Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 16

Aishasha Level 310 Stories100 Login
August 9, 2018 7 Mins Read
18 Comments

އަވަސްއަރުވާލާފައި ދުވާރުމަތިން ހިނގާފައި ދިޔައިރު މީހަކާ މުޑި އެރި އިރުވެސް އަނާނީއަށް ރޭކާނުލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އެއަށްވުރެ ބޮޑު ނުތަނަވަސްކަމެކެވެ. މޫނުމަތީގައި ދާތިކިތައް ގިނަވެފައި ހުރި އިރު ހީވަނީ ކަމަކާ ހާސްވެ ބިރުން ހުރިހެނެވެ.

އަނާނީ ވަން ބޭސްފިހާރައިގައި އިން ބިދޭސީ މީހާއަށް ވެސް އޭނާގެ މޫނަށް ބަލާފައި ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. އަދި އަނާނީ ގަންނަން އައީ ކޯއްޗެއް ކަން އޭނާއަށް ރަނގަޅަށް ނުވެސް ބުނެވި އުޅެނިކޮށް، އެ ނަގައި ކައުންޓަރު މަތީގައި ބާއްވައިލިއެވެ. އަނާނީ އެ ހާސްކަންމަތީގައި ހުރެ، ދެ ކޮޅު ރަނގަޅަށް ބަލާލާފައި، އޭތި ދަބަހަށް ލިއެވެ. އަދި އަވަސް އަވަހަށް 25 ރުފިޔާ ދީފައި ނުކުތެވެ. އޭނާގެ މި ހުރިހާ ހަރަކާތެއް ފަރުވާތެރި ކަމާއެކު ބަލަހައްޓައިގެން، އެތާ ކުރިމަތީގައި ހުރި ސައިކަލު މަތީގައި އިން މީހާ އަނާނީގެ ލޮލުގައި އަޅައިނުގަތީ އޭނާ މާ އަވަސްއަރުވާލާފައި ދިޔުމުންނެވެ.

އަނާނީ ކޮޓަރިން ނުކުތް އިރު ސޯފާގައި އިން ލޫކަސް ހެވިފައި އަނާނީއަށް ބަލަން އިނެވެ. އަނާނީ ކަރުނަތައް ފުހެލާފައި އިސްޖަހައިގެން ހުރެ ބަދިގެއާ ދިމާއަށް ދިޔައެވެ. ފަހަތުން ލޫކަސް އައިސް ވަން އިރު އެ މޫނުމަތިން ފެނުނީ، ފުރަތަމަ ދުވަހު ލޫކަސް އެގެއަށް އައިސް ހަމަ އެގޮތަށް އަނާނީ ފަހަތުން ބަދިގެއަށް ވަން އިރު ފެނުނު ފަދަ ލާނެތް ކަމެކެވެ. ނަމަވެސް އަނާނީ ލޫކަސްގެ މޫނަކަށް ބަލައެއް ނުލައެވެ. ލޫކަސްއަކީ މިހާރު އޭނާ ވާހަކަ ދައްކައި އުޅޭ މީހަކަށް ނުވުމުން އެ ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއް އޮންނަނީކީ ނޫނެވެ. އަނާނީ ހީކުރީ ލޫކަސް ބަދިގެއަށް ވަނީ ކޮންމެވެސް ކާ އެއްޗެއް ހޯދަން ވެގެން ކަމަށެވެ.

“ޕޮޒިޓިވް ތަ؟” ލޫކަސްގެ އަޑުން އަނާނީ ސިހުނެވެ. އަދި އެ ސުވާލު އިވިފައި ހިތުގެ ހިނގުން ވެސް ކުއްލިއަކަށް ހުއްޓުނުހެން ހީވިއެވެ.

“ވަޓް…” އަނާނީއަށް ކިޔައިލެވުނެވެ.

“ޕްރެގްނެންސީ ޓެސްޓް. ޕޮޒިޓިވް ހޭ؟” އެވަގުތު ލޫކަސް އަނާނީގެ ލޯ ކުރިމަތީގައި ވިހުރައިލީ ޕްރެގްނެންސީ ޓެސްޓު ކިޓުގެ ކަރުދާސްގަނޑެކެވެ. އަނާނީ ދެލޯ ބޮޑު ކޮށްލާފައި އޭތި ޖަހައިގަތެވެ. އެއާއެކު ލޫކަސް ހޭންފެށިއެވެ.

“ވަޓް.. ދެޓްސް ނޮޓް މައިން.. ލިއުދައްތަގެ..” އަނާނީ އަޅައަޅައިގެންފައި ކިޔަންފެށިއެވެ.

ލޫކަސްގެ ހިނިގަނޑު ބާރުވިއެވެ. “އެހެންވެގެންތަ އަނާނީ ތީތި މަގޭ އަތުން ތިގޮތަށް ތި ޖަހައިގަތީ؟ އިނގޭތަ އަސްލު، ތިއީ މަ ހީކުރިހާ ސްމާޓް ކުއްޖަކަށް ނުވި. ޔޫ އާ އަ ޑަމް ގާރލް. އައި އޭމް ޑިސެޕޮއިންޓެޑް.. ހަމަ ހުވާ. ތީތި ހަމަ މިތާ ހުރި ޑަސްބިނަށް ނޫނީ ލާން ނޭންގުންތަ؟”

އަނާނީ ހުރީ ބުނާނެ އިތުރު އެއްޗެއް ނޭނގި، އިސްޖަހާލައިގެން ރޮވޭ ގޮތް ވެފައެވެ. އޭނާ މިގޮތަށް ބޭޒާރު ވެދާނެ ކަމަކަށް ހީކުރެވިފައެއް ނެތެވެ. ގައިމު އެ ކަރުދާސްގަނޑު ވެސް އެއްލައިލީ އެތެރެ ނުފެންނަ ކަހަލަ ކޮތަޅަކަށް ލާ ބަންދުވެސް ކޮށްފައެވެ. ލޫކަސްއަށް އޭތި ފެންނަންވީ ކިހިނެއް ހެއްޔެވެ.

ލޫކަސް އަނާނީގެ ދަތްދޮޅީގައި ހިފާފައި އިސްއުފުލުވާލައިއެވެ. “މެރީ މީ؟” ވަރަށް ފުން ނަޒަރަކުން އަނާނީގެ ދެލޮލަށް ބަލަން ހުރެފައި ލޫކަސް ބުނެލި އެއްޗަކުން އަނާނީއަށް ދެބުމަ ކައިރި ކޮށްލެވުނެވެ. އަދި ލޫކަސްގެ އަތް ފޮޅާލިއެވެ. އެއާއެކު ލޫކަސް އަނެއްކާވެސް ހޭންފެށިއެވެ. “އަނާނީއަށް އިނގޭތަ؟ އޭނައެއް ނީންނާނެ އަނާނީ އަކާ. ތިކަހަލަ ކަމެއް ބޮލުގަ އަޅާކަށް އެއްވެސް ފިރިހެނެއް ބޭނުމެއް ނުވާނެ. އަނާނީއަށް ފިރިހެނުން ދަސް ނުވަނީ ދޯ. ވެލް އައި އޭމް ވަން. ސޯ މާކް މައި ވޯރޑްސް. އޭނަ ދެން އަނާނީ ދަންނަ ކަމަކަށް ވެސް ނުހަދާނެ. މިހާރުވެސް ތި ހަބަރު ދީބަ އޭނައަށް. ދީފަ ދެން ގުޅާ އިރު ނަންބަރ ބްލޮކް ކޮށްލާފަ އިންނާނީ ” “ޕުއާ ގާރލް. ދެން އިންނާނެ މީހެއް ވެސް ނުވާނެ ކަންނޭނގެ.” ލޫކަސް ދެފަރާތަކަށް ބޯ ހޫރުވަމުން އެތަނުން ނުކުމެގެން ދިޔައެވެ. އަނާނީ ހުރީ ޖެހި ބުދެއްހެން ހިރިވެސް ނުލައި، ފެންކަޅި ވެފައެވެ. އަނެއްކާ ލޫކަސް އެބުނީ ތެދު ވާހަކައެއް ހެއްޔެވެ. ޔާނިއު އަނާނީއަށް އެހެން ހަދާފާނެ ހެއްޔެވެ. ނޫނެކެވެ. ޔާނިއުއަކީ އެކަހަލަ މަކަރުވެރި ފިރިހެނެއް ނޫނެވެ.

ބަދިގޭގެ ކަންކަން ހަމައަކަށް އަޅުވާފައި އައިސް އަނާނީ އޭނާގެ ކޮޓަރި ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަނެ ރޯން ފެށިއެވެ. އަވަސްއަވަހަށް ފޯނު ނަގާފައި ޔާނިއުގެ ނަންބަރު ހޯދައިލި އިރު އިނގިލިތައް ތުރުތުރު އަޅައެވެ.

“ތިޔަ ގުޅުއްވި ނަންބަރު މިވަގުތު އޮތީ ނިވާލާފަ. ފަހުން ގުޅުއްވުން އެދެން.” އެންމެ ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ އެ އަޑެވެ. ގޮތް ހުސްވެފައި ހުރި އަނާނީ އިތުރަށް ގޮތް ހުސްވި ކަހަލައެވެ. ދެވަނަ ފަހަރަށް ވެސް ޔަޤީން ކޮށްލަން ގުޅި އިރު އަޑު އިވުނީ އެކައްޗެކެވެ. އަނާނީގެ އަތުން ވާގި ދޫވިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ދެން އެހާލުގައި އޭނާއަށް މަދަދުވެރި ވާން ހުރީ ކާކު ހެއްޔެވެ. ލިއުޝާމެން ކައިރީގައި ބުނުމަށްވުރެ އަމިއްލައަށް މަރުވިޔަސް މާ ރަނގަޅުވާނެއެވެ. ނޫން ނަމަ އެމީހުން އޭނާއަށް ހާދަ ނަފްރަތެއް ކުރާނެއެވެ. ވަގުތުން ވަގުތަށް ގެއިން ނެރެލައި، ނުދަންނަ މީހަކަށް ހަދައިލާނެއެވެ. އަނާނީގެ މަންމަ ހަވާލު ކުރި އަމާނާތެކޭ ކިޔާފައި ނުލާހިކު އޯގާތެރި ކަމާއެކު ފައިސަލް ވާހަކަ ދެއްކީ އިހަކަށް ދުވަހެވެ. ދެން މިއަދު އެމީހުންނަށް އަނާނީގެ މިކަހަލަ ލަދުވެތި، ހަޑި ހަބަރެއް އިވިއްޖިއްޔާ ކިހާ ހިތްހަމަނުޖެހޭނެ ހެއްޔެވެ.

ބަނޑުގައި އޮތީ ޔާނިއުގެ ދަރިއެކެވެ. އެކަން ޔާނިއު އަކަށް ވެސް ދޮގެއް ނުކުރެވޭނެއެވެ. އެހެނަސް ޔާނިއުއަށް އެ ހަބަރު ނުދެނީސް އޭނާ ކުއްލިއަކަށް “ގެއްލެންވީ” ކިހިނެއް ހެއްޔެވެ. ނޫނެކެވެ. ޔާނިއު އެއް ނުގެއްލޭނެއެވެ. ޔާނިއުގެ ފޯނު ހަލާކު ވީ ކަމަށް ވެސް ވުން އެކަށީގެންވެއެއް ނޫން ހެއްޔެވެ. ފޯނުން ގުޅޭގޮތް ނުވިޔަސް، އަނާނީ ޔާނިއު ހޯދަން އެގެއަށް ދާނެއެވެ. ޔާނިއު އޭނާއަށް އެހީވާނެއެވެ. މިކަހަލަ ވިސްނުން ތަކަކުން އަނާނީ އޭނާގެ ޟަމީރު ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.

ޖެހިގެން އައި ދުވަހު ވެސް އަނާނީ ޔާނިއުއަށް ގުޅޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ފޯނު އޮންނަނީ ހަމަ ނިވާލާފައެވެ. ކޮލެޖުގެ ކިޔެވުން ފެއްޓޭތީ އަނާނީ ހުންނާނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އަބަދުވެސް ހުންނަނީ އެކަމާ ފިކުރުކުރާށެވެ. ނަސީބަކުން މިހާރު ފިހާރައަށް ދާކަށް ނުޖެހެއެވެ. އެތަނުން ކެނޑުނީ ކިޔެވުން ފެށެން އުޅޭތީ ވަގުތު ނުވާނެތީއެވެ. ނަމަވެސް ގޭތެރޭގައި އެހެން އުޅޭ އިރު ލިއުޝާމެން މީހަކު ގޮވާލިޔަސް ސިހޭގޮތް ވެއެވެ. ލޫކަސް އެ ވާހަކަ ލިއުޝާ މެންނަށް ކިޔައިދޭނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ. އޭނާއަށް ލައިގަނެފައި މިވާ ކަމަކުން ސަލާމާތް ވާނެ ގޮތެއް އޮތީކީ ނޫނެވެ. ކޮންމެ އަކަސް އަނާނީ ނިންމީ ޔާނިއުއާ ބައްދަލު ކުރަން ދާށެވެ. މި ވިސްނުމުގައި، ޓެކްސީ އަކަށް އަރައިގެން ޔާނިއު އުޅޭ ގެއާ ހަމައަށް ދިޔައެވެ.

ލިފްޓަށް ފިތައިގެން އިރުކޮޅަކު ހުއްޓައި، ލިފްޓު މަތިން އައިސް ހުޅުވުނެވެ. އެއާއެކު އަނާނީ އެއަށް އަރަން ހިތާ ކުރިއަށް އެޅި ފިޔަވަޅު މަޑު ޖެހުނީ، ކުރިމަތިން ފެންނަން ހުރި މީހެއްގެ ސަބަބުންނެވެ. ޒުހާގެ މޫނަށް ވީ އެއަށްވުރެ ނުބައި ގޮތެވެ. އަނާނީ މިގެއަށް މި އައީ ކާކު ހޯދަން ހެއްޔެވެ. ހަމަ އެ ސިކުންތުގައި، ޔާނިއު މީގެ ކުރިން ޒުހާ ގާތު ބުނި ޖުމްލައެއް ސިކުނޑީގައި ތަކުރާރު ވެގެން ދިޔައެވެ. އެހިނދު ޒުހާގެ ދެލޮލުން އަލިފާން ބުރައިގެން ދިޔަ ކަހަލައެވެ.

“ކަލޭ! ކާކު ހޯދަން މިގެއަށް؟ ކަލޭ ދަންނަ މީހެއް ނޫޅޭނެ މި ބިލްޑިންގ އަކު!” ޒުހާ އަނާނީއާ ދިމާއަށް އައީ ފުންމައިގެން އައި ކަހަލަ ގޮތަކަށެވެ. ކިރިޔާ އަނާނީގެ ގައިގައި ނުޖެހި ހުރި ކަމެވެ. ސިހުނު ވަރުން އަނާނީއަށް ފަހަތަށް ޖެހެވުނެވެ.

“ޔާނިއު ހޯދަން.” ފަސް ޖެހޭކަށް އަނާނީ ބޭނުމެއް ނުވިއެވެ. ނިކަން ސާބިތުކަމާއެކު ރައްދު ދިނީ އެހެންވެގެންނެވެ.

“ހަހް..” އަނާނީގެ ޖަވާބު އިވިފައި، އަދި އެ ރާގުގައިވި ބިރު ކުޑަ ކަމުން ޒުހާގެ ބަސް ހުއްޓުނެވެ. މި ނިކަމެތި އަންހެން ކުއްޖާ މިހާ ކެރުނީ ކޮން އިރަކު ހެއްޔެވެ؟ ފެންވަރު އޮޅުނަސް ބޮޑުވަރެވެ. “ޔާނިއުއަކާ ދިމައެއް ނުވާނެ ދެން މި ގެއަކުން. ހީ ޑަޒްންޓް ލިވް ހިއާ އެނީމޯ. އަދި އެއް ވާހަކަ، ކަލޭ ކޮންމެހެން ޔާނިއުގެ ފަސްފަހަތުން އުޅޭނެ ކަމެއް ނެތް. އެއީ ކަލެއަށް ދުވަހަކު ކޮޅުން ވެސް ވާނެ ކަމެއް ނޫން. އަހަރެން ކިތައް ފަހަރު މިހެން ބުނާނީ ކަލޭ ކައިރީ. ކަލޭގެ ފެންވަރެއް ނޫނޭ އެއީ. ރާއްޖެތެރޭ ގަމާރު ގަނޑު!” ޒުހާ އަނާނީގެ ލޮލާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮއްލައިގެން ހުރި އިރު، އޭނާގެ ލޯ ވެސް ކޮނެލަފާނެ ކަހަލައެވެ. އަދި ހަމަ އެ ހަރުކަށިކަންމަތީ ހުރެ އެތަނުން ނުކުމެގެން ދިޔައެވެ. ޒުހާގެ ފިޔަވަޅު ތަކުން ބިންގަނޑަށްވެސް ލޮޅުން އަރައިގެން ދިޔަ ކަހަލައެވެ. އެހާވެސް ބާރެވެ.

ޒުހާ އެހެން ބުނީ ރުޅި އައިސްގެން ކަމަށް ނިންމައިގެން، އަނާނީ ޔާނިއު އުޅޭ ފްލޯއަށް އެރީ، އަދިވެސް ޔާނިއުއާ ދިމާވާނެ ކަމުގެ އުއްމީދު އޮތުމުންނެވެ. ޔާނިއު އޭނާ އުޅޭ ގެ ދޫކޮށްފައި ދާންވީ ސަބަބެއް ނެތެވެ. ބޭރު ޤައުމަކަށް ފުރައިގެން ދިޔަސް، އަނާނީ ކައިރީގައި ނުބުނެ ނުދާނެއެވެ. އެހާވެސް އެދެމީހުންގެ ގުޅުން ރަނގަޅެވެ.

އަނާނީ ދެތިން ފަހަރަކު ބެލް ޖަހައިލުމުން ދޮރު ހުޅުވީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ ބިދޭސީ އަންހެނެކެވެ. ޔާނިއުގެ ވާހަކަ އެހުމުން ބުނީ “ނެތީ” ކަމުގައެވެ. އިތުރު މަޢުލޫމާތެއް ދޭކަށް އެމީހާ ނޫޅުނެވެ. އަނާނީ އަހާއަހާ ވެސް އެ ނޫން އެއްޗެއް އެމީހާ ނުކިޔައެވެ. ގޭގައި އިތުރު މީހެއް އެބަ އުޅޭތޯ އެހުމުން ވެސް ދިނީ އެއް ޖަވާބެވެ. އަނާނީ ނިންމީ އެމީހާއަށް ރަނގަޅަށް ދިވެހި ނޭނގެނީ ކަމުގައެވެ. އެންމެފަހުން އަނގަ ވާޅު ވެގެން އަނާނީ އުއްމީދު ކަނޑާލާފައި، ކަރު އެލުވާލައިގެން އެތަނުން ދިޔައީއެވެ.

ގެއަށް އައިސް ވަދެވުން އިރު އަނާނީ ހުރީ ފެންކަޅި ވެފައެވެ. އަނާނީ އެކަނި މިކަން ކުރާނީ ކިހިނެއް ހެއްޔެވެ. ކޮންމެވެސް ދުވަހަކުން ލިއުޝާމެންނަށް ވެސް އެނގޭނެއެވެ. އަނާނީގެ ހަށިގަނޑަށް ބަދަލު އަންނަން ފެށުމުން މުޅި ދުނިޔެއަށް ބޭޒާރު ވާނެއެވެ. ޔާނިއު ވެސް ލަނޑު ދިނީއެވެ. އަނާނީ ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް، ލޯ މައްޗަށް ފެންނަން އޮތީ އެގޮތަށެވެ. ނޫންނަމަ ކުއްލިއަކަށް ހަބަރު ނުވެ، ފިލައިގެން ޔާނިއު އުޅެންވީ ކީއްވެހެއްޔެވެ.

އަނާނީ އަކީ ލޫޅާފަތިކޮށް ހުންނަ ކުއްޖަކަށް ވުމުން، ދެމަސް ދުވަސް ވީއިރު އަދި ބަނޑުން އެއްވެސް ވަރަކަށް ބަނޑުބޮޑުކަން ފާހަގައެއް ނުވެއެވެ. ނަމަވެސް އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ކޮންމެ ކޮންމެ އެއްޗެއް ނުކެވެއެވެ. އަދި އަވަސް އަވަހަށް ވަރުބަލިވެ، ގޭތެރޭގެ މަސައްކަތް ކުރުމަށް އުނދަގޫވާން ފެށިއެވެ. މޫނުމަތިން ވެސް އަބަދު ފެންނަނީ ވަރުބަލި ކަމެވެ. މިކަމާ ހެދި ލިއުޝާ ކޮންމެ ދުވަހަކު އަނާނީ ކައިރީ ޑޮކްޓަރަށް ދެއްކުމަށް ބުނެއެވެ. ނަމަވެސް އަނާނީ ދެކޮޅުހަދައެވެ. ބަލި ނޫންކަމަށް ބުނެ ފަރުޖައްސާލައެވެ. މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި، އެއްގޮތަކަށް ވެސް ޔާނިއުގެ ހަބަރެއް ނުވެއެވެ. އަނާނީ ކެނޑިނޭޅި ކޮންމެ ދުވަހަކު ޔާނިއުއަށް ގުޅަނީ ކުޑަ ނަމަވެސް އުއްމީދެއް އޮންނާތީއެވެ. މިކަންތައް އަނާނީއަށް އިތުރަށް ސިއްރު ނުކުރެވޭ ހިސާބަށް ނުދަނީސް ޔާނިއުގެ އެހީއެއް ލިބިދާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ. މިގޮތަށް ޤަބޫލު ކޮށްލައިގެން ހުންނަތާ ދެމަސް ވީ އިރު އަދިވެސް އެއްވެސް ކަހަލަ އަލިމަގެއް ނުފެނެއެވެ.

ކިތައްމެ ބުރަހެލިވެފައި ހުއްޓަސް، އަނާނީ ބަރާބަރަށް ކޮލެޖަށް ދެވޭތޯ ބަލައެވެ. ނަމަވެސް ކިތަންމެ ބަލައިގެން އުޅުނަސް، ކުރިން ނުވާހާ ގިނައިން އެބްޒެންޓު ވެވެއެވެ. އަނެއްކޮޅުން، ކިޔެވުމަށް ވެސް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެވެއެވެ. އަބަދުމެ ވިސްނެނީ ހަށިގަނޑުގައި އޮތް ދެވަނަ ފުރާނައާ މެދުގައެވެ. އެ ތުއްތު ތުއްތު ފުރާނަ މި ދުނިޔެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ. އަނާނީ އަކީ މާބަނޑު ވުމާ ބެހޭ މާ ގިނަ މަޢުލޫމާތު އެނގޭ ވެސް މީހެއްނޫނެވެ. އެނގޭހާ ވެސް އެއްޗަކީ ވިހެއުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމެވެ. އެއީ އަނާނީ ދުވަހަކުވެސް ނުކުރުމަށް ނިންމައިފައި އޮތް ކަމެކެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ ތަފާތެވެ. މައްސަލައަކީ ބަނޑަށް ވީ ކިތައް މަސް ކަން ކަނޑައެޅިގެން ބުނަން ނޭނގުމެވެ. ނޫންނަމަ އެހެން ގޮތަކަށް ވެސް މިކަންތައް ނިންމައިލެވުނީހެވެ.

އެންމެފަހުން ފައިސަލްމެން ފުރާ ދުވަސް އައިސް ޖެހުނެވެ. އަނާނީ އިންތިޒާރު ކުރަމުން އައީ މި ދުވަހަށެވެ. އެމީހުން ނެތުމުން އަނާނީއަށް ހަމަޖެހިލައިގެން ގޭތެރޭގައި އުޅެވޭނެ ނޫން ހެއްޔެވެ. އަނާނީ އެމީހުން ފުރުވަން ދިޔައީވެސް އެކަމާ ވިސްނަމުންނެވެ. އެއަށްފަހު ދެން އަޅަންވީ ފިޔަވަޅެއް ވެސް ހަމަޖެހިލައިގެން ވިސްނޭނެ ނޫން ހެއްޔެވެ. ދެން އޮތީ ހަމައެކަނި އެންމެ މައްސަލައެކެވެ. ކޮލެޖަށް ދާން ޖެހޭތީއެވެ.

ފައިސަލްމެން ޗެކްއިން ވާން ދަމުން ފަހުގެ ވަދާޢީ ސަލާމް ކުރަމުން ވެސް އަނާނީއަށާ ލޫކަސްއަށް ވަރަށް ނަސޭހަތް ދިނެވެ. ދެކުދިން ގުޅިގެން އެކުވެރިކަން މަތީ ތިބުމަށާއި، އެކަކު އަނެކަކަށް އެހީވުމަށް ބުންޏެވެ. އަދި އަނާނީއަށް ރަނގަޅަށް ބެލުމަށް ލޫކަސްއަށް އެތައް ފަހަރަކު ހަނދާން ކޮށްދިނެވެ. އަނެއްކޮޅުން، ނާނި ދައްތައާ ވަކިވާން ޖެހޭތީ އަޒްކާ ވަރަށް ރުޔެވެ. މިކަމާ އަނާނީ ވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ. ލިއުޝާ ބައެއް ފަހަރު ކަންތައް ކުރާ ގޮތުން ރުޅި އާދެވުނަސް، އަޒްކާދެކެ އަނާނީ ވަރަށް ލޯބިވެއެވެ. އެހާ ގިނަ ދުވަހު ކައިރީގައި އުޅުމުން އުފެދިފައި ވަނީ ބާރުގަދަ ކުލުނެކެވެ. ހަ މަސް ފަހުން އަދި ދިމާވާނެ ކަމަށް ބުނެ، އަނާނީ އަޒްކާއަށް ވިސްނައިދިނެވެ. އަދި ކޮންމެ ދުވަހަކު ވީޑިއޯ ކޯލު ކުރާނީ ކަމުގައި ބުނުމުން އަޒްކާ ކުޑަކޮށް ހަމަޖެހުނެވެ.

ލިއުޝާމެން ފުރުވަން ލޫކަސްއާ އެކު އައިސް ހުރި ސާރާ ހުރީ ފޫހިވެ، ތުން ފިއްތާލައިގެނެވެ. އޭނާއަށް މުޚާތަބު ކޮށް އެންމެ ބަހެއްވެސް އެމީހުން ބުނީކީ ނޫނެވެ. ދަމުން ހިނިތުންވެލިކަން އެކަންޏެވެ. އަދި ނުވިތާކަށް އަނާނީއަށް ބަލާށޭ ލޫކަސް ކައިރީ ބުނެފިއެއް ނޫން ހެއްޔެވެ. އަނާނީ އަކީ ގައިމު ކުޑަ ކުއްޖެއް ނޫން ވިއްޔާއެވެ. އަމިއްލައަށް ބަލައިގެން އުޅުނީމަ ވީ ނޫން ހެއްޔެވެ. ހަޤީޤަތުގައި ލޫކަސްއާ އަލުން ގުޅުނަސް، ސާރާއަށް އަދިވެސް ރަނގަޅަށް ލޫކަސްއަށް އިތުބާރެއް ނުކުރެވެއެވެ. އަނެއްކޮޅުން ލިއުޝާމެން ފުރުމުން އަނާނީއާ ދެމީހުން ހިތު ހުރި ގޮތަކަށް އުޅެވޭނެއެވެ. މިކަމާ ވިސްނޭ ވަރުން ސާރާ ހުންނަނީ ނުތަނަވަސްވެފައެވެ. މޮޅު އެއްޗެކޭ ކިޔައިގެން ސާރާވެސް ލޫކަސްމެން ގެއަށް ބަދަލު ވާންވީއޭ ހިތަށް އެރިއެވެ. އަދި ހުޅުލެއިން މާލެ ދާން ފެރީއަށް އެރި އިރު އެވާހަކަ ލޫކަސް ގާތު ބުނަން ނިންމިއެވެ.

“ލޫކް.. އަޒްކޮ ނެތީމަ ލޫކް ވަރަށް ފޫހި ވާނެ ދޯ ދެން ގޭތެރޭގަ.” ފެރީގައި ތިން މީހުން އެކީ ހަމަޖެހިލުމާއެކު ސާރާ އޭނާގެ ވާހަކަ ދުރުދުރުން ފެށިއެވެ. އަނާނީ އިނީ އެމީހުންނާ ތަންކޮޅެއް ދުރުގައި ވިޔަސް، އެއް ގޮނޑި ބަރިއެއްގައެވެ.

“އާން ދެން ވާނެތާ ދޯ. އެއޮއް މަޖާކޮށް އުޅުން ކުއްޖާ ވިއްޔާ.” ލޫކަސް ދެކަންފަތަށް ހެޑްސެޓު ޖަހާލުމުގެ ކުރިން ބުނެލިއެވެ. ސާރާ އިނީ ވައްކަޅިން އަނާނީއަށް ބަލާށެވެ. އަނާނީ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ.

“ދެން ތިގޭގަ މިހާރު ހުހަށް އެހެރަ ދެ ކޮޓަރި ކުއްޔަށް ދޭން ވީނު. ގައިމު އޭރުން ވެސް ލާރި ލިބޭނެތާ.” ސާރާ އަކީ ތަނަވަސް އާއިލާއަކަށް އުފަންވެފައި ހުރި ކުއްޖެއް ނަމަވެސް، އޭނާ އަބަދުވެސް ބަލަނީ އިތުރަށް ފައިސާ ލިބޭނެ ގޮތެކެވެ. “ނޫނީ ގެ ވަރަށް ފަޅުވެސް ވާނެ އެއްނު. އަނާނީ ކޮލެޖަށް ދާނެ، ދެން ނޭނގެ ޖޮބަކަށް ދާން ނުފަށާނެ ކަމެއް، ދެން ލޫކް ވެސް ތިއީ ޖޮބަށް ދާ މީހެއް. އެހާ ބޮޑު އެޕާޓުމަންޓެއް އެހެން ބަހައްޓާކަށް ނުވާނެ އެއްނު.” ސާރާ ކިޔަމުން ދިޔައެވެ. ” އޯ ބެޓާ އައިޑިއާ! ކެން އައި މޫވް އިން ވިތު ޔޫ؟” ކުއްލިއަކަށް ބޮލަށް އައި ޚިޔާލެއް ކަމަށް ހަދާފައި ސާރާ ބުނެލިއެވެ. “އައިމް ޝުއާ މައި ޕޭރެންޓްސް ވޯންޓް މައިންޑް…”

ސާރާ އެހާ އިރު ވާހަކަ ދެއްކި އިރުވެސް ލޫކަސްގެ ފަރާތުން ޖަވާބެއް ނުލިބިގެން ބަލާލި އިރު އިނީ ދެކަންފަތުގައި ހެޑްސެޓު ޖަހާލައިގެން، ކުޑަދޮރުން ބޭރަށް ބަލާށެވެ. ސާރާ އެކަނިމާއެކަނި އިނދެ މިއޮއް ހާ އިރު ވާހަކަ ދެއްކުނީތީ ރަކިވިއެވެ. އަދި އެއާއެކު އައި ރުޅީގައި ލޫކަސްގެ މުލައްދަނޑީގައި ހިފައި ބާރު ކޮށްލިއެވެ.

“ކީކޭ ބޭބީ؟” ލޫކަސް ހެޑްސެޓު ނަގާފައި އަހައިލިއެވެ. އޭރު ސާރާގެ މޫނަށް ރަތްކުލަ ވެރިވެފައި ހުރިތަން ފެނުނެވެ.

“އަޅެ މަ މިއޮއް ހާ އިރު ދެެއްކި ވާހަކަ އަޑު އަހާކަށް ނޫންތަ އިނީ؟” ދެބުމަ ކައިރި ކޮށްލަމުން ސާރާ ސުވާލު ކޮށްލިއެވެ.

“އޯހް އައިމް ސޯ ސޮރީ ލަވް! ލަވަ ޖަހައިގެން އިނީމަ ނޭނގުނީ!” ލޫކަސް ކުޑަކޮށް ސާރާގެ ގައިގައި ބައްދާލިއެވެ. “ވަޓް ވާރ ޔޫ ސެއިން؟” އޭރު ފެރީ އޮތީ މާލެއާ ވަރަށް ކައިރީގައެވެ.

“ނަތިންގ. ދެން ފަހުން.” ސާރާ އަނގަކޮޅަށް ގޮތެއް ހަދައިލިއެވެ.

“އަހަރެން ވެސް އެބޮތް ވަރަށް ބޮޑު ވާހަކައެއް ސާރާ ކައިރީ ބުނަން ވެފަ.” ފެރީ އައިސް މާލޭގެ ބަނދަރަށް ކައިރި ކޮށްލިއެވެ. މިއުޅެނީ އަނާނީއާ މެރީ ކުރަން. ދެން ފަހުން ބޭބީއާ ދެ އަންބަށް އިންނާނީ. ވެންއެވާ ޔޫ އާ ރެޑީ.” ލޫކަސް ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ.

އަނާނީ ފިކުރަކަށް ގެނބިފައި އިންދައި އޭނާގެ ނަން ބުނި އަޑު އިވިގެން ލޫކަސްއަށް ބަލައިލެވުނެވެ. އޭނާ އިނީ ވާނުވާ ނޭނގިފައެވެ. ލޫކަސްއާ ވާހަކަ ނުދައްކާ އިރު ކޮންމެހެން އޭނާގެ ނަން މީސްމީހުން ކައިރީ ކިޔާނެ ކަމެއް ނެތެއް ނޫން ހެއްޔެވެ. ދެން ފެނުނީ ފެންކަޅިވެފައި ހުރެގެން ސާރާ ބާރުމިނުގައި ފެރީއިން ފައިބައިގެން ދިޔަތަނެވެ. އޭނާއަށް އަޑު އިވުން އެއްޗަކުން ލިބުނު ކުއްލި ހައިރާންކަމާއެކު ހިތަށް ކެތް ނުވެގެންނެވެ. ނަމަވެސް އަނާނީ އަކަށް އަދިވެސް ވީގޮތެއް އޮޅުމެއް ނުފިލައެވެ. އެހެންކަމުން ސުވާލު މާކެއްގައި އިނދެ ލޫކަސްއަށް ބަލަން އިނދެވުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

އެވަރު ކަމެއް ހިނގާފާނެ

Next

ޝުކުރުގެ މެސެޖް

Next
August 10, 2018

ޝުކުރުގެ މެސެޖް

Previews
August 9, 2018

އެވަރު ކަމެއް ހިނގާފާނެ

18 Comments!

  1. just me says:
    August 9, 2018 at 10:03 am

    Vrh reethi?? umm I think yaan is in prison due to drugs or sumtng??

  2. kookie says:
    August 9, 2018 at 10:27 am

    Masha Allah. Varah varah reeethi. alhe yaan ah khneii tha e v..?? kn thaakah tha eyna e dhiya ee..?? poor anaany. 🙁 kn irakun tha next part genesdheny..?? avahah up kohlahchey. kiyaa hithun nuvx hurevey 😀

  3. Lim says:
    August 9, 2018 at 1:35 pm

    Anaany lukas aa marry kuran dhw e ulheny.. i want yaan ah liben.. ? story hama v nice ???

  4. Naushin says:
    August 9, 2018 at 2:23 pm

    V v v reethi…mivaahaka… konirakun next part

  5. Kal says:
    August 9, 2018 at 5:49 pm

    Mikahala reethi vaahaka eh mihaaru nulai mi site akaha.. V hadi haadhisaa hunnany. Ekahcheh kiyey hen hyvany.. Bt,mythi v unique.. 🙂

  6. Kal says:
    August 9, 2018 at 5:50 pm

    Kyve tha emoji mi innany ma dhurehga

  7. Dhon Mamma says:
    August 10, 2018 at 6:12 pm

    Dharifulhu koba miadhuge part ?

  8. haw shia shiba r says:
    August 10, 2018 at 7:14 pm

    Koba miadhu haadha lasvany…. 😉

  9. Ziff says:
    August 10, 2018 at 7:26 pm

    Koba miadhuge part? Cannt wait dear…mi story v v v reethi…

  10. Ziff says:
    August 10, 2018 at 9:19 pm

    Keyvve ba mi story ge writer Aishasha readers ge comment thakah replay nukuranee..at least eh faharu replay kurevidhaane dhw…mi story up kuraa ireh ves bunevidhaane dhw…dear pls readers ge comment thakah answer kohbala…mi story reethikamun aslu mihaavarah inthizaaru kurevenee…

  11. yoom says:
    August 11, 2018 at 1:15 pm

    hey..konmes kujjaku yoom ah bunedhyba mikahala rythi vaahakaeh…yoom ah kiyey vaahaka thah vrh hadi…ok ehn site akun viyas…

  12. yoom says:
    August 11, 2018 at 1:18 pm

    hey…konmes kujjaku yoom kairi bunedhyba mikahala rythi vaahakaeh…yoom ah kiyeny hadi vaahaka…ok ehn site akun viyas..

  13. Lim says:
    August 11, 2018 at 1:28 pm

    Ey miadhu upkuranantha? Mihaaru upkohfa intho belunu adhadhehvx neynge.. hehe avas kohlaba?

  14. yoom says:
    August 11, 2018 at 7:31 pm

    hey…konmes kujjaku yoom ah rythi vaahakaeh bunedhyba…yoom ah kiyeny hadi vaahaka..ok ehn site akun viyas..

  15. haw shia shiba r says:
    August 11, 2018 at 8:20 pm

    Alhe kobaa tha? 🙁 dhen huttalaifiyyaa vv dhera vane

  16. Beauty says:
    August 11, 2018 at 8:58 pm

    Mi faharah ves one year break eh kanneyge mi negy. Mivaahaka rycchas Massala aky up kurumuga faruvaa kuda vefa evves hama eh lama eh nethun ?????

  17. Crush of M says:
    August 11, 2018 at 9:45 pm

    Yeah right.. Ekm can’t ignore mi site ge ehen hurihaa vaahaka thakah vure vx mi story rythi thafaathu.. Who agrees with me

  18. Ma rulhi madu says:
    August 12, 2018 at 8:41 am

    Reechakas upnukurannakaa kiyuntherinnakah nukiyeyene dhw.. Atleast lasvaa sababeh vx nubunelaane.. Hurihaa comment akah reply nukuriyas evaru kohlleveyne hen hyvany..

Comments are closed.

Next Episodeފުން އިހުސާސެކޭ 17←


All Right Reserved!