ދުވަހަކުވެސް މާފެއް ނެތް – 6

- by - 38- September 28, 2018

“ކޯސް ނިމޭ ދުވަހު ފުރާނަން މިކޮޅަށް އަންނަން. އޯކޭނު” ފައިހާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ޔާނިއު ތެދުވަމުން ބުންޏެވެ. ޔާނިއުގެ ފަހަތުން ފައިހާވެސް ދާން ހިނގައިގެންފިއެވެ. ކުއްލިއަކަށް ބަގީޗާގެ މަގުމައްޗާވީ ފަރާތުގެ ގަސްތަކުތެރެއިން އެއްޗެއް ތެޅިގަތް އަޑާއެކު ދެމީހުން ސިއްސައިގެން ދިޔައެވެ.

ޔާނިއުއާއި ފައިހާވެސް ދުވެފައި ކަހަލަ ގޮތަކަށް ދޮރާށިން ބޭރަށް ނުކުތްއިރު ފާރުމަތިން މީހަކު ފުއްމާލައިގެން ދުވެފައިގޮސް ކައިރީގައި ޖެހިގެން ހުރި ގޯޅިއަޅަނީއެވެ. ޔާނިއުވެސް ފަހަތުން ދުއްވާގަންނަން އުޅުނު ނަމަވެސް ފައިހާ އޭނަ ހިފެހެއްޓިއެވެ.

“ނޫން ޔާނިއު. އެހެން ދާ މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. ދާނެކަމެއް ނެތް” ފައިހާ ކަންބޮޑުވުން ހާމަކުރިއެވެ.

“އެކަމަކު. އެވެދާނެނު ވައްކަންކުރަން އައި މީހަކަށްވެސް. އަހަރުމެން ފެނުނީމާ ދުވެ ފިލީކަމަށްވެސް” ޔާނިއު ދުއްވައިގަންނަން އުޅެފައި މަޑުކުރުމަށްފަހު ބުނެލިއެވެ.

“ވެދާނެ. އެކަމަކުވެސް ޔާނިއުއަށް ކޮންމެ ފަދަ ކަމެއްވެސް އެމީހަކު ކޮށްފާނެތީ ބިރުގަނޭ” ފައިހާ ކަންބޮޑުވުން ހާމަކުރިއެވެ.

“އޯ. މީދޯ މިވީގޮތަކީ. ހަމަ އެހާ ލޯބިވޭތަ؟” ޔާނިއު ފައިހާގެ ނޭފަތުގައި މަޑުމަޑުން ކޮށްޓާލަމުން ބުނެލިއެވެ.

“ހޫން. ދެން ފޮނިވާނެކަމެއް ނެތް. މިހާރު ވަރަށް ލަސްވެއްޖެ. ދެން އަވަހަށް ދޭ. ގެއަށް ގޮސްފަ މެސެޖްކުރައްޗޭ” ފައިހާ ޔާނިއުގެ އަތުގައި ހިފައިގެން ހުރެ އަތުން ދޫކޮށްލަމުން ބުންޏެވެ. ޔާނިއު ސައިކަލް ދުއްވާލުމާއެކު ޖެހިގެން އޮތް މަގަށް އެޅުމުން ފައިހާވެސް ގޭތެރެއަށް ވަދެއްޖެއެވެ.

ޔާނިއު ގެއަށްގޮސް ކޮޓަރިއަށް ވަދެ ގެއަށް ދެވުނުކަން އެންގުމުގެ ގޮތުން ފައިހާއަށް މެސެޖްކޮށްލިއެވެ. އެއަށްފަހު ފެންވަރާލައިގެން ނިދަން އޮށޯއޮތުމުގެ ކުރިން މާދަމާ ފުރަން ބޭނުންވާ ފޮށި ތައްޔާރުކުރަން ބަލާލިއިރު ފޮށި ހުރީ ހުރިހާ އެއްޗެއް އަޅާ ތައްޔާރުކޮށްފައެވެ. ޔާނިއުގެ ތުންފަތަށް ފުން ހިތުންވުމެއް އައެވެ. އެއީ އޭނަގެ މަންމަގެ ކަމެއްކަން ޔަގީންވިއެވެ. އެހެންވެ އަވަހަށް ނިދަން އެނދަށް އަރާ އޮށޯތުމަށްފަހު އަރީންއަށް ގުޅާލިއެވެ. ނަމަވެސް އަރީން ފޯނެއް ނުނަގައެވެ. އަރީން ނިދީކަން ޔާނިއުއަށް ޔަގީންވިއެވެ.

******************

ފޯން އެލާމްވާން ފެށުމާއެކު ފައިހާއަށް ހޭލެވި ގަޑިއަށް ބަލާލިއިރު ގަޑިން 4:30 ވީއެވެ. ފައިހާ އަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ފަތިން ނަމާދުކުރަން ތައްޔާރުވިއެވެ. ނަމާދުކުރަން ފެށުމުގެ ކުރިން ފައިހާ ޔާނިއުއަށް ގުޅާލިއެވެ. ދެވަނަ ރިންގާއެކު ޔާނިއު ފޯނު ނެގިއެވެ.

“ހެލޯ ފައި. ނަމާދަށް މިދަނީ ފަހުން ގުޅާނަން” ޔާނިއު ހޭލިތާ އިރުތަކެއް ވެއްޖެކަން ޔާނިއުގެ އަޑުން ފައިހާއަށް އެނގުނެވެ.

“އޯކޭ. ގުޅައްޗޭ” ފައިހާ ވެސް ފޯނު ބޭއްވުމަށްފަހު ނަމާދުކުރަން ފެށިއެވެ. ނަމާދުން ފޭބުމަށްފަހު ބައިގަޑިއެއްހާއިރު ޤުރުއާން ކިޔަވަން ފައިހާ އިނެވެ. ބޭރު އަލިވާން ފެށުމުން ފައިހާ ޚަތިމު ލައްޕާލުމަށްފަހު މޭޒުމަތީ ބޭއްވިއެވެ. އަދި ކުޑަދޮރުގެ ފަރުދާތައް ކަހާލިއެވެ. އެއާއެކު ފައިހާ އަށް ސިއްސައިގެން ދިޔައީ އެއް ދޮރުގެ ބިއްލޫރި ގަނޑުގައި ތަތްކޮށްފައިވާ ހުދު ކަރުދާސް ގަނޑެއް ފެނިގެންނެވެ. އޭގައި ވަނީ ރަތްކުލައިގެ މާކަރަކުން ކޮންމެވެސް އެއްޗެއް ލިޔެފައެވެ.

“ރޭގައި ހިންގި ކަންތައް މަށަށް އެނގޭ. ތިގޮތަށް ނޫޅޭތި. އޭނައަކީ ކާކުކަން އެނގިއްޖެނަމަ އޭނައާއި ވާހަކަވެސް ނުދައްކާނެކަން ޔަގީން. ސަމާލުވޭ ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެ” ފަރުވާތެރިކަމާއެކު އޭގައިވާ އެއްޗެއް ފައިހާ ކިޔާލިއެވެ. އަދި އިންތިހާއަށް ހައިރާންވިއެވެ.

“އަނެއްކާ ރޭ އެމީހަކު އަހަރުމެން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ހުރީބާ؟ ޔާނިއުއާ ބެހޭގޮތުން އެމީހަކު އެހެން އެބުނަނީ ކީއްވެބާ؟ ޔަގީން އެއުޅެނީ މަށާ ޔާނިއު ގުޅޭތީ ހަސަދަވެރިވެގެން. އެކަމަކު އޭ ކާކުބާ؟” ފައިހާއަށް ލިބުނު ހައިރާންކަމާއެކު އެތައް ސުވާލެއް އުފެދުނެވެ. ފައިހާ އަވަހަށް ކޮޓަރިން ނުކުމެ ގޭގެ ބޭރުންގޮސް ފައިހާގެ ކޮޓަރީގެ ކުޑަދޮރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު ނަގާ ވީދާލުމަށްފަހު ގޯތިތެރޭގައި ހުރި ޑަސްބިނަށްލިއެވެ. އަދި ދެއަތް ދެއަތާ އުނގުޅަމުން ގެއަށް ވަދެގެން ގޮސް އަލުން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެއްޖެއެވެ. އަދި ޔާނިއުގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ދެފަހަރަށް ގުޅިއިރުވެސް ޔާނިއު ފޯނެއް ނުނެގިއެވެ. ވީފޫހިން ފޯނު އެނދުމައްޗަށް އެލާލުމަށްފަހު ބާލީހުގައި ބައްދާލައިގެން ލޯމަރާލިއެވެ. އިރުކޮޅަކުން ފައިހާއަށް ނިދުނެވެ.

******************

ޔާނިއު މިސްކިތުން ފައިބައިގެން އަރީން ފެނޭތޯ ބަލަބަލާ މިސްކިތުން ނުފެނުމުން ހައިރާންވިއެވެ. އެހެންޏާ ކޮންމެ ނަމާދަކަށް އަރީން އާދެއެވެ. ޔާނިއު ނިންމީ ވީހާވެސް އަވަހަށް އަރީންގެ ގެއަށް ދިއުމަށެވެ. ސައިކަލު ދުއްވަމުން ދިޔައިރުވެސް ޔާނިއު ވިސްނަމުން އައީ އަރީންއާމެދުގައެވެ. އަރީންގެ ގޭގެ ކައިރީގައި ސައިކަލް ބެހެއްޓުމަށްފަހު އެގޭ ގޯތިތެރެއަށް ވަދެގެން ދިޔައިރު އަރީންގެ މަންމަ ސަކީނާ ގޯތި ތެރޭގައި ކުނިކަހަން އޮތެވެ.

“ސަކީއްތާ. ކޮބާތަ އަރީން. މިސްކިތުން ނުފެންނާތީ ވީގޮތެއް ބަލާލަން މިއައީ” ޔާނިއު ދެކޮނޑު އަރުވާލަމުން އަނހާލިއެވެ.

“އަރީން ނަމާދަށް ނުދޭތަ؟ ޔަގީން ތިވާނީ ރޭގައި ފޮށި ތައްޔާރުކޮށް މާލަހުން ނިދުނީމާ ހޭނުލެވުނީ ކަމަށް. ޔާނިއު ދޭބަލަ އޭނައަށް ގޮވާނަގަން” އެތެރެއަށް އިޝާރާތްކުރަމުން އަރީންގެ މަންމަ ސަކީނާ ބުންޏެވެ. ޔާނިއު އެގެއަށް ވަދެގެން ގޮސް އަރީންގެ ކޮޓަރި ދޮރުގައި ހިފިއިރު ދޮރު ހުރީ ތަޅު ނުލައެވެ. އަރީން މަޑުމަޑުން ދޮރު ހުޅިވިއިރު އެކޮޓަރި އޮތީ އެއްކޮށް ނިއްވާލާފައެވެ. އޭސީއާއި ފަންކާވެސް ހުރީ ނިންވާލާފައެވެ. ޔާނިއު ކޮޓަރީގެ ބޮކި ޖައްސާލުމާއެކު ކޮޓަރި އަލިވެގެން ދިޔައެވެ. އެނދު އޮތީ ހުސްކޮށެވެ. ޔާނިއު ކޮޓަރީގެ ފާޚާނާ ބެލުމަށް ފާޚާނާގެ ދޮރުގައި އަތްޖައްސާއިރަށް ފާޚާނާ ހުޅުވިގެން ދިޔައެވެ. ފާޚާނާގައިވެސް އަރީން ނެތުމުން ޔާނިއު އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެއާއެކު ޔާނިއުއަށް އެކޮޓަރީގައި އެނދުގައި މަޑުމަޑުން އިށީދެވިއްޖެއެވެ. އަދި ފޯނު ނެގުމަށްފަހު ބަލާލިއިރު ފައިހާ ދެ ފަހަރަށް ގުޅާފަ އޮތެވެ. ނަމަވެސް ޔާނިއު ޑައިލްކޮށްލީ އަރީންގެ ފޯނަށެވެ. ފޯނު ކެނޑެން ކައިރިވެފައި ވަނިކޮށް އަރީން ފޯނު ނެގިއެވެ.

“ހެލޯ ޔާނިއު. މަށަށް ރޭގައި ގުޅިން ދޯ. ކަލޯ މަގޮލާ ނިދިފައި އޮތީ. ދެން ހިތަށް އެރީ ފަތިސް ނަމާދަށް ދާއިރު ދިމާވާނެ ނޫންހޭ. އެހެންވެ އަޅާނުލީ. އެކަމަކު ނަމާދަށް ނުކުތްތަނާ މާމަ ގުޅީމާ އެގެއަށް ދާށާއެކު ދަނޑުކައިރީ މިސްކިތަށް ދިޔައީ. ކޮންތާކު ތިހުރީ” އަރީން ވީގޮތް ސާފުކޮށް ކިޔާދިނެވެ.

“އެހެންދޯ. ހެހެހެ. އަރީން އަށް ވީގޮތެއް ނޭގިގެން މަމިއައީ ތިގެއަށް. މިއިނީ އަރީން ކޮޓަރީގައި” އަރީން ހުރީ ހެޔޮހާލުގައި ކަން އެނގުމުން ޔާނިއު ހިތްހަމަޖެހުނެވެ.

“ސާބަސް ބްރޯ. މިދަނީ އިނގޭ މަޑުކުރައްޗޭ” އަރީން އަވަސް އަވަހަށް ބުންޏެވެ.

“ހެއި ބްރޯ. މަމިއައީ. ކޮބާ ދަތުރަށް ތައްޔާރުތަ؟” އިރުކޮޅެއްގެ ތެރޭގައި އަރީން އައިސް ކޮޓަރިއަށް ވަނެވެ.

“މަނުޖެހޭނެ ދޯ ތައްޔާރުވާކަށް. މަންމަ އެކަން އޮތީ ނިންމާފަ. ތިވާހަކައެއް ނޫނޭ. ރޭގަ ހާދަ އަވަހަކަށް ނިދީ” ޔާނިއު ހިތުގައި މިހުރިހާއިރު އުފެދިފައިވާ ސުވާލު އަރީންއަށް އަމާޒުކޮށްލިއެވެ.

“އަވަހަށް ނުނިދި ނަމަ ނަމާދަށްވެސް ނުހޭލެވުނީސް. އަދި ފޮށިތައްޔާރުކޮށް މަންމަ ދިން ހަދިޔާތައްވެސް ކެޕްކުރަންޖެހޭތީ އަވަށް ނިދީ” ލައިގެން ހުރި ޓީޝާޓް ބާލާ އަލަމާރިއަށް ލަމުން އަރީން ޖަވާބުދިނެވެ.

“ދެން އޯކޭ. މަވެސް މިދަނީ ރެޑީވެލަން. 9:45 އަށް ދައްޗޭ ޖެޓީއަށް. ލޯންޗް އޮންނާނީ އެގަޑިއަށް ރެޑީގައި. ޗެކިންގ ފެށުމުގެ 5 މިނިޓް ކުރިން ދެވެންޏާ އޯކޭތާ ދޯ؟” ޔާނިއު ރެޑީވެފައިވާ މިންވަރު ހާމަކޮށްލިއެވެ.

“ޔެސް ބްރޯ. މަދާނަން ސީދާ ގަޑިއަށް” އަރީން އޭނާގެ ފޮށި ހުޅުވަމުން ޖަވާބު ދިނެވެ. އެއާއެކު ޔާނިއު ކޮޓަރިން ނުކުމެގެން ދިޔައެވެ. ޔާނިއު ސައިކަލަށް އަރާ ދުއްވާލަން އުޅެފައި ފައިހާ ގުޅާފައޮތްކަން ހަނދާންވެ އަވަހަށް ފޯނު ނަގާ ފައިހާއަށް ގުޅާލިއެވެ. ދެތިން ހަތަރު ފަހަރު ރިންގުވިތަނާ ފައިހާ ފޯނު ނެގިއެވެ.

“ހެއި. އަދިކިރިޔާ ތިގުޅީ” ދެތިން ހަތަރު ފަހަރު ރިންގުވިތަނާ ފައިހާ ފޯނު ނެގިއެވެ.

“އަނެއްކާ ނިދަނީތަ؟ މަމިދަނީ ފުރަން. ޖެޓީއަށް މަ ފުރުވަން ނުދާނަންތަ؟” ފަތިސް ނަމާދުކޮށްގެން ފައިހާ އަލުން ނިދީކަން އެނގޭތީ ޔާނިއު ބުންޏެވެ.

“އަސްތާ! މަށަކަށް ނުކެރޭނެ. ހެހެހެ. އޭރުން މީހުން ބުނާނީ ކީކޭ؟ އެއަޕޯޓަށް ގޮސްފަ ފުރުމުގެ ކުރިން މެސެޖްކުރައްޗޭ. މަ މިދަނީ ފްރެޝްވެލައިގެން ސައިބޯން” ފައިހާ އަށް ހެވުނީ ޔާނިއު އޭނައަށް ދާންނުކެރޭނެކަން އެނގޭއިރު އެހެން ކިޔާފަ ދިމާކުރީމައެވެ.

“އޯކޭ. މެސެޖް ކުރާނަން އިނގޭ” ޔާނިއު ފޯނު ބޭއްވުމަށްފަހު ސައިކަލް ދުއްވާލިއެވެ. ގޭގޭ ގޯތިން ސައިލް ވެއްދުމަށްފަހު ގޭގެ ވެހިކަލްތައް ބަހައްޓާ ގަރާޖުގެ ތެރޭގައި ސައިކަލު ޕާކު ކުރުމަށްފަހު ޔާނިއު ސައިކަލުގެ ކަވަރު އެޅިއެވެ. އަދި ޔާނިއުގެ ރަތްކުރައިގެ ފެރާރީ ކާރަށް އަރާ ސްޓާޓުކޮށްލާ އިންޖީނު ނިއްވާލުމަށްފަހު ކާރުން ނުކުމެ އޭގެ ކަވަރުވެސް އެޅިއެވެ. އަދި ގަރާޖު ބަންދުކޮށް ތަޅުލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.

“ދަރިފުޅު ނައިސްގެން ބައްޕަ މިއިނީ ސައިނުބޮއި. އަރީންއާއެކު ގޮސްފަ ދޯ ތިއައީ” ސިޓިންގ ރޫމްގައި ޔާނިއުގެ އިންތިޒާރުގައި އިން ބައްޕަ މަންސޫރު ބުންޏެވެ.

“ލައްބަ ބައްޕާ. އަރީން ފަތިސް ނަމާދަށް ނުދާތީ ވީގޮތެއް ބަލާލަން ދިޔައީ. އަރީން ވެސް ހުރިހާ ކަމެއް ތައްޔާރުވެފައި ހުރީ. ހިންގަވާ ސައި ބައްލަވަން” ޔާނިއު ބައްޕައަށް އިޙްތިރާމް ކުރުމުގެ ގޮތުން ޖަވާބު ދިނެވެ.

“އަނހަ ޔާނިއު ދަރިފުޅު އައީދޯ. މިހާރު 9 ޖަހަނީނު. އަވަހަށް ސައިބޮއިގެން ޖެޓީއަށް ދާންވީނު. މާލަސްވީމަ ފްލައިޓް ގަޑި ކަޓާފާނެނު ދަރިފުޅާ” ވަރަށް ލޯބިން ޝީރީން އޭނަގެ ހުރި ހަމައެކަނި ދަރިފުޅަށް މުޚާތަބުކުރިއެވެ.

“ނައްޓާލަން ކިޔާފަ މިއޮތީ 9:45 ގައި. އޭރުން ޗެކިންގ ގަޑި ނިމުމުގެ 5 މިނިޓް ކުރިން ދެވޭނެ. މާކުރިން ދިޔައިމާ ފޫހިވާނެތީ” ޔާނިއު އިންތިޒާމް ރޭވިފައިވާ ގޮތް މަންމައަށް ސާފުކޮށްދިނެވެ. ކައި ނިމުމާއެކު ޔާނިއު ކޮޓަރިއަށް ގޮސް ފޮށި ހިފައިގެން ނުކުތެވެ. ފޮށި މަގުގައި އޮތް ކާރުގެ ޑިކީގައި ބޭއްވުމަށްފަހު ސިޓިންގ ރޫމުގައި ހުރި ކުޑަ ކަރުދާސް ފޮށިވެސް ގެންގޮސް ޑިކީއަށް ލިއެވެ. އޭރު ޔާނިއުގެ މަންމަ އާއި ބައްޕަވެސް ގޮސް ކާރަށް އަރަނީއެވެ. ޔާނިއުވެސް ޑްރައިވަރާ ޖެހިގެން ހުރި ޝީޓުގައި އިށީނުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ.

ޔާނިއުމެން ޖެޓީއަށް ދިޔައިރު އަރީންއާއި އަރީން ފެމެލީ މީހުން ޖެޓީގައި ތިއްބިއެވެ. ޔާނިއުމެން ކާރު މަޑުކޮށްލުމާއެކު އަރީންގޮސް ޔާނިއުގެ ލަގެޖް ބޭލުމަށް އެހީތެރިވެދިނެވެ.

“އަރީން. ހާދަ ސާމާނެއް ތިހުރީ. ގޭގެ ހުރިހާ އެއްޗެއްސެއް ގެންދަނީތަ؟ ހެހެހެ” އަރީންގެ ފޮށީގެ އިތުރުން 3 ކަރުދާސް ފޮށި ހުރިތަން ފެނުމާއެކު ޔާނިއު އަރީންއާއި ދިމާކޮށްލިއެވެ.

“ހެހެހެ. ބްރޯ. މިއީ މަންމަ ޔާނިއުއަށް ހަދިޔާއަށް ދީފައިހުރި އެއްޗެހި ހައްތާވެސް” އަރީން މަންމަ ސަކީނާއާއި ދިމާލަށް ބަލާލަމުން ބުންޏެވެ.

“ޔާނިއު. އަރީން. މިހާރު 9:44 ވެއްޖެ އަވަހަށް ފުރަންއުޅޭ” ޔާނިއުއާއި އަރީންއާއި ސަލާމްކޮށްލަމުން ޔާނިއުގެ ބައްޕަ މަންސޫރު ބުންޏެވެ. އޭރު އެދެމީހުންނާއި އެތާގައި ތިބި ދެ އާއިލާގެ އެންމެން ސަލާމްކުރަން ފެށިއެވެ. ޔާނިއުއަށް ބޭއިޚްތިޔާރުގައި ދުރަށް ބަލާލެވުނީ ފައިހާ ނާންނާނެކަން އެނގޭއިރުވެސް ފައިހާ ފެނޭތޯއެވެ. ނަމަވެސް ފައިހާގެ އެއްވެސް ހިލަމެއް ނުވެއެވެ.

“ޔާނިއު. ކާކު އާދޭތޯ ތިހޯދަނީ؟” މަންސޫރު އޭނާގެ ދަރިފުޅު ކޮންމެވެސް މީހަކު އާދޭތޯ ހޯދާހެން ހީވެގެން އަނހާލިއެވެ.

“ޔާނިއު ބައްޕާ. ޔާނިއު އެ……..” އަރީން ލާނެތް ގޮތަކަށް ޔާނިއު ހޯދާ މީހަކީ ކާކުކަން ބުނަން އުޅުމުން ޔާނިއު އަރީންގެ އަތުގައި ހިފާ ދަމައިގަތެވެ.

“ބައްޕާ އަޅުގަނޑު މީހަކު އާދޭތޯ ނޫން މިހުރީ. ރަށުން ފުރާތީ ހަމަ ބަލާލީ. ހިނގާ އަރީން އަވަހަށް ލޯންޗަށް އަރަމާ. އޭރުން ކައުންޓަރު ބަންދު ކުރުމުގެ ކުރިން ދެވޭނީ” ޔާނިއު ބައްޕައަށް ޖަވާބު ދިނުމަށްފަހު އަރީން އަވަހަށް ލޯންޗަށް އެރުވުމަށްފަހު އޭނަގެ ފަހަތުން ލޯންޗަށް އެރިއެވެ. ޔާނިއު އެރުމާއެކު ލޯންޗް ނައްޓާލިއެވެ. ޔާނިއުއާއި އަރީން ޖެޓީގައި ތިބި އެދެމީހުންގެ އާއިލާގެ މީހުންނަށް އަތުން ވަދާޢީ ސަލާމް ކުރަމުން ދިޔައެވެ. އަދި އާއިލާގެ މީހުންވެސް ވަދާއީ ސަލާމް ކުރަމުން ދިޔައެވެ. ޔާނިއުއަށް އަރީންއަށް  ބަލާލެވުނީ އަރީން އެހެން ދިމާލަކަށް ބަލާތީއެވެ. އަރީން ހުރީ ފުން ހިނިތުންވުމަކާއެކު އާއިލާގެ މީހުން ތިބި ދިމާއަށްވުރެ މާދުރަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ޔާނިއުވެސް އަރީން އެބަލާ ދިމާލަށް ބަލާލިއެވެ. އެއާއެކު ޔާނިއުއަށް ލިބުނު ހައިރާންކަމުގެ ސަބަބުން ޔާނިއުގެ އަނގަ ހުޅުވި ހުއްޓުންއެރިއެވެ.

(ނުނިމޭ)

38

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Is this really 1994😅😅😅😂😂😂ferrari,pcx,video call ,IN 1994, R u serious???.. i mean this in maldives…. but story nice n nice imagination…. when next part???

    ⚠Report!
    1. It’s imagination. Komme gothakah genessa huhtakas story eh vaany Hama story ah. 1900 ah vx hama liyan by ehn. 😂😂😂

      ⚠Report!

Leave a Reply

Your email address will not be published.