ސާޅީސް (ތިންވަނަބައި)
“ސާޅީސް… މި ހާލުގައި ސާޅީސް ދުވަސް! އަނެއްކާ އަނެއް އިމްތިހާނުތަ؟ މި އުޅެނީ ބައްޕަގެ ފުރަތަމަ އިމްތިހާނުން ވެސް އަހަރެން ފާސް ނުވެގެން! އަނެއްކާ އިތުރު އިމްތިހާނެއް!”
“ސާޅީސް ދުވަހަކީ މުޅި އުމުރަށް ދެމިގެންވާ ނިޢުމަތެއް ހޯދައިގަތުމަށް ގިނަ ދުވަހެއް ނޫން! ސާޅީސް ދުވަހަކީ ނިއުމަތްތަކެއްގެ ފޮނިކަން ހޯދައިގަތުމަށް ކުޑަ ވަގުތުކޮޅެއް! ސާޅީސް ދުވަހަކީ ޖީލެއްގެ ބިންގާ އެޅުމަށް ތައްޔާރުވާން ކުޑަ ހިނދުކޮޅެއް! ދަރިފުޅު ތިޔައީ ކެތްތެރި މައިންބަފައިންގެ ބަސް ޤަބޫކުކުރާ ކުއްޖެއްނު! ކުރިމަތިލާ… ބައްޕަ އަބަދުވެސް މިހުންނަނީ ދަރިފުޅާއެކު..” އިބްރާހިމް ނާޖިހުގެ ދެ ކޮނޑުގައި ހިފައިލަމުން ލޯތްބާއެކު ވިސްނައިދިނެވެ. މުސްކުޅި އަޑުގައި އިތުރު ތުރުތުރެއް ވެރިވަމުން ދިޔައީ އެހައި ހިސާބުންނެވެ. ލޮލުން ހިލެމުން ދިޔަ ކަރުނަތައް ފޮރުވަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
“ބައްޕާ! ތިޔައީ އަހަރެންގެ ހުރިހާ ވެސް މީހަކީ! އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ހުރިހާ ވާހަކަތަކެއް ހިއްސާކުރާ އަހަރެންގެ ދެލޯ ފަދަ ލޯބިވާ މީހަކީ ތިޔައީ! ބައްޕަ ހިތްވަރު ދެރަކޮށްފި ނަމަ އަހަރެން ނާކާމިޔާބު ވެދާނެ! ނުރޮއެ އަހަރެން ހަށީގައި ފުރާނަ ހުރިހައި ހިނދަކު ބައްޕަގެ ބަސް ޤަބޫލުކުރާނަން! ބައްޕަގެ ބަސް ޤަބޫލުކުރުމުން އަހަންނަށް ދެރަގޮތެއް އަދި މިވީހާ ތަނަށް ކުރިމައްޗެއް ނުވޭ! ހުއްޓާލަ.. ނުރޮއެ… އަހަރެން ބަލިކަށިވެދާނެ!” ނާޖިހު އިބްރާހިމްގެ ގައިގައި އޮޅުލައިގަތެވެ. ދެބަފައިން ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
“ބައްޕަ ނުރޮން… ބައްޕައަށް ވިސްނެނީ ދަރިފުޅުގެ ތިޔަ އަނދިރި ހަޔާތް… ވިސްނާނެވަރު… ކުރެވޭނެ އިހުސާސްތައް… ބައްޕަ މިއަދު… ދެރަވަން މަންމަގެ ނިންމުމަށް ދަރިފުޅަށް ތިޔަހާ ބޮޑު އިމްތިހާނަކާ ކުރިމަތި ކުރެވުނީތީ! ދޭ މަންމަ ކައިރިއަށްވެސް ގޮސް އޯގާތެރިކަމާއެކު ހިނިތުންވެ ހުރެ ވާހަކަދައްކާ… މަންމަ އެހުރީ މި މަންޒަރުތައް ބަލަން… އަވަހަށްދޭ!” އިބްރާހިމް ނާޖިހުގެ ކޮނޑުގައި ހިފައި ހިއްލާލަމުން އެ މައުސޫމު މޫނަށް ބަލައިލަމުން ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ނާޖިހު ބޯތަޅުވައިލިއެވެ.
“އާނ މަސައްކަތް ކުރާނަން! އެކަމަކު މިހާލުގައި އަހަރެންނަށް ވެސް އުޅެވޭނީ ވަކި ދުވަހަކާ ހަމައަށް! މަންމައަށް ވެސް އެނގޭނެ އަންހެނުންނަކީ އޯގާތެރިކަމެއް ކިރިޔާ ވެސް ލިބޭ ފަރާތެއް ފެންނަ އިރަށް އެފަރާތަކަށް ނުހަނު ފަސޭހައިން ލެނބެވޭ ބައެއްކަން!” ޒުލްފާގެ މައުޟޫޢު ބަދަލުވަމުން ދިޔައެވެ.
“އެކަމު ދަރިފުޅު ތިޔަ ދައްކާ ވާހަކަތަކުން މަންމައަށް ޔަޤީންވާ ކަމަކީ ތިޔަ ބުނާ ނިޝާމަށްވުރެ ނާޖިހު ދަރިފުޅު ދެކެ މާ ބޮޑަށް ލޯބިވާކަން! އަނެއްކާ މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ ހިލޭ ފިރިހެނުންނާއެކު ތިޔަގޮތަށް އުޅުނީމަ ދެ ފަރާތުގެ އާއިލާއަށް…” ހަސީނާ އިސްޖަހައިލިއެވެ.
“މަންމާ! އަހަރެން ނުދަމޭ! އޭނާ އަހަރެންނަށް އަޅައިލާ ހާލު ބަލާ ކައިފިތޯ އަހައި، އެގޮތަށް އުޅޭތީ އެކަމާ ވިސްނެއޭ އަހަރެން މި ބުނަނީ! އެއް ގޮތަކަށްވެސް އަހަރެން ނޫޅެން އެކަހަލަ ގޮތަކަށް! އަހަރެން މި ބުނީ އެހެން ތަކުރާރުވާން ފަށައިފި ނަމަ އަހަރެން… އަހަރެން އަމިއްލައަށް ނާޖިހުގެ ކިބައިން މިންޖުވާނަމޭ!”
“އެންމެ ރަނގަޅު ދަރިފުޅަށް ނޫޅެވޭނެހެން ހީވަންޏާ ދަރިފުޅު އޭނައާ ވަކިވޭ… މަންމަމެން ތިޔަކަން ކުރުވީ ދެ ކުދިންނަށް ވެސް އުފާވެރި ހިތްހަމަޖެހޭ ޙަޔާތެއް ލިބޭނެކަމަށް ހީކޮށް! އިހަށް މަންމަ އަށް ރަނގަޅުވެލަންދެން މަޑުކޮށްލާ! އަދި ޑޮކްޓަރުން ބުނާ ގޮތުން އެއް މަހާއި ދިހަވަރަކަށް ދުވަސް ނަގައިފާނެ!”
“އޯކޭ! މަންމަ މަޑުމަޑުން އަމިއްލައަށް ވެސް ހަރަކާތްކޮށް ހަދައިތި އޭރުން އަވަހަށް ރަނގަޅުވާނީ! އިރާދަކުރެއްވީތީ އަވަހަށް ފަރުވާ ދެވުމުން މަންމަ ތިޔަ ރަނގަޅުވަނީ! ދެން އޮށޯވެލަން އުޅޭ މިހާރު ކިހައި އިރެއް ތިހެން އިންނަތާދޯ!” ޒުލްފާ މަޑުމަޑުން ހަސީނާ އެނދުގައި ބާއްވައިލިއެވެ.
ނާޖިހު ގެއަށް ވަދެ ދޮރުލައްޕާލަމުން އަތުގައި އޮތް ފޮތަށް ބަލައިލަމުން ނިތްއަރުވައިލާ މަޑުމަޑުން ބޯޖަހައިލިއެވެ. ގޭތެރެއަށް ވެރިވެފައިވާ ކަނުއަނދިރިކަމަށް ނިމުމެއް ގެނުވަމުން މައިގެ ތެރޭ އަލިކޮށްލިއެވެ. މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ސޯފާއާ ދިމާއަށް ބަލައިލިއެވެ. އޭނާއަށް އިތުރު ކަމެއް ސިފަވާ ކަހަލައެވެ. ޒުލްފާގެ އުނގުގައި ބޯއަޅިގެން ޒުލްފާގެ އެ ފަން އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ޒުވާން ފިރިހެނަކު އޮތްހެން ހީވުމުންނެވެ. މަޑުމަޑު މިޔުޒިކެއް ފަދައިން ޒުލްފާގެ ހުނުމުގެ އަޑާއެކު އެ ޒުވާނާގެ ސަކަރާތުގެ އަޑުއެއްވެ ގުގުމަމުން ދިޔަކަހަލައެވެ. ނާޖިހު ބޭއިޚްތިޔާރުގައި އެދިމާއަށް ހިނގައިގަނެވުނެވެ. މަޑުމަޑުން ގޮސް ޒުލްފާއިން ސޯފާއާ އަރާ ހަމަކޮށް ޒުލްފާގެ ކޮނޑުގައި ޖަހައިލުމަށް އަތްދިށްކޮށްލިއެވެ.
ނާޖިހަށް ލިބުނީ ހައިރާންކަމެކެވެ. މަޑުފުށްކޮޅެއް އަތަށް ވިރިގެން ދިޔަކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ހިމުން މިއުޒިކެއް ހިތައި ކުޅެލިހެން ހީވިއެވެ. އެސްފިޔަ ޖަހައިލެވުނުއިރު ޒުލްފާއެއް ނެތެވެ. ޒުލްފާހުރީ ޓީވީ ކައިރީ ކޮޅަށެވެ. މަޑުމަޑު ހަރަކާތްތަކެއް ކުރަމުން ދިޔައެވެ. ޒުލްފާގެ އުނަގަނޑުމަތިން ފިރިހެނެއްގެ އަތްތިލަގެ ބޭރުފުށް ހާމަވަމުން ދިޔައީ މަޑުމަޑުންނެވެ. އެ ފިރިހެންވަންތަ އަތް މަޑުމަޑުން މައްޗަށް އަރަމުން ދިޔައެވެ. ޒުލްފާގެ އެ ފަން އިސްތަށިގަނޑުގައި ހިފައިލަމުން އެ ޒުވާނާގެ މޫނާ ކައިރިކޮށްލާ ކަމުގެ ހަރަކާތެއް ފާޅުވަމުންދިޔައެވެ. އެ ޒުވާނާގެ ކޮންމެ ހަރަކާތަކަށް ޒުލްފާ ވެސް ލެނބެމުން ދިޔަކަމުގެ އިހުސާސް ނާޖިހަށް ކުރެވެމުން ދިޔައެވެ.
ނާޖިހުގެ މުށަށް ބާރުކޮށްލެވުނެވެ. ދެ އަތްދިލައިގެ ހުރި ނާރުތައް ފުއްޕާލިއެވެ. މޫނުމަތިން ރަތްކަން ފާއްދައިލަމުން، ދެ ބުމަ ކައިރިކޮށްލިއެވެ. އަތުގައި އޮތް ފޮތް އަމާޒުކޮށްލެވުނީ ޒުލްފާއާ ދިމާއަށެވެ. އިޚްތިޔާރުން ބޭރުގައެވެ.
ނާޖިހަށް ލިބުނީ ކުށްލި ސިހުމެކެވެ. އޭނާ އަތުން ދޫކޮށްލި ފޮތް އަމާޒުވީ ޒުލްފާއަކަށް ނޫނެވެ. ޒުލްފާގެ ގޮތުގައި ފެނުނު ހިޔަންޏެއްފަދަ މަންޒަރު ފަހަނައަޅައިގޮސް ޓީވީ ހަރުމަތީ ހުރި ނާޖިހުގެ މަންމަގެ ފޮޓޯ ލޯގަނޑަށެވެ. ނާޖިހަށް ހަމަ ހޭވެރިކަން ވެވުނީ އެހައި ހިސާބުންނެވެ. ކުރެވުނު ކަންތައް ތަސައްވަރު ކުރެވުނީވެސް އެވަގުތެވެ. ގެއާ ހަމައަށް އާދެވުނީ ޚިޔާލީ ދުނިޔެއަކަށް ޣަރަގުވެ ހުރެކަން ހަނދާންވީ ވެސް އެވަގުތެވެ. އަތުން ދޫކޮށްލެވުނު ފޮތް ނަގައި ފޮތުގެ ބަނޑޭރިއަށް ފުންނަޒަރެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ކޮޅަށްތެދުވަމުން ތަޅުންމަތި ސާފުކޮށްލުމަށް ހަރަކާތްތެރި ވެވުނެވެ.
ޒުލްފާ އައިސް ގެއަށް ވަނީ އެވަގުތެވެ.
“ކޮން ރޯޅިއެއް އަރައިގެން އުޅޭ ދުވަހެއްބާ!” ދޮރުފަތް ލައްޕާލަމުން ޒުލްފާ ނާޖިހަށް ބަލައިލީ މޫނުމަތިން ދެތިން ރޫ ފާއްދާލަމުންނެވެ. ބަދަލުގައި ނާޖިހު އެއްވެސް އެއްޗެއް ނުބުނެއެވެ. އަވަސް އަވަހަށް ތަޅުން ސާފުކޮށްލަން މަސައްކަތްކުރިއެވެ. ބިއްލޫރިތައް ޑަސްބިނަށް އަޅައިލަމުން ފިހިގަނޑު އޭގެ މަގާމުގައި ބަހައްޓައިލިއެވެ.
“ނުބުންޏަސް އެބައެނގޭ ކޮންމެވެސް ރޯޅިއެއް ބޭލިކަން! އެރީ ސުނާމީއެއްކަމެއް ނުނީ ތޫފާނެއްކަމެއް ނޭގުނީ! ޔަޤީންވަނީ ބިންހެލުމެއް ނުނޭ، ޒަލްޒަލާއެއް ނާންނަކަން!” ޒުލްފާ ބޭނުންވީ ނާޖިހު ރުޅިއަރުވާށެވެ.
“ޒުލްފާއަށް ކިއެއް ކޮންމެ ރުޅިއެއް ބޭލިޔަސް! ތިޔަ ލޫޅާފަތި އިނގިލިން މި ނަގަން ނުޖެއްސީމަ ވީނު”
“އާ….ޗާ! ހީވަނީތަ؟ އެޕާޓްމަންޓެއްގެ ދޮރު ލައްޕާ ސައުވީސް ގަޑީއިރު، ޑިއުޓީގަ އުޅުނީމަ ދެން އެފުދުނީއޭ! ބަލަ ހިރަފުހާ މެކުނުވާ އަރަނީ މީހުން އުޅޭތީއެއް ނޫނޭ! ބުނެބަލަ ތިޔަ އަތްޕުޅުން މި ގޭގެ ތަނެއް ސާފުކޮށްލިންތަ! އެހެނޭ ކިޔާފަ މިގެއިން ހިރަފުހާ މެކުނުވާ ފެނޭތަ؟”
“އަންހެނުންގެ ޒިންމާއަކީ ކޮބައިތަ؟ ނަމަކަށްތަ އަންހެނަކު މިގޭގައި އުޅެނީ؟”
“ޒިންމާގެ ވާހަކަދައްކާއިރު ހިތަށް އަރާތަ އެއްފަހަރުވެސް ތިމާގެ ޒިންމާތަކެއް ވާކަމެއް! އަނތްބަކު ގެނެސް ގެއަށް ދޫކޮށްލީމަ އެފުދުނީތަ؟”
“ކޮންކަމެއްތަ މަދީ؟ ކޮންކަމެއްތަ އަހަރެން ކޮށް ނުދެނީ! ކީކޭ ކިޔާނަމޭ ހިތައިތަ ތި އުޅެނީ؟” އަތުގައި އޮތް ފޮތް މޭޒުމަތި ބާއްވާލަމުން ނާޖިހު އައިސްއަލަމާރީގެ ދޮރުހުލުވާލިއެވެ.
“ކޮންކަމެއްތަ މާތް މަނިކުފާނު ކޮށްދެނީ! ދިރިއުމަކީ ގަނަތެޅުންތަ؟ ނޫނީ ސައުވީސް ގަޑީއިރު ޑިއުޓީކުރުންތަ؟” ޒުލްފާ ފެންކަޅިވިޔަސް އެކަން ބޭރުފުށުން ހާމަނުކުރުމަށް ހިތްވަރުކުރަމުން ދިޔައެވެ.
“ތިޔަ ހުސް އަނގަތަޅާ އަމިއްލައަށް އަހަރެން ޝައުޤުވެރިކަމެއް ނެތް!” ނާޖިހު ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ.
ޒުލްފާ ވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނިތްމައްޗަށް ލޯ އަރުވައިލާ ތުންފަތް އޫކޮށްލަމުން އަވަސް ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލައްޕައިލިއެވެ.
ޖެހިގެން އައި ދުވަހެވެ. ނާޖިހު ޑިއުޓީއަށް ދިއުމުގެ ކުރިން ޒުލްފާގެ ދޮރުފަތުގެ ތަޅުގައި ކޮތަޅެއް އަޅުވައިލިއެވެ. ޒުލްފާ ޑިއުޓީއަށް ދިއުމަށް ތައްޔާރުވެލައިގެން ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ތަޅުގައި އެޅުވާފައިވާ ކޮތަޅު ބިންމައްޗަށް ވެއްޓުނެވެ. މަޑުމަޑުން ތިރިވެލަމުން ކޮތަޅު ނަގައި ބަލައިލިއެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގަނުކުރެވުނެވެ. ކޮތަޅު ތެރެއަށް އަތްކޮށްޕާލިއެވެ. އަތުގައި އެއްޗެއް ޖެހުމުން މަޑުމަޑުން ބޭރަށް ނެރެލިއެވެ. ރީތިރީތި ސިޓީއުރައެކެވެ. ސިޓީ އުރައިފެ ބޭރުގައި ‘އެދެމޭ ކަލާޔަށް” ލިޔެފައި އޮތެވެ. ޒުލްފާ ބޭނުންވީ ސިޓީއުރަ ކަނޑައިލާށެވެ. އަވަސް ހިނގުމެއްގައި ގޮސް ސޯފާގައި އިށީދެ ސިޓީ އުރަ ކަނޑައިލިއެވެ. ސިޓީ އުރައިގައި އޮތީ ރަތްކުލައިގެ ހިތްބައްޓަމަށް އޮތް ކަރުދާސްކޮޅެކެވެ. ކަރުދާސްކޮޅުގެ މެދުގައި ލިޔުންކޮޅެއް ފަވާލެވިފައި ވާތީ ޒުލްފާ ކަޅި ޖަހައިނުލާ ކިޔާލިއެވެ.
“އެދެމޭ ކަލާޔާ ގާތުގައިވުމަށް ފެންނާތީ ޔާރާގެ މޫނު!”
“ކަލާތީ އަހަރެންގެ ހިތުގެ އުއްމީދެވެ. ލޮލުގެ ފިނިކަމެވެ.”
ޒުލްފާ ދެފަހަރަކު އެ ލިޔުން ތަކުރާރުކޮށްލަމުން ހިނިތުންވެލިއެވެ. ކާކުގެ އިޝާރާތެއްކަމެއް ދޭހަނުވުމުން ނުތަނަވަސްކަން ހިތަށް ވެރިވިއެވެ. ކުށްލިއަކަށް ފޯނުކޯލެއް އައުމުން ހައިރާންވެފައި ފޯނަށް ބަލައިލިއެވެ. ނުވެސް ދަންނަ ނަންބަރެކެވެ. ދެ ފިކުރެއްގައި އިނދެ ފޯނަށް ޖަވާބުދިނެވެ.
“ހަލޯ!”
“ޒުލް! އޯކޭ” ހައިރާންކަމާއެކު ޒުލްފާ ކޮޅަށް ތެދުވިއެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް އެޕާޓްމަންޓްގެ މައިދޮރު ހުޅުވައިލިއެވެ.
“އޯކޭ ތޭންކްސް” ބޭރުގައި ހުރި މީހާ ދިއްކޮށްލި ކޮތަޅާއެކުވާ ޕާރުސަލްގައި ހިފައިލަމުން ޝުކުރުއަދާކުރުމަށް ފަހު ދޮރުލައްޕާލިއެވެ.
ޒުލްފާގެ ނުތަނަވަސްކަން އިންތިހާއަށް ދިޔައެވެ. ހެނދުނު ހޭލީއްސުރެ އާދަޔާޚިލާފު ގޮތްގޮތަށް ތަފާތު ހަދިޔާތައް ލިބެމުންދާތީއެވެ. އޭނާއަށް ވިސްނުނީ ނިޝާމުގެ ކަމެއް ކަމަށެވެ. އޭނާގެ ފަރާތުން އެކަހަލަ އިޝާރާތެއް ކުރިން ދުވަހު ވެފައިވެސް އޮތީމައެވެ. ޒުލްފާ މަޑުމަޑުން ގަޑިއަށް ބަލައިލިއެވެ. އަވަސްއަވަސް އަރުވާލާފައި ޕާރުސަލްވެސް ސޯފާއަށް ދޫކޮށްލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން ބޭރަށް ނުކުމެ ދޮރު ތަޅުލާ ތިރިއަށް ފޭބީ އޮފީހަށްދާ ގަޑި ކުޑަތަންވުމުންނެވެ.
އޮފީހަށް ގޮސް ނުވަދެވެނީސް ކޮންމެ ދުވަހެއްގެ ހެނދުނުގެ ފޫހި ކޯލް އޭނާއަށް ލިބޭނެ ކަމަށް ޢުއްމީދުވެސް ކޮށްގެންހުރެއެވެ. އެކަމަކު އޭނާ ޢުއްމީދުކުރި އެ ފޫހި ކޯލެއް ނުލިބުނެވެ. އެހެންވެ ކޮންމެވެސް ކަމެއް ގޯސްވީކަމަށް ހިތަށް އަރުވައި މޭޒުކައިރީ އިށީނދެ ފުންވިސްނުމަކަށް ގެނބެމުން ދިޔައެވެ.
“އޭތް! ޝަހާދެއް މިބުނީ މީހަކު އިޝްޤުގައި ޖެހި ދީވާނާ ޕާގަލް ވެއްޖެއްނަމަ އެ މީހަކަށް ދެވަނަ ދެމީހެއް ނުވާނެ!” ޒުލްފާގެ އޮފީހުގައި އުޅޭ ޝާހީނާ އައިސް ޒުލްފާގެ މޫނަށް ޗޮކެއް ކަނޑައިލިއެވެ. ހިލަމެއް ނުވުމުން ދެވަނަ ފަހަރަށް އިނގިލިން ޗޮކެއް ކަނޑައިލިއެވެ. އެވަރުންވެސް ހިލަމެއް ނުވުމުން ޒުލްފާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ.
“އެބުނާ ހިނދުކޮޅުގަދޯ! މަ ހިޔެއް ނުކުރަށް ޒުލް ވެސް… އަނެއްކާ ކަމެއްދަމެއް ގޯސްވީތަ!” ޒުލްފާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ޝާހީނާގެ ވާހަކައިގެ މިސްރާބު ވެސް ބަދަލުވާންފެށީއެވެ.
“ނޫން! ދެން އެއްކަލަ މޯނިންގ ކޯލް ނައީމަ! އެކަމާ ވިސްނައިލެވުނީ! ހިތަށް މިއަރަނީ ކަމެއްވީބާއޭ! މަ ހިތް ވަރަށް ބިރުގަނޭ އެބަ!”
“ކޮންކަމަކާ! އަދިވެސް ބުނާނެ ތިމަން ލައިކެއް ނުވަމޭ! ލޯތްބެއް ނުވެޔޭ! އިންޓަރެސްޓެއް ނުހުރެޔޭ! އަހަންނަކަށް ނުވިސްނޭ! ތިޔަށް ދެން ކިޔާނީ ކޮން ނަމެއްބާ!” ޒުލްފާގެ މޫނަށް ބަލަހައްޓައިގެން ހުރެ ޝާހީނާ ހިނިތުންވެލަމުން މޭޒުކައިރީ ހުރި ގޮނޑީގައި ހަމަޖެހިލިއެވެ.
“އަސްލު ވެސް ނުވޭ! އޭނައަށް ކަމެއްވީއޭ ހިތަށް އެރީ! އެހެން އެއްވެސް ކަމެއްނުވޭ!”
“މަބުނީ ނިޝާމު ވަރަށް ހަދިޔާ ގަތްވާހަކަ މި އުޅޭ އިޒުހާމް ދެންމެ ބުނި! އެމީހުންނަށް ލެކިއުޓް ތެރެއިން ވެސް ދިމާވިއޯ! އަދި އެހިއޯ އަންހެން ކުދިންނަށް އެންމެ މީރުވަސް ދުވަނީ ކޮން ސެންޓެއްގަހޭ! މާ ނޫންކަމަށް ހަދާފަ ސަލީމާއަށް އެންމެ މީރުވަސް ދުވާ ސެންޓަކީ ކޮބައިހޭ އެހީމަ ތިމަން ބުނެފީމޯ ތިއުޅެނީ ސަލީމާއަށް ސެންޓު ދޭކަށް ނޫނެއްނޫހޭ! ދެން ތިމަން ޒުލްއަށް އެންމެ މީރުވަސް ދުވާ ސެންޓްފުޅިއެއް ދެއްކީމޯ”
“އެހެންތަ! ނޭގެ އަދި ނުލިބޭ” ޒުލްފާ ހިނިތުންވެލިއެވެ.
“އެކްސް ކިއުޒު”
ޝާހީނާއާއި ޒުލްފާ ސިހިފައި ބަލައިލިއެވެ. ނިޝާމު ކުރިމަތީ ހިނިތުންވެލައިގެން ހުއްޓެވެ. ކަޅުކުލައިގެ ގަމީހެއްގައި އޭނާ ފެންނަނީ އާދަޔާ ޚިލާފު ރީތިކޮށެވެ. އެފަން އިސްތަށުގަނޑު މިއަދުވަނީ ކިޔަމަންތެރިކަމާއެކު ހައްޔަރުކޮށްލެވި މައްޗަށް ހިއްލާލެވިފައެވެ. އެހެންވެ ނިޝާމުގެ މޫނުމަތިން ތާޒާކަން އިންތިހާއަށް ހާމަވަމުންދެއެވެ.
“އަހަންނާއެކު ސަޔަށް ދާނީ ކޮން ކުއްޖެއް؟ ވަރަށް ހައިވެގެން…” ނިޝާމު ކަޅިހުއްޓައިލީ ޒުލްފާއަށެވެ.
“އަހަރެން ދާގޮތަށް!” ޖަވާބު އައީ ނިޝާމު ފަހަތުންނެވެ.
“އަހަރެން ވަރަށް ބަނޑުހައި! ހިނގާބަލަ ސަޔަށްދާން” ނިޝާމުގެ ފަހަތުން ސަލީމާ ނުކުތެވެ.
“އޯކޭ” ނިޝާމު ޝާހީނާއަށް ނިތް އަރުވާލަމުން ދެ ތުންފަތް ކައިރިކޮށް ފިއްތާލައެވެ.
“ކުޑަ ޕަރސަނަލް ވާހަކައެއް ވެސް ދައްކާލަން އެބަ އޮތް… ނައިން ވީމަ މިއަންނަނީ ކާޑު ޖަހައިފަ!” ސަލީމާ ގޮސް ކެބިންއަށް ވަނުމުން ނިޝާމު ޒުލްފާމެން ތިބި މޭޒާ ދިމާއަށް އެނބުރިލިއެވެ.
“ކަޑަ! ތި މީހުން ކީއްވެތަ އެއްޗެކޭ ނުބުނީ! މުޅިން ސައިބޯ ހިތްވެސް ކެނޑިއްޖެ!” ނިޝާމު ގުދުވެލަމުން ޝާހީނާއަށް އިވޭވަރަށް ވައިއަޑުން ބުނެލިއެވެ.
“މިއަދު ދެން އެ ސައި ބޮއެލާ! އަހަރުން ހިނގައިދާނަން ދޯ ޒުލް! އެހެން ނޫނަސް އޮފީހުގެ ބޮޑެތީން ދޭ ސައި މާ މީރުވާނެ!”
ސަލީމާގެ ކެބިން ދޮރު ހުޅުވުނު އަޑަށް ސިހިފައި ނިޝާމު ތެދުވެލިއެވެ. އަދި ވަރަށް އިޚްތިރާމު އަދާކުރާ އުޞޫލުން މަޑުމައިތިރި ކަމާއެކު ހިމޭނުން ހުއްޓިލިއެވެ.
“ހިންގަވާ!” ސަލީމާ އިސްނެގިއެވެ.
“އަން މިއީ މިއަދު އޮފީހަށް އައި މަގުމަތީ ކުއްޖަކު ދިން ކޮތަޅެއް ޒުލްއަށް ދޭށޭ ކިޔައިފަ! ކާކު ދިން އެއްޗެއްހޭ އެހީމަ ބުނީ ބުނާށޭ ‘އެދެމޭ ކަލާއޭ’ ބުނާށޭ” ސަލީމާގެ އަތްދަބަހުން ކުޑަވަރެއްގެ ޕާރުސަލެއް ނަގައި ޒުލްފާއަށް ދިއްކޮށްލިއެވެ.
“އަދި މި މާވެސް ހަވާލުކޮށްދޭންބުނި!” ސަލީމާގެ އަތުގައިވާ ރަތް ފިނިފެންމާ ނަގައި ޒުލްފާއަށް ދިއްކޮށްލިއެވެ. ޒުލްފާވެސް މަޑުމައިތިރި ކަމާއެކު މަލުގައި ހިފަމުން އިސްޖަހައިލިއެވެ. މަޑުމަޑުން ތުންފަތުން “ތޭންކްސް” އޭ ބުނެލިއެވެ.
ހަފުތާއެއް އެގޮތުގައި ފާއިތުވެ ދިޔައީއެވެ. ޒުލްފާއަށް ހަދިޔާތައް ލިބެމުންދިޔައީ އިންތިހާއަށެވެ. ހަދިޔާތައް ލިބެމުންދިޔައީ ކިހިނެއް ކާކުގެ ފަރާތުން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. އެ ހަފުތާވެގެން ދިޔައީ އޮފީސްވެސް އާދަޔާ ޚިލާފަށް ފޫހި ހަފުތާއަކަށެވެ. ނިޝާމުވެސް އޮފީހުގެ ޕްރޮޖެކްޓެއްގައި 3 މަސް ދުވަހަށް ރާއްޖެތެރެއަށް ފުރުމާވެސް އެކުގައެވެ.
ނާޖިހަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނަމުންދާ ކަމުގެ އިހުސާސް ޒުލްފާއަށް ކުރެވެމުން ދިޔައެވެ. މީހާގެ މަޑުމޮޅިކަން އިތުރުވުމާއި ޒުލްފާއާ ދުރަށް ފެއަށް ޖެހުމުންދާކަމުގެ އިހުސާސް އޭނާއަށް ކުރެވުން އިތުރުވާންފެށިއެވެ. ޒުލްފާއާ ކުރެވެމުން އައި ޒުވާބުތައް ހުލިވަމުން ދިޔައީ ނާޖިހުގެ ރައްދެއް ނުލިބެން ފެށި ހިސާބުންނެވެ. އެގޮތުގައި ތިން ހަފުތާވަރު ދިޔައިރު ޒުލްފާވަނީ މުޅިން މާޔޫސްވެ އެކަނިވެރިވެފައެވެ.
“ޒުލްފާ! މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން… ވަރަށް އަވަހަށް އައިޖީއެމް އެޗަށް އައިސްދިނުން އެދެން!” ޒުލްފާއަށް ބަހެއް ބުނުމުގެ ފުރުޞަތު ނުދީ ފޯނުކުރިމީހާ ދައްކަން ބޭނުންވާ ވާހަކަދައްކާ ނިންމުމަށްފަހު ފޯނު ބޭއްވިއެވެ.
ލިބުނު ހައިރާންކަމާއެކު ލެޕްޓޮޕް ނިންވާލުމަށްފަހު އަވަސް އަވަހަށް މަތި ހަދައިލައިގެން ޒުލްފާ ގެއިން ނިކުމެ ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. އޭރު އޭނާގެ ހިތްބާރުބާރަށް ތެޅެމުން ދިޔައެވެ. ވީކީއްކަން ނޭގޭތީ ހައިރާންކަން އިންތިހާއަށް އިތުރުކޮށް މޫނުމަތިން ސުވާލުމާކު އުކަމުންނެވެ. ޓެކްސީއިން ފައިބެވުމާއެކު އަވަސް ފަރުވާދޭ ބަޔަށް ޒުލްފާ މިސްރާބު ޖެހިއެވެ. އޭރު އޭނާގެ ހިތް އާދަޔާ ޚިލާފަށް ނެގެމުން ޖެހެމުން ދިޔައެވެ.
(ނުނިމޭ)
One Comment
Comments are closed.
ސަޅި… އަވަހަށް އަޕުކޮށްބަ އަނެއްބައި