މާތް ﷲ سبحانه وتعالى، މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ނަބިއްޔުއްނާއި ރަސޫލު ބޭކަލުން ފޮނުއްވިއެވެ. އެބޭކަލުން އިލާހީ ޙުކުމްފުޅުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން ގެންދަވަނީ ޢަޤްލީ ދަލީލުތަކާއި ނަޤްލީ ދަލީލުތަކުގެ އަލީގައެވެ. އެގޮތުން މައްކާގެ މުޝްރިކުންނާއި އަދި އެނޫންވެސް ކޮންމެ ޒަމާނެއްގައި އުޅޭ ކާފިރުވި މީސްތަކުންނަށް ޢިބްރަތަކަށް ވާނޭފަދަ އެތައް މިސާލުތަކެއް ޤުރުޢާނުގައި ބަޔާން ކުރައްވާފައިވެއެވެ. މިފަދަ އެއް ނަޤްލީ ދަލީލަކީ ބަގީޗާގެ އަހުލުވެރިންގެ ވާހަކައެވެ. މިދެންނެވި ވާހަކަ ޤުރުޢާނުގެ ޤަލްމު ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން 33 ވަނަ އާޔަތުގެ ނިޔަލަށް ނުހަނު ބަލާޣާތެރި ގޮތެއްގައި ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ ﴿١٧﴾ وَلَا يَسْتَثْنُونَ ﴿١٨﴾فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ ﴿١٩﴾ فَأَصْبَحَتْ كَالصَّرِيمِ ﴿٢٠﴾ فَتَنَادَوْا مُصْبِحِينَ ﴿٢١﴾ أَنِ اغْدُوا عَلَىٰ حَرْثِكُمْ إِن كُنتُمْ صَارِمِينَ ﴿٢٢﴾ فَانطَلَقُوا وَهُمْ يَتَخَافَتُونَ ﴿٢٣﴾ أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ ﴿٢٤﴾ وَغَدَوْا عَلَىٰ حَرْدٍ قَادِرِينَ﴿٢٥﴾ فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ ﴿٢٦﴾ بَلْ نَحْنُ مَحْرُومُونَ﴿٢٧﴾ قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ ﴿٢٨﴾ قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ ﴿٢٩﴾ فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ ﴿٣٠﴾ قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ ﴿٣١﴾ عَسَىٰ رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ ﴿٣٢﴾ كَذَٰلِكَ الْعَذَابُ ۖوَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ ﴿٣٣﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهل ވެރިން امتحان ކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ. އަދި އެއުރެން استثناء އެއް ނުކުރެތެވެ. (އެބަހީ: إن شاء اللَّه އޭ ނުބުނެތެވެ.) ފަހެ (އެރޭ) އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. ދެން އެ ބަގީޗާގެ ގަސްތައް އަނދައި، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ. ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ. މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكين އަކު ވަނަދީގެނެއް ނުވާނެތެވެ. އަދި فقير ންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصد ގައި ހެނދުނާ އެއުރެން ދިޔައޫއެވެ. ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ. އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محروم ވެގެންވާ ބަޔަކީމުއެވެ. އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ. ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ. އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ. އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمة އެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ. عذاب ހުރީ އެފަދައިންނެވެ. އަދި آخرة ގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.
عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވާކަމަށް އިމާމު ބަޣަވީ ލިޔުއްވާފައިވެއެވެ. މިދެންނެވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ބަގީޗާއަކީ ޔަމަނުގައިވާ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. ސަޢީދު ބިން ޖުބައިރު ވިދާޅުވެފައިވާ ގޮތުގައި އެ ބަގީޗާއަކީ ޔަމަނުގެ ސަންޢާގެ ހަ މޭލު ދުރުގައި އޮތް ބަގީޗާއެކެވެ site internet. އިތުރު ބައެއް އެހެން މުފައްސިރުން ދެކިލައްވާ ގޮތުގައި އެ ބަގީޗާއަކީ ޙަބަޝާގައި އޮތް ބަގީޗާއެކެވެ. އެބައިމީހުންނަކީ ފޮތުގެ އަހްލުވެރިންގެ ތެރެއިން ހިމެނިގެންވާ ބައެއްކަމުގައިވެސް މުފައްސިރުން ލިޔުއްވާފައިވެއެވެ. މިކަމެއް ހިނގާފައިވަނީ عيسى عليه السّلام އުޑަށް އުފުއްލެވުމަށްފަހުގައި ކަމުގައި ބައެއް ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. މިވާހަކަ މިދެންނެވި ފަދައިން އިމާމު ޤުރުތުބީ އާއި އިބްނު ކަޘީރުވެސް ލިޔުއްވާފައިވެއެވެ.
مولانا الشيخ محمد شفيع رحمه الله، معارف القرآن ގައި ލިޔުއްވާފައިވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. އެ ބަގީޗާއަކީ، ޔަމަނުގެ ސަންޢާއިން ދެ ފަރުސަޚުގެ ދުރުމިނުގައި އޮންނަ ބަގީޗާއެކެވެ. އެ ބަގީޗާގެ ނަމަކީ ދަރަވާންއެވެ. އެބަގީޗާގެ ވެރިއަކީ ވަރަށް ޞާލިޙު ތަޤްވާވެރި ބޭކަލެކެވެ. އެނާ އެ ބަގީޗާއިން ގޮވާންކަނޑައި، މޭވާ ބިންނަ ކޮންމެ ފަހަރަކު، އެއިން ގޮވާމާއި މޭވާ ފަޤީރުންނާއި މިސްކީނުންނަށް ދީއުޅުނެވެ. ދެން، އޭނާ ނިޔާވުމަށްފަހު، އެ ބަގީޗާ ވާރުތައިން ލިބުނީ އޭރު ދުނިޔޭގައި ތިބި އޭނާގެ ތިން ފިރިހެން ދަރިންނަށެވެ. އެކުދިންނަށް އެ ބަގީޗާ މިލްކުވުމަށްފަހު، ތިން ކުދިން މަޝްވަރާކޮށް ބުންޏެވެ. “މިހާރު އަހަރެމެންގެ އާއިލާ ބޮޑުވެ ދަރީން ގިނަ ވެއްޖެއެވެ. ބަގީޗާއިން އަހަރެމެންނަށް ފުދޭވަރާއި ގާތަށްވެސް ގޮވާމާއި މޭވާ ކަނޑާކަށް ނުލިބެއެވެ. އެހެންކަމުން، އެ ބަގީޗާއިން ލިބޭ އެއްޗަކުން ފަޤީރުންނާއި މިސްކީނުނަށް ހޭދަކޮށް މުދާތައް އިސްރާފުކުރުމުގެ ބޭނުމެއް ނެތެވެ.”
އެހެން ރިވާޔަތެއްގައިވެއެވެ. މިތިން ފިރިހެން ކުދިން، އެފުރައިގެ އެހެން ކުދިން ފަދައިން އެކުދިންގެ ބައްޕައަކީ ހޭނުޖެހޭ މޮޔައެއްކަމުގައި ދެކެއުޅުނެވެ. އެއީ، އެކުދިންގެ ބައްޕަ ބަގީޗާއިން ފަޤީރުންނާއި މިސްކީނުންނަށް ހޭދަކޮށް އުޅުމުންނެވެ. އެހެންކަމުން އެކުދިންނަށް ބާރު ލިބުމަށްފަހު އެކަން ހުއްޓުވާނެ ގޮތެއް ރާވަން ފެށިއެވެ. އެކުދިން ނިންމީ އަނެއްދުވަހުގެ ފަތިހުގެ ވަޤުތުގައި ބަގީޗާއަށް ގޮސް އެ ބަގީޗާއިން ގޮވާމާއި މޭވާ ކެނޑުމަށެވެ. ފަޤީރުންނާއި މިސްކީނުން އެ ބަގީޗާއަށް އައުމުގެ ކުރިންނެވެ. އެތިން ކުދިން މިރޭވުން ރޭވިއިރު ފަތިހު މޭވާ ބިންނަން ދިޔުމަށް އެއްކުއްޖަކު އަނެއްކުއްޖެއްގެ ގާތުގައި ހުވާކޮށް ވަޢުދުވެ ހެދިއިރު إن شاء اللَّه އޭ މާތް ﷲ އިރާދަ ކުރެއްވިއްޔާއޭ މިފަދައިންނެއް ނުބުނެއެވެ #.
ދެން އެކުދިން ފަތިހު ހޭލައިގެން ބަގީޗާއަށް ގޮސް ބެލިއުރު މުޅި ބަގީޗާ ވަނީ އަނދާ ހުލިވެފައެވެ. ގަސްތައްވަނީ މަރުވެ ކަޅުވެފައެވެ. އެންމެ ފުރަތަމަ އެކުދިންނަށް ހީވީ މަގު އޮޅިގެން ދެވުނީ އެހެން ބަގީޗާއަކަށް ކަމުގައެވެ. ނަމަވެސް އަލުން ބެލިބެލުމުން އެއީ އެކުދީންގެ ބަގީޗާކަން ދެނެގަނެވުނެވެ. އިއްޔެ ދޮންވެ ފައްކާވެފައިވާ މޭވާތަކާއި ގޮވާންތަކުން ބަރާވެފައިވާ ގަސްތައް ހުރި ބަގީޗާ މިއަދުވަނީ ވީރާނެވަފައެވެ. މިތަންދެކެ އެކުދީން ބުންޏެވެ. “އަހަރެމެން މިވީ މި ބަގީޗާގެ މޭވާތަކުން މަހުރޫމުވެގެންވާ ބަޔަކު ކަމުގައެވެ” އެތަނުން މެދަށް ހުރި ކުއްޖާ ބުންޏެވެ. “ތިބައިމީހުން (اللَّه ހަނދުމަކޮށް) تسبيح ނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟”
ޢިލްމުވެރިން ވިދާޅުވާގޮތުގައި އެތަނުން މެދަށް ހުރި ކުއްޖާއަކީ އެކުއްޖާގެ ބައްޕަ ފަދައިން ފަޤީރުންނާއި މިސްކީނުންނަށް ހޭދަކޮށް އުޅުނު ކުއްޖެކެވެ. މުދަލުން ހޭދަކޮށް ނޫޅޭނަމަ އެ މުދަލެއްގެ ބަރަކާތް ނެތިކުރައްވައި މުދަލަށް ބަލާވެރިކަން ޖައްސަވާނެކަން އޭނާ ރަނގަޅަށް ދަނެއެވެ. އެގޮތުގެ މަތީން އޭނާގެ އަނެއް ދެ އަޚުންނަށްވެސް މުދަލުން ހޭދަކުރުމަށް ބާރު އަޅަމުން ގެންދިޔައެވެ #/. ނަމަވެސް، އޭނާވެސް ވީ ފަޤީރުންނަށް ނުދީ މޭވާ ބިންނަން ރޭވި ރޭވުމުގައި ބައިވެރިވި މީހެއްކަމުގައެވެ. އެހެންކަމުން އޭނާވެސްވީ އޭނާގެ އެނެއް ދެ އަޚުން ފަދައިން ބަގީޗާގެ މޭވާއިން މަހުރޫމު ކުރެވުނު މީހެއްކަމުގައެވެ. މިކަމުން ދޭހަވާ ޢިބްރަތްތެރި ފިލާވަޅެއްވެއެވެ. އެއީ، މީސްތަކުންނަށް ނުބައިކަންތައްތަކުން ދުރުވުމަށް ނަސޭހަތްދީ އުޅެ، ޚުދު ތިމާ އެކަމުން ރައްކާތެރިނުވެ ހުރެއްޖެނަމަ، އެފަދަ ބަޔަކުގެ މައްޗަށް އަންނަ އަޛާބެއްގައި ތިމާވެސް ޝާމިލުވެގެން ދާނެކަމެވެ. މިފަދައިން معارف القرآن ގައި ލިޔުއްވާފައިވެއެވެ.
ދެން އެތިންކުދިން އެކުދީންނަށް ކުރެވުނު ކުށުގެ މައްޗަށް ދެރެވެ ހިތާމަކޮށް ތަޢުބާވިއެވެ. އަދި މާތް ﷲ ގެ ޙަޟްރަތަށް އޭގެ އިތުރު ބަގީޗާއެއް ނުވަތަ ހެޔޮ ބަދަލެއް ދެއްވުން އެދި ދުޢާ ދެންނެވިއެވެ. عبدالله بن مسعود رضى اللّـه عنه ވިދާޅުވެފައިވެއެވެ. “އެތިން ކުދިން މާތް ﷲ ގެ ޙަޟްރަތަށް ފުރިހަމައަށް ތަޢުބާވުމުން، އެކަލާނގެ އެކުދިންނަށް ކުރިން ދެއްވި ބަގީޗާއަށް ވުރެ ރަނގަޅު ބަގީޗާއެއް ދެއްވިއެވެ.”
ބައެއް މުފައްސިރުން ދެކެލައްވާ ގޮތުގައި މި ދެންނެވި ބަގީޗާގެ އަހުލުވެރިންގެ ވާހަކައަކީ މާތް ﷲ މައްކާގެ މުޝްރިކުންނަށް ބަޔާންކޮށްދެއްވާފައިވާ މިސާލެކެވެ. ކުރީގެ އުއްމަތުގެ ބަޔަކަށް ދިމާވެފައިވާ ޙާދިޘާއެއް ނޫނެވެ.
މިދެންނެވި ބަގީޗާގެ އަހުލުވެރިންގެ ވާހައަކީ ކޮންމެތާކު ހިނގާފައިވާ ޙާދިޘާއެއްކަމުގައި ވިޔަސް ނުވަތަ މާތް ﷲ ޖައްސަވާފައިވާ މިސާލެއް ކަމުގައިވިޔަސް، މިވާހަކައިން ދޭހަވާ ޢިބްރަތްތެރި ފިލާވަޅުތަކެއްވެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މުދަލަކީ މާތް ﷲ ގެ ޙައްޤެއްކަމެވެ. މުދަލުގެ ޙަޤީޤީ މިލްކުވެރިއަކީ އެކަލާނގެ ކަމެވެ. އެހެންކަމުން މުއްސަނދީން އެބައިމީހުންގެ މުދަލުގައި ފަޤީރުން ޝާމިލުކުރަން ޖެހޭނެކަމެވެ. ނޫންނަމަ އެ މުދަލެއްގައި ބަރަކާތްކެނޑި އެ މުދަލެއް ނެތި ދިޔުމަކީ ދާދި ގާތުގައިވާ ކަމެކެވެ.
ދެވަނަ ފިލާވަޅަކީ، ކަންތައްތައް ނިންމުމުގައި މާތް ﷲ ގެ ޙަޟްރަތުން ވާގި އެދުމެވެ. ހެޔޮކަމެއް ތިމަންނަ މާދަމާ ކުރާނަމޭ ނުވަތަ މުސްތަޤްބަލުގައި ކުރާނަމޭ ބުނާ ނަމަ އޭގެ ފަހުގައި إن شاء اللَّه އޭ ބުނުމެވެ. އެހެނީ ހުރިހާ ކަމެއްވެސް ވަނީ މާތް ﷲ سبحانه وتعالى، ގެ ބާރުފުޅުގެ ދަށުގައެވެ. އެކަލާނގެ އިރާދަކުރެއްވިކަމެއް މެނުވީ ނުވާނެއެވެ.
ތިންނަވަނަ ފިލާވަޅަކީ، ކުށެއް ކުރެއްވިއްޖެނަމަ އެކުށަކަށް އިޢުތިރާފުވެ ތަޢުބާވުމެވެ. އެފަދައިން ފުރިހަމަ ތަޢުބާއެއް ވެއްޖެނަމަ މާތް ﷲ އެމީހެއްގެ ތަޢުބާ ޤަބޫލުފުޅު ކުރައްވާނެއެވެ. (ނިމުނީ)
ޙަވާލާ
މަޢާރިފުލް ޤުރުޢާން
ތަފްސީރު އިބްނު ކަޘީރު
ތަފްހީމުލް ޤުރުޢާން
ލައިފް އެންޑް ޓައިމްސް އޮފް މެސެންޖާސް
5 Comments
Comments are closed.
Maa sha Allah.. ????
Beautiful, jazaakAllah khairan.
JazakAllah khaiyran
adhi nukiyan. mi vaahaka abadhuves detail koh kiyaalan benun vey
Mee adhi evaahaka noon. Snow hykury ehen vaahaka eh kama. Kahf soorathuga onnane 2 myhaka Bageecha vaahaka. E vaahaka kama aslu snow hykury