ބަރުބާދު (ފުރަތަމަބައި)

އަހަރެންނަށް ސިހިފައި ހޭލެވުނީ ދަރިފުޅު ރޮއެގަތް އަޑަށެވެ. އަވަހަށް ތެދުވެގެން ގޮސް ކުޑަ އެނދުގައި އޮތް 03 އަހަރުގެ ދަރިފުޅު އުރާލައި މައްސަލާކޮށްލަން މަސައްކަތްކުރީމެވެ. ނަމަވެސް ދަރިފުޅު ބާރުބާރަށް އޮވެގެން ރޮނީއެވެ. ހީވާގޮތުން ބިރުވެރި ހުވަފެނެއް ފެނުނީއެވެ. މަންމައާއި ބައްޕައަށް ގޮވަމުން ދިޔަ ދަރިފުޅު ހުއްޓުވޭތޯ މަސައްކަތްކުރަމުން ނާނާ ކިޔަމުން އެނދުގައި އަހަރެން އިށީނީމެވެ.

“..ދަރިފުޅާ ލޫޝާ.. އެސޮރު މާވަރަކަށް ރޮނީ ކިހިނެއްވީ އަނެއްކާ..” އަހަރެންގެ ފިރިމީހާގެ މަންމަ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވަދެންގެން އައީ ހަލުވިކަމާއެކުއެވެ.

އަހަރެންނަކީ ރާއްޖޭގެ އުތުރުގެ ރަށަކަށް އުފަން އުމުރުން 25 އަހަރުގެ އަންހެނަކީމެވެ. ދިރިއުޅެމުން މިދަނީ އަހަރެންގެ ފިރިމީހާ ކައިލްގެ ގޭގައި މާލޭގައެވެ. މިގޭގައި އުޅެނީ އަހަރުމެން ދެމަފިރިންނާއި، ކައިލްގެ މަންމަ އާއި ބައްޕަގެ އިތުރަށް އަހަރުމެން ދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ ކިނާންއެވެ.

“.. ނޭގެ މަންމާ އަހަރެންނަށް ހޭލެވުނީ ރޮއެގަތް އަޑަށް.. ބިރުވެރި ހުވަފެނެއް ފެނުނީކަންނޭގެ..” އަހަރެން އިނީ ކިނާން ހުއްޓާ ނުލައިގެން ކަންބޮޑުވެފައެވެ.

މަންމަވެސް ކިނާން އުރާލައި މައްސަލާކޮށްލެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ހުއްޓާ ނުލުމުން ކިނާން ގޮވައިގެން މަންމަ ކޮޓަރިން ބޭރަށް ނުކުތީ އަހަރެން ކައިރީ އަރާމުކޮށްލުމަށް ބުނަމުންނެވެ.

އަހަރެން ފުންނޭވާއެއް ދޫކޮށްލަމުން އެނދުގައި ޖައްސާލީ ފާރުގައި ހުރި ގަޑިއަށް ނަޒަރު ސީދާކޮށްލަމުންނެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ދެން ބަލާލެވުނީ ހުސް އެނދަށެވެ. އަދިވެސް ކައިލް ގެޔަށް އަންނާކަށް ނޫޅެއެވެ. އެއީ މިހާރަކަށް އައިސް ކައިލްގެ އުޅުމަށް އައިސްފައިވާ ބަދަލެކެވެ. ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެންމެ ރެޔަކުވެސް އެކެއް ޖެހުމުގެ ކުރިން ގެޔަށް ވަދެފައެއް ނުވެއެވެ. އަހަރެން ބުރަކަށި ދަށަށް ބާލީހެއް ލައްވާލައި އެނދުގައި ހަމަޖެހިލީމެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވިގެން ދިޔައެވެ. ބަލާލިއިރު ކައިލް ދޮރުމަތީގައި ހުއްޓެވެ.

ކައިލްއަކީ ވިޔަފާރިވެރިއެކެވެ. އޭނާގެ އުމުރުން އަދިވީ އެންމެ 26 އަހަރެވެ. މާލޭގެ އެކި ހިސާބުތަކުގައި އޭނާގެ އެތަކެއް ވިޔަފާރިގެތަކެއް ވަނީ ހުޅުވިފައެވެ. އެހެންކަމުން އޭނާ ވެފައިވަނީ މާލޭގެ އެންމެ މުއްސަނދި އެންމެ ޒުވާން ވިޔަފާރި ވެރިޔާއަށެވެ.

“..ހާދަ ލަހުންނޭ މިހާރު ގެޔަށް ތިއަންނަނީ ..ކޮންބޭނުމެއް އޮތީ ކޮންމެ ރެޔަކު އެކެއް ދޭއް ޖަހަންދެން މަސައްކަތުގަ އޮފީހުގަ އުޅެން.. ތިހާ ދަންވަންދެން މަސައްކަތުގަ ނޫޅުނަސް ރަނގަޅުވާނެ.. ގެޔަށް އަޔަސް އެމަސައްކަތް ކުރާނެ މީހުންވާނެ.. އަޅެ ކީއްވާނީ ހަފްތާޔަކު އެއްރޭ ނަމަވެސް އަވަހަށް ގެޔަށް އައިއްޔާ..” އަހަރެންނަށް ޝަކުވާކޮށްލެވުނީ ހިތަށް ކެތް ނުވެގެންނެވެ. ނަމަވެސް އަހަރެންމީ ކައިލް ބޮލަށް އުނދަގޫވާ ވަރަށް ޝަކުވާކޮށް އުޅޭ މީހެއްނޫނެވެ.

“..ކޮބާ އެސޮރު.. މަންމަ ކޮޓަރީގަތަ ވީ..” އަހަރެން ދެއްކިވާހަކަ ކައިލްއަށް އަޑުއިވުނު ކަމަކަށް ނުހެދިއެވެ.

އެއީ މިހާރު ކައިލްގެ އާދައެކެވެ. އަހަރެން ދައްކާ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ދެން ކައިލް ފެންވަރައިލައިގެން އަރާ އޮށޯވެ ނިދާނީއެވެ. އަހަރެންނާ ލޯބިން އަނގައިން ބުނެލާ ހަދާލަން ވަގުތެއްވާނީވެސް މަދު ފަހަރަކުއެވެ.

“..ކައިލް..” ލައިގެންހުރި ނޫކުލައިގެ އަތްދިގު ގަމީހުގެ ގޮށްތައް ނައްޓަމުންދިޔަ ކައިލްއަށް އަހަރެން ގޮވާލީ މަޑުމަޑުންނެވެ. ނަމަވެސް ކައިލް ބަލާވެސް ނުލިއެވެ. އަޑުއިވޭކަމަށްވެސް ނުހެދިއެވެ. ނޫނީ ހަޤީޤަތުގައިވެސް އޭނާއަށް އަޑު ނީވުނީއެވެ. އަނެއްކާވެސް އަހަރެން ގޮވާލީމެވެ. ގަމީސް ވަށިގަނޑަށް ވައްޓާލަމުން ކައިލް އެނބުރި އަހަރެންނަށް ބަލާލިއެވެ. އަހަރެންގެ އަޑުގައިވާ އާދޭހާއި ކަންބޮޑުވުން ކައިލްއަށް އިޙްސާސްވާނެނަމަ ކޮންފަދަ ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ؟

“..އަހަރެން މިހާ ބުރަކޮށް މިއުޅެނީ އަހަރުމެން ދަރިފުޅަށްޓަކައި… ކިނާންއަށްޓަކައި.. ލޫޝާއަށްޓަކައި.. މިކުޑަކުޑަ އާއިލާއަށްޓަކައި މިގޮތަށް އުޅެންއެބަޖެހޭ … އަހަރެން ބޭނުންވޭ ވިޔަފާރީގެ ކަންތައް ވަރަށް ގާތުން ބަލަން.. އެހެންވެ މިހާރު އެހާ އަވަހަށް ގެޔަށް ނާދެވެނީ..” އަހަރެންނަށް އިތުރު އެއްޗެއް ބުނެލާނެ ފުރުޞަތެއްވެސް ނުދީ ކައިލް ފާހާނާއަށް ވަދެގެންދިޔައެވެ.

އަހަރެންނަށް ކައިލް ދެއްކި ވާހަކަތައް ޤަބޫލްކުރަން އުނދަގުލެވެ. ވިޔަފާރީގެ ކަންތައް އެހާގާތުން ބަލަން ބޭނުންވާނަމަ ކުރިން އެގޮތަށް ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ އެކެއް ދޭއް ޖަހަންދެން އެމަސައްކަތް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. އަހަރެންނަށް ޝައްކުކުރެވެނީ އެހެންވެއެވެ. އަހަރެންނަށް ހީވަނީ ކައިލްއާއި އެހެން އަންހެނަކާ ގުޅުންތަކެއް އޮންނަހެންނެވެ. ކޮންމެ ރެޔަކު އެހާ ލަހުން ގެޔަށް އެއަންނަނީ އެހެންވެއޭ އަހަރެންގެ ހިތްބުނެއެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރިއަކު ނުބުނަމެވެ. އެޝައްކާއި ވަހުމް އޮންނަނީ އަހަރެން ހިތު ތެރޭގައެވެ. އަހަރެންނަށް ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އަހަރުމެން މެދުގައި މައްސަލަޖެހި މިކުޑަކުޑަ އާއިލާ ރޫޅިގެންދާކަށް އަހަރެން ނޭދެމެވެ.

މީގެ ހަތަރުވަރަކަށް އަހަރު ކުރިން އަހަރެންނާއި ކައިލްގެ ކާވެނި ކުރެވުނީ ދެމީހުންވެސް އެގޮތް ބޭނުންވެގެންނެވެ. ކާވެނި ކުރީވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވެ ލޯބިވެރިންގެ ގޮތުގައިވެސް އަހަރުތަކެއް އެކީގައި އުޅުމަށްފަހުއެވެ.

ކައިލްއަކީ އަހަރެންނަށް އަޅާލާ އޯގާތެރިވި ފިރިއެކެވެ. އަހަރެންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް ދައްކާވާހަކަތައް އަޑުއަހަމުން އައި މީހެކެވެ. ނަމަވެސް ކިނާން ލިބުންފަހުން ކައިލްގެ އުޅުމަށް މަޑުމަޑުން ބަދަލް އަންނަންފެށީއެވެ. ކުދިކުދި ކަންތަކުގައި ފަރުވާ ކުޑަ ކުރަންފެށީއެވެ. އެހެނަސް ކިނާންއަކީ އަހަރުމެން ދެމަފިރިން ބޭނުންވެގެން ހޯދިކުއްޖެކެވެ. ކައިވެންޏަށް އަހަރެއް ވީ އިރު އަހަރެން ކިނާންއަށް ބަނޑުބޮޑުވީވެސް އަހަރުމެން އެގޮތް ބޭނުންވެގެންނެވެ.

ކިނާން ލިބުމަށްފަހުގައިވެސް އެހެން އަންހެނުންގެ ހަށިގަނޑަށް ބަދަލު އަންނަ ފަދައިން އަހަރެންގެ ހަށިގަނޑަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަހަރެން ހުރީ ކާވެނި ކުރި އިރުވެސް ހުރި ބައްޓަމަށެވެ. އެސޫރާގައެވެ. ކައިލްގެ ކަމެއްގައި ފަރުވާކުޑައެއްވެސް ނުކުރަމެވެ. އޭނާގެ ކަމެއް ކޮށްނުދީގެން ޝަކުވާކޮށްލާނެ ފުރުޞަތެއްވެސް ނުދެމެވެ. އަދި އެހެންމެ އަހަރެން އިންނަނީ ކައިލް ގެޔަށް އަންނަންވާއިރަށް ފެންވަރާ ނަލަހެދިގެންނެވެ.

ދެން އެހެންވީއިރު ކައިލް އަހަރެންނާ މަޑުމަޑުން ދުރުވަމުން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅަކު ލިބުމުން އަހަރެން މަތިން ފޫހިވީ ހެއްޔެވެ؟ ފޫހިވިނަމަ ފޫހިވާންޖެހުނު ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.

ކައިލް ފާހާނައިން ނުކުމެގެން އައިސް އެނދުގައި އޮށޯތްއިރުވެސް އަހަރެން އޮތީ ކައިލްގެ މޫނަށް ބަލާށެވެ. އޭނާގެ ދުލުން ބަހެއް ބޭރުކޮށްލާނެ އިރަކަށް އިންތިޒާރުކޮށްލަކޮށްލައެވެ. ނަމަވެސް އަހަރެންނާ ދިމާއަށް ކައިލް ބަލާވެސް ނުލައެވެ. އޭނާ ލޯމަރާލައިގެން އޮތީއެވެ. ކައިރީގައި އަހަރެން އޮތްހެން އޭނާއަށް ހީވެސް ނުވާކަހަލައެވެ. ކައިލް ލޯމަރައިގެން އޮތުމަށްފަހު ބާލީހުގައި ބައްދާލަމުން ފުރަގަސްވާގޮތަށް އެނބުރުނީ އެމޫނު އަހަރެންނަށް ފެންނަންވެސް ހިތް ނޭދޭތީކަންނޭގެއެވެ. އަހަރެންގެވެސް އިޙްސާސްތަކަކާ ބޭނުންތަކެއްވާނެކަން ކައިލްއަށް ނުވިސްނެނީ ކީއްވެގެންހެއްޔެވެ؟ އަހަރެން މީ އޭނާގޭ ހަލާލް އަނބިމީހާއެވެ. ދައްކާވާހަކަ އަޑު ނާހާތާގައި ލޯބިން އަނގައިން ބުނެލިއްޔާ އޭނާގެ ގައިން ތަންގަނޑެއް މަދުވަނީ ހެއްޔެވެ؟ އަހަރެންގެ ލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގެންދިޔަ ހިނދު އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން ކަރުނަތައް ހިންދާލީ ރޮއެގެން އެއްވެސް ކަމެއްގެ ހައްލެއް ނުލިބޭނެތީއެވެ.

އަހަރެން މަޑުމަޑުން ކައިލްގެ ގާތަށް ޖެހިލަމުން ކައިލްގެ އުނަގަނޑުމަތިން އަތްގެންގޮސް ފަހަތުން ބައްދާލީ ބިރުން އޮވެއެވެ. ކައިލް އެއްވެސް އެއްޗެއް ނުބުނެ އޮތްގޮތަށް އޮތުމުން ކޮންމެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން ކުރިޔަށްވުރެ ބާރަށް ކައިލްގައިގައި ބައްދާލީމެވެ. ދެލޯމަރާ ބާރުކޮށްލީމެވެ. އެހަށިގަނޑުގައިވާ ހޫނުކަން އިޙްސާސްކުރެވެން ފެށުނެވެ. އަހަރެންނަށް ބުނެދޭން ނޭގޭ ކަހަލަ އުފަލެއްލިބުނެވެ. އުފާ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނާއި ކައިލް މިހާވަރަށް ގާތްނުވާތާވެސް ދެމަހެއްހާ ދުވަސްވެދާނެއެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެންދިޔައީ ކުޑަ ހިނދުކޮޅަކަށެވެ.

“..ވަރަށް ވަރުބަލިވެފަ މިއޮތީ..” ކައިލް އަހަރެންގެ އަތް ނައްޓުވާލަމުން އުއްޑުން ޖެހިލިއެވެ.

“..ކައިލް މިރޭ ފެންވެސް ނުވަރަންތަ؟..” އަހަރެން ކައިލްގެ ކޮނޑުމަތީ ބޯ އަޅާލީ މޭމަތީ އަތްބާއްވާލަމުންނެވެ.

“..ލޫޝާ.. އަހަރެން މިއޮތީ ވަރުބަލިވެފައޭ.. އުނދަގޫ ނުކޮށް ދުރުގަ އޮވެބަލަ..” ކައިލްގެ އަޑުގައިވި ނުރުހުންވުން އަހަރެންނަށް ކިތަންމެހާވެސް ރީއްޗަކަށް ފާހަގަވިއެވެ. ނަމަވެސް އަހަރެން ދުރެއްނުވަމެވެ. އަހަރެން ބޭނުންވީ ކައިލްގެ ކޮނޑުމަތީ ބޯއަޅާލައިގެން އޮވެ ނިދާލާށެވެ. އެކަމުންވެސް މިހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެއެވެ. ކުރިޔަށްވުރެ ބޮޑަށް ކައިރިއަށް ޖެހިލީއެވެ. އަހަރެންގެ ހޫނު ނޭވާ ކައިލްގެ ކަނދުރާއަށް އެޅޭހާ ކައިރިއަށެވެ. އެހަށިގަނޑުން ދުވަމުންދިޔަ މީރުވަމުން އަހަރެންގެ ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

“..ލޫޝާ..” ކައިލް ކުއްލިއަކަށް ތެދުވިއެވެ. “..މިރޭ ކިހިނެއްވެގެންތަ ތިއުޅެނީ؟..”

“..އަހަރެން މީ ކައިލްގެ އަނބިމީހާ..”

“..އެކަން ނޭގިގެންތަ މަމިއުޅެނީ..” އަހަރެންގެ ވާހަކަތައް ނުނިމެނީސް ކައިލް ބާރަށް ބުނެލިއެވެ. އެއަޑުގައި ވަނީ ނުރުހުމެވެ. ފޫހިކަމެވެ.

“..ކައިލް..” އަހަރެން ފަހަތުން ކައިލްގެ ކޮނޑު މަތީ އަތްބާއްލުމާއެކު ކައިލް ފުންމާގެން ތެދުވިއެވެ.

“..ކިހާ ބޮޑުބަލާއެއް މީދެން..” ކައިލްގެ އަނގައިން ބޭރުވެގެންދިޔަ ޖުމްލަ އިވިގެންދިޔައީ ހޮނުގުގުރިއެއްހާ ބާރަށެވެ. އަހަރެންނަށް ލިބުނީ ޝޮކެކެވެ. ވަގުތުން ފެންކަޅިވެގެން ދިޔައީ ހިތަށްކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. އަހަރެން ދުނިޔޭގައި ހުންނާތީވެސް ކައިލްއަށް އުނދަގޫވަނީ ހެއްޔެވެ؟ ކައިލްގެ އަނގައިން އެފަދަ ބަހެއް ބޭރުކޮށްފާނެކަމަކަށް ކުޑަކޮށްވެސް ހީވެފައެއްނެތެވެ.

“..ކައިލްއަށް އަހަރެން ދުނޔޭގަ އުޅޭތީ އުނދަގޫވަނީތަ؟..” އަހަރެން ފެންކަޅިވެފައިވާ ދެލޮލުން ކައިލްއަށް ބަލާލަމުން ބުނީމެވެ.

“..ބުނަން ބޭނުންނުވާ އެއްޗެހިވެސް ބުނެވޭނެ.. އިންސާނުންނަށް ކެތްކުރެވޭނީ ވަކިވަރަކަށް.. ލޫޝާ ތީ ބުނާއަޑު ނީވޭ ވަރުގެ ކުޑަކުއްޖެއް ނޫނޭ.. މަ ވަރުބަލިވެފަ އޮތީމައޭ މިބުނީ ދުރުގަ އޮންނާށޭ.. ދުވާލުގެ ބޮޑުބަޔަކާއި ރޭގަނޑުންވެސް ބޮޑުބައެއް މިހޭދަ ކުރަނީ މަސައްކަތުގަ.. ތި މީހުންނަށްޓަކައި.. މަސައްކަތުގަ ތެޅިތެޅިފަ ގެޔަށް އައިސް އަރާމުކޮށްލަން ލިބޭ ވަގުތުކޮޅުވެސް ތި ބަލަނީ މަށަށް ޖެއްސުމެއްކޮށްލެވޭތޯ.. ދުއްޕާންކޮށްލެވޭތޯ..”

ކައިލް ރުޅިއައިސް އެއްޗެހިތައް ގޮވުމަށްފަހު ބާލީހެއް ހިފައިގެން ޓައިލްސް މަތީ އޮށޯތެވެ. އަހަރެން އިނީ އެނދުމަތީގައި ދެފައި ގެނެސް މެޔާލާ ފިއްތާލައިގެން ކައިލްއާ ދިމާއަށް ބަލާލަންވެސް ނުކެރިފައެވެ. ލޮލުގެ ތެރެއަށް ގިނަވެގެން ދިޔަ ކަރުނަތަކުން ކޯތާފަތް ތެންމަމުން ދިޔައެވެ. ކައިލްއަކީ އެގޮތަށް އަޑުލައި ވާހަކަދައްކާ އުޅުނު މީހެއްނޫނެވެ. މީއެކަހަލަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ. އަހަރެންނަށް ޔަޤީންކުރެވުނު ކަމަކީ ކައިލް ހަމަރަނގަޅަށްވެސް އަހަރެންގެ މަތިން ފޫހިވެއްޖެކަމެވެ.

އަހަރެންނަށް އެރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖެހުނެވެ. ކައިލް އެއްވެސް ހިޔާލެއް ފިކުރެއްނެތި ހަމަޖެހިލައިގެން އޮތީ ނިދާލައިފައެވެ. ފަތިސް ނަމާދު ބަންގި ގޮވީވެސް އަހަރެންނަށް ނުނިދިފައި ދެއަތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ބަންގިގޮވުމުން ފާހާނާއަށް ވަނީ ނަމާދުކޮށްލަން ވުޟޫކޮށްލުމަށްޓަކައެވެ. ނަމާދުކޮށްލުމުންވެސް މިހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެއެވެ.

ވުޟޫކޮށްލައިގެން ނުކުތުމަށް ފާހާނާ ދޮރު ހުޅުވާލުމުން ފާހާނާގައިވާ ހުދު އަލިން ކޮޓަރިތެރެ އަލިވެގެން ދިޔަހިނދު އަހަރެންގެ ސަމާލުކަން ދަމައިގަތީ ކައިލްގެ މޫނަށް އެޅިފައިވާ އަލިގަނޑެވެ. ކައިލްގެ މޫނު ކައިރިން ބަލާލުމަށް ހިތް ގޮވަންފެށުމާއެކު މަޑުމަޑު ހިނގުމެއްގައި އައިސް ކައިލް ގާތުގައި އިށީނީމެވެ. އޭނާ އޮތީ ބާލީހުގައި ބޯއަޅާލައިގެން އުއްޑުންނެވެ. ބޮކްސާއެއް އެކަނި ލައިގެން އޮތްއިރު އެދޮން ފިރިހެން ވަންތަ ހަށިގަނޑު އޮތީ ހާމައަށެވެ.

ކައިލްގެ ފައިކޮޅުން ފެށިގެން ބޮލާހަމައަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެހިނދު އަހަރެންގެ ސަމާލުކަން ދަމައިގަތީ ކައިލްގެ ކަރު ދަށުގައިވާ ނިޝާންތަކެވެ. އަހަރެންގެ ދެލޯ ބޮޑުވެގެންދިޔުމާއެކު އަނގަމަތީ އަތް އަޅާލަމުން ކޮށްޅަށް ތެދުވެވުނެވެ. ވިދާލިވިދުވަރެއްހައި ހަލުވިކޮށްގޮސް ހޮޅިބުރި ދިއްލާލުމަށްފަހު އެބާރުމިނުގައި އައިސް ކައިލް ގާތު ހުއްޓެލީމެވެ. އަހަރެންނަށް ކުރެވުނު ޝައްކު ޔަޤީނަށް ބަދަލުވެގެންދިޔަ ހިނދު ވަގުތުން މީހާގެ ހަރަކާތް ހުއްޓުންކަހަލައެވެ. ކައިލްއާ އެހެން އަންހެނަކާ ގުޅުންތަކެއް ހިނގަމުން އަންނަކަމުގެ ހެކިތައް އެހުރީ ފެންނާށެވެ. ކައިލް އަހަރެންނާ ދުރުދުރުން އުޅެނީ ކީއްވެންކަން ޔަޤީންވެއްޖެއެވެ. އޭނާއަށް އެހެން އަންހެނަކު ފެނުނީއެވެ. ދުވަސްކޮޅަކުން އަހަރެން މިގެއިން ނެރެ އެއްލާލާނެއެވެ. އެހެން ހިތަށް އެރުމާއެކު ދެފައިކޮޅުން ވާގި ދޫވާހެން ހީވުމާއެކު ޓައިލްސް ގަނޑުމައްޗަށް ތިރިވެވުނެވެ.

*************

ހެނދުނުގެ ވަގުތެވެ. އަހަރެން އުޅުނީ ބަދިގެ ތެރޭގައި ހެނދުނުގެ ސައި ހެދުމައިގެންނެވެ. ހެނދުނުގެ ސަޔަށް ރޮށި ފިހެމުން ދިޔައިރު އަހަރެންނަށް ވިސްނެމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތަކާމެދުއެވެ. ފިރިމީހާގެ ލޯބި އަލުން ހޯދުމަށް ހަދާނެ ގޮތަކާމެދުއެވެ. ފިރިމީހާގެ ލޯބި ނުލިބުނަސް ވަރިހަމަކަމަށް އުޅެންވީ ހެއްޔެވެ؟ އަހަރުމެންގެ ދަރިފުޅަށްޓަކައި އޭނާ ހެދިހާ ގޮތެއް ހެދިގެން ހުންނަންވީ ހެއްޔެވެ؟ ދަރިފުޅަށްޓަކައި އަހަރެންގެ ހަޔާތް ބަރުބާދުކޮށްލަންވީ ހެއްޔެވެ؟ ދަރިފުޅަށް ލޯބި ލިބޭތީ އަހަރެންނަށް ލޯބި ނުލިބުނަސް ހެޔޮކަމަށް މިދިރިއުޅުމައިގެން ކުރިޔަށް ދާންވީ ހެއްޔެވެ؟ ގޮތެއް ނިންމަން ދަތި އެތަކެއް ސުވާލްތަކެއް ސިކުނޑިއަށް ޖަމާވަމުން ދިޔައެވެ. އަހަރެން ދަރިފުޅަށްޓަކައި ކެތްކުރި ކަމުގައި ވިޔަސް މާދަމާވެސް ވަރިކޮށްލާ ގެއިން ނެރެ އެއްލާނުލާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އަހަރެންނަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ކައިލްގެ ކަންތައް ނޭގޭކަމަށް ހެދިގެން ހުންނާކަށް ބޭނުމެއްވެސް ނޫނެވެ. މިހާރުވެސް ގޮތެއްނެތް އަންހެނެއްހެން ލައްކަ ދުވަހު ކެތްކުރެވިއްޖެއެވެ.

nishan

އަޅުގަނޑު ވާހަކަ މިލިޔަނީ އަލަށްކަމަށްވުމުން ވާހަކައިގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

You may also like...

14 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. ފެށުން ވަރަށް ރީތި….. ދެން އަންނާނެ ބަޔަކަށް އިންތިޒާރު ކުރަން…….

    ⚠Report!
  2. ޝުކުރިއްޔާ ސުންނީ.. އިރާދަކުރެއްވިއްޔާ ލަސްނުކޮށް ދެވަނަ ބައި ގެނެސްދޭނަން..

    ⚠Report!
  3. V furihama v salhi vaahakaeh.mee hiyaaly vaahakehtha noony hagy gy ehtha.mage frendehge hayaathaa v guley

    ⚠Report!
    1. Mee hama hiyaali vaahaka eh.. Ekam mee hageegathah vs higaafaane kameh.. Thanks vaahaka kiyaalii thii..

      ⚠Report!
  4. wOW. . Furathama bain ves hithah varah asaru koffi. . I hav to say. . This is going to be awesome. . I TOTALY LOVE THIS PART! 😀 Im sure i’ll be a reguler reader. . . . 🙂

    ⚠Report!
    1. Thank you GuDu.. Varah ufaa vehjje GuDu mivaahaka kiyaalii ma.. 🙂 thanx for the comment..

      ⚠Report!
  5. ހޭ ނިޝާން.. ކިހިނެއްތަ.. ވަރަށް ރީތި މިބައި އިނގޭ… ވާހަކަައިގެ ދެންވާނެ ގޮތެއް ބަލާލަން ކެންމަދުވެފައި މިހުރީ… ހީކުރަން އަވަހަށް ގެނެސްދޭނެކަމަށް… ވަރަށް ނައިސް އިނގޭ 🙂

    ⚠Report!
    1. ހޭ ފެންްޓަސީ.. ހެޕީ ޓް ސީ ޔޫ ހިޔަރ.. އައި އެމް އޯކޭ އޭސް ޔޫޝުއަލް.. ދެވަނަބައި ގެނެސްދޭނަން އިންޝާﷲ.. އެންޑް ތޭންކްސް ފޯ ދި ކޮމެންޓް. 🙂

      ⚠Report!

Leave a Reply

Your email address will not be published.