Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުވަހަކުވެސް މާފެއް ނެތް – 7

yarn Level 1
October 4, 2018 4 Mins Read
4 Comments

އަރީން ހުރީ ފުން ހިނިތުންވުމަކާއެކު އާއިލާގެ މީހުން ތިބި ދިމާއަށްވުރެ މާދުރަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ޔާނިއުވެސް އަރީން އެބަލާ ދިމާލަށް ބަލާލިއެވެ. އެއާއެކު ޔާނިއުއަށް ލިބުނު ހައިރާންކަމުގެ ސަބަބުން ޔާނިއުގެ އަނގަ ހުޅުވި ހުއްޓުންއެރިއެވެ. އަރީން ބަލަން ހުރި ދިމާލުގައި ހުރީ ފައިހާ ނޫން ދެވަނަ މީހެއް ނޫނެވެ.

“މަގޭ ކައިރީ ނުވެސް ބުނެ ހާދަ ކުރިއަކަށް ދިޔަ ގެންދިޔައީ” އަރީން ފައިހާ ހުރި ދިމާލަށް ބަލަންހުރި ގޮތަށްހުރެ ބުނެލިއެވެ.

“އަރީންއަށް ވަގުތެއް ވެއްޖެތަ މީހަކު ވާހަކަ ދައްކާލަން. ގުޅާއިރު ފޯނަށް ޖަވާބެއް ނުދޭ. ދެން ކިހިނެއް ކިޔާދޭނީ؟” ފައިހާއަށް އަތުން ސަލާމްކުރަމުން ޔާނިއު އަރީންއާއި ކުރިމަތިލިއެވެ.

“ދެން ބުނެބަލަ. ފައިހާ ނިންމީ ކިހިނެތް؟ ދެމީހުން ގުޅުނީތަ؟” އަރީން ބޮލުގައި އަޅުވާފައިވާ އަވިއައިނު ލޮލުގައި އަޅަމުން ލޯންޗްގެ ޝީޓުގައި އިށީންނަމުން ޔާނިއު ކުރެން އަނހާލިއެވެ.

“ޗެކިން ނިންމާފަ ކޮފީއަށް ގޮސް ތިވާހަކަ ދައްކާނީ ދޯ!” ލޯންޗް ސްޕީޑް ބާރުކޮށްލުމާއެކު ވާހަކަ ދައްކަން އުނދަގޫވާތީ ޔާނިއު ބުންޏެވެ.

ލޯންޗް ކާޑެއްދޫ ބަނދަރަށް މަޑުކުރުމާއެކު ދެމީހުން އަވަހަށް ލޯންޗުން ފައިބައިގެން ޓްރޯލީ ހިފައިގެން އައިސް ލަގެޖްއެރުވުމަށްފަހު ޗެކިން ކައުންޓަރު ހުރި ދިމާލަށް މިސްރާބުޖެހިއެވެ. ޔާނިއުމެން ކައުންޓަރަށް އެރިއިރު ކައުންޓަރ ބަންދުކުރަން ހުރީ އެންމެ ދެ މިނިޓެވެ. ޗެކިންގ ނިންމާލުމަށްފަހު ކުރިމަތީހުރި ކެފޭއަށް ދެމީހުން ވަދެ އިށީނުމަށްފަހު ކޮފީއަށް އޯޑަރު ދިނެވެ.

“އަހަރެން ހީކުރިގޮތާ މުޅިން ޚިލާފަށް ކަންކަން ދިޔައީ. ހެހެހެ. ފައިހާވެސް ހުރީ އަހަންނާ ބައްދަލުވުގެ އުންމީދުގައި. އޭނަވެސް އީދު ދުވަހު ފެންޖެހި ފަހުން ފެށިގެން އަހަރެން ދެކެ ލޯބިވޭ. ސަޅިދޯ” ޔާނިއު ހިނިތުންވުމާއެކު އޭނާގެ އެންމެ ގާތް އެކުވެރިޔާ އަރީން އަށް އޭނަ އުފާވެފައިވާ މިންވަރު ހާމަކޮށްދޭން ފެށިއެވެ.

“އަސްލުވެސްތަ؟ ތީތި ވަރަށް ސަޅި އިނގޭ. އެންމެފަހުން ލޯބީގައި ދީވާނާވީ ދޯ. ހެހެހެ” އަރީން ހުނުމަކާއެކު ޔާނިއުއާއި ދިމާކޮށްލިއެވެ.

“އެނގޭތަ؟ އޭނަވެސް ޑިސެމްބަރުގައި ކޯސް ނިމޭނެ. އަހަރުމެންވެސް ނިމޭނެނު. އެހެންވެ ރަށަށް ދާގޮތަށް މެރީކުރަން ވެސް ނިންމައިފިން” ޔާނިއު ފައިހާއާއި ދެމީހުން ނިންމާފައިވާ ގޮތްވެސް އަރީންއަށް ކިޔާދިނެވެ.

“އަސްތާ! ހާދަ އަވަހަކަށް. އަސްލު ބުނަން ޔާނިއު. ތިދެމީހުން އަދި އެންމެ ފަހަރަކު ދިމާވެ ވާހަކަ ދައްކާލެވުނީ ކިރިޔާ. ދެމީހުން އެކަކު އަނެކަކަށް ދަސްވެސް ނުވަނީސް އިންނާކަށް އެހާރަނގަޅެއް ނޫން” އަރީން ސީރިއަސްކަން ގެންނަމުން ބުންޏެވެ.

“ތީ އަރީންމެން އުޅޭގޮތަކީ. އަހަރެން ބޭނުމެއް ނޫން ރައްޓެހިވެގެން އެހާގިނަ ދުވަހު ނީނދެ އުޅޭކަށް” ޔާނިއު އަރީންއާއި ދިމާލަށް ބުނެލިއެވެ.

“ޔެސް. އަހަރުމެން ބޭނުން އެކަކު އަނެކަކު ދަސްކުރަން ޓައިމް. އެހެންނޫނީ މެރީކުރާ ފަހުން މައްސަލަޖެހި ވަކިވާންޖެހޭ ފަހަރު ދިމާވެފައި އެބަހުރި ބައިވަރު” ވަރަށް ހަރުމީހެއް ފަދައިން އަރީން ބުންޏެވެ.

“ދަސްވެފައި ހުންނާނީ ދުރުގަ ހުއްޓަސް ޑިސެމްބަރު ނިމޭއިރު ލައްކަ ވާހަކަ ދެއްކި ދެމީހުންގެ ގޮތް އެކަކު އަނެކަށް އެނގޭނެ. އޭ އަހަރެން ދެކޭގޮތް” ޔާނިއުގެ ވިސްނުން ވަރަށް ތަފާތެވެ.

“ހެހެހެ. ދެން ބަލަމާ ދޯ! އޭ. އެއޮއް ގޮވަނީ ބޯޑިންގ އަށް. ހިނގާ ދަމާ” އަރީން ތެދުވުމާއެކު ޔާނިއުވެސް ތެދުވެ އަރީން ފަހަތުން ދާން ފެށިއެވެ. ދެމީހުންވެސް ބޯޑިންގ ނިންމުމަށްފަހު ގޭޓުން ވަނެވެ.

**********************

“ދަރިފުޅާ ފައިހާ މިކޮޅަށް އާދެބަލަ” ފައިހާ ގޭގެ ދޮރާށިން ވަދެގެން އަންނަތަން ފެނުމާއެކު ފައިހާގެ މަންމަ ރަޝީދާ ފައިހާއަށް ގޮވާ ގެނައެވެ.

“ލައްބަ މަންމާ!” ފައިހާ ކިޔަމަންތެރިކަމާއެކު މަންމަ ކައިރިއަށް ދިޔައިރު ފައިހާގެ ބައްޕަ ޖަމީލުވެސް ސިޓިންގ ރޫމްގެ ސޯފާގައި އިނެވެ.

“ދަރިފުޅާ ކޮންތާކުން މިހާ ހެނދުނާ ސައިވެސް ނުބޮއި ތިއައީ ކޮންތާކަށް ގޮސްފައި” ރަޝީދާ ބިލަތް ގަނޑެއް އަނގަތެރެއަށް ކޮށްޕާލަމުން އަނހާލިއެވެ.

“މިއައީ ރައްޓެއްސެއް މާލެދާން ފުރާތީ، ބަނދަރަށް ގޮސްފައި. ދެން ސައިބޯންވީ. އެންމެ ދުވަހެއް ލަސްވިޔަސް އެންމެ ރަނގަޅެއް ނު. ދެއްތޯ ބައްޕާ” ފައިހާ ޖަވާބު ދިނީ އޭނާގެ ބައްޕަ އޭނައާއި އެއްބައިވާނެކަން އެނގޭތީ ބައްޕައަށް ދޯ ދެމުންނެވެ.

“އޭ ތެދެއް ރަޝީދާ. އެމަންޖެ އެންމެ ދުވަހަކު ސައިބޯން ލަސްވިޔަސް އޭ މައްސަލައެއް ނޫން. އެހެން ނޫނަސް އެމަންޖެ އެއައީ ރައްޓެއްސެއް ފުރުވަން ގޮސްފައޭ ނޫންތަ އެބުނީ” ޖަމީލު އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ އެއްކޮޅަށް އެރިއެވެ.

“ހޫނ. ދެބަފައިން އެއްކޮޅަށް އެރީދޯ. އެންމެ ރަނގަޅޭ. ދަރިފުޅާ އެހެންވީމާ ދެން އަވަހަށް ސައިބޯންދޭ” ޖަމީލު ފައިހާދެކެ ވާލޯބި އަބަދުވެސް ރަޝީދާއަށް ފެންނާތީ ވަރަށް އުފާވެއެވެ.

“ލައްބަ މަންމާ މިދަނީ ސައިބޯން” ފައިހާ ސައިބޯން ކާގެއަށް ދަމުން އަތުގައި އޮތް ފޯނުން ޔާނިއުއަށް ގުޅާލިއެވެ. ނަމަވެސް ފޯން ނިންވާލާފައިވާކަމަށް މެސެޖް އައެވެ. އެވަގުތު ޔާނިއުމެން ދަތުރުކުރާ ފްލައިޓް ނައްޓާލާފައިވާތީ ފޯނަށް ރޭންޖެ ނުލިބެނީކަން ފައިހާއަށް އެނގުނެވެ. އަދި ފޯން މޭޒުމަތީ ބޭއްވުމަށްފަހު ސައިބުއިމާއިގެން އުޅެގެންފިއެވެ.

ފައިހާ ސިޓިންގ ރޫމްއިން ދިޔައިރު ފޯނުން ކޮންމެވެސް މީހަކަށް ގުޅަމުން ދިޔަކަން ޖަމީލުއާއި ރަޝީދާއަށް ފެނި ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

“ކިހިނެތްވީ؟ އެމަންޖެ މިހާރަކަށް ކޮންމެވެސް ބަދަލެއް އަންނަކަން އެބަފާހަގަވޭ. ރަޝީދާއަށް އެއްވެސްކަމެއް އެނގޭތަ؟” ޖަމީލު އެއްބުމަ އަރުވާލަމުން ސުވާލުކޮށްލިއެވެ.

“މަށަށްވެސް އެކަހަލަ ކަމެއް ފާހަގަވާތާ ދުވަސްކޮޅެއްވެއްޖެ” ރަޝީދާ ކަމަކާ ވިސްނަން އިނދެ ބުނެލިއެވެ.

“ރަޝީދާ ކޮންމެވެސް ކަމަކާ ވިސްނާހެން މަށަށް އެބަހީވޭ. މަށަށް ރަނގަޅަށް ދޯ މިބުނެވުނީ؟” ޖަމީލު ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.

“މަވެސް މިވިސްނަނީ އެމަންޖެއަށް ކޮން ބަދަލެއްބާއޭ އަންނަނީ. ދެން އެމަންޖެވެސް މިހާރު ބޮޑުކުއްޖެއްވީމާ. ދިރުއުޅުމާ ދޭތެރޭވެސް ވިސްނާނެދޯ. ފިރިހެން ކުއްޖެއްގެ ކަމަކަށްވެސް ވެދާނެއްނު” ރަޝީދާއަށް އެކަން އެނގޭއިރުވެސް ޖަމީލުކައިރީ ބުނަން ޖެހިލުންވިއެވެ.

“ސާބަސް ރަޝީދާއަށް. އެމަންޖެއަކީ އަދި ކުޑަކުއްޖެކޭ މީހަކާއިންނަ ވަރެއް ނުވޭ. އެހެން ނޫނަސް އެމަންޖެ އިންނާނެ މީހަކު ކަނޑައަޅާނީ އަހަރުމެން. އެމަންޖެއަކަށް ނޭގޭނެ ރަނގަޅު މީހަކު ހޯދާކަށް” ރަޝީދު ފައިހާގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާމެދު ވިސްނާފައި އޮތް ގޮތް ހާމަކުރުމުން ރަޝީދާ ކަންބޮޑުވިއެވެ. އަދި ފައިހާއަށް އެކަން އެނގިއްޖެނަމަ ކަންކަން ގޯސްވެދާނެތީ އެމައުޟޫއު ބަދަލުކުރުމަށް ވިސްނިއެވެ.

“ދެން ތީމާ ފަހުގެ ކަމެއްނު. އެވާހަކަ ފަހުން ދައްކާނީދޯ. މަބުނީ ހުކުރު ދުވަހު ދޯނި ބޭލީމާ މިފަހަރު މަހަށް ދަނީ ކޮން ދިމާލަކަށްތަ؟” ރަޝީދާ މިސްރާބު ބަދަލުކޮށްލީ ޖަމީލު އެންމެ ޝައުޤުވެރިވާނެ ދިމާލަށެވެ.

“މިފަހަރު ދާން މިވިސްނަނީ ހުވަދޫ ތިލައަށް. ދެން ހައްދޫމަތީ ހިސާބުގެ ބޭރު ކަނޑަށް. އެސަރަހައްދުގެ މަސްވެރިކަން ވަރަށް ރަނގަޅުކަމަށް ވަނީ މިދުވަސްވަރު” ޖަމީލު ޝައުޤުވެރިކަމާއެކު ޖަވާބު ދިނެވެ.

“މިފަހަރު ހައްދުންމަތީ ސަރަހައްދު ރަށަކަށް ދެވިއްޖެއްޔާ ކުޅިކާޖާ ކޮޅެއް ލިބޭތޯ ބަލާދެއްޗޭ. ޖަމީލުގެ ވަރަށް ގިނަ ރައްޓެހިން ތިބެއެއްނު އެތާ ރަށްރަށުގައި. އަދި އެވެސް އަންހެންވެރިން ދޯ. ހެހެހެ” ރަޝީދާ ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމަށްފަހު ޖަމީލުގެ ކޮޑުގައި ޖަހާލަމުން ބުންޏެވެ.

“ކީއްވީ ޖެލަސްވީދޯ؟ ހެހެހެ. އާނ. މަގޭ ބައިވަރު ރައްޓެހި އަންހެން ކުދިން ތިބޭނެ ހައްދުންމަތީ ރަށްރަށުގައި. ތިޔަ ކުޅިކާޖާ ހައްދުންމަތީގައި ހުރިއްޔާ މަގޭ އަނބިމީހާއަށް ތިޔަ ހޯދާ ދޭނަން” ވަރުގަދަ ހުނުމަކާ އެކު ޖަމީލު ރަޝީދާ އެދުނު އެއްޗެއްހި ހޯދާނޭނެ ކަމުގެ ޔަޤީންކަން ދިނެވެ.

“ދެން ކޮންމެހެން ފޮނިތަކެއް ވާނެކަމެއް ނެތް” އަނެއްކާވެސް ރަޝީދާ ޖަމީލުގެ ކޮޑުގައި އަތުން ޖަހާލަމުން ބުންޏެވެ. އުމުރުން މިހާ މައްޗަށް ދިޔައިރުވެސް ޖަމީލުއާއި ރަޝީދާ އުޅެނީ ޅަ ދެލޯބިވެރިން ހެންނެވެ.

“މަންމާ. މިއަދުތަ އެއްޗެހި ދޮންނަނީ؟” އެވަގުތު ފައިހާވެސް އެތަނަށް ނުކުތްއިރު އެދެމަފިރިން ސަކަރާތްޖަހާތަން ފެނުމުން އުފާވިއެވެ.

“ނޫން ދަރިފުޅާ. މާދަމާ ދޮންނަން ހަދާނީ. މިއަދު ހަވީރު މަންމަ އެނބަޖެހޭ ކޮއްކޮމެންނަށް ޒިޔާރަތްކޮށްލަން. ދަރިފުޅު ނެތްތަ ކޯހުގެ މަސައްކަތެއް ހަދާކަށް” ރަޝީދާ އެތަނުން ފައިހާ އަވަހަށް ފޮނުވާލަން ބޭނުންވިއެވެ. ފައިހާއަށް ވެސް އެކަން އެނގުމުން ހެމުންހެމުން ފައިހާގެ ކޮޓަރިއަށް ގޮސް ވަދެއްޖެއެވެ.

*********************

ޔާނިއުމެން ދަތުރުކުރި ފްލައިޓް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ 11:50 ގައެވެ. ދުވަހަކީ ހޫނުގަދަ ދުވަހެއް ކަމުން އެގަޑީގައި އޮތީ ގަދަ އަވިދީފައެވެ. ޔާނިއުއާއި އަރީން އެރައިވަލް ޓާމިނަލްއިން ނުކުމެގެން ފެރީކައުންޓަރުން ޓިކެޓް ގަތުމަށްފަހު ފެރީއަށް އަރަމުން ފެރީގެ ފަޅުވެރިންނަށް އެމީހުންގެ ލަގެޖް ދައްކާލިއެވެ. ދެމީހުންވެސް އިށީނީ ފެރީގެ މެދުގައި ހުރި ދިގު ގޮނޑިގައެވެ. އޭރު ފެރީގައި މާކަގިނަ ބަޔަކު ނެތެވެ. އިސާހިތަކު މީހުންއަރާ ފުރެމުންދެއެވެ. ކުއްލިއަކަށް އަރީން އަށް ފެނުނީ އަރީންމެން ކޮލެޖްގައި އަރީންމެން ކްލާސް ޖެހިގެން ހުންނަ ކްލާހުން އަރީންއަށް އަބަދުވެސް ފެންނަ ރީތި އަންހެން ކުއްޖާ ފެރީއަށް އަރައިގެން އަންނަތަނެވެ. ދަނބުކުލައިގެ ދިގު ހެދުމެއް ލައިގެން ކްރީމް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު އޭނަގެ ދޮން މޫނު ފެންނަލެއް ހިތްގައިމެވެ. އެކުއްޖާ އިށީނީ އަރީންއަށް ކުރިމަތިލައިގެން ކަހަލަގޮތަކަށް އަރިމަތީގައި ހުރި ދިގު ގޮނޑީގައެވެ. އެކުއްޖާއަށް ކިޔާ ނަމަކީ އިނާޝާއެވެ. އެކުއްޖާއާއި ބެހޭ އެއަށްވުރެ ގިނަ މަޢުލޫމާތެއް އަރީންއަކަށް އަދިވެސް ނުލިބެއެވެ. ނަމަވެސް މިފަހަރު އަރީން މާލެ އައުމުގެ ކުރިން ނިންމާފައި އޮތީ މިފަހަރުގެ ޓާގެޓަކީ އިނާޝާ ކަމަށް ހެދުމަށެވެ. އެހެންކަމުން އޭނަގެ މައުލޫމާތު އިތުރަށް ހޯދަން ކޮންމެހެންވެސް އެބަޖެހެއެވެ. އަރީން އިނާޝާއަށް ބަލާކަން ޔާނިއުއަށް އެނގޭކަމަކަށް ނަހަދާ ޔާނިއު އިނެވެ.

“މިފަހަރު އަރީން އެކުއްޖާގެ ހިތް ހަލާކުކޮށްލާފަ ނޫނީ ދޫނުކުރާނެ. އެކަމަކު އެއީ ހާދަ މައުސޫމު ކުއްޖެކޭ. ވަރަށް އެކަނިވެރި ކުއްޖެއްކަމަށްވާނީ. ކޮންމެވެސް ހިތާމައެއްކުރާހެންވެސް ހީވޭ. އަރީން މިކުއްޖާއަށް ލަނޑުދޭން ފުރުޞަތު ދީގެން ނުވާނެ. ކޮންމެވެސް ގޮތެއް ހަދަންއެބަޖެހޭ” ޔާނިއު ހިތަށް އެރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

yarn

Level 1

Other Articles

Previous

ހަޔާތުގެ ކުލަ ތައް

Next

ނޭދެން ވަކިވާކަށް(ތިންވަނަބައި)

Next
October 4, 2018

ނޭދެން ވަކިވާކަށް(ތިންވަނަބައި)

Previews
October 4, 2018

ހަޔާތުގެ ކުލަ ތައް

4 Comments!

  1. aana says:
    October 4, 2018 at 12:41 pm

    ?

  2. Maya says:
    October 6, 2018 at 12:30 pm

    ???

  3. Me says:
    October 12, 2018 at 12:50 pm

    Please upload the next part soon.

  4. Amnii? says:
    October 17, 2018 at 4:42 pm

    Vrh salhi story eh?❤️
    Part 8 kn dhuvahaku upload kurany.

Comments are closed.

Next Episodeދުވަހަކުވެސް މާފެއް ނެތް – 8←


All Right Reserved!