ލަޔާލްގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތި ވެދާނެތީ އޭނަގެ ހިތް ތެޅެމުން ދިޔައެވެ. ޝިފާނާ ހޯލްތެރެއަށް ނުކުތް އިރު އަކްމަލް ފެންނަން ހުރުމުން އަތުން އަކްމަލްއަށް ޝިފާނާގެ ކައިރިއަށް އައުމަށް އެދުނެވެ.
” ލަޔާލް އެބަ އަހާ ހާޝިމްއާ ބެހޭގޮތުން..އަހަރެން ކީކޭ ބުނާނި…..އޭނައަށް ފެންނަ ކޮންމެ ފަހަރަކު އަހާނެ ހާޝިމްއަކީ ކާކުތޯ……ކީއްވެތޯ ވަލީދޭން ހާޝިމް އައި…” ޝިފާނާ ބުނެލިއެވެ. ” އަހަރެންނަށް އެނގޭ އޭނަ އަހާނެކަން….ހިނގާ އަވަހަށް މިތަނުން ދާން…..ދެން އޭނައަށް ނުފެނި އުޅެންވާނި އެހެން ނޫނީ އަހަރެމެން…..” އަކްމަލް ހުއްޓާލައި ލަޔާލްގެ ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލިއެވެ.
” ހާޝިމް އޭނަގެ ވައުދު ފުއްދައިފި…….މިރެއިން މިރެއަށް އެގެއަށް ބަދަލްވާން ހިނގާ..” އަކްމަލް ބޭރަށް ނުކުންނަމުން ބުނެލިއެވެ.

ލަޔާލް އިރުކޮޅަކު ކޮޓަރީގައި އެކަނި އިނުމަށްފަހު ޕާރޓީ ހޯލަށް ނުކުތެވެ. އޭރު ޝައުފް އޭނަގެ ދެތިން ރައްޓެހިންނާ ވާހަކަ ދައްކަން ދުރުގައި ތިއްބެވެ. ޝައުފްއަށް ލަޔާލް ފެނުމުން ލަޔާލްއަށް ޝައުފްގެ ކައިރިއަށް އައުމަށް އިޝާރަތްކޮއްލިއެވެ.
” ލަޔާ ……މިއީ ޔާން…ނާޒިމް…ދެން ރާއިދް.” ކޮންމެ މީހަކަށް ވަކި ވަކިން އިޝާރަތްކުރަމުން އެމީހުން ތަޢާރަފްކޮއްދިނެވެ. ލަޔާލް ހީލިއެވެ. އެމީހުން ކައިރީ ހުއްޓެއް ކަމަކު ދުލުން އެއްވެސް ބަހެއް ބުނެ ނުލައެވެ. ގަދަކަމުން މަދު ފަހަރަކު ހީލުން ފިޔަވައެވެ.
ޕާރޓީގެ ހުރިހައި ކަމެއްވެސް ރަނގަޅަށް ދިޔަތީ މާހިރު ހުރީ ހިތްހަމަޖެހިފައެވެ. ޕާރޓީއަށް އައި މެހެމާނުން ކޮޅު ދިއުމުން ގޭގައި ބާކީ ތިބީ ގޭމީހުންނާ މަސައްކަތް ކުރަން އުޅޭ ދެތިން މީހެކެވެ. ޝާން އޮފީހުން ނިމިގެން އައިސް ވަދެ ގޭގެ ވެއިޓިން ރޫމްގައި ތިބި ކޮންމެ މީހަކަށް ވަކި ވަކިން ބަލާލަމުން އަހާލިއެވެ. ” ފަރީޝާ ކޮބާ؟” އެސުވާލާއެކު ސޯފީވެސް ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ”ނެތް..” ކޮޓަރިން ނިކުންނަމުން ސޯފީ ބުނެލިއެވެ. ”ނެތޭ..ކޮންތާކު ވީ…..އޮފީހަށް ދިއުމުގެ ކުރިން ހޯދި އިރުވެސް ނެތް..” ޝާން ކަންބޮޑުވިއެވެ. ޕާރޓީ ކަންތައްތަކުގައި އެންމެންވެސް އަވަދިނެތި އުޅެން ޖެހުމުން ފަރީޝާ މަތިން އެކަކުވެސް ހަނދާނެއް ނެތެވެ.
ޝާން ފަރީޝާގެ ފޯނަށް ގުޅަން ފެށިއެވެ. އެފޯން ނިއްވާލާފައިވާކަމަށް ބުނުމުން ޝާން މާޔޫސްވެގެން ފޯން ޖީބަށް ލިއެވެ. ”އެންމެންދޭ ނިދާލަން…އަހަރެން ފަރީޝާ އަންނަންދެން މަޑުކޮއްލާނަން…” ޝާން އެހެން ބުނުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ.

ލަޔާލް ކޮޓަރިއަށް ވަތްއިރު އެކޮޓަރި ތެރޭގައި ވަނީ ފަޑުއަލިކަމެކެވެ. ޝައުފް އައިސް އެނދުގައި އިށިނެވެ. ”ލަޔާ އާދެބަލަ މިކޮޅަށް…..” ލަޔާލް ކޮޓަރިއަށް ވަތްގޮތަށް ހުރުމުން ޝައުފް ލަޔާލްއަށް ގޮވާލިއެވެ. ”ބަލީތަ…..” ލަޔާލް ފާޑަކަށް ހުރުމުން ޝައުފް އަހާލިއެވެ. ”ބޮލުގަ ރިއްސަނި.” ލަޔާލް މަޑުމަޑުން ބުނެލިއެވެ.
” އެހެންތަ….މާއަޑުގަދަވީމަ އެހެންވެސް ވެދާނެ…އާދެ ހެދުން ބަދަލްކޮއްލައިގެން ނިދަން…” ޝައުފް އެހެން ބުނެލުމުން ލަޔާލް ހެދުން ނަގައިގެން ފާހާނާއަށް ވަނެވެ. ހިތާ ދެކޮޅަށް ކުރެވުނު މިކައިވެނީގެ ސަބަބުން އޭނައަށް ވަނީ ހާސްކަމެއްލިބިފައެވެ. ހިތް ނޭދޭ ބައިވެރިއެއްގެ ފިރުމުންތަކަށް ކެއްކޮއްލަން ޖެހޭނެ ރެއަކަށް ވާތީ އެ ހިތްވަނީ ނުތަނަވަސްވެފައެވެ. އެއްޗެހި ބަދަލޮކޮއްލައިގެން ނުކުތްއިރު ޝައުފްވެސް ހެދުން ބަދަލްކޮއްލައިގެން އެނދުގައި އިށީދެ އިނެވެ. ލަޔާލް އެނދުގައި އިށީނުމުން ޝައުފް ލަޔާލްއާ ކައިރިއަށް ޖެހިލިއެވެ. ލަޔާލްގެ ދެކޮނޑުގައި ޝައުފް ދެއަތް ޖައްސާލުމުން ލަޔާލްގެ ހިތް ކުރިއަށް ވުރެ ބޮޑަށް ތެޅިގަތެވެ. ” މިރޭ ނިދާލާ…ބޮލުގައި ރިއްސާތީ އަރާމްކޮއްލީމަ ރަނގަޅުވެދާނެ….” ޝައުފް ލަޔާލް އެނދުގައި ބާއްވާލިއެވެ.

ލަޔާލްގެ ނިއްކުރި ޝައުފް މަޑުމަޑުން މޮޑެދެންފެށިއެވެ. ލަޔާލް ޝައުފްގެ މޫނަށް ނުބަލަންވެގެން ދެލޯ މަރާލިއެވެ. ޝައުފް އޯގާތެރިކަން ފުރަތަމަ ރެއިންވެސް ލަޔާލްއަށް އިހްސާސް ކުރެވުނެވެ. ދެލޯ މަރާލައިގެން އެހެން އޮންނަތާ އިރުކޮޅެއް ތެރޭގައި ލަޔާލްއަށް ނިދުނެވެ. ލަޔާލް ނިދުމުންވެސް ޝައުފް ހުއްޓުމެއްނެތި ލަޔާލްގެ ބޯ މޮޑެދެމުން ދިޔައެވެ.

ފަރީޝާ ގެއަށް ވަތްއިރު މެންދަމު އެއްގަޑި ބައިވަނީއެވެ. ފަރީޝާގެ އިންތިޒާރުގައި އިން ޝާންއަށް ނިދިފައި އިންތަން ފެނުމުން ފަރީޝާ ފުރުސަތުގެ ބޭނުން ހިފިއެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލްކޮއްލައިގެން އައިސް ޝާންއަށް ގޮވާލިއެވެ.
” އޮފީހުން އައިސް މިތާތަ ތި އިންނަނީ…އަހަރެން ނުނިދާ ޝާންގެ އިންތިޒާރުގަ އިނދެ އިނދެ ފޫހިވެގެން މިއައީ….” މޯޅިއަކަށް ދެމިލަމުން ޝާންއަށް ބުނެލިއެވެ. ” ފަރީޝާ ކޮންއިރަކު ގެއަށް އައީ…؟” ޝާން ފަރީޝާގެ މޫނަށް ބަލާލިއެވެ.
” އަހަރެން ކޮންއިރަކު ބޭރަށް ދިޔައީ….؟ އަހަރެން މިއުޅެނި ގޭގަ…” ފަރީޝާ ނޫންކަމަށް ހަދާލިއެވެ. ”ނުދަންތަ….އަހަރެން ހޯދި އިރު ފަރީއެއް ނެތް…މަންމަ ކޮޓަރި ބަލާފަ ބުނި ނެތޭ…..” ޝާން ހައިރާންވެ އަހާލިއެވެ. ” އަހަރެން ފާހާނާގަ އުޅެނިކޮން ކަންނޭނގެ މަންމަ އެބުނީ އަހަރެން ނެތޭ….” ފަރީޝާ ޝާންގެ ކައިރީ އިށީދެ ޝާންގެ ކޮނޑުގައި ބޯއަޅާލިއެވެ.
” އަޅާނުލާ..ހިނގާ ނިދަން ދާން…..” ޝާން ފަރީޝާގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. އާދަވެގެން ހެނދުނު ހެނދުނާ ހެލާތީ ލަޔާލްއަށް ހޭލެވުނެވެ. އޭރުވެސް ލަޔާލްގެ ނިއްކުރީގައި މެދު ކެނޑުމެއްނެތި ފިރުމާލަ ފިރުމާލާ ޝައުފް އިނެވެ. ލަޔާލް ޝައުފްގެ މޫނަށް ބަލާލެވުނެވެ. ” މިހާރު ރަނގަޅުތަ؟” ޝައުފް އޯގާތެރިކަމާއި އެކު ބުނެލިއެވެ. ލަޔާލް ބޯޖަހާލިއެވެ. ފުރަތަމަ ފަހަރަށް ލަޔާލްއަށް ޝައުފް އޭނަ ދެކެ ލޯބިވާ މިންވަރު ވަޒަން ކުރެވުނެވެ. ރޭ ހަތަރު ދަމު ފޫހިކަމެއް ވަރުބަލި ކަމެއް ނެތި ލަޔާލް ކައިރީ ހޭލާ އިނީތީ އެކަމާ ހިތުގފެ ފުންމިނުން ޝުކުރ އަދާކުރަން ބޭނުންވިއެވެ.
” ޝައުފް ނުނިދަންތަ؟” ލަޔާލް އެނދުގައި އިށީދެ ޝައުފްއަށް ފުރަގަސްދެމުން އަހާލިއެވެ. ” އާން….ލަޔާލްއަށް ކަމެއް ބޭނުންވެދާނެތީ ހޭލާ އިނީ………” ޝައުފް ބުނެލިއެވެ. ބޮލުގައި ރިއްސާލުން ފަދަ ކުޑަކަމެއް ވީކަމަށްޓަކައި ލަޔާލްއަށް ޓކައި ޝައުފް އެވީ ގުރުބާނީ އަކީ ލަޔާލްއަށް ކުޑަކަމެއް ނޫނެވެ. އުފަން މަންމަ ލަޔާލް ކިތައްމެ ބަލިވެ އުޅުނަސް ދުވަހަކުވެސް ކައިރީ ހޭލާ ނީންނާނެއެވެ. ” ތޭންކްސް…” އެނދުން ތެދުވަމުން ލަޔާލް ޝައުފްއަށް ޝުކުރު އަދާކުރިއެވެ. ލަޔާލްގެ ދުލުން އެބޭރުވި ކުރު ޖުމްލައިން ޝައުފްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ.

އާދުވަހެއްގެ މިފެށުން މިވީ މިދިރިއުޅުމަށް އެޅުނު ފުރަތަމަ ގަލަށެވެ. ދެމީހުންގެ ދެމެދުގައި މާބޮޑު ގުޅުންތަކެއް ނެތްކަމުގައި ވިއަސް ހަމްދަރުދީއާއި އޯގާތެރިކަން އެބައޮތެވެ. ލަޔާލް ހެނދުނު ބަދިގެއަށް ވަތްއިރު ދެތިން ނޯކަރުން އެމީހުންގެ މަސައްކަތުގައި އުޅެއެވެ. ”އެއްވެސް މަސައްކަތެއް ނުނިމި އެބަހުރިތަ؟” ލަޔާލް ބަދިގެއަށް ވަންނަމުން އަހާލިއެވެ. ” ނޫން މެޑަމް……ކޮފީ ނޫނީ ސައި ތައްޔާރުކޮއްދެންތޯ….” ރޯސަން އަހާލިއެވެ. ރޯސަން އަކީ ބޭރު ގައުމެއްގެ މީހަކަށް ވިއަސް ދިވެހި ބަހަށްވެސް ފަރިތައެވެ. ރާއްޖޭގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ. ” ނޫނޭ އަހަރެން އަމިއްލައަށް ސައިތައްޓެއް ހަދާލާނަން….ރޯސަން މަސައްކަތް ކުރިއަށް ގެންދޭ…….” ލަޔާލް ރޯސަންއަށް ބުނެލިއެވެ.
”ލަޔާ…..” ސޯފީ ގޮވާލިއެވެ. ”ކީކޭ މަންމާ…” ލަޔާލް ބުނެލިއެވެ. ” ލަޔާ ކަމެއް ބޭނުންވީމަ ރޯސަން ނޫނީ ޖައުސް ކައިރީ ބުނޭ…..ނޯކަރުން ތިއްބަ ބަދިގެއަށް ވަދެ މަސައްކަތް ކުރާނެ ކަމެއް ނެތް……”’ ސޯފީ ބުނެލިއެވެ. ” މަންމާ މީ އެވަރުގެ ކަމެއް ނޫން…..އެހެން ނޫނަސް އަހަންނަށް އާދެވެފައި ވާކަމެއް މިއީ..އަމިއްލަ މަސައްކަތް އަމިއްލައަށް ކުރުމުން ވަރަށް ހިތްހަމަ ޖެހޭ……..” ލަޔާލް ޖަވާބުގައި ބުނެލިއެވެ. ” ލަޔާ…….ދިރުއުޅުމުގެ ބައެއް ކަންތައްތަކަކީ ވަކި ހިސާބަކުން ބަދަލްކުރަނބް ޖެހޭ ކަންތައްތައް……ކުރިއާ މިހާރު ވަރަށް ތަފާތު…….މިގޭ ދަނބިދަރިއަކަށް ވުމަށްފަހު ބަދިގެއަށް ވަންނާކަށް ނުޖެހޭނެ…….” ސޯފީގެ ޖަވާބުން އިތުރަށް އެއްޗެއް ބުނާކަށް ލަޔާލް ބޭނުމެއް ނުވިއެވެ. ރޯސަން ކައިރީ ބުނެގެން ކޮފީއެއް ތައްޔާރުކުރިއެވެ.

ކޮފީ ތަށި ހިފައިގެން ހިތްގައިމު ހެނދުނުގައި ގޭގެ ބަގީޗާ ގަސްތައް ތެރެއަށް ނުކުމެލިއެވެ. ފަހަރަކު ކޯވަރެއް ބޯލަމުން ބަގީޗާ ގަސްތަކު ތެރޭ ހިނގަމުން ދިޔައެވެ. އެއްކަލަ ބަންދު ކޮޓަރީގެ ތެރެއިން މިއަދުވެސް ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ. ލަޔާލް އެދިމާލަށް އެޅި ފިޔަވޅު ހުއްޓާލަން ޖެހުނީ ސޯފީ އެދިމާލަށް ދުއްވައިގަތުމުންނެވެ. ސޯފީގެ އަތުގައިވާ ތަޅުދަނޑި ފަތިން ދޮރުހުޅުވާލުމަށްފަހު އތެރެއަށް ވަދެ ދޮރުލައްޕާލިއެވެ ސޯފީ އެތެރެއަށް ވަނުމުން އެ ހަޅޭއްލެވުން އިތުރު ވެގެން ދިޔައެވެ. ޝައުފް އެތަނަށް ނުކުތީ ލަޔާލް އެދިމާލަށް ބަލަން ހުއްޓައެވެ. ” ލަޔާ….” ޝައުފް ލަޔާލްގެ ފަހަތުގައި ހުއްޓެމުން ގޮވާލިއެވެ. ލަޔާލް ޝައުފްގެ މޫނަށް ބަލާލިއެވެ.
”އެއްޗެއް އަހަންތަ……..؟” ލަޔާލް އަހާލިއެވެ. އޭރުވެސް ލަޔާލްގެ ނަޒަރު ހުއްޓިފައި ވަނީ އެދޮރާ ދިމާލަށެވެ. ޝައުފް ލަޔާލްގެ މޫނަށް ބަލާލިއެވެ. ލަޔާލް އަހަން އުޅެނީ ކީކޭކަން ޝައުފް ދެނެގެންފިއެވެ. ” އެކޮޓަރީގައި އިންނަނީ ކާކު؟” ލަޔާލް އަހާލިއެވެ. ޝައުފްއަށް ތެޅިގަނެވުނެވެ. އާއިލާ ތެރޭ ފޮރުވައިގެން ގެންގުޅޭ ސިއްރެއް ބުނަން ފަސްޖެހެވެން ފެށިއެވެ. ލަޔާލް އެ ސުވާލް އަނެއްކާވެސް ތަކުރާރު ކޮއްލިއެވެ.
”ބޭބެއެއް…” ޝައުފް ބުނެލިއެވެ. ”އެތާގަ ކީއްވެތަ އިންނަނީ……..މިގޭގަ ކިހާ ބައިވަރު ހުސްކޮޓަރި އެބަހުރި……” ލަޔާލް އެކޮޓަރިއަށް ބަލާލިއެވެ. ގެއާ ވަކިން ހުރި އެ ކޮޓަރި ހީވަނީ ވަރަށް ކުރީ ޒަމާނުގެ އާސާރީ ތަނެއް ހެންނެވެ. ބާގުދަނެއް ކަހަލަ ތަނެއް ހެންނެވެ. ” އެވެސް މިގޭ ކޮޓަރިއެއް…ބޭބެއަށް ރަނގަޅަކަށް އެތާގަ އެ އިންނަނީ….” ޝައުފް ބުނެލިއެވެ. ޝައުފް ބޭނުންވީ އެތަނުން ދާށެވެ. ކޮންމެވެސް ބަހަނާއެއް ދައްކާށެވެ. ” ބޭބެއަކީ މޮޔައެއްތަ……އެހެންވިއްޔާ ކީއްވެ ފަރުވާ ނުދެނީ……ހޮސްޕިޓަލަށް ކީއްވެ ނުގެންދަނީ…….” ލަޔާލް ފަހަރަކު ސުވާލެއް ޝައުފްއަށް ކުރިއެވެ. ޝައުފް ހާސްކަން ފޮރުވުމަށް ހޭންފެށިއެވެ. ” މޮޔަގަނޑާ……..ފަރުވާ ދޭންވެގެންނު އެތާގަ ބަހައްޓާފަ އެހުރީ…….އަންކަލް އަންވަރު އަކީ މޮޅު ޑޮކްޓަރެއް…..ނަފްސާނީ ރޮނގުން މާސްޓަރ ހަދާފަ…….ބޭބެއަށް ހާއްސަކޮށް ފަރުވާ ދިނުމަށް ހަފްތާއކު ދެދުވަހު އަންނާނެ މިގެއަށް……..”’ ޝައުފް ބުނެލިއެވެ. އެވަގުތު ރޯސަން އައިސް ސައިތައްޔާރު ވެއްޖެކަމަށް ބުނެލިއެވެ. ޝައުފް ފުރުސަތުގެ ބޭނުން ހިފައި ގޭތެރެއަށް ވަނެވެ.

ގޭގައި މަސައްކަތެއް ކުރަން ނުޖެހި ހުންނަން ފެށުމުން ލަޔާލް ފޫހިވާންފެށިއެވެ. އިމްލީވެސް ގޭގަ އުޅޭ ވަގުތު މަދުވެފައި އަދި ހުންނަ ވަގުތަކުވެސް ލަޔާލްއާ ވާހަކަ ދައްކައި ނޫޅޭތީ ލަޔާލްގފެ ފޫހިކަން ވީ އިތުރެވެ. ފޫހިވެގެން ކުޑަދޮރު ކައިރީ ހުއްޓައި ޑރ.އަންވަރު ގެއަށް އައެވެ. ސޯފީ އާއެކު ބަންދުވެފައި ހުންނަ ކޮޓަރިއަށް ޑރ.އަންވަރު ވަނީންސުރެން ލަޔާލްގެ ހިތުގެ ތެރޭ އަނެއްކައިވެސް ސުވާލްތަކެއް އެނބުރެން ފެށިއެވެ. މިގޭތެރޭގައި މިހިނގާ ކަންތައް ގަނޑު އޭނައަށް އެނގޭނީ ކޮންދުވަހަކުން ބާއެވެ.

ލަޔާލް ސިހިގެން ދިޔައީ އޭނަގެ ކޮނޑުގައި މީހަކު އަތްބާއްވާލުމުންނެވެ. ފަހަތް ބަލާލި އިރު ކައިރީ ޝައުފް ހުއްޓެވެ. ނޫކުލައިގެ ޖީންސަކާ ރަތްކުލައިގެ ރޮގުދެމި ހުދު ޓީޝާރޓެއްގައި ހުރި އިރު ޝައުފް ފެންނަލެއް ވަރަށް ހިތްގައިމެވެ. ” ކޮން ހިޔާލެއްގަ….” ޝައުފް ބުނެލިއެވެ.” ހިޔާލެއްގައެއް ނޫން……” ލަޔާލް އިސްޖަހާލަމުން ބުނެލިއެވެ. ” ފޫހި ދޯ…..އޮފީހަށް ނުދާތީ އަހަންނަށްވެސް މިއަދު ހީވަނީ އެއް އަހަރުހެން…….ހިނގާ ކާރުގައި ދުއްވާލަން ދާން…….މިހާރު ހަވީރު ވާން އެއުޅެނީ….އަވިވެސް މަޑުވެއްޖެ…” ޝައުފް ލޯހަނިކޮއްލަމުން ކުޑަދޮރުން ބޭރުބަލާލިއެވެ. ހުދުކުލައިގެ ވިލާކޮޅެއް ނެތް ސާފް އުޑު ހާމައަށް ފެންނަން އޮތެވެ. ލަޔާލް ދާން ބޭނުންނުވިއަސް އިންކާރުކުރާކަށް ނުކެރުނެވެ. ހިތާ ދެކޮޅަށް ކުރެވުނު ކައިވެންޏަކަސް ފރިމީހާއަށް ކިޔަމަންވުމަކީ އޭނގެ ވާޖިބެކެވެ.

ކޮޓަރިއަށް ވަދެ ބޯ އޮމާންކޮއްލައިގެން ނުކުތްއިރު ގޭގެ ޕޯޓިކޯގައި ކާރުގަ މަޑުކޮއްލައިގެން ޝައުފް އިނެވެ. ލަޔާލް ކުރީ ސީޓަށް އެރުމުން ޝައުފް ދުއްވާލިއެވެ. ވޫލްކޮޅަކުން ދޫކޮށް އައްސާލާފައި އޮތް އިސްތަށިގަނޑުގެ ބޮޑުބައެއް ވަނީ ލަޔާލް މޫނުގެ ކަނާތްފަރާތަށް ވެއްޓިފައެވެ. ” އިސްތަށިގަނޑު ވައްޓާލާފައި އޮންނައިރު ވަރަށް ރީތި…..” ޝައުފް ލަޔާލްއަށް ބަލާލަމުން ބުނެލިއެވެ. ލަޔާލް އެއްޗެއް ނުބުނެ މަޑުން އިނެވެ. އެއްއަތުން ކާރު ދުއްވާލަމުން ޝައުފް އަނެއް އަތުން ލަޔާލްގެ އިސްތަށިކޮޅު އައްސާފަ އިން ވޫލްކޮޅު ދަމައި ގަތެވެ. ބަނޑިއެއް ނެތް ފަން އިސްތަށިގަނޑު ރޫޅިގެން ދިޔައެވެ.

ކާރު މަޑުކޮއްލީ ހެދިގޮނޑު ދޮށުގައެވެ. ކާރުން ފައިބައިގެން ޝައުފްގެ ފަހަތުން ލަޔާލް ހިނގައިގަތެވެ. ޝައުފް ގޮސް ހުއްޓުނީ ސިމެންތިން ހަދާފަ އިން ގޮނޑިއެއްގެ ކައިރީއެވެ. އޭރު އެދިމާލު މޫދުގައި ބަޔަކު އުޅެއެވެ. ” ކުރުނބާ ގެންނަންތަ….” ދުރުގައި ހުރި ގާޑިޔާއަކުން މީހަކު ކުރުނބާ ގަނެގެން ދާންފެށުމުން ޝައުފް ލަޔާލް ކައިރީ އަހާލިއެވެ. ކުރުނބާއަކީ ލަޔާލްއަށް ވަރަށް މީރު އެއްޗެކެވެ. ލަޔާލް ބޯޖަހާލުމާއި އެކު ޝައުފް އެދިމާލަށް ހިނގައިގަތެވެ. ކުރުނބާއޭ ބުނުމުން ލަޔާލްގެ މާޒީން ތަންކޮޅެއް ހަނދާންވިއެވެ. ރަށުގެ ތުނޑިއަށް އާކިފްއާއި އެކު ދިޔަ ދުވަހަކު ކުރުނބާ ބުއި ދުވަސް މަތިންނެވެ.

ޝައުފް ދެ ކުރުނބާ ހިފައިގެން އައިސް ލަޔާލްގެ ކައިރީ އިށީނެވެ. ލަޔާލްއަށް ކުރުނބާ ދިއްކޮއްލުމުން ބަހެއް ނުބުނެ ލަޔާލް ކުރުނބާ ބޯންފެށިއެވެ. ” އަހަރެން ދެކޭ ގޮތުގައި އަހަރެމެންގެ މި ކައިވެންޏަކީ ކުއްލި ގޮތަކަށް ކުރެވުނު ކައިވެންޏަކަށް ވިއަސް ……ކައިވެނި ކުރެވުނީ ދެމީހުންގެވެސް ރުހުމުގައި ކަމުން ދެމީހުންގެ މެދުގަ މިހާ ބޮޑު ދުރުމިނެއް އޮވެގެން ނުވާނެ……ނޫންތަ…..” ޝައުފް ވާހަކަ މެދުކަނޑާލުމަށްފަހު ކުރުނބާއިން ކޯވަރެއް ދަމާލިއެވެ. ” އަހަރެން ބަލާނަން ފިރިއެއްގެ ހުރިހައި ޒިންމާއެއްވެސް އަހަންނަށް ވީ އިންމެ ރަނގަޅަކަށް އަދާކުރެވޭތޯ……” ޝައުފް ބުނެލިއެވެ. ލަޔާލްގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ. ހުސްވެފައިވާ ކުރުނބާތައް ހިފައިގެން ދުރުގަ ހުރި ޑަސްބިނާ ދިމާލަށް ޝައުފް ހިނގައިގަތެވެ.

ލަޔާލްގެ މޭގައިވާ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ޝައުފްގެ ފަރާތުން ފިރިއެއްގެ އޯގާތެރިކަން ލިބޭނެ ކަމާއި މެދު ލަޔާލް ޝައްކެއް ނުކުރެއެވެ. ހުރިހައި މައްސަލައަކީ އޭނަ އަމިއްލަ ނަފްސަށް ކުޑަވެސް އިތުބާރެއް ނެތުމުންނެވެ. އާކިފްގެ ހަނދާންތައް އެއްފަރާތްކޮއްލުމަށްފަހު ޝައުފްއަށް އެހިތުގައި ޖަގާއެއް ދެވިދާނެކަމުގެ ޔަގީންކަމެއް ނެތީމައެވެ. ޝައުފް އައިސް ލަޔާލްގެ ކައިރީ އިށީނެވެ. ލަޔާލް ބޮޑިކޮއްލައިގެން އިން އަތުގައި ޝައުފް ހިފާލިއެވެ. ފިނިވެފައިވާ އެ އަތްތިލައިގަ ފިރުމާލައި ޝައުފްގެ އިނިގިލިތައް ލަޔާލްގެ އިނގިލިތަކުގެ ތެރޭގައި މަހާލިއެވެ. ލަޔާލް ގަދަކަމުން އަތްފޮޅުވާލާކަށް މަސައްކަތެއް ނުކުރެއެވެ.

ހަވީރުގެ ފިނިޖެހެން ފެށުމުން އެދިމާލަށް މީހުން ގިނަވާންފެށިއެވެ. އާއިލާތަކުން ހިތްހަމަ ޖައްސާލުމަށް އެދިމާލަށް ޖަމާވަމުން ދިޔައެވެ. މީހުން ގިނަވަމުން ދިޔަ ވަރަކަށް ލަޔާލްގެ ހިތް ތެޅެމުގެ ސްޕީޑް މަތިވާންފެށިއެވެ. އެންމެންގެ ލޯތައް އެދެމީހުންނަށް އަމާޒްވެފައިވާކަން އެނގުމުން ލަޔާލް ރަކިވިއެވެ. ޝައުފްގެ އަތުތެރޭގަ އޮތް އޭނަގެ އަތަށް ކުޑަ ހަރަކާތެއް ގެނުވިއެވެ. ޝައުފްއަށް ލަޔާލްގެ ހިތުގެ ހާލަތު އެނގުނު ކަހަލައެވެ. އަތުން ދޫކޮއްލަމުން އިށީދެ އިން ގޮނޑިން ތެދުވެއްޖެއެވެ. ޝައުފް އާދައިގެ ހިނގުމެއްގައި ގޮސް އޭނަގެ ކާރު ކައިރީ މަޑުކޮއްލިއެވެ.

މަގުގެ އެއްކައިރިން ހިނގާފަ ދިޔަ ހާޝިމް ޝައުފްއަށް ފެނުނެވެ. ޝައުފް ފަސް އެނބުރި ލަޔާލްއަށް ބަލާލިއިރު ލަޔާލްވެސް ހުރީ ހާޝިމްއަށް ބަލަހައްޓައިގެންނެވެ. ” އެއީ ކާކު؟” ޝައުފް ލަޔާލް ކައިރީ އަހާލިއެވެ. ހާޝީމްއަކީ ލަޔާލްއާ ކޮން ގުޅުމެއް ހުރި މީހެއްކަމެއް ހުދު ލަޔާލްއަށްވެސް ނޭނގެއެވެ. ” ނޭނގެ….” ލަޔާލް ބުނެލިއެވެ. ” އެމީހާ ދޯ ލަޔާއަށް ވަލީދޭން އައީ…ކޮންމެވެސް ގުޅުމެއް އޮތީމަތާ ވަލީދޭން އަންނާނި…..ބައްޕަތަ އަނެއްކާއެއީ……..” ޝައުފް މިސުވާލުން ލަޔާލް ސިހިގެން ދިޔައެވެ. ޝައުފް އެބުނީ މުހިއްމު ޕޮއިންޓެކެވެ. އަނެއްކާ އެއީ ލަޔާލްގެ ބައްޕަ ހެއްޔެވެ؟ ” ނޭނގެކުޑައިރުން ސުރެން އަހަންނަށް އެނގިފައިވަނީ އަކްމަލްކަން އަހަރެންގެ ބައްޕަ އަކީ….އެންމެ ފަހު ވަގުތު ބައްޕައޭ ކިޔާފަ ކީ ހާޝިމް..އަހަރެން ހިތަށްއަރާ މިއޮއް ހުރިހައި ދުވަހު އެކަން އަހަންނަށް ސިއްރުކުރީ ކީއްވެބާއޭ….” ލަޔާލްގެ ޖަވާބަކަށް ބަދަލެއް ނައެވެ. ހާޝިމް ޖެހިގެން ހުރި ގޯޅިން އަޅައިފިއެވެ. ” އދިޔައީ…..ކާކު ކައިރީގަ އަހާނިވަކި އެއީ ކާކުކަން……” ޝައުފް ކާރުގެ ދޮރު ހުޅުވާލަމުން އަހާލިއެވެ.

” ހިނގާ ގެއަށް….ބައްޕަ ކައިރީ އަހާނި….” ލަޔާލް ބޭނުންވީ އަކްމަލްއާ ސުވާލް ކުރާށެވެ. އެދުވަހު ޝިފާނާއާ ސުވާލްކޮއްގެން އެއްވެސް ޖަވާބެއް ނައުމުން އަކްމަލް ކައިރީ އަހަން ލަޔާލް ބޭނުންވަނީއެވެ. ޝައުފް ކާރުގައި ގޮސް ލަޔާލްމެން ކުރިމަތީ މަޑުކޮއްލިއެވެ. ޝައުފްއަށްވުރެ ކުރިން ލަޔާލް ގޭތެރެއަށް ވަނެވެ. ގޭގެ ސިޓިން ރޫމްގައި މެދު އުމުރެއްގެ އަންހެނަކު ތަބަކެއް ހިފައިގެން ދުފަން އިނެވެ. ލަޔާލް އައިސް ހުއްޓުމުން އެ އަންހެން މީހާ އިސް އުފުލާލައި ބަލާލިއެވެ.
” ކީއްކުރާ ކުއްޖެއް…….” އެ އަންހެން މީހާ އަހާލިއެވެ. ” މަންމަ ކޮބާ…..” ލަޔާލް އަހާލިއެވެ. ” ކާކުގެ މަންމައެއް……” އެ އަންހެން މީހާ ބިލެއް ގަނޑު ބޮނޑިކޮއްލަމުން ކޮލަށް ލިއެވެ. ” އަކްމަލް ނޫނީ ޝިފާނާއަށް ގޮވާލަ ދީބަލަ………” ޝައުފް ލަޔާލްފެ ފަހަތުގައި ހުއްޓެމުން ބުނެލިއެވެ. ” ތިނަން ކިޔާ ބަޔަކު މިގޭގައެއް ނޫޅޭ މިހާރަކު……އަހަރެމެން މިތަން ކުއްޔަށް ހިފައިގެން ބަދަލްވީ މިއަދު….” އެ އަންހެން މިހާ ޖަވާބު ދިނެވެ. ލަޔާލް ހިތަށް އެރިއެވެ. ގޭ ބަދަލް ކޮށް މަންމަމެން އެ ދިޔައީ ކޮންތާކަށް ބާއެވެ.؟ ޝައުފް ފޯން ނަގައި އަކްމަލްގެ ނަންބަރަށް ގުޅާލިއެވެ. އަކްމަލްގެ ފޯންވަނީ ނިއްވާލާފައެވެ. ” ލަޔާ ބައްޕަގެ ފޯންވެސް ނިއްވާލާފަ………ނަންބަރު ބަދަލް ކުރީތަ…….” ޝައުފް އަނެއްކާވެސް އެ ނަންބަރަށް ޑައިލް ކޮއްލަމުން އަހާލިއެވެ. ”ނޭނގެ………..ބުނެވެސް ނުލާ ގޭވެސް ބަދަލްވީ….ނަންބަރުވެސް ބަދަލްކުރީ ކަންނޭނގެ…….” ލަޔާލްގެ ރާގުގައި ވަނީ ފޫހިކަމެވެ. ޝައުފް ފޯން ކަޑާލަމުން ދެނ ގުޅީ އޮފީހަށެވެ.
” ހަމްދު…..އަކްމަލް އެބައުޅޭތަ އޮފީހުގަ……އޭނަގެ ނަންބަރު ނިއްވާލާފަ އިނީމަ ދެން ނެތްތަ އޭނަގެ އެހެން ނަންބަރެއް އެނގިފައެއް…….” ޝައުފް އަހާލިއެވެ. ” އާން އިތުރު ފޯން ނަންބަރެއް ނެތް………މިއަދު ހެނދުނު އޮފީހަށް އޮތް އޭނަގެ ރެސިގްނޭޝަން ލެޓާރ އައިސް…….” ހަމްދު ބުނެލިއެވެ. ހަމްދު އެހެން ބުނުމުން ޝައުފްއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އިރުކޮޅަކު ފޯންގައި ހުރުމަށްފަހު ޝައުފް ބުނެލިއެވެ.
” ކޮންމެސް ކަމެއް އެބަ ހިނގާ……ގޭވެސް ނަންބަރުވެސް ބަދަލްކޮއްފަ…..އޮފީހުން ވަކިވާން ސިޓީވެސް ފޮނުވާފަޔޯ…….” ޝައުފް ލަޔާލްއަށް ބަލާލަމުން ބުނެލިއެވެ. ލަޔާލްގެ މޫނުމަތިންވެސް ހައިރާންކަން ފެނިގެން ދިޔައެވެ. އަކްމަލްއާ ޝިފާނާގެ ފަހަތުގައި މަކަރުވެރިކަމެއް ވާކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ކޮންމެވެސް ކަންތައްގަނޑެއް ސިއްރުކުރަން ނޫނީ އެހެން ކަންތައް ކޮއްފާނެކަމަށް ލަޔާލް ހިތެއް ނުބުނެއެވެ. އިރުކޮޅަކު އެތާގައި ތިބުމަށްފަހު ޝައުފްއާ ލަޔާލް އައީ ގެއަށެވެ.

ރޭގަނޑުގެ ވަގުތެވެ. ކެއުމަށްފަހު ކޮންމެ މީހަކުވެސް ވީ އެމީހެއްގެ ކޮޓަރީގައެވެ. ބަދިގެއިން ފެންޖަގެއް ހިފައިގެން ލަޔާލް ކޮޓަރިއަށް ވަންނަނިކޮން އިމްލީގެ ކޮޓަރިން ފާއިޝް ނުކުމެގެން ދިޔަތަން ފެނުނެވެ. ލަޔާލް ފާއިޝްއަށް ބަލަން ހުރުމަށްފަހު ކޮޓަރިއަށް ވަނެވެ. އޭރު ލެޕްޓޮޕް ހުޅުވާލައިގެން ކައިވެނީގެ ފޮޓޯތައް ބަލަން ޝައުފް އިނެވެ. ފިޔާތޮށިކުލައިގެ ނައިޓީއެއްގައި ހުރި ލަޔާލްއަށް ޝައުފް ބަލާލިއެވެ. ފެންޖަގު ބެހެއްޓުމަށްފަހު ލަޔާލް ޑްރެސިން ޓޭބަލް ކައިރީ ހުއްޓުނެވެ. އިސްތަށިގަނޑު އޮޅާލައި ހުޅިއެއް ޖަހާލިއެވެ. ޝައުފް ލެޕްޓޮޕް ލައްޕާލުމަށްފަހު ލަޔާލްގެ ކައިރީ ހުއްޓި ލަޔާލްގެ ބަނޑުގައި ޝައުފްގެ ދެއަތުން ވަށާލިއެވެ. ލަޔާލް ކުއްލިއަކަށް ހަނދާންވީ ހަވީރު ޝައުފް ބުނި ޖުމްލަތަކގެ މަތިންނެވެ. ”ހިނގާ ނިދަން……” ޝައުފް ބުނެލިއެވެ.

ލަޔާލްގެ ކޮނޑުގައި ހިފާ ޝައުފްއާ ވީފަރާތަށް އަނބުރާލިއެވެ. އިސްޖަހާލައިގެން ހުރި ލަޔާލްގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. ލަޔާލް މާނޭވާއެއް ލަމުން ޝައުފްއާ ދުރަށް ހިނގައިގަތެވެ. ކޮޓަރީގެ ހޮޅިބުރިތައް ނިއްވާލުމަށްފަހު ސައިޑް ޓޭބަލް މަތީ އިން ކުޑަ ލޭންޕް ޖައްސާލިއެވެ. އޭގެން ފަޑުއަލިކަމެއް ކޮޓަރިތެރެއަށް އެޅިފައިވެއެވެ. ޝައުފް ކުރިއަށްވުރެ ބޮޑަށް ލަޔާލްއާ ކައިރިވެލިއެވެ. ލައިގެން ހުރި ހުދުކުލައިގެ ކުރުތާ ބާލައި އެނދުމައްޗަށް އެއްލާލިއެވެ. ދެން ޝައުފްގެ ދެއަތުން ލަޔާލް ގެނެސް އޭނަގެ ހަށިގަނޑާ ބޮނޑިކޮއްލިއެވެ.

ލަޔާލްއަށް ހޭލެވުނީ ފަތިސްވީ ފަހުންނެވެ. މި ފިނިގަޑީގައި ހީކަރުވައިގެންނެވެ. ފޭރާމެއް ނެތް ހަށިގަނޑު ފެނުމުން ރޭގެ ހާދިސާމަތިން ހަނދާންވިއެވެ. ހަށިގަނޑަށް ދުވަހަކުވެސް ނުލިބޭ ފަދަ އަރާމެއް ލިބުމުން އަމިއްލަ ނަފްސަށް ހީލެވުނެވެ. ލަޔާލްގެ ބަނޑުގައި އަތްބާއްވާލައިގެން ނިދާފަ އޮތް ޝައުފްގެ މޫނަށް ބަލާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ޝައުފްގެ އަތް ނަގައި ދުރުކޮއްލަމުން އެނދުކައިރީ ވެއްޓިފައި އޮތް އޭނަގެ ނައިޓީ ނަގައި ކަރަށް މަހާލިއެވެ. ދެން އަވަހަށް ފާހާނާއަށް ވަނެވެ.

ޝާން އޮފީހަށް ދިއުމަށް ގެއިން ނުކުތުމާއި އެކު ފަރީޝާ ފާއިޝްއަށް ގުޅިއެވެ.
” ނިދަނީތަ……އާދެބަލަ އަހަރެން ބަލާ….” ފަރީޝާ ބުނެލިއެވެ. އެކޮޅުން އަންނަ ވާހަކަ ބުނުމުން ފަރީޝާ ތައްޔާރުވެލިއެވެ. މާގިނަ އިރެއް ނުވެ ފާއިޝް އޭނަގެ ސައިކަލްގައި އައެވެ. ” އެރޭ ގެއަށް ލަހުން ދިޔާމަ ފިރިސޮރު ނުބުނޭތަ އެއްޗެކޭ……”ފާއިޝް ސައިކަލް ދުއްވާލަމުން އަހާލިއެވެ. ” އަހަރެންގެ ގޮތް އަދިވެސް ދަސްނުވަނީތަ……ދޮންކަޅުވެސް ނޭނގޭނެ…އަދި ޝައްކުވެސް ނުވާނެ……” ފަރީޝާ ފަހްރުވެރިވެލާފަ ބުނެލިއެވެ. ފާއިޝް ގޮސް ހުއްޓުނީ ގެސްޓް ހައުސް ކުރިމަތީގައެވެ. ފާއިޝް ސައިކަލް ޕާރކުކޮއްފައި އައުމުގެ ކރިން ފަރީޝާ އެތެރެއަށް ވަނެވެ.
”ކޮބާ މަށަށް ގެނައި………..” ފާއިޝް އެހެން ބުނެފައި ހުއްޓާލީ ފަރީޝާގެ ހޭންޑްބޭގުން ޗެކެއް ނެގުމުންނެވެ. ފަރީޝާއަށް ދަޅަ ދައްކައިގެން ހަގީގަތުގައި އުޅޭ ސަބަބަކީ މިއީއެވެ. ފަރީޝާގެ މައިންބަފައިންނަށް ފޮނުވާށޭ ކިޔާފަ ކޮންމެ މަހަކުވެސް ޝާންއަތުން ހޯދާ ފައިސާ ހަރަދުކުރަނީ ފާއިޝްއަށެވެ. އެހެން ނަމަވެސް ފާއިޝްގެ ބޭނުމަކީ ވަގުތީ އުފަލެވެ.
” ފާއިޝް…..ދެން ޖޮބަކަށް ވަންނަން އުޅޭ…..އަހަރެން ޝާން ކައިރިން ވަރިވެވޭނީވެސް އޭރުން……އަހަރެން މިގޮތަށް އުޅޭކަށް ބޭނުމެއް ނޫން………..” ފަރީޝާ ފާއިޝްގެ ކައިރީ އިށީނެވެ. ” އަދި ނުލިބިގެން މިއުޅެނީ…..ފަހުންދޯ……އަދި ކައިވެނި ނުކުރެވިގެން ލަހެއް ނުވެއޭނުން…ކައިވެނި ނުކުރިއަސް މިހާރުވެސް މަގޭ އަތްބަކީ ފަރީ………” ފާއިޝް ބުނެލިއެވެ. އެވަގުތަކީ އިމްލީގެ މެސެޖެއް ފާއިޝްގެ ފޯނަށް އައި ވަގުތެވެ.
”އިމްލީ ދޯ…..” ފަރީޝާ ފޫހި ރާގަކަށް ބުނެލިއެވެ. ފާއިޝް ވަކި އެއްޗެއް ނުބުނެ މެސެޖު ކިޔާލިއެވެ. ” އަހަރެން ބޭނުމެއް ނޫން އަހަރެން ނޫން އެހެން މީހަކާއެކު ފާއިޝް ގުޅުންބާއްވާކަށް…….ހަމަ ތެދެއް……އެ އިމްލީ ވިއްޔާ އޭނަ މަވިއްޔާ މަ……ކޮންމެސް އެކަކު ޗޫސްކުރޭ……” ފަރީޝާ ޝަކުވާ ކުރާ ރާގަކަށް ބުނެލިއެވެ. ” ސާބަހޭ…..އިމްލީ އާ އެއްވެސް ގުޅުމެއް ނޯންނާނެ މިހާރަކު…….އިމްލީ ކައިރީ އަހާބަލަ ގަބޫލް ނުކުރަންޏާ…….އަހަރެން ފަރީޝާ ނޫން އެހެން މީހެއް ބޭނުމެއް ނޫން………” ފާއިޝްގެ ދަލުގެ ތެރޭ ފަރީޝާ ކުރިއަށް ވުރެ ބޮޑަށް ހައްޔަރުކޮއްލިއެވެ. އަގެއްނެތް އެންމެ ދޮގަކުންވެސް މި އަންހެންވެރިން ހެއްލިގެން އަންނާނެކަން އެނގޭތީ ފާއިޝް އެކަމާ އުފާކުރެއެވެ. ފަރީޝާ އިމްލީގެ ގާތުން ތެދު ދޮގު އޮޅުން ފިލުވަން ނުކެރޭނެތީ ފާއިޝް ގަސްތުގައި އިމްލީ ކައިރީ އަހާށޭ ބުނީއެވެ.

(ނުނިމޭ)

11

4 Comments

 1. xaaahy

  April 2, 2014 at 1:55 pm

  tommorow 10th part
  enjoy reading 🙂

 2. GuDu. .

  April 2, 2014 at 3:23 pm

  mi part vx v.reethi. . enmefahun layal Shauf dheke lobi vanee ba. . 😮

 3. liuu

  April 2, 2014 at 5:23 pm

  vvvvvv salhi…..waiting 4 da nxt prt…..<3

 4. suha

  April 3, 2014 at 12:44 am

  Wow vara salhi

Comments are closed.