އުމުރަށްވެސް އެކީގައި ވާނަމޭ…..21
” އުމުރަށްވެސް އެކީގައި އުޅޭނަމޭ ބުނެފައި…ކީއްވެ ނުހާ…ކީއްވެ… އަހަންނަށް ނުހާއަށް ދެވުން ލޯބީގަ އުނިކަމެއް ވަނީތަ؟..” ލުފްޝާންގެ އަޑުގައިވާ ރިހުން ހަމަ ރަނގަޅަށްވެސް ފާޅުވަމުން ދިިޔައެވެ.
” އާހް..އާހް..” ފަރީނާގެ ހޭ އެެރުމާއިއެކުހެން ބޮލަށް ލިބިފައި ހުރި ޒަހަމްގެ ވޭން އެޅިއެވެ. ދެއަތުން ބޮލުގައި އަތް އަޅަމުން ދެފަރާތަށް ރަނގަޅަށް ބަލައިލިއެވެ. އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. ކުއްލިއަކަށް ހަނދާންވީ ޝާމިލް އާއި ނުހާގެ މަތިންނެވެ. އެދެމީހުން މަތިން ހަނދާން ވުމާއިއެކުހެން ފުންމައިގެން އެނދުން ތެދުވެވުނީ ކިހިނެއް ކަމެއްވެސް ފަރީނާއަކަށް ނޭނގުނެވެ. ދެފައި ބިމުގައި ޖެހުމާއިއެކު ހީވީ ހަމަ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ދެއަތުގެ އިނގިލިތައް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ވައްދާލިއެވެ. ބޯފަޅައިގެން ގޮސްފައި ހުރިތަނަށް އެރި ތަދެއްގެ ސަބަބުންނެވެ. ތަންތަނުގައި ހިފަހައްޓައިގެން ވަރަށް އުނދަގުލުންހެން ކޮޓަރިން ނުކުމެވުނެވެ.
ދެފަރާތަށް މޯޅިއަކަށް ދެމިލަމުން މަޑުމަޑުން ނުހާ ދެލޯ ހުޅުވާލިއެވެ. ފާޑަކަށް ބޮލަށް ބަރުވެފައި ހުރުމުގެ ސަަބަބުން ނުހާއަށް ގުޑާލަން ވެސް ނޭނގިފައި އޮވެވުނީއެވެ. މާގިނައިން ނިދުނީމާ ކަމަށްވެސް ވެދާނެއެވެ. ނުހާއަށް ކޮންމެވެސް އެއްޗެއް ހީވެގެން އޮތްގޮތަށް އޮވެފައި އަމިއްލަ ހަށިގަނޑުގައި މަޑުމަޑުން ބީހިލިއެވެ. އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނުހާއަށް ހީވީ ހަމަ ރަނގަޅަށްށެވެ. އޭނާގެ ހަށިގަނޑު ނިވާ ކުރުމަށްޓަކައި އެއްވެސް ފޭރާމެއް ނެތެވެ. އެކަމަކު އެހެން ވާންވީ އެއްވެސް ސަބަބެއް ނުހާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އިތުރު އެއްޗެއް ހިތަށް ނާރާ އުޅެނިކޮށް ނުހާ އާއި ދާދި ގާތުން އެހެން މީހެއްގެ އިޙްސާސް ކުރެވުނު ކަހަލައެވެ. ހަމަ އެ އޮތްގޮތަށް އޮވެފައި މަޑުމަޑުން ކަނާއަތް ފަރާތަށް ބަލައިލިއެވެ. ނުހާގެ ޝައްކު ޔަޤީން ކަމަށް ބަދަލުވެގެން ދިޔައެވެ. ނުހާއަށް ޤަބޫލު ކުރަންވެސް ދަތިވިއެވެ. ނުހާ އާއި ދާދި ގާތުގައި އެއޮތީ ޝާމިލްއެވެ. އޭނާގެ އެކޭ އެއްފަދައިން ޝާމިލްގެ ގައިގައިވެސް އެއްވެސް ނިވާ ކަމެއް ނެތެވެ.
ނުހާ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަތެވެ. ނުހާގެ ހަޅޭކުގެ އަޑަށް ޝާމިލް ސިހިފައި ހޭއެރިއެވެ. ހަތަރެސްފައި ކޮޅަށް ޖަހަމުން ކަހަލަ ގޮތަކަށް ޝާމިލް ފުންމައިގެން ތެދުވިއެވެ. ނުހާ އަވަސް އަވަހަށް އެނދުމަތީގައި އޮތް ބެޑްޝީޓް ނުހާގެ ގައިގައި އޮޅާލަމުން އަނެއް ފަރާތަށް އެނބުުނެވެ. ބާރަށް ލޯމަރާލަމުންނެވެ. ވާނުވާ ނޭނގިފައި ހުރެ ނަމަވެސް އަވަސް އަވަހަށް ބިންމަތީގައި އޮތް އޭނާގެ ޓީޝާޓާއި ޖީންސް ލިއެވެ. “ނުހާ..ކިހިނެއް މިވީ؟…” ދެލޯބޮޑުކޮށްގެން ހުރެ ޝާޟިލް ނުހާގެ ގާތުގައި އަހާލިއެވެ. ނުހާއަށް ބާރުބާރަށް ރޮއެ ގަނެވުނެވެ. އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ. “ކީއްވެ މިހެން ވާންވީ.. ނުހާ އަހަންނަށް އިތުބާރުކުރޭ….މިއީ އަހަރެން ކުރި ކަމެއް ނޫން…” ޝާމިލް ހަދާނެ ގޮތް ހުސްވެފައި ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަން ފެށިއެވެ. ނުހާއަށް ފުރަގަސް ދެމުންނެވެ. ކޮޓަރިން ނުކުތުމަށް ހިނގައިގައިން ޝާމިލްގެ ފިޔަވަޅަށް ހުއްޓުން އެރީ ކޮޓަރީގެ ދޮރުމަތީގައި ހުރި ޒާހިދާ ފެނުމުންނެވެ. “ކިހިނެއްވީ؟…މިހާރު ހުރިހާ ކަމެއްވެ ނިމިއްޖެއޭ….ކަލޭމެން ރޭ ކުޅުން ކުޅިގަނޑު ކޮންމެހެން ފެންނަން ޖެހޭ މީހުންނަށް ފެނިއްޖެ….ލުފްޝާންއަށްވެސް…” ހެވިފައި ހުރެ ޒާހިދާ ބުނެލިއެވެ. ޒާހިދާގެ ޖުމްލައިން ރޮމުން ދިޔަ ނުހާއަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތް ކަން ހުދު ނުހާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެކަމަކު އެކަން އެގޮތަށް ދިމާ ވާންވީ ހަމަ އެއްވެސް ސަބަބެއް ނުހާއަކަށް ނޭނގުނެވެ. ” ނޫން…ނޫން…” ގައިގައި އޮޅާފައިވާ ފޮތިގަނޑާއި އެކު ދުވެފައިގޮސް ނުހާ ވަނީ ފާހަނާއަށްށެވެ. ކަން ހިނގިގޮތް ނޭނގޭ ޙާލުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ޝާމިލްއަށް ހުރެވުނެވެ. “މިހުރިހާ ކަމެއްވެސް މިއީ ހަމަ ކަލޭގެ ރޭވުން…ނޫންތަ؟..ކަލޭތިއީ ވަރަށް ނުލަފާ، ނުބައި، ވަރަށް ގޮތެއް ނެތް މީހެއް…” ކުއްލިއަކަށް ޝާމިލްގެ މޫނުމަތިން ފެނިގެން ދިޔަ ރުޅި ވެރިކަމުން ޒާހިދާ ކުޑަކޮށް މޭޖެހޭ ގޮތްވިއެވެ. އެހެންނަމަވެސް ހަމަ ޖެހޭ ގޮތް ދައްކާލަމުން ބުންޏެވެ. ” އާން…ތިހުރިހާ ކަމެއްވެސް ދިޔައީ ހަމަ އަހަރެންގެ ރޭވުމުގެ ދަށުން….އާން…އަހަރެން މިއީ ކަލޭމެން ތިހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން…. މިއީ އަހަރެން އެންމެ ދެކެން ބޭނުންވި ދުވަސް….އަހަރެން މިއީ ވަރަށް ސުންޕާ އަންހެނެއް…” ޒާހިދާ ބާރު ބާރަށް ހޭންފެށިއެވެ. އެވަގުތަކީ ނުހާ ހެދުން ލައިގެން ފާހަނާއިން ނުކުއިން ވަގުތެވެ. ” ކީއްވެ…” ހައިރާން ކުރުވަނިވި ފަދަ ގޮތަކަށް ނުހާ ހުރީ ޒާހިދާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޒާހިދާ އާއި ޝާމިލްއަށް އެއްފަހަރާ ކަހަލަ ގޮތުކަށް ފަހަތަށް ބަލައިލެވުނެވެ. ޒާހިދާ މަޑުމަޑުން ނުހާ އާއި ދިމާލަށް ލަސް ފިޔަވަޅު ތަކެއްގައި ދިޔައެވެ. ޝާމިލްގެ ދެއަތް މުއްކަވާލިއެވެ. ” އެނގެން ބޭނުންތަ؟…އެއީ….” “އާޙް…” އެތަން މިތަނުގައި ހިފަހައްޓައިގެން ފަރީނާއަށް ނުހާގެ ކޮޓަރި ތެރެއަށް ވައިން އަޑާއިއެކު ޒާހިދާ ބުނަން އުޅުން ޖުމްލައެއް ފުރިހަމައެއް ނުކުރެވުނެވެ. ފަރީނާ ފެނިފައި ޝާމިލް އާއި ނުހާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފަރީނާގެ ދެފަރާތުން އޭނާގެ ގައިގައި ހިފަހައްޓާލިއެވެ. ” ފަރީ…ކިހިނެއްވީ…ވެއްޓުނީތަ؟..” ފަރީނާގެ މޫނުގައި ގަނޑުވެފައި ހުރި ލޭތައް ފެނިފައި ޝާމިލްއަށް އަވަސް އަވަހަށް އަހާލެވުނެވެ. ފަރީނާ ނުހާ އާއި ޝާމިލްގެ އެހީގައި ހަށިގަނޑު ތެދު ކޮށްލަމުން ޒާހިދާ އާއި ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. މިމަންޒަރު ނުހާއަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. ފަރީނާ އިތުރު އެއްޗެކޭ ނުބުނެ އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ ޝާމިލްއެވެ. “ފަރީއަށް އެނގޭތަ…މި ޒާހިދާ އަހަރެމެން ދެމީހުން….” ޝާމިލްގެ ޖުމްލަ ފުރިހަމަ އެއް ނުކުރެވުނެވެ. އަނގައިގައި ބަސް އޮއްވާ ފަރީނާ ބުންޏެވެ. ” އެނގޭ..އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގޭ…” ޝާމިލްއަށް ފަރީނާ އާއި ދިމާލަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ޒާހިދާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ނުހާ ޒާހިދާ އާއި ދިމާލަށް ބަައިލިއެވެ. ” ކިހިނެއްވީ…ހޫމމ..ފަރީނާއަށް ހުރިހާ އެއްޗެއްވެސް އެނގޭ….އޭނަގެ ސަބަބުންނޭ އަހަންނަށް މިހުރިހާ ކަމެއް ކުރަން މިޖެހުނީ….ރޭ ކަލޭމެން ދެމީހުން ބޮއުނު ޖޫސްތަށޤޓަށްވެސް ނިދާބޭސް އަޅަން މަޖުބޫރުވީ ފަރީނާގެ ސަބަބުން.. ނޫންތަ ފަރީނާ..” ޒާހިދާ ދެއަތް ފުރަގަހަށް ލަމުން ފަރީނާ އާއި ދިމާލަށް ލޯއަޅާލިއެވެ. ޝާމިލް ވާނުވާ ނޭނގި ހުރެ ފަރީނާ އާއި ދިމާލަށް ބަލައިލިއެވެ. ” އެއީ…. ތެދެއްތަ؟..” ފަރީނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެއާއިއެކު ފަރީނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހޮރިގަތެވެ. ޝާމިލްއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މަޑުމަޑުން ފަރީނާގެ ގައިން އަތް ދޫކޮށްލެވުނެވެ. ފަރީނާ ޝާމިލްގެ ހަރަކާތްތަކަށް ބަލަން ހުރެވުނީއެވެ. ނުހާއަށް ވެސް މަޑުމަޑުން ފަރީނާގެ ގައިން އަތް ދޫކޮށްލެވުނެވެ. ނުހާގެ ލޮލުތެރޭގައި ރައްކާ ކުރެވިފައިވާ ކަރިުނަތައް އޮއްސައިގަތެވެ. ޤަބޫލު ނުކުރެވޭ ޙާލުގައެވެ. ” ޝާމިލް..ކަލޭ މިއަދު ތި ހުރި ޖާގައިގައި ހާފިޒް ވެސް ހުރިސް… އެކަމަކު އޭނަގެ ބޯ ކަލެއަށް ވުރެ ރަނގަޅު…ހާފިޒް ނުވުމުން ދެން ބެލީ ޝާމިލް…އެދަތުރުގައި ފަރީނާގެ ދަލުގައި ކަލޭ ތަންކޮޅެއް ފަސޭހައިން ޖެހުނު ކަން އެއީ އަހަރެމެން ދެމީހުންގެ ރޭވި ރޭވުމުގެ އެއްބައި…އަސްލު ފަރީނާވެސް ލޯބިވަނީ ލުފްޝާން ދެކެ އޭދޯ ފަރީނާ…އެހެންވެ މިހެން މިހުރިހާ ކަމެއް ކުރަން މިޖެހުނީ..ނުހާ އާއި ލުފްޝާން ދުރުކުރަންދޯ….” ނުހާއަށް ލިބުނު ހައިރާން ކުރުވި ޙަބަރާއި އެކު ފަރީނާ އާއި ދިމާލަށް ބަލައިލެވުނެވެ. ކަރުނުން ފުރިގެންވީ ލޮލަކުން ޝާމިލް ފަރީނާގެ ލޮލަށް ބަލައިލިއެވެ. މިއޮށް ހުރިހާ ދުވަހު ޝާމިލްގެ ޖަޒުބާތުކާއި ފަރީނާ ކުޅި ކުޅުނީއެވެ. ކީއްވެ ހެއްޔެވެ. ޝާމިލް މަޑުމަޑުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް ފަރީނާ ޝާމިލްގެ އަތުގައި ދިޔަ ނުދިނުމަށްޓަކައި ޝާމިލްގެ އަތުގައި ހިފެހެއްޓިއެވެ. ” ޝާމިލް..ތިހެން ނުދޭ..އަހަރެން ދައްކާ ވާހަކަވެސް އަޑު އަހާ..” ފަރީނާގެ އަޑުގައި ވޭންވީ ނަމަވެސް މިއަދު އެއަޑަކަށް ޝާމިލްއެއް ނުހުއްޓޭނެއެވެ. ފަރީނާގެ އަތް ފޮޅުވާލަމުން ޝާމިލް ހިނގައިގަތީ ވަރަށް ބާރަށްށެވެ. ޝާމިލްގެ ފަހަތުން ފަރީނާ ރޮއެ އާދޭސް ކުރަމުން ހިނގައިގަތެވެ.
“ލުފްޝާން….” ގަނޑުވެފައި ހުރި ނުހާއަށް ބުނެވުނެވެ. ލުފްޝާން ނުހާ އާއި ޝާމިލް އާއި މެދު ކުރެވުނު ކުންހީ ދުރުކުރަން ނުހާ ކިތަންމެހާވެސް ބޭނުމެވެ. ބާރު ހިނގުމެއްގައި ނުހާ ހިނގައިގަތެވެ. ” ކޮންތާކަށް… ލުފްޝާން ކައިރިއަށް..އޭނަ ދެނެއް ކަލޭ ދައްކާ ވާހަކައެއް އަޑެއް ނާހާނެ…” ނުހާ ހުއްޓުވުމަށްޓަކައި ޒާހިދާ ބުނެލިއެވެ. ނުހާ ފަހަތަށް އެނބުރި ޒާހިދާ އާއި ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ” ކަލޭތަ ތިހެން ތިބުނީ…އެވަރުގެ ފިނޑި އަމަލުތައް ކުރާނީ ހަމަ ތިކަހަލަ ފިނޑި މީހުން…ލުފްޝާން އަހަރެން ދެކެވީ ހަޤީޤީ ލޯބި…އޭނަ އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރާނެ…. މީހުން ބުނެ އުޅޭ ދޮންމަންމައިން ދުވަހަކުވެސް ރަނގަޅެއް ނުވާނޭ..އެއީ ހަމަ ތެދެއް…ތިއީވެސް ހަމަ އޭގެ މީހެއް…” ޒާހިދާގެ އަސްލު ނުހާއަށް އެނގުނުކަން އިއްވާލިއެވެ. ސީދާ ޒާހިދާގެ ލޮލަށް ބަލަން ހުރެވެ. ނުހާ އަށް އައި ބަދަލު ފެނިފައި ޒާހިދާ ހައިރާންވިއެވެ. ” އައްދެ…ކަލެއަށް ކުއްލިއަކަށް ތިހާ ވަރުގަދަ ހިތްވަރެއް ލިބުނީ ކޮންތާކުން…” ޒާހިދާ ދެބުމަ ގޮށްޖަހާލިއެވެ. ނުހާ ދެއަތުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. ” އެއީ އަހަންނާއި ލުފްޝާންގެ ލޯބީގެ ބާރުން އައި އެއްޗެއް…ސާފު ވެއްޖެ…” އިތުރަށް އެންމެ ސިކުންތަކުވެސް އެތަނުގައި މަޑުކުރުމެއް ނެތި ނުހާ ބާރު ހިނގުމެއްގައި ގޮސް ގެއިން ނުކުތެވެ. ޒާހިދާ އެއައި ރުޅީގައި ޑްރެސިންގ ޓޭބަލް މަތީގައި ހުރި ވާސް ނަގާ ފާރަށް ޖެހިއެވެ. އެ ކުދިކުދި ވެގެން ބިމަށް ފައިބާތަން ބަލަން ޒާހިދާ ހުއްޓެވެ. ރުޅި އައިސް ރަތްވެފައެވެ.
ޝާމިލް ދިޔައީ ސައިކަލުގައެވެ. ފަރީނާ ޝާމިލްގެ ފަސް ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ރޮމުން ދިޔައެވެ. އެހެންނަމަވެސް ފަރީނާއަކަށް ޝާމިލް އަތަކު ނުޖެހުނެވެ. ވަރުބަލި ވެގެން ކުޑަކޮށް މަޑު ޖެހިލިއެވެ. މާނޭވާ ލަމުންނެވެ. މަގުމަތިން ދިޔަ ބައެއް މީހުންގެ ލޮލުގައި ފަރީނާ އަޅައިގައިން ނަމަވެސް އެއިން އެއްވެސް މީހަކު އަޅައެއް ނުލައެވެ. ޝާމިލްގޮސް ގޯޅި އަޅަންދެންވެސް ފަރީނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ސިހިފައި ފަހަތަށް ބަލައިލެވުނީ މީހަކު ފަރީނާގެ ކޮނޑުގައި ކޮށްޓާލުމުންނެވެ.
ސިޓިންގ ރޫމްގައި އިން ފައްތާހް އަށް ގެއަށް ވަދެގެން އައި ނުހާ ފެނިފައި ކޮޅަށް ތެދުވެވުނެވެ. ” ނުހާ..ކިހިނެއްވީ…ކިހިނެއްވެފަ ތިހުރީ؟…” ހާސްވެފައި ހުރެ ނުހާގެ ގާތަށް ފައްތާހް ދިޔައެވެ. މަޑުމަޑުން ނުހާގެ ކޮނޑުގައި އަތްލިއެވެ. “ނުކުމޭ..ހަމަ މިހާރު ނުކުމޭ…އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކުވެސް ކަލޭ މިގޭގަ ހުންނާކަށް…” ފައްތާހް އާއި ނުހާ ސިހިފައި އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނެވެ. އޭރު ރުޅި އައިސް ހުރެ ލުފްޝާން ސިޑިން ފައިބަމުން ދިޔައެވެ. ” ނޫން..ލުފްޝާން… ލުފްޝާން ތިހީކުރަނީ ރަނގަޅަކަށް ނޫން…އަހަރެން މިއީ ތި ހީކުރާ ކަހަލަ މީހެއް ނޫން…” ނުހާއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ފައްތާހް ހުރީ ވާނުވާ ނޭނގިފައެވެ. ” ދަރިފުޅާ..ކިހިނެއް ވެގެން ތިއުޅެނީ…” “ބައްޕަ އެހަށް މިވަގުތު އަހަންނާ ސުވާލު ނުކުރޭ…ނުހާ…ނުހާ ތިބުނީ ހަމަ ރަނގަޅަށް…އަހަރެން ހީކުރި ކަހަލަ މީހެއް ނޫން ތިއީ…އަހަރެން ހީކުރީ ތިއީ އަހަރެންގެ ޙަޔާތަށް އަންނަން އެންމެ އެކަށީގެންވާ އެންމެ މާތް އަންހެނާ ކަމަށް…އެކަމަކު ރޭގަ…ޗީ…ނުހާ..ޗީ…ދާން އުޅޭ މިތަނުން…” ލުފްޝާން ނުހާ އަށް ފުރަގަސް ދިނެވެ. ލުފްޝާންގެ ކޮންމެ ބަހަކުން ނުހާގެ ހިތް ދިޔައީ ކަތި ލަމުންނެވެ. ” ހެޔޮ ނުވާނެ..ލުފްޝާން އަހަރެންގެ ވާހަކަވެސް އަޑު އަހާބަލަ….” ފައްތާހް އަކަށް ނުހާ ރޯ މަންޒަރު ބަލާކަށް ކުޅަދާނައެއްނުވިއެވެ. ފައްތާހްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. “ދެން ކޮން ވާހަކައެއް އަޑު އަހަން އޮތީ ނުހާ…އަހަރެން ނުހާ ދެކެ ހާދަ ލޯތްބެއް ވެއޭ..އެކަމަކު އެލޯބީގަ ކޮޅުފައިން ޖެހީވެސް ހަމަ ނުހާ އެއްނު…” މިފަހަރު ލުފްޝާން ކުޑަކޮށް މަޑުވެލިއެވެ. ލުފްޝާންގެ ލޮލުގައިވެސް ކަރުނަ ފާއްދާލިއެވެ. އަޑުގައި ކޫރުމެއްވިއެވެ. ” އުމުރަށްވެސް އެކީގައި އުޅޭނަމޭ ބުނެފައި ކީއްވެ އަހަންނަށް ތިހާ ބޮޑު އަނިޔާއެއް ތިދިނީ ނުހާ…” ލުފްޝާން ނުހާގެ މޫނަށް ބަލައިލިއެވެ. ނުހާއަށްވެސް ލުފްޝާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެދެލޮލުން ނުހާއަށްޓަކައިވާ ލޯބި ފެނެވެ. އެންމެ ކައިރީގައި ހުރި ފައްތާހްއަށްވެސް މިކަން ކިތަންމެ ރަނގަޅަކަށްވެސް ކިތަންމެ ފަހަރަކު ފާހަގަ ވެފައިވެއެވެ. އެކަމަކު މިއަދު އެދެކުދިންގެ ލޯތްބަށް މިވަނީ ކޮންމެވެސް މީހެއްގެ އެސްފީނާއެއް ނުވަތަ ބަދު ދުޢާއެއް ޖެހިފައެވެ.
-ނުނިމޭ-
7 Comments
Comments are closed.
ވަރަށް ސަޅި
ވވވވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ނަޒާ…..
🙂 🙂
ހާދަ ހިނި އައިސް ވެފަ އިން ކުއްޖެކޭދޯ..ހެހެ
ވަރައް ރީތި ވާހަކަ ކުރިޔަށް ދާގޮތް
ވވވވވވވވވވވވވވ ބޮޑަށް ޝުކުރިއްޔާ ތިދެއްވާ ހިތްވަރަށް…
Kobaa dhen mey vaahaka nimuney tha haadha duva hey Kay pls pls next part up kobala konira kun kuraa ney