލިއެވެ. އަހަރެންވެސް ދެކޮޅަށް އެއްޗެކޭ ނުބުނަމެވެ. އަލަށް އައި ކުއްޖާގެ ސަބަބުން އެހެން ކުދިންގެ ކިޔެވުމަށް ހުރަހެއް އެޅެން އަހަރެން ބޭނުން ނުވާތީއެވެ.
އެދުވަހުގެ ކިޔެވުން ނިމިގެން ދިޔައިރުވެސް ނީރާ އެއްވެސް ނޯޓެއް ނަގާކަށް ނޫޅެއެވެ. އޭނާ ގިނަ ވަގުތު އިންނަނީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ޚިޔާލަކަށް ގެއްލިފައެވެ. މުޅިން އާ މާހައުލަކަށް ވުމުން ވެދާނެ ގޮތެކޭ އަހަރެންގެ ހިތަށް އެރިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރުވެސް ނީރާގެ އާދައަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް އޭނާ ބައެއް ފަހަރު ފިލާވަޅަށް ސަމާލުކަން ދޭން މަސައްކަތް ކުރާތަން ފެނުމުން އޭނާއަކީ ކިޔަވާ ހިތްވާ ކުއްޖެއްހެން ހީވެއެވެ. އަނެއްބައި ފަހަރު އޭނާއަކީ މަޖުބޫރުން ސްކޫލަށް ފޮނުވާ ކުއްޖެކޭވެސް ހީވެއެވެ. އޭނާ ކިޔެވުމުގައި އެހާ ހަރަކާތްތެރި ނޫނީ އެހެންވެ ކަންނޭނގެއެވެ.
ކޮންމެ ހަފުތާއެއްގެވެސް އާދީއްތަ ދުވަހަކީ ކުދިންގެ ސާފުތާހިރުކަމާއި ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތާތޯ ޗެކުކުރާ ދުވަހެވެ. ކުލާހަށް ގެންނަން ނުޖެހޭ ތަކެތި ގެނޭތޯ ދަބަސް ޗެކުކުރާ ދުވަހެވެ. އޭގެ ތެރެއިން ދުވަހެކެވެ. ފަހަރަކު ކުއްޖެއްގެ ދަބަސް ޗެކުކުރަމުން ދިޔައިރު ބައެއް ކުދިންގެ ދަބަހުން ސުޕާރިއާއި ބައެއް ކަހަލަ ކުޅޭ ސާމާނު ފެނުނެވެ. ކުޅޭ އެއްޗެހި ގެންނަވަރުގެ ކުޑަކުދިންނެއްވެސް ނޫނިއްޔާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެންމެފަހުން ގޮސް އަހަރެން ނީރާގެ ގާތަށް ހުއްޓުނީމެވެ.
އާދަޔާއި ޚިލާފަށް އެދުވަހު އޭނާ ހުރީ ރީތިވެގެންނެވެ. ޔުނީފޯމުވެސް ސާފުތާހިރުވެފައި ރުލެއްހާ ހިސާބުވެސް ނެތެވެ. އޭނާގެ މޫނުމަތިންވެސް ކުރިން ނުފެންނަފަދަ ރީތިކަމެއް ފެންނަމުން ދިޔައެވެ. އެއީ އޭނާގެ ޙަޔާތުގެ އެންމެ ބޮޑު ސިއްރު ފޮރުވުމަށްޓަކައި ކޮށްފައިވާ ކަންތައްތަކެއްކަން އަހަރެންނަށް އެނގުނީ މާ ފަހުންނެވެ. އަހަރެން ނީރާގެ ނިޔަފަތިތައް ބަލާލިއިރު ކަށި އިނގިލީގެ ނިޔަފަތީ މެދުން ފަޅައިގެން ގޮސް ލޭ އަރާފައި ހުއްޓެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް އަހަރެން ނުހެދީ އެއީ އެހާ ބޮޑުކަމަކަށް ވެދާނެކަން ހިތަށްވެސް ގެނެވިފައި ނުވާތީއެވެ. ނީރާގެ ޔުނީފޯމު ގަވާއިދާއި އެއްގޮތަށް ހުރިތޯ ޗެކުކުރުމަށްފަހު އޭނާގެ ދަބަސް ދިނުމަށް ބުނީމެވެ. އޭނާ ކިޔަމަންތެރިކަމާއެކު ދަބަސް ދިނެވެ.
އަހަރެން ނީރާގެ ދަބަހުގައި ހުރި އެއްޗެހި ޑެސްކު މައްޗަށް އަޅާލުމާއެކު ކުލާހުގެ ތެރޭގައި ގުގުމައިގަތީ ދެޖިންސުގެ ކުދިންގެ ހުނުމުގެ އަޑެވެ. ނުހޭން މަސައްކަތް ކުރިނަމަވެސް އަހަރެން ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. ޓީޗަރަކަށް ވީތީ އެފަދަ ޙާލަތެއްގައި ހުނުމުން މައްސަލައަކަށް ވެދާނެކަން އަހަރެންނަށް ވިސްނުނެވެ. ނީރާގެ ދަބަހުން ފޭބި އެއްޗެހިތަކުގެ ތެރޭގައި ރަތްކުލައިގެ ބޮޑު، ފިރިހެން ޖަނގިޔަލެއް އޮތްތަން ފެނުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. ލަދުން އެ މޫނު ރަތްވިއެވެ. ދެލޮލުން ކަރުނަ ހިލުނުތަން އަހަރެން ދުށީމެވެ. އެ ނިކަމެތި އަންހެންކުއްޖާއާއިމެދު އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަހަރެން ހުރިހާ ކުދިން ހުނުން ހުއްޓާލުމަށް އަމުރު ކުރީމެވެ. ކުލާހުގައި ގަދަވި ހުނުމުގެ އަޑު އެއްކޮށް ކެނޑުނެވެ.
އަހަރެން އަވަސްއަވަހަށް ނީރާގެ ޑެސްކުމަތީގައި ހުރި އެއްޗެހިތައް ދަބަހަށް އަޅާލީމެވެ. އަހަރެން ސުވާލުކުރަން އުޅުނީމެވެ. ނަމަވެސް އަހަރެން ސުވާލެއް ކުރުމުގެ ކުރިން ނީރާ ކުލާހުން ނުކުންނަން ދުއްވައިގަތެވެ. އަހަރެން އޭނާއަށް ގޮވިނަމަވެސް އޭނާއަށް އެއަޑު އިވުނުކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އޭނާ މަޑުވެސްކޮށްނުލާ ދުވެފައި ދިޔައީ ފާޚާނާ ބަރިއާއި ދިމާއަށެވެ. ކުލާސް ގަޑިކަމުން އަހަރެންނަށް އޭނާގެ ފަހަތަކުން ނުދެވުނެވެ. ނަމަވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ނީރާގެ ދަބަހުގައި ފިރިހެނެއްގެ ޖަނގިޔާ އޮންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އަނެއްކޮޅުން ސްކޫލު ދަބަހަށް އެފަދަ އެއްޗެއް ލާނެބާވައެވެ. ނީރާގެ ދެލޮލުން ފެނުނު ކަރުނައިން އެތައް ވާހަކައެއް ބުނެދޭން ބޭނުންވާކަން އަހަރެންނަށް ދޭހަވިއެވެ. ނަމަވެސް އަހަރެން ސުވާލުކުރުމުން އޭނާ ޖަވާބު ދޭނެބާވައެވެ.
ކުލާސް ގަޑި ނިމުނުއިރުވެސް ނީރާއެއް ކުލާހަކަށް ނާދެއެވެ. ކުލާސް ނިމުމުން އަހަރެން ސްޓާފް ރޫމަށް ދިއުމުގެ ބަދަލުގައި ދިޔައީ ފާޚާނާ ބަރިއާއި ދިމާއަށެވެ. އަހަރެން ދިޔައިރު އެހިސާބަކުން ނީރާގެ އެއްވެސް ހިލަމެއް ނުވެއެވެ. އަންހެން ކުދިންގެ ފާޚާނާތަކާއި ހަމައަށް ދިއުމުން އަހަރެންނަށް ހުއްޓެވުނީ ނީރާގެ ގިސްލުމުގެ އަޑަށެވެ. އެއަޑުގައިވާ އިންތިހާއީ ހިތްދަތިކަން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ. އެކުއްޖާގެ ދިރިއުޅުމުގައި ދިމާވެފައިވަނީ ކިހާ ވަރެއްގެ ކަމެއްބާވައެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ނީރާގެ ޙަޤީޤަތް ކޮންމެހެންވެސް ހޯދަން އެބަ ޖެހެއެވެ. ދަތި ޙާލެއް ޖެހިފައިވާ މީހަކަށް އެހީގެ އަތެއް ދިއްކޮށްނުލުމަކީ ވަރަށް ބޮޑު އަނިޔާއެކެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިގެނެއް ނުވާނެއެވެ.
އަހަރެން ނީރާގެ އަޑު އަންނަ ދިމާ ފާހަގަކޮށް ފާޚާނާ ދޮރުގައި ޓަކި ޖަހާލަމުން ދެފަހަރަކު ގޮވާލީމެވެ. ޓަކި ޖަހާލުމާއެކު ނީރާގެ އަޑު ކެނޑުނެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވާލިއެވެ. މޫނު ދޮވެ ހަދައިގެން ހުރިނަމަވެސް އޭނާގެ ރަތްވެފައިވާ ދެލޯ ފެނުމުން އަހަރެންގެ ހިތުގައި ރިއްސާލިއެވެ.
“ނީރާ.. މިސް ބޭނުން ނީރާއާއި ވާހަކަދައްކާލަން.. މިއަދު ސްކޫލް ނިންމާލާފައި މިސްއާއި ބައްދަލުކުރާތި އިނގޭ..” އަހަރެން ވަރަށް އޯގާތެރިކަމާއެކު ބުނެލީމެވެ. ނީރާ ކިޔަމަންތެރިކަމާއެކު ބޯޖަހާލިއެވެ.
ނީރާ ކުލާހާއި ދިމާއަށް ހިނގައިގަތުމުން އަހަރެން ނީރާއަށް ގޮވައި މަޑުކުރުވީމެވެ. އަދި އަހަރެން ކުލާހަށް ވަދެފައި ސްޓާފް ރޫމަށް ދިއުމުން ކުލާހަށް ދިއުމަށް ބުނީމެވެ. އަހަރެން ކުލާހަށް ދިޔައިރު ކުލާހުގައި ހުރީ ބިދޭސީ ޓީޗަރެކެވެ. އަހަރެން ކުޑަ އެންގުމެއް އަންގާލަންކަމަށް ބުނުމުން އޭނާ އަހަރެންނަށް ފުރުސަތު ދިނެވެ. ނީރާ ކުލާހަށް އައުމުން އެއްވެސް ކުއްޖަކު އޭނާއާއި ދިމާއަށް އެއްވެސް އެއްޗެކޭ ނުކިޔުމަށް އަހަރެން ނަޞޭޙަތް ދިނީމެވެ. އަދި އެފަދަ ގޮތަކަށް ކަންތައް ކުރުމަކީ ހަނގާކުރުން ކަމަށް ބުނެ ވިސްނައިދިނީމެވެ. އަހަރެން ބުނަން ބޭނުންވި ވާހަކަތައް ބުނެފައި އަހަރެން ދިޔައީ ސްޓާފް ރޫމަށެވެ.
ސެޝަންގެ ގަޑި ނިމުމާއެކު އަހަރެން އިންތިޒާރުކުރީ ނީރާ އަންނާނެ އިރަކަށެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނީރާ އަންނަތަން ފެނުމުން އަހަރެން ނުކުތީ ބޭރަށެވެ. އަހަރެން ނީރާ ގޮވައިގެން ދިޔައީ ސްކޫލުގެ ބިތްދޮށު ފަރާތުގައި ހުންނަ ބޮޑު ނިކަގަސްދޮށަށެވެ.
“ނީރާ.. މިސްއަށް އެނގޭ މިއަދު ވީގޮތުން ނީރާ ތި ހުންނަނީ ވަރަށް ލަދުގަނެ ދެރަވެފައިކަން.. އެކަމަކު މިސް ވަރަށް ބޮޑަށް އެނގެން ބޭނުން އެއީ ކިހިނެއް ނީރާގެ ދަބަހަށް އައި އެއްޗެއްކަން..” އަހަރެން ވަގުތު ނަގާނުލާ ސީދާ ސުވާލު ކުރީމެވެ.
“މިސް.. އަޅުގަނޑާ ތިސުވާލު ނުކުރައްވާ.. ތިސުވާލުތަކުގެ ޖަވާބަކީ އަޅުގަނޑަށް ދެވެން އޮތް އެއްޗެއް ނޫން.. އަޅުގަނޑަށް މާފުކުރައްވާ..” ނީރާ އޭނާ ބުނަން ބޭނުންވާ ވާހަކަތައް ބުނުމަށްފަހު ދާން ހިނގައިގަތެވެ. ނަމަވެސް އަހަރެން އެހާ ފަސޭހައިން ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“ނީރާ.. މިސް ބޭނުންވަނީ ނީރާއަށް އެހީވާން.. ނީރާއަށް ދިމާވެފައިވާ ކަންތައް މިސްއަށް ކިޔައިދީ.. މިސްއަށް އެނގޭ ނީރާއަށް ވަރަށް ބޮޑު ކަމެއް ދިމާވެގެންކަން ތި އުޅެނީ.. ނޭނގެނީ ކޮންކަމެއްކަން ދިމާވީ..” އަހަރެން ވަރަށް އޯގާތެރިކަމާއެކު ބުނެދިނީމެވެ. ނަމަވެސް ނީރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ އަހަރެން ވާހަކަ ދައްކަދައްކާ ހުއްޓާ ދިޔައީ އަހަރެންގެ ހިތުގައި ސުވާލު އުފައްދައިފައެވެ. ނީރާ ސިއްރުކުރަން އެ އުޅޭ ކަންތަކަކީ އާދައިގެ ކަމެއް ނޫނެވެ. ނީރާގެ ދަބަހުން ފެނުނު އެއްޗިއްސާއި ކުލާހުގައި އެކަހެރިވެ ޚިޔާލަކަށް ގެއްލިފައި އިންނަ އިނުމާއި ކަމަކާއިނުލާ ރުއިން އަދި ސްކޫލަށް ހާޒިރުނުވާ ދުވަސްތައް ގިނަވުމާއި ކުލާހަށް އަންނަ ގިނަ ދުވަސްދުވަހު ގަޑިޖެހުން މިއީ ގުޅިފައިވާ ކަންކަންކަމަށް އަހަރެންނަށް ޔަޤީނާއި ގާތަށް ހީކުރެވުނެވެ. ނަމަވެސް ކުށްހީއެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ ސާބިތު ހެއްކެކެވެ. އެކަން ކުރެވެން އޮންނަނީ ހަމައެކަނި ނީރާގެ އެއްބާރުލުން ލިބިގެންނެވެ.
ޖެހިގެން އައި ދެ ދުވަހުވެސް ނީރާ ސްކޫލަކަށް ނާދެއެވެ. އަނެއްކާ ނީރާ ބަލިވީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ކިޔަވައިދިނުމުގެ ދާއިރާގައި ފަސް އަހަރު ހޭދަކުރެވުނުއިރު އެތައް ކުދިންނަކާއި ދިމާވެއްޖެއެވެ. ނަމަވެސް ނީރާއާއި ދިމާވި ފަހުން އަހަރެންގެ ހިތް ނުތަނަވަސްވަނީ ކީއްވެކަމެއް ނޭނގެއެވެ. ނީރާއާއިމެދު ވިސްނަން ހިތް މަޖުބޫރު ކުރުވައެވެ.
ދެ ދުވަހު ސްކޫލަށް ނައިސް ހުރެފައި ނީރާ ސްކޫލަށް އައެވެ. އޭނާ އަހަރެންނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ނަމަވެސް އެއިން ނަގަންވީ ކޮން މާނައެއްކަމެއް އަހަރެންނަކަށް ނޭނގުނެވެ. އެދުވަހު ނީރާގެ ހަރަކާތްތައް އަދި ކުރިއަށްވުރެވެސް ތަފާތެވެ. އޭނާ ގިނަ ވަގުތު އޮންނަނީ ޑެސްކުގައި ބޯޖަހައިގެންނެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ނީރާ ރޭގައި ނުނިދަނީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނީރާ ބަލީތޯ ސުވާލުކުރުމުން އޭނާ ބުނީ ބަލި ނޫންކަމުގައެވެ. އެހެންކަމުން އަހަރެން ހީކުރީ ރޭގައި އޭނާ ނުނިދަނީކަމުގައެވެ.
ސެޝަން ނިންމާލާފައި ކުދިންތައް ނުކުންނަން ފެށުމުން އަހަރެން އެކުލާސް ކައިރިއަށް ދިޔައީ ނީރާއާއި ބައްދަލުކުރާށެވެ. އޭރު ނީރާ ކުލާހުން ނުކުންނަން ދަބަސް ތައްޔާރު ކުރަނީއެވެ. އޭރު އެހެން ހުރިހާ ކުދިން ނުކުމެގެން ހިނގައްޖެއެވެ. އަހަރެން ގޮވާލުމުން ނީރާ އަހަރެންނަށް ބަލާލިއިރު އެ ދެލޮލުގެ ރަތްކަން ފެނިފައި އޭނާ ރުއީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނީރާ ދަބަސް ތައްޔާރުކޮށްގެން ކުލާހުން ނުކުންނަން ހިނގައިގަތީ ފާޑަކަށް ހޫރެމުން ކަހަލަ ގޮތަކަށެވެ. އަހަރެންނަށް ނީރާގެ ގައިގައި ހިފަހައްޓާލެވުނީ އޭނާ ވެއްޓިދާނެހެން ހީވުމުންނެވެ. “ސުބްޙާނަﷲ”އެވެ.. ނީރާ ހުރީ ހުން އައިސް ރަތްވެފައެވެ. އެވަރު ވީއިރު އޭނާގެ މައިންބަފައިން އޭނާއަށް އަޅާނުލަނީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
“ނީރާ ތިހުރީ ވަރަށް ގަދައަށް ހުން އައިސްފައެއްނު.. ޑޮކްޓަރަށް ދައްކައިފިންތަ؟” އަހަރެން އެހެން އަހާލުމުން އޭނާ ބޯހޫރާލިއެވެ.
“ހިނގާ މިސްއާއެކު..” އަހަރެން ނީރާ ގޮވައިގެން ނުކުތީމެވެ. ސްކޫލާއި ސިއްޙީ މަރުކަޒު ހުންނަނީ ނުހަނު ކައިރީގައި ކަމަށްވިޔަސް ނީރާގެ ހުންގަނޑު ގަދަކަމުން އެމްބިއުލާންސްއަށް ގުޅީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެމްބިއުލާންސް އައެވެ. ނީރާ ގޮވައިގެން ސިއްޙީ މަރުކަޒަށް ދިއުމާއެކު ޑޮކްޓަރ ބަލާފައި އެނދުމަތި ކުރިއެވެ.
“ކޮބައިތޯ ނީރާގެ މައިންބަފައިން؟” ޑޮކްޓަރ ސުވާލުކުރިއެވެ.
“އެމީހުންނަށް ނުގުޅިގެން މިއުޅެނީ..” އަހަރެން މާޔޫސްކަމާއެކު ބުނެލީމެވެ.
“މީ ވަރަށް ސީރިއަސް ކޭސްއެއް.. އޭނައަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ލިބިފައި.. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަދި ޖިންސީ ގޮތުންވެސް..” ޑޮކްޓަރގެ ވާހަކައިން އަހަރެންނަށް ހީވި ހީވުން ޔަޤީންކުރެވުނެވެ. ނަމަވެސް އެކަން ކުރާ މީހަކު ނޭނގެއެވެ. ޝައްކު ކުރެވެނީ ނީރާގެ ދޮންބައްޕަ ޚާލިދަށެވެ. އެކަން އޮޅުންފިލާނީ ނީރާ ކިޔައިދީފިނަމައެވެ.
“ކިހިނެއްތޯ މިކަން އޮޅުންފިލުވޭނީ؟ އޭނަ އެއްވެސް ވާހަކައެއް ކިޔައެއް ނުދޭ.. އަޅުގަނޑަށް ޝައްކުވެގެން ސުވާލުވެސް ކޮށްފިން..” އަހަރެން ބުނީމެވެ.
“ޖެންޑަރ މިނިސްޓްރީއަށް އަންގަމާ.. އެމީހުން އައިމަ ކިޔައިދީފާނެ.. އެމީހުންގެ ފަރާތުން ހިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން އޮންނާނެ..” ޑޮކްޓަރ ބުނެލިއެވެ.
“އިހަށް އަދި ބަލާލާނީ ދޯ ނީރާ ކިޔައިދޭތޯ.. މިފަހަރު ކިޔައިނުދީފިއްޔާ ޖެންޑަރ މިނިސްޓްރީއަށް އަންގާނީ.. އެގޮތަށް އެކަން ހިނގުން އެއީ ވަރަށް ދެރަކޮށް ވާކަމެއް..” އަހަރެން ބުނީމެވެ. ޑޮކްޓަރވެސް އަހަރެންވެސް ވާހަކައަށް ތާއީދުކުރިއެވެ.
ހުން މަޑުވެ އައިވީ ފުޅި ހުސްވުމުން ނީރާ ގެއަށް ދޫކޮށްލިއެވެ. ނީރާ ސްކޫލަށް އައީ އޭގެ ތިން ދުވަސް ފަހުންނެވެ. ފުރަތަމަ ދުވަހުވެސް އަހަރެން ބޭނުންވީ ނީރާގެ ޙަޤީޤަތް އޮޅުންފިލުވާށެވެ. އެދުވަހު އަހަރެން ނީރާ މަޑުކުރުވީމެވެ. އަދި ނީރާގެ އެންމެ ބޮޑު ސިއްރު އަހަރެންނަށް އެނގިއްޖެކަން އޭނާއަށް އެންގީމެވެ. އެހެންކަމުން އެއްވެސް ފޮރުވުމެއްނެތި ޙަޤީޤަތް ކިޔައިދިނުމަށް ބުނީމެވެ. ނޫންނަމަ ޖެންޑަރ މިނިސްޓްރީއަށް އަންގަން ޖެހޭނެކަމަށް ބުނީމެވެ.
ނީރާ ކިޔައިދިނެވެ. އޭނާގެ އުމުރުން ބާރަ އަހަރުން ފެށިގެން އޭނާގެ ދޮންބައްޕަ އޭނާއާއި ބެހޭ ވާހަކައެކެވެ. މަންމައަށް އެކަން ސިއްރުކުރި ވާހަކައެވެ. ދޮންބައްޕަ މަންމަ މަރާލާނެކަމަށް ބުނެ ދިން އިންޒާރުތަކަށް ބިރުން ކަމަށެވެ. އެދުވަހު އޭނާގެ ދަބަހުގައި އޮތީ ދޮންބައްފަގެ ޖަނގިޔާއެއްކަމެވެ. އެއީވެސް މަންމައަށް އެއްރޭ އެކޮޓަރިއަށް އާދެވުނު ގަޑީގައި ކޮޓަރި އެނދުމަތީ އެ އޮތްތަން އޭނާއަށް ފެނިގެން މަންމައަށް ނުފެންނަނީސް ފޮރުވަންވެގެން އުޅެ ނޭނގި ލެވުނީކަމަށެވެ. ފަހުން އޭގެ މަތިން ހަނދާން ނެތިފައި ހުރީކަމަށެވެ. އެދުވަހު ސްކޫލުގައި ގަތް ލަދުގެ ވާހަކައެވެ. އަމިއްލައަށް މަރުވާން ހިތަށްއެރި ވާހަކައެކެވެ. ނަމަވެސް ކުފުރު މަރަކުން މަރުވާން ބޭނުންނުވީ މަންމައާއި ދޭތެރޭ ވިސްނާލާފައިކަމަށް ބުންޏެވެ. ނީރާގެ ވާހަކަތަކުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. އެ ޅަ ހިތް ވަނީ ކުދިކުދިވެފައެވެ. ހިމާޔަތް ދޭންވީ ފަރާތުން އެ ކުޑަކުއްޖާގެ މުޅި ދިރިއުޅުން ހަލާކުކޮށްލީއެވެ.
އަހަރެން ބޭނުންވީ މައްސަލަ ޖައްސާށެވެ. ނީރާއަށް އިންސާފު ހޯދައިދޭށެވެ. އެފަދަ ދެވަނަ އަންހެންކުއްޖަކަށް އެފަދަ ކަމެއް ޚާލިދުގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށެވެ. ޚާލިދު ސަލާމަތްވާން ދޫކޮށްލައިފިނަމަ ނީރާ ފަދައިން އެތައް ކުދިންނެއްގެ ދިރިއުޅުން ބަރުބާދުވާނެކަން އަހަރެންނަށް ވިސްނުނެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއެއް ނޫން ހެއްޔެވެ؟ މީ އަހަރެމެންގެ ކާބަފައިން އަހަރެމެންނަށް ނަގައިދީފައިވާ އަގުބޮޑު ފިލާވަޅެކެވެ. އަދި މިކަން ހާމަކޮށް ނީރާއަށް އިންސާފު ހޯދައިދީފިނަމަ އެފަދަ ކަމެއް ދިމާވެފައިވާ ކިތަންމެ ކުއްޖެއްގެ ޙައްޤުގައި މީހުން ނުކުންނާނެކަން އަހަރެންނަށް ޔަޤީންވިއެވެ.
އަހަރެން އެ މައްސަލަ ކޯޓަށް ހުށަހެޅީމެވެ. އަހަރެން ނީރާއަށް ހިތްވަރު ދިނީމެވެ. ދޮންބައްޕައަށް އެއްވެސް ކަމެއް ނުކުރެވޭނެކަމުގެ ޔަޤީންކަން ދިނީމެވެ. ދޮންބައްޕަ ބިރުދައްކަން މަސައްކަތް ކުރިޔަސް ބިރުނުގަނެ ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނުމަށް ނަޞޭޙަތް ދިނީމެވެ. ނޫންނަމަ ދުވަހަކުވެސް އެކަމުން ސަލާމަތް ނުވެވޭނެކަން ބުނެދިނީމެވެ. ނީރާ ޝަރީއަތުގެ މަޖިލީހުގައި ޚާލިދު އޭނާއަށް ކުރި ހުރިހާ ކަމެއް ކިޔައިދިނެވެ. އެ ދެލޮލުގައިވާ ރިހުމުންވެސް ހިތެއް އޮތް އިންސާނަކަށް އަސަރުކުރާނެއެވެ. އެ ކުޑަކުއްޖާގެ ހަށިގަނޑުގައި އަޅާނެ ވޭން ހިތަށް އަރުވާލިޔަސް އަހަރެންގެ ގައިން ހީބިހި ނަގައިގެންދެއެވެ. އެފަދަ ބަދުއަޚުލާޤީ ޢަމަލު ހިންގާއިރު މާތް ﷲއަށް ބިރުވެތިނުވާކަމެވެ. ޚާއްސަކޮށް ކުޑަކުއްޖަކާއިމެދު އެފަދަ ޢަމަލެއް ހިންގަން ކެރޭތީ އަހަރެން އަޖައިބުވެއެވެ. ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތުމުން ޚާލިދަށް ޖެހުނީ ކުށަށް އިޢުތިރާފުވާށެވެ. ޚާލިދުގެ މައްޗަށް ކުށް ސާބިތުވެ ޙުކުމް އިއްވިއެވެ.
ނީރާގެ މަންމަ ނޫރާގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. އެވަރުގެ ބޮޑު ކަމެއް ހިނގިއިރު އޭނާއަށް އެކަން ސިއްރުކުރީތީއެވެ. އޭނާ ހުރިހާ ކުށެއް އޭނާގެ ބޮލުގައި އެޅިއެވެ. އެކަން އެގޮތަށް ދިމާވީ އޭނާގެ އިހުމާލުންކަމަށް ބުންޏެވެ. އޭގެފަހުން ނޫރާ އިތުރު ކައިވެންޏެއް ނުކުރެއެވެ. ނީރާއަށް ލިބުނު ހިތްދަތިކަމާއި އަނިޔާތައް ތަކުރާރުވެދާނެކަމުގެ ބިރު އޭނާގެ ހިތުގައި އުފެދުނީއެވެ. ފިރިހެނުންނަށް ކުރާ އިތުބާރު ގެއްލުނީއެވެ.
އެތައް ދުވަހަކަށްފަހު ނީރާގެ ދިރިއުޅުން އާންމު ޙާލަތަށް ރުޖޫޢަވިއެވެ. ކުލާހުގައި އޭނާއަށް ހަނގާކުރި ކުދިން އޭނާގެ ކެތްތެރިކަމާއި ހިތްވަރަށް ސާބަސް ދީ މާފަށް އެދުނެވެ. އެތައް ދުވަހަކަށްފަހު ނީރާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ކިޔެވުމަށް ސަމާލުކަން ދޭން ފެށިއެވެ. އަހަރެންގެ މަޤުސަދު ހާސިލުވީއެވެ. ދިރިއުޅުން ގެއްލިފައިވާ ކުއްޖަކަށް އާ ދިރިއުޅުމެއް ހޯދައިދެވުނީއެވެ.
(ނިމުނީ)
6 Comments
Comments are closed.
is this a real stry……..nice and its a nice moral stry.
Yes.. 100% true story.. Thank You very much 🙂
V dhera vehje keykaa bunaay dhw eh vess kujeh kanthah thah siru nukoh mamma ah kiyaa dhinumah dharin nah naseyhath thari v biru dhah kaane mainnakey akudhinge himaayatheh
Asluves dhw.. 🙂
So sad that she had to suffer all that??….good to know that she got justice????…Thumbs up for the teacher who really handle that situation the best!!….The story is just awesome…wish to see a new story frm u soon!!
Thank You very much 🙂