އާލިފް 6
.އާލިފް ގޮސް ސައިކަލް ސްޓާޓް ކޮށްލިއެވެ. އިމްނާ ހީކުރީ އާލިފް ބިރުގަތީ ކަމަށެވެ
“ކިހިނެއްވީ؟……….ބިރުގަތީތަ؟..”
“ނޫން………އާދޭ ދާން.”
ތަންކޮޅަކަށް ދުއްވާލުމަށްފަހު އިމްނާގެ ގެ ހުންނަނީ ކޮންތާކުތޯ އާލިފް އަހާލިއެވެ. އިމްނާ ގެންގޮސް ގެއަށް ލާފައި އާލިފް އައީ ގެއަށެެވެ. ގެއަށް ގޮސް ގުޅާނަމޭ ބުނެފައެވެ. އާލިފް ގެއަށް ވަދެ ފެންވަރާލައިގެން ނުކުމެ، ނިދަން ކަމަށް އޮށޯވެލިއެވެ. އޭނާގެ ވިސްނުމުގައިވަނީ މިރޭގެ ހާދިސާއެވެ. އޭތި އެގޮތަށް އެކަންތައްްކުރީ ކީއްވެބާއެވެ. އަހަރެން ކޮންމެ ތާކު އުޅުނަސް އެނާއަށް އިނގޭތާއެވެ. މިކަމުގެ ހަޤީޤަތް ހޯދަން ހަދާނީ ކިހިނެއްބާއެވެ. އާލިފްގެ ހިތަށް ތަފާތު ޚިޔާލުތައް އަރާފައިބަމުން ދެއެވެ. އެކަމާ ސުވާލުކުރާނީ ކާކާ ބާއެވެ. އާލިފް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާންފެށި އަޑަށެވެ. އާލިފް ކަންފަތުގައި ފޯނު ޖައްސާލަމުން ހަލޯ އޭ ބުނެލިއެވެ. އިމްނާގެ އަޑު ޖެހިލުމުން ކުޑ ހިތްހަމަޖެހުމެއް އޭނާއަށް ލިބުނެވެ.
“ކީއްވެ ލަސްވީ؟… ނިދުނީތަ؟” އިމްނާ އަހާލިއެވެ.
“ނޫން..” އާލިފްގެ ޖަވާބު ކުރެވެ. ހިމޭން ވަގުތު ކޮޅަކަށް ފަހު…”އިމް….މަވަރަށް ވަރުބަލި ނިދާލަން ބޭނުމީ” އާލިފް ބުންޏެވެ.
“އޯކޭ…ނިދާލާ….”އިމްނާ ދެރަވިއެވެ. އާލިފްއަށް ވީގޮތް ނޭންގޭތީއެވެ.
“މާދަން ފުރުމުގެ ކުރިން ތިގެއަށް ދާނަން އިނގޭ….” މިހެން ބުނުމަށްފަހު އިމްނާއަށް ޖަވާބެއް ނުދެވެނީސް އާލިފް ފޯނު ކަނޑާލިއެވެ.
އާލިފް ވަހީދުއަށް ގުޅިއެވެ. އަދި މިރޭ ދިމާވި ހާދިސާ ކިޔާދިނެވެ. ވަހީދު ދިން ލަފަޔަކީ ފަންޑިތަ ހަދާ މީހެއް ކައިރިއަށް ދިއުމެވެ. އެއީ ރަނގަޅު ކަމެއްކަމަށް އާލިފަށްވެސް ފެނުނެވެ.
ވަރަށް ހެނދުނާ އޭނާ ތެދުވިއެވެ. ދަތުރަށް ތައްޔާރުވެލުމަށްފަހު މަންމަ ކޮބައިތޯ ބަލާލިއެވެ. ފުރުމުގެ ކުރިން ތަނަކަށް ގޮސްލަންވެފައި އެބައޮތޭ ބުނެފައި އާލިފް ދިޔައީ އިމްނާއާއި ބައްދަލުކުރަންށެވެ. ގެއިން ނުކުމެފައި، އިމްނާއަށް ގުޅާލިއެވެ.
“މިދަނީ ތިގޭ ކައިރިއަށް ….ނިކުމެބަަލަ…” އިމްނާ އިނީ އާލިފް ނުގުޅައިގެން ކަންބޮޑުވެފައެެވެ. ވީ އުފަލުން ރީިތިވެސް ވެނުލައި ބޭރަށް ނުކުތެވެ. 10 ވަރަކަށް މިނެޓު ފަހުން، އާލިފް އައިސް މަޑުކޮށްލިއެެވެ.
“ތިހެން ހުރެގެންތަ ދަނީ؟..” ތިރިން ފެށިގެން މައްޗަށް އިމްނާއަށް ބަލައިލަމުން އާލިފް އަހާލިއެވެ. އިމްނާ ލަދުވެސް ގަތެވެ.
“އަންނާނަން… ފައިވް މިނެޓްސް ތެރޭ އިނގޭ…” މިހެން ބުނެފައި އިމްނާ ދިޔައީ އެތެރެއަށެވެ. އާލިފް ފޯނު ނަގައި ވަހީދަށް ގުޅާލިއެވެ.
“ކޮބާ ވައްޑޭ….. ބުނި މީހާއަށް ގުޅުނުތަ؟…”
“އާން ގުޅުނު…އަންނަންވެސް އެއްބަސްވި….އެކަަމަކު ވަރަށް ބޮޑު އަގެއްގައި…..” ވަހީދު ޖަވާބު ދިނެވެ.
“މައްސަލައެއް ނެތް…ކިތަންމެ ބޮޑު އަގަަކަށްވިޔަސް…..މަ ބޭނުންވަނީ މިކަމުން ސަލާމަތް ވާން……ފަންޑިތައަސް ސިހުރަސް ހެޔޮ..” އާލިފް ނުރުހިފަ ބުންޏެވެ.
“ދެދުވަހެއްގެ ތެރޭ އަންނާނެ…އެކަމަކު އާލިފްގެ މަންމަމެން ކައިރީ ނުބުނާނަންތަ؟..” ވަހީދު އަހާލިއެވެ.
“އާން….ފަހުން ބުނާނީ…..އެކަަމަކު މިއަދު ފުރުމުގެ ކުރިން އިމްނާއަށް ކިޔާދޭނަން…..” މިހެން ބުނަމުން އާލިފް ފަހަތަށް ބަލާލިއެވެ. އިމްނާ ހުރީ އަޑު އިވޭ ހިސާބުގައެވެ. އާލިފް އަވަސްއަވަހަށް ވަހީދު ކައިރީ ބާއްވަނީ އޭ ބުނަމުން ފޯނު ކަނޑާލިއެވެ. އާލިފް ސައިކަލް ސްޓާޓްކޮށްލިއެވެ. އިމްނާ ފަހަތަށް އެރިއެވެ.
ރެސްޓޯރެންޓަކަށްވަދެ ރަނގަޅު އެއްޗަކަށް އޯޑަރު ދިނުމަށްފަހު އާލިފް އިމްނާއަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ.
“ހާދަ ރީއްޗޭ…” މިހެން ބުނަމުން އާލިފް އިމްނާގެ އަތުގައި ހިފާލިއެވެ. އިމްނާ ރަކި ގޮތަކަށް ހީލިއެވެ.
“އިމްނާއަށް އަޑު އިވުނުތަ އަހަރެން ފޯނުން ދެއްކި ވާހަކަ؟…”
“އާން އިވުނު…ކިހިނެއްވީ؟…ކޮންކަމަކާ ފަންޑިތަ ހަދަނީ؟…” އިމްނާ އަހާލިއެވެ.
“އިމް އަޑުއަހައްޗޭ ރަނގަޅަށް….އަހަރެމެންގެ ގުޅުން މާމައްޗަށް ނުދަނީސް މަބޭނުން މިވާހަކަ ކިޔާދޭން…” މިހެން ބުނުމަށްފަހު އާލިފް އޭނަގެ ހުރިހާ ވާހަކައެއް އިމްނާއަށް ކިޔާދިނެވެ. ރޭގަވީ ކަންތަކުގެ ހަޤީޤަތް އެނގުމުން އިމްނާ ބިރުގަންނާނެކަމަށް އާލިފް ހީކުރިއަސް އެހެނެއް ނުވިއެވެ.
“ކީއްވެ ކުރިން ނުބުނީ؟….އާލިފް ބޭނުންތަ އެކަމުގެ ހަޤީޤަތް ބަލަން؟ ….” ވަރަށް ހަމަޖެހިލާފައި އިމްނާ އަހާލިއެވެ.
“އާން ޔަގީންތާ؟…..އަނެއްކާ މަގޭ އިމްތަ؟..”
“ސާބަސް…އަހަރެންގެ ބައްްޕަ ވަރަށް މޮޅުވާނެ އެކަމަށް..” އިމްނާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
“އާލިފް ޖެހޭނީ ބައްޕައަށް ފެނިލަން….އެނިމުނީ….”
“ބައްޕަ މާލެއަށް ގެންނަންވީނުން..”އާލިފް އެދުނެވެ.
“އާލިފް މިފަހަރު ދޭ ރަށަށް….އަހަރެން ބައްޕައާ ވާހަކަ ދައްކާފަ ބުނާނަން…”
“އެންމެ ރަނގަޅު……ހުރިހާ ޚަރަދެއް މަކުރާނަން….ހުންނާނެ ތަންވެސް ހޯދާނީ މަ…ބައްޕައަށް އާދެވެންޏާ ތިރަށަށް ލާންޗެއްވެސް ފޮނުވާނަން…” އާލިފް ވަރަށް ހިތްހަމަޖެހުނެވެ. އިތުރު ބަޔަކަށް ނޭންގި މިކަން ވާގޮތް ވީމައެވެ.
“އިމް ހާދަ ރަނގަޅޭ…” އާލިފް އިމްނާއާއި ގާތްވެލިއެވެ. އެވަގުތު ވެއިޓަރ އޯޑަރ ކުރި އެއްޗެތި ހިފައިގެން އައެވެ.
“އަހަރެން ހަމަ އިމްނާއާ ކައިރިވެލާއިރަށް ކޮންމެވެސް މީހަކު އަންނާނެ…” ވެއިޓަރ ދިޔުމުން އާލިފް އެހެން ބުނެލިއެވެ. އިމްނާވެސް ހީލިއެވެ.
ކާތަކެއްޗަށް އިންސާފުކުރަމުން ދިޔަ އިރުވެސް ދެމީހުން ވާހަކައަކަށް ބަދަލެއް ނާދެއެެވެ.
“މީރުތަ؟…” އާލިފް އަހާލިއެވެ.
“ހޫން…. ވަރަށް މީރު..” އިމްނާ ބުންޏެވެ.
“އިމް………. އެއްޗެއް އަހާލަންތަ؟” އާލިފް ސީރިއަސް ވެލިއެވެ.
“ހާދަ ސީރިއަސްވީ…އަހާބަލަ!” އިމްނާ ހުއްދަ ދިނެވެ. އާލިފް އިމްނާއާއި ކައިރިއަށް ޖެހިލައި ސިއްރު ސިއްރުން އަހާލިއެވެ
“އިމް އަހަރެން ދެކެ ލޯބިވޭތަ؟…”
އެވަގުތު އިމްނާއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އިމްނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އާލިފް އިމްނާގެ ކޮނޑުގައި އަތް އަޅުވާ ކައިރި ކޮށްލާފައި ކަންފަތް ކައިރީގައި ވައިއަޑަކުން ބުނެލިއެވެ.
“މަވެސް ވަރަށް ލޯބިވޭ..”
އިމްނާ ގަތް ލަދުން އާލިފް ދުރަށް ކޮށްޕާލިއެވެ. “ސާބަސް…”
އާލިފް ހީލާފައި ކާންފެށިއެވެ.
އެވަގުތު އާލިފްގެ ފޯނު ރިންގުވާންފެށުމުން، ފޯނަށް ބަލާލާފައި ބުންޏެވެ. “މަންމަ……ހަލޯ…ކީކޭ މަންމާ…”
“އަންނާކަށް ނުވޭތަ…ނުވައެއް ޖަހަނީ “
“އާން…މިދަނީ ވަރަށް އަވަހަށް….”މަންމަގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އާލިފް ފޯނު ބޭއްވިއެވެ. ބިލް ދެއްކުމަށްފަހު އާލިފް އިމްނާގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. ވަކިވާ ވަގުތު ޖެހުމުން ދެމީހުންވެސް ވަރަށް ދެރަވިއެވެ. އިމްނާ ދިރިއުޅޭ ގޭގެ ކުރިމަށްޗަށް ސައިކަލް މަޑުކޮށްލުމުން އިމްނާ ފޭބިއެވެ.
“އިމް ހާދަ ދެރަވެފަ…..މަ އަންނާނަން ވަރަށް އަވަފަށް… އިންތިޒާރު ކުރައްޗޭ…” ސަލާންކޮށްލުމަށް އިމްނާއާ ދިމާލަށް އާލިފް އަތް ދިއްކޮށްލިއެވެ. އިމްނާގެ އަތް އާލިފްގެ އަތުގައި ޖެހުމުން އާލިފް އެމަޑު މަޑު އަތަށް ފިތާލިއެވެ.
“ދަނީ އިނގޭ” އެާލިފް ދިޔުމުން އިމްނާ ގޭތެރެއަށް ވަނެވެ.
ވަރަށް ވަރުބަލިކަމާއެކު އާލިފް ގޮސް އެނދުގައި އޮށޯވެލިއެވެ. ނިދި ނުނިދި އޮއްވާ ފޯން ރިންގުވާން ފަށައިފިއެވެ. ކަންނެެތްކަމާއެކު އާލިފް ފޯނަށް ބަލާލިއެވެ. ނަގަން ބޭނުންނުވާ ކަހަލަ ގޮތަކަށެވެ. އެހެނަސް އިމްނާކަން އެނގުުމުން އަވަސް އަވަހަށް ފޯނު ނެގިއެވެ.
“ކިހިނެއް ހާލު؟….މާބިޒީތަ މިއަދު…”އިމްނާ އަހާލިއެވެ.
“ޔާ ވަރަށް ބިޒީ….ފަހުން ހުޅުވި ރިސޯޓުގެ ބައެއް ކަންކަން އަދިވެސް ފުރިހަމަ ނުވޭ…. އިމް ކިހިނެއް؟….”
“ރަނގަޅު… ބައްޕައަށް ގުޅިން މިއަދު…”
“އެހެންތަ؟….ކީކޭ ބުނީ”
“ދެދުވަހަށްފަހު ދާނަމޯ….ފުރަތަމަ ދެކޮޅު ހެދި ދާން…” އިމްނާ ފަސްޖެހުނެވެ.
“ދެން ކިހިނެއްވީ؟……ބުނެބަލަ” އާލިފް އަހާލިއެވެ.
“އަހަރެން ބުނިީ އާލިފް ތީ ކާކުކަން….”
“އެހެން ބުނަން ނުކެރިގެން ތިއުޅެނީ…މިއީ ސިއްރު ލޯތްބެއް ނޫން….އިމް ބޭނުންމީހެއް ކައިރީގައި ބުނެވޭނެ މިލޯބީގެ ވާހަކަ…” އާލިފް މިހެން ބުނުމުން އިމްނާ ވަރަށް އުފާވިއެވެ.
“އިމް….މަފަހުން ގުޅާނަން އިނގޭ..”
“އޯކޭ ބައި” އިމްނާ ބުނެލިއެވެ.
“ޔާ…..ބައި….ލަވްޔޫ” އާލިފް ފޯނު ބޭއްވިއެވެ.
އެއަށްފަހު، އެނދުން ދެތުވެ އެއްޗިހި ބަދަލުކޮށްލައިގެން ބޭރަށް ނުކުތެވެ. އާލިފް މޫދަށް ނޭރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެރެން ހިތް އެދެއެވެ. އެހެނަސް، އެއްކަލަރޭ އެމަޚުލޫޤު ފެނުނު ފަހުން ހަމަ ޖެހިލުން ވަނީއެވެ. ވަރަށް ހިތްވަރު ކޮށްލާފައި އާލިފް އެދަނީ މިރޭ މޫދަށް އެރޭށެވެ. އާލިފްގެ މޫނުމަތިން ފެންނަނީ ކެރޭ ކަމާއި ހިތްވަރެވެ. ފާލަން މައްޗަށް ދެވުނު އިރު ދިހައެއްވެސް ޖަހާފާނެއެވެ. ބަލާކަށް ނުހުރެ މޫދަށް ފުންމާލިއެވެ. އާލިފްގެ ހިތާއި ހަށިގަނޑަށް ބުނަން ނޭންގޭ ކަހަލަގެ އިހުސާސެއް ކުރެވުނެވެ. ވަށައިގެން ހޯދަމުން ވީހާވެސް އަޑިއަކަށް ފީނަމުން އާލިފް ދިޔައެވެ.
“ދަރިފުޅާ..” ކުއްލިއަކަށް އާލިފް މަޑުޖެހިލިއެވެ. އިވުނު އަޑާ ދޭތެރޭ ޝައްކުވިއެވެ. ފަސް އެނބުރި ބަލާލުމާއެކު ހިތް ތެޅިލިއެވެ. ކުރިމަތީގައި ހުރީ އެއްކަލަ މަޙުލޫޤެވެ.
“ދަރިފުޅާ” އޭތި ދެވަނަ ފަހަރަށް އާލިފަށް ގޮވާލިއެވެ. އާލިފް ވަރަށް ހައިރާންވިއެވެ. އޭތި އެކިޔާ އެއްޗެއް އޭނައަށް ސާފުވީމައެވެ.
“ވަރަށް ހައިރާން ވެއްޖެދޯ…އާދެބަލަ ތިޔަ ހައިރާންކަން ފިލުވަދޭނަން..” މިހެން ބުނަމުން އޭތީގެ ބޮޑު ނަގޫ ފަތްޖަހާ ފީނަންފެށިއެވެ. ބޭއިޚްތިޔާރުގައި އާލިފަށް އޭތީގެ ފަހަތުން ދެވެން ފެށުނެވެ. ވަކި ހިސާބަކުން އޭތި މައްޗަށް އެރިއެވެ. އާލިފްވެސް ލޮނުގަނޑުން މައްޗަށް ބޯ ހިއްލާލިއެވެ. އެއިރު ދެމީހުންނަށްވެސް ތިބެވުނީ ވަރަށް ކައިރީގައެވެ.
“ތީކާކު…” އާލިފް އަވަސް އަވަހަށް އެހިއެވެ.
“މީ އާލިފްގެ ބައްޕަ..” ހިނިތުންވެލަމުން އޭނާ ބުންޏެވެ.
“އަހަރެން މީ އިންސާނެއް ނޫންތަ؟…” އާލިފް ހައިރާނެއް ނުވެއެވެ.
“އާން ތީ އިންސާނެެއް ނޫން….ތީ އިންސިމަހެއް…އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ނުލިބޭ ބާރުވެސް ދަރިފުޅަށް ލިބިގެންވޭ..” އޭނާ ކިޔާދިނެވެ.
“އެއީ ކީއްވެ؟..”
“އެއީ އާލިފްގެ ބައްޕައަކީ އިންސިމަހެއްކަމަކު މަންމައަކީ ޕަރީއެއް…”
“ތީ ހަމަ އަހަރެންގެ ބައްޕަތަ؟..”
“އާން…”
“ދެން ކޮބާ މަންމަ؟” އާލިފް މިހެން ބުނީ ހިތްހަމަ ނުޖެހިފަ ހުރެގެންނެވެ.
“މަރުވެއްޖެ…”އޭނާގެ މޫނު މަތީގައި ހުރި ހިތާމައިގެ އަސަރު ފެނިފައި އާލިފްވެސް ދެރަވިއެވެ.
“ކިހިނެއް؟…ތަފާތު ދެމީހުން ….” އާލިފް ބުނަންފެށި ޖުމްލަ މެދުކަނޑާލުމުން ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.
“އިންސާނުންނާއި ޖިންނިންވެސް ލޯބިވޭ……..ދަރިންވެސް ލިބޭނުން…”
“ދެން ކީއްވެ އަހަރެން އިންސާނަކަށް ދިނީ..” އާލިފް ޝަކުވާ ކުރިއެވެ.
“ދިނީއެއްނޫން…ސިހުރުވެރިޔާ އޭނާގެ ބާރުން އަހަރެމެން ގެނެސްގެން އަތުލީ….އެކަމުގެ މަންމަ މަރުވީވެސް…” އޭނާ ހިތާމައާއެކު ކިޔާދިނެވެ.
“ދެން އަހަރެން އިންސާނަކަށް ވީ ކީއްވެ؟،…..” އާލިފް ފަހަރަކު ސުވާލެއް ކުރަމުން ދިޔައެވެ.
“ތީ ބައްޕަ ހެދި ގޮތެއް….އެހެންނޫންނަމަ ދަރިފުޅު ފެން ފޮދަކު ޖެހިލާއިރަށް މިގޮތަށް ބަދަލުވާނެ” އޭނާ ހަށިގަނޑަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
“ދެން ދުވަހަކުވެސް އަހަރެން ބަދަލެއް ނުވާނެތަ؟…” އާލިފް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
“ނޫން….އާދެބަލަ…”މިހެން ބުނަމުން އޭނާ އާލިފް ގެނެސް އޭނާގެ ހަށިގަނޑާލާ ފިއްތާާލާފައި ދޫކޮށްލިއެވެ.
ވީނުވީއެއް ނޭންގި ކޯމަހެއް މައްޗަށް ފުންމައިގަންނަހެން އާލިފަށް ފުންމައިގަނެވުނެވެ. އެނބުރި އައިސް ލޮނުގަނޑުގައި ޖެހުނުއިރު އާލިފްވަނީ މުޅިން ބަދަލުވެފައެވެ. އަޑިއަށް ފީނާލަމުން އާލިފް ހަށިގަނޑަށް ބަލާލިއެވެ. އާލިފްގެ ގަޔަކު އަންނައުނެއް ނެތެވެ. އުނަގަނޑުން ތިރީގައިވަނީ ބޮޑު ނަގޫފަތެކެވެ. ގަދަ ނޫކުލައަކާ މަޑުނޫކުލައިގެ ބޮޑެތި ހުޅުބުފަތްތައް ވަރަށް ތަރުތީބުން އެތުރިފަ ދެއަރިމަތީގައިވާ ކޮތުށިގެ ނިމޭ ހިސާބުގައި ރީންދޫކުލައިގެ ފަށެއް ހުރުމުން އޭގެ ފުރިހަމަކަމާއި ރީތިކަން އިތުރުކޮށްދެއެވެ. އާލިފް ބައްޕައަށް ބަލާލިއެވެ. ހައިރާންވެގެނެއް ނޫނެވެ. އުފަލުންނެވެ. މިހާރު މުޅި ލޮނުގަނޑުގައި ރެދަންލާން ފަށައިފިއެވެ. ދުރުދުރުން އެނަސްލުގެ މީހުން ނަގާ އަޅަމުން އަންނަތަން ފެންނަން ފެށިއެވެ.
4 Comments!
Comments are closed.
oh heevany hama alhaa dhamaafaanehen hehe
v salhi mivaahaka….Thankolheh avaha upload kurachey. plxxx
v.interesting. . .v.kiyaahithun mihury. . .:)
mashaa allaah ,mashaa allaaah,mashaa allaah…haadha reechey…plz plz plz thankolheh avahah gesdheeba….ummeedhukuran …lhakujja mivaahakayah vureh kurin eh ah vureh dhigu ko liyaane kamah vvvvvvvvvv reethi…gd gd . 🙂