ދުޢާ 26
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ހަނާއަޅާލިއެވެ. ދުނިޔެމައްޗަށް އިރުގެ ރަންދޯދިތައް ވެރިވެފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ފިނިފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ގަސްތަކުގެ ފަތްތަކާއި ކުޅެލާއިރު ހިތަށް ލިބޭ ހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ﷲގެ ކުޅަދުންވަންތަކަމެވެ.
ހަމަޖެހިލައިގެން އިނދެ ކާރުގައި ދާނިޔަލް ދުއްވާލައިފައި ދިޔައީ ޑިއުޓީއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު ޑޮކްޓަރ ކޯޓު އަތުގައި އަޅުވާލައިގެން ދިޔަ ދާނިޔަލްއަށް ހޮސްޕިޓަލްތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ހުރި ފިޔަވަޅުމައްޗަށް ގަނޑުވިއެވެ.
އެއިރު ދާނިޔަލްއެކޭ އެއްފަދައިން އޭނާގެ ވައަތް ފަރާތުގައި ހުރި އާލާވެސް ހުރީ ހައިރާންކަންމަތީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެ ދެމީހުންގެ ޑިއުޓީ މިއަދު ހަމަޖެހިފައި އޮތީ އެއްގަޑިއެއްގައި ކަމުން ހޮސްޕިޓަލަށް އެ އާދެވުނީވެސް އެއް ވަގުތެއްގައެވެ. ނަމަވެސް ކުރިމަތިން ފެންނަމުންދިޔަ މަންޒަރުން ދެމީހުންނަންވެސް ހުރިތަނުން ގުޑިލާންވެސް ނޭނގިފައި ތިބެވުނީއެވެ.
ހޮސްޕިޓަލިގެ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އަދިވެސް އެހެނިހެން އިދާރީ ބައެއް މުވައްޒަފުން އެ ދެމީހުންގެ އިސްތިޤްބާލުގައި އެތާ ތިއްބެވެ. އެންމެންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އެމީހުންގެ ފަހަތުން ބެނާއެއްގައި “ކޮންގްޓްސް ޑރ ދާން އެން ޑރ އާލް” ޖަހާފައި އިނެވެ. އެންމެ ކުރީގައި ހެވިދިލިފައި އިޝާންއާއި އަޒާން ހުއްޓެވެ.
ދާނިޔަލްއަށް ދެފަރާތަށް ބޯ ހުރުވާލެވުނީ އެއީ އެމީހުންގެ ކަމެއްކަން އެނގުމުންނެވެ. ދާނިޔަލްއާއި އާލާގެ ކައިވެނި ކުރެވޭ ޚަބަރު މިހާރު މުޅި ހޮސްޕިޓަލްތެރޭގައި އެމީހުން އެ ފަތުރާލީތާއެވެ. ދާނިޔަލް އާލާއަށް ބަލައިލުމަށްފަހު ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. ކަންތަކާ ޖެހުނީއޭ އޭނާގެ ހިތަށް އެރިއެވެ. އެންމެން އެއްފަހަރާ އެ ދެމީހުންނަށް މަރުޙަބާ ކިއުމަށްފަހު ތިން ހަތަރު މާބޮނޑި އާލާއަށާއި ދާނިޔަލް އަށް ދިނެވެ. ކޮންމެ މީހަކަށް ރީތި ހިނިތުންވުމެއް ހަދިޔާކުރަމުން ދިޔަ ނަމަވެސް އެދެމީހުންނަށްވެސް އެކަން ވީ ނުހަނު ދަތި ކަމަކަށެވެ.
ދާނިޔަލްއާއި އާލާގެ ކައިވެނީގެ ޚަބަރު ލިބުމުން މާޔޫސްވީ އެތަށް ކުދިންނެއްވެސް އެތާނގައި ތިއްބެވެ. އާލާއާއިމެދު ޙަސަދައިގެ ލޯ އަމާޒުވަމުން ދިޔަ އިރު ދާނިޔަލްއާއި ދިމާލަށްވެސް ބައެއް ފިރިހެން ކުދިންގެ ޙަސަދައިގެ ލޯ އަމާޒުވަމުން ދިޔައެވެ.
“ބްރޯ ކިހިނެތް ވަނީ ސަޕްރައިޒް؟” ހުރިހާ ކަމެއް ނިމުމުން ކެބިންއަށް ދާން ދާނިޔަލް ހިނގައިގަތް ވަގުތު އިޝާންއައިސް ދާނިޔަލް ކޮނޑަށް އަތް ވައްޓާލަމުން ސުވާލުކޮށްލިއެވެ. “ދަތްޕިލަ ރޮނޑަށް ދީގެން ހުންނަ ވަރު ކަމެއް ވެއްޖެތަ.. ކީއްކުރަން ކުރި ކަމެއް މީ؟ ކައިވެނި ކުރީއެއްވެސް ނޫން އަދި..” ދާނިޔަލް އިޝާންއަށް ބަލައިލަމުން ބުނެލިއެވެ. ނަމަވެސް އިޝާން އެކަމާއި މާބޮޑަކަށް އަޅައެއް ނުލިއެވެ.
“އިޝާން.. މަ ހިތަށް އަރަނީ ކުޑޭއަށް ކައިވެނި ކުރާ ދުވަހު އެތަނަން ދެވިއްޖެއްޔާ ވަރިހަމައޭ.. ކުޑޭ ނޫޅޭ އެއްވެސް ކަމަކާ.. މާ ބޮޑަށް ބިރުގަންނަނީބާ އަނެއްކާ؟” އަޒާން ލާނެއް ރާގަކަށް ބުނެލިއެވެ. ދެމީހުން ދިމާކުރުމުން ދާނިޔަލް ދެބުމަ ގާތްކޮށްލުމަށްފަހު ދެމީހުންނަށް ބަހުގެ ޙަމަލާތަށް އަމާޒުކުރަމުން ގޮސް ލިފްޓަށް އެރިއެވެ.
***
“ހުއް.. ޔަގީނޭ މި ހުރިހާ ކަމެއްވެސް މީ އެ ދާނިޔަލްގަނޑުގެ ކަންތައްކަން.. ހިތަށް އަރާ ކީއްބާވައޭ މަ ކުރާނީ.. އަދި ވަރަށް ހެވިފަ ހުއްޓެއްނު..” އޭނާއަށް ލިބުނު މާބޮނޑިތައް މޭޒުމަތީގައި ބާރުބާރަށް ބަހައްޓަމުން ދެއަތް އުރާލައިފައި އާލާ ރުޅިއައިސްހުރެ ކިޔަމުން ދިޔައެވެ. މިކަހަލަ ކޮންމެ ކަމެއް އޭނާއަށް ތަހައްމަލުކުރަން ހާދަ އުނދަގުލެވެ. ދާނިޔަލްއާއި ކައިވެނިކުރުން އެއީ އޭނާއަށް ލިބޭނެ އެންމެ ބޮޑު ވޭނެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ ކޮންމެ ކަމެއްވެސް ވާނީ ހަމަ އެންމެ ރަނގަޅަށް ކަމެވެ.
“ދޮންތާ…” ގޭތެރެއަށް ވަދެގެން އައި ރުކާ ރިޔާޝާއަށް ބާރަށް ގޮވާލިއެވެ. އެވަގުތު ގޭގައި އިތުރު މީހަކު ނެތުމުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ރިޔާޝާ ކޮޓަރިން ނިކުމެގެން އައިސް ރުކާ ގާތު މަޑުކޮށްލުމަށްފަހު ކިހިނެތް ވީތޯ ސުވާލު ކޮށްލިއެވެ. “އެއްކަލަ އާލް މެރީ ކުރަންވެގެން އުޅެނީ.. ރޭގަ އެގެއަށް ދިޔައީ އެހެންވެގެންނޭ..” ރުކާ ސޯފާގައި އިށީންނަމުން ރިޔާޝާއަށް އެ ޚަބަރު ދިނެވެ. އޭނާވެސް ފުޅާ ހިނިތުންވުމަކާއެކު ރުކާ ގާތުން ސުވާލު ކުރަމުން ދިޔައެވެ.
“އެކަމަކު.. އޭނާ މެރީ ކުރަނީ ދާނިޔަލް އާ..” ރުކާ ބުނަން ނުބުނަން އިނދެފައި ރިޔާޝާގެ މުނަށް ނަޒަރު ހުއްޓާލައިގެން އިނދެ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ދެންމެ ރިޔާޝާގެ މޫނުމަތީގައިވި ހިނިތުންވުންވެސް މަޑުމަޑުން ފޭދުނެވެ. “އެހެންތަ؟ އެހެން ވިއްޔާ ދެމީހުންނަށްވެސް މަރުޙަބާ ކިޔަން ވާނެއްނު.. ދާނިޔަލްއަށް ނޭނގޭނެ ކަންނޭނގެ ދޮންތަ މީ ކާކުކަމެއްވެސް..” އަލުން ހިނިތުންވެލަމުން ރިޔާޝާ ބުނެލިއެވެ. ޙަޤީގަތުގައި ކުރިން ހިތަށް ތަދުވީ ނަމަވެސް މިހާރު ދާނިޔަލްގެ ނަން ބުނަންޏަކަސް އޭނާއަކަށް އެއްވެސް ގޮތެއް ނުވެއެވެ. ރިޔާޝާގެ އެ ޢަމަލުން ރުކާއަށްވެސް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދެމީހުން އެގޮތުގައި ވާހަކަ ދައްކާލަން އިރުކޮޅަކު ތިއްބެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ކައިވެނީގެ ތައްޔާރީތައްވެސް ވަމުން ދިޔައެވެ. ދާނިޔަލް އޭނާގެ ގޭގައި ސިޓިންގް ރޫމުގައި އިން އިރު އަޒާންގެ އިތުރުން އިޝާންވެސް އެތާ ތިއްބެވެ. އެމީހުން އުޅުނީ ކައިވެނީގެ ކާޑުތައް ތައްޔާރުކޮށް މީހުންނަށް ބެހުމުގެ ކަންތައް ހަމަޖެއްސުމުގައެވެ.
“ތިއްތިބެ ބިޒީވާނެތަ މިގަޑީގަ؟” ދާނިޔަލް މަސައްކަތް ކުރަން އިނދެފައި އަޒާންއާއި ސުވާލުކޮށްލިއެވެ. އެހިނދު އޭނާ ދެފަރާތަށް ބޯ ހުރުވާލީ މިއަދު މިއީ އާދިން އޮފީހަށް ނުދާ ދުވަހަކަށް ވާތީއެވެ. އަޒާން ކީއްކުރަންތޯ ބުނީމަ ފަހުން ބުނާނެ ކަމަށްބުނެ ދާނިޔަލް އާދިންއަށް ގުޅާލިއެވެ. އެޔަށްފަހު އާދިން ފޯނު ނެގުމުން ހެވިލައިފައި ވާހަކަ ދައްކަން ފެށިއެވެ. “ކާފައަށް މި އިންވިޓޭޝަން ކާޑު ހަވާލުކުރަންދާން ހަދާނީ ކިހިނެތް؟ ތިއްތިބޭ މީތި ހަވާލުކޮށްލަދޭންވީނު؟” ދާނިޔަލް ކުޑަ ޖެހިލުންވުމަކާއެކު އާދިންއަށް ބުނެލިއެވެ. އާދިން އެއްޗެކޭ ނުބުނެ ދެތިން ސިކުންތެއްވާންދެން ހުއްޓެވެ.
“ދާނިޔަލް ހަވާލުކޮށްލާ އޭތި ކާފަޔާ.. އެއްވެސް މައްސަލައެއް ނޫނެއްނު.. ތިއްތިބޭ ބުނީމެއްނު އަބަދުވެސް ތިއްތިބޭމެން ތިބޭނީ ދާނިޔަލްއާއި އެކުއޭ..” އާދިން ޖަވާބު ދިނެވެ. ނަމަވެސް ދާނިޔަލް މަނިކު ކުރިމައްޗަށް އަރަން ޖެހިލުންވެއެވެ. ޚުދު މަނިކުވެސް ވަނީ އެކަން ދާނިޔަލްއަށް މަނާކޮށްފައެވެ. ވީއިރު އޭނާ މަނިކު ކުރިމައްޗަށް އަރާނީ ކޮން ހައިސިއްޔަތަކުންހެއްޔެވެ؟ “އެއީ ހަމަ އެއްވެސް ކަމެއް ނޫން.. ކާފައަށް އަދި ވިސްނޭނެ.. އަޒާންއާއި އެއްކޮށް އައިސް ހަމަ ހަވާލުކޮށްލަބަލަ.. ދާނިޔަލް ތިއީ އެހާ ފިނޑި ކުއްޖެއް ކަމެއް ތިއްތިބެއަކަށް ކުރިއަކުން ނޭނގޭ.. ހެހެ..” އާދިން ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ. ދާނިޔަލްވެސް ކުޑަކޮށް ހީލައިފައި ހިތާ ދެކޮޅަށް ނަމަވެސް އެކަމާއި އެއްބަސްވިއެވެ.
އޭނާ ފޯނު ބޭއްވި އިރު އިޝާން އާއި އަޒާން ބަލަހައްޓައިގެން ތިބި ގޮތުން އެތިބީ ދާނިޔަލްގެ ބަހަކަށް ބޭނުންވެފައިކަން އޭނާއަށް އެނގުނެވެ. “މިއިން ކާޑެއް ޖެހޭނެއްނު ކާފައާއި ވެސް ހަވާލުކުރަން.. އެވާހަކަ މި ދެއްކީ.. މިއަދު މި އެއްޗެހި ބަހަން ހަވާލު ކުރާ އިރު މަ އަޒާންއާއި އެކީ ގޮސް ވަކިން ކާފައާއި ހަވާލުކުރާނީ.. އެހެން އެއްޗެހި ދެން އެމީހުން ލައްވާ ބަހާލާނީ..” ދާނިޔަލް އޭނާގެ ހިތުގައި އޮތް ގޮތް ހާމަކޮށްލިއެވެ. އެ ދެމީހުންވެސް ބޯ ޖަހާލިގޮތުން އެކަމަށް ތާއީދުކުރާކަން އިނގެއެވެ.
“އާޗާ.. ސަޅިއޭ..” އާލައާއި އެކު ކޮޓަރީގައި ހުރި ރުކާ އާލާގެ ބޮޑު ވެޑިންގް ޑްރްސްއަށް ތައުރީފް ކުރަމުން ދިޔައެވެ. އާލާއާއި ނުހަނު ގުޅޭކަމަށް އޭނާ އޭތި މީތި ކިޔަމުން ދިޔަ އިރު ރުކާ އުޅޭގޮތުން ބައެއްފަހަރަށް އާލާ ހޭންވެސް ފަށައެވެ. ރިޔާޝާވެސް މިއަދު އެމީހުންނާއި އެކު އެކި ކަންކަމުގައި ބައިވެރިވަމުން ދިޔައެވެ. “އަނެއްކާ އެގެއަށް ދިޔުމަށްފަހު އަހަރެމެންނަށް ނުގެއްލޭތި އިނގޭ..” ރުކާ އާލާގެ އެނދުގައި އިށީންނަމުން ބުނެލިއެވެ. “ހުއް.. ނޫޅެން.. އޭނާ ބުނިހާ ގޮތެއް ހަދައިގެން އުޅެން ޖެހޭތަ..” އާލާ ދެއަތް އުރާލަމުން ބުނެލިއެވެ.
“އާލާ.. ކޮންމެ ގޮތެއް ވިޔަސް މާދަމާއަށް ފަހު ދާނިޔަލް ވާނީ އާލާގެ ޙަލާލު ފިރިމީހާއަށް.. އެހެންވީމަ އޭނާ ބުނާގޮތަށް އާލާ ހަދަންޖެހޭނެ.. ދެން މިބުނީ ގޯސްކަންކަމުގެ ވާހަކައެއް ނޫން އިނގޭ އަނެއްކާ.. އަނބިމީހާ ޖެހޭނެ ފިރިމީހާއަށް ކިޔަމަންތެރިވާން.. އެކުވެރިންނަށްވުރެ ބޮޑަށް ފިރިމީހާއަށް ކަންނޭނގެ ވަގުތު ހުސްކުރަން ޖެހޭނީ..” ރިޔާޝާ އާލާއަށް ވިސްނައިދޭ ފަދައަކުން ބުނެލިއެވެ. އެހިނދު ރުކާވެސް އެބަހަށް ތާއިދުކޮށް އާލާއަށް ނަސޭހަތްތެރިވިއެވެ. “ދެން އެހެން ވިއްޔާ މަ ޖޭހޭނީ ފިރިދަށުވެގެންނެއްނު އުޅެން.. އަޅަކަށްނު އެއިރުން އާލް ބަދަލުވާނީ..” އެއީ އާލަގެ ވިސްނުން ހުރި ގޮތެވެ. އޭނާ ބުނިގޮތުން ރުކާމެން ގާތަށް ކުޑަކޮށް ހިނި އައި ނަމަވެސް އާލާ ވިސްނާގޮތުން އެއީ އަޅެ ކުޑަކުއްޖެއްބާވައޭ ރުކާގެ ހިތަށް އެރިއެވެ. އަދިވެސް ހަމަ އެ ޅަ ވިސްނުމެވެ.
ދެފިކުރެއްގައި ހުރުމަށްފަހު ދާނިޔަލް އަޒާންއާއި އެކު އެގެއަށް ވަންނަން ދިޔައެވެ. ގޭތެރެއަށް ވަތް އިރު ސޯފާގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން އިން މަނިކު ފެނި ދާނިޔަލް ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް ހިތްވަރުކޮށްލުމަށްފަހު ކުރިޔަށް ދިޔައެވެ. އެއިރު އާދިންއާއި ވިޝާމާވެސް ކޮފީ ބޮން އެތަނުން ސޯފާއެއްގައި ތިއްބެވެ. އެ ދެމީހުންގެ މޫނަށް ހިނިތުންވުން ވެރިވީ ދާނިޔަލް ފެނުމުންނެވެ. ނަމަވެސް އެ މަންޒަރު މަނިކުއަށް ނުފެނުނީ އޭނާ އިނި ފޯނުން ކޮންމެވެސް ކަމެއް ކުރަން ކަމުގައި ވާތީއެވެ. އާދިން ދާނިޔަލްއަށް ބަލައިލުމަށްފަހު ބޯ ޖަހާލިއެވެ.
އެހިނދު އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކުރިޔަށް ފިޔަވަޅު އަޅަން ފެށިއެވެ. ދާނިޔަލް ގޮސް މަނިކުގެ ކުރިމަތީގައި ހުއްޓިލިއެވެ. އެވަގުތު މީހަކު ހުރިހެން ހީވެގެން މަނިކުވެސް ފޯނުން ނަޒަރު ވަކިކޮށްލުމަށްފަހު ކުރިމައްޗަށް ބަލައިލިއެވެ. ކަޅު ރަތްކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުގައި ހުރި ދާނިޔަލް ފެނި މަނިކުގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އިން ތަނުން ތެދުވެލުމަށްފަހު އަނގައިން ބުނަން އަނގަ ހުޅުވާލި ނަމަވެސް ދާނިޔަލް އޭގެކުރިން ވާހަކަ ދައްކަން ފެށިއެވެ.
“ކާފާ އަޅުގަނޑަށް މަޢާފް ކުރޭ.. ކާފަ ކައިރިއަށް ނާންނާށޭ ބުނެފަ އޮށްވާވެސް އަޅިގަނޑު މި އައީ ކާފަ ގާތު ވަރަށް ބޮޑު ކަމަކު އެދެން.. އަޅުގަނޑުގެ ޙަޔާތުގައި ކާފަ ގާތު ކަމަކަށް މި އެދެނީ ފުރަތަމަ ފަހަރު.. ކާފާ.. އަޅުގަނޑު މި އުޅެނީ ކައިވެނި ކުރަން.. މާދަމާ އަޅުގަނޑުގެ ކައިވެނި ޕާޓީއިން ކާފަ ފެނިއްޖެނަމަ އަޅުގަނޑު ވަރަށް އުފާވާނެ.. އުންމިދު ކުރަން ކާފަ އަންނާނެ ކަމަށް..” ސީދާ މަނިކުގެ މޫނަށް ބަލަހައްޓައިގެން ހުރެ ވަރަށް ހިތްވަރާއިއެކު ދާނިޔަލް ބުނެލިއެވެ. އެޔަށްފަހު މަނިކުއަށް ކާޑު ހަވާލު ކޮށްލައިފައި އާދިންމެންނާއި ދިމާލަށް އެނބުރިލިއެވެ. އާދިން ހިނިތުންވެލަމުން ބޯ ޖަހާލި އިރު ވިޝާމާވެސް އިނގިލިން “ބެސްޓް” ކަމުގައި ދައްކާލިއެވެ. ދެންމެ ދާނިޔަލްގެ މޫނުމަތިން ފާޅުވޭވޭ ހުރި ނުތަނަވަސްކަންވެސް ވަގުތުން ފިލާ ހިނިތުންވުން ވެރިވިއެވެ.
ދާނިޔަލް ދިން ކާޑަށް ބަލަހައްޓައިގެން މަނިކު ހުރީއެވެ. އަނގައިން ބުނާކަހަލަ ޚިޔާލެއް އޭނާ ނުކުރިއެވެ. ދާނިޔަލްވެސް އަވަސް އަވަހަށް އެގެއިން ނިކުމެގެން ދިޔައީ މަނިކުގެ ބަހުގެ ޙަމަލާއެއް އައިސްދާނެކަމުގެ ބިރުވެސް އޮތުމާއިއެކުއެވެ. ފަހަތުން އަޒާންވެސް އަނެއްކާ އަލުން އޭނާއާއިއެކު އައެވެ. އެއީ އަދިވެސް ބައެއް މަސައްކަތްތައް ނިންމަންޖެހުމުންނެވެ.
އާދުވަހަކަށް އިރު އަރައިގެން އައި އިރު އެންމެންވެސް ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުން ދިޔައީ ހަވީރު އޮންނަ ކައިވެނި ޕާޓީއަށް ތައްޔާރުވުމަގައެވެ. ޕާޓީ އޮންނަނީ އަރީފްމެން ގޭގައި ކަމުން މުޅި އެގޭތެރެ ޒީނަތްތެރިކުރަމުން ދިޔައެވެ. އެގޭގައި އޮތް ބޮޑު ބަގީޗާއަކީ ކައިވެނި ކުރަން ހަމަ އެންމެ ރަނގަޅުތަންކަމުގައި އެ އެންމެންނަށްވެސް ޤަބޫލުކުރެވުނެވެ. އެކި ތަންތަން ކަނޑު ނޫކުލަ ހިމެނޭގޮތަށް ތައްޔާރުކޮށްފައި ވާއިރު ވަރަށްވެސް ފުރިހަމައެވެ. ތަފާތު ވައްތަރުގެ ބޯޅައާއި ފޮތިތައް އެލުވާފައި ވާއިރު ވަރަށްވެސް ހިތްގައިމެވެ.
ކިތަންމެ ވަރަށް ގޮތްދައްކައިގެން އުޅުނު ނަމަވެސް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އާލާ ހުރީ ނުތަނަވަސްވެފައެވެ. އަމިއްލައަށް އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އުޅުނު ނަމަވެސް އަލަށް ޒަވާޖީ ޙަޔާތެއް ފައްޓާތީ އޭނާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. މޫނުމަތިންވެސް އެކަން ފާޅުވޭވޭ ހުއްޓެވެ. ކޮޓަރިއަށް ވަތް ރުކާއާއި ރިޔާޝާފެނި އޭނާ ހަމަޖެހޭ ގޮތް ދައްކާލަމުން އެނދުގައި އިށީނދެލިއެވެ.
“ވާވާ.. ދޮންތާ.. މަށަށް ފެންނަނީ މީނާއަށް އޮސްކާ އެވޯޑް ދޭން.. އެހެންޏަ.. ކިތަންމެ ވަރަށް ފޮރުވަން އުޅުނަސް އިނގެޔޭ ތިހުރީ ބިރުންކަން..” ރުކާ އައިސް އާލާއާއި ދިމާކޮށްލިއެވެ. ނަމަވެސް އޭނާ ނޫންކަމަށް ހެދެމުން ގޮސް އަނެއްކާ ސޯފާއެއްގައި އިށީނދެލިއެވެ.
އާލާއެކޭ އެއްފަދައިން ދާނިޔަލްވެސް ހުރީ ނުތަވަސްވެފައެވެ. ކައިވެންޏަކީ ކިޔާލަން ކިތަންމެ ފަސޭހަ ބަހެއް ނަމަވެސް މިއަދަށްފަހު އެއީ ދާނިޔަލްގެ ބޮލުގައި އެޅޭ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ. އާލާ ކޮންމެ ގޮތެއް އޭނާއަށް ހެދިޔަސް ދާނިޔަލްއަށް މި ކައިވެންޏަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް މާތް ﷲއަށް ވަކީލުކޮށްލައިގެން އޭނާ ހުރީ އެހެންވެއެވެ. ދޭތެރެއަކުން އިޝާންއާއި އަޒާން ދިމާކޮށްލިޔަސް ދާނިޔަލް އެކަމާއި މާބޮޑަކަށް އަޅައެއް ނުލައެވެ. އެދެމީހުންގެ ގޮތް އޭނާއަށް އިނގޭތީއެވެ. ކުރަން ފަށައިފި ކަމެއް އެދެމީހުން އަވަހަކަށް ހުއްޓާނުލާނެކަން އިނގޭތީއެވެ.
ގަޑިއިރުތައް މިނެޓުތައް މިނެޓުތައް ސިކުންތުތަކަށް ބަދަލުވަމުން ދެއެވެ. ހަވިރުގެ ވަގުތުވެސް އައިސް ޖެހުނީއެވެ. ދާނިޔަލްއާއި އާލާ އެމީހުންގެ ކޮޓަރިތެރޭގައި ތައްޔާރުވާން ތިބި އިރު ދެމީހުންގެ ހިތްވެސް ވަނީ އަވަސް ވެފައެވެ. އާލާ ތައްޔާރުކޮށްދޭން ރުކާއާއި ރިޔާޝާ ޙަރަކާތްތެރިވަމުން ދިޔަ އިރު ދާނިޔަލްއަށް އެހީވެދޭން އަޒާންގެ އިތުރުން އިޝާން ޙަރަކާތްތެރިވަމުން ދިޔައެވެ.
ކަނޑުނޫކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ދާނިޔަލްހެ ފަށްބޯ ފަން އިސްތަށިގަނޑު ވަނި އެއްފަރާތަކަށް ކަފިކޮށްލައިފައެވެ. އެ ދޮން މޫނު އިތުރަށް ފުރިހަމަކޮށްދެނީ އާދައިގެ ވަރަކަށް ފަޅާފައިވާ ތުނބުޅިއާއި ކަޅުކަންގަދަ ދެބުމައިންނެވެ. ކޯޓުގައި ޖީބަށަށް ނޫކުލައިގެ ރީތި މާކޯޅިއެއް ޖަހާލައިފައި އިނެވެ. ކޯޓު ފަޓުލޫނުގައި ހުންނަ އިރު އޭނާގެ ފިރިހެންވަންތަކަށް އެތަށް ގުނައަކަށް އިތުރުކުރުވާފައިވެއެވެ. “ރީއްޗޭ ރީއްޗޭ.. ފަހަރި ލަދުން އިސް އުފުލާވެސް ނުލާނެކަންނޭނެ މިސޮރު ފެންނަ އިރަށް..” އިޝާން އައިސް ދާނިޔަލް ގާތުގައި ހުއްޓިލަމުން ބުނެލިއެވެ. އެމީހުން ތިބީ ހުދު ގަމީހާއި ކަނޑު ނޫކުލއިގެ ފަޓުލޫނުގައެވެ. އަޒާންއާއި ދެމީހުންވެސް މިއަދު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.
“ދެން ނުބުނާތި އެކައްޗެކޭވެސް.. ކިތަންމެ ދުވަހެއް ދީފިން ތިމީހުންނަށް ތިހެން ދިމާކުރަން.. ދެން ނުވާނެ.. ނިމުނީ ދެން..” ދާނިޔަލް ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ. ނަމަވެސް އެވަގުތުކޮޅުވެސް އަޒާން އެއްޗެކޭ ބުނެލުމުން ދާނިޔަލް އޭނާގެ ކަންފަތުގައި ހިފާލިއެވެ. “ހުރެބަލަ.. ތި ދެމީހުން މީހަކާ އިންނަ ދުވަހުން މަވެސް ވަކި ދުލެއް ނުކުރާނަން އިނގޭ..” ދާނިޔަލް އޭނާގެ ގޮތިގައި ހިފަހައްޓާލިއެވެ. ތިން މީހުންގެ ސަކަރާތް އެގޮތުގައި ދެމިގެން ދިޔައެވެ.
ކޮޓަރިތެރޭގައި ރުކާ އާއި ރިޔާޝާ ނިކަން ފަރުވާތެރިކަމާއިއެކު އާލާ ތައްޔާރު ކޮށްދެމުން ދިޔައެވެ. “މަގޭ ދަރި ވަރަށް ރިތިކޮށްދޭތި އިނގޭ މިއަދު.. ރުކާއަކީ މޭކްޕް އާޓިސްޓެއް ވީމަ އެހެން މީހުން ނުގެނައީވެސް.. ވަރަށް އިތުބާރު ކޮށްފަ ރުކާއާއި މި ޙަވާލުކުރީ.. ޖެހޭނެ އޭނާއަކީ ހޫރުޕަރިއަކަށް ހަދައިދޭން މިއަދު..” ޝަޒިއްޔާ އަނެއްފަހަރު އެކޮތަރިތެރެއަށް ވަންނަމުން ބުނެލިއެވެ. މިހާރު އެހެން އައިސް ކިޔާތާ އެއީ ކިތަންވަމަ ފަހަރުކަމެއްވެސް ނޭނގެއެވެ. “މަންމާ.. ދެން ރުކާމެންވެސް އާލް ހަޑި ނުކޮށްދޭނު..” އާލާ އެންމެ ފަހުން ބުނެލިއެވެ. އިރުކޮޅަކު އެތާ ހުރުމަށްފަހު ޝަޒިއްޔާ އަނެއްކާވެސް ނިކުމެގެން ދިޔައެވެ.
“ވާވް..” އާލާ ރިތިކޮށް ނިމުމުން ރުކާއާއި ރިޔާޝާ ދުރަށް ޖެހިލިއެވެ. އެޔަށްފަހު ކުރިމަތީގައި ހުރި ފުޅާ ލޯގަނޑުން ފެންނަން އިން އާލާއަށް ބަލައިލުމަށްފަހު އޭނާގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ. ރުކާގެ އަޑު އިވި އާލާވެސް މަރާލައިގެން އިން އޭނާގެ ދެލޯ ހުޅުވާލިއެވެ. ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ހުރި އިރު ބޮލުގައި އަޅާލައިފައި ވަނީވެސް ހަމަ ހުދުކުލައިގެ ޝޯލްއެކެވެ. އެކި ވައްތަރުގެ މިނާ ބޭނުންކޮށްގެން ހަދާފައިވާ ކްރައުންއެއް އޭނާގެ ބޮލުގައި އަޅާލައިފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ރީތި ދެބުމައާއި އެކު ދިގު އެސްފިޔަތަކުގައި މަސްކާރާ އަޅާލައިފައިވާއިރު އާލާ ނުހަނު ރީއްޗެވެ.
މަޑު މުށިކުލައެއްގެ އައި ޝެޑޯއެއް ބޭނުންކޮށްފައި ހުރުމުން ސާދާގޮތެއް ހުރި ނަމަވެސް އެ ރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. ބަދަލުގައި އެ ރީތިކަން ވަނީ އިތުރުވެފައެވެ. ތުންފަތުގައި މަޑު ރަތްކުލައެއް ޖައްސާފައިވާއިރު އާލާގެ ރީތިކަން އިތުރުކުރުވައެވެ. “މާ ޝާ ﷲ… މާ ޝާ ﷲ…” ރިޔާޝާ ވެސް އައިސް އާޅާގެ ކޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “އަސްލުވެސް އާލް ވަރަށް ރީތި މިރޭ.. އަދި ދާނިޔަލް ކައިރި ހުންނަ އިރަށް މާ ރީތިވާނެހެން ހީވޭ.. އެސޮރު ފެއިންޓް ނުވިއްޔާ ވަރިހަމަ..” ރުކާ ސަމާސާ ކޮށްލިއެވެ. އާލާ އިން ތަނުން ތެދުވެގެން ގޮސް ރުކާގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ.
“ރުކާއާއި ރިޔައްތަވެސް ވަރަށް ރީއްޗޭ…” ކަނޑު ނޫކުލައިގެ މެކްސީގައި ހުރި އިރު ދެމީހުންގެ ބޮލުގައިވެސް އަޅައިފައިވަނީ އަޅިކުލައިގެ ޝޯލްއެވެ. ލުއި މޭކަޕަކާއިއެކު ދެމީހުންވެސް ވަރަށް ނަލައެވެ. ޝަޒިއްޔާ ކޮޓަރިއަށް ވަނުމުން ރުކާއާއި ރިޔާޝާ އެދެމީހުންނަށް ވަގުތު ދީފައި އެތަނުން ނިކުތެވެ. ޝަޒިއްޔާ އައިސް އާލާ ކުރމަތީގައި ހުއްޓިލިއެވެ. އެޔަށްފަހު އާލާގެ ނިތަށް ބޮސްދިނެވެ. އޭނާގެ ދަރިފުޅުވެސް ބޮޑުވެއްޖެކަމުގެ އިޙުސާސް ޝަޒިއްޔާއަށް ކުރެވެމުން ދިޔައެވެ.
އެ ދަރިފުޅު މިރޭ ފެންނަލެއް ޗާލުކަމުން އެކަމަށްވެސް އެތަށް ތައުރީފެއް ޝަޒިއްޔާ ކުރިއެވެ. “ދަރިފުޅު.. ހަމަ ޙަޤީގަތުގަވެސް ދަރިފުޅު އުފާވެފަތަ ތިހުންނަނީ މި ކައިވެންޏާއި މެދު..” އާލާ އާއި ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޝަޒިއްޔާގެ ހިތަށް ކުރަމުން ދިޔަ އަސަރު ދިޔައީ ބޮޑުވަމުންނެވެ. އެހެން ކަމުން އޭނާގެ އަޑު ވަނީ ކޮންމެވެސް ވަރަކަށް ކުރެހިފައެވެ. އާލާ އިރުކޮޅެއްގައި މަޑުން ހުރުމަށްފަހު ބޯ ޖަހާލީ އެނޫންގޮތެއް އޭނާއަށް ނެތުމުންނެވެ. ޙަޤީގަތަކީ މި ކައިވެންޏާއިމެދު އޭނާ އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަމެވެ. އޭނާ އެ ކައިވެނި އެ ކުރަނީވެސް ލޯބިވާ ބައްޕައަށްޓަކައެވެ.
ޝަޒިއްޔާ އެތަކެއް ނަސޭޙަތެއް އާލާއަށް ދިނީ އެއީ އާލާއަށް އޭނާގެ ފަރާތުން ދެވޭނެ އެންމެ އަގުހުރި ނަސޭހަތްކަން އިނގޭތީއެވެ. އެތަށް ދުވަހަކަށްފަހު އެ ދަރިފުޅު ދެން ދިރިއުޅޭނީ އޭނާއާއި ވަކިންނެވެ. އެ ކައިވެންޏާއިމެދު ކިތަންމެ ނުރުހުނަސް ތިމާގެ ދަރިފުޅު ތިމާއާއި ވަކިވެގެންދާއިރު ކޮންމެ މައެއްގެ ހިތަށްވެސް އަސަރުކުރާނެކަން ޔަގީނެވެ. ޝަޒިއްޔާއަށްވެސް އެވީ ހަމަ އެހެންނެވެ.
އަރީފްވެސް އައިސް އެކޮޓަރިއަށް ވަނީ އެވަގުތުއެވެ. އާލާ ފެނި އަރީފްގެ ދުލުންވެސް ނިކުތީ ތައުރީފްގެ ބަހެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާވެސް ނަސޭހަތްދިނެވެ. އެޔަށްފަހު އެކޮޓަރިން ނިކުމެގެން ދިޔަ އިރު އޭނާގެ ލޮލުގައިވެސް ކަރުނަ ވިއެވެ.
ދާނިޔަލްމެން ކާރުގައި އައިސް އެގެއަށް ވަތް އިރު އަރީފްއާއި ޝަޒިއްޔާގެ އިތުރުން އެމީހުންގެ އާއިލާގެ ބައެއް މިހުން ދާނިޔަލްމެންނަށް މަރުޙަބާ ކިޔުމަށް ނިކުމެ ތިއްބެވެ. ދާނިޔަލްއާއި އަޒާން ގެ އިތުރުން އިޝާން އާއި ވިޝާމާ އައީ އެއްކާރެއްގައެވެ. އަނެއް ކާރުގައި އާދިންއާއި މަނިކު އައެވެ. ކާރުން އެންމެން ފޭބުމަށްފަހު އަރީފްމެންނާއި ދިމާލަށް ހިނގައިގަތެވެ. އެންމެ ކުރީގައި އާދިންއާއި އެކު ހުރި މަނިކަށް ލިބުނީ ހައިރާންކަމެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅާއި އެ ބައްދަލުވީ އެތަށް ދުވަހަކަށް ފަހުއެވެ. “އަރީފް؟” މަނިކު އެމީހުންނާއި އަރާ ހަމަވުމުން ބުނެލިއެވެ.
އެއިރު އަރީފްގެ މޫނުމަތީގައި ވަނީ ފުލާ ހިނިތުންވުމެކެވެ. އާދިން އަރީފްގެ ވާހަކަ މަނިކު ގާތު ނުބުނީ ހަމަ ގަސްދުގައެވެ. ބައްޕަ ފަހު ވަގުތުވެސް ދާނިޔަލްއާއި މެދު ހެޔޮ ނަޒަރަކުން ދެކެފާނެކަމުގެ އުންމީދުގައެވެ. ލިބުނު އުފާވެރިކަމުގައި އަރީފްއާއި ވާހަކަ ދައްކާލުމަށްފަހު އަރީފްމެންގެ އެދުމުގެ މަތިން އެމީހުން ގޭތެރެއަށް ވަނެވެ. ސަބަބަކީ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ގޭތެރޭގައި ކަމުގައިވާތީއެވެ.
މަނިކު އަރީފްއާއި ވާހަކަ ދެއްކި އިރުވެސް އެއްވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅެއް ނުކުރެއެވެ. އެހެން މީހުންގެ ކުރިމަތީ އޭނާގެ އަގު ވެއްޓޭކަށް މަނިކު ހަމަ ހިލާ ނޭދެއެވެ. ދާނިޔަލްއަށް މާ ހެޔޮއެދިގެން އުޅުނީވެސް އެހެންވެއެވެ. ނަމަވެސް އެކަމުގެ ސަބަބަން ދާނިޔަލްއަށް ހިތްހަމަޖެހުން ލިބުނެވެ. ކޮންމެ ފަދަ ގޮތަކަށް ނަމަވެސް އޭނާ ބޭނުމީ ކާފަގެ ލޯތްބެވެ.
ކައިވެނި ކުރާ މޭޒުދޮށުގައި ދާނިޔަލް އިށީނދެލިއެވެ. އޭނާ މަޑުކޮށްގެން އިނީ އާލާ އަންނަންދެނެވެ. ދާނިޔަލްގެ އިންތިޒާރަށް ނިމުމެއް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ.
ރުކާއާއި ޝަޒިއްޔާ އާއި އެކު އައި އާލާއަށް ވަނީ އެތާ ތިބި އެންމެންގެ ލޯ އަމާޒުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަމުން ދިޔަ އިރު ދުލުކުރީގައި ވަނީ އާލާގެ ރީތިމަކަށް ތައުރީފުގެ ބަސްތަކެވެ. އިސްދަށަށް ޖަހާލައިގެން އައި އިރު ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސްއާއި ކަނޑު ނުލާއި އަދިވެސް އެހެނިހެން ނޫކުލައިގެ މަލުން ތައްޔާރުކޮށްފައިވާ ބޮކޭ އޭނާގެ އަތުގައި އޮތެވެ.
އަޒާންގެ ލޯ ރުކާއަށް އަމާޒުވެފައި ވާއިރު އިޝާންގެ ލޯ އަމާޒުވެފައ ވަނީ ރިޔާޝާއަށެވެ. އާނއެކެވެ. އެއީ ހަމަ އެ އަންހެން ކުއްޖާއެވެ. މީގެ އެތަށް ދުވަހެއް ކުރިން ކޭ.އެފް.ސީ އިން އޭނައަށް ފެނުނު އަންހެން ކުއްޖާއެވެ. އިޝާންއަކަށް އެ ސޫރައެއް ނުއޮޅޭނެއެވެ. ދާނިޔަލް އެގޮތަށް ހިލޭ އަންހެން ކުދިންނާއި ދިމާލަށް އެފަދަ ނަޒަރަކުން ނުބެލުމަށް އެތަށް ނަސޭޙަތެއް ދިން ނަމަވެސް އޭނާއަށް އެ އަޑު އެހެނީ މަދު ފަހަރެއްގައެވެ. އެކަމަށް އާދަވެފައި ވުމުން އިޝާންއަށް އެ އާދަ ދޫކޮށްލަން އުދަގުލީއެވެ. ނަމަވެސް އިޝާންވެސް އެކުވެރިޔާގެ އެ ހެޔޮ ނަސޭޙަތުގައި ހެފޭތޯ މަސައްކަތް ކޮށްލިއެވެ. ދާނިޔަލްގެ އެ ކެތްތެރިކަމާއި މާތްކަމަށް އިޝާންއަށް ހިތާހިތުން ތައުރީފް ކުރެވެނީވެސް އެހެންވެއެވެ.
ދާނިޔަލް މޭޒަށް ނަޒަރު ހުއްޓާލައިގެން އިން ގޮތުން އޭނާ އިނީ އާލާއަށް ނުބަލަން ހުވާކޮށްގެން ފަދައެވެ. އިސް އުފުލާލައި އެންމެ ފަހަރަކުވެސް ދާނިޔަލް އާލާއަށް ބަލައިނުލިއެވެ. އާލާގެ ޙާލަކީވެސް ހަމަ އެއީއެވެ. އާލާ ފެނި އަރީފްގެ ލޮލަށް ތާޒާ ކަރުނަތައް ބޮނޑިވެގަތެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. އަރީފް ހިނިތުންވެލުމަށްފަހު އެ ކަރުނަތައް ހިންދާލިއެވެ.
ކައިވެނީގެ ޚުތުބާ ފެށިގެން ދިޔައެވެ. ދާނިޔަލްއާއި އާލާވެސް ފަރުވާތެރިވެ ޣާޒީގެ ވާހަކަ އަޑުއަހަމުން ދިޔައެވެ. “އަނބި ގަބޫލުކޮށްފިން..” ދާނިޔަލްގެ ފިރިހެންވަންތަ އަޑުން އެހެން ބުނެލި ވަގުތު އާލާގެ ދެލޯ މެރިގެން ދިޔައިރު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރިން ނުވި އެތަށް ގޮތެއް މިހާރު އާލާއަށް ވަމުން އެބަދެއެވެ. މުޅި މީހާ ފިނިވެފައި އިން އިރު އެވަރަށް ލަދުވެސް ގަންނަން ފަށައިފިއެވެ. ދާނިޔަލް ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނި އިރު އޭނާގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ވެރިވެގެން ދިޔައެވެ. ސަބަބެއް ޚުދު އާލާއަކަށްވެސް ނޭނގެއެވެ.
އެހެން ނަމަވެސް މިއިން އެއްކަމެއްވެސް ޤަބޫލުކުރާކަށް އާލާ ބޭނުމެއް ނޫނެވެ. އޭނާގެ އަލަތު ކައިވެނިވެސް އެ ކުރެވުނީ އޭނާ އެންމެ ކައިވެނި ކުރަން ބޭނުންނުވި ޒުވާނާއާއި އާއިއެވެ. އާލާގެ ހިތުގައި ދާނިޔަލްއާއި މެދު ކުޑަވެސް ހަމްދަރުދީއެއް އުފެދޭނަމަ އޭނާގެ ހިތަށް ގަދަކަމުން ނަމަވެސް ވެރިކުރުވާ ވާހަކައަކީ އެއީއެވެ. ދާނިޔަލްދެކެ އެއްވެސް ލޯތްބެއް ވާކަށް އާލާ ބޭނުމެއް ނޫނެވެ. ނަމަވެސް މިހާރު އޭނާ ގާތުގައި އެއިނީ އޭނާގެ ޙަލާލު ފިރިމީހާއެވެ. އެއިރު ރުޅި އައިސްގެން އެއްޗެހި ގޮވި ކުއްޖާ އެއީ މިއަދު އޭނާގެ ޙަޔާތުގައި ބާކީ އޮތް ބައި އެކުގައި ހޭދަކުރަން ޖެހިފައިވީ ބައިވެރިޔާއެވެ. ކޮންމެޔަކަސް އާލާ އިނީ ފިނިވެ ނުތަނަވަސްވެފައެވެ. ހިތްވެސް އޮބި ނޯންނަވަރަށް ތެޅެމުން ދިޔަ އިރު ދާނިޔަލްއަށް އެ އަޑު ނީވިއްޖެއްޔާ ވަރިހަމައެވެ.
ދާނިޔަލް އަނބި ގަބޫލުކޮށފީމޭ ބުނެލި ވަގުތު އޭނާގެ ހިތަށް ވެރިވެގެން ދިޔަ އިޙުސާސަކީ ބަޔާންކުރަން ދަތި އިޙުސާސެކެވެ. ފިރިހެން ކުއްޖަކަސް އޭނާވެސް ހުރީ ނުތަނަވަސްވެފައެވެ. ކައިވެނި ކުރާއިރު ބިރުގަންނަނީ ހަމައެކަނި އަންހެން ކުދިންނެއް ނޫނޭ ދާނިޔަލްގެ ހިތަށް އެވަގުތު އެރިއެވެ. މިހާރު އޭނާ ގާތު އެ އިން އާޅާއަކީ ދެން އޭނާއާއި އެއްކޮށް ޙަޔާތުގެ ބާކީ ބައި ހޭދަކުރާގެ ޙަޔާތުގެ ބައިވެރިޔާއެވެ. ދާނިޔަލްގެ ހަލާލު އަނބިމީހާއެވެ. އާލާ އަނެއްކާ އޭނާއާއިމެދު ކަންތައްކުރާނީ ކިހިނެތް ބާވައެވެ؟
އެންމެން އަލަށް ކައިވެނި ކުރެވުނު ޖޯޑަށް މަރުޙަބާ ކިޔާ ތައުރީފް ކުރަމުން ދިޔައެވެ. ޕާޓީ ފެށިގެން ދިޔައީ އޭގެ އިރުކޮޅެއް ފަހުންނެވެ. އާލާއާއި ދާނިޔަލްވެސް ދެމީހުން ތިބެން ހަމަޖެހިފައިވި ތަނުގައި ހުއްޓިލިއެވެ. އެވަގުތު މީހަކަށްފަހު މީހެއް އެދެމީހުންނަށް މަރުޙަބާ ކިޔަން އަންނަމުން ދިޔައެވެ. ގިނައީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އާލާއާއި ދާނިޔަލް މަސައްކަތަްކުރާ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. ކޮންމެ މީހަކުވެސް އެ ދެމީހުން އެކުގައި ފެންނައިރު ވަރަށް ގުޅޭކަމަށް ބުނަމުން ދިޔައެވެ. ދެމީހުންނަށްވެސް ހިނިތުންވެފައި ތިބެވުނީ އިޚްތިޔާރުން ބޭރުގައެވެ.
“އެހެމް އެހެމް.. އަހަރެމެންނާއި އެކީ ފޮޓޮއެއް ނުނަގާނަންތަ؟” އަޒާން އާއި އިޝާން އައިސް ހުއްޓިލަމުން ބުނެލިއެވެ. އެވަގުތު ވީ ރުކާ އާއި ރިޔާޝާވެސް އެތަނަށް އައި ވަގުތަކަށެވެ. ހުރިހާ ރައްޓެހީންނާއި އެކު ފޮޓޯ ނަގަން ދާނިޔަލްއާއި އާލާވެސް އެއްބަސްވީ ވަރަށް ފަސޭހައިންނެވެ. ދާނިޔަލް ގާތުގައި އަޒާންއާއި އިޝާން ހުރި އިރު ރުކާއާއި ރިޔާޝާ ހުރީ އާލާ ގާތުގައެވެ. “ރުކާ.. އަޅެ ގުޅެއެއްނޫންތަ މި ދެމީހުން.. މަގޭ ލޮލުން ކަރުނަ ހިލުވާލައިފި.. ހަމަ ތެދެއް މިބުނީ.. މަގޭ ލޯބި ކުޑޭ އަހަރުން ދޫކޮށް ދަނީ ދޯ..” އަޒާން ސަމާސާ މިޒާޖެއްގައި ބުނެލިއެވެ. އެހިނދު އެންމެން ހޭން ފެށިއިރު ދާނިޔަލް ހުރީ އެއްބުމަ އަރުވާލައިގެންނެވެ. އާލާވެސް ހިންޏެއް ނާދެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ލަދުވެތިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.
“ކޮންތާކަށް ދާން އުޅެނީ.. މަ ނޫޅެން އެއްތާކަށް ދާކަށްވެސް.. ހުވާ މިބުނީ މިސޮރުގެ ކަންތައް މާ މައްޗަށް މިދަނީ މިހާރު..” ދާނިޔަލް އަޒާންގެ ކޮނޑުގައި ބޮނޑިއެއް އަޅުވާލަމުން ބުނެލިއެވެ. އެވަގުތު އަޒާން ދާނިޔަލް ގައިގައި ޖަހާލި ވަގުތު އޭނާ އާލާ ގައިގައި ޖެހުނެވެ. އޭނާއަށް ހަށިގަނޑު ބެލެންސް ނުކޮށްލެވުނު ނަމަ އާލާއާއި އެއްކޮށް ދެންމެ ވެއްޓުނީހެވެ.
އެ އުފާވެރި ހަވީރު ދާނިޔަލްއަށް ފުރަތަމަ ފަހަރަށް އާލާ ފެނުނީ އެވަގުތުއެވެ. އާލާއަށްވެސް ދާނިޔަލްގެ މޫނު ރީއްޗަށް އެފެނުނީ އަދިކިރިޔާއެވެ. އާލާގެ ރީތި ދޮން މޫނަށް ބަލަހައްޓައިގެން ދާނިޔަލްއަށް ހުރެވުނީއެވެ. ކޮންފަދަ ރީތި އަންހެން ކުއްޖެއްހެއްޔެވެ؟ ޤުދުރަތުގެ ރީތި މިސާލެކެވެ. ﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ. “މާ ޝާ ﷲ..” ދާނިޔަލްގެ ދުލުކުރިން ނުކުތް ބަހަކީ އެއީއެވެ.
ދާނިޔަލްއަށް އާލަގެ ރީތި ދެލޮލަށް ބަލަހައްޓައިގެން ހުރެވުނު އިރު އެ ދެލޮލުން ނަޒަރު ވަކިކޮށްލަން ބޭނުން ނުވާ ފަދައެވެ. އާލާގެ ހާލަކީތޯއެވެ؟ ދާނިޔަލްގެ ރީތި މޫނަށް ބަލަހައްޓައިގެން ހުރި ގޮތަށް އޭނާއަށް ނަޒަރު ވަކިކޮށްލަންވެސް ނޭނގިފައި ހުރެވުނީއެވެ. ދާނިޔަލްއާއި އޭނާގެ ހަތަރުކަޅި ބައްދަލުވީހިނދު އެ ރީތި ދެލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވާފަދަ އިޙުސާސެއް އާލާއަށް ކުރެވުނެވެ. ދާނިޔަލްގެ ރީތިކަމަށް ހިތާހިތުން އާލައަށް ތައުރީފް ކުރެވެމުން ދިޔައީ އިންތިހާއަށެވެ.
ދެމީހުން އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބި ވަގުތު ފޯޓޯގްރާފަރ ރީތި ފޮޓޮއެއް އޭނާގެ ކެމެރާގައި ރައްކާކޮށްލިއެވެ. އާލާއާއި ދާނިޔަލް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި އިރު ދެން ތިބި ހަތަރު މީހުން ތިބީ އެ ދެމީހުންނަށް ބަލަހައްޓައިގެން ހެވިދިލިފައެވެ. ވަރަށްވެސް ފުރިހަމަ ފޮޓޮއެކެވެ. އާލާ އާއި ދާނިޔަލްއަށް ހޭވެރިކަން ވީ އިޝާން ގަދަކަމުން ކެއްސަން ފެށުމުންނެވެ. ދާނިޔަލް އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލަމުން ކަމެއް ނުވާކަމަށް ހެދުނެވެ. އާލާވެސް ނޫން ކަމަށް ހެދިފައި ބޮކޭ އަށް ބަލަހައްޓައިގެން ހުރީއެވެ. ޙަޤީގަތުގައިވެސް ދެންމެ ހިނގާދިޔަ ކަންތަކުން އޭނާ ލަދުގަނެއްޖެއެވެ. ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވިޔަސް ވެހެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.





assalaamu a’laikum my dear readers.. 🙂 SURPRISE!!!!! hehe.. kihineiyy vanee mi surprise? 🙂 and this is a special part ingey.. thikudhinnah gift eh mee.. vrh gina kudhin keiyytheri kamaaeku kuri dhigu inthizaarakah nimun annaane mi part ga.. 🙂 al’hamdhulillaah! miothee vaahakaige 26 vana bai up vefa.. 🙂 ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. noor ah thikudhin thi dhey support ah vrh bodah shukuriyyaa.. 🙂 maaiyy allah alhamen ge faafa fuhsavaa alhamennah heyo rahmaiyy lavvaashi.. aameen.. 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3
maadhamaa 27th part up kohleveytho noor try kuraanan, in sha allah.. 🙂 maa dhigu inthizaareh thikudhin lavvaa nukuruveytho ves noor masahakaiyy kuraanan, in sha allah.. 🙂 jazakumullah khairan and LY all.. 🙂
V salhi Hama thi suprise I’m waiting for this and finally ?✨?
Mi vrhaka Hama v Rythi ?
Thanks avahah up kohla dhinyma ..♠️✨?
ehendhw.. jazakillah khairan dear.. 🙂 hehe.. marhabaa dear.. 🙂
Surprised.. v.nice
hehe.. 🙂 jazakillah khairan dear.. vrh ufaavehje dear ah mi part kamudhiyaeema.. 🙂
Surprise varah hiyhama jehey dhen adhi reethi vaany vaahaka??..Thanks gift eh dhineema
ehentha? jazakillah khairan azuna dear.. 🙂 hehe.. marhabaa.. 🙂
Ma sha allah.. speech less hama… Thanx noor for the surprise
asluvestha? jazakillah khairan dear.. 🙂 marhabaa nunnu.. 🙂
Haadha rangalhey noor …emme salhi hisaabun thi nimmaaly ..hama perfect story eh meee ?noor varah molhu vaahaka liyan ..maashaa Allah…curiously waiting for the next part ..maadhama yah inthixaaru kureveny mihaaru ..
🙂 hehehe.. ehentha dear? jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear thihen bunelyma.. 🙂 hehe.. mihaaru innaane 27th part up vefa ingey.. avahah kiyaalaa.. 🙂
V. Reethi story eh. Ekam, dhen faharakun liyelaafa kiyaalahchey, baeh spelling mistake ebahuri. Eg: laamuge badhaluga lhaviyani beynun kurevifa hurun etc. Ekam v. Madhun hury.
jazakillah khairan dear.. 🙂 okay dear.. 🙂 mihaaruves aslu proof read kuraa iru loluga alhainugane dhaa than than aee.. ekam noor ah ves faahaga kurevunu mi part ga aadhayaa khilaafah massala thah ebahurikan.. hehe.. 🙂 in sha allah, kuriyah oiyythaa thikanthah rangalhu kohleveytho masahkaiyy kuraanan.. vrh ufaavehje dear noor ah ekanthah faahaga kohladhineema.. 🙂 jazakillah khairan dear.. ehentha? noor ah fenunu ekam fudheyvarakah ginain.. hehe.. dhn alhaanulamaa dhw? 🙂
Masha allah vvvvvvvv reethi mi part..thanks for the surprise❤…next part hama vvvv kiyaalaa hithun mi hury…maadhamaage inthizaaruga..???
jazakillah khairan dear.. 🙂 aww.. marhabaa dear.. 🙂 ehentha? avahah kiyaalaa ingey.. innaane mihaaru up vefa.. 🙂
Wow.. what lovely surprise.. very much looking forward to the next prt???
hehe.. avahah kiyaalaa ingey 27th part.. dhn ithurah look forward kuraakah nujeheyne dear mennah, in sha allah.. e part up vefa innaanee mihaaru.. 🙂 jazakillah khairan dear.. 🙂
Varah salhi fotoeh sis igey. Vaahaka varah varah varah reethi. Mi vaahaka up veytho varah beley. ?
hehe.. ehen dhw? jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part adhi mi part ge cover pic reethi v ma.. 🙂 ehentha? vrh ufaavehje dear thihen bunelymaves… 🙂
Nice….cover pic change v ma ves salhi bt… I think adhi thiyavvure rythi pic eh lyma vaahaka ithurah furihama vaane hen….
Varah reethi
Masha Allah …varah furuhama story eh Mee… eagerly waiting for next part ??
mi part v.furihama but konmeves varakah spelling mistakes eba huri
masha allah mi part ves varah awesome
Ma Sha Allah varah reeethi?
Alheyy YES. THEY FINALLY GOT MARRIED O YAY. Love the surprisee. Noor sis haadha rangalheyyy. Alhey varah happy vehjje?
Manik ge mind change kohba dhw. Dhen dhaan akee goas meeheh nuuneyy. Dhaan akee vrh vrh best meeheh.?
Dhaan wedding ga ready kohdheefa sifa kohdheefa huri gothun heevanee hama lolah sifa vaahen. Ma sha allah. Varah furihama.?☺
And yesss they finally saw each other. Aalaa ahves adhi loabi veveyne in sha allah?
Aalaa and Dhaan. Riyaasha and Ishaann. Rukaa and Azaan.? great pairrsss? cant wait for them to get married too?
Noor sissss. Kihinehthaaaaaa. Hows exams and studies goingg. You are the best ingeyy? Ly?
Maasha Allah.varah reethi waiting for next part..
OMG???masha allah??????vvvv rythi mi part vs… keep the gud work dear❤❤❤ curious for the nxt part…
Masha Allah …..vv reethi mi part vx waiting for the next .. ♡♡♡
Mi surprise hama ragalhey buneveyny..?❤hehe..???eyru vx I ah heeviyey riyaasha n ishshan ey…☺?heheheh..??maniku ge mind change kohba noor sissy..masha allah..masha allah..??vrh vrh vrh furihama mi part vx..??nxt part avahah up kohdhehchey..mikahala surprise gifteh vx future ga dhynvaane ingey..hehe..u r one of my favourite..mind nukuranya dear ge age bunedheefaanan thr?
maasha allah..vrh vrh vrh reethi…emme fahun aalaa ge hithuga dhaan aa medhu ihsaases ifedhijje..hehe…waiting for next..ly sis
Noor hiw old you are?
How*
even i want to know. ehkam girls ge age naahaane dhw dear. ehkam age nubunevunas school kuhjehthw high school kuhjehthw noony college ga kiyavaakuhjehthw ahaaliyas ok vaane dhw
Reethi????? waiting for next part
Varah vex reethi
Story kohirakun up kurany kiyaahithun pls
Alhey miadhu up kuraanamey bunymehnun … Up v thw belun adhadheh neyge .. V gotheh vx angaalabala …hama kiyaahithun keii nuvegn miulheny
Masha allah…hama varah furihama mi part vx…i think that aalaa is going to make dhaaniyal’s life miserable??..ekam dhaaniyal akee varah keitheri person eh veema aalaa islaahu kuraane kamah mibalaneee….Thanx for the surprise????..You ar the best???..love you noor sis
Up v thw iru iru kolhaa mi belenee…pls keeve tha up nuvany
vaahaka kiyaahithun nidhives naadhey hehe. waiting for the next part. busy vyma kan ehgey lasvany.