ސާޅީސް (ދެވަނަބައި)
ނާޖިހުގެ ބައްޕައާއި ޒުލްފާގެ މައިންބަފައިންނަކީ ފެށުނީއްސުރެ އެކުވެރި އެއްބައެއްގެ ހާލުއަނެއް ބަޔަކު ބަލާ އުޅުނު ގުޅޭ ދެ އާއިލާއެވެ. ނާޖިހާއި ޒުލްފާއަކީ ކުޑައިރުންސުރެ އާއިލީ ބަދަހިކަމުގެ ތެރެއިން ދެކެފަރިތަ ރައްޓެހި ދެ މިތުރުންނެވެ. ދެފަރާތުގެ އާއިލާއިން ވެސް ބޭނުންވީ އެ ރަޙުމަތްތެރިކަމުގައި ރަސްމީކުލަ ޖައްސާށެވެ. އެކަކު އަނެއްކަކަށް އަންގައި ވެސް ނުލަ އެވެ.
ވަލީމާގެ ކަންކަމާ ހުރިހާކަމެއްގެ ތައްޔާރީތައްވަމުން ދިޔައީ ދެ ފަރާތުގެ އާއިލާއިންނެވެ. ގޭތެރޭގެ ހަލަބޮލިކަމާއި މައިންބަފައިންގެ ތުންގުޅުވުންތަކުން ކޮންމެވެސް ބޮޑު ހަރަކާތަކަށް އާއިލާއިން ތައްޔާރުވަމުންދާކަން ނާޖިހަށް ޝައްކުކުރެވިގެން އަހައިލުމުން ބައްޕަގެ ޖަވާބަކަށްވީ މާމަގެ އަހަރުމަތި ދުވަސް ކުލަގަދަކޮށް ތައްޔާރުކުރަން މަންމަ ބޭނުންވެގެން އެކަމަށް އުޅޭ ވާހަކައެވެ. އާއިލީ އެއްވުމެއްގެ ގޮތުގައި ރަޙްމަތެރިންނާއި ލޭގެ ގުޅުން ދައުރުވަމުންދާ ފަރާތްތަކަކަށް އެއް ސުފުރާއަކަށް އަތްހަމަކޮށްލަން ނުލިބޭތާ ދުވަސްވީމައި އެކަމަށް ތައްޔާރުވާ ކަމަށެވެ. ނާޖިހަށް މަސައްކަތެއް ހަވާލު ނުކުރުމުން އެކަމާ ޝަކުވާކުރަން ފެށުމުން މަންމަގެ ޖަވާބަކަށްވީ މިކަމުގެ ބޮޑު ބައެއް ކުޅެނީ ނާޖިހުކަމަށެވެ. ވަގުތު ޖެހުމުން ކަންކަން ވެގެންދާނީ އެންމެ ރަނގަޅަށް ކަމަށެވެ. މަސައްކަތް ކުރަން ހަވާލުކުރީމާ އެކަމަށް ނޫނެކޭ ނުބުނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
“ދަރިފުޅަށް އޮތް ހަދިޔާއަކީމީ! އަސުރުމަލު ކުލަ އެ ދަރިފުޅަށް އެންމެ ކަމުދާކުލައެއްނު! އަން.. މިގަމީހާ މި ފަޓުލޫނު ލައިގެން ކަރުގައި އެއްކަލަހެން މި ޝޯލް އޮޅައިލައިގެން މިރޭ ހަތެއް ޖަހާއިރަށް ބޮޑުކޮޓަރިއަށް ނުކުންނާތި! އެންމެން ހާޒިރުވާއިރު ދަރިފުޅުވެސް ވާނެ ހާޒިރުވާން! އަން އަވަހަށްދޭ ތައްޔާރުވާން މިހާރު އެހެރަ 6 ޖަހަނީ!” އިސްތިރިކޮށް އޮފުއަރުވާލާފައިވާ ގަމީހަކާއި ފަޓުލޫނު އެލުވާފައިވާ ކޮނޑު ދެ އަތުން ހިފައިގެން އައިސް ސޯފާގައި އިން ނާޖިހަށް އޭނާގެ މަންމަ، މުނީރާ ހަވާލުކޮށްލި އެވެ.
“މި… މި… ނުވެސް!” ނާޖިހުގެ ހިތުގައި އުފެދުނު ސުވާލުތައް ބަންޑުންކޮށްލަން އޭނާގެ ދޫ ނުކުޅެދުނީ ލިބުނު ކުއްލި ސިހުމުންނެވެ.
“އެކުން ސުވާލު ގިނަ ނުކޮށް އިހަށް މި ބުނާ ގޮތަށް ކަންކޮށްބަލަ! ތިހަރަ ތުނބުޅިވެސް ރީތިކޮށް ބާލައި ބޯވެސް ކުޑަކޮށް ރީތިކޮށްލައިގެން ނިކުންނާތި! ދެން އަވަހަށްދޭ! އެހުރިހާ ސަކަރާތެއް ޖަހަން ވަގުތު އޮންނާނީ ނުވެފަ!” މުނީރާ ބޭނުންވީ ނާޖިހުކޮޓަރިއަށް ފޮނުވާލާށެވެ. އޭރު ވެސް ކުލީމީހުން ކާނާ ތައްޔާރުކުރުމުގެ މަސައްކަތުގައި ފެންޑާގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. ގޭގައި ގެންގުޅޭ ބޭރު މީހުން މައިގެތެރެ ތަރުތީބުކޮށް ޒީނަތްކުރުމުގައި އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައެވެ.
ހިނދުކޮޅެއް ފަހެވެ. ނާޖިހު ފެންވަރާ ތައްޔާރުވެ ލޯގަނޑު ކުރިމައްޗަށް ގުދުވެ ގުދުވެފައި ބޮލުގެ އިސްތަށިތައް ޒީނަތްތެރިކޮށް އެކި އިސްތަށީގައި ވަކިވަކިން ޖެލް ލަމުން ކޮޅަށް ހިއްލަނީއެވެ. ދޮރުގައި ދެ ފަހަރަކު ޓަކި ޖަހައިލުމުން ދޮރުހުޅުވާލިއެވެ.
“ދަރިފުޅު ލަސްވެގެން… އެންމެން އެތިބީ… އަވަހަށް އާދޭ!” މޫނުމަތިން އާދަޔާ ޚިލާފު ޗާލުކަމެއް މުނީރާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. ލައިގެން ހުރި ހެދުމާއެއްވަރަށް ލިބިފައިވާ ހިތްހަމަޖެހުމުން ފާހަގަވުމުން ނާޖިހަށް ހުރެވުނީ ހުއްޓެވިފައި ބަލާށެވެ.
“އަދިވެސް ހުރީތަ؟ އަވަސްކޮށްގެން ހިނގާ” މުނީރާ ނާޖިހުގެ ކަނާއަތުގައި ހިފައިލިއެވެ.
“ހިނގާ! މި ނިމުނީ… މަންމަގެ ރީތިކަމުން އަހަރެން… ހާދަ… ހާދަ…” ނާޖިހު މަޑުމަޑުން ހިނގުމެއްގައި މުނީރާގެ ފަހަތުން މައިގެ ތެރެއަށް މިސްރާބު ޖެހިއެވެ.
ވާން އުޅެނީ ކޮންކަމެއްކަން ނާޖިހަށް ކުޑަކޮށްވެސް ރޭކާ ނުލައެވެ. ކުރިމަތީގައިވަނީ ކިހާވަރެއްގެ އިމްތިޙާނެއްކަމެއް ކުޑަކޮށްވެސް ވަޒަންވެސް ނުކުރެވެއެވެ. އޭނާއަށް ގޭތެރެ ސިފަވަމުން ދިޔައީ އާދަޔާޚިލާފު އަލިކޮށެވެ. މަޑުމަޑު މީރުވަހަކުން މުޅި ގޭތެރެ އެއްވަސް ކުރުވާފައިވާއިރު އެކިއެކި މީހުންގެ ހެލިފެލިވުންތަކުން މަންޒަރަށް އިތުރު ފުރިހަމަކަން ވެރިވަމުން ދިޔައެވެ.
ނާޖިހަށް ލިބެމުންދިޔައީ އާދަޔާ ޚިލާފު ހައިރާންކަމެކެވެ. މައިގެތެރޭގެ ތައްޔާރީތައް ފުރިހަމަކަމުންނެވެ. މައިގެތެރޭގައި ނާޖިހުގެ މަންމައާއި ބައްޕަގެ އާއިލާގެ އެންމެން ނަލަހެދި ޒީނަތްވެ މޫނުބަބުޅާ ހާލު ހިނިތުންވެ ތިއްބެވެ. ނާޖިހަށް ބަލައިލެވުނީ އެންމެންގެ މޫނަށް ވަކިވަކިންނެވެ. ކޮންކަމެއްހޭ އަހައިފަދަ ބީދައަކުންނެވެ. ބޮޑުބޭބެއެވެ. ދޮންތަގެ އާއިލާއެވެ. ކުޑައްތައާއި ކާފައެވެ. މާންބެއާއި ބޮޑުދައިތަގެ ކުޑަދެކުދިންނެވެ. ރީއްތައާއި ދޮންތަގެ ދެމަފިރިންނެވެ. ޖަވާބުގައި ކޮންމެ މީހަކުވެސް މަރުޙަބާއޭ ބުނާފަދައިން ހީލައެވެ. ނިތްއަރުވާލަމުންނެވެ.
މުނީރާފެނުމުން އިބްރާހިމް ރަޝީދު ކޮޅަށް ތެދުވެ ނާޖިހުގެ ކޮނޑުގައި ހިފައިލަމުން ހިނިތުންވެލިއެވެ. ނާޖިހުގެ ކަނާތު ކޮނޑުގައި މަޑުމަޑުން އިބްރާހިމް ހިފަހައްޓައިލިއެވެ. ވައަތު ކޮނޑުގައި މުނީރާ ހިފައިލަމުން ނާޖިހަށް ޚާއްޞަކުރެވިފައިވާ ގޮނޑިދައްކާލަމުން އިށީނުމަށް އިޝާރާތްކޮށްލިއެވެ.
އިބްރާހިމް ރަޝީދުގެ ހަރަކާތަށް ބަލަބަލާހުރި ބޮޑުދައިތަ މުނީރާގެ ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އެއާއެކު ކުރިއަށް ހިނގައިގަތީ ރީތި ހުދުހެދުމަކުން ޖަރީވެފައިވާ ތުއްތުތުއްތު ދެ އަންހެން ކުދިންނެވެ. ފަހަތުން ޕަރީޒާދެއްފަދަ ޗާލު އަންހެންކުއްޖަކު އިސްޖަހައިގެން ހުރެ ހިނގަމުންދިޔައެވެ. މޫނު ނިވާކުރެވިފައިވަނީ ހުދުކުލައިގެ ލޭސްފޮތިންނެވެ. ކަޅުކުލައިގެ ދިގު އެ ފަން އިސްތަށިގަނޑު ތަރުތީބުކުރެވިފައިވަނީ ކުރެހުންތެރިއެއްގެ ތަސްވީރެއްފަދައިން އެކަހަލަ ފަރުމާތަކުންނެވެ. ލައިގެން ހުރި ހެދުމުގެ ވިދުންވަރުން ލޯ ތަރަތަރަ ޖަހައިގެންދާވަރުވެއެވެ. އަންހެން ކުއްޖާގެ ފަހަތުން ދެ މީހަކު މޫނުބަބުޅަމުން ހިނިތުންވެ ކުރިއަށް ހިގަމުން ދިޔައެވެ. ނާޖިހަށް ބަލައިލެވުނީ ކޮންބައެއްތޯއެވެ. ޒުލްފާ މަންމައާއި ބައްޕައެވެ. ކުރެވުނު ހީ ޔަޤީންކުރެވުނީ އެހައި ހިސާބުންނެވެ. ތައްޔާރީތައްވަމުން ދިޔައީ ނާޖިހާއި ޒުލްފާގެ ކައިވެނީގެ ވަލީމާކަން އެނގުނީ ވެސް އެހައި ހިސާބުންނެވެ. ނާޖިހަށް އޮޅުވައިލައިގެން އޭނާގެ ބައްޕަ ފޯމެއްގައި ސޮއިކުރުވިކަން ހަނދާނަށް އައީވެސް އެހާ ހިސާބުންނެވެ. އާއިލާގެ އެންމެން ރާވައިގެން އޭނާއަށް މިދިނީ ކިހާވަރެއްގެ ‘ސަޕްރައިޒެއް’ ހެއްޔެވެ؟ ހަޤީޤަތުގައިވެސް އޭނާ ވަރަށް ސަޕްރައިޒް ވެއްޖެއެވެ. އުއްމީދު ނުކުރާވަރުގެ ކަމެއް އޭނާއަށް ކުރިމަތިވީއެވެ. ނުކިޔަވާ ފިލާވަޅަކުން އިމްތިޙާން ކަރުދާސް ކުރިމަތިވީއެވެ. އެކުވެރިކަމުގެ ނަޒަރުން ދުށްމީހެއް އަނތްބަކަށް ބަދަލުކުރަން ޖެހުނީއެވެ. ވާނުވާ ބޯޑުއަޅުވައިގެން އާއިލާގެ ޤަދަރަށްޓަކައި އަމިއްލަ އުއްމީދުތަކާއި ދެކެމުންދިޔަ ހުވަފެންތަކުގައި ކުލަ ނުޖެހި އެހެން ބައެއްގެ ހުވަފެނުގައި ކުލަޖައްސަން ޖެހުނީއެވެ.
ޚިޔާލީ ފުންކަނޑުގެ ތެރެއިން ނާޖިހު ކުއްލިއަކަށް ހޭލައްވައިލީ ފޯނުކޯލަކުންނެވެ.
“އާން! ނޫނޭ މިހާރު މިދަނީ ބައްޕަ މަޑުކޮށްލާ ގޭގައި!” ނާޖިހު ފޯނު ކަންފަތުގައި ޖައްސައިލަމުން މަޑުމޮޅި ރާއްގެއްގައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
އޭރު ޒުލްފާ ކޮނޑުގައި ދަބަސް އެލުވާލަމުން ބޭރަށް ނުކުންނަން ހިނގައި ގަތެވެ. “މިދަނީ މަންމަ ކައިރިއަށް ގެއަށް، އާދެވޭނީ ޑޮކްޓަރަށްވެސް ދައްކާފަ ބައްޕަ ގެއަށް އައީމަ!” އާދައިގެ މަތިން ދޮރުގެ ތަޅުގައި ހިފައިލަމުން ފަސްއެނބުރި ބަލައިލުމެއްވެސް ނެތި ޒުލްފާ ބުނެލިއެވެ. ނާޖިހު އެއްޗެކޭ ބުނަން އަނގަހުޅުވާލިއިރު ޒުލްފާ ބޭރަށް ނުކުމެ ދޮރުލައްޕާލަނީއެވެ. އެހެންވެ ދެ ފަރާތަށް ބޯ ހޫރާލަމުން އިސްޖަހައިލިއެވެ.
އެވަގުތެވެ. ނާޖިހު އިނީ އޭނާގެ ބައްޕަ އިބްރާހިމާއެކު ވާހަކަދައްކަން، އިބްރާހިމްގެ ގޭގެ ގޯތިތެރޭގައި ވާ ބޮޑު އުނދޯލީގައެވެ. ޒުލްފާވެސް ހަޔާތުގެ ކަންކަމާ ގުޅޭގޮތުން އޭނާގެ މަންމަ ހަސީނާއަށް ވާނުވާ ހިއްސާކުރަމުން ދިޔައެވެ.
“މިހާރު އަހަރެން މާޔޫސްވެއްޖެ! ކައިވެންޏަށް އަށްމަސްވަނީ އަދިވެސް ބައްޕާ… ބައްޕަ ތިބުނާ” ނާޖިހު ހުއްޓައިލިއެވެ.
“ދަރިފުޅާ ކައިވެންޏަކީ ކުރެވޭ މުއާހަދާއެއް! އެކުގައި އުޅުމަށާ އެކުގައި ހިއްސާކުރުމަށް ކުރެވޭ އަހުދެއް! އެފަދަ ބޮޑުކަމެއް ކުރެވޭ އިރު އެކަން ފުރިހަމަ ގޮތުގައި ދެމިހުންނާނީ ފިސާރި ކެތްތެރިވެގެން!” އިބްރާހިމް މަޑުމައިތިރިކަމާއެކު ވާހަކަކުރިއަށް ގެންދިޔައީ ނާޖިހުގެ ބުރަކަށީ ފިރުމަން އިނދެއެވެ.
“އަހަރެން މާޔޫސްވެއްޖެ! ގޮތް ހުސްވެއްޖެ! ނާޖިހަށް އަހަރެންގެ އިހުސާސްތަކެއް ދެނެއެއް ނުގަނެވޭ! ގެއަށް ވަންނަ ކޮންމެ ފަހަރަކު އޮންނަނީ ޝަކުވާކުރުން!” ޒުލްފާ ވާހަކަދައްކަމުން ދިޔައީ އޭނާގެ މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެ މަންމަގެ ކޮޓަރީގައި އިނދެއެވެ.
“ދަރިފުޅާ… ކެތްތެރިވާންވާނެ… ދަރިފުޅަށް އަދި އުފާވެރި ނިޔާމަ ދިރިއުޅުމެއް ލިބެނޭ” ޒުލްފާގެ މަންނަ، ހަސީނާ ޒުލްފާގެ ބޮލުގައި ފިރުމައިލަމުން ވާހަކަދެއްކީ މަޑުމޮޅި ރާގެއްގައެވެ.
“ކެތްކުރެވޭނީ މިހާވަރަކަށް! އެހެންމީހަކު ނަމަ މިހާރު..” ނާޖިހުގެ އަޑުގައި ހިތާމައިގެ މަޑުމޮޅިކަން ވެރިވަމުން ދިޔައެވެ.
“ދިމާވާ ކޮންމެ ކަމަކުން މައިދާން ދޫކޮށްފައި ދިޔުމަކީ އަހަރުމެންގެ ސިފައަކަށް ވެގެން ނުވާނެ! ބައްޕަ އަބަދުވެސް ބުނަމެއްނު ލޯބި ލިބޭނީ ލޯބި ހޯދަން ދަސްކޮށްގެންނޭ! ލޯބި ހާސިލުކުރެވޭނީ ލޯބިވާން އެނގިގެންނޭ! ލޯބިވެވޭނީ…” އިބްރާހިމް ކަރުކެހިލިއެވެ. މަޑުމަޑުން ކޮޅަށް ތެދުވެ ގޯތިތެރޭގައިވާ ހުސް ޖާގައާ ދިމާއަށް ހިނގައިގަތެވެ. ނާޖިހު ވެސް ފަހަތުން ހިނގައިގަންނަމުން ކުރިއަށް ޖެހިލިއެވެ.
“ލޯބި ހާސިލުކުރަން ހިތްނޭދޭ ކަންކަން ކުރިއަކަސް އެ ދާއިމީ ކަމަކަށް ނުވާނެކަން މަންމައަށް ވެސް އެނގޭނެ! ކުރިން ރޭ ވެސް އަހަރެންގެ އުފަންދުވަސް ފާހަގަކުރަން ބޮޑު ކޭކެއް ގެނެސް ގޭތެރޭގަ އުއްބައްތި ޖަހައި ލައްކަ ދެއްކުންތެރިކަން ދައްކަން އޭނާ މަސައްކަތްކުރި! އޮފީހުން ގެއަށް އަންނަންވާއިރަށް ކޮޓަރީގައި މާބޮނޑި ބާއްވާ ކާޑު ބާއްވާ! ޕާރުސަލް ބާއްވާހެދި! އަޅެ ކީއްވާނީ އެ މާބޮނޑިއާ އެ ޕާރުސަލް ވެސް އޭނާއަތުން އަހަންނަށް ދިންނަމަ! އެކޭކު ވެސް އޭނާ ފަޅައިދޭން… ދެން ނޭނގެ… އެހެންވެ މި ބުނަނީ ޠަބީއަތުގަ ނެތްކަމެއް މީހުން ބުނާތީ މީހުންނަށް ދައްކަން ކުރަނީއޭ” ޒުލްފާގެ އަޑު ކުރަކިވަމުން ގިސްލުމުގެ އިހުސާސް އަޑުން ފާހަގަވަމުން ދިޔައެވެ. މަޑުމަޑުން ތެދުވެ ހަސީނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ދަރިފުޅާ! ދަރިފުޅުވެސް ހިތްހެޔޮކަމާއެކު ނާޖިހާ ވާހަކަދައްކާ ހީސަމާސާ ކޮށް އުޅުނީމަނޫންތަ ތިޔަ ހުރިހާ ކަމެއް ބަދަލުވާނީ… ބައެއް މީހުންނަކީ ލޯބިވާ ވާހަކަ ފާޅުނުކުރާ މީހުން.. ކިތައްމެ ލޯބިވިޔަސް އަނގައިން އެކަން ހާމަނުކުރާ މީހުން! އަނެއް ބައި މީހުންނަކީ ލޯބިވާކަން މީހުންނަށް ދައްކަން އުޅޭ މީހުން! ޙަޤީޤަތަކީ ޢަމަލުން ލޯބިވާކަން ދައްކާ މީހުންނަކީ ޙަޤީޤީ ލޯބިވާމީހުންނަކީ… އެ ފަދަ ލޯތްބަކާ ދަރިފުޅު ތިޔަ ފެއަށް ޖެހެނީ…” ހަސީނާ ޒުލްފާއަށް ވިސްނައިދެވޭތޯ ބަލަމުން ދިޔައެވެ.
“ތިބުނާ ލޯތްބެއް ނުލިބުނެއްނު! ލޯބި ހޯދަން އަހަރެން ނުކުރަނީ ކޮންކަމެއް! މީހަކު ބުނިހާކަމެއް އަހަރެން މިކުރަނީ… ނޭގެ މިކަމަކާހުރެ މިހާރު އޮފީހަށް ދާހިތެއް ކާހިތެއް ބޯ ހިތެއްވެސް ނުވޭ! އަބަދު… އަބަދު…” ނާޖިހުވެސް ފުންނޭވާއެއް ދޫކޮށްލި އެވެ.
“ބައްޕަ މި ބުނާ ގޮތް ހަދާ! އަން މި ފޮތުގެ ބޭނުންކުރޭ! ކަންކުރަންވީ ހުރިހާ ގޮތެއް ފޮތުގައި އޮންނާނެ! ހަނދާން ބަހައްޓާތި ކޮންމެ ދުވަހަކުވެސް ކިޔާނީ އެދުވަހު ކިޔަން ޖެހޭ ޞަފްޙާ އެކަނި! އިތުރު ޞަފްޙާތައް ބަލައިފި ނަމަ ކުރަން ބޭނުންވެގެން މިއުޅޭ ކަމެއް ކާމިޔާބެއް ނުވާނެ!” ގޯތިތެރޭގައި ބަހައްޓާފައި ހުރި ކޮފީ މޭޒުމަތީގައިވާ ދަބަހުން މޮނީޓަރު ފޮތް ސައިޒުގެ ކުޑަ ފޮތެއް ނަގައި ނާޖިހަށް ދިއްކޮށްލިއެވެ.
“މިކަމުން؟” ނާޖިހަށް ޤަބޫލެއް ނުކުރެވުނެވެ.
“ސާޅީސް ދުވަސްތެރޭ ކާމިޔާބުވާނެ! ތިޔައީ މުޖައްރިބު ކަމެއް! ތަޖުރިބާކުރެވި އަޖުމަ ބެލިފައިވާ ކަމެއް! ސުވާލުކުރާނީ ބުނާ ދުވަސް ފަހަނައަޅައި ދިޔުމުން! މާދަމާއިން ފެށިގެން ސާޅީސް ދުވަސް ގުނަން ފަށާ! ބަރާބަރު ސާޅީސް ހަމަވާއިރު ބަދަލެއް ނައިސްފި ނަމަ ބައްޕަ ވެސް ނާކާމިޔާބުވީކަމަށް ބަލާ ދަރިފުޅު ބޭނުން ގޮތަކަށް ކަންކަން ނިންމާ!”
(ނުނިމޭ)
5 Comments
Comments are closed.
vaahaka v intrestin… ekm hithah araa suvaalaky kaivenyaky kulhi vareh heyyy??????????????
Ran ves nukiyuvva kaiveni kurevey tha. Hama form eh ga sign kuriyakas kaivenyeh nukureveyne dhw
Sing kureema firimeehaage baininuny rankiyumuga
Sing kureema firimeehaage baininuny rankiyumuga
sing or sign??????????