ފުން އިހުސާސެކޭ 17
އަނާނީއަށް ފެރީ އިން ފޭބުނީ ލޫކަސްގެ ފަހަތުންނެވެ. އެކަމަކު އޭރު ސާރާގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. އެހާ އަވަހަށް ސާރާ އެ ދިޔައީ ކޮންތާކަށް ބާއޭ އަނާނީ ހިތަށް އެރިއެވެ. ފެރީ ތެރޭގައި ލޫކަސްއާ ދެމީހުން މައްސަލައެއް ޖެހުނީ ހެއްޔެވެ. މިހެން ހިތަށް އަރާފައިވެސް އަނާނީ މާ ބޮޑަކަށް އަޅައެއް ނުލިއެވެ. އޭނާއާ ބެހޭ ކަމެއް ނޫނޭ ހީކޮށް، އަވަހަށް ގެއަށް ދާން ޓެކްސީއެއް ހުއްޓުވިއެވެ. އޭރު ލޫކަސް އޭނާގެ ސައިކަލުގައި ނައްޓައިލީ އަނާނީއަށް ބަލަން ހުރެފައެވެ.
އަނާނީއަށް ގެއަށް އާދެވުން އިރު ލޫކަސް ހުރީ މާ ކުރިން އައިހެވެ. ސޯފާގައި ޖައްސާލައިގެން އިން އިރު، ލޫކަސް އިނީ ބޮޑު ފިކުރެއްގައި ހެން ހީވެއެވެ. އަނާނީ އާދައިގެ މަތިން އޭނާގެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ލޫކަސް އަނާނީގެ ނަމުން ގޮވައިލުމުން ހުއްޓެވުނީ ބޭއިޚްތިޔާރުގައެވެ.
“އަނާނީ އެއްބަސް ތަ؟” ލޫކަސް ކޮށްލީ ސުވާލެކެވެ.
“ކޮން ކަމަކާ؟” ވާނުވާ ނޭނގޭ ހާލު އަނާނީއަށް އަހައިލެވުނެވެ.
“މަށާ އިންނަން. މިހާރު ސާރާ ކައިރީ ވެސް ބުނެފިން. ދެން އޮތީ ދޮންބެއާ ދޮންބެ ދައްތަ ކައިރީ ބުނުން. އެމީހުން އެއްބަސް ވީމަ އެ ނިމުނީ.” ލޫކަސް އާދައިގެ ގޮތަކަށް ހިނިތުންވެލިއެވެ.
“ވަޓް؟ ކީކޭ ތި ކިޔަނީ؟” ލޫކަސް އަބަދު އަނާނީގެ ހާލަތަށް މަލާމަތްކޮށް އެއްޗެހި ބުނާތީ އަނާނީ ރުޅި އައެވެ.
“ކަމް އެންޑް ސިޓް ހިއާ. އޭރުން ވިސްނައިދޭނަން މި ކިޔަނީ ކީކޭ ކަން.” ލޫކަސް މިހެން ބުނުމުން އަނާނީ އަޅައިނުލައި ދާން ފެށުމުން ލޫކަސް އިތުރުކޮށްލިއެވެ. “އަނާނީގެ ބަނޑުގަ އޮތް ބޭބީއަށްޓަކައި. އޭރުން އަބަދު ތިހެން ހާސްކަމެއްގެ ތެރޭ ހުންނާކަށް ނުޖެހޭނެ. އައި ޖަސްޓް ފައުންޑް ޔޫ އަ ވޭ.”
ލޫކަސް ހަޤީޤަތުގައިވެސް އެ ދައްކާ ވާހަކައާމެދު ސީރިއަސް ހެއްޔެވެ. ނޫނީ ހަމަ އަނާނީއަށް ޖެއްސުން ކުރަނީބާއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ކަހަލަ ސަމާސާއެއް ކުރާ ވައްތަރެއް ނުޖަހައެވެ. އަނާނީ ހުރީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޫކަސް މޮޔަ ގޮވަން ފެށީ ހެއްޔެވެ.
“އަހަރެން ނެތް ލޫކަސްއާ ސަމާސާ ކުރާ ހިތެއް.” އަނާނީ ސާފުކޮށްދިނެވެ. އެއާއެކު ލޫކަސް ތެދު ވެގެން އައިސް އަނާނީގެ އަތުގައި ހިފެހެއްޓިއެވެ. އަނާނީ އިންކާރު ކުރުމެއް ނެތި ސޯފާގައި އިށީނީ، އިތުރަށް ހަޤީޤަތް އޮޅުންފިލުވާށެވެ.
” އަނާނީ ޕްރެގް ކަން އިނގޭނީ ހަމައެކަނި އަހަރެމެން ދެމީހުންނަށް، ދޯ؟” ލޫކަސްގެ މި ސުވާލަށް އަނާނީ ލަސްލަހުން ބޯ ޖަހައިލިއެވެ. އެއާއެކު ލޫކަސް ކުރިއަށް ގެންދިޔައެވެ. “އެކަމަކު އިތުރު މީހަކަށް އިނގިއްޖިއްޔާއޯ؟ އަނާނީ އަމިއްލައަށް ވިސްނާލަބަލަ. އަނާނީގެ ދޮންބެއަށް އިނގުނަސް ވަރަށް ކަޑަވާނެ އޭނަ. އައި ހޭވް ސީން ހައު މަޗް ހީ ލަވްސް ޔޫ. އަނާނީ ބޭނުންތަ ދޮންބެ ދެރަ ކޮށްލަން؟ ދަރިފުޅުގެ ބައްޕަ އަކީ ކާކުކަން އަނާނީއަށް ކިޔައިދެވޭނެތަ؟ އެމީހުންނަން ވިސްނައިދެވޭނެތަ؟” މިފަހަރު އަނާނީ މަޑުމަޑުން އިނދެފައި ދެފަރާތަކަށް ބޯހޫރުވައިލިއެވެ. ލޫކަސް ކިޔާ އެއްޗަކާމެދު އަނާނީއަށް ފުރަތަމަ ފަހަރަށް އެއްބަސް ވެވުނެވެ. ލޫކަސް އެ ދައްކަނީ ދޮގު ވާހަކައެއް ނޫނެވެ. އެހެނަސް. އޭނާގެ މަގްސަދަކީ ކޮބާހެއްޔެވެ.
“ދެން އަހަރެން ވަކި ކީއްތަ ކުރަންވީ؟” އަނާނީގެ ދެލޯ ފެންކަޅިވިއެވެ.
“ތީކީ މާ ގިނަ ދުވަހަކު ސިއްރު ކުރެވޭނެ ކަމެއް ނޫން. ހިނގާ މާ ލަސް ނުވަނީސް ކައިވެނި ކުރަން؟” ލޫކަސް އަނެއްކާވެސް ހުށަހެޅިއެވެ. އަނާނީ ސީދާ ލޫކަސްގެ ދެލޮލަށް ބަލައިލިއެވެ. އެ ދެ ލޮލުން މާ ގިނަ ޝުޢޫރު ތަކެއް ފެންނާކަށް ނެތެވެ. ސަމާސާގެ ކުލަވަރެއް އަމުދުން ނެތެވެ.
އަނާނީ ހިމޭނުން ހުރެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެފަހަރު ލޫކަސް އިތުރު އެއްޗެކޭ ނުބުނެއެވެ. އަނާނީ އެނދުމަތީ އޮށޯވެލައިގެން އޮވެ ވަރަށް ބޮޑަށް ވިސްނިއެވެ. ލޫކަސްގެ އަސްލު ބޭނުމަކީ ކޮބާބާއެވެ. އޭނާއަކީ އެދުމެއް ނެތި ވެދުމެއް ކުރާނެ މީހެއް ނޫންކަން އޭނާގެ އަމިއްލަ އަނގައިން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންކަމުން ކުއްލިއަކަށް ހުރެފައި އެކަހަލަ ބޮޑު ކަމެއް ކުރަން އޭނާ ނިންމާނީ އޭގެ ފަހަތުގައި އޭނާއަށް ކޮންމެވެސް ފައިދާއެއް އޮވެގެންނެވެ. އަނާނީ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާ ވަރު ވިއެވެ. ފޯނަށް މެސެޖެއް އައިސްގެން ބަލައިލި އިރު ލޫކަސްއެވެ. ވިސްނާފައި ދެ ދުވަސް ފަހުން ޖަވާބެއް ދިނުމަށް ބުނެފައި އޮތެވެ. އަނާނީ އެ މެސެޖަށް ބަލަން ވަރަށް ގިނަ އިރު އޮތެވެ.
އެދުވަހު އަނާނީ ކޮލެޖަކަށް ނުދެއެވެ. ކޮޓަރިން ބޭރަށް ވެސް ނުނުކުމެއެވެ. ނުކައި އޮތުމުން ކާ އެއްޗެހި ހިފައިގެން ލޫކަސް އައިސް ދޮރުގައި ތެޅުމުން ވެސް އަޅާނުލާ އޮތީއެވެ. އަނާނީ އޮތީ ވިސްނާށެވެ. ހިތާމަ ކުރާށެވެ. ލޫކަސް އެބުނީ ތެދެކެވެ. އަނާނީގެ މި ސިއްރު އެނގޭނެ ތިން ވަނަ މީހެއް ނެތެވެ. ނަމަވެސް، އަނާނީއަށް އެހީ ވެދޭނެ މީހެއް ލޫކަސް ނޫނީ ހަމަ ނެތީ ހެއްޔެވެ؟ ދެރަ ކަމަކީ ޔާނިއުގެ ހަބަރެއް ނުވެގެން އޭނާގެ އެކުވެރި އީވާއަށް ގުޅުމުން، އީވާގެ ފޯނު ވެސް ނިއްވާލާފައި އޮތް ކަމެވެ. ނޫން ނަމަ އީވާ އަނާނީއަށް އެހީތެރި ވެދޭނެއެވެ.
ލޫކަސްގެ ހުށަހެޅުންް އަނާނީއަށް ޤަބޫލުކުރަން ކިތަންމެހައި ވެސް އުނދަގުލެެވެ. އެކަމަށް އެއްބަސް ވާނީ ކިހިނަކުން ހެއްޔެވެ. އެއް ކަމަކީ ލޫކަސްގެ ފޮރުވިފައި އޮތް ބޭނުން ނޭނގޭތީއެވެ. އޭނާގެ ބޭނުމަކީ ފަހު ވަގުތު ހަޑި ގޮތަކަށް އަނާނީ ބަދުނާމު ކޮށްލުން ކަމުގައި ވެސް ވެދާނެ ނޫންހެއްޔެވެ. އަނާނީއަށް ލޫކަސް އަށް އިތުބާރެއް ނުކުރެވެއެވެ. އެފަދަ ބޮޑު ކަމަކަށް އެއްބަސް ވެވޭނީ ކުޑަކޮށް ނަމަވެސް އިތުބާރު ކުރެވޭ މީހެއް ނަމައެވެ.
އެހެން އޮވެފައި އަނާނީއަށް ޚިޔާލެއް އައެވެ. ފަހަރުގައި އަނާނީގެ ދޮންބެގެ އަންހެނުން އަނާނީއަށް މަގެއް ހޯދައިދީފާނެއެވެ. އަނާނީއަށް ހެޔޮ އެދޭ ދެތިން މީހުންގެ ތެރެއިން ފަހަރި އެއީ އެކެކެވެ. އެ ދެމަފިރިން ވެސް އަނާނީ ދެކެ ވަރަށް ލޯބިވާކަން އަނާނީއަށް އެނގެއެވެ. އަލީގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކުއްޖަކީ އަނާނީއަށް ވީމާ ކަމަށް ވެދާނެއެވެ. ނަމަވެސް ދޮންބެއަށް އަނާނީގެ ސިއްރު ކިޔައިދޭކަށް އަނާނީ އަށް އެއްގޮތަކަށް ވެސް ނުކެރޭނެއެވެ. އެއީ އެއަށްވުރެ މާ ލަދުވެތި ވާހަކައެކެވެ.
“މަލް ދައްތާ.. ކިހިނެއް؟” ފޯނުން ފަހަރިއަށް ގުޅައިގެން ވާހަކަ ދައްކަން ފެށި އިރު ވެސް އަނާނީގެ އަޑުގައި ވަނީ މޮޅިވެރި ކަމެވެ.
“އަނހާ ނާނި! މަލް ދައްތަ ހަމަ ރަނގަޅު. އެކަމަކު ނާނި މިހާރަކަށް އައިސް ހާދަ ބަލި ހެން ހީވެޔޭ އަޑުން. ކިހިނެއް ވީ؟” މަލީހާ އެކޮޅުން ސުވާލު ކޮށްލިއެވެ. އަނާނީ ހުރީ ދެ ހިޔާލެއްގައެވެ. އެ ވާހަކަ ހަމަ ފަހަރިއަށް ކިޔައިދޭންވީ ހެއްޔެވެ؟
“އެއީ.. ކުޑަކޮށް ބަލިވެ މިއުޅެނީ.. ހުމެއް ލައްވާލައިގެން.” ހަޤީޤަތް ކިޔައިދޭނެ ހިއްވަރެއް އަނާނީގެ ނެތެވެ.
“އަސްލުވެސް؟ ބަލައިގެން އުޅެއްޗޭ. ބޭސް ކާތި.” މަލީހާ އަނާނީއަށް ހަމްދަރުދީ ވިއެވެ. “މިހާރު ލިއުދައްތަ މެން ފުރަިއފި ތަ؟”
“އާނ މިއަދު އެ ފުރީ. ވަރަށް ފޫހި ވާތީ މިއުޅެނީ އަޒްކޮ ނެތީމަ..” އަނާނީއަށް އަދިވެސް އަސްލު މައުޟޫ އަށް ދާކަށް ނުކެރުނެވެ.
“ތިކޮޅުގަ ނޫޅޭތަ ނާނިގެ ރައްޓެއްސެއް؟ އާނ އަދި އެހެން ބުނީމައޭ މި ހަނދާން ވީ! އިނގޭތަ މިރަށު ހައްޖަ އެ އުޅެނީނު؟ ނާނިއާ އެއްކޮށް ކިޔެވި އެއްނު؟ ހަނދާން ވެއްޖެތަ؟” މަލީހާ އަހައިލިއެވެ. އެއާއެކު އަނާނީ “ހްމްމް” އޭ ބުނެލުމުން ކުރިއަށް ގެންދިޔައެވެ. ” އެ ހައްޖަ އެބައިން ނަހަލާލަށް ބަލިވެ! މުޅި ރަށުތެރޭ އެ ވާހަކަ އޮތީ! އަޅެ މަ ހާދަ ލަދެއް ގަނެޔޭ އަވައްޓެރި ކުއްޖެކޭ ބުނަން ވެސް! ހަރީރާއާ ދޮން މޫސަ އަކަށް ނުކެރޭ ގެއިން ބޭރަށް ނުކުމެލަން ވެސް މިހާރު. އެހެންނު ވާނީ! އެ ދެމީހުންނަށް ވިއްޔަ ހުރިހާ ހަޑި ނަމެއް ލިބެނީ. ބައެއް މީހުން އެބަ ކިޔާ ހައްޖަ ބުންޏޯ އެއީ އެއްކަލަ ޑްރަގު ބޭނުން ކުރާ ވައްޖެގެ ދަރި އެކޭ. ދެން ނޭނގެ މަށަކަށް! ވިހެއީމަ އަދި ހުންނާނެ ކަންތައް.”
މަލީހާ ފަށާލި ވާހަކަ އަކުން އަނާނީގެ ބޮލުގެ ރިހުން އިހުނަށް ވުރެ ގަދަވިއެވެ. އަދި އަވަސް އަވަހަށް ފޯނު ބާއްވަން ވެގެން މޮޅު ބަހަނާއެއް ދައްކައިލިއެވެ. އެއާއެކު މަލީހާ އިތުރު ކޮށްލިއެވެ. “އަދި އެއްވާހަކަ ނުބުނެވި އޭ މިއުޅެނީ. އަލީ އެބަ ކިޔާ ދެން އަންނަ ހަފްތާ ތެރޭ ތިކޮޅަށް ޖައްސާލަން. ނާނި ނުފެންނަތާ މާ ގިނަ ދުވަސް ވީމަ ހާލު ބަލާލަން.”
އެ ހަބަރު އަނާނީއަށް އިވުނީ ބިންހެލުމެއްގެ ސިފައިގައެވެ. ވަރަށް ސަލާމޭ ކިޔައިފައި ފޯނު ބޭއްވީ ހަދާނެ ގޮތް ހުސްވެއްޖެ ކަން އެނގުމުންނެވެ. އަނާނީ އިތުރު ވިސްނުމަކަށް ދާކަށް ބޭނުމެއް ނުވިއެވެ. ދެން ވަކި އޮތީ ވެސް ކޮން ކޮޅެއް ހެއްޔެވެ. ވަގުތުން އަނާނީ ތެދުވެގެން ގޮސް ލޫކަސްއާ ކުރިމަތިލިއެވެ.
” އަހަރެން މިހުރީ އިންނަން ތައްޔާރަށް. ކިހާ އަވަހަކަށް އެކަން ވާނީ؟” އަނާނީގެ ޖުމްލަތައް އިވިފައި ލޫކަސްއަށް ހުރީ ޤަބޫލު ނުކުރެވިފައެވެ.
“ހަމަ އަސްލުވެސް ތަ؟” ލޫކަސްއަށް އަހައިލެވުނެވެ. އަނާނީ ބޯ ޖަހައިލިއެވެ. އޭރުވެސް އޭނާގެ ރަތްވެފައިވާ ދެލޯ ފެނި، ވަރަށް ރޮއެފައި ހުރިކަން ލޫކަސްއަށް ފާހަގަ ކުރެވުނެވެ. “އަމް… ފުރަތަމަ ޖެހޭނީ ދޮންބެއާ ދޮންބެ ދައްތައަށް ގުޅަން. އެއަށްފަހު އަނާނީގެ ދޮންބެއަށް ގުޅައިގެން ވަލީގެ ކަންތައް ނިންމަން ޖެހޭނީ. މާދަމާ އެކަމާ އުޅޭނީ ދޯ.” ލޫކަސް ހިނިތުންވެލިއެވެ. އޭނާއަށް އަދިވެސް ހުރީ ޤަބޫލު ނުކުރެވިފައެވެ. “އެންޑް ވަން މޯ ތިންގް. އައި ހޯޕް ޔޫ ޑޯންޓް ޗޭންޖް ޔޯ މައިންޑް. މިއީ ވަރަށް ބޮޑު ނިންމުމެއް. އެހެންވެ އަސްލު ވިސްނާލަން ވަގުތު ދިނީވެސް. އެކަމަކު އަނާނީ ތި އެއްބަސް ވީތާ. މާދަމާ ހަމަޖެހިގެން ދޮންބެ މެންނަށް ގުޅާނަން. އޭރުން ޔޫ ކާންޓް ޓޭކް ޔޯ ވޯރޑްސް ބެކް އިނގޭ.”
(ނުނިމޭ)
6 Comments
Comments are closed.
Dhen anaany lukas aa innany dhw hama.. Luke ge magsadhaky koba ba.. Nice mi part vx.. Avahah upkohdheythi..
Haadha kurey
When are you updating?? Plxxx update
When is the next part dear??
Mi vaahaka kiyaalah libeny haadha dhuvahen koffaey eves adhi ehaa kurukon genesdhenee adi molhu kamakee kithamme varakan comment kuriyas rply eh naannaane mi vaahaka liyanee varah foni kujjeh kahneyge
??????????????????????????????????????????????????????????????????????????????????????????????????????????