މިއީ ކުށެއް ހެއްޔެވެ؟
އޮފީސް ޑޮކިއުމެންޓުތަކެއްގެ ތެރެއަށް ގެނބިފައި އިންދައި ކުއްލިއަކަށް މީހަކު އައިސް ފަހަތުން ބައްދައިގަތުމުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. “މޫމިން! ކިތައް ފަހަރު ބުނާނީ ތިހެން ކުއްލިއަކަށް ނުސިއްސުވާށޭ! ހިތް ހުއްޓިއްޖިއްޔާ ކިހިނެއް ހަދާނީ؟” އަހަރެން ހަަޅޭއްލަވައިގަތީމެވެ. ނަމަވެސް ފަހަތުން ގައިގައި ބައްދައިގެން ހުރި މޫމިންގެ ޖަވާބެއް ނައެވެ. ގައިގައި ވެށިފައިވީ ދެއަތް ދުރަށް ޖައްސައިލުމަށްފަހު އަހަރެން މޫމިންގެ މޫނަށް ބަލައިލީމެވެ. ފެނިގެންދިޔައީ އޭނާގެ މޫނުން އެންމެ ބަލަން ބޭނުންނުވާ، ހިތާމަވެރިކަމެވެ. “އަނެއްކާ ސުހާޔާ މައްސަލަޖެހުނީ؟” މޫމިން ސޯފާގައި ބައިންދަމުން އަހަރެން އެހީމެވެ. ޖަވާބުގައި އޭނާ ބޯޖަހައިލިއިރު ހީވަނީ ދެންމެ ދެންމެ އެ ލޮލުން ކަރުނަތައް އޮހޮރިގަތްފާނެ ހެންނެވެ. “ކިހިނެއްވީ؟”
“އަހަރެން ދެންމެ ސުހާއާ ކައިވެނީގެ ވާހަކަ ދެއްކީމަ އޭނަ ބުނީ ކައިވެނި ކުރާކަށް ބޭނުމެއް ނޫނޯ. ސަބަބު އެހީމަ އައީ ރުޅި. ބުނީ އޭނަ ބޭނުންވަނީ މިނިވަންކޮށް އުޅެންށޯ. ކައިވެނީގެ ކަސްދޮޅު އެޅޭކަށް ބޭނުމެއް ނޫނޯ. ކައިވެނިކުރަން ބޭނުމީއާ އެހެންމީހެއް ހޯދާށޯ.” މޫމިން ކިޔައިދިނެވެ.
“ދެން ކަލޭ ކީކޭ ބުނީ.” އަހަރެން ކެތްމަދުވެފައި އެހީމެވެ.
“އަހަރެން ބުނީ ސޮރީއޭ. ކައިވެނި ނުކުރިއަސް ސުހާއާ އެއްކޮށޭ އުޅެން ބޭނުމީ.” ދެތުންފަތް ފިއްތާލައިފައި އަހަރެން މޫމިންގެ މޫނުން ނަޒަރުކައްސައިލީމެވެ. އިތުރަށް ކެތް ނުވީއެވެ.
“މިރޭ މިގޭގަ ނިދާނީ. ނެތް ގެއަށް ދާހިތެއްވެސް.” މޫމިން ސޯފާގައި ހަމަޖެހިލިއެވެ. ޓީވީއަށް ލޯ ހުއްޓައިލައިގެން އޮތް މޫމިންއަށް އަހަރެން ބަލައިލީމެވެ. މޫމިންއަކީ ކުޑައިރުންސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެކަމެއްވެސް ހިއްސާކުރެވޭ ހަމައެކަނި ފަރާތެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ އަހަރެން އޭނާދެކެ ވާ ލޮއެއްބެވެ.
މޫމިންއަށް ރަޖާގަނޑެއް އެއްލުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. ދޮރު ލައްޕައިލާފައި އެނދުމައްޗަށް ޖެހިގަތީމެވެ. އެތައް އިރެއް ވީއިރުވެސް ލޮލަކަށް ނިންޖެއް ނައެވެ.
ސިޓިންގ ރޫމަށް ނުކުމެ މަޑުމަޑުން ސޯފާއާއި ދިމާއަށްވާގޮތަށް ބިންމަތީ އިށީނީމެވެ. މޫމިންގެ މޫނަށް އަހަރެެން ބަލައިލީމެވެ. ވަރަށްވެސް ފުރިހަމައެވެ. ރީތިކަމުގެ ލާމަސީލު މިސާލެކެވެ. މޫނުމައްޗަށް ފައިބައިފައި އިން ފަން އިސްތަށިކޮޅު އެއްކައިރިކޮށްލީމެވެ. އަދި އޭނާގެ ދޮން ކޯތާފަތުގައި އަތް ބީހިލީމެވެ. އޭނާ މިހާ ގާތުގައި ވާއިރުވެސް، އޭނާގެ ލޯބި ވަނީ އަހަރެންގެ އަތް ފޯރާ ހިސާބަކު ނޫނެވެ.
ގަޑީގެ ސޯނާގެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް ހޭލެވުނެވެ. އަތް ދަމާލާފައި ބަން ކިޔާ ސޯނާ ގަޑީގައި ޖަހައި އަޑު ނިވައިލީމެވެ. ސޯނާ ގަޑީގެ ކުށެއްވެސް ނެތެވެ. މުޅި ބޮލުގައާއި އެކު ރަޖާއަޅައި އަލުން ނިދީގެ ތެރެއަށް ފީނައިގަނެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ވީ ނާކާމިޔާބެވެ.
ކޮޓަރިން ނުކުތްގޮތަށް ފުރަތަމަވެސް އަހަންނަށް ބަލައިލެވުނީ މޫމިން އުޅޭތޯއެވެ. ސިޓިންރޫމުގައި ފެންނަން ނެތުމުން ނިންމީ ހޭލައިގެން ދިޔައީކަމަށެވެ. ގައި ކަހަމުން އަހަރެން އަނެއްކާވެސް ކޮޓަރިއަށް ވަނީ، ފާހަނާއަށް ވަނުމަށެވެ. ލައިގެން ހުރި ޓީޝާޓުގައި ހިފައި މައްޗަށް ހިއްލައިލި ވަގުތު ފާހަނާ ދޮރު ހުޅުވާފައި ނުކުތީ މޫމިންއެވެ. އަވަސް އަވަހަށް އަހަންނަށް ޓީޝާޓު ތިރިކޮށްލެވުނެވެ. މޫމިންއަށް ހަމަ ރީތިކޮށް އަހަރެންގެ ގައި ފެންނާނެއެވެ. ނަމަވެސް އޭނާއަށް އެއީ ކަމަކަށް ވީހެންވެސް ހީނުވިއެވެ.
“ހާދަ މީރުވަސް ދުވާ ޝަވަރ ކްރީމްއެކޭ. ދެން ދުވަހަކުން އަންނާނީ ތުވާލި ހިފައިގެން މިގެއިން ފެންވެސް ވަރާގޮތަށް.” މޫމިން އަހަރެންގެ ތުވާލީގައި މޫނު ފުހެލާފައި ބުންޏެވެ.
“ސުހާ ރުޅި އާދެއެއް ނޫންތަ މޫމިން މާގިނައިން މިގެއަށް އައިމަ.” އަހަރެން ބުނީމެވެ.
“ސުހާ ރުޅިއަޔަސް ލަޔާއާ ދުރަކަށް އަހަންނެއް ނުދާނަން.” މޫމިންގެ މި ޖުމުލައިގައި ފުން މާނައެއް ނުވާކަން އަހަންނަށް އިނގެއެވެ. ނަމަވެސް އުފާކުރެވުނީ ހިތުގެ އަޑިންނެވެ. “ދެން އަހަންނާ ގުޅުން ކަނޑައި ނުލައިފިއްޔާ ރުޅިވާނަމޭ ބުނެފިއްޔާޔޯ؟” އެ ސުވާލު ކުރުމަށްފަހު، ކުރެވުނު މޮޔައޭ އަހަރެންގެ ހިތަށްއެރިއެވެ.
“ސުހާ ނުބުނާނެ އެހެންނެއް.” ވަރަށް ޔަގީންކަމާއެކު މޫމިން ބުންޏެވެ. އޭނާ ސުހާއަށް އިތުބާރު ކުރަނީ ލޯމަރައިގެންކަން އަހަރެން ހަނދާންނެތުނީ ހެއްޔެވެ؟
ސުހާއަކީ މޫމިންގެ ހިތުގެ މަލިކާއެވެ. އޭނާގެ ބުރުސޫރަ އަހަންނަށްވުރެ ހާސްތަން ރީއްޗެވެ. ހުރިހާ ގޮތަކުންވެސް އަހަންނަށް ވުރެ މޮޅެވެ. އޭނާދެކެ ލޯބިވާ ފިރިހެނުންގެ ލިސްޓު ދިގެވެ. ނަމަވެސް އޭނާ ލޯބިވަނީ މޫމިންދެކެ ކަން އަހަރެން ޔަގީން ކުރީމެވެ. ރުޅިގަދަކަމާއި ގޮތްދޫނުކުރުމަކީ ސުހާގެ ސިފަތަކެވެ. އެހެނަސް އަހަންނަށް ހުރިހާ ކަމަކަށްވުރެ މުހިންމީ މޫމިންގެ އުފަލާއި ހިތްހަމަޖެހުމެވެ.
އޮފީސް ގަޑީ އަހަރެން ބްރޭކް ނެގީ ސުހާ ނަގާނެ ގަޑިއެއް ބަލާފައެވެ. ސްޕެގެޓީ ތަށްޓަކާއި އައިސް ކޮފީއެއް ހިފައިގެން ގޮސް ސުހާ ކާން އިން މޭޒު ކުރިމަތީ ހުއްޓުނީމެވެ. “އޯކޭތަ މިތާ އިށީނަސް؟” އަހަރެން އަހައިލީމެވެ. ސުހާ އަނގައިން ނުބުނެ ހަމައެކަނި ބޯޖަަހައިލީ އަނގައިގައި ކާއެއްޗެހި ހުރީމަކަމެއް، ނުވަތަ އެހެން ސަބަބަކާހުރެ ކަމެއް ނޭންގެއެވެ. ގޮތް ބަލައިލުމަށް އަހަރެން ފުރަތަމަ ވާހަކަ ފެށީ އޮފީސް ކަމަކާއި ބެހޭގޮތުންނެވެ. ސުހާގެ ރާގުގައި ތަފާތުކަމެއް ނެތުމުން ދައްކަން އައި ވާހަކަ ފެށީމެވެ.
“މޫމިންއާ މައްސަލައެއް ޖެހުނީތަ؟ މިއަދު މާ ވަކިވަކިން ދެ މީހުން އުޅޭހެން ހީވާތީ.” މޫމިންގެ ނަން އިވުމާއެކު ސުހާ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. އަހަރެން ނިންމީ މޫމިން ހުރިހާ ވާހަކައެއް ކިޔައިދިންކަން އެހަށް ނުބުނެ ބޭއްވުމަށެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމުން އަހަރެން ހީކުރީ މަސައްކަތް ނާކާމިޔާބުވާން އުޅެނީކަމަށެވެ. ނަމަވެސް ކުއްލިއަކަށް ސުހާ އިސްއުފުލައި ބަލައިލިއެވެ.
“ލަޔާ. އަހަރެން ކިހިނެތް ހަދާނީ؟ ރޭގަ މޫމިން ޕްރޮޕޯޒްކުރީމަ އަހަންނަށް ބުނެވިއްޖެ ނޫނެކޭ. އަސްލު ބޭނުން މޫމިންއާ މެރީކުރަން. އިއްޔެ ބައްޕަ ދެއްކި ވާހަކައަކުން އަހަރެން އިނީ މޫޑު ހަރާބުވެފަ. އެހެންވެ އެހެން ބުނެވުނީ.” ސުހާގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ. ލޮލަށް އޭރު ކަރުނަތަށް ވަނީ ޖަމާވެފައެވެ.
“ދެން އެހެންވިއްޔާ ތިހެން ބުނެބަލަ ގޮސް، މޫމިން ކައިރީ.” އަހަރެން ބުނީމެވެ.
“ނޫން އޭރަށް މޫމިން ރުޅިއައިސްދާނެ.” އެހެން ބުނުމާއެކު ސުހާއަށް ރޮވިއްޖެއެވެ.
“މޫމިން ރުޅި އަންނާނޭ؟ އެއީ ރުޅި އަންނަން އިނގޭ މީހެއްވެސް ނޫން. ދެން ކީކޭ މީނަ މި ކިޔަނީ؟” އަހަރެންގެ ހިތަށް އެރިއެވެ. “ނާންނާނެ. އަސްލު މިއަދު މޫމިން ބުނި އަހަރެން ކައިރީ ތި ވާހަކަ. އޭނަ ހުރީ ވަރަށް ދެރަ ވެފަ. އެކަމު ރުޅިއެއް ނާދޭ. ބުނީ އިނަސް ނީނަސް ސުހާއާ އެއްކޮށޯ އުޅެން ބޭނުމީ. ސުހާ ތެދަށް ތިހެން ބުނެފިއްޔާ ޔަގީން އޭނަ ވަރަށް އުފާވާނެކަން.” މިފަހަރު އަހަރެން ފޮރުވީ މޫމިން ރޭ ދަންވާން އުޅެނިކޮށް އަހަރެންގެ ގެއަށް އައިސް ހުރިހާ ކަމެއް ކިޔައިދިން ވާހަކައެވެ.
ސުހާގެ މޫނު އަލިވެއްޖެއެވެ. ކަރުނަތައް ފުހެލާފައި ތެދު ބުނާނަންކަމަށް ބުނެ ދާން ތެދުވެއްޖެއެވެ. އަހަރެންގެ ހިތުގެ އެއްފަޅީގައިވީ މޫމިންއަށްޓަކައި ވީ އުފާވެރިކަމެވެ. އަނެއް ފަޅީގައި ރިހުމާއި، އަމިއްލަ ނަފްސަށް ވެވެމުންްދިޔަ ހަމްދަރްދީއެވެ.
ސުހާ ތެދުވެގެން ދިއުމާއެކު ކުރިމަތީ އައިސް އިށީނީ ކިޔާންއެވެ. “އަދިވެސް އެ ދެމީހުން ގުޅުވަންތަ ތިއުޅެނީ؟ އެއްފަހަރުވެސް އަމިއްލަ މީހާ ހިތުގަވާ އެއްޗެއް މޫމިންއަށް ފޯރުކޮށްދެވޭތޯ އުޅުނީއާ ކީއްތަވާނީ؟” ކިޔާންގެ އަޑުގައި ވީ ހަމްދަރްދީއެވެ. އަހަރެން މޫމިންދެކެ ލޯބިވާކަން އިނގޭ ހަމައެކަނި މީހަކީ އެއީއެވެ.
“އަހެރެން ބޭނުމެއް ނޫން ބޭކާރު އަނގައެއްތަޅައިގެން އަހަރުން ދެމެދުގަ އޮތް ގުޅުން ހީނަރުކުރާކަށް. އޭނަ އުފަލުގަ އުޅެނިކޮށް އަހަންނަށް ނިމުނީ.”
“ބޭކާރު އަނގައޭ؟ ކަލޭ…” ކިޔާންގެ ޖުމުލަ ފުރިހަމަ ނުވަނީސް އަހަރެން ގޮނޑިން ތެދުވީމެވެ. އިތުރަށް އެ މައުލޫއަށް ވާހަކަދައްކަން ބޭނުންނުވީއެވެ.
މަސައްކަތް ނިންމާލާފައި ނުކުތްއިރު ޕާކިން ލޮޓްގައި އެކަކު އަނެކަކު ގައިގައި ބައްދައިލައިގެން ތިބި މޫމިންއާއި ސުހާ އަހަރެން ދުށީމެވެ. ސައިކަލު ބަލައި އެމީހުން ހުރަސްކޮށް ދާން ނުޖެހުނުކަން ނަސީބެކޭ ހިތަށްއެރިއެވެ. އަވަސް އަވަހަށް އެމީހުންނަށް އަހަރެން ފެނުމުގެ ކުރިން ސައިކަލަށް އަރައި ދުއްވައިލީމެވެ.
މޫމިންއާއި ސުހާގެ ކައިވެނީގެ ކަންތައް ހަމަޖެއްސުމުގައި އެންމެ އިސްކޮށް އުޅުނު އެކަކަކީ އަހަންނެވެ. ހޯލުގެ ޑެކަރޭޝަންތައް ހަރުކުރާނެގޮތުގެ ތަފްސީލު މަސައްކަތު މީހުނަށް ދިނުމަށްފަހު އެތެރެގެއަށް ވަނީ ކަރުހިއްކުން ފިލުވައިލުމަށެވެ. ފެން ކޭހުން ފެން ފުޅިއެއް ނަގައި ތުމުގައި ޖަހައިގެން އަހަރެން ދިޔައީ މޫމިންގެ ކޮޓަރިއަށް އޭނާ ކުރާކަމެއް ބަލައިލުމަށެވެ. ދޮރު ހުޅުވާފައި ހުރުމުން ހުއްދައެއް ނެތި އެތެރެއަށް ވަނީމެވެ. ފެނިގެން ދިޔަ މަންޒަރުން އަނގައިގައި ހުރި ފެންފޮދު ނުބައި މަގަކުން ދިރި ކޮށިއެރިއެވެ. މޫމިން އޭނާގެ ވާން އުޅޭ އަނބިމީހާގެ ތުންފަތުގައި ބޮސްދޭތަނެވެ. އަހަރެން ފެނުމާއެކު ސުހާއަށް ހީވީ ފުރޭތައެއް ފެނުނުހެންނެވެ. އަވަސް އަވަހަށް މޫމިން ދުރަށް ކޮއްޕައިލަމުން އޭނާވެސް ފަހަތަށް ޖެހުނެވެ.
“ކޮބާ، ނިމުނީތަ ޑެކަރޭޝަންތައް؟” މޫމިން ވާހަކަ އޮޅުވައިލިއެވެ.
“ނޫން އަދި ނުނިމޭ.” ސަތޭކަ އަށްޑިހަ ޑިގުރީ ފަހަތަށް އެނބުރުނުގޮތަށް ދޮރާއި ދިމާއަށް ހިނގައިގަންނަމުން އަހަރެން ޖަވާބު ދިނީމެވެ. ހިތް ތެޅެމުން ދިޔައީ ހެސްކިޔާފައެވެ. ހުވަފެނުން އެތައް ފަހަރަކު ދެކެފައިވާ އެ މަންޒަރު ފެނުނު ނަމަވެސް އަހަރެންގެ ޖާގައިގައި ހުރީ އެހެން މީހެކެވެ. މޫމިން އަހަރެން ފަހަތުން އަންނަން ހެދުުމުން އަދި ހައްތަހާ އުނދަގޫވިއެވެ. އަހަރެން މި ދަނީއޭ، ދެން ކުރަން ތިބި ކަންތައް ކުރިއަށް ގެންދާށޭ ބުނެ ހަޅޭއްލަވައިގަތްފާނަމޭ ހިތަށް އެރިއެވެ. ނެރެން ބޭނުންވި ކަރުނަތައް ނެރެ ހުސްކޮށްލަފާނަމޭ ހިތަށްއެރިއެވެ.
ކައިވެނީގެ ހަފްލާ ބޭއްވިގެންދިޔައީ ވަރަށް ކުލަގަދަކޮށެވެ. މުޅި ރަށު ރައްޔިތުން ކަހަލައިން ބައިވެރިވިއެވެ. ޖެހިޖެހިގެން ހުއްޓިލައިގެން ތިބި މޫމިންއާއި ސުހާ، މެހެމާނުންނާއި ސަލާމްކުރާތަން ބަލަން އަހަރެން އިނީމެވެ. ގަދަ ނޫކުލައިގެ ކޯޓު ފަޓުލާނާއި ޓައީގައި މޫމިން ކިތަންމެހާވެސް ޗާލެވެ. އެހެން އުޅެފައި މޫމިންއަށް ސުހާ ލައިގެން ހުރި ހެދުމުގެ ފަސްބަޔަށް އެރިއްޖެއެވެ. ކިހިނެއް ކަމެއް އިނގޭނީ ހެއްދެވި ފަރާތަށެވެ. ދެ މީހުންއެކީގައި ނުވެއްޓުނީ ކިރިޔާއެވެ. އެހެން މީހުން ހާސްވެގެން ބަލަންފެށި ނަމަވެސް، މޫމިން ސުހާއަށް ސޮރީ ސޮރީ ތަކުރާރުކުރަން ފެށި ގޮތުން އަހަންނަށް ހެވުނީއެވެ. މާ ދުރުގައި ހުރި އަހަންނަށް މޫމިން ބަލައިލީ ހޭ އަޑު އިވިގެންނެއް ނޫނެވެ. އެންމެ ފުރަތަމަ ހޭނީ އަހަރެންކަން ޔަގީންވާތީ އަހަރެން ހޯދީއެވެ. ކިތަންމެ ފިރިހެންވަންތަކޮށް ހުއްޓަސް އަދިވެސް އަހަންނަށް މޫމިންއަކީ އެންމެ ކުޑައިރުންސުރެ އެކުގައި އުޅުނު ބޭބީއެވެ. އަހަންނަށް އޭނާ މި ދުނިޔެގެ އެންމެނަށްވުރެ ލޮއެއްބެވެ.
ހަފްލާ ނިމުމުން މޫމިން އަހަރެންގާތު އޭރު ގަތް ލަދުގެ ވާހަކަ ދައްކައި ބޮޑާ ހާކާނެގޮތް ހިތަށް އެރުމުން ހިނިތުންވެވުނެވެ. ނަމަވެސް އެ ހިނިތުންވުން ގެއްލިގެން ދިޔައީ އަހަރެންގެ ބަދަލުގައި ދެން އެ ހުރިހާ ވާހަކައެއް ދައްކާނެ މީހަކު ހުންނާނެއޭ ހިތަށް އެރުމުންނެވެ. ދެން އަހަރެން ގާތަށް އޭނާ އަންނާނެބާއޭ ހިތަށް އެރިއެވެ.
ފާހަނައިން ނުކުންނަން އުޅެނިކޮށް މީހަކު ދޮރު ބުޑުގައި ހުރެގެން ވާހަކަ ދައްކާ އަޑު އިވުނެވެ. ކަންފަތް ޖަހައި އަޑު އަހައިލެވުނީ އިންސާނީ ޠަބީއަތުންނެވެ.
“ދެން އެހަށް ޗިލްވެބަ ބޭބީ.” އެއީ ސުހާގެ އަޑުކަން އަހަންނަށް ފާހަގަވިއެވެ.
“ބޭބީއޭ؟ މޫމިންއާއެކީ ތަ އެ އުޅެނީ؟” އަހަރެންގެ ހިތަށް އެރިއެވެ.
“މިހާރު އޭނަ އެއީ އަހަރެންގެ މިލްކެއް. ބޭނުންގޮތެއް ހެދޭނެ. މިއާއިލާގެ މުދާގަނޑުން ބައެއް ކޮންމެހެން ހަދާފަވެސް އަހަރެން ހޯދާނަން!” އަހަރެންގެ ދެލޯ ބޮޑުވީ ބޮޑުވާނެ ވަރަކަށެވެ. ކޮޓަރި ދޮރު ކިރިޔާ ލޯޖެހޭ ވަރަށް ހުޅުވައި ބަލައިލިއިރު ސުހާ ހުރީ ފޯނެއްގައެވެ. ދޮރު ލައްޕައިލީ ފިލައި ހުރެ އިތުރަށް އަޑު އެހުމަށެވެ. އިރުކޮޅެއް ފަހުން ފާހަނައިން ނުކުތްއިރު ސުހާ ފެންނާކަށް ނެތެވެ.
އެރޭ ހަފްލާ ނިމުނު ފަހުންވެސް އަހަރެން ސުހާއަށް ފާރަލީމެވެ. ފޯނުން އޭނާ ބޭބީއޭ ކިޔައިގެން ވާހަކަ ދެއްކި މީހެއް ކައިރީ މީރޭ ބައްދަލުކުރާ ވާހަކަ ދެއްކި އަޑު އިވިފައިވާތީއެވެ. މީހުންގަނޑު ނުކުނަން ފެށި ގަޑި ބަލާފައި ސުހާ ބޭރަށް ދެމިގަތެވެ. ޖެހިގެން ހުރި މަގުން ގޮސް ނުކުތީ އަތިރި ފަޅިއަށެވެ. އެތާގައި އިންތިޒާރުގައި ހުރީ ދެބައިއުމުރުގެ ފިރިހެނެކެވެ. ސުހާ ވެޑިންޑްރެސްގެ ދިގު ތިރީކޮޅުގައި ހިފައި ފަސްބައި ހިއްލާލައިގެން ދުވެފައިގޮސް އެމީހާ ގައިގައި ބައްދައިލިއެވެ. އެއާއެކު ދެމީހުން އެކަކު އަނެކަކު ތުންފަތުގައި ބޮސްދޭން ފަށައިފިއެވެ. ކުރިމަތިން ފެންނަމުން މިދާ މަންޒަރު އަހަންނަކަށް ހަޖަމެއް ނުކުރެވުނެވެ.
ގެއަށް ގޮސް އިރުކޮޅަކު އަހަރެން އިނީ ގަބުއަރާފައެވެ. ނަމަވެސް ދެން އަހަރެންގެ ގާތަށް އައީ ރުޅިއެވެ. އަހަރެންގެ ލޯބިވާ މޫމިންއަށް އޮޅުވައިލި އަންހެނާދެކެއެވެ. އެކަމުގައި ޝާމިލުވާ ސުހާގެ ލޯބިވެރިޔާދެކެއެވެ. އެންމެ ބޮޑަށް ރުޅި އާދެވުނީ އަމިއްލަ ނަފްސުދެކެއެވެ. ސުހާގެ ހަގީގަތް ދެނެގަތުމަށް ނޫޅެވުނީތީއެވެ. މޫމިންގެ އުފަލަށްޓަކައި އެ އަންހެނާއަށް، ލޯ މަރާފައި އިތުބާރު ކުރެވުނީތީއެވެ.
“ދެން ކިހިނެތް އަހަރެން ހަދާނީ؟ މޫމިންއަށް ތެދު އިނގިއްޖިއްޔާ އޭނަ ކުދިކުދިވެދާނެ.” މިއޮށްހާ ދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ލޮލުން ބަންޑުންވެއްޖެއެވެ. އަހަރެންގެ ކޯތާފަތް އެކީ ތެންމާލައިފިއެވެ. ހުއްޓުމެއް ނެތި އެރޭ އަހަރެން ދެ ގަޑިއިރު ވަންދެން އެޅީ ދެ އަހަރު ދުވަހުގެ ކަރުނައޭ ބުނުން ދޮގަކަށް ނުވާނެއެވެ.
އަނެއް ދުވަހު ހޭލެވުނީ ފިނި ތަޅުންގަނޑުމަތިންނެވެ. ގައިގެ އެތަންމިތާންގައި ރިއްސައެވެ. ދެލޯ އޮތީ ދުޅަވެފައެވެ. ނަމަވެސް އަހަރެންގެ ހިތުގައިވީ އާ އަޒުމެކެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މޫމިން ހަގީގަތާއި ހަމައަށް ފޯރުކޮށްދިނުމެވެ. އޭގެ ފަހުން އޭނާ ކުރާ ކޮންމެ ހިތާމައެއްގައި ގާތުގައި އަހަރެން ވާނަންކަމަށް އަމިއްލަ ނަފްސަށް ހުވާކުރީމެވެ.
އަހަރެން ފާރަލަމުންދިޔައީ ސުހާ އަނެއްކާވެސް އެ މީހާއާއި ބައްދަލުކުރާނެ ދުވަހަކަށެވެ. އެ ދުވަސް މާ ލަސްނުވެ އަތުވެއްޖެއެވެ. އަވަހަށް އޮފީސް މަސައްކަތްތައް ނިންމައިލާފައި ލޯބިވެރިޔާއާއި ބައްދަލުކުރަން އުޅޭކަން އަހަންނަށް އިނގުނެވެ. އަހަރެން އަވަހަށް ދިޔައީ މޫމިން ކައިރިއަށެވެ.
“އޭތް މިއަދު އަވަހަށް މަސައްކަތް ނިންމައްޗޭ. އެބައޮތް އެއްޗެއް ދައްކަންވެފަ.” މުމިންގާތު އަހަރެން ބުނީމެވެ. ކޯޗެއްތޯ އެހުމުން އަހަރެން ޖަވާބު ނުދިން ނަމަވެސް އޭނާ ދާން އެއްބަސްވިއެވެ.
ސުހާ ފަހަތުން އަހަރެން ފޮނުވީ ކިޔާންއެވެ. ހަގީގަތް ކިޔައިދިނުމުން، ކިޔާންވަނީ އަހަންނަށް އެހީވުމަށް އެއްބަސްވެފައެވެ. ސުހާ މަންޒިލަށް ފޯރުމުން ކިޔާން އަހަންނަށް ގުޅިއެވެ. އަހަރެން، މޫމިން ގޮވައިގެން ސައިކަލުގައި އެދިމާއަށް ދުއްވައިލީމެވެ.
“ކޯޗެއް ދައްކަންތަ ތި ގެންދަނީ؟” އަތިރިމައްޗަށް ނެރުމުން މޫމިން އަނެއްކާވެސް ސުވާލުކުރިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ވަށައިގެން ހޯދައިލިއިރު މެންދުރުގެ ހޫނު އަވިގަނޑުގައި އެކަކުވެސް ފެންނާކަށް ނެތެވެ. މޫމިން ކައިރީ މަޑުކުރުމަށް ބުނެފައި އަހަރެން ދުރަށްޖެހިލީ ކިޔާންއަށް ގުޅުމަށެވެ.
“ހަލޯ… ކޮންތާކު ތިހުރީ؟” އަހެރެން އެހީމެވެ. އެކޮޅުން ކިޔާން ކިޔާއެއްޗެއް ސާފެއްނުވިއެވެ. އަޑުދަނީ ކަނޑަކަނޑައިގެންނެވެ. އިރުކޮޅަކުން ފޯނު ކެނޑިއްޖެއެވެ. ރޭންޖުވެސް ކެނޑެންވީ މިގަޑީހޭ ހިތަށް އެރިއެވެ. މޫމިން ހުރި ކޮޅަށް އެނބުރުނީމެވެ. ނަމަވެސް އޭނާ ފެންނާކަށް ނެތެވެ.
“މޫމިން؟…” އަހަރެން މޫމިން ހޯދަންފެށީމެވެ. އެތައްއިރެއްގެ މަސައްކަތަށްފަހު ފެނުނުއިރު މޫމިން އިނީ ވެލިގަނޑު މަތީ އިށީންދެގެންނެވެ. އޭނާގެ ނިތްކުރި ފަޅައިގެންގޮސް ލޭ އަންނަތަން ފެނިފައި ސިކުނޑި ސުމަކަށް ނުދިޔައީ ކިރިޔާއެވެ. ކައިރީގައި ކިޔާންވެސް އިނެވެ.
“މޫމިން!” ދުވެފައިގޮސް އަަހަރެން އޭނާކައިރިއަށް ތިރިވީމެވެ. ވީގޮތް އެހުމުގެ ކުރިން އަވަސްވެގަތީ މޫމިން ހޮސްޕިޓަލަށް ގެންދިއުމަށެވެ.
ތިން ދުވަސް ފަހެވެ. ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އަހަންނާއި ކިޔާންއަށް ފިލައިގެން މޫމިން ދިޔަތަނެއް އެކަކަށްވެސް ނޭންގެއެވެ. އަހަންނަށް އޭނާ ހޯދުނު ވަރު ގުނާ އަދަދު ނުވެއެވެ. މޫމިންއާއިމެދު އަހަންނަށް ނުވިސްނޭ އެންމެ ވަގުތެއްވެސް ނުދެއެވެ.
އެދުވަހު ކަންތައް ހިނގި ގޮތް އަހަރެން އަޑުއެހީ ހުރިހާކަމެއް ދުއް ކިޔާންގެ ދުލުންނެވެ. އަހަރެން ފޯނުކުރަން އެނބުރުނު ގަޑީ މޫމިންއަށް ދުރުން ސުހާމެން ފެނުނީ ކަންނޭންގެއެވެ. ދިޔަގޮތަށްގޮސް އޭނާ ސުހާގެ ލޯބިވެރިޔާ ގައިގައި ތަޅައިގަތީއެވެ. ނަމަވެސް ހަށިގަނޑު ބިޔަ އެމީހާ މޫމިންއަށް ހަމަލާ ދިން އިރު ދެއްކޭނެ ބާރެއް ނެތުނީއެވެ. ދެމެދަށް ވަތް ކިޔާންގެވެސް ބަނޑުގައި އެމީހާ ޖެހީ އުޅަނބޮށިންނެވެ. ކިޔާން ބުނީ ބޮލަށް އެނބުރުން އަރައިގެން ދިޔަ ކަމަށެވެ.
“އާނ މިދަނީ!” ދޮރުގައި މާ ބާރަކަށް ޓަކިތަޅާތީ އަހަރެން ގޮވައިލިމެވެ. ދޮރު ހުޅުވައިލިއިރު ކުރިމަތީ ހުރި މީހާ އައިސް ޖެހުނީ އަހަރެން ގައިގައެވެ. “މޫމިން؟!” އަހަންނަށް ބުނެވުނެވެ. އެނާގެ ހާލަތު ރަނގަޅުނޫންކަން ފެނިގެންދިޔައީ ސީދަލަށް ކޮޅަށްވެސް ނުހުރެވޭތީއެވެ. ގައިން ދުވި ސިނގެރޭޓު ވަހަކީ ދުވަހަކުވެސް އަހަރެން ދަންނަ މޫމިން ގައިން ދުވި ވަހެއް ނޫނެވެ. ނަމަވެސް އޭނާގެ ހާލު ހުރިގޮތުން އޭނާ އެއައީ ހަމައެކަނި ސިނގިރޭޓެއް ބޯލައިގެންނެކޭ ނުބުނެވޭނެއެވެ.
“ލަޔާ! އަހަރެންގެ ބެސްޓީ!…” ކިރިޔަކިރިޔާ ލޯ ހުޅުވައިލަމުން މޫމިން ވަރުނެތް ރާގަކަށް ގޮވައިލިއެވެ. އަހަރެން ހުރީ ބަސް ހުއްޓިފައެވެ.
އަތް ކޮނޑުގައި އަޅުވައިގެން މޫމިން ގޭތެރެއަށް ވެއްދީމެވެ. ސޯފާގައި ބައިންދަން އުޅެނިކޮށް ވެއްޓުނީ އުއްޑުންނެވެ. އަހަރެން ވެއްޓުނީ އޭނާގެ ގައި މައްޗަށެވެ. ހަތަރުކަޅި ހަމަވީހިނދު އަހަރެންގެ ހިތް ތެޅިގަތެވެ. މޫނަށް ލޭ އަރައި ރަތް ވާކަން އިހުސާސުވާން ފެށިއެވެ. ނޭވާ ހިފަހައްޓައިލެވުނެވެ. މޫމިންގެ ތޫނު ކަޅި ހީވީ ސީދާ އަހަރެންގެ ފުރާނައާއި ހަމައަށް ފޯރަން މަސައްކަތްކުރާ ހެންނެވެ. އެ ތުންފަތް ދިޔައީ ބޮސްދިނުމަށް ގޮވަމުންފަދައެވެ. އަހަރެން އޭނާގެ ތުންފަތުގައި މަޑުމަޑުން ތުންފަތް ޖައްސައިލީމެވެ. މޫމިން އަހަރެންގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. ފިރުމުންތަކާއި ބީހުންތަކުގައި އަހަރުމެން ދެމީހުން މަސްތުވިއެވެ. އެތަށް ޒަމާނެއް ވަންދެން އަހަރެން އެމީހަކަށް ފެންބޮވައިގަތްފައިވީ ފަރާތުގެ އަތުތެރެއަށް ހަމަ ބުއްދި ފިލައިގޮސް އިހުސާސުތަކަށް ގެނބިގެންދިޔައެވެ.
ހެނދުނު ހޭލެވުނުއިރު އަހަރުމެން ދެމީހުން ތިބީ އެއްވެސް ފަރުދާއަކާއި ނުލައެވެ. އަހަރެން އަވަސްއަވަހަށް ތެދުވެ ބިންމައްޗަށް އުކާލެވިފައި ހުރި އަންނައުނުކޮޅު ނެގީމެވެ. އަދި މޫމިންގެ ގައިގައި ރަޖާގަނޑެއް ފަތުރައިލީމެވެ.
ފެންވަރައިގެން ނުކުތްއިރު މޫމިން އިނީ ސޯފާމަތީ ކޮޅަށެވެ. އަހަރެން ފެނުމާއެކު ބަލައިލިގޮތުން އެތަކެއް ސުވާލަކާ ކުރިމަތިލުމަށް އަހަރެން ތައްޔާރުވިމެވެ.
“ކޮން އިރަކު އަހަރެން މިގެއަށް އައީ؟” މޫމިން އޭނާގެ ފުރަތަމަ ސުވާލު އެއްސެވެ. އަހަރެން ހީކުރީގޮތަށް އޭނާ އެކައްޗެއްވެސް ހަނދާނެއް ނެތެވެ. އެއީ އަހަރެން ބޭނުންވިގޮތްވެސްމެއެވެ. އަހަރުމެން ދެމީހުން ދޭތެރޭ ހިނގި ކަންތައް އޭނާގެ ހަނދާނަށް އައިނަމަ އަހަރެމެންގެ ދެމެދުގައިވީ އެކުވެރިކަން ފުނޑުފުނޑުވާނެއެވެ. ހުރިހާކަމަކަށްވުރެ އަހަރެން އެންމެ ބިރުގަތީ އޭނާ މާފަށް އެދިފާނެތިއެވެ. އެ ހުރިހާކަމަކަށްފަހު މާފަށް އެދެފިނަމަ އަހަރެންގެ ހިތް ކުދިކުދިވާނެއެވެ. މޫމިން އަހަރެންދެކެ ލޯބިވާނެކަމުގެ އެއްވެސް އުންމީދެއް އަހަރެން ނުގެންގުޅެމެވެ.
“ރޭގަ.” އަހަރެން ޖަވާބުދިނީމެވެ.
“ކީއްވެ އަހަރެން އެއްޗެހި ނުލާ އޮތީ؟” އޭނާ އަހަންނަށް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. ފާފައެއް ކުރެވުނުކަމުގެ ޝައްކެވެ.
“ކަލޭ ރޭގަ ހުރީ ހެސްކިޔާފަ އަމަލުވެފަ. އެއްޗިހި ބާލައިގެން އޮތަސް ހައިރާންވާ ވަރު ކަމެއް ނޫން.” އަހަރެން މޫމިންގެ މޫނަށް ބަލައިވެސް ނުލަމެވެ. ތެދު ބުނެވިދާނެތީއެވެ. ހުރިހާކަމެއް ފަޅާ އަރާފާނެތީއެވެ. މޫމިން އަދިވެސް އިނީ ބަލަހައިޓައިގެންނެވެ.
“އަހަރެން ނުދެނަހުރިން ތީ އެކަހަލަ ކަންތައް ކުރާ މީހެއްކަމެއް.” އަހަރެން މައުލޫއު ބަދަލުކޮށްލީމެވެ. މޫމިން އިސްޖަހައިލިއެވެ. “ސުހާގެ ކަންތަކާ ހިތާމަކޮށްކޮށް އެ ހިސާބަށްވެސް ދާންޖެހުނީތަ؟” ދެންވެސް ވާހަކަދެއްކީ އަހަންނެވެ.
“ސުހާ ވަރިކޮށްފިން.” މޫމިން ބުންޏެވެ. އަހަންނަށް ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ.
“ދެން އެހެންވިއްޔާ އެއްޗިހި ބޭނުންކޮށްގެން ނުވާނެ!… އަހަންނަށްޓަކައި.” މޫމިން ކުރިމަތީ ހުއްޓެމުން އަހަރެން ބުނީމެވެ. ސޯފާގައި އިންގޮތަށް އިނދެ މޫމިން އަހަރެެންގެ ގައިގައި ބައްދައިލިއެވެ. އަހަރެން އޭނާގެ ބޮލުގައި ފިރުމައިލީމެވެ. އަދި އޭނާ ދޫކޮށްލަންދެން ހުރިގޮތަށް ހުރީމެވެ.
އޮފީހުގައި އިނދެފައި ކުއްލިއަކަށް އަނގަމަތީ އަތް އަޅައިގެން އަހަރެން ފާހަނައަށް ދުއްވައިގަތުމުން ސެކްޝަންގައި ތިބި އެންމެން ތިބީ ކަންބޮޑުވެފައެވެ. މިހާރު މި ހާލެއްގައި އުޅޭތާ އެއް ހަފްތާ ވަނީއެވެ.
“ލަޔާ ބަނޑުބޮޑީތަ؟” ޖެހިގެން އިން އައިޝާ ބުނި އެއްޗަކުން އަހަރެން ބޯން އިން ފެންފޮދު ނުބައި މަގަކުން ދިރި ކޮށިއެރިއެވެ.
“އައިޝާ މޮޔަތަ؟ އަހަރެން އަދި މީހަކާވެސް ނީންނަން.” އަހަންނަށް އައިޝާ ބުނި އެތި އެއްގޮތަކަށްވެސް ކަމަކުނުދިޔައެވެ. އޭނާ ކުރި ސަމާސާއެކޭ ހިތަށް އަރުވާލައިފައި ދޫކޮށްލީމެވެ.
ކުނިކަހަން ހުރެފައި އިށީންދެލަންޖެހުނީ މޫނުމައްޗަށް އަނދިރިވާހެން ހީވެގެންނެވެ. “ލަޔާ ބަނޑުބޮޑީތަ؟” ސޯފާގައި ލެނގިލި އިރު އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔައީ އެކުވެރިޔާގެ އެ ބަސްކޮޅެވެ. ދެ ތުންފަތް ފިއްތައިލަމުން އެކަމާ ވިސްނައިލީމެވެ.
“ޕޮޒިޓިވް.” ޑޮކްޓަރުގެ ހަބަރު އަހަންނަށް ހީވީ މޫނުމަތީ އަޅައިލި އެތިފަހަރެއްހެންނެވެ. އަގައިންވެސް ނުބުނެ ނުކުމެގެން އައިމެވެ. އެއްފަހަރު މޫމިން ކައިރީ މި ވާހަކަ އެންގުމުން އޭނާ އުފަލުން ނަށާތަން އަހަންނަށް ހިޔާލަށް ގެނެވުނެވެ. ނަމަވެސް އެއީ ހަމައެކަނި ހިޔާލީ ފޯލާއެކެވެ. މޫމިންހާ ހެެޔޮ މީހަކުވެސް ނަހަލާލު ދަރިއަކަށް އުފާފާޅެއް ނުކުރާނެއެވެ. ކުރެވުނު ކުށަށް އަމިއްލަ ނަފްސުދެކެ ނުވަތަ އަހަރެންދެކެ ކުރާނީ ނަފްރަތެވެ. އަހަރެންގެ ބަނޑުގައިވީ ފުރާނަ މި ދުނިޔެއަށް އައުމުގެ ކުރިން ނައްތައިލުން ނޫންގޮތެއް ހިތަކަށް ނައެވެ. މިކަމުގެ ހިޔާލަށް އެކަނިވެސް އަހަންނަށް ރޮވުނެވެ.
ގެއަށް ދިޔަ މަގުމަތީ މޫމިން ފެނުނެވެ. ނިވާކަންކުޑަ ހެދުމެއް ލައިގެންހުރި އަންހެނަކާއެކުއެވެ. ދެ މީހުން ތިބީ އަތުގުޅުވައިލައިގެންނެވެ. އެއީ އޭގެ ތިން ދުވަސް ކުރިން އޭނާ ގެއަށް ވެއްދި އަންހެންކުއްޖާއެއް ނޫނެވެ. މިހާރު މޫމިން އުޅެނީ އެ ވައްތަރަށެވެ. ހަފްތާއަކު އަންހެނެއް ނޫނީ ދެ އަންހެނުންނެވެ. ހުރިހާވެސް މައްސަލައަކީ ސުހާއެވެ.
“ލަޔާ!” މޫމިން އައިސް އަހަރެން ގައިގައި ބައްދައިލުމުން އަހަންނަށް އޭނާ ދުރަށް ކޮއްޕައިލެވުނީއެވެ. އޭނާ ފެނުމަކީވެސް އަހަންނަށް ބޮޑު އަޒާބެކެވެ. ނަފްރަތެއް ނުކުރަމެވެ. އަދިވެސް ވެވެނީ ހަމައެކަނި ލޮއެއްބެވެ. އަހަރެންގެ އެ ހަރާކާތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މޫމިންއަށް އިނގުނެވެ.
“ރައްޓެއްސަކާ މައްސަލަޖެހިގެން މި އުޅެނީ. އެކަމާ ކުޑަކޮށް މޫޑު ކަޓާފަ. ސޮރީ…” އަހަރެން ހެދީ އަނެއްކާވެސް ދޮގެވެ. މޫމިން އެއްވެސް ޖަވާބެއް ނުދީ އިނުމުން އަހަރެން ކުޑަކޮށް ނުތަނަވަސް ވިއެވެ. ނަމަވެސް އޭނާ ހިނިތުންވެލުމުން އަހަރެންގެ ހިތްހަމަޖެހުނެވެ. އެރޭ މޫމިން އަހަރެނަށް ކާންދިނީ ރެސްޓޯރެންޓަކުންނެވެ. ރަނގަޅަށް ބަނޑުފުރައިގެން، އެކުވެރިޔާއާއި ޖެހުނު މައްސަލަ ހަމަޖައްސާށޭ އޭނާ ބުންޏެވެ. ކާއެއްޗެއް ދީފިއްޔާ ކިތަންމެ މޫޑު ގޯހަކަސް އަހަރެން ހިތްހަމަޖެހޭނެކަން އޭނާއަށް އިނގެއެވެ. ނަމަވެސް މިފަހަރުގެ މައްސަލައަކީ މީރު ކާއެއްޗެއް ކާލައިގެން ހަމަޖެހޭނެހާ ކުޑަކަމެއް ނޫންކަން އޭނާ ނުދެނަހުއްޓެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. ހޮސްޕިޓަލަށް އަހަރެން ދިޔައީ އަހަންނާއި މޫމިންގެ ދެމެދުގައި ހިނގި ހާދިސާގެ ނިޝާން އުމުރަށްޓަކައި ނައްތައިލުމަށެވެ. ނަމަވެސް އެތެރެއަށް ވަދެވަދެ ހުއްޓައި މީހަކު އައިސް އަހަރެންގެ އަތުގައި ހިފައި މަޑުކުރުވިއެެވެ. އެއީ މޫމިންއެވެ. އޭނާ އެއްވެސް ބަހެއް ނުބުނެ އަހަރެންގެ އަތުގައި ހިފައިގެން ހޮސްޕިޓަލުން ނުކުތެވެ.
“ކިހިނެއް ވީތަ؟ ކޮން ތާކަށް ތި ގެންދަނީ؟” އަހަރެންގެ ސުވާލުތަކަށް މޫމިން ދިނީ ބީރު ކަންފަތެކެވެ. އަހަރެން ގޮވައިގެން އޭނާ ނުކުތީ އަތިރިމައްޗަށެވެ. ގަހެއްގެ ބުޑުގައި މަޑުކޮށްލާފައި އޭނާ އަހަންނަށް ބަލައިލިއެވެ.
“ލަޔާ ޕްރެގްނެންޓްތަ؟” އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. ޖެހި ބުދެއްހެން ހުރެވުނީ ބުނާނެ ބަހެއް ދުލަށް ނައިސްފައެވެ.
“ޖަވާބުދީ! ލަޔާގެ ބަނޑުގަ އަހަރެމެންގެ ދަރިއެއް އެބައޮތްތަ؟” މޫމިން ސުވާލު ތަކުރާރުކޮށްލީ ތަފްސީލުކޮށެވެ.
“އާނ…” އަހަރެން ބުނީމެވެ. އިސްޖަހައިލެވުނީ ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް މާތް ރަސްކަލާންގެއަށް ވަކީލުކޮށްފައެވެ. މޫމިން އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އަހަރެން ލޯ މަރައި ތަގުޅިކޮށްލީމެވެ. އޭނާގެ ދުލުން ނުކުންނާނެ ކޮންމެ ބަހެއް އަޑުއެހުމަށް ތައްޔާރަށެވެ.
“ކީއްވެ ކުރިން ނުބުނީ؟” މޫމިން އަސަރުގަދަ ރާގަކަށް ސުވާލުކުރިއެވެ. “ކީއްވެ އަހަންނަށް ނާންގާ އެބޯޓްކުރަން އުޅުނީ؟ ކީއްވެ އަހަންނަށް އޮޅުވައިލީ؟” މޫމިން އެނާގެ ސުވާލުތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ.
“އަހަރެން ހަނދާންވެއްޖެ އެރޭ އަހަރުމެން ދޭތެރޭ ހިނގި ކަންތައް. އެކަމަކު އެވާހަކަ ނުދެއްކީ ލަޔާ އެކަން ހަނދާންނައްތާލަން ބޭނުންވާތީ. އެހެންވެ އެންނު އަހަރެން ކައިރީ ދޮގުހެދީ. ލަޔާ ބޭނުންވީ އެއީ ނުވާކަމަކަށް ހަދަންށެންނު. އެކަމަކު ތީ ނުވާކަމަކަށް ނެހެދޭނެ. އެއްވެސް ކުށެއް ނެތް ފުރާނައެއް ގަތުލުކުރަންށޭ ތި ދަނީ! އެންމެ ކުޑަމިނުން އަހަރެންގާތުން އެއްޗެއް އަހައިލިނަމަ. އަހަރެންގެ އިހުސާސްތަކަށް ވިސްނައިލިނަމަ.” ހިތް އަވަސްވެފައި މޫމިން ކިޔައިލިއެވެ.
“ހަނދާން ނައްތައިލަން ބޭނުންވީކީ ނޫން. ބިރުގަތީ. މޫމިން މިކަން ނުވާ ކަމަކަށް ހަދަން ބޭނުންވެދާނެތީ. އަހަރުމެން ދެމެދުގަ އޮތް އެކުވެރިކަން ހަލާކުވެދާނެތީ. އެކަކު އަނެކަކާ ދުރުވެދާނެތީ. އެގޮތް އަހަރެން ބޭނުމެއް ނޫން. ކޮންމެ ގޮތެއް ވިޔަސް މޫމިންއަށް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއް ނޫން. އަދި މޫމިންއާ ދުރަށް ދާކަށްވެސް ބޭނުމެއް ނޫން. އަހަރެން މޫމިންދެކެ ވަރަށް ލޯބިވޭ. އެކުވެރިއެއްހެނެއް ނޫން. ފިރިހެނެއްހެން. މިއީ ކުށެއްތަ؟” ހިތުގައިވީހާ އެއްޗެއް އެއްފަހަރާ މޫމިންގެ ކުރިމަތި ހާމަކޮށްލިއިރު ލޮލުން ނީރާލި ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ.
މޫމިން އަހަރެންގެ އަނގަަމަތީ އަތް އެޅިއެވެ. ކީއްވެކަމެއް އޭރު އަހަންނަކަށް ނުވިސްނުނެވެ. ހީކުރީ އިތުރަށް އަހަރެންގެ އަޑުވެސް އަހަން ބޭނުންނުވަނީ ކަަމަށެވެ. ނަމަވެސް ކަންތައް ހިނގީ އެހެނަކުން ނޫނެވެ. އިރުކޮޅަކު އަހަރެންގެ ބަސް ގަބޫލު ކުރަންވެސް ދަތިވި ކަހަލަ ގޮތަކަށް ހުރުމަށްފަހު މޫމިން ހިނިތުންވެލިއެވެ.
“ސުހާގެ ކަންތައްގަނޑަށްފަހު އަހަރެން އެތައް އަންހެނުންނަކާ ރައްޓެހިވިކަން ލަޔާއަށް އިނގޭނެ. އެކަމަކު އެކަކާ އެއްކޮށްވެސް ނޫޅެވުނު. އަހަންނަށް ވިސްނުނީ މި ދުނިޔެއިން އަހަންނަށް އެންމެ މުހިންމު މީހަކީ ހަމަ ލަޔާކަން. އަހަންނަށް އެންމެ ހެޔޮ އެދޭ މީހަކީވެސް ތީކަން. ލަޔާ… އަހަންނަށް އިހުސާސުކުރެވުނީ އަހަންނަށް ލަޔާދެކެ ވެވެނީ ލޯބިކަން.” މޫމިންގެ އެ ޖުމުލައިން އަހަރެން އާޝޯހުވިއެވެ. އުފާވާންވެސް ހުރީ ހަނދާންނެތިފައެވެ. އެއީ ދުަވަހަކުވެސް މޫމިންގެ ދުލުން އިވޭނެކަމަކަށް އަހަރެން ހީކޮށްފައި ނުވާ ޖުމުލައެކެވެ.
މޫމިން އަހަރެންގެ އަނގަމަތިން އަތް ނެގިއެވެ. އަދި އަހަރެންގެ ކޯތާފަތުން ކަރުނަތައް ފޮހެލުމަށްފަހު އޭނާގެ ނިތްކުރި ގެނެސް އަހަރެންގެ ނިތްކުރީގައި ޖައްސައިލިއެވެ. “އައި ލަވް ޔޫ.” މޫމިން ކިޔައިލިއެވެ. އަހަރެންގެ ތުންފަތަށް އަރަން ނޭންގިގެން އުޅުނު ހިނިތުންވުން އަރައިފިއެވެ. މުޅި ހަޔާތުގައިވެސް ނުލިބޭ ވަރަށް އަހަންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދިޔައެވެ.
“އައި ލަވް ޔޫ ޓޫ… މޫމިން…” އަހަރެން ބުނެލީމެވެ.
(ނިމުނީ)
25 Comments
Comments are closed.
Wowww….vrh loabi…..??❤❤❤?
thanx baby girl
Wow vvv nice
???✌✌✌And cover pic is awesome
Cover pic GA iny Bts jimmin
Right ?
thanx maya and yes he is im a fan of bts
Yeah yeah cover page ga eii bts jimin. ????Aii. He is damn cute. Anyway story varah reethi.❤
Yes maya… mihaaru korea myhun v mashhoorey…
Masha allah… stry vvvvvv rythi… keep it up dear…❤❤❤??????
thnx twinkle
thnx cuty
Alhey . And I also an army means a big fan of BTS and varah happy vejji ….. ????
im also happy to meet an army maya
Story is very nice and cover pic is awesome. I am also a fan of BTS.
thnx reesh
o my. im also a big fan of BTS. love them so much. 😀 story varah reeethi igey. :-))
thank you cuty
alheyy…adhi vx story continue vaane nama. vvv salhi story. bt y ehaa avahah ninmaali. baivaru episords genesdhin nama. bt luv it
im sorry. furathama visnee series eh gothah liyan ekamu ehaa gina idea eh nei ehenve kuru vaahaka akah hedhee. thanx for the comment
Alheyyyyyy haaaadha reeechey sissssy luv it
thnx im happy that u enjoyed
This story is just awesome sis… maasha allah..Hope to see more stories like this from u
thnk u i wont dissapoint u
Came here for jiminie
thnx 4 coming but hope u enjoyed my story as well, not only the cover pic?
im a fan of BTS..and jimin is OF THE HOOK!! any way story hama habeys..love ya..<3
Thnk u 4 reading