”ނިމުނީ…” މައިމޫނާ އޭނަގެ އަތްދަބުން ނެގި އެއްޗެހިތައް ޑްރިންކް ތައްޓަކަށް އަޅަމުން އުމެއިރާއަށް ބަލާލިއެވެ. އުމެއިރާ ހުރީ ހިސާބަކަށް ނުތަނަވަސް ވެފައެވެ. އޭނަ ދެއަތް ޖޯޑުކޮށްލަމުން ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. ”އުމޭ ކިހިނެއްވީ؟ ހާދަ ވަރަކަށް ހާސްވެފަ ތިހުރީ….” މައިމޫނާއަށް ނުބައި ޝައްކުތަކެއް ވިއެވެ. އުމެއިރާ ކޮންމެވެސް ބޮޑުކަމެއް ސިއްރުކުރަނީ ހެއްޔެވެ؟ އަނެއްކާ އޭނަ މިހުރިހާ ކަމެއްގައި ބައްދާލަން އުޅޭނީ ބާވައެވެ! ގިނަ ފަހަރު ގާތް ރަޙުމަތްތެރިންވެސް ލަނޑު ދެއެވެ. މައިމޫނާގެ ހިތް ޝައްކުތަކުން ފުރިގެން ބަންޑުންވާ ހިސާބަށް ދިޔައެވެ. ނަމަވެސް އޭނަ ހިތަށް ވިސްނައިދިނެވެ. އުމެއިރާ އޭނަގެ ނުބައިރޭވުންތައް ބޭޒާރުކުރަން ބޭނުންވާނަމަ އެކަން ކުރިތާ ކިތަންމެ ދުވަހެކެވެ. އަނެއްކޮޅުން އެކަމުން އުމެއިރާއަށް ހާސިލުވާނީ ކޯޗެއް ހެއްޔެވެ؟ ނަޤީނުންވެސް ފައިސާފޮތްޗެއްގެ މިންވަރުވެސް ލިބޭނީއެއް ނޫނެވެ. އެހެންނޫނަސް އޭނައަށްވުރެ ބޮޑަށް އަލްޔަސްއާއި އީނާ ދުރުކުރުވަން ފައިވިއްދާލާފައި ހުރީ އުމެއިރާ އެވެ.

”ކަމެއް ނުވޭ، ތި ޑްރިންކް އަލްޔަސްއަށް ދޭނެ ގޮތަކާމެދު މިވިސްނަނީ، އުމޭ ނޫނީ އަހަރެން ދިނަސް ހަޤީޤަތް ބޭޒާރުވެދާނެ، އޭނައަށް ފަހުން ޝައްކުވާނެ އަހަރުމެންގެ ރޭވުމެއްކަމަށް….” އުމެއިރާ އޮޅުވާލިއެވެ. މައިމޫނާ ދެފަރާތަށް ބޯހޫރާލުމުން ބުނީ އޭނަ އެހާ ގަމާރުނޫންކަމަށާއި މާކުރިން އަލްޔަސްއަށް އެދޭނެގޮތަކާމެދު ވިސްނާފައިވާ ކަމަށެވެ. މައިމޫނާ ފޯނު ނަގާ ނަންބަރަކަށް ގުޅާލާއިރަށް ވެއިޓަރު ޔުނިފޯރމްގައި ހުރި މެދު އުމުރުގެ މީހަކު އައިސް ހުއްޓިއްޖެއެވެ.

”އަން މިތަށި އޭނައަށް ދޭނީ، ހަނދާން ކުރާތި ނުބައި ތައްޓެއް ދީފިއްޔާ ނިމުނީ….” މައިމޫނާ ހަރުކަށި އަޑަކުން ބުނެލުމާއެކު އޭނަ ބޯޖަހާލަމުން އެތަށި ތަބަކަށް ލައިގެން ހިނގައިގެންފިއެވެ.

”އެކާކު؟ މޫނީ ދަންނަ މީހެއްތަ؟….” އުމެއިރާ ސުވާލުކުރިއެވެ. ”ހޫމްމްމް…” މައިމޫނާ ހުރީ އެމީހާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަންށެވެ. އެކުވެރިންތަކަކާއެކު ހުރި އަލްޔަސްއަށް އެމީހާ ދިއްކޮށްލީ މައިމޫނާ ދިން ތައްޓެވެ. ލިބުނު އުފަލާއެކު މައިމޫނާ ވިހަ ހިނިތުންވުމަކާއެކު މޫނަށް ފޭބި އިސްތަށިތައް އެއްފަރަތްކޮށްލިއެވެ. ”އޯލްމޯސްޓް ފިނިޝްޑް….” މައިމޫނާ ބުމަ އަރުވާލިއެވެ. އޭރު މައިމޫނާގެ ހިތުގެ ތެޅުން ވަނީ އަވަސް ވެފައެވެ. އޭނަގެ ރޭވުން ކާމިޔާބު ވުމުގެ މަލަމަތި ފެންނަން ފެށީއެވެ.

”މިކޯޗެއް؟….” އަލްޔަސް ތަށިން އެތިފޮދެއް ބޯލަމުން ބުންޏެވެ. ރަހަ ހާދަ ތަފާތެވެ. ”އާ ވައްތަރެއްގެ ބުއިމެއް…” ވެއިޓަރު ޖަވާބު ދިނީ އަޅައިގަންނަމުންނެވެ. އަލްޔަސް ބޯޖަހާލަމުން ދެވަނަ ފަހަރަށް ތަށި ތުނބުގައި ޖައްސާލިއެވެ. ދެތިން ކޯވަރު ބޯލަމުން އަލްޔަސް ފުންނޭވާއެއް ލިއެވެ. ކުއްލިޔަކަށް ނޭވާލާން އުނދަގޫވެއްޖެއެވެ. އޭނަ ތަށި މޭޒުމައްޗަށް ދޫކޮށްލަމުން މޭގައި ފިރުމާލިއެވެ. އަނގައިން ކިރިޔާ ނޭވާ ލެވޭކަމެވެ. މުޅި މީހާ ދަލުން ފެންވެރިގެން ދިޔައެވެ. މީހުން ގިނަވުމުން އައިބަދަލެއްކަމަށް ހީކޮށް އަލްޔަސް ހިނގައިގަތީ ރެސްޓޯރެންޓުން ނުކުތުމަށެވެ. އޭރު އަލްޔަސް މޭޒު މައްޗަށް ދޫކޮށްލި ތަށި ހިފައިގެން ވެއިޓަރު ހިނގައްޖެއެވެ.

”އެމީހުން އެގުޅަނީ، އަހަރެން އަންނާނަން އެނޫރާލްއަށް އޭނަގެ ފެންވަރު ހަނދާންކޮށްލަދީފަ، އުމޭ މިތާ މަޑުކުރައްޗޭ….” މައިމޫނާ ފޯނު ކަންފަތުގައި ޖައްސާލަމުން މިސްރާބު ޖެހީ ބޭރަށް ދިއުމަށެވެ. ދަމުން އޭނަ އަލްޔަސްއާއި އީނާ ފެނޭތޯ ބަލާލިއެވެ.

”ސޭމް އާރ ޔޫ އޯކޭ…” އަލްޔަސް ބޭރަށް ނިކުތްތަން ފެނުމާއެކު އީނާވެސް އަލްޔަސްގެ ފަހަތުން ކަހަލަގޮތަކަށް ބޭރަށް ނިކުތެވެ. އޭނަ އަލްޔަސްގެ ބުރަކަށީގައި ފިރުމާލިއިރު އަލްޔަސްގެ މޫނު ފެނުމުން މެޔަށް ފިނިވިއެވެ. ވަގުތުން ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.

”ސޭމް، ނޭވާލާން އުނދަގޫވަނީތަ؟…” އީނާގެ އަޑުގައި ތުރުތުރުލުމެއް ވިއެވެ. އަލްޔަސްއަށް އަންނަމުން ދިޔަ ބަދަލުތައް ފެނި އޭނަ ބިރުގަންނަ ހިސާބަށް ދިޔައެވެ. ”ނޫނޭ، އައިމް ފައިން ގެއަށްދާން ބޭނުންވަނީ….” އަލްޔަސް ކާރާއި ދިމާއަށް ހިނގައިގަތުމުން އެކަމަށް ހުރަސް އެޅީ އީނާއެވެ.

”ތި ކޮންޑިޝަންގަ ކިހިނެއް ކާރު ދުއްވޭނީ؟ ޓެކްސީއަކުން ދާން ހިނގާ….” އަލްޔަސް އެކަނި ދާކަށް އީނާ އެއްބަހެއް ނުވިއެވެ. ތަކުރާރުކޮށް ހޮސްޕިޓަލަށްދާން ބުނުމުންވެސް އަލްޔަސް ދެކޮޅު ހެދިއެވެ. ތާޒާ ވައިރޯޅިތަކުން އަލްޔަސް ހަމައަކަށް އެޅުނުކަމުގައި ވިޔަސް އޭނަގެ ބޮލަށް ތޫނު ތަދެއް އަރާފައި ވެއެވެ. ދެލޮލުންވެސް ހޫނުދިލައެއް ނަގައެވެ.

ޓެކްސީއެއްގައި ދެޒުވާނުން ”ރެއިންގްލޯރ” އަށް ދާން މިސްރާބު ޖެހިއެވެ. އީނާ އިރުއިރުކޮޅާ އަލްޔަސްގެ އަތުގައި ފިރުމާލައެވެ. އޭނަ ހާސްވެގެން ގޮސް އަތްފައިވަނީ ފިނިވެފައެވެ. އަލްޔަސް ގަދަކަމުން ހިނިތުންވެލަމުން ބުނީ އޭނަ ރަގަޅުކަމަށާއި މީހުން ގިނަވުމުން ބޮލަށް އެނބުރުން އެރީކަމުގައެވެ. އީނާ އަލްޔަސްގެ ކޮނޑުގައި ބޯއަޅާލިއެވެ. އަލްޔަސް ދެލޯމަރާލައިގެން އިންއިރު އޭނަގެ ބޮލުގެ ރިހުން ގަދަވެ މުޅި މީހާ ހަމައިން ނެއްޓޭ ހިސާބަށް ދިޔައެވެ. އޭނަ ކެތްތެރިވިއެވެ. އޭރު ނޭގެ ރިހުމެއް މޭގައި އުފެދި ނޭވާވެސް ހޫނުވެއްޖެއެވެ. ކަރުގައި މީހަކު ހިފަހައްޓައިގެން ހުންނަހެންވެސް ހީވާންފެށިއެވެ. މިހުރިހާ ކަމަކާއިގުޅިގެން އޭނަގެ ސިނގުރުޅިގަނޑު ހިލުނެވެ.

”ކޮބާތަ އަލްޔަސް؟…” ތާއިފް ފޯންކޯލެއް ނިންމާލުމަށްފަހު އައިސް ކުލްޘޫމްއާ ސުވާލުކުރިއެވެ. ކުއްލިގޮތަކަށް މީޓިންގްއަކަށް ދާންޖެހިފައިވާއިރު ގޭގައި ބަހައްޓާފައި އާދެވުނު ފައިލްތައް ބަލާ އަލްޔަސް ފޮނުވަން އޭނަ ހުރީ ބޭނުންވެފައެވެ. ގެއަށް ގޮސް ފައިލްތައް ނަަގައިގެން މީޓީންގްއަށް ދެވޭއިރު މާލަސްވެދާނެއެވެ.

”ނޭގޭ ދެންމެ މިތާ ހުރި….” ކުލްޘޫމް މުޅި މާހައުލަށް އަވަސް ނަޒަރެއް ދެމުން ބުންޏެވެ. ”ފޯނެއް ވެސް ނުނަގާ…” އަލްޔަސްގެ ފޯނަށް ގުޅާލަމުން ތާއިފް ބުނިއިރު އަޑުގައި ހިތްހަމަޖުނެހުމުގެ އަސަރުތައް އެކުލެވިފައި ވިއެވެ. ”ތާއިފް ވެގެން އުޅޭގޮތެއް ބުނެބަލަ، އަލްޔަސްއަށް ގޯސްކަމެއް ކުރެވުނީތަ؟…” ކުލްޘޫމް މަޑުމައިތިރި ރާގެއްގައި ސުވާލުކުރިއެވެ.

”ކުއްލިގޮތަކަށް މީޓިންގްއަކަށް ދާން ޖެހިގެން މިއުޅެނީ. ވަގުތުވެސް ކުޑަތަންވެއްޖެ….” ތާއިފް ގަޑިބަލާލަމުން ކިޔާދިނެވެ. ”ޝާންވެސް އެބަހުއްޓެއްނު، ތިފައިލްތައް ބަލާ ޝާން ފޮނުވިދާނެއެއްނު… އަލްޔަސް އެކުވެރިންތަކަކާއެކު ބޭރަށް ދިޔައީ ކަމަށް ވާނީ، ތާއިފްދޭ މީޓިންގްއަށް، ޝާން އަންނާނެ ތިފައިލްތައް ހިފައިގެން….” ކުލްޘޫމް ބުންޏެވެ. އޭނަ ދެން އަވަސް ވެގަތީ އަވްޝަން ހޯދުމަށެވެ.

ދުރުގައި ކުލްޘޫމްމެންގެ ވާހަކަތައް އަޑުއަހަން ހުރި އުމެއިރާގެ މެޔަށް ފިނިފެންއެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. އޭނަގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރުތައް ފާޅުވެެގެން ދިޔައެވެ. ތަޤްދީރުގެ ސަމާސާތައް ނިކަން ދެކިބަލާށެވެ. ރޭވުން ކާމިޔާބުވެފައި ވަނިކޮށް ވާން މިއުޅެނި ހާދަ ދެރަގޮތެކެވެ. އުމެއިރާ އެންމެ ސިކުންތެއްވެސް ނަގާނުލައި މައިމޫނާއަށް ގުޅާފައި އެޚަބަރު ދިނެވެ.

”ވަޓް!….” މައިމޫނާއަށް ހިތިއެއްޗެއް ބޮވުނުކަހަލަ އެވެ. ދޮންމޫނުގެ ކުލަ ބަދަލުވެގެން ދިޔައީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ! އޭނަގެ ރޭވުމަށް ފެންބުރުއްސައިގެން ހިނގައްޖެއެވެ.

”ދެޓް ބިޗް އިޒް ލަކީ…” ބަލި ޤަބޫލުކުރަން މަޖުބޫރުވުމުން މައިމޫނާ ގާތަށް ރުޅިއައެވެ. އެހާވަރުން މަސައްކަތްކުރީމަވެސް ވީކަމެއް ހަރާމެވެ. ފައިސާވެސް އަތުން ބީވެގެން ހިގައްޖެއެވެ. ނުވީތާކަށް ޕާޓޭންގެ ދަންތުރުގައި އޭނަވަނީ ހައްޔަރުވެފައެވެ. ނަމަވެސް މައިމޫނާ މުޅިން އުންމީދު ކަނޑައެއް ނުލައެވެ. އެބޭހުގެ އަސަރު އަލްޔަސްއަށްވަނީ ކޮށްފައެވެ. އަވްޝަންއަށް ”އެކަމުގެ” ހިލަމެއް ނުވާނެއޭ އޭނަގެ ހިތަށް އެރިއެވެ.

”ދެން ކިހިނެއް ހަދާނީ؟….” އުމެއިރާގެ އަޑު އިވުނެވެ.

”އުމޭ. އަވްޝަންއަށް ނޭގިވެސް ހިނގައިދާނެއެއްނު، އޭނަ އެދަނީ ފައިލްތަކެއް ބަލާ ވިއްޔާ….” މައިމޫނާ އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން ބުންޏެވެ. އެޖުމްލައިން އޭނަގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެއެވެ.

އީނާގެ އެހީއާއެކު އަލްޔަސް ސިޑީގެ ހަރުފަތަށް ގިރާކުރަމުން ދިޔައެވެ. އީނާ ހުރީ އަލްޔަސްގެ އަތުގައި ބާރަކަށް ހިފަހައްޓާލައިގެންނެވެ. އަލްޔަސްއާއި ގާތުގައި ވުމުން އޭނަގެ ހަށިގަނޑުގައި ދުވެލަމުން ދިޔައީ ކަރަންޓްގެ ބާނީތަކަކެވެ. އަލްޔަސްއަށް އައިސްފައިވާ ބަދަލުތަކެއް އީނާއަކަށް ފާހަގަ ނުކުރެވުނެވެ. އީނާގެ އަތުގެ ބީހިމުން ނޭގޭ ބާރެއް އަލްޔަސްގެ އެތެރެހަށިން ނޭވާލައިފިއެވެ. އޭނަގެ ދެލޯ ރަތްވެގެން ދިޔައެވެ. ”އަލްޔަސް…” އަލްޔަސް ކުއްލިޔަކަށް އީނާގެ އަތުގައި ހިފާބާރުކޮށްލުމުން އީނާއަށް ބުނެލެވުނެވެ. ކޮރިޑޯރތެރެއަށް ފެތުރިފައި އޮތް ފެހިކުލައިގެ ބޮކީގެ އަލިވަރުގެ ތެރެއިން އަލްޔަސްގެ ދެލޯ ފެނި އީނާއަށް ދުރަށް ޖެހިލެވުނެވެ. އަލްޔަސް އީނާއާ ދިމާއަށް ބަލަަހައްޓައިގެން ހުރިގޮތުން އޭނަ ބިރުގަންނަ ހިސާބަށް ދިޔައެވެ.

”ސޭމް….” އީނާ އަލްޔަސްގެ ނަމުން ގޮވާލުމުން ސިހިފައި އަލްޔަސް ދުރަށް ޖެހިލިއެވެ. އަލްޔަސް އީނާއަށް ބަލަން ހުރީ ދަހިވެތި ނަޒަރަކުންނެވެ.

އީނާ އަލްޔަސްގެ ކޮޓަރީގެ ދޮރު ހުޅުވާލަދެމުން ބޮކިތައް ދިއްލާލަން ސްވިޗްބޯޑާ ދިމާއަށް އަތް ހިންގާލެވުނެވެ. އީނާ ސިއްސައިގެން ދިޔައީ އަލްޔަސް އޭނަގެ އަތުގައި ހިފާ ލުއްކިއެއް ޖެހުމުންނެވެ. ކުރެވުނު އަވަސް ހަރަކާތާއެކު ކޮޓަރި ފެންވެރިގެން ދިޔައީ މަޑު އޮރެންޖްކުލައިގެ ނިދާބޮކީގެ އަލިންނެވެ. އަލްޔަސް ހުރީ އީނާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކަށް ނަމަވެސް އަލްޔަސްގެ ދެލޮލުގެ ތެރެއަށް އީނަ ގެނބުނެވެ. ދެވަނަ ސިކުންތުގައި އޭނަ ދުރަށް ޖެހިލަން މަސައްކަތްކުރިއެވެ. ގޮތް ނޭގޭ ބަދަލުތަކެއް އަލްޔަސްއަށް ވަނީ އައިސްފައެވެ. އަލްޔަސްގެ ބާރުގަދަ ދެއަތުން އޭނަގެ ކޮނޑަށް ބާރުކުރަމުން ދިޔައިރު ކަށިތައް ބިންދައިގެން ހިނގައިދާނެހެން ހީވިއެވެ.

”އަލްޔަސް! ތަދުވެޔޭ….” ހަޤީޤަތުގައިވެސް އީނާ ބިރުގަތެވެ. މިއީ އަލްޔަސްއެއް ނޫނެވެ. އަލްޔަސް ދުވަހަކު އޭނައަށް އަނިޔާ ނުކުރާނެއެވެ. އީނާގެ ޖުމްލަ އަލްޔަސްއަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ދެކަންފަތްވަނީ ބަތްވެފައެވެ.

އަލްޔަސްގެ ތަލިން ކުޅި ހިކި އޭނަގެ ނޭވާކުރުވާން ފެށިއެވެ. އޮރެންޖްކުލައިގެ ޖާދުވީ އަލިވަރުގެ ތެރޭން އީނާ ފެންނައިރު ނިކަން ލޯތްބެވެ. ސްކާފްގެ ހިޔަނި މޫނަށްއެޅިފައި ވާއިރު މަޑުފިޔާތޮށިކުލައިގެ ތުންފަތް ވިދަމުން ދިޔައީ ލިޕްގްލޮސް އިންނެވެ. ދޮން ރީތި ހަށިގަނޑަށް ހިފާލާފައިވަ ދޫމެކްސީގެ ތެރޭން އީނާ ފެންނަ ކޮންމެ މީހަކު އާޝޯހުކުރުވާނެއެވެ. އަލްޔަސް އީނާގެ މޫނާއި ނުރައްކާތެރި ދަރަޖައަކަށް ކައިރިވެލުމުން އީނާއަށް ތެޅިގަނެވުނެވެ. އޭނަ އަލްޔަސްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ”އަލްޔަސް…” އީނާއަށް ގޮވާލެވުނެވެ. މުޅި މީހާ ބިރުން ތުރުތުރުއަޅައެވެ. އަލްޔަސްއަށް ކިހިނެއްވީ ހެއްޔެވެ؟ ކުއްލިޔަކަށް މިއައި ބަދަލާއެކު އީނާ ހާސްވާގޮތްވިއެވެ.

އަލްޔަސްއަކަށް އީނާގެ އަޑެއް ނީވުނެވެ. އެތެރެހަށީގައި އަނދަން ފަށާފައިވާ ހުޅުގަނޑު ކޮންމެ ގޮތެއް ހަދާފައިވިޔަސް ނިއްވަން އޭނަ ބޭނުމެވެ. އީނާގެ ރުހުމުގައި ނޫނީ ނުރުހުމުގައި ވިޔަސް ހެވެވެ.

”ސޭމް ތީ ރަގަޅުކަމެއް ނޫނޭ، ކަމް ޓު ޔޯރ ސެންސެސް…” އަލްޔަސް ކުރިއަށް ފިޔަވަޅުތަކެއް އަޅަން ފެށުމުން އީނާއަށް ޖެހިލެވުނީ ފަހަތަށެވެ. އަލްޔަސް އޭނަދެކެ ލޯބި ވާނަމަ އޭނަގެ އާދޭސްތަކުގެ އަޑު އަހާނެއެވެ. ”އަލްޔަސް….” އީނާ ދެކޮޅު ހަދަން ފެށުމުން އަލްޔަސް ރުޅިއައިސް ރަތްވިއެވެ. އޭނަ ދިޔަ ބާރު މިނުގައި ގޮސް އީނާގެ އަތުގައި ހިފާ ތަތްކޮށްލީ ފާރަށެވެ. އީނާ އަލްޔަސްގެ ދެލޮލަށް ބަލާލީ އޭނަގެ ލޮލުގައިވާ ސިހުމާއި ބިރުވެރިކަން ފެނި ހަމައަކަށް އެޅިދާނެކަމަށް ހީކޮށެވެ. އޭނަ ވާ ލޯބި ފެނި އެހިއްސުތަކުގެ މައްޗަށް އަމިއްލަ ބާރު ފޯރުވާނެކަމުގެ އުއްމީދުގައެވެ. ޕާޓީން ދިމާވި ކަމަކަށްފަހު އަލްޔަސް މިވަނީ މުޅިން އެހެން މީހަކަށް ބަދަލު ވެފައެވެ. ބިރުގަންނަވަރުގެ މީހަކަށެވެ.

”އަލްޔަސް ޕްލީޒް…. މީ ރަގަޅުކަމެއް ނޫނޭ، އިޓްސް އެ ސިން….” އީނާ ހުއްޓާލުމެއްނެތި ދެފަރާތަށް ބޯހޫރަން ފެށިއެވެ. ދެލޮލަށް ޖަމާވާންފެށި ތާޒާ ކަރުނަތަކާއެކު މަންޒަރު ފުސްވެގެން ދިޔައެވެ. އަލްޔަސް އީނާގެ އަތަށް ބާރުކުރިއެވެ. އެހިސާބު ރަތްވެ ހުދުވާން ފެށިއެވެ. އީނާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ދިޔަހިނދު އީނާ އުއްމީދުކުރީ އެއަޑުން އަލްޔަސްއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް އެކަންވީ ކުށްހީއަކަށެވެ. އަލްޔަސް ސިފަކުރެވެމުން ދިޔައީ ގަރުނެއް ވަންދެން ކޮއްޓެއްގެ ތެރޭގައި ބަންދުވެފައި އޮތް ސިންގާއަކާއެވެ.

”އީނޫވެސް ބޭނުންވާކަމެއް ނޫންތަ މީ؟…” އަލްޔަސް ދަތްތަކަށް ބާރުކޮށްލިއެވެ. ”ކައިވެނީގެ ފަހުން ސޭމް ބުނިގޮތަކަށް ކަންތައް ކުރާނަން، އެކަމަކު ކައިވެނީގެ ބޭރުން އެއްވެސް ގުޅުމަކަށް ފުރުސަތު ނުދެވޭނެ، ލޯބިވިޔަސް ފާފައެއްކުރުމަށް ފުރުސަތު ނުދޭނަން…. ޕްލީޒް ސްޓޮޕް ދިސް.” އީނާ ދެކޮޅު ހެދިއެވެ. ”އާހް….” އީނާގެ ކޯތާފަތަށް އަލްޔަސް ފިތާލުމުން އީނާއަށް ރޮއިގަނެވުނެވެ. އަލްޔަސް ހާދަ ނުބައެވެ. އަނިޔާވެރިއެވެ. މިފަދަ މީހަކު ދެކެ ލޯބި ވެވުނީ އޭނަގެ މޮޔަކުން ހެއްޔެވެ؟ އަލްޔަސް ދެއްކީ ހުސް ދަޅަތަކެއް ބާވައެވެ! ލޯބީވާކަމަށް ބުނެ ދެއްކީ މަކަރުވެރި ހުވަފެންތަކެކެވެ. އަލްޔަސް ބޭނުންވަނީ އެންމެ ކަމެކެވެ.

”އައިލް ޑޫ އިޓް އިން މައި ވޭއި….” އަލްޔަސް އީނާގެ ސްކާފްގައި ހިފާދަމައިގަތުމާއެކު ބައެއް ޕިންތަކުން ކަރުގައި ތޫނު ރިހުމެއް އުފައްދާލިއެވެ. ނިއުޅިގެން ދިޔަ ރާޅުބާނީ އިސްތަށިގަނޑުގެ ބޮޑުބަޔަކުން އީނާގެ ކަނދުރާ ވަށާލި ހިނދު އެމަންޒަރު ފެނުނު މީހަކު އާގަމަވާނެކަން ގައިމެވެ. ދިހުންއަރާ ކަޅު ބުޅިކޮޅުތައް އޮމާން ކަނދުރާގައި ބީހެން ފެށިއިރު އަލިވަރުތައް އެޅިފައިވާ މުށިކުލައިގެ ދެލޮލުގައި ވަނީ ހިތްހަލާކުކޮށްލާނެފަދަ ބާރެކެވެ. އަލްޔަސް އީނާ ގެނެސް ހަށިގަނޑައި ލައްކޮށްލަމުން ކަނދުރާއަށް ބޮސްދިނުމުން އީނާގެ ބިރުވެރިކަން އެހެން ސިފައެއް ހިޔާރުކުރިއެވެ. އަތަށް ލެވުނުހާ ބާރަކާއެކު އޭނަ އަލްޔަސްގެ މޭގައި ބޮނޑިއެއް އަޅާލަދިނެވެ. ލޯބިވިޔަސް ކޮންމެކަމެއްގައިވެސް ވަކި ”ލިމިޓެއް” ކަނޑައެޅިފައިވާނެއެވެ. އަލްޔަސްދެކެ އިންތިހާއަށް ލޯބިވިޔަސް ފާފައެއްކުރުމަށް ފުރުސަތެއް ނުދެވޭނެއެވެ. އީނާއަށް ހުރީ ފުން އަސަރުތަކެއް ކޮށްފައެވެ. ބައެއްފަހަރު މިއީ އަލްޔަސް ނޫނޭ ސިކުނޑީގެ ކަނަކުން ބުނާ ފަހަރު އާދެއެވެ. އެހެނަސް ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ދޮގު ކުރެވޭނެ ހެއްޔެވެ؟ އޭނައަށް ލިބެމުންދާ އަނިޔާތައް ދޮގުކުރެވޭނެ ބާވައެވެ!

އަލްޔަސް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަ ދެލޯ ހަނިކޮށްލަމުން އީނާ ކޮށްޕާލީ އެނދާއި ދިމާއަށެވެ. ލުއިފަތެއް ވަޔާއެކު އުދުހިގެން ދާ އުސޫލުން އީނާ ގޮސް ޖެހުނީ ކިންގްސައިޒް އެނދުގައެވެ. އެނދުގެ ހެޑްބޯރޑްގައި ނިތްކުރި ޖެހުމުން އީނާއަށް ހަޅޭއްލަވައިގަނެވުނެވެ. އީނާ މަސައްކަތްކުރީ އަލްޔަސްއަށް ވިސްނައިދޭށެވެ. އެއީ ބޮޑުފާފައެއްކަން ބުނެދޭށެވެ.

”އަލްޔަސް އަހަރެންދެކެ ލޯބިވާނަމަ ތިފަދަ ދަށުދަރަޖައިގެ އަމަލެކުރަން ނޫޅިނީމުސް، ދުރުގަހުރޭ! ކައިރިނުވާތި! އައި ހޭޓް ޔޫ….” އީނާ އެނދުން ފުއްމާލަމުން ދުއްވައިގަތީ ދޮރާއިދިމާއަށެވެ. އޭނަ މަރުވިޔަސް އެފަދަ ބޮޑުފާފައަކަށް ފުރުސަތު ނުދޭނެއެވެ. އޭނަގެ ރުހުމުގައި ދެން އަލްޔަސްއަށް އޭނަގެ ހަށިގަނޑުގައި އިނގިލިކުރިވެސް ޖައްސާލުމުގެ ފުރުސަތު ނުދޭނެއެވެ. އޭނައަށް ވިސްނިއްޖެއެވެ. އޭނަ އަލްޔަސްއަށް ހާދަ ވަރަކަށް އިތުބާރު ކުރިނޫން ހެއްޔެވެ ؟ ލޯބި ދިނެވެ. އުމުރުދުވަސް އަލްޔަސްއާއެކު ހޭދަކުރަން ފޮނި ހުވަފެންތަކެއް ދެކުނެވެ. އެހެނަސް ފެންނަމުންމިދާ މަންޒަރުތަކުން އޭނަގެ ހިތް ބަދަލުކޮށްލައިފިއެވެ. ފައިޒާންއަށްވުރެ އަލްޔަސް ރަހުމުކުޑައެވެ. ކުރި ފުންއަސަރުތަކާއެކު އީނާއަށް ރޮވުނެވެ. ލޯބީގައި އޭނައަށް އަބަދު ލިބެނީ ކެއްސެވެ. ވޭނެވެ. ހިތަކުން ދުވަހަކު ފިލައިގެން ނުދާނެއެވެ. ނަފްސާނި ގޮތުންވެސް އީނާއަށް އަސަރުތަކެއް ކުރިއެވެ.

އީނާއަށް ކޮޓަރިން ބޭރަށް ނުކުތުމުގެ ޗާންސެއް އަލްޔަސް ނުދިނެވެ. އީނާގެ ގޮތްދޫނުކުރުމުގެ މިޒާޖުން އަލްޔަސްގެ ރުޅިގަނޑަށް އިތުރަށް ދަރުތަކެއް އަޅާލެވުން ނޫންކަމެއް ނުވިއެވެ. ރުޅިގަނޑު އެތެރެއިން ފަޅައިގެން ގޮސް އޭނަގެ އަތުގެ ހަމަލާތަށް އީނާއަށް އަމާޒުކުރެވުނު އަދަދެއް ނޭގެއެވެ. އީނާގެ ދޮންމޫނު ރަތްވެ ދެލޯފުރިބާރުވަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނައެވެ. ބާރުބާރަށް ހަޅޭއްލަވަމުން އަލްޔަސްގެ އަތުގެ ތެރޭން ނިކުންނަން އީނާ ގަދަހެދިއެވެެ. އާދޭސްކުރިއެވެ. އޭނަ ހީކުރިގޮތާ ހިލާފަށް އަލްޔަސް އަކީ ރަހުމުކުޑަ މީހެކެވެ. އޯގާވެރި ހިތެއްގެ ވެރިއެއް ނޫނެވެ.

އަވްޝަން އާއި ރާނިޔާ ކާރުން ފައިބަމުން އަވަސް ވެގަތީ ގޭގެ ކުޑަ ލައިބްރަރީއަށް ދިއުމަށެވެ. ތާއިފް ގޭގައި އުޅޭ ވަގުތުތަކުގައި އޮފީހުގެ މަސައްކަތްކުރާ ތަނަކީ އެއީއެވެ. އެތެރެއަށް ވަންނަން ނެގި ފިޔަވަޅާއެކު ރާނިޔާގެ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. އޭނައަށް ބަލައިލެވުނީ އަވްޝަންގެ މޫނަށެވެ. ފުރަތަމަ އޭނަ ހީކުރީ އެއީ ކުށްހީއެއްކަމަށެވެ. ނަމަވެސް އެހަޅޭކުގެ އަޑު ތަކުރާރުކޮށް އިވެން ފެށިއެވެ. ވޭނުން ފުރިފައިވާ ހަޅޭކެއްގެ އަޑެވެ!

”އީނާ؟…” އަވްޝަން އަށް ބުނެލެވުނެވެ. ރާނިޔާގެ ހިތުގެ ވިންދު އަވަސް ވިއެވެ. އަޑު އަންނަނީ އަލްޔަސްގެ ކޮޓަރިންނެވެ. ރާނިޔާއަށް އަވްޝަންގެ ފަހަތުން ދުއްވައިގަނެވުނެވެ. އީނާގެ ހަޅޭކުގެ ފަހަތުގައި ފޮރުވިފައިވާ ވޭނުން ރާނިޔާގެ ހިތުގައި ބިރުވެރިކަން ވަކިހިއްޕާލީ ވަކިވަރަކަށް ނޫނެވެ.

އަވްޝަން ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ނަސީބަކުން ދޮރު ތަޅުލާފަކައެއް ނެތެވެ. އަވްޝަން ދޮރު ހުޅުވާލިހިނދު ވަގުތުން މޫނުގެ ކުލަވަރު ބަދަލުވެ މީހާ ހަމައިން ނައްޓައިގެން ދާ ހިސާބަށް ދިއައެވެ. ރާނިޔާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެއެވެ. އެއީ ހަމަ އޭނަގެ ކޮއްކޮ ހެއްޔެވެ؟ ލޯބިވާ އަލްޔަސް ހެއްޔެވެ؟

”އަލްޔަސް!!!…” އަވްޝަން ދިޔަ ބާރު މިނުގައި ގޮސް އަލްޔަސްގެ ކޯތާފަތްމައްޗަށް ބާރު އެތިފަހަރެއް ވީއްލާލާފައި ދުރަށް ކޮއްޕާލިއެވެ. ރުޅިއައިސް ދެލޯވަނީ ރަތްވެފައެވެ. ދެދަތްޕިލަ ޖައްސާބާރުކޮށްލިއިރު ކޯކަށިތަކަށްވަނީ ވާންވެފައެވެ. ލޯބިވާ ކޮއްކޮ މިނުބައި މީހާގެ ޝިކާރަޔަކަށް ވުމުގެ ކުރިން ސަލާމަތްވިކަން ނަސީބެކެވެ. އޭނަ އެންމެ އިތުބާރުކުރި މީހާ އުޅުނީ ކޮއްކޮގެ އިއްފަތްތެރިކަން ފޭރިގަންނާށެވެ. މިހާ ނުލަފާ މިހަކާ ދުވަހަކު ބައްދަލުވިހަނދާނެއް ނުވެއެވެ. ފަރުދާގެ ނިވަލުގައި ހުރި ބޮޑު ޝައިތާނެކެވެ. އޭނަ އަލްޔަސްގެ ފުރާނަ ގުޑުވާލަނެއެވެ!

އަލްޔަސްގެ ވަކިތަކުން ސަލާމަތްވުމުން އީނާ ދުވެލާފައި ގޮސް ބައްދާލީ ރާނިޔާގެ ގައިގައެވެ. އެންމެ މިނެޓެއް ލަސްވިނަމަވެސް އަލްޔަސް އޭނަގެ ހެދުން ހަށިގަނޑުން ވަކިކުރީހެވެ. ރާނިޔާއަށް ކަރުނަތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އޭނަ އީނާގެ ހަށިގަނޑު ދެއަތުން ވަށާލިއެވެ. ރޫރޫއަޅަމުން ދިޔަ އެތުނި ހަށިގަނޑު ހާމަކޮށްދެނީ ބިރުގެންފައި ހުރިވަރެވެ. އީނާއަށް ބާރުބާރަށް ގިސްލެވުނެވެ. ކަރުނަތައް އޮއްބާލުން އެއީ ފަސޭހަކަމަކަށް ނުވިއެވެ. އޭނަ ބޭނުންވަނީ ހިތްފުރެންދެން ރޯލާށެވެ. ނަމަވެސް އެނާޒުކު ހިތް ޗިސްކޮށްލެވުނު ވަކިތަކުގެ ނިޝާންތައް ދުވަހަކު ފިލައިގެން ނުދާނެއެވެ. ތާއަބަދު އެހާދިސާ ތަކުރާރުވާނެއެވެ. އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އީނާ އެންމެބޮޑަށް އަޖައިބުވީ އަލްޔަސްދެކެ ރުޅި ނާދެވުނީތީއެވެ. ނަފްރަތުކުރަން ބޭނުންވިޔަސް އެކަން ކުރެވުނުހެނެއް ހިޔެއް ނުވެއެވެ.

”ދޮންބޭ…” އަލްޔަސްގެ ކަރުގައި ހިފާ ބާރުކޮށްލި އަވްޝަންއަށް އީނާ ގޮވާލިއެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނައަށް ކުޑަކަކޫމައްޗަށް ތިރިވެވިއްޖެއެވެ. އަލްޔަސްއަށް އަނިޔާއެއްވާތަން ދެކެން ކެތްނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އީނާގެ ކަރުނުން ފުރިފައިވާ ދެލޯ ފެނި އަވްޝަންއަށް ވީގޮތެއް ނޭގުނެވެ. އޭނަ އަލްޔަސް ފާރާއި ދިމާއަށް ކޮއްޕާލަމުން ގޮސް ކޮއްކޮގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ރަތްވެފައިވާ އީނާގެ މޫނާއި ފަޅައިގެން ގޮސްފައިވާ ދެތުންފަތުން އަވްޝަންގެ ތަބީއަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ. ނަފްރަތުގެ ދިލަހޫނު ބޭރުވަމުންދިޔަ ލޮލަކުން އޭނަ އަލްޔަސްއަށް ބަލާލިއެވެ.

އަލްޔަސް ހުރީ ވާނުވާ ނޭގޭ ހާލު ތިން މީހުންނަށް ބަލަހައްޓައިގެންނެވެ. ކަރާއި މޫނުގައި އުފެދިފައިވާ ރިހުމުގެ އަސަރުކުރަން ފެށީ ދެނެވެ. ބޭހުގެ ބާރު ކެނޑުނީއެވެ.

އަލްޔަސް އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ. ވާނުވާއެއް ނޭގެއެވެ. އީނާ ރޮނީ ކީއްވެގެން ހެއްޔެވެ؟ ކޮޓަރީގެ ސާމާނުތައް ތަރުތީބެއް ނެތް ގޮތުގައި އުކާލެވިފައިވަނީ ކީއްވެގެން ހެއްޔެވެ؟ ކަރުގައި ތޫނު ރިހުމެއް އުފެދިފައިވަނީ ކީއްވެގެން ހެއްޔެވެ؟ ނިއްކުރި ފަޅައިގެން ގޮސްފައިވާއިރު ލޯކައިރި ދުޅަވެފައިވަނީ ކީއްވެގެން ހެއްޔެވެ؟

އަލްޔަސް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަވްޝަން ވަގުތުން އަތް ހުރަސްކޮށްލަމުން އެކަން މަނާކުރިއެވެ.

”ހަބަރުދާރު!….. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅައިފިނަމަ މަގޭ ނުބައިކަން ނައްކާލާނަން، އީނާގެ ލޮލުން ފޭބި ކޮންމެ ކަރުނަ ތިއްކެއްގެ އަގު ކަލޭ ޖެހޭނެ ދޭން، ކަލެއަށް ދުވަހަކު އުފަލުގައި ނޫޅެވޭނެ!” އަވްޝަންގެ ބާރުހަޅޭކުގެ އަޑުއިވުނެވެ. ކަރުނުން ފުރިބާރުވެފައިވާ ދެލޮލުން އީނާ އަލްޔަސް އަށް ބަލާލިއެވެ. އެސްފިޔަތަކުގެ ތެރޭން ފުރޭނިގެން އައިސް ދިލަނަގަމުން ދިޔަ އީނާގެ ކޯތާފަތް ތެންމާލިއެވެ. އީނާ ނުރޯން ތުންފަތުގައި ދަތް އަޅާލި އެވެ.

”ނޫން…ނޫން…” އަލްޔަސްއަށް ހީވީ ދުނިޔޭގެ އެނބުރުމަށް ހުއްޓުމެއް އައިހެންނެވެ. އިހްތިޔާރަކާނުލައި އޭނަގެ ދެއަތަށް ބަލާލެވުނެވެ. އޭނަގެ ސިކުނޑިން ސިގްނަލްތަކެއްގެ ސިފައިގައި އިރުކޮޅެއްކުރިން ހިނގާދިޔަ ހާދިސާގެ ބައިތައް ނިއުޅެން ފެށިއެވެ. އަލްޔަސްއަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އޭނަގެ ސިކުނޑީގައި ބުރުޖަހަންފެށި ސުވާލުތަކުގެ ޖަވާބު ލިބިއްޖެއެވެ.

”އީނޫ…” އަލްޔަސްގެ އަޑުގައި ރިހުމެއް ވިއެވެ. އީނާއަށް އެދެލޮލުން ކޮންމެވެސް އެއްޗެއް ބުނެދޭން މަސައްކަތް ކުރާކަހަލައެވެ.

”ކަލޭގެ ތިދުލުން އީނާގެ ނަންވެސް ބޭރުނުކުރާތި! ގޮތްކުޑަ!…” އަވްޝަން އިންޒާރެއް ދިނެވެ. އޭނަ އަލްޔަސްއަށް ހަމަލާއެއްދޭން އުޅުމުން އެކަމަށް ހުރަސް އެޅީ އީނާ އެވެ.

އަވްޝަން އީނާ ގޮވައިގެން ދިގު ފިޔަވަޅުތަކެއް އަޅަމުން ގޭގެ ފެންޑާއަށް ދާން މިސްރާބު ޖެހިއިރު ރާނިޔާ ފަހަތުން ކަހަލަގޮތަކަށް އައެވެ.

އަލްޔަސް ހުރީ ފިޔަވަޅުމަތީ ގަނޑުވެފައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ އިންތިހާއަށެވެ. އޭނަގެ ދެއަތުގެ ތެރެއަށްލާ އީނާގެ މައުސޫމްކަން ފޭރިގަނެވިއްޖެއެވެ. ޒުވާންކަމުގެ ފޮނި ދުވަސްތައް ގުނަމުންދިޔަ މަލުގެ ފިޔަތައް މޯޅިކޮށްލެވިއްޖެއެވެ. ދުނިޔެމަތިން އެންމެ ލޯބިވި ކުއްޖާގެ ހިތް ހަލާކުކޮށްލެވިއްޖެއެވެ. އޭނައަކީ ނުބައި މީހެކެވެ. އައި ރުޅީގައި އަލްޔަސް ރީތިވާމޭޒު ވައްޓާލައިފިއެވެ. ލޫވާރތަޅައިގެން ގޮސް ޓައިލްސްމަތި ވިދާލައިގެން ދިޔައީ އެކި ބަށްޓަންތަކުގެ ބިއްލޫރިކޮޅުތަކުންނެވެ. ކޮޓަރީގެ ހަތަރުފާރުތެރޭގައި ގުގުމާލީ ރޫހާނި ބާރެއްގެ ތޫލި ހަޅޭކުގެ އަޑެކެވެ. އަލްޔަސް ކުޑަކަކޫމައްޗަށް ތިރިވަމުން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނަގެ ކެތްތެރިކަން ކުޑަވުމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ! ޝައިތާނާ އޭނަގެ ބޮލަށް ސަވާރުވެ މަގު އޮޅުވާލައިފިއެވެ.

އީނާ ކާރަށް އެރުމާއެކު ރާނިޔާއަށް މަޑުކުރުމެއްނެތި އަވްޝަން ކާރު ދުއްވާލައިފިއެވެ. ”ޝާން…” ރާނިޔާ ގޮވާލުމުންވެސް މަޑުކުރުމެއްނެތި އަވްޝަން ދިޔައީއެވެ. ކާރު ގޮސް ގޭގެ ގޭޓުން ނިކުތްނަންދެން ބަލަހައްޓައިގެން ރާނިޔާއަށް ހުރެވުނީ ރޮވިފައެވެ. އޭނަ ތުންފަތުގައި ދަތްއަޅާލަމުން ދެލޯމަރާލިއެވެ.

(ނުނިމޭ)

 

 

 

17

12 Comments

 1. Shazu

  May 3, 2014 at 9:15 am

  kihineh thihedhy alyas n inaa ah … dhen v dhera gotheh mi v 🙁 dhen oiy bain alyas n inaa gulhu vahchey .. maimoona n umairaa ah dhw kuri milibuny alhe dhen oiy bai than kolheh avahah up kohdhehchey pls 🙂 any ways v reeeethi mibai genesdhy fain goiy

 2. shai

  May 3, 2014 at 1:43 pm

  dhn nun kihineh thi hedhy inthixar kih koh halaaku vi fahun genassdhyfa adhi inaa ah alyas vakikuru dhn nikan maimoona ah filaavalheh dhaskohdhybe

 3. Reader

  May 3, 2014 at 2:08 pm

  Dhen varah foohi abadhu rape ge vahaka. Vaahaka reethi 🙂 a

 4. maee

  May 3, 2014 at 3:55 pm

  maee thankolheh kurin kuri comment posteh nuvey

 5. Haxu

  May 3, 2014 at 5:31 pm

  alhey shaan haadha rngalhey haxu ahvx ekahala beybe eh libeynama.. v salhi mi part vx.. waiting 4 nxt part.. gud luk muthaa..

 6. shaaa

  May 4, 2014 at 1:34 pm

  kihineh thi hedhee……

 7. shaaa

  May 4, 2014 at 1:34 pm

  kihineh thi hedhee……

 8. nayaal

  May 4, 2014 at 4:57 pm

  kihineh thihedhy alyas,, alyas kiyvve tha e drink buiy,, mi vaahka and mi part very nice but mi buru thi hedhi haadhisaa varah katu eenaa ah rovunu gothah nayaal ah ves varah bodah rovijje 🙁 mom buni kiyvve hey ruiy vess nayaal buny mi part ga een ah vy gothunney,, ehen buny ma mom ves mi part balaafa varakah ruiy 🙁

 9. ana

  May 4, 2014 at 11:49 pm

  alhey mutha kihiney thi hedhy…. 🙁

 10. fan

  May 5, 2014 at 12:42 am

  Alhey haadha dheragothekei thivi….. ekm vs reethi story ♥ 🙂

 11. sem

  May 5, 2014 at 1:32 am

  shit..kihineh ti hedy dn kihineh e dhemyhunge relation ah vaany… mulhi family fani v nun…v dera gotheh mi v

 12. [email protected]

  May 5, 2014 at 1:47 pm

  Alhe haadha dhera gothekey ever. ..bt story v salhi. ..waiting 4 de next part

Comments are closed.