އެ ކޮޓަރީގެ ސިއްރު (06)
އަހަރެންގެ ކޮތާފަތް މަތިން ކަރުނަތަށް ފައިބަން ފެށިއެވެ. އަހަރެން ކިތަންމެވަރަށް ނުރޯން މަސައްކަތް ކުރިކަމުގައި ވިޔަސް މާޒީގެ ހަނދާންތަށް އާވެ ރޮވެނީއެވެ. މައިޝާ ދެކެ އަހަރެން ކިތަންމެ ރުޅިއައެއްކަމަކު އެއީ އަހަރެންގެ ފުރަތަމަ އަދި އަހަރެން ހަމައެކި ލޯބިވީ ކުއްޖާކަން އަހަންނަކަށް ބަދަލެއް ނުކުރެވޭނެއެވެ.
ފޮޓޯގަނޑަށް ގެއްލިފައި އަހަންނަށް އެތަށް އިރެއްވަންދެން ހުރެވުނެވެ. މައިޝާއާއި އެކީ ހޭދަކުރި ދުވަސްތަށް އަހަރެންގެ މޫނު މަށްޗަށް ސިފަވަމުން ދާކަހަލައެވެ. އަހަރެންގެ ހިތް މައިޝާ ދެކެ މިއަދުވެސް ލޯބިވީނަ އަހަރެންގެ ސިކުނޑި އެކަމާ ދެކޮޅުހަދާ ކަހަލައެވެ. އެދުވަހު އޭނާ އަހަރެން ނިކަމެތި ކޮއްލަފައި ދިޔަ ދިޔުން އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ.
ހިޔާލުތަކަށް ގެއްލިފައި ހުރެވުމުގެ ސަބަބުން އަހަރެންގެ އަތުގައި އޮތް ޑައިރީ ވެއްޓުނެވެ. ސިއްސައިގެން ގޮސް ހިޔާލުތަކުން ނިކުމެވުނެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަތައް ހުއްޓުމެއްނެތި ފައިބަމުން ދެއެވެ. އަހަރެން ކަރުނަތައް ފޮހެލާފައި ޑައިރީ ނަގާ ހުޅުވާލިމެވެ. ސޮފްހާތައް އުކާލިމެވެ. އޭގައި ވަނީ މައިޝާގެ ލިޔުމެވެ. އަހަރެން ޑައިރީ ހިފައިގެން ބިންގަރާހުން މައްޗަށް އެރީމެވެ. ބިންގަރާހު ދޮރު ޖަހާފައި އެނދުމަތީގައި އިށީނދެލީމެވެ.
ޑައިރީ ހުޅުވާލީ އެ ކިޔުމުގެ ނިޔަތުގައެވެ. މައިޝާ އޭގައި ލިޔެފައި ވަނީ ކޯއްޗެއްތޯ ބަލަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އެންމެ ފުރަތަމަ ޞަފްހާއަށް ލާފައި އަހަރެން ޑައިރީ ކިޔަންފެށީމެވެ.
ޑައިރީ: މިއަދު ވެސް ދިޔައީ އެހެން ދުވަސްތަކެކޭވެސް އެއްގޮތަށެވެ. އެހެން މީހުންގެ އޯޑަރުތަކަށް ރޮބަޓެއްހެން ކިޔަމަން ވުމުގައެވެ. އަހަންނަށް އަމިއްލަ މިނިވަންކަމެއް ނެތްކަހަލައެވެ. އެކަކު ބުނާ ގޮތަކަށް ހެދުން އަޅާ އަނެކަކު ބުނާ ގޮތަކަށް ނޫނީ ނުކެވެއެވެ. މި ހުރިހާ ކަމަކުން މިންޖުވުމަށް އެހެން ދުވަސް ދުވަހެކޭ ވެސް އެއްފަދައިން ޑިއުޓީ ނިމުނުގޮތަށް އަވަހަށް މިސްރާބުޖެހީ އާޓިފިޝަލް ބީޗަށް ދިއުމަށެވެ. މިއަދުގެ ދުވަސް އެއްކޮށް ބަދަލުވެގެން ދިޔައީ އާޓިފިޝަލް ބީޗުން އަހަންނާ ދިމާވި މީހެއްގެ ސަބަބުންނެވެ.
އެއީ ވަރަށް ހިތް ހެޔޮ އިންސާނެކެވެ. އޭނާގެ މޫނުމަތީގައި ވީ މާޔޫސްކަމެވެ.
އަހަރެން އައިސްކްރިމެއް ގަނެގެން ބީޗުގައި ހިނގާފައި ދަނިކޮށް ފަހަތުން މީހަކު އައިސް އަހަރެންގެ ގައިގައި ޖެހިގަނެ އަހަރެންގެ އަތުގައި އޮތް އައިސްކްރީމު ވައްޓާލިއެވެ. އޭނާ އަހަންނަށް ސޮރީވެސް ނުބުނެ ދުވެފައި ދިޔައެވެ. އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. އޭނާ އަހަރެންގެ ކިބައިން މާފަށް އެދުވުމަށެވެ. އޭނާ ގޮސް އެންމެ މީހުން މަދުތާގައި އިށީނެވެ. އަހަރެން ރުޅިއައިއްސާ އޭނާއާއި ދިމާލަށް ވަރަށް ބާރަށް ހިނގައިގަތީމެވެ. އަހަރެންގެ ފިޔަވަޅުތަށް ހުއްޓުނީ އޭނާ ރޯންފެށުމުންނެވެ. ފުރާވަރުވެފައިވާ ފިރިހެނަކު ރޯނީ ވަރަށް ބޮޑުކަމެއް ވީމައެވެ. އަހަރެން މަޑުމަޑުން ގޮސް އޭނާ ކައިރީގައި އިށީނީމެވެ. އޭރުވެސް އޭނާ ގިސްލާފައި ރޮނީއެވެ. އަހަރެން ވަރަށް މަޑުމަޑުން އޭނާގެ ކޮނޑުގައި އަތްލީމެވެ. އޭނާގެ ހިތާމައިގާ ބައިވެރި ވުމަށެވެ. އަހަރެން އެނާގެ ކޮނޑުގައި އަތްލުމާއެކު އޭނާ އަހަރެންގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާ އަހަރެންގެ ގައިގައި ބައްދާލައިގެން އިނދެ އެތަކެއް އިރެއްވަންދެން ރުއިއެވެ. އަހަރެން އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެތަށް އިރެއްފަހުން އެނާ ރުއިން ހުއްޓާލިއެވެ. އަދި އަހަރެން އޭނާޔާ ދުރުކޮށްލިއެވެ. އަދި ވަރަށް ލަދުން އިނދެ އަހަންނަށް ސޮރީ ބުނިއެވެ.
އޭނާ: ސޮ…ސޮރީ….. އަހަރެން ގަސްތުގައި ކުރިކަމެއް ނޫން. ހަމަ ބޭނުންވީ އެތެރޭގަ ހުރި ހުރިހާ އެއްޗެއް ބޭރުކޮއްލަން…. ވަރަށް ބޮޑަށް ސޮރީ އެހެން ހެދުނީތީ….
އޭނާގެ އަޑުގައި ވަނީ މަޑުނައިތިރިކަމެވެ. އޭނާ މައާފަށް އެދުނު ގޮތުން އޭނާ އެކަންކުރީ އޭނާގެ އިހްތިޔާރަކުން ނޫންކަން އަހަންނަށް އިނގުނެވެ. އަހަރެން ޖަވާބުގައި ބުނީމެވެ.
އަހަރެން: ތިހާވަރަށް އަހަރެން ގައިގަ ބައްދައިގެން ރުއި ސަބަބެއް އަހަރެންގެ ގާތު ބުނެވިދާނެތަ؟
އޭނާ: އެއީކީ އިގެންޖެހޭ ކަމެއް ނޫން. އަހަރެން މައާފަށް އެދެފީމެއްނު
އޭނާ ރައްދު ދިންގޮތުން އޭނާ އެވާހަކަތައް އެކަކަކަށްވެސް ކިޔައިދޭން ބޭނުން ނުވާކަން ހާމަވެގެން ދެއެވެ.
އަހަރެން: އޯކޭ… ތިހާ އަވަހަށް ރުޅި ނާންނަށްޗޭ… އެވާހަކަތައް ކިޔައިދޭން ބޭނުން ނުވާނަމަ އެޓްލީސްޓް ކިޔަނީ ކޮން ނަމެއްކަން އެނގިދާނެތަ؟
އަހަރެން އެހެން ބުނުމުން އޭނާ އަހަންނާ ދިމާލަށް ފާޑަކަށް ބަލައިލިއެވެ.
އަހަރެން: ކިހިނެއް ވީ؟ އެހާ އިރުވަންދެން އަހަރެންގެ ކޮނޑުމަތީގައި ރުއި މީހެއްގެ ނަން އަހަރެން ކައިރީ ނުބުނެވެނީތަ؟
އޭނާ ވަރަށް ވިސްނަން އިނދެފައި އޭނާގެ ނަން ބުންޏެވެ.
އޭނާ: އަހަންނަށް ކިޔަނީ އާތިފް…
އަހަރެން: ހމމމމ…. އާތިފް.. ވަރަށް ރީތި ނަމެއް… އަހަންނަށް ކިޔަނި މައިޝާ… ކޭން ވީ ބީ ފްރެންޑްސް؟
އާތިފް އަހަންނާ ދިމާލަށް ބަލައިލިއެވެ. އަހަންނަށް އެހެން ބުނެވުނީ ކިއްވެގެން ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ. އާތިފްގެ ކިބައިން ފެންނަ ކަންތައްތަކުން ހީވަނީ އެއީ އަހަރެން ވަރަށް ކުރީއްސުރެ ދަންނަ މީހެއްހެނެވެ. ހީވަނީ އާތިފަކީ އަހަރެންގެ ހުރިހާ މައްސަލަތަކަކުން އަހަރެން ދުރުކޮއްދޭނެ މީހެއްހެނެވެ.
އަހަރެން ސަލާމަށް އަތް ދިއްކޮއްލާފައި އަނެއްކާވެސް އަހާލީމެވެ.
އަހަރެން: ކޭން ވީ؟
އާތިފް އަހަންނާ ސަލާންކުރަމުން ބޯޖަހާލިއެވެ. އަހަރެންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. އަދި އާތިފްވެސް އެއްކަނަވައިން ހީލިއެވެ.
އަހަރެން: ދެން މިހާރު ރައްޓެހި ވެވުނީނު.. ދެން ޖެހެނީ އެކަކު އަނެކަކު ދަސްކުރަން… އެންމެ ފުރަތަމަ ސުވާލު އަހަރެން ކުރަންތަ؟
އަހަރެން މިހެން އެހުމުން އާތިފް ބޯޖަހާލިއެވެ.
އަހަރެން: ދިރިއުޅުމަށް ކުރަނީ ކޮންކަމެއް؟
މި ސުވާލު އާތިފްގެ ކަންފަތުގައި ޖެހުމާ އެކު އޭނާގެ މޫނުމަތި ބަދަލުވިއެވެ. ކަމަކާ ހިތްހަމަ ނުޖެހޭކަހަލައެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އާތިފް ޖަވާބު ދިނެވެ.
އާތިފް: ދިރިއުޅުމަށް އަދި ކަމެއް ނުކުރެވިގެން މި އުޅެނީ.. މިއަދުވެސް މި އައީ އިންޓަވިއުއަކަށް ގޮސްފަ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޓަވިއުއަކަށް އެބަ ދަން. މިހާރު މުޅިން ފޫހިވެއްޖެ… ނިކަމެތި އާއިލާއަކަށް އުފަންވުމަކީ އަހަރެންގެ މައްސަލައެއްތަ؟ ކިޔެވުމަކުން ހަމަގައިމުވެސް ދެރައެއް ނުވާނެ.. ހުރިހާވެސް މައްސަލައަކީ މުއްސަނދި އާއިލާއަކަށް ނިސްބަތް ނުވުން….
އަހަރެން: މިއަދު ތި ރުއީ އެހެންވެގެންތަ؟
އާތިފް: އާނނ… ދެރަވާވެދޯ.. 23 އަހަރުވީއިރުވެސް ވަޒީފާއެއް ނުލިބޭވިއްޔަ…
އަހަރެން: މިހާރަކު ތިހާ ޅަ އުމުރަކު ވަޒީފާ އަދައެއް ނުކުރެޔޭ… މިހާރު އޮންނަނީ ކިޔެވުން
އާތިފް: އަހަންނަށް ކިޔެވެން އޮތްވަރަކަށް ކިޔަވައިފިން… އިތުރަށް ކިޔެވެންނެތިއްޔާ ދެން ހޯދާނީ ވަޒީފާ އެއްނު. އެހެންނޫނަސް އަހަރެންގެ މަންމައާއި ބައްޕައަކީ ވަރަށް ބަލިދެމީހުން. އަހަރެން މީ އެދެމީހުންގެ ހަމައެކަނި ހުރި ދަރިޔަކީ.. އެހެންވީމަ އަހަރެން ޖެހޭނެތާދޯ އެދެމީހުންނާ ދޭތެރޭ ވިސްނަން..
އަހަރެން އާތިފާ އެއްބަސްވުމަށް ބޯޖަހާލީމެވެ.
އާތިފް: ދެން އަހަރެންގެ ވާހަކަ ނުދައްކާ މައިޝާއާއި ބެހޭގޮތުން ކިޔައިދީބަލަ…
އަހަރެން: އަހަންނާ ބެހޭގޮތުން ކީކޭތަކިޔާނީ… އަހަރެންގެ ވާހަކަ އެންމެނަށްވެސް އިނގެއެއްނު
އާތިފް: އަހަރެން މީ އެންމެނެއް ނޫނެއްނު… އަހަރެންވެސް މި ކިޔައިދިނީނު… ދެން މައިޝާވެސް ކިޔައިދީބަލަ..
އާތިފްގެ ވާހަކަތަށް ހުރިގޮތުން އަހަންނަކީ ކާކުކަން އޭނާއަށް ނޭނގޭކަން އަހަންނަށް ޔަގީންވިއެވެ. އާތިފް ކައިރީ އަހަރެން ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ.
އަހަންނަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެންމެންގެ މަގުބޫލުކަން ލިބިގެންވާ މޮޅު ލަވަކިޔުންތެރިއެކެވެ. އާއިލާގެ މީހުން އެދޭ ގޮތަށް ނޫނީ އަހަރެންގެ ކަންތަށް ކުރިޔަށް ނުގެންދެވޭ މީހެކެވެ. އަމިއްލަ މިނިވަންކަމެއްނެތި ފިޔަ ކޮށާލެވިފައިވާ ދޫންޏެކެވެ. ކުޑައިރުއްސުރެ އަމިއްލަޔައް ދެކުނު ހުވަފެންތައް ވަޅުލާފައި މަންމައާއި ބައްޕަޔަށް އުފާތަށް ހޯދައިދޭން އެމީހުން ބުނި ހުރިހާކަމެއް ކުރި މީހެކެވެ. އަހަންނަކީ ކާކުކަން އެނގިފައި އާތިފް އަހަންނާ ރައްޓެހިވާން ބޭނުން ނުވެދާނެއެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވުމަކީ އޭނާ އަހަރެންދެކެ ރުޅިއައިސްދާނެ ކަމެކެވެ. އެހެންނޫނަސް އަހަރެންގެ މަގްބޫލުކަމުގެ ސަބަބުން މީހަކު އަހަރެންގެ ރައްޓެއްސަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އަހަރެން އާތިފަށް ދޮގުހެދީމެވެ.
އަހަރެން: އަހަރެން މާބޮޑުކަމެއް ނުކުރަން.. ފިހާރައެއްގަ ވަޒީފާ އަދާ ކުރަނީ …
އާތިފް: އަހަރެން ހީކުރީ ކިޔަވަނީ ކަމަށް… ބައިދަވޭ ކިތަށް އަހަރުވީ؟
އަހަރެން: އަހަރެންމީ ކިޔަވަން އެހާ މޮޅު މީހެއް ނޫން… އަހަންނަށް ވީ 22 އަހަރު. މަންމަޔާ ބައްޕަގެ ހުރި ހަމައެކަނި ދަރި…
އާތިފްއާއި ވާހަކަ ދައްކަން އިންއިރު ވަގުތު ދިޔަގޮތެއްވެސް ނޭނގުނެވެ. އަހަރެންގެ ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލީމެވެ. މެސެޖު ކުރި މަންމައެވެ. ގެއަށް ކާން އައުމަށެވެ. ގަޑިއަށް ރަނގަޅަށް ބަލައިލިއިރު ގަޑިން 8 ޖެހީއެވެ.
އަވަސްއަރުވާލާފައި އާތިފް ކައިރީ ދަނީއޭ ކިޔާފައި ހިނގައިގަތްތަނާ އާތިފް ފަހަތުން އައިސް އަހަރެން އަތުގައި ހިފިއެވެ.
އާތިފް: ހާދަ އަވަސްއަރުވާލާފަ؟
އަހަރެން: އާނނ… އެ…އެ ފިހާރަ ހުޅުވާ ގަޑިޖެހުނީމަ…
އާތިފް: އެހަށް މަޑުކޮއްބަލަ… ފޯނު ނަންބަރެއް ވެސް ނުދޭނަންތަ؟ ދެން ކޮންއިރަކުން ދިމާވާނީ؟
އަހަރެން ފޯނު ނަންބަރު ދިފައި ފަހުން ގުޅާށޭ ކިޔާފަ އަވަހަށް ގެޔާ ދިމާލަށް މިސްރާބު ޖެހީމެވެ. 8 ޖެހުމުގެ ކުރިން ގެއަށް ވަނުމަށް އަންގާފައި ވާއިރު ގަޑިއަށް ގެއަށް ނުދެވިއްޖެނަމަ އެކަމުގެ އަދަބު ލިބޭނެއެވެ. ގޭދޮރުމައްޗަށް އެރިއިރު 8:15 ހިނގާ ބޮޑުވެއްޖެއެވެ. ފުންނޭވާއެއް ލާފައި ގެއަށް ވަނީމެވެ.
ސިޓިންރޫމުތެރެޔަށް ވައިން އިރު އަހަރެން ތުރުތުރު އަޅައެވެ. އޭރު މަންމައާއި ބައްޕަ އަހަރެންގެ އިންތިޒާރުގައި ސިޓިންރޫމުގައި ތިއްބެވެ. އަހަރެން ވަނުމާއެކު ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.
ޝާފިއު: ކީއްވެގެން މާ ލަސްވީ؟
ބައްޕަގެ އަޑުން ބައްޕަ ހުރީ ހިންހަމަ ނުޖެހިފާކަން އިނގެއެވެ. އަހަންނަކަށް ޖަވާބު ދޭކަށް ނުކެރުނެވެ. ބައްޕަ އަހަންނާ ދިމަލަށް ހަޅޭލަވައިގަތެވެ.
ޝާފިއު: އަހަރެން މި އަހަނީ ކީއްވެހޭ މާ ލަސްވީ؟ މަންމަންވެފަތަ ތި ހުރީ؟ ޖަވާބު ދީބަލަ..
ބައްޕަ އަހަންނާ ދިމާލަށް ހިނގައިގަތެވެ. މިރޭ އަހަރެން ސަލާމަތް ނުވާނެކަން އަހަންނަށް އިނގެއެވެ. ބައްޕަ އަހަންނާ ދިމާލަށް އަންނަވަރަކަށް އަހަރެންގެ ހިތް އަވަސްވަމުން ދެއެވެ. އަހަންނާ ހަމަޔަށްއަރާފައި އަޅައިގެން ހުރި ބެލްޓު ނެގިއެވެ. އަދި އަހަންނާ ދިމާލަށް މަޅާލިއެވެ. އެވަގުތު އަހަރެން ދަތްތައް ޖައްސާ ބާރުކޮއްލިމެވެ. އަހަރެންގެ އަނގައިން އެއްވެސް އަޑެއް ބޭރުވެދާނެތީއެވެ.
ބައްޕަ ހިންހަމަޖެހޭވަރަށް އަހަރެންގެ ގައިގައި ބެލްޓުން ޖަހާފައި ގޮސް ކޮޓަރިއަށް ވަނެވެ. މަންމަ އެމަންޒަރު ބަލަން އިނދެފައި އަހަންނާ ދިމާލަށް ބުންޏެވެ.
މަމްދޫހާ: އެހެންވާނީ… އަދިވެސް ބުނާ ބަސްނާހާ އުޅޭތި… ހަމަ ރަނގަޅަށް ތިވީ.
މަންމަވެސް މިހެންކިޔާ ކޮޓަރިއަށް ވަނެވެ.
(ނުނިމޭ)
8 Comments
Comments are closed.
Varah reethi
Thanks
Story continue kury. Wowww. V nice. ????
Very nice Waiting for next part when next part?
Thanks… Insha Allah maadhan
Vaahaka typing mistakes rangalhu kohluma feney by the way nice story
Today is 14…koba next part
Wow nice story.. Waiting for next part..