ކެހިވެރިޔާ 1 …… (ކުރު ވާހަކަ)
އަހަންނަށް ދެލޯ ހުޅުވާލެވުނީ ތުއްތު މީސާއާއި މީލާ ދެކުދިން ރޮއެގަތް އަޑަށެވެ. އެއަޑަށް އަހަރެންގެ މުސްކުޅި މާމަވެސް ކޮޓަރިތެރެއަށް އައެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއްޖެހީއެވެ. މާމަ މީލާ ނަގައިގެން ލޮއްސަން މަސައްކަތް ކުރިއެވެ. އެވަގުތު އަހަރެން މާމަ ކައިރީގައި ބުއްފުޅި ޖެއްސުމަށް ބުނީމެވެ. މާމަ ބުއްފުޅި ނަގައިގެން މީލާ ތުނބުގައި ހަމަ ޖެއްސުމާއިއެކު އެފަކީރު ހުއްޓާލައިފިއެވެ. އަހަރެން މީސާ ކައިރީގައި ބާއްވައިގެންއޮވެ ގާތުން ކިރުދިނީމެވެ. އަހަންނަށް ބަލާލެވުނީ މާމަގެ މޫނަށެވެ. މާމަ ހިނިތުންވެލައިގެން ނާނާ ކިޔަމުން މީލާއަށް ބަލަހައްޓައިގެން އިނެވެ. އެއްއަތުން ލޯބިން މީލާގެ ފަންއިސްތަށިގަނޑުގައި ފިރުމަމުންނެވެ. ”މާދަމާއަކީ މިދެމަންޖެއަށް ތިންމަސް ފުރޭދުވަސް… އެކަމަކު ބަލާލާފައި ހީވަނީ ހަމަސް ފުރިއްޖެހެން ދޯ!…..” މާމަ އަހަންނަށް ލޯބިން ބަލާލިއެވެ. މާމަ ބަލާލުމާއިއެކު އަހަންނަށް ހިނިތުން ވެލެވުނެވެ. އަހަރެން ބަލާލީ އަހަރެން ކައިރީގައި އޮތް މީސާއަށެވެ. ބޮޑުވަމުން އަންނަ ވަރަކަށް މީސާ ވައްތަރު ވަމުންއައީ އޭނާގެ ބައްޕައާއިއެވެ. މީލާއަށް ލިބިފައިހުރީ އަހަރެންގެ ސިފަތަކެވެ. އޭނާގެ ބައްޕަގެ ދޮންކަން ފިޔަވައެވެ. މީސާގެ މޫނަށް ބަލާލާ ކޮންމެ ފަހަރަކު އޭނާގެ ހިތި ހަނދާންތައް އަހަންނަށް އަބަދުވެސް އާވެއެވެ.
މީލާ ނިދުމުން މާމަ އޭނާގެނެސް އަހަރެންގެ މަގަތުގައި ބާއްވާލިއެވެ. އަދި މީސާގެ ބޮލުގައި ފިރުމާލިއެވެ. ”މާމާ އެބައަންނަން އެކޮޔަށް ކާން ހިފައިގެން.” އަހަންނަށް ބަލާލާފައި މާމަ އަހަރެންގެ ބޮލުގައިވެސް ފިރުމާލިއެވެ. މާމަގެ ފިރުމުންތައް ލިބޭ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނައާދެއެވެ. އަހަރެންގެ އެކަނިވެރިކަމާއި ނަސީބާއިމެދު ވިސްނާލެވެއެވެ. މާމަ ދޮރުން ނުކުންނަމުން އަދިއެއްފަހަރު ފަސްއެނބުރި އަހަންނަށް ބަލާލާފައި ހިނިތުންވެލިއެވެ. މާމަ ނުކުތްތަން ބަލަން އަހަންނަށް ފެންކަޅިވެފައި ބަލަހައްޓައިގެން އޮވެވުނެވެ. މާމަ ދިޔުމާއިއެކު އަހަރެން ހިފަހައްޓަމުން އައި ކަރުނަތައް އޭގެ މަގާމުން އޮހިގަތެވެ. ރޮމުން ގިސްލަމުން އަހަންނަށް ބަލާލެވުނީ އަހަރެންގެ ކައިރީގައި ނިދާފައިތިބި ތުއްތު ތުއްތު ދެފުރާނައަށެވެ. އެމާމަ ނެތްނަމަ އަހަރެން މި ދެކުދިން ބަލާނީ ކިހިނެއްހޭ އަހަރެންގެ ހިތަށް އެރިއެވެ. މިއީ އަބަދުވެސް އަހަރެންގެ ހިތަށްއަރާ އެއްޗެކެވެ. މިދެކުދިން މިދުނިޔެއަށް އުފަންވި ދުވަހުން ފެށިގެންނެވެ. އަހަރެން އެންމެ އެކަނިވެރިވީ ދުވަހު އަހަންނަށް އަޅާލުމާއި މައެއްގެ ލޯތްބާއި ބަފައެއްގެ އެހީތެރިކަންދޭ މީހަކީ އަހަރެންގެ އެމުސްކުޅި މާމައެވެ. އަހަންނަށް ވެވުނު ކުށަށް މަޢާފުކުރަމުން އަހަންނާއި އަހަރެންގެ ދެކުދިން އެމާމަގެ ޚަރަދުގައި ބަލަމުން ގެންދަނީ ހެޔޮހިތުންނެވެ. މާމަ އަހަންނަށް ޚަރަދުކުރަނީ މާމަ ހައްޖަށްދާން އެއްކޮށްފައިވާ ލާރިންނެވެ. ހިތުގައި އެއްވެސް ބުރަކަމެއްނެތި އެމާމަގެ ދުލުން ބޭރުވާ ބަސްތަކާއި ލޯބިވެތި ފިރުމުންތައްވެސް އެއަށްވުރެ އަހަންނަށް މާއަގުބޮޑެވެ.
އަހަރެންގެ ނަމަކީ މިސްކާއެވެ. އަހަރެންގެ ރަށަކީ ރާއްޖޭގެ އުތުރުން މަޝްހޫރު ރަށެކެވެ. އަހަންނަކީ އަހަރެންގެ މަންމަޔާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ އަހަރެންގެ ޅައުމުރުގައި ނިޔާވެއްޖެވެ. އެމަންމަގެ ފިރުމުންތަކުގެ ހަނދާނެއްވެސް އަހަރެން ނުހުރެވެ. ސިފަވެސް އަހަނަށް އެނގެނީ ހަމައެކަނި ފޮޓޯތަކުންނެވެ. ދެން އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ ބައްޕަޔާއި މާމައެވެ. ބައްޕަޔަކީ މަސްވެރިއެކެވެ. މަސްބާނާ ކަމަށްވަންޏާމުން ބައްޕަޔަށް ފުދޭވަރެއްގެ އާމްދަނީއެއްލިބެއެވެ. އެއިން ބައްޕަ އަހަރެންގެ ހުރިހާ ކަމެއް ކޮށްދެއެވެ. އަހަންނަށް އެއްވެސްއެއްޗެއް މަދުނުކުރެއެވެ. އަހަންނަށް ފުރިހަމަޔަށް ކިޔަވައިދީ ރަނގަޅު ތަރުބިއްޔަތެއްދިނެވެ. މާމަ ހުރުމުން މައެއްގެ އުނިކަމެއްވެސް އަހަންނަށް އިޙުސާސް ކުރާކަށް ނުޖެހެއެވެ. އެމާމަ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އެދެމީހުންގެ ލޯތްބާއި އަޅާލުމުން އަހަރެން ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލާއި މަޖަލުގައެވެ.
އަހަންނަށް ސިހިފައި ބަލާލެވުނީ ދޮރު ހުޅުވުނުއަޑަށެވެ. އެރު މާމަ ކާއެއްޗެހި ހިފައިގެން އެތެރެއަށް ވަންނަނީއެވެ. މާމަ ފެނުމާއިއެކު އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަގުތުން ފޮހެލީމެވެ. ވަރަށް ސިއްރުންނެވެ. ނަމަވެސް މާމަޔަށް އެމަންޒަރު ފެނުނެވެ. މާމަ އަހަރެން ކައިރިޔަށް އައުމުން އަހަރެން ތެދުވެލީމެވެ. މާމަ ކުޑަ މޭޒު ކައިރިކޮށްލާފައި އޭގެ މަތީގައި ކާއެއްޗެހި ބެހެއްޓިއެވެ. އަދި އަހަރެންގެ މަގަތުގައި އިށީނެވެ. ”ދަރިފުޅާ….. އަދިވެސް ދަރިފުޅު ތިހިތާމަތަކުން ދުރަށްދާކަށް ނުވޭތަ؟ ދަރިފުޅު ހިތާމަ ކުރާތީއޭ ދަރިފުޅުގެ ހަށިގަނޑުވެސް ހިކި އަނަރޫފަވަމުން ތިދަނީ…..” މާމަ އޯގާތެރިކަމާއިއެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. މާމަގެ ޖުމްލަ ފުރިހަމަ ނުވަނީވެސް އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ. ”ބަލާބަލަ… މިއޮތް ލޯބި ދެކުދިން…… މިއަދު މިދެކުދިންނަކީ ދަރިފުޅުގެ ޒިންމާއެއް. ދަރިފުޅު ތިހާ ނިކަމެތިވެގެން މިދެކުދިން ބަލާނީ ކިހިނެއް…. މާމަ ބުނީމެއްނު މާޒީގައި ވެދިޔަ ކަންތައް ހަނދާންނައްތާލާށޭ…… އާފެށުމަކުން ދިރިއުޅުން ފަށާށޭ….. މިދެކުދިންގެ ހައްގުގައި ދަރިފުޅު ޖެހޭނެ ދަރިފުޅުގެ މުސްތަޤުބަލާއިމެދު ވިސްނަން… ކޮންމެ ގޮތެއް ވިޔަސް މާމަގެ އެންމެ ފަހު ނޭވަޔާއި ޖެހެންދެން މާމަ ދަރިފުޅާއި އެކުގައި ވާނަން…” މާމަ އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ލޯބިން ފޮހެމުން ދިޔައެވެ. ނަމަވެސް މާމަގެ އޯގާތެރި ފިރުމުންތަކުން އަހަންނަށް މާބޮޑަށް ގިސްލެވުނެވެ. ”މާމާ… އަހަރެން އަބަދު ވިސްނަނީ ތިކަމާއި…. މިއަދު މާމަ ތިވަނީ މުސްކުޅިވެ ގައިން ބާރު ދޫވެފައި… މާމަގެ ފަހުވަގުތު ތިވަނީ ކައިރިވެފައި…. މާމަ ނެތް ދުވަހަކުން އަހަރެން މި ދެކުދިންނާއިގެން ދިރިއުޅޭނީ ކިހިނެއް؟ އަހަރެންގެ އަމިއްލަ ނަފުސު އެކަނިނަމަ ކޮންމެ ގޮތަކަށްވެސް އުޅެވުނީސް…. ނަމަވެސް…..” އަހަނަށް ގިސްލަމުން ބަލާލެވުނީ އެނދުގައި އަރާމު ފުން ނިންޖަކުން ނިދާފައި ތިބި ދެކުދިންނަށެވެ. އަހަރެންގެ ހިތާމަތަކަށް ކެތް ނުވެގެން މާމައަށްވެސް ރޮވުނެވެ. ”ދަރިފުޅާ….. ދެރަނުވޭ…. މާތް ﷲ އެއްވެސް އިންސާނަކަށް އެއިންސާނަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނުޖައްސަވާނެ…. ދަރިން ދެއްވާ ގޮތަށް އެދަރިންގެ ރިޒުޤުވެސް އެކަލާންގެ ދެއްވާނެ… އިރާދަ ކުރެއްވިއްޔާ މާމަ ނެތަސް ދަރިފުޅަށް ދެރަގޮތެއް މެދުވެރި ނުވާނެ. ދަރިފުޅުގެ މިދެކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއްދީ ހެޔޮގޮތުގައި ބަލާތި. އެކަން ވެވޭނީ ދަރިފުޅުގެ އަޒުމް ވަރުގަދަވެގެން. ހިތްވަރުކޮށްގެން…” މާމަ ކަރުނަ ފޮހެލާފައި އަހަރެން ކައިރީގައި ކާން ބުންޏެވެ. މާމަގެ ކުރިމަތީގައި އަހަރެން ބަނޑު ފުރޭވަރަށް ކެއީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. ކައި ނިމެންދެން މާމަ އަހަންނަށް ބަލަންއިނެވެ. އެލޮލުން އެމާމަގެ ހިތާމަތައް އަހަންނަށް މާރަނގަޅަށްވެސް ފެނެއެވެ. އެހިތުގައިވާ ހިތާމަތައް އަހަންނާއި ހިއްސާ ނުކުރިޔަސް އަހަންނަށް ސިއްރުން މާމަ ރޮއެ ހިތާމަ ކުރާތަން އަހަންނަށް ފެންނާތީއެވެ. އަހަރެން އެންމެ ދެރަވަނީ އެކަމާއިއެވެ. މާމަ އަހަރެން ކައި ނިމުމުން ތަށި ހިފައިގެން ބޭރަށް ނުކުތެވެ. އަހަރެން ވަނީ ފާޚަނާއަށެވެ. އަހަރެންގެ ސޫރަ ލޯގަނޑުން ފެންނަ ކޮންމެފަހަރަކު އެސޫރައަށް ބަލަހައްޓައިގެން އަހަންނަށް އިރުކޮޅަކު ހުރެވެއެވެ. ބައެއްފަހަރު އެސޫރަޔަށް ބަލަން ޖެހިލުންވެސް ވެއެވެ. އަހަރެން ބަލާލާފައި އަހަންނަކީ ނާވާރައަހަރުގެ އަންހެން ކުއްޖެކޭ އެކަކުވެސް ނުބުނާނެވެ. ހީވަނީ ބައްތިރީސް އަހަރުވެފައިވާ ހެންނެވެ. ހިކިގެންގޮސް އަހަރެންގެ ހަށިގަނޑުގައިވާ ކަށިތައް ރީއްޗަށް ފެންނަން ހުރެއެވެ. މޫނުގައި ރޫތައް ގިނަވެ ކޯވެސް ހުންނަނީ އެތެރެއަށް ވަދެފައެވެ. ލޮލުގެ ކައިރި ކަޅުވެފައި އެތެރެއަށް ވަދެފައިވެއެވެ. އަހަރެންގެ ހަށިގަނޑަށް މިހާބޮޑު ބަދަލުތަކެއް އައީ އަހަރެން ވިހައިގެން ފާއިތުމިވީ ތިންމަސްތެރޭގައެވެ.
ފާޚަނާއިން އަހަރެން ނުކުތްއިރު މާމަ އެނދުގައި އޮތެވެ. އަހަރެން ބަނޑުބޮނޑުވީ އިރުއްސުރެން ފަށައިގެން މާމަ ނިދަނީ އަހަރެންގެ ކައިރީގައެވެ. ހޮޅިބުރި ނިއްވާލުމަށްފަހު ނިދާބޮކި ޖައްސާލާފައި އައިސް އަހަރެންވެސް އެނދުގައި އޮށޯތީމެވެ. ނިދޭތޯ ދެލޯމަރައިގެން އޮތީމެވެ. ނަމަވެސް ނުނިދުނެވެ. ޚިޔާލުތަކުން ސިކުޑި ބަރުވެފައިވާތީއެވެ. ޝަކުވާތަކުންނާއި ހިތާމައިން ހިތް ފުރިފައިވާތީއެވެ. އަހަންނަށް ވިސްނެމުން ދިޔައީ އަހަރެން ދިރިއުޅުމާއި ދޭތެރޭގައެވެ. އަހަރެންގެ މަޒީއާއި ދޭތެރޭގައެވެ.
އަހަރެންގެ އުފަލުގައި ހިތާމައިގެ ސިއްކަޖެހި ދިރިއުޅުން ބަދަލުވީ ލޯތްބޭ މިކިޔާ ވަބާގައި އަހަރެން ޖެހުމުންނެވެ. އޭރު އަހަރެން އުޅުނީ ޡާނަވީ ފެންވަރަށް ކިޔެވުން ނިންމާލާފައި ރަށު ހޮސްޕިޓަލުގައި ވަޒީފާގައެވެ. އެތާގައި އަހަރެން އުޅުނީ ޑޮކްޓަރުންގެ އެހީތެރިއަކަށެވެ. އަހަރެން ވަޒީފާގައި އުޅޭތާ އެއްއަހަރު ފަހުން އެހޮސްޕިޓަލަށް މާލޭގެ ދެ ޑޮކްޓަރެއް އައެވެ. ދެމަސް ވަންދެން އެމީހުން ހޮސްޕިޓަލުގައި ބަލިމީހުން ބެލިއެވެ. އޭގެ ތެރެއިން އެކަކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޝަޔާންއެވެ. އިއްތިފާގުން އޭނާގެ އެހީތެރިޔަކަށް ހުންނަން ޖެހުނީ އަހަންނަށެވެ. އޭނާ ކިޔެވުން ނިންމާލާފައި ޖޮއިންކުރީ ހަމައެއަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ ކަމެއް އުފެދުނެވެ. އޭނާގެ ރީތި ސޫރައިންނެވެ. އަންހެންކުދިންގެ ހިތް ކަތިލާލާ ކަހަލަ ރީތި ސޫރައެއް ޤުދްރަތުން އޭނާއަށް ލިބިފައިވެއެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. އޭނާގެ ވާހަކަ ދެއްކުމާއި މިޒާޖުގައި އަޚްލާގް ރަނގަޅު ގޮތްތަކެއް ހުރެއެވެ. އޭނާގެ ބެލުމުގައިވެސް ހިތްދަމައިގަންނަ ކަހަލަ ގޮތެއް ހުރެއެވެ. އޭނާގެ ފުރަތަމަ ބެލުމުންވެސް އަހަރެންގެ ހިތް ކަތިލެވުނީ އެހެންވެއެވެ. އެދުވަހުން ފަށައިގެން އަހަންނަށް ޝަޔާންއާއި ދޭތެރޭ ވިސްނެން ފެށުނެވެ. އޭނާގެ ބެލުމަކަށް އިންތިޒާރު ކުރެވެން ފެށުނެވެ.
ހޮސްޕޓަލުގައި އުޅޭ ޒުވާން އަންހެންކުދިން އަހަންނެކޭ އެއްފަދައިން އޭނާއަށް ހިތްކިޔަމުން ދިޔައެވެ. ސިއްރުންނާއި ފާޅުގައެވެ. އެމީހުން އެއްގޮތުން ނޫނީ އަނެއްގޮތުން އޭނަޔާއި ވާހަކަދައްކަން މަސައްކަތް ކުރެއެވެ. ކަންބަލަން އަހަރެން ދުރުގައި ހުންނަނީ ފާޑަކަށް އެކުދިންނަށް ރުޅިއައިސްފައެވެ. އެއީ އަހަންނާއި އަޅާ ބަލާއިރު އެކުދިން ހާސްބައި ރީތިވީމައެވެ. އަހަރެންގެ ހަށިގަނޑުގެ ކުލަ އަނދިރިއެވެ. ޤުދްރަތުން އަހަންނަށް އެކުދިންހާ ފުރިހަމަކަމެއް ދެއްވާފައި ނުވިޔަސް އަހަންނަކީ ހުތުރު ކުއްޖެކޭ ބުނާވަރު ނުވެއެވެ. ރީތި ވުމަށްޓަކައި އަހަރެންވެސް އެތަކެއް މަސައްކަތެއް ކުރަމެވެ. ނަމަވެސް ސުކޫލް ދައުރު ނިމުނުއިރުވެސް އެއްވެސް ކުއްޖަކު އަހަންނަށް ހިތްކިޔާފައި ނުވެއެވެ. އަބަދުވެސް ކުދިން އަހަންނާއި ވާހަކަ ދައްކާނީ އަހަރެންގެ އެނމެ ގާތް އެކުވެރިޔާއާއި ވާހަކަދެއްކުމަށްޓަކައެވެ. އެއީ ރަނާއެވެ. ރަނާއަކީ ރީތިކަން އިންތިހާޔަށް ލިބިފައިވާ ކުއްޖެކެވެ. އެރީތިކަމުގެ ފައިދާވެސް އޭނާ އެހާފުރިހަމަޔަށް ބޭނުންކުރެއެވެ. އަހަންނަށްވެސް އެފަދަ ނަސީބެއް ލިބިފައިވާނަމައޭ ހިތަށް އަބަދުވެސް އަރައެވެ. ރަނާގެ ހަޔާތަށް އަންނަ ރީތި ކުދިން ފަދަ ކުއްޖެއްގެ ބައިވެރިޔަކަށް ވުމަށް އަހަރެންގެ ހިތްވެސް އަބަދު އެދެއެވެ. ޝަޔާންއަށް އަހަރެންގެ ހިތްދެވުނީވެސް ހަމަ މިހެންނެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް ޝަޔާންގެ ފަރާތުން އަހަންނަށް އެއްވެސް އިޝާރާތެއް ނުލިބެއެވެ. ލިބޭނީވެސް ކިހިނެއް ހެއްޔެވެ؟ އެހާ ރީތި ކުދިން ވަށައިގެން ތިއްބާ އަހަރެންކަހަލަ ކުއްޖަކު އޭނާގެ ލޮލުގައި އަޅައިގަންނާނެހެއްޔެވެ! ޝަޔާންއާއި އެންމެ ކައިރީގައި އަހަރެން އުޅުނަސް އަހަރުމެން ދެމީހުން ދޭތެރޭގައި ޕްރޮފެޝަނަލް ގުޅުން ފިޔަވައި އެހެން ގުޅުމެއް ނޯވެއެވެ. އަހަރެން އޭނަޔާއި ވާހަކަދައްކަނީވެސް ވަރަށް މަޑުން ލަދުން ހުރެއެވެ. ދައްކަންޖެހޭ މުހިންމު ވާހަކަތައްވެސް ގިނަފަހަރަށް އަހަންނަށް އޭނަޔާއި ދައްކާކަށް ނުކެރެއެވެ. އޭނަ ހުންނަލެއް މަޑުމައިތިރި ކަމުންނެވެ.
ތިންހަފްތާ ފާއިތުވީއިރު އަހަރުމެން ދެމީހުން ދޭތެރޭގައި އޮތް ބީރައްޓެހިކަން އަހަރެން ހީކުރިވަރަށްވުރެ ދުރުވިއެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައިގެ އިތުރުން އޭނާ އަހަންނާއި ވާހަކަދައްކައެވެ. އަހަންނަށް ހެވޭކަހަލަ ބަސްތައް ބުނެއެވެ. އަހަންނަކީ އެހެންކުދިންނާއި ވަރަށް ތަފާތު ކުއްޖެކޭ އޭނާ ބުނެއެވެ. ފެންނަ ފެނުމުންނާއި މިޒާޖުންނެވެ. އަދި އަހަންނަކީ ގާތް ރައްޓެއްސެއްގެ ގޮތުގައި ދެކެން ބަރާބަރު ކުއްޖެކޭވެސް އޭނާ ބުންޏެވެ. އޭނާގެ އެވާހަކަތަކުން އަހަރެންގެ ހިތް މުޅިން ފަތަހަ ކުރިއެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތް އޭނާޔަށް ދީވާނާ ވަމުން ދިޔައީ އަހަރެންގެ އިޚްތިޔާރުން ބޭރުގައެވެ. ބަލިމީހަކުނެތި އެކަނިވާ ގަޑިތަކުގައި ކުރިން އަހަރެން ދަނީ ބޭރަށެވެ. ނަމަވެސް ފަހުންއައިސް އަހަރެން މަޑުކުރަނީ އެތެރޭގައެވެ. ޝަޔާންގެ އެދުމުގެ މަތިންނެވެ. އޭނާއާއި ވާހަކަދައްކަން ވެގެންނެވެ. ދުވަހެއް ދުވަހަކަށް އަހަރުމެންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންގެ ދޭތެރޭގައި ގާތް ރަޚްމަތްތެރި ކަމުގެ ގުޅުމެއް އުފެދުނެވެ. އަހަރެން އެކަމާއި ވަރަށް އުފާވިއެވެ. އެއީ ލޯބީގެ ފެށުމަކީ ރަޚްމަތްތެރިކަން ކަމުގައި އަހަރެން ގަބޫލުކުރާތީއެވެ. އަހަރެން ހީކުރި ގޮތާއި ޝަޔާން މުޅިން ޚިލާފެވެ. އެއީ ވަރަށް ސަމާސާގޮތް ހުންނަ މަޖާ މިޒާޖެއްގެ ވެރިއެކެވެ. މަޑުން އޭނާ ހުންނަނީ ނުދަންނަމީހުންގެ ތެރޭގައެވެ. ޝަޔާން އޭނާގެ ޙަޔާތުގެ ސޮފްހާތައްވެސް އަހަންނާއި ޙިއްސާކުރިއެވެ. ޢާއިލާގެ ވާހަކަޔާއި ދިރިއުޅުމުގެ ވާހަކައެވެ. އޭނާ ހުރީ ހުސްކޮށް ކަމާއި، ކުރިން އޭނާގެ ޙަޔާތަށް ތިން ކުއްޖަކުއައި ވާހަކަ އޭނާ ބުންޏެވެ. ވަރަށް ހެވިލާފައެވެ. ނަމަވެސް އެކި މައްސަލަތަކުގައި އެކުދިންނާއި ވަކިވާން ޖެހުނީކަމުގައި އޭނާ ބުންޏެވެ. އަހަރެން އެމައްސަލަތަކެއް ނާހަމެވެ. އެވަގުތު އެކަން ބަލަން ޝައުގުވެރިނުވީއެވެ. ޝަޔާން ހުރީ ހުސްކޮށް ކަން އެނގުމުން އަހަރެންގެ ހިތަށް ލިބުނު ހިންހަމަޖެހުން ބަޔާންކުރަން ދައްޗެވެ. ޝަޔާންގެ ލޯބި ލިބިދާނެކަމަށް އުންމީދު ނުކުރެވުނަސް ދުރުން ކުޑަ އަލިކަމެއް ފެންނާން ހުއްޓެވެ. އޭރު ޝަޔާންގެ އުމުރަކީ ތޭވީސް އަހަރެވެ. އަހަންނަށް އޭރުވާނީ އަށާރަ އަހަރެވެ. އަހަރެންވެސް އަހަރެންގެ ޙަޔާތުގެ ވާހަކަތައް އޭނަޔާއި ޙިއްސާކުރީމެވެ. އަހަރެން އެއްވެސް ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިފައި ނުވާވާހަކަ ބުނުމުން އޭނާ ގަބޫލެއްވެސް ނުކުރިއެވެ. އަހަރެން ކަހަލަ ކުއްޖަކުވެސް ހުރެދާނެ ކަމަށް އޭނާ އުންމީދު ނުކުރާވާހަކަ ބުންޏެވެ.
އެއްދުވަހެއްގެ ހަވީރުވަގުތެވެ. ބަލިމީހުން ނިމުމާއިއެކު އަހަރެން ދާންއުޅުނު ތަނުން ޝަޔާން އަހަރެން މަޑުކުރުވިއެވެ. އޭނާ އަހަރެންގެ ކައިރީގައި ވާހަކައެއް އަހަންބޭނުންވެފައިވާ ވާހަކަ ބުންޏެވެ. އަހަރެން އަވަހަށް އަހާށޭ ބުނީމެވެ. އޭނާއިނީ ސީދާ އަހަންނާއި ދިމާލަށް ބަލައްޓައިގެންނެވެ. އޭނާ އަހަރެން ކައިރިން އެހީ އަހަރެން ލޯބިވާ ކުއްޖަކު ހުންނަތޯއެވެ. އެވަގުތު އަހަރެން ވަރަށް ލަދުގަތެވެ. ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ނަމަވެސް އޭނާ އެސުވާލުކުރީ ކީއްވެގެންކަމެއް އެވަގުތު އަހަރެންގެ ހިތަކަށް ނޭރިއެވެ. ހިތަށް ހަމައެކަނި އެރީ ކުރިންދުވަހު އަހަރެން ކުއްޖަކާއި ރައްޓެހި ނުވާވާހަކަ ބުންޏަސް މީހަކުދެކެ ލޯބިނުވާ ވާހަކައެއް އޭނާ ކައިރީގައި ނުބުނާކަމެވެ. އޭނާ ދެވަނަ ފަހަރަށްވެސް އެހިއެވެ. އަހަރެން އިންތަނުން ތެދުވެލީމެވެ. އަދި އަހަރެން ކަހަލަ ކުއްޖަކު މީހަކުދެކެ ލޯބިވިޔަސް އެލޯބި ހާސިލް ވުމަކީ ނުވާނެކަމެއްކަމުގައި އަހަރެން ވަރަށް ކެރިހުރެ ޖަވާބުދިނީމެވެ. އަހަރެންގެ ވާހަކަ ހުންނަގޮތުން އަހަރެން މާނަކުރީ ކީކޭކަން އޭނަޔަށް ރަނގަޅަށް އެނގޭނެއެވެ. އޭނަ ދެންވެސް ބުނީ އަހަރެން ދިނީ އޭނާ ކުރިސުވާލުގެ ޖަވާބެއް ނޫންކަމެވެ. އަހަރެން ވަރަށް ވިސްނާފައި ލޯބިވާ ކުއްޖަކު ނުހުންނަ ކަމުގައި ބުނީމެވެ. އިތުރު ސުވާލަކާއި ކުރިމަތި ނުލާންވެގެންނެވެ. އަހަރެން އެހެންބުނި ވަގުތު އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވިތަން އަހަންނަށް ފެނުނެވެ. އަހަރެން ކުޑަކޮށް ހައިރާންވެސް ވިއެވެ.
އިތުރު ވާހަކައެއް އޭނާ ދެއްކުމުގެ ކުރިން އަހަރެން އެތަނުން ނުކުންނަން ހިނގައިގަތީމެވެ. އަހަރެންގެ ހިތުގެ ޙާލަތު އޭނާޔަށް އެނގިދާނެތީއެވެ. އަހަރެން ދޮރުން ނުކުތުމުގެ ކުރިން ޝަޔާން އަހަރެން ހުއްޓުވިއެވެ. އޭނާގެ ދުލުން ބޭރުކުރި ޖުމްލައަކުން ހުއްޓުންއެރީއެވެ. މުޅިމީހާ ގަނޑުވިކަހަލައެވެ. ”މިސްކާއަށް މީހަކު ލޯބި ހުށަހަޅައިފިއްޔާމުން ގަބޫލުކޮށްފާނަންތަ؟……” އަހަންނަށް ޝަޔާންބުނި އެއްޗެއް ގަބޫލުކުރަން ދަތިވިއެވެ. ފަސްއެނބުރި އޭނާއަށް އަހަރެން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަހަންނަށް ކީކޭހޭ އަހާލެވުނެވެ. އެވަގުތު ޝަޔާން އޭނާ ބުނިއެއްޗެއް ދެވަނަފަހަރަށް ތަކުރާރުކޮށްލިއެވެ. ގަބޫލުކުރަން ދަތިވެފައި އަހަންނަށް އަހާލެވުނީ ކާކުހޭއެވެ. ޝަޔާން އިންތަނުން ތެދުވެގެން އައިސް އަހަރެންގެ ކައިރިޔަށް ހުއްޓުނެވެ. ”އަހަރެން… އާނ…. އަހަންނަށް މިސްކާދެކެ ލޯބިވެވިއްޖެ. ނޭގޭ ކިހިނެއް، ކޮންއިރަކުކަމެއް… މިސްކާ ކިބައިގައިވާ ނޭނގޭ ބާރަކުން އަހަރެންގެ ހިތް ފަތަހަކޮށްފި…. އަހަންނަށް ރޭދުވާ ވިސްނެނީ މިސްކާއާއި ދޭތެރޭ…. މިދުވަސްކޮޅު ހަމަޔަކަށް ނުވެސް ނިދޭ…..” ޝަޔާންގެ ދުލުން ބޭރުވަމުންދިޔަ ޖުމްލަތައް އަޑުއަހަން އަހަންނަށް ހުރެވުނީ ގަނޑުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. އެއީ ހުވަފެނެއް ނޫންބާވައޭވެސް އަހަރެންގެ ހިތަށް އެތައް ހާސްފަހަރަކުއެރިއެވެ. އެއީ ހަގީގަތުގައި އިވުނު ބަސްތަކެއްކަން އެނގުނީ ޝަޔާން އަހަރެންގެ އަތުގައި ހިފާލުމުންނެވެ. ”ކީކޭ މިސްކާ ބުނަނީ؟ އަހަރެންގެ ލޯބި ގަބޫލު ކުރާނަންތަ؟” ޝަޔާން އަހަންނަށް ބަލަމުންދިޔައެވެ. ”ޝަޔާން އަހަންނާއި ސަމާސާ ކުރަނީތަ؟” އަހަންނަށް ޝަޔާން ބުނިއެއްޗެއް ގަބޫލުކުރަން ދަތިވިއެވެ. ”މިއީ ސަމާސާއެއްނޫން. ހަމަ ހަގީގަތުގައިވެސް އަހަންނަށް މިސްކާދެކެ ލޯބި ވެވިއްޖެ.” ޝަޔާން ވަރަށް އަސަރާއިއެކު ބުންޏެވެ. އެފަދަ އަސަރެއް އޭނާގެ މޫނުމަތިން އަހަރެން ކުރިން ނުދެކެމެވެ. ”މިހާރު ޖަވާބުނުދިނަސް ހެޔޮ. ވިސްނާލާފައި މާދަމާ ޖަވާބެއްދީ. މިސްކާގެ ކޮންމެ ޖަވާބަކަށް އަހަރެން ހިތުން ރުމުން ގަބޫލުވާނަން. އެކަމަކު މިސްކާގެ ޖަވާބު ކޮންމެ ގޮތަކަށް އައިކަމުގައި ވިޔަސް އަހަރުމެންގެ ރަޚުމަތްތެރިކަމަށް އެކަމުގެ އަސަރު ކޮށްގެން ނުވާނެ.” ޝަޔާން އަހަރެންގެ އަތުން ދުކޮށްލިއެވެ. އަހަރެން އިތުރަށް އެތަނުގައި މަޑުނުކޮށް ނުކުތީމެވެ. ދޮރުން ބޭރަށް ނުކުމެ އަހަންނަށް ހިންހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޙަޔާތުގައި ފުރަތަމަފަހަރަށް އެކަހަލަ ތަޖުރިބާއެއް ކުރަންޖެހުމުން އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. ނަމަވެސް އަހަރެންގެ ހިތް އޭރު އުފަލުން ނަށަމުންދިޔައެވެ. ކިތަންމެ އެދުނު ކަމުގައިވިޔަސް އެވަގުތު އަހަރެން ޝަޔާންގެ ލޯބި ގަބޫލުކޮށް އަހަރެންވެސް އޭނާދެކެ ލޯބިވާ ވާހަކަ ނުބުނީ އެކަމާއި އަހަރެން ވިސްނަން ބޭނުންވާތީއެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ. އެހެންނޫނަސް ޝަޔާންފަދަ ކުއްޖަކު އަހަރެން ދެކެ ލޯބިވެދާނެކަމަށް އަހަރެންހުރީ ގަބޫލުކުރަން ދަތިވެފައެވެ.
އެރޭ އަހަރެން ހޭދަކުރީ ހަމައެކަނި ޝަޔާންއާއި ދޭތެރޭ ވިސްނުމުގައެވެ. ޝަޔާންއަށް ހިތްދެވުނަސް ޝަޔާންއާއި އަހަންނާއި ދޭތެރޭގައި ހާސްބައި ތަފާތުހުރިކަން އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. އޭނާއަކީ މާލޭގެ މުއްސަދި ޢާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. އަހަރެން އޭނަޔާއި ގުޅުނަސް އޭނާގެ މައިންބަފައިން އަހަރެން ގަބޫލުނުކުރާނެކަން ކަށަވަރެވެ. ޝަޔާންގެ ވާހަކަތަކުން އޭނާގެ މައިންބަފައިންގެ ގޮތް ކޮންމެވެސް ވަރަކަށް އަހަންނަށް އެނގިފައިވެއެވެ. އެހެންނޫނަސް މުއްސަދި ޢާއިލާއަކުން ފަގީރު ދެރަނިކަމެތި ކުއްޖަކު ގަބޫލު ކުރާނެހެއްޔެވެ؟ އެވެސް އަހަރެން ކަހަލަ ކުއްޖެކެވެ. ރާއްޖޭގައި ނުލާހިކު ރީތި ކުދިން އެބަތިއްބެވެ. ޝަޔާން ބޭނުން ކޮންމެ ކުއްޖަކު އޭނާޔަށް ލިބިދާނެވެ. އޭނާ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވަނީބާއޭ، ނޫނީ ވަގުތީ އުފަލަކަށް އަހަރެން ބޭނުންކޮށްލަން އުޅެނީބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ޝަޔާންއާއިއެކު ހޭދަވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އޭނާގެ މިޒާޖު އަހަންނަށް ވަރަށް ރަނގަޅަށް ދަސްވިއެވެ. އޭނާ އެފަދަ ލަނޑެއް އަހަންނަށް ނުދޭނެއޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އަހަރެންގެ ސިކުޑީގައި މިކަހަލަ އެތަކެއް ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. ގޮތެއް ނިންމަން އަހަންނަށް އުނދަގޫވީ އަހަރެންގެ ޢާއިލާއާއި، މުސްތަޤުބަލާއި ދޭތެރޭ ވިސްނާފައެވެ. މެންދަމުން އަލިވެ ދޭއްޖެހީވެސް އަހަރެން އެފިކުރުގައި އޮއްވައެވެ.
އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. ވަރަށް ވިސްނާފައެވެ. އޭރު ފަތިސް ނަމާދަށް ބަންގިގޮވަން ކައިރިވެއްޖެވެ. ގޮތެއް ނިންމުމުން އަހަރެންގެ ސިކުޑިއަށް ކުޑަ ލުޔެއް ލިބުނެވެ. އެއާއިއެކު އަހަންނަށް ވަރަށް ފަސޭހައިން ނިދުނެވެ. ޖެހިގެން އައި ދުވަހު އަހަރެންގެ ޑިޔުޓީއިނީ ރޭނގަޑުގައެވެ. ވަގުތު ކައިރި ވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސް ވަމުންދިޔައެވެ. ޝަޔާންއާއި އަހަރެން ކުރިމަތިލާނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. އޭނާ ފެނުމުން ވާނެ ގޮތެއްވެސް ނޭނގެއެވެ. ޑިޔުޓީގަޑީގެ އެއްގަޑިއިރު ކުރިން އަހަރެން ހޮސްޕިޓަލަށް ދިޔައީ ޝަޔާންއާއި ބައްދަލުވުމުގެ ކުރިން ކުޑަކޮށް ހަމަޖެހިލުމަށްޓަކައެވެ. އަހަރެން މަޑުކޮށްލީ ކައުންޓަރުގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އަހަންނަށް އެދުވަހު އިޙުސާސް ކުރެވުނީ ހުރިހާ ކަމެއްވެސް ބަދަލު ވެފައިވާ ހެންނެވެ. އަމިއްލަ ވިސްނުމާއި، މީހުންނާއި، މާހައުލެވެ. އެމާހައުލުގައިވާ ވައިވެސް އަހަންނަށް އިހުސާސު ކުރެވުނީ ތަފާތު ގޮތަކަށެވެ. މީހާހުރީ އެއްކޮށް ހާސްވެފައެވެ. ހަށިގަނޑުވެސް ތުރުތުރު އަޅާހެން ބައެއްފަހަރު ހީވެއެވެ. ކައުންޓަރުގައި ތިބި ކުދިން އަހަރެން ކައިރިން ޝަޔާންގެ ވާހަކަތައް އެހިއެވެ. އަބަދުވެސް އަހާ ފަދައިންނެވެ. އަހަރެން އެމީހުންނާއި އެއްވެސް ވާހަކައެއް ޙިއްސާ ނުކުރަމެވެ. އަހަރެންގެ ހުރިހާ ވާހަކައެއް އަހަރެން ޙިއްސާ ކުރަނީ ހަމައެކަނި ރަނާއާއި އެކަންޏެވެ.
ވަގުތު ދަމުންގޮސް ޝަޔާންވެސް ހޮސްޕިޓަލަށް އައެވެ. އޭނާ އައުމުގެ ކުރިން އަހަރެން ކައުންޓަރުން ދިޔައީމެވެ. އެދުވަހު އަހަންނަށް ވެފައި ހުރި ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އަބަދު ޝަޔާންގެ މޫނުދެކެން އަހަރެން ކެތްމަދުވެފައި ހުންނައިރު އެދުވަހު އަހަރެން މަސައްކަތް ކުރީ އޭނާ ކުރިމައްޗަށް ނުޖެހި ވޭތޯއެވެ. ލޯތްބަކީ ހާދަ އެހެންކަހަލަ އިޙުސާސްއެކޭ އެދުވަހު އަހަރެންގެ ހިތަށްއެރިއެވެ. ކިތަންމެ ވަރަކަށް ކުރިމައްޗަށް ނުޖެހެން މަސައްކަތް ކުރިޔަސް ވަގުތު ޖެހުމުން އަހަންނަށް ޖެހުނީ އެކޮޓަރިޔަށް ދާށެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީމެވެ. ނަމަވެސް ޝަޔާންގެ މޫނަކަށް ނުބަލަމެވެ. ކޮޓަރީގައި ހޭދަވީ ކުޑަވުގުތުކޮޅުގެ ތެރޭގައި އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތީ އާދަޔާއި ޚިލާފު ހަމަހިމޭންކަމެކެވެ. ޝަޔާން އެއްވެސް އެއްޗެއް ނުބުނަނީ ކީއްވެހޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރަނީބާއޭވެސް ހިތަށްއެރިއެވެ. ނަސީބަކުން އެބީރައްޓެހިކަމުގައި މާގިނަ ވަގުތު ހޭދަނުވެ ބަލިމީހުން ބަލާން ފެއްޓުނެވެ. އެދުވަހު ތިބި ބަލިމީހުންގެ އަދަދުވެސް ފުދޭވަރަކަށް ގިނައެވެ.
…… ނުނިމޭ ……
3 Comments
Comments are closed.
ވަރަށް ކަމުދޭ
zoyasham ge website eh hurey dhoa?
kadavaa vaahakaeh mee heevey kurin keehen