ކުށަކާނުލައި- 4ވަނަބައި
ލާނާ ފަހަތަށް ޖެހެމުންގޮސް ފާރުގައިޖެހުނެވެ. ދެންހަދާނެ ގޮތެއް ނޭނގިފައި ހުރި ލާނާ ސިހުނީ އަލަން ގުދުވެ އޭނާގެ ކޮލަށް ދޮނެއް ދިނުމުންނެވެ.
“އަލަން މޮޔަވަނީތަ. ދުރައްދޭ ހަމަ މިހާރު. ކޮން އަންހެނުންނެކޭ ކިޔާކަށް. ޔޫ ވިޝް އަލަން. ދުވަހަކުވެސް ތި އަލަންއާ ނީންނާނަން.” އަލަން ދުރަށް ކޮއްޕައިލަމުން ލާނާ ބާރަށް ބުންޏެވެ. އެއިރު ލާނާގެ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. އަލަން ލޭ ކެކިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ލާނާގެ ދެއަތުގައި ހިފައި ފާރަށް ތަތްކޮށްލުމަށްފަހު އެތުންފަތުގައި ބޮސްދިނެވެ. “ހީނުކުރައްޗޭ ގަދަވެވޭނޭ. މާ ފޮނިވެގެން އުޅެންޏާ މިއަށްވުރެން ބޮޑުވަރު ކުރާނަން. މިހާރުންފެށިގެން މަބުނާގޮތް ހަދައިގެން އުޅެން ދަސްކުރޭ. ތި އިދާނަކާ ވެސް ދެން ބައްދަލެއް ނުކުރެވޭނެ. މަ ބުނާގޮތް ހަދައިގެން އުޅުނިއްޔާ ލާނާއަށް ރަނގަޅުވާނި. އަޑުއިވިއްޖެތަ.” އަލަން އަމުރު ކުރުމަށްފަހު ނުކުމެގެންދިޔައެވެ. ލާނާ ޖެހިބުދެއްހެން އެތާހުރީ ގުޑިލަންވެސް ނޭނގިފައިއެވެ. ލޮލުން ކަރުނަ އަންނަންފެށީ ހުއްޓުމެއްނެތިއެވެ. ދުވެފައި ފާހާނާއަށް ވަދެ މޫނުގައި ސައިބޯނި ލާންފެށިއެވެ. އަލަންގެ ވަސްވެސް ގައިގާ ހުންނާކަށް ލާނާ ބޭނުމެއްނޫނެވެ. ހިތްހަމަޖެހޭވަރުވުމުން ލާނާ ފާހާނައިން ނުކުމެ އޮފީހުގެ މަސައްކަތައިގެން ކުރިއަށްދިޔައެވެ.
ދުވަހުގެ ބާކީއޮތްބައި ވެސް ދިޔައީ މިފަދަ ގޮތަކަށެވެ. އަލަންގެ އުނދަގުލެއް ފަހުން ލާނާއަކަށް ނުޖެހެއެވެ. ނަމަވެސް އިދާންގެ ކޯލުތައް އަންނަވަރުން ހަމައާދެއެވެ. އެންމެފަހުން ލާނާއެދުނީ އޮފީސް ނިމޭ ގަޑިއަށް ބަލައި އައިސްދިނުމަށެވެ. އަލަންވެސް އޮފީހުގެ މަސައްކަތްތަކައިގެން އުޅުމުން ލާނާއަށް އުނދަގޫކޮށްލާނެ ވަގުތެއްނުވިއެވެ. އޮފީސް ނިމުންތަނައިހެން އިދާން ބަލައި އައިސް ގުޅުމުން ލާނާ އަވަސް އަރުވައިލާފައި ނުކުތެވެ. ކަންދިމާކުރިގޮތުން އެވަގުތު ވީ އަލަންވެސް މަސައްކަތް ނިންމުމަށްފަހު ނުކުތްގަޑިއަށެވެ. އަލަންއާއި އެކު ހުޒާމް ވެސް އައެވެ. ލިފްޓުގައި ހުރިއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ލިފްޓު ތިރިއަށް އައުމުން ލާނާ ބޭރަށް ނުކުތީ ދުމެއް ޖަހާހައި ބާރުމިނުގައެވެ. ލާނާ ބޭނުންވީ އަލަންއަށް ފެނުމުގެ ކުރިން އިދާން އާއެކު ދާށެވެ. ” ލާލާ.. ކީއްވެތަ ފޯނު ނުނަގަނީ. ނޭނގޭތަ އިދީ ހާސްވާނެ ވަރެއް.” އިދާން ދެރަވެލާފައި ޝަކުވާކޮށްލިއެވެ. ލާނާ ދެރަވީ އިދާނަށް އެހެން ހެދުމުންނެވެ. ލާނާ އިދާންގެ ގައިގައި ބައްދާލިއެވެ. ބޭރަށް ނުކުތް އަލަން އަދި ހުޒާމަށްވެސް މި މަންޒަރު ފެނުނެވެ.
“އައިއެމް ސޮރީ އިދީ.” ލާނާ ދެރަވެލާފައި ބުނިގޮތުން އަލަން ގާތަށްއައީ ހިންޏެވެ. އިދާން އާއެކީ ދެވޭތޯ ބަލާނަމޭ އަލަންގެ ހިތަށްއެރިއެވެ. “އިދީ.. ލާލާ ޑޭ..” ލާނާ ބުނަންއުޅުން ޖުމުލަ މެދުކެނޑުނީ ފަހަތުން އައިސް ލާނާގެ އަތުގައި ހިފި އަލަން ފެނިފައެވެ. ލާނާ ބުނަންއުޅުން ޖުމުލަ ވެސް އަނގަތެރޭ ތާށިވިކަހަލައެވެ. އިދާން ހުރީ ވާނުވާގައެވެ. ހުޒާމް ދުރުގައި ބަލަންހުރީ ކުރެވޭނެކަމެއް ނެތްކަން އިނގޭތީއެވެ.
“މިސް ޕަޕީ ފޭސް. ނުބުނަންތަ އިދާންކައިރީއެއް އަހަރުންގެ ކައިވެނީގެ ވާހަކައެއް”. އަލަން ވިހަގޮތަކަށް ހީލިއެވެ. އިދާންއަށް ހީވީ މުޅިދުނިޔެ އެނބުރުންހެންނެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ އަލަން މިކައިވެނި ކުރަން ބޭނުންވީ ކޮންއިރަކު ހެއްޔެވެ. ލާނާ މިވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ. އިދާން ޝަކުވާގެ ނަޒަރުން ލާނާއަށް ބަލައިލިއެވެ. ލާނާގެ ހިތަށް ތަދުވިއެވެ. ބަލާކަށްނުހުރެ އަލަންގެ އަތްފޮޅުވައިލުމަށްފަހު ލާނާ އިދާންގެ ސައިކަލު ފަހަތަށްއެރިއެވެ. “މިސް ޕަޕީ ފޭސް ކައިރީގަ މަ ނުބުނަންތަ އިދާނާ ބައްދަލުކޮށްގެން ނުވާނޭ. މަ ރުޅިނައިސްގެން ދޯ ތިއުޅެނީ. ހަމަ މިހާރު އާދޭ. މިބުނީއެންނު އަންނާށޭ.” އަލަން އައިރުޅީގައި ލާނާގެ އަތުގައި ހިފައި ދަމައިލިއެވެ. ނަމަވެސް އެއަށްވުރެކުރިން އިދާން އަލަންގެ އަތުގައިހިފައި ފޮޅުވައިލިއެވެ. “އޭ. ލާނާގައިގަ އަތްނުލާތި ކަލޭ.” އިދާން ދަތްކުނޑިވިކައިލިއެވެ. “އިދީ ހިނގާ ދާން.” ލާނާ ފުރުސަތުގެ ބޭނުންހިފިއެވެ. އިދާނާއި ލާނާ ގޮސްއޮބައިލަންދެން އަލަން ބަލަހައްޓައިގެން ހުއްޓެވެ.
***********************************************
ކާރަށްއަރައި އަލަން ހަމަޖެހިލިއެވެ. ހުޒާމް އިނީ އަލަންއަށް ވިސްނަދޭނެ ގޮތެއް ނޭނގިފައިއެވެ. އަލަންއަށް އަދިވެސް ކަޅިޖަހައިނުލާ އިނދެގެން ބެލެނީ އިދާންގެ ސައިކަލު ގޮސް އޮބާލިދިމާއަށެވެ. ލާނާއަށް އެހެންނެއް އަދި ސަލާމަތެއް ނުވެވޭނެއެވެ. އެންމެފަހަރަކުވެސް އަތުގައި ޖެހިބަލާށެވެ. ހިތުން ނުފިލާވަރު ކުރާނަމެވެ. “އަލަންޓޭ. އޭ ކައެ ކިހިނެއްތިހަދަނީ. މަށަށް ފެންނަނީ ކައެ ތިކަންތައް ހުއްޓަން. އަލަންއަށްވެސް އުފަލުގައެއް ނޫޅެވޭނެ ލާނާއާ ކައިވެނި ކުރިއްޔާ. ލާނާ އަށްވެސް ނޫޅެވޭނެ. ލެޓްއިޓް ގޯ މޭން.” ހަމަހިމޭންކަން ފޫދުއްވައިލީ ހުޒާމެވެ. އަލަން ބަދަލުގައި ހުޒާމަށް ލޯ އަޅައިލިއެވެ. “ޒީމީއަށް ހީވަނި މަ އުޅޭހިތުން ކުރާ ކައިވެންޏެއް ކަމައްތަ މީ. މަ ބޭނުމީ ބަދަލު ހިފަން. މަ ލަދުގަންނަވާ މީހަކަށް އުފަލުގަ އުޅުނަކަ ނުދޭނަން. ލާނާއަށް އެކަން ދައްކާނަން.” އަލަން ގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އަދި ބާރު ބާރަށް ކާރު ދުއްވައިލިއެވެ.
އިދާންގެ ސައިކަލު ގޮސް ހުއްޓީ އިދާންގެ ގެ ކައިރިއަށެވެ. އެ ގޭގައި އުޅެނީ އިދާންގެ މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮ އައިކާއެވެ. ނަމަވެސް މަންމައާއި ބައްޕާ އަދި އައިކާވެސް ވީ މަންމަގެ ބޭސްފަރުވާއަށް ބޭރަށް ގޮހެވެ. އެހެންކަމުން މިދުވަސްކޮޅު ގޭގައި އުޅެނީ އިދާން އެކަންޏެވެ. ރަޝިޔާގައި އެކަނި 7 އަހަރު ހޮސްޓެލްގައި އުޅެފައި ހުރުމުން އަމިއްލަ ކަންކަން ކުރުމަކީ އިދާންއަށް އުނދަގޫ ކަމަކަށް ނުވެއެވެ.
ލާނާ ގޮވައިގެން އިދާން އައިސް ސިޓިންގްރޫމްގައި ބެއިންދިއެވެ. ލާނާ އަދިވެސް އިނީ ހާސްވެފައިއެވެ. އިދާން ކައިރީ ވާހަކަ ބުނާނެ ގޮތެއް ނޭނގިފައިއެވެ. “ލާލާ. ބުނެބަލަ ވެގެން އުޅޭ ގޮތެއް. ސޯ ދެޓް އައި ކޭން އެޓްލީސްޓް ހެލްޕް ޔޫ. ލާލާ ތިހެން ރޯތަނެއް އިދީ އަކަށް ނުބެލޭނެ. ޕްލީސް ލާލާ.” އިދާން ލާނާގެ މަޑުމަޑު އަތަށް ފިތައިލިއެވެ. ލާނާ އަސަރުން ފުރިގެންވާ ގޮތަކަށް އިދާންގެ މޫނަށް ބަލައިލިއެވެ. ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ ކުށަކައިނުލާ މިފަދަ ބޮޑު ވޭނަކައި ކުރިމަތިލާން މިޖެހުނީ ކީއްވެހެއްޔެވެ؟ މިއީ އިންސާފެއް ނޫނެވެ. މިހެންވެގެން ނުވާނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއްކޮޅުން ދެ ލޯ ފަދައިން ބަލައި ބޮޑުކުރި މައިންބަފައިންނެވެ. އަނެއްކޮޅުން އެންމެ ލޯބިވާ ބައިވެރިޔާ އެވެ. ލާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. “އިދީ. ބައްޕަމެން އަލަން އާއި ލާލާގެ ކައިވެނި ހަމަޖައްސައިފި. އަލަން ދޮގުހެދީ. ނޭނގެ ކީއްވެކަމެއް. އަލަންވެސް ބޭނުމެއްނުވޭ މިކައިވެނި ކުރާކަށް.” ލާނާއަށް ގިސްލެވުނެވެ. ރޮމުން ރޮމުން އިދާންއަށް ވީގޮތް ކިޔައިދިނެވެ. އިދާންގެ ދުނިޔެ އެނބުރުނު ކަހަލައެވެ. ދެލޮލުން ކަރުނަ ހިލުނެވެ. އޭނާ ލާނާ ގެއްލޭކަށް ބޭނުމެއް ނޫނެވެ. އިދާން ލާނާ ގައިގައި ބާރަށް ބައްދައިލިއެވެ. ވަރަށްއިރު ވާހަކަ ދެއްކުމަށްފަހު އިދާންއާއި ލާނާ ނިންމީ ހަސީނުމެން ކައިރީ އެވާހަކަ ދެއްކުމަށެވެ. މިބުރު އިދާން އަމިއްލައަށް ހަސީނު ކައިރިއަށް ގޮހެވެ. އެހެންކަމުން ދެމީހުން އެކީގައި ނުކުތީ ލާނާގެ ގެއަށް ދިއުމަށެވެ.
ގަޑިން ރޭގަނޑު 7 ޖެހީއެވެ. ހ.ކެތި ކައިރީ ސައިކަލު ޕާރކުކުރުމަށްފަހު އިދާން އަދި ލާނާ ލިފްޓަށް އަރަން ދިއައެވެ. މިއީ ހަސީނުގެ ގެއެކެވެ. މިއީ 8 ފަންގިފިލާއަށް ހަދާފައިހުރި އިމާރާތެކެވެ. ހަސީނުގެ ދެމަފިރިން އަދި ލާނާ އުޅެނީ 8 ވަނަ ފަންގިފިލާގައެވެ. ލިފްޓު ތެރޭގައި ހުރިއިރުވެސް ދެމީހުންގެ ހިތްވަނީ ނުތަނަސްވެފައެވެ. ބައްޕަމެން ބުނާނެ އެއްޗެއްނޭނގޭތީއެވެ. ލިފްޓުގޮސް 8ވަނަ ފަންގިފިލާއަށް ހުއްޓުމުން ދެމީހުން އެކީގައި ނުކުތެވެ. އޭރު ގޭތެރެއިން ނިކަން ހޭ އަޑު ގަދައެވެ. ދެމީހެއްގެ ފައިވާން ބޭރުގައި ހުރިތަން ލާނާގެ ލޮލުގައި އަޅައިގަތެވެ. ކޮންމެވެސް ބަޔަކު އެބައުޅޭކަން ލާނާގެ ހަވަނަ ހިއްސު ބުނެދިނެވެ. ލާނާ އިތުރަށް ހާސްވިއެވެ. އިދާންއަށް މިކަން ވިސްނުމާއިއެކު ލާނާގެ އަތުގައި ހިފައިލިއެވެ. އަދި ހުރިހައި ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަ ގޮތަކަށް ހިނިތުންވެލިއެވެ. ހަގީގަތުގައި އޭނާވެސް ހުރީ ބިރުންނެވެ. ނަމަވެސް ލާނާ މާބޮޑަށް ނުތަނަވަސްވެފައި ހުރުމުން އެކަން ދައްކަން ބޭނުންނުވީއެވެ. ލާނާ ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ދޮރުހުޅުވައިލިއެވެ. ދޮރުހުޅުވި ގޮތަށް ލާނާ ހުރީ ގުޑާލަންވެސް ނުކެރިފައިއެވެ. ކުރިމަތިން ފެންނަންހުރި މަންޒަރު ގަބޫލުކުރަން ނޭނގިފައިއެވެ.
ސޯފާގައި އިށީނދެގެން ދަތްޕިލަ އަތަށް ލައިގެން އެއިނީ އަލަން އެވެ. އަލަން ކައިރީ ދެން އެއިނީ ހުޒާމެވެ. އަލަން ވިހަ ގޮތަކަށް ހެވިފައި ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހުޒާމް އިނީ ކުއްވެރިއެއް ފަދައިން އިދާންއަށް ބަލާށެވެ. އިދާންވެސް ހުރީ ސިހުމެއްގައެވެ. އަލަން ހާދަ ހުޝިޔާރެވެ. މިހާރު ދޮގުހެދުންވަރު މަދުވެގެން މިތަނަށްވެސް އައީއެވެ. ލާނާގެ ދެބުމަ ގޮށްޖެހުނެވެ. މި ނުލަފާ މީހާ މިހާރު މިހިސާބަށްވެސް އައީތާއެވެ. ހުރި ލަދު ކުޑަކަން ބަލައިބަލާށެވެ.
“އަހާނ ދަރިފުޅާ. ހާދަ ލަހުން ތިއައީ. އަލަން އެއިނި ދަރިފުޅު ނައިސްގެން. އަލަން ބުނި 4 ޖެހިއިރު އޮފީސް ނިމުން ވާހަކަ. ހާދަ ލަހުންނޭ ގެއަށް ތިއައީ.” ހަސީނު ފަށްޗަކަށް އަމުނައިލިއެވެ. ވަގުތު ބަލާފައި އަލަންވެސް ފެށިއެވެ. ” އެބުނާހެން ލާލާ ހާދަ ލަހުން ތިއައީ. މިހާރު އެއޮށް 7 ޖެހީ އެންނު. އަދި މިއީ ކޮންކުއްޖެއްތަ” އަލަން މަލާމާތުގެ ރާގަކަށް އިދާންއަށް ބަހެއް ޖަހައިލިއެވެ. ލާނާ ހިންދިރުވައިލިއެވެ. ދުލަށް ބަހެއް ނާންނަކަހަލައެވެ. މިވެސް ބޮޑުކަމެކެވެ. ބުނަންޖެހޭ ގަޑީގައި ދުލަށް ބަހެއްވެސް ނާންނާނެއެވެ. “ޑޭޑް މިއީ އިދާން. ކިޔަވަން އުޅުނުއިރު ދިމާވި ކުއްޖެއް. ޑޭޑް ވީ ނީޑް ޓު ޓޯކް.” ލާނާއަށް ވަރަށް އުނދަގުލުން ބުނެވުނީ މިވަރަށެވެ. އިދާން މަޑުމަޑުން އެތެރެއަށް ވަދެފައި ހަސީނު އަދި ފާހިރާއާއި ސަލާމް ކޮށްލިއެވެ. އަލަންގެ ހަވަނަ ހިއްސު އެލާރޓް ދިނެވެ. ލާނާ ތެދަށްކިޔައިދޭން އުޅެނީކަން އަލަންއަށް ދެނެގަނެވުނެވެ. އަވަހަށް ބޮލުތެރޭގައި މޮޅުއެއްޗެއް ރާވައިލިއެވެ. “ލާލާ ވަރަށް ބަނޑުހައޭ އަލަން. ބުނީމެންނު މިރޭ ކާންދާ ވާހަކަ. މިހާރު ވަރަށް ލަސްވެސް ވެއެންނު އެބަ. ހިނގާބަލަ ދާން. ތި ވާހަކަ ފަހުން ދެއްކޭނެ އެންނު.” އަލަން ބެލީ ވާހަކަ އޮޅުވައިލެވޭތޯއެވެ. ލާނާ މޫނުގެ ކުލަ ފަނޑުވިއެވެ. މީނާގެ އުނދަގުލުން ސަލާމަތްވާނީ ކޮންދުވަހަކުން ބާވައެވެ. އަދި ހަދާ ދޮގުތައްވެސް ބަލައިބަލާށެވެ. ލާނާ ހިތައި ހިތުން އަލަންއަށް އެއްޗެހިގޮވިއެވެ. ލާނާ ހޭވެރިކަންވީ ފާހިރާ ވާހަކަ ދައްކަން ފެށުމުންނެވެ. “ތެދެއް ލާލާ. އަލަން އައިސް އިންނަތާ ވަރަށްގިން އިރު ވެއްޖެ. ދެން އަލަން ގޮވައިގެން ކާންދާންވީއެންނު. އަދި އިދާން ކައިރީ ނުވެސް ބުނަމެންނު އަލަންގެ ވާހަކަ.” ފާހިރާ ލޯބިން ލާނާ ގައިގައި ފިރުމައިލިއެވެ. އިދާންގެ ރުޅިގަނޑު ފަޅައިގެން ނުގޮސްހުރީ ހަމަ ކިރިޔައިއެވެ. އަލަން ހެވިފައި މި މަންޒަރު ބަލަން އިނުމަށްފަހު ފުރުސަތުގެ ބޭނުން ހިފިއެވެ. “ހާއި. އައި އޭމް އަލަން. ލާނާގެ ވާންއުޅޭ ފިރިމީހާ” އަލަން ވިހަ ގޮތަކަށް ހީލަމުން އިދާންއާއި ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. އިދާން ނުކުރަން ހުރެފައިވެސް ސަލާމް ކުރީ ހަސީނުމެން ތިބީމައިއެވެ.
ނުނިމޭ
6 Comments
Comments are closed.
Yay me first
Wow vvv rythi masha allah… curiously waiting for the nzt part…
hey… love this story…eagerly waiting for the next part…when will be the next part??
Thankyou dear. Monday ga.?
Hey. So heres the 4th part. Im really sorry it got delayed. Hope you all liked it. Let me know what you all think of this part. In sha allah next part on monday.❤
I love this story