
ކެހިވެރިޔާ 2 …… (ކުރު ވާހަކަ)
ވަގުތު ދަމުންގޮސް ޝަޔާންވެސް ހޮސްޕިޓަލަށް އައެވެ. އޭނާ އައުމުގެ ކުރިން އަހަރެން ކައުންޓަރުން ދިޔައީމެވެ. އެދުވަހު އަހަންނަށް ވެފައި ހުރި ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އަބަދު ޝަޔާންގެ މޫނުދެކެން އަހަރެން ކެތްމަދުވެފައި ހުންނައިރު އެދުވަހު އަހަރެން މަސައްކަތް ކުރީ އޭނާ ކުރިމައްޗަށް ނުޖެހި ވޭތޯއެވެ. ލޯތްބަކީ ހާދަ އެހެންކަހަލަ އިޙުސާސްއެކޭ އެދުވަހު އަހަރެންގެ ހިތަށްއެރިއެވެ. ކިތަންމެ ވަރަކަށް ކުރިމައްޗަށް ނުޖެހެން މަސައްކަތް ކުރިޔަސް ވަގުތު ޖެހުމުން އަހަންނަށް ޖެހުނީ އެކޮޓަރިޔަށް ދާށެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީމެވެ. ނަމަވެސް ޝަޔާންގެ މޫނަކަށް ނުބަލަމެވެ. ކޮޓަރީގައި ހޭދަވީ ކުޑަވުގުތުކޮޅުގެ ތެރޭގައި އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތީ އާދަޔާއި ޚިލާފު ހަމަހިމޭންކަމެކެވެ. ޝަޔާން އެއްވެސް އެއްޗެއް ނުބުނަނީ ކީއްވެހޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރަނީބާއޭވެސް ހިތަށްއެރިއެވެ. ނަސީބަކުން އެބީރައްޓެހިކަމުގައި މާގިނަ ވަގުތު ހޭދަނުވެ ބަލިމީހުން ބަލާން ފެއްޓުނެވެ. އެދުވަހު ތިބި ބަލިމީހުންގެ އަދަދުވެސް ފުދޭވަރަކަށް ގިނައެވެ.
އަހަންނަށް ދޭތެރެ ދޭތެރެއިން ޝަޔާންއަށް ބަލާލެވެއެވެ. އޭނާގެ ކިބައިން އެއްވެސް ތަފާތުކަމެއް ފެންނަން ހުރިތޯއެވެ. އެހެންދުވަސްދުވަހާއި ޚިލާފަށް އެދުވަހު އޭނާ މާރީތިހެން އަހަންނަށް ހީވިއެވެ. އޭނާގެ ނަޒަރުވެސް ދޭތެރެ ދޭތެރެއިން އަހަންނަށް ހުއްޓޭކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެކަކުވެސް ދުލުން އެކަކުއަނެކަކަށް އެކައްޗެކޭވެސް ނުބުނަމެވެ. ކިހާ ހައިރާންކުރުވަނިވި ހަމަހިމޭންކަމެއްހެއްޔެވެ! އެދުވަހު ބަލިމީހުން ބަލާ ނިމުނުއިރު ވަނީ ރޭނގަޑުން ދިހައެއް ޖަހަން ކައިރިވެފައެވެ. ޝަޔާން އިތުރު އެއްޗެކޭ ނުބުނާތީވެ އަހަރެން އުޅުނީ އެތަނުން ނުކުމެގެން ދާށެވެ. ނަމަވެސް އަހަރެން ހީކުރި ގޮތާއި ޚިލާފަށް ޝަޔާން އަހަރެން ހުއްޓުވިއެވެ. ”ކޮންގޮތަކަށް މިސްކާ ނިންމީ؟…..” ޝަޔާންގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އަހަރެންގެ ހުރިހައި ހިއްސެއް ގަނޑުވިކަހަލައެވެ. ”ކޮންކަމެއް؟….” އަހަރެން ނޭނގޭ ކަމަށް ހެދުނީމެވެ. އޭރުވެސް އަހަރެން ހުރީ ޝަޔާންއަށް ފުރަގަސްދީގެނެނެވެ. ”މިސްކާއަށް ނޭނގިގެންތަ ތިއަހަނީ؟…..” ޝަޔާން ފަހަތުން އައިސް އަހަރެންގެ އަތުގައިހިފާ އަނބުރާލިއެވެ. އަހަރެން ހުރީ އިސްދަށަށް ޖަހައިގެންނެވެ. ”އަދިވެސް ގޮތެއް ނުނިންމެނީތަ؟ ނޫނީ ނޫނެކޭ ބުނަން ނުކެރެނީތަ؟….” އަހަންނަށް ޝަޔާންއަށް ބަލާލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އަހަރެން ވަގުތުން އެހެންދިމާލަކަށް ބެލީމެވެ. އެދެލޮލުގައި އެހެން ދުވަހާއި ޚިލާފަށް ހުރި ގަދަބާރުން ސަލާމަތް ވުމަށްޓަކައެވެ. އަހަރެން ދަބަހުން ކުޑަ ކަރުދާސް ކޮޅެއް ނަގާފައި ޝަޔާންއާއި ހަވާލު ކުރީމެވެ. އަދި އަހަރެންގެ ޖަވާބު އޭގައި ވާނޭކަމަށް ބުނީމެވެ. އެކަރުދާސްކޮޅު ފެނުމާއިއެކު ޝަޔާންގެ މޫނުމަތިން ކުލަވަރު ބަދަލުވިތަން އަހަރެން ދުށީމެވެ. ފަހަރުގައި އޭގައި އަހަރެން ލިޔުނުއެއްޗެއް އޭނާ ގެސްކޮށްލީ ކަންނޭގެއެވެ. އަހަރެން ދޮރުން ނުކުންނަމުން ފަސްއެނބުރި ބަލާލީމެވެ. އޭރު އޭނާ އެކަރުދާސްކޮޅު ނިއުޅުވާލައިފިއެވެ. ޝަޔާން އަހަންނާއި ދިމާލަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަރެންވެސް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ނުކުމެގެން ދިޔައީމެވެ.
އެކަރުދާސްކޮޅުގައި އަހަރެން ލިޔުނީ ކުރު ފޮނި އިބާރާތްކޮޅެކެވެ. ”ޝަޔާން އަހަރެންދެކެ ލޯބިވުމުގެ މާކުރިންވެސް އަހަރެންގެ ހިތްވަނީ ޝަޔާންއަށް ދެވިފައި. ޝަޔާންގެ ލޯބި ލިބިދާނެ ކަމަކަށް އަހަރެން ކުޑަވެސް އުންމީދެއް އޭރު ނުކުރަން. ޝަޔާންއަކީ އަހަރެންގެ ފުރަތަމަލޯބި. އަދި އަހަރެން ޝަޔާންދެކެ އިންތިހާޔަށް ލޯބިވަން. މުސްތަޤްބަލަށް ނުވިސްނާ އަހަރެން މިނިންމުން މިނިންމީ ޝަޔާންދެކެ ވާލޯބިން. ޝަޔާންއާއި އެކީ ކުޑަދުވަސްކޮޅެއް ހޭދަކޮށްލަން ލިބުނަސް އަހަންނަށް އަހަރެންގެ ދިރިއުޅުމުގެ ފަހުބައި ހިންހަމަޖެހުމާއިއެކު ކަޑައްތުކުރެވިދާނެ…” ލިޔުމުން އަހަރެން ޖަވާބުދިނީ ދުލުން ޝަޔާންގެ ކުރިމަތީގައި ބުނަން ނުކެރިގެންނެވެ.
އަހަރެން ހޮސްޕިޓަލުން ނުކުތުމުގެ ކުރިން ޝަޔާންގެ މެސެޖެއް އައެވެ. ދަމުން އަހަރެން މެސެޖް ކިޔާލީމެވެ. ”ތޭންކްސް އަހަރެންގެ ލޯބި ގަބޫލުކުރީތީވެ. އަހަރެން މިސްކާއަށް ލޯބި ހުށަހެޅީ ކުޑަދުވަސްކޮޅަކު އުޅޭކަށް ނޫން. މުޅިއުމުރަށް އުޅޭން. މިސްކާދެކެ އަހަރެން ވަރަށް ލޯބިވަން.” އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. އުފަލުން އަހަރެން ފޮޅުނެވެ. ޝަޔާންގެ ޖުމްލަތައް ރަން އަކުރުން ފެވިގެން އަހަރެންގެ ހިތުގައި ލިޔެވުނެވެ. އޭނާދެކެވީ ލޯބި ދެގުނައަށް އިތުރުވިއެވެ. ހޮސްޕިޓަލުން ބޭރަށް ނުކުތްއިރު ބައްޕަ އަހަރެން ބަލާ އައިސް ހުއްޓެވެ. ރޭގަނޑު ޑިޔުޓީ އޮންނަ ކަމަށް ވަންޏާމުން ބައްޕަ އަބަދުވެސް އަހަރެން ބަލާއާދެއެވެ.
އަހަރެންގެ ޙަޔާތަށް ދެންއައީ އުފާވެރި ދުވަސްތަކެވެ. އަހަރެން އުންމީދު ކުރިވަރަށްވުރެ ބޮޑަށް އަހަންނަށް ޝަޔާންގެ ފަރާތުން އަޅާލުމާއި ލޯބި ލިބުނެވެ. ދެމީހުން ފޯނުން އެތައްއިރެއް ވަންދެން ވާހަކަދައްކަން ތިބެމެވެ. ލޯބީގައި އެތަކެއް ހުވާތަކެއް ކުރީމެވެ. އެހެން އެއްވެސް މީހަކަށް ހިލަމެއް ނުވާނޭގޮތަށް ބައެއް ދުވަސްދުވަހު އިރުއޮއްސޭ ގަޑީގައި ދެމީހުން އަތިރިމަތިން ބައްދަލުކުރަމެވެ. އެތަން އޮންނަނީ މީހުންއުޅޭ ހިސާބާއި ފުދޭވަރަކަށް ދުރުގައެވެ. އަހަރެން އޭނަޔާއި ބައްދަލުކުރަން ދަނީ ރަނާއާއި އެކީގައެވެ. ރަނާ ފިޔަވައި އަހަރުމެން ގުޅުމުގެ ވާހަކަ އެހެން އެއްވެސް މީހަކަށް ނޭނގޭނެވެ. އަހަރުމެން އުޅުނީ އެވަރަށް ބަލައިގެންނެވެ. އަހަރެން ބޭނުންވީ އަހަރުމެން ދެމީހުންގެ ލޯބި ކައިވެނިން އެހެންމީހުންނަށް ސަޕްރައިޒެއް ދިނުމަށެވެ. ޝަޔާންގެ ލޮބުވެތި ބަސްތަކާއި އޭނާގެ އޯގާތެރި ފިރުމުން ތަކުން އަހަރެން ދުވަހެއް ދުވަހަކަށް ދިޔައީ ވަޅުލެވެމުންނެވެ. އެލޯބީގައި ދީވާނާވަމުންނެވެ. އެލޯތްބަށްޓަކައި އަހަރެން ހުރީ ކޮންމެފަދަ ޤުރުބާނީއެއްވެސް ވާންތައްޔާރަށެވެ. އެހާވަރަށް އެލޯބި އަހަރެން ފަތަހަކުރިއެވެ. ޝަޔާންގެ ކޮންމެ ޢަމަލަކަށް އަހަރެން ހިތުން ރުހުމުން މަރުޙަބާކީ އޭނާއަކީ އަހަރެންގެ މުޅިއުމުރުގެ ބައިވެރިޔާ ކަމުގައި ދެކިގެންނެވެ.
ދެން އައީ ނަރުހުންގެ ދުވަހެވެ. އެދުވަހުގެ މުނާސަބަތުގައި ހޮސްޕިޓަލުގެ ހުރިހާ ސްޓާފުން ދަތުރުދިޔައެވެ. އަހަރެން ދިޔައީ ރަނާވެސް ގޮވައިގެންނެވެ. ޢާއިލާއިން ކޮންމެ މީހަކަށްވެސް އެކަކު ގޮވައިގެން ދެވޭތީއެވެ. ރަނާ ގޮވައިގެން ދިޔުމުން ވަރަށް ގިނަކަންކަމަށް އަހަންނަށް މަގުފަހިވެގެން ދިޔައެވެ. އެދަތުރު ވެގެންދިޔައީ އަހަރެންގެ ޙަޔާތުގައި ލިޔެވުނު އެންމެ އުފާވެރި ސޮފްހާއަކަށެވެ. އަދިއެހާމެ ކަޅު ސޮފްހާއަށްވެސް މެއެވެ. ކޮންމެކަމެއްވެސް އޭގެ ހައްދުން ބޭރުވުމުން ހިތާމަކުރަންޖެހޭނެޔޭ މީހުން ބުނެއެއް ނޫންހެއްޔެވެ! އެއީ ކިހާވަރެއްގެ ޙަޤީގަތެއްކަން މިއަދު އަހަންނަށް އިޙުސާސް ކުރެވިއްޖެއެވެ. ޝަޔާންގެ ލޯބީގައި އަހަރެން ވެއްޓިގެން ދިޔައީ ކިހާފުން އަދަވަޅަކަށް ކަން އޭރު އަހަންނަށް އިޙުސާސު ނުކުރެވުނީތީ މިއަދު މިވަނީ ހިތާމަކުރަން ޖެހިފައެވެ. އެދަތުރުގައި އަހަރުމެން ދެމީހުންގެ ދޭތެރޭގައި ހިނގީ ހިނގައިގެން ނުވާނޭ ކަމެކެވެ. އެއީ ގަސްތުގައި ކުރަންވެގެން ކުރިކަމެއް ނޫނެވެ. އިޚްތިޔާރުން ބޭރުގައި ކުރެވުނީއެވެ. ނަމަވެސް ކުރެވުނުކަމެއް ބަދަލެއް ނުވާނެނޫން ހެއްޔެވެ! އޭގައި އޮތީ ޝަޔާންގެ ކުށެއްނޫނެވެ. އޭނާ އަހަންނާއި ކައިރިވީ އަހަރެންގެ ހުއްދައާއިއެކުގައެވެ. އޭނާގެ ކޮންމެ ފިރުމުމަކަށް އަހަރެން މަރުޙަބާކީ އުފަލުންނެވެ. ބޭނުންވެގެންނެވެ. އޭނަޔާއިމެދު އަހަންނަށް އޮތް ޔަގީން ކަމަށް އަހަންނަށް އަހަރެންގެ ހުރިހާއެއްޗެއް އޭނާއަށް ދެވުނެވެ. ނަމަވެސް ފަހުން އަހަރެން އެކަމާއި ދެރަވެ ހިތާމަކުރީމެވެ. އަހަރެންގެ ނަފުސާއި މެދު ވިސްނާނީ އަހަރެން ނޫންހެއްޔެވެ؟… ކުޑައިރުއްސުރެން ފަށައިގެން ބައްޕަޔާއި މާމަދިން އަގުހުރި ތަރުބިއްޔަތު އެދުވަހު ވެއްޔާއި މޮޑެވެވުނެވެ. މިހާހިސާބަށް ކަންތައް ދިޔައިރުވެސް އެކަކަށްވެސް ނޭގެއެވެ. ރަނާއަށްވެސް އަހަރުމެން ދެމީހުންގެ ތެރޭގައި އެފަދަ ގުޅުމެއް ހިނގިކަން ނޭނގޭނެވެ.
އެދަތުރުގައި އަހަންނަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަންވެސް އޭރު އަހަންނަށް އިޙުސާސު ނުކުރެވެއެވެ. ފޮނި ހަނދާންތަކަކަށްފަހު ޝަޔާން ފުރާދުވަސް ކައިރިވިއެވެ. އަހަރެންގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ޝަޔާން އަހަންނަށް ގެއްލެން އުޅޭހެން ހީވާތީއެވެ. ދުވަސް ކައިރިވީ ވަރަކަށް އަހަރެންގެ މޫނުމަތީގެ އުޖާލާކަން ކެނޑެމުން ދިޔައެވެ. ނަމަވެސް ޝަޔާންގެ ފަރާތުން އަހަންނަށް ލިބެމުންދިޔަ ލޯތްބަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެދުވަހަށްފަހު އޭނާގެ ހިތުގައި އަހަރެންގެ ލޯބި ދެގުނައަށް އިތުރު ވީވާހަކަ އޭނާ ބުންޏެވެ. އަދި އެއީ އެކަހަލަ ގޮތަކަށް އޭނާ ކުއްޖަކާއިއެކު އުޅުނު ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ބުންޏެވެ. އޭނާގެ ވާހަކަތަކުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ.
ޝަޔާން ފުރަންއޮތް ދުވަސްނޫން އަނެއްދުވަހު އަހަރުމެން ދެމީހުން އަތިރިން ބައްދަލު ކުރީމެވެ. އެދުވަހު އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. އޭނާގެ ކޮނޑުމަތީގައި ބޯއަޅައިގެންއޮވެ އަހަންނަށް ރޮވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ޝަޔާންވެސް އަހަންނާއި ވަކިވާންޖެހޭތީ އެކަމާއި ހިތާމަކުރިއެވެ. ކަރުނަ އޮހޮރުވިއެވެ. ދެމީހުން ދެމީހުންގެ ކަރުނަތައް ފޮހެދެމުން އެތަކެއް ވަޢުދަކާއި ހުވާތަކެއް ކުރީމެވެ. ޝަޔާން އޭނާ އަހަރެން ހޯދަން އަންނާނެ ކަމަށް ބުނެ ވަޢުދުވިއެވެ. އަދިއެއަށްފަހު އޭނާ އަހަންނާއި ކައިވެނި ކުރާނެ ވާހަކަވެސް ބުންޏެވެ. އޭނާ ލޯބިވަނީ ހަމައެކަނި އަހަރެންދެކެ ކަމާއި އެލޯބި އެހެންމީހަކަށް ނުދެވޭނެކަމަށް ބުންޏެވެ. އަދި އަހަރެން އޭނާއަށް އިންތިޒާރު ކުރުމަށްވެސް ބުންޏެވެ. ކޮންމެ ދުވަހަކުންއަޔަސް އޭނާ އަހަރެން ހޯދަން އަންނާނެ ކަމަށް ތަކުރާރުކޮށް އޭނާ ބުނަމުންދިޔައެވެ. އޭނާ އަބަދުވެސް ގުޅާނެ ވާހަކަޔާއި އޭނާގެ ފޯނަށް ނުގުޅިއްޖެނަމަ އޭނާގެ ގޭނަންބަރުދީ އެނަންބަރަށް ގުޅުމަށްވެސް ބުންޏެވެ. ދެމީހުން ވަކިވުމުގެ ކުރިން ދުވަހަކު ހިތުން ފިލުވާނުލެވޭ ވަރަށް އޭނާ އަހަންނަށް ލޯބިދިނެވެ. އޭނާގެ ލޯބިވެތި ފިރުމުންތަކުން އަހަރެންގެ ހިތް އިތުރަށް ރޮއްވިއެވެ. ދެން އޭނަޔާއި ބައްދަލުނުވާނެހެން ހީވާތީއެވެ.
އެއީ އަހަރުމެންގެ ފަހުގެ ބައްދަލުވުމެވެ. ޝަޔާން ފުރައިފިއެވެ. ވަރަށް ސިއްރުން އަހަންނާއި ވަދާއީ ސަލާންކޮށްފައެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެންމެން ކުރިމަތީގައި ނުރޮވުނަސް ގެއަށްއައިސް އަހަރެން ހިތް ފުރެންދެން ރުއީމެވެ. އޭނާ ފުރިތާ ހަފްތާއެއް ފާއިތުވީއިރުވެސް އަހަރެންގެ ހާލަތު ބަދަލެއް ނުވިއެވެ. ޝަޔާން ގަވައިދުން އަހަންނަށް ގުޅާފައި ވާހަކަދައްކައެވެ. އަހަރެން ހިންހަމަ ޖައްސައިދޭން މަސައްކަތް ކުރެއެވެ. ޝަޔާންގެ އަޑުން އަހަރެންގެ ހިތާމަތަކަށް ލުޔެއް ލިބެއެވެ. ހޮސްޕިޓަލަށްދާ ކޮންމެ ފަހަރަކު އަހަންނަށް ޝަޔާންގެ ހަނދާންތައް ވަރަށް އާވެއެވެ. އެކޮޓަރިއަށް ވަންނަ ކޮންމެފަހަރަކު ލޮލުން ކަރުނައާދެއެވެ. ޝަޔާން ކައިރީގައި ނެތުމުން އަހަރެން މުޅިން މާޔޫސްވެ އެކަނިވިއެވެ. ނަމަވެސް އޭނާ އަންނާނެކަމަށް އުންމީދުކޮށްގެން ދިރިއުޅުން ކުރިޔަށް ގެންދިޔައީމެވެ.
ޝަޔާން ފުރިތާ ދެހަފްތާ ފަހުން އޭނާގެ ފޯންކޯލްތައް ހުއްޓުނެވެ. އެދުވަހު އޭނާ ނުގުޅައިގެން އަހަރެން އޭނާގެ ފޯނަށް ގުޅީއެވެ. ފޯނުއޮތީ ނިއްވާލާފައެވެ. އެދުވަހު ހަތަރުދަމު މަސައްކަތް ކުރިއިރުވެސް ފޯނުއޮތީ ނިއްވާލާފައެވެ. އޭނާގެ ގޭނަންބަރަށް ގުޅުމުން އެނަންބަރުން ފޯނެއް ނުނަގައެވެ. އަހަރެން އެކަމާއި ވަރަށް ހާސްވިއެވެ. މޮޔައަކު ފަދައިން ރޭދުވާ އޭނާއަށް ގުޅަން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވިއެވެ. އަހަރެން ރަނާއާއި ވާހަކަދެއްކީމެވެ. ރަނާގެ ފަރާތުން އަހަންނަށް ލިބުނީ އަހަރެން ހިތް ކުދިކުދިވެގެން ދިޔަކަހަލަ ޖަވާބެކެވެ. އޭނާ ބުނީ މާލޭގެ މުއްސަދިންނަކީ އެކަހަލަ ބައެއްކަމެވެ. އޭނާ މިރަށަށް އައިސް ހުރިއިރު ފޫހިފިލުވަންވެގެން އަހަރެން ބޭނުންކޮށްލީ ކަމުގައެވެ. ރަނާގެ ދުލުން ޝަޔާންއާއި ބެހޭގޮތުން އެފަދަ ޖުމްލައެއް އަޑުއިވުމުން އަހަރެން ވަރަށް ރުޅިއައެވެ. އެއްޗެހިވެސް ކީމެވެ. ޝަޔާން އަހަންނަށް ލަނޑު ދީފާނެ ކަމަށް ހިތް ގަބޫލު ނުކުރާތީއެވެ. ނަމަވެސް ދުވަސް ފާއިތުވީވަރަކަށް ރަނާގެ ޖުމްލަތައް ގަބޫލުކުރަން އަހަންނަށް މަޖުބޫރުކުރިއެވެ. ބޭނުންނުވެހުރެވެސް ޝަޔާންއަކީ ކެހިވެރި ދޮގުވެރިއެއްކަން ގަބޫލުކުރެވެމުންދިޔައެވެ. އަހަރެންގެ ހިތް މުޅިން ފުޑުފުޑުވިއެވެ. ވެވުނު ލޯބިން އަހަރެން މުޅިން ބަދަލުވިއެވެ. ލޯބީގެ ހިތިކަމާއި އެކަނިވެރިކަން އަހަރެން ވަށާލިއެވެ. ޝަޔާންގެ ޚަބަރެއް ނުވާތާ އެއްމަސް ފާއިތުވެދިޔައެވެ.
ދެން އަހަންނާއި ކުރިމަތިވީ އަހަރެން އުންމީދުވެސް ނުކުރާ ކަހަލަ ކަމަކާއިއެވެ. ޝަޔާންގެ ލޯބިން އަހަރެން ވެއްޓިގެން ދިޔައީ ކިހާފުން އަދަވަޅަކަށް ކަން އިޙުސާސް ވާކަށް މާގިނަދުވަހެއް ނުނެގިއެވެ. އަހަރެން މޭނުބައި ކޮށްފައި ހޮޑުލަވަން ފެއްޓިއެވެ. އާންމުކޮށް މިހެންވަނީ ބަދީގޭގައި ކައްކަން ހުންނައިރުއެވެ. ބައެއްވަސްތަކުން އަހަރެން މޭނުބައި ކުރަނީއެވެ. ހޮސްޕިޓަލުގައި އުޅޭއިރުވެސް މިހެންވާތީވެ އަހަރެން ޗުއްޓީއެއް ނެގީމެވެ. ބައެއް ކާއެއްޗެހި އަހަންނަށް ނުކެވެއެވެ. އަހަރެން ހާސްވިއެވެ. ވާގޮތެއް ނޭނގޭތީއެވެ. އަހަރެން މާމަޔާއި ވާހަކަދެއްކީމެވެ. އެވަގުތު މާމަގެ ދެލޯ ބޮޑުވެގެންދިޔައެވެ. މާމަ އަހަރެން ގޮވައިގެން ކޮޓަރިއަށްވަދެ ތަޅުލައިގެންހުރެ ހުރިހާވާހަކައެއް އެހިއެވެ. އެއްގަޑިއިރުވަންދެން މާމައަހަންނާއި އެކިއެކި ސުވާލުކުރިއެވެ. ނަމަވެސް އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ކުއްޖަކާއިއެކު އުޅުނުކަމަށް އެއްބަސްވުން ފިޔަވައެވެ. މާމަގެ މޫނު ރަތްވެގެން ދިޔައެވެ. އޭއާއިއެކު މާމަގެ ހޫނުއެތިފަހަރެއްވެސް އަހަރެންގެ މޫނުމައްޗަށް އަމާޒުވިއެވެ. މާމަ އަހަރެން ކައިރިން އެއީ ކާކުތޯ ވަރަށް ސުވާލުކުރިއެވެ. ހަނުހުރުން ފިޔަވައި އަހަންނަށް އިތުރު އެއްކަމެއްވެސް ނުކުރެވުނެވެ. މާމަގެ ވާހަކަތަކުން އަހަރެންއިނީ ބަލިވެކަން އަހަންނަށް އެނގުނެވެ. އަހަރެންގެ ބޮލަށް އެވަގުތު އެނބުރުން އެރިއެވެ. އަހަރެން ބަލިވެ އިނދެދާނެކަމަށް އަހަންނަށް ގަބޫލު ނުކުރެވުނެވެ. އަހަރެން ވެއްޓުމުގެ ކުރިން މާމަ އަހަރެން ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭގެއެވެ.
ހޭއެރިއިރު މާމަޔާއި ބައްޕަ އަހަރެންގެ ކައިރީގައި ތިއްބެވެ. ބައްޕަގެ މޫނުމަތިން ފެނުނު އާދަޔާއި ޚިލާފު ރުޅިވެރިކަމުން ބައްޕަޔަށް ހުރިހާ ވާހަކައެއް މާމަ ކިޔައިދީފިކަން އަހަންނަށް އެނގުނެވެ. ބައްޕަ މާމަ ގޮވައިގެން ބޭރަށް ނުކުތެވެ. އެނބުރި މާމަ އައިސް އަހަރެން ގޮވައިގެން ފާޚަނާޔަށް ދިޔައެވެ. މާމަގެ އަތުގައި މާބަނޑުކަން ޓެސްޓްކުރާ ކިޓެއްއޮތެވެ. އަހަރެންހުރީ ގޮތް ހުސްވެފައެވެ. މުޅިމީހާހުރީ ދާހިއްލާ ފޯވެފައެވެ. ހިތުގެ ތެޅުންވެސް އެހާވަރަށް ދުވަހަކު އަވަހެއްނުވެއެވެ. އަހަރެން މާމަ ބުނިގޮތަށް ހުރިހާކަމެއް ކުރީމެވެ. މާބަނޑު ނުވުމަށްއެދި އަހަންނަށް ހިތުން ދުޢާކުރެވުނު ވަރެއްވެސް ނޭނގެއެވެ. ނަމަވެސް ވީކަމެއް ނުވާކަމަކަށް ވާނެހެއްޔެވެ! އެޓެސްޓުން ދެއްކީ އަހަން މާބަނޑުކަމަށެވެ. އަހަރެން ފާޚަނާއިން ނުކުތީ ވަރަށް ބިރުންހުރެއެވެ. ބައްޕަގެ ރުޅިގަނޑާއި އަހަރެން ކުރިމަތިލާނެ ގޮތެއްވެސް ނޭނގޭތީއެވެ. އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ! އަހަރެން ހީކުރިގޮތަށް އަހަންނަށް ބައްޕަގެ ރުޅިގަނޑާއި ކުރިމަތިލާން ޖެހުނެވެ. ބައްޕަގެ ހޫނުއެތިފަހަރުތައް ތަހައްމަލް ކުރަން ޖެހުނެވެ. މާމަ ނެތްނަމަ އެދުވަހު ބައްޕައަތުން އަހަރެންގެ ފުރާނަދިޔައީހެވެ. ބައްޕަހުރީ އެހާވަރަށް ރުޅިއައިސްފައެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބައްޕަޔާއިމެދު އެއްވެސް ޝަކުވާއެއްނެތެވެ. ބައްޕަ އަހަރެންދެކެ ރުޅިއައުން ހައްޤެވެ. އެއްވެސް ވިސްނުމެއްނެތި ބައްޕަގެ ހުރިހާ ޤަދަރަކާއި އިއްޒަތެއް އަހަރެން ވެއްޔާއި މޮޑެލައިފީމެވެ. މަންމަޔަކާއި ނުލައި ރޭދުވާހޭދަކޮށްގެން ބައްޕަ އަހަންނަށް ދިން އަގުހުރި ތަރުބިއްޔަތުގެ އެއްވެސް އަގެއްނެތެވެ. އެންމެންވެސް އަހަރެންދެކެ ރުޅިއައުން ހައްގެވެ. މާމަ ބައްޕަ ގޮވައިގެން ބޭރަށް ދިޔުމުން އަހަންނަށް ގިސްލަގިސްލާފައި ރޮވުނެވެ. ހިތުގައިވާ ހިތާމަތައް ކަރުނައިގެ ސިފައިގައި އޮހެމުން ދިޔައެވެ. އަހަރެންގެ ސިކުޑިއަކަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. ޝަޔާންގެ ޚިޔާލު އަންނައިރަށް އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. އެފަދަ މީހަކުދެކެ އަހަންނަށް ލޯބިވެވުނީތީއެވެ. އަހަރެންގެ ހުރިހާއެއްޗެއް އެކަހަލަ ކެހިވެރިޔަކަށް ޤުރުބާން ކުރެވުނީތީއެވެ. ވީލޯބީގެ އަގު މިހާހިތިކޮށް އަހަރެން ތަހައްމަލް ކުރަންޖެހޭނެކަން ކުރިން އެނގުނުނަމަ އެލޯތްބާއި ކައިރިނުވީމުސްއެވެ. އަހަރެންގެ ޙަޔާތް އަހަރެން ވީލޯބިން ބަރުބާދުވެއްޖެވެ. އަހަރެންގެ މުޅި މުސްތަޤްބަލް ބަނަވެ އަނދިރިވެއްޖެވެ. ޙަޔާތުގައި ދުވަހަކު ފިލުވާނުލެވޭނެވަރުގެ ބޮޑު ލައްގަޑެއް ޖެހިއްޖެއެވެ. ދުނިޔެމަތިން އަހަރެން ފޫހިވިއެވެ.
އެރޭ ބައްޕަގެ ރުޅިގަނޑު ފިނިވުމުން އައިސް އަހަންނާއި ވާހަކަދެއްކިއެވެ. އޭރު އަހަރެން އޮތީ އެނދުގައި ބަންޑުންނެވެ. އަހަރެންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ބައްޕަ އަހަރެން ކައިރިން އެއީ ކާކުތޯއެހިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ބައްޕަ ދެވަނަ ފަހަރަށްވެސް އެހުމުން އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. އަދި ބައްޕަކައިރިން އާދޭސްކޮސްފައި އެފަރާތެއް ނޭހުމަށް އެދުނީމެވެ. އަހަންނަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް އަހަރެންގެ ދުލުން އެމީހެއްގެ ނަމެއް ނުނިކުންނާނޭ ވާހަކަބުނީމެވެ. ބައްޕަ ރުޅިގަނޑު މައިތިރި ކުރަމުން އަހަރެން ކައިރީގައި އެއީ ރަށުމީހެއްހޭ އަހާލިއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯޖެހާލުމުން ބައްޕަ އިތުރު ވާހަކައެއް ނުދައްކާ އެތަނުން ނުކުމެގެން ދިޔައެވެ. އަހަންނަށް އަނެއްކާވެސް ރޮވުނެވެ.
އެދުވަހަށްފަހު ބައްޕަ އަހަންނާއި ވާހަކަ ނުދައްކައެވެ. އަހަރެންގެ ހުރިހާ ކަމެއް ކުރަމުން ދިޔައީ މާމައެވެ. ނަމަވެސް އަހަންނަށް ނޭނގޭހެން ބައްޕަ އަހަރެންގެ ހާލުއަހުވާލު ބަލައެވެ. އަހަރެންގެ ދިރިއުޅުމާއިމެދު ހިތާމަކުރެއެވެ. އަހަރެންގެ ހާލަށް ހަމްދަރުދީވެއެވެ. އަހަރެން ވަޒީފާއިންވެސް ކެނޑުނީމެވެ. ރޭދުވާ އަހަރެން ހޭދަކުރަމުންދިޔައީ އަހަރެންގެ ކޮޓަރިތެރޭގައެވެ. އަނދިރިކޮށްގެންނެވެ. ފޯނުވެސް އަހަރެން އޮންނަނީ އަބަދަށް ނިއްވާލާފައެވެ. ރައްޓެއްސަކުވެސް ގުޅާފާނެތީއެވެ. ތާއަބަދުގައި އަހަންނަށް ވިސްނެނީ ޝަޔާންއާއި ދޭތެރޭގައެވެ. އޭނަ އަހަންނަށް ދިން ކެހިވެރިކަމާއި ދޭތެރޭގައެވެ.
އަހަރެންގެ ދިރިއުޅުމަށްއައި ބަދަލުތަކުގެ ވާހަކަ އަހަރެން ރަނާއާއި ހިއްސާކުރީމެވެ. އަހަރެންގެ ފޯނަށް ނުގުޅިގެން އޭނާ ގެއަށް އައުމުންނެވެ. ރަނާ ފެނުމުން އަހަރެން މާދެރަވިއެވެ. އަހަރެންގެ ހުރިހާއެއްޗެއް ރަނާއަށް އެނގޭތީއެވެ. އަހަރެންގެ ބަނޑުގައި އޮތީ ޝަޔާންގެ ދަރިއެއްކަން އަހަރެން ބުނުމުގެ ކުރިން ރަނާއަށް އެނގުނެވެ. އަހަރެން ރަނާއަށް އެވާހަކަ ކިޔައިދިނީމެވެ. ރަނާ އެކަން އޭނާޔަށް ސިއްރު ކުރީތީ ޝަކުވާކުރިއެވެ. އަދި ދަތުރުގައި އަހަރުމެން ދެމީހުން ބައްދަލުކުރުމަށް އެހީ ވެދެވުނީތީ އެކަމާއި ހިތާމަ ކުރާވާހަކަ ބުންޏެވެ. އަހަރެން ރަނާކައިރިން ޝަޔާންގެ ވާހަކަ މުޅި އުމުރަށް ސިއްރުކޮށްދިނުމަށް އެދުނީމެވެ. އަހަރެންގެ ހުރިހާ ސިއްރެއް އޭނާ އަބަދުވެސް ސިއްރުކުރާ ފަދައިންނެވެ. ރަނާ އަހަރެންގެ ކަރުނަތައް ފޮހެދިނެވެ. އަދި ޝަޔާންގެ ވާހަކަ އެހެންމީހެއްގެ ކައިރީގައި އޭނާ ނުބުނާނެކަމަށް ވަޢުދުވިއެވެ. ރަނާ އަހަރެންގެ ކައިރީގައި ވަރަށްގިނައިރު އިނެވެ. އަހަންނަށް ހިތްވަރުދީ ހިންހަމަޖައްސަން މަސައްކަތް ކުރިއެވެ. ރަނާ ޝަޔާންއާއި ދިމާލަށް ވަރަށް އެއްޗެހިކިޔެވެ.
ދެން ފާއިތުވެގެން އައީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަސްތަކެވެ. އަހަރެން ނަހަލާލަށް ބަލިވެއިންކަން އަވަށުއެންމެނަށް އެނގި އެއެންމެންގެ މަލާމާތް އަހަންނަށާއި އަހަރެންގެ ޢާއިލާއަށް ރައްދުވިއެވެ. ބަލިވެއިނުމުންވާ ހުރިހާ އުނދަގުލެއް އަހަންނަށް ވާތީވެ ގިނަދުވަހު އަހަރެން އޮންނަންޖެހެނީ ހޮސްޕިޓަލުގައެވެ. ހަށިގަނޑުގެ ވަރު ދެރަކަމުންނެވެ. ހޮސްޕިޓަލުގެ އެތައްބައެއްގެ ސުވާލާއިވެސް އަހަރެން ކުރިމަތިލާން ޖެހުނެވެ. އެންމެންވެސް ބޭނުންވީ އަހަރެންގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން ބެލުމެވެ. ނަމަވެސް އަހަރެންގެ ދޫ ހުރީ ތަޅުލެވިފައެވެ. އެންމެންގެ މަލާމާތާއި އެއްޗެހިކިޔުން ތަހައްމަލް ކުރަމުންވެސް އަހަރެންގެ ދުލަކުން ޝަޔާންގެ ނަމެއް ބޭރެއް ނުކުރަމެވެ. އަހަރެން އޭނާ ދިފާޢުކުރަން ބޭނުންވަނީކީނޫނެވެ. ހަމައެކަނި އަހަރެން ބޭނުންވަނީ އެކަހަލަ ކެހިވެރިއެއްގެ އަސަރުވެސް އަހަރެންގެ މުސްތަޤްބަލަށް އެޅުނަ ނުދިނުމަށްޓަކައެވެ. އަހަރެންގެ ދިރުއުޅުމުގައި މީހެއްގެ ދުލުންވެސް އޭނާގެ ނަން އަހަންނާއި ހަމަޔަށް އަޔަ ނުދިނުމަށްޓަކައެވެ. ރަނާގެ ފަރާތުން އަހަންނަށް ވަރަށް އެހީތެރިކަން ލިބުނެވެ. އޭނާ އަބަދުވެސް އަހަރެންގެ ޙާލު ބަލައެވެ. ބައެއްފަހަރު ގެއަށްއައިސް މާމަޔަށް އެހީތެރިވެދީވެސް ހަދައެވެ.
އަހަރެން ބަލިވެއިނީ ދެކުދިންނަށެވެ. އެކަން އަހަރެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކިދުވަހު އެނގުނެވެ. އަހަރެން އެހާވަރަށް ޝަޔާންއަށް ނަފްރަތު ކުރާއިރުވެސް އަހަރެންގެ ބަނޑުގައި އޭނާގެ ލެއިން އުފެދިފައިވާ ދެކުދިންދެކެ އަހަންނަށް ނަފްރަތެއް ނުކުރެވުނެވެ. ފަހަރުގައި އެކުދިންގެ އެއްބަޔަކީ އަހަރެންގެ ލޭވީމައި ކަމަށްވެސް ވެދާނެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތުގައި އެކުދިންނާއިމެދު އުފެދުނު ލޯބިދިޔައީ ވަރުގަދަވަމުންނެވެ. އަހަރެންގެ ބަނޑަށް ފަސްމަސްވީއިރު އަހަރެންގެ ބަނޑު ވަރަށް ބޮނޑެވެ. އޭރުވެސް ބައްޕަ އަހަރެންގެ ކަންތައް ކުރަމުންވެސް އަހަންނާއި ކުރިން ވާހަކަދައްކާ އުޅުނުގޮތަކަށް ވާހަކަނުދައްކައެވެ. ބައްޕަގެ ހިތާމަތަކަށް އޭރުވެސް ލުޔެއް ނުލިބެއެވެ. އެހާދުވަސްވީއިރުވެސް ޝަޔާންގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަހަރެންގެ ޙާލުބަލާލާން ކީއްކުރަން އޭނާ އަހަރެން ދުނިޔޭގައި ދިރި ހުރިތޯވެސް ބަލައެއްނުލައެވެ.
އަހަރެންގެ ބަނޑަށް ހަތްމަހުން ބައްޕަ މިދުނިޔެއާއި ވަކިވިއެވެ. އަހަރެން ވަރަށް ހިތާމަކުރީމެވެ. އަހަރެންގެ ސަބަބުން ހިތާމައިގައި ބައްޕަ މިދުނިޔެއިން ނިމިދިޔައީމައެވެ. އަހަރެންގެ ރިހޭ ފައިމައްޗަށް ފޮތަކަށްފަހު ފޮތެއް ވެއްޓުނީއެވެ. އަހަރެންގެ ނަސީބަކީ މިއީބާއޭ ހިތަށްއެރިއެވެ. އޭރު އަހަންނަށް އެކަނި ތެދުވެ ނޫޅެވޭވަރަށް އަހަރެންގެ ބަނޑު ބޮޑެވެ. އެތަކެއް އުނދަގުލަކާއި އަހަރެން ކުރިމަތިލާން ޖެހުނެވެ. އަހަންނަށް ހިންހަމަޖެހުމެއް ނުލިބި ދުވަހަކަށްފަހު ދުވަހަކަށް ހިތާމަތަކާއި ކުރިމަތިލާންޖެހުނެވެ. އެއީ އަހަރެން ޚިޔާލުކުރި މަގެވެ. އެވޭން ލިބިގަތީ އަހަރެން އަމިއްލައަށެވެ. އަހަރެން ޝަކުވާކުރަންވީ ކާކާއި ހެއްޔެވެ؟ ޚުދް އަހަރެންގެ އަމިއްލަ ނަފުސު ފިޔަވަވައި އެހެންފަރާތެއް ނެތެވެ. އަހަރެން އެންމެ ދެރަވީ މާމަޔާއި އަހަރެން އެކަނިވެރި ވީމައެވެ. މާމަގެ ފަރާތުން ކިތަންމެ އެހީތެރިކަމެއް ލިބުނަސް އެމާމަޔަކީ މުސްކުޅިވެ ގައިން ބާރު ދޫވެފައިވާމީހެވެ. އަހަންނާއި އެކީ އެމާމަޔަށް އަބަދަކު ނޫޅެވޭނެވެ. ކޮންމެވެސް ކައިރި މުސްތަޤްބަލެއްގައި އެމާމަގެ ނިމުން އަންނާނެވެ. އެދުވަހަކުން އަހަރެން މުޅިން އެކަނިވާނެވެ. އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ މިއީ ބައްޕަގެ މަރަށްފަހު އަހަރެންގެ ހިތުގައި އަބަދުވެސް އެނބުރޭ ސުވާލުތަކެވެ.
ހިތާމައިގައި ދުވަސްތައް ކަޑައްތު ކުރަމުންގޮސް އަހަރެންގެ ދެކުދިން މިދުނިޔެއަށް އުފަންވިއެވެ. ލޯބިލޯބި ދެއަންހެން ކުދިންނެވެ. އެދެކުދިން ފެނުމާއިއެކު އަހަރެންގެ ހިތާމަތަކަށް ލުޔެއްލިބުނެވެ. އެޅަ އަޑު ކަންފަތުގައި ޖެހުމާއިއެކު ހަށިގަނޑަށް ދިރުންއައެވެ. މާމަ އަހަންނަށް ބަލާލާފައި ހިނތުންވެލިއެވެ. އަދި އެކުދިންނާއި ލޯބިކޮށްލިއެވެ. އަހަރެން އުންމީދުކުރީ އެއީ އަހަރެންގެ ޙަޔާތުގެ އާފެށުމެއްކަމުގައެވެ. މާޒީ ހަނދާން ނައްތާލާފައި ދިރުއުޅުމާއިގެން ކުރިޔަށްދިޔުމަށް އަހަރެން އަޒުމް ކަނޑައެޅީ އެދުވަހުގައެވެ. އެގޮތުން ގަދަވެގެން އަހަރެން އެންމެ ފުރަތަމަޔަށް ލިބިގަތީ އަހަރެން ކުރި ކުށުގެ އަދަބެވެ. އަހަންނަށް ކުރެވުނު ކުށާއިމެދު ދެރަވެ ތަޢުބާވީމެވެ. އެފަދަ ކުށެއް ދެން ނުކުރުމަށް އެދި ހިތުގައި އަޒުމް ކަނޑައެޅީމެވެ.
ކަންފަތުގައި ބަންގީގެ އަޑު ޖެހުމާއިއެކު މާޒީގެ ހަނދާންތަކުން އަހަންނަށް ބޭރަށް އާދެވުނެވެ. އަހަރެން އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށްޓަކައެވެ. ނަމާދުކޮށް ނިމިގެން އަހަރެން ﷲގެ ހަޟްރަތަށް ދެއަތް އުފުލާލީމެވެ. ލޮލުން ކަރުނަ އޮހޮރާލާފައި ކުރެވުނު ކުށަށް މައާފަށް އެދުނީމެވެ. އަދި އަހަންނާއި އަހަރެންގެ ދަރިންނަށް އުފާވެރި ރަނގަޅު ދިރިއުޅުމެއް މިންވަރު ކޮށްދެއްވުމަށް އެދުނީމެވެ. އަހަރެންގެ މުސްކުޅިމާމަޔަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދުނީމެވެ. އަހަންނާއި އެމާމަގެ ފާފަތައް ފުއްސަވާ އަހަރުމެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވުމަށް އެދުނީމެވެ. އަހަރެންގެ މަންމަޔާއި ބައްޕަގެ ފާފަތައްވެސް ފުއްސަވައި އެދެމީހުންނަށްވެސް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދުނީމެވެ. މިހާރު އަހަރެންގެ އާދައިގެ ދިރިއުޅުމަކީ މިއީއެވެ. ފަސްއިރު ފަސްނަމާދުގައި އަހަރެން އަހަންނަށް ކުރެވުނު ކުށަށް އެކަލާންގެ ހަޟްރަތުން އަބަދުވެސް މަޢާފަށް އެދެމެވެ. އަހަރެންގެ ދަރިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމަށް މަގުފަހި ކޮށްދީ ދިރިއުޅުމުގައި ކުރިޔަށް ދިޔުމަށް އަހަންނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދެމެވެ. މިކަމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބެއެވެ. އަހަރެން ލޮލުން ކަރުނަ ފޮހެލާފައިގޮސް މާމަޔަށް ގޮވީމެވެ.
ހިތާމައިގައި އަހަރެއްހާ ދުވަސް ފާއިތުވެދިޔައީއެވެ. ޝަޔާންގެ ޚަބަރެއް ނުވިޔަސް އޭނާގެ ހަނދާންތައް އަދިވެސް އަހަރެންގެ ހިތުން މުޅިން ފިލައިގެން ނުދެއެވެ. އަހަރެން އޭނާޔަށް ކިތަންމެ ނަފްރަތު ކުރިޔަސް އެލޯބި އަދިވެސް ފުރަތަމަ ދުވަހެކޭ އެއްވަރަށް އަހަރެންގެ ހިތުގައިވެއެވެ. ބޭނުންނުވެ ހުރެވެސް އަހަންނަށް އޭނަޔާއި ދޭތެރޭ ވިސްނެއެވެ. އޭނަޔާއިއެކު ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާނަށް އާދެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ހަޤީގަތަކީއެއީއެވެ. ނަމަވެސް އޭނާ އަހަންނަށް ދިން ހިތާމައިގެ ކަޅު ސާލުން އެހަނދާންތައް ދަނީ ދުވަހެއް ދުވަހަކަށް ވަޅުލެވެމުންނެވެ. އަހަރެންގެ ބާރުގައިވާ ހިތެއްނަމަ ވަގުތުން އޭނާގެ ނަމާއި، އެހަނދާންތައް އެހިތުން ފިލުވާލިތާ ކޮންދުވަހެއް ހެއްޔެވެ! އޭނާ އަހަންނަށް ކެހިދިނީ ކީއްވެގެންކަމެއް ނޭގެއެވެ. އަހަރެންގެ ލޯބިން އުނިވީ ކޮންބައެއް ކަމެއްވެސް ނޭގެއެވެ. އޭނާ އަހަރެންގެ ޙަޔާތަށް އައީ ބީރައްޓެއްސެއްގެ ގޮތުގައެވެ. އަހަރެންގެ ޙަޔާތުން އޭނާ ދިޔައީވެސް އެހެންނެވެ. އެހެނަސް ރަން މުތެއްފަދަ އަގުހުރި ދެހަދިޔާ ދީފައެވެ. އަހަރެން އެދެކުދިންނަށްޓަކައި ދިރިއުޅޭނަމެވެ. މިހާރު އަހަރެންގެ އަޒުމަކީ އެދެކުދިންނަށް ރަނަގަޅު މުސްތަޤްބަލެއް ހޯދައިދިނުމެވެ. ބައްޕައެއްގެ އުނިކަން ދުވަހަކު އެދެކުދިންނަށް ވިޔަ ނުދިނުމެވެ. އޭނާގެ ހިޔަނިވެސް އަހަރެން އެ ދެކުދިން ޙަޔާތަށް އެޅުނަކަ ނުދޭނަމެވެ. ދުނިޔޭގައި އަހަރެން ދިރިހުރިހާ ހިނދަކު އެކެހިވެރިޔާ މަތިން ހަނދާން ނައްތާލަން އަހަރެން ރޭދުވާ މަސައްކަތް ކުރާނަމެވެ. އަހަރެންގެ އުންމީދަކީ މިއީއެވެ.
…… ނިމުނީ ……
4 Comments!
Comments are closed.
ހާދަ ރީއްޗޭ……… ވަރަށް އަސަރުގަދަ….
ވަރަށް ސަޅި. ހަދީގެ އިތުރު ވާހަކައެއް ފެންނާނެތަ އަދި؟
ސޮރީ.. ޒޯޔާގެ އެހެން ވާހަކަ އެއް ފެންނާނެތަ އަދި؟
WOW