އަހަރެން ގޮޑިއަށްވެއްޓުނެވެ. ފެންކަޅިވެފައިވާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތުމާއިއެކު ރޮއެގަނެވިއްޖެވެ. ގްރޭންޑްމާ ހާސްވިއެވެ. އަހަންނަކީ ކާކުހޭ އެހީ ދެނެވެ. އަހަރެން ފަސްޖެހުމެއްނެތި މިއީ މާމަގެ ލާރާކަމަށް ބުނީމެވެ. އަހަރެންގޮސް މާމަގެ އުނގުތެރެއަށް ވެއްޓި ރޮއެގަތީމެވެ. ބާރަށެވެ. އޭރު މާމަގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. މާމަ އަހަރެންގެ ގައިގައި އޮޅުލާފައި ބޮސްދެމުންދިޔައެވެ. އެލެކްސްގެ އެހީގައި މާމަ އަހަރެން ހޯދާތާ އެތައްދުވަހެއް ވެއްޖެކަމަށް މާމާ ބުންޏެވެ. މަންމަޔާއި ބައްޕަ ނިޔާވީ ރާއްޖެއިން އެމީހުން ލަންޑަނަށް އައި މަގުމަތީކަންވެސް މާމަ ބުންޏެވެ. މިއޮށް ހުރިހާދުވަހު އަހަރެން އެމީހުންނަށް ނަފްރަތުކޮށް އެއްޗެހި ކިޔުނުކަމާއިމެދު އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ ހިތުތެރޭގައި ރޯވެފައިވި އަލިފާންގަނޑު އެއްފަހަރުން ނިވުނެވެ. އަދި އެމަންމަޔާއި ބައްޕަދެކެވީ ލޯބި ދެގުނައަށް އިތުރުވިއެވެ. އެމީހުން ނެތުމުގެ ހަޤީގީ އިޙުސާސް ކުރެވުނީ އަދި ކިރިޔާއެވެ. އަހަރެން މާމަގައިގާ އޮޅުލަމުން ރޮމުން ގެންދިޔައީމެވެ. މާމައަށް އަހަރެން ފެނުމުގެ އުފާ ކެތްނުކުރެވޭ ކަހަލައެވެ. އެވަގުތު ގްރޭންޑްޕާވެސް އެތަނަށް އައެވެ. އަހަރެން ގްރޭންޑްޕާ ފެންނައިރަށް ދުވެފައިގޮސް ބައްދައިގަތީމެވެ. ގްރޭންޑްޕާ ހުރީ ނޭނގުމެއްގެ ތެރޭގައެވެ. އޭރުވެސް އަހަރެން ރޮނީއެވެ. މާމަ އަހަންނަކީ ކާކުކަން ބުނުމުން ގްރޭންޑްޕާ އުފަލުން މޮޔަވި ކަހަލައެވެ. ހަމަ މާމަޔަށް ވީވަރު ގްރޭންޑްޕާއަށްވެސް ވިއެވެ. އަހަރެން އަހަރެންގެ ޙަޔާތް އެދެމީހުންނަށް ކިޔައިދިނީމެވެ. ފެންކަޅިވެފައި އިނދެއެވެ. ރަށުގައި އަހަރެން ހޭދަކުރި ވޭނީ ދިރިއުޅުމުގެ ވާހަކަޔާއި، އެލެކްސްއާއި އަހަރެން ދިމާވިގޮތުގެ ވާހަކައެވެ. އެލެކްސްއަށް އަހަރެން ނޭނގޭކަންވެސް އަހަރެން ބުނީމެވެ. އަހަރެންގެ ދިރިއުޅުން އަޑުއަހާފައި ގްރޭންޑްޕާ އެމީހުންގެ ދިރިއުޅުން ދިޔަގޮތްވެސް އަހަންނަށް ކިޔައިދިނެވެ. ބައްޕަ ނިޔާވުމަށްފަހު ބިސްނަސްގެ ކަންތައް ކުރިޔަށް ގެންދިޔައީ ގްރޭންޑްޕާއެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ބަލަހައްޓަނީ އެލެކްސް ކަމަށް ބުންޏެވެ. އޭނާ އަހަރެންގެ އާއިލާއާއިމެދު ބަހައްޓާ އޯގާތެރިކަން ދެމީހުން ކިޔައިދިނެވެ.

އެލެކްސް އަހަރެންގެ އާޢިލާއަށް ވަރަށް ރަނގަޅެވެ. އޭނާ ބަލަނީ މާމަޔާއި ކާފައަކީ މަންމަޔަކާއި ބައްޕައެއްގެ ގޮތުގައެވެ. އަހަރެން އަހަރެންގެ ކަންތައް ސިއްރުކޮށްދިނުމަށް މާމަމެން ކައިރިން އެދުނީމެވެ. އަހަރެން އެދުވަހު ގެއަށްދިޔައީ މާމަމެންނާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. އެމީހުންގެ ލޯބީގެ ފިރުމުންތައް އިހުސާސު ކޮށްލާފައެވެ. އެމީހުން އަހަރެންދެކެ ވަރަށްލޯބިވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަކީ ހަމައެކަނި މިދުނިޔޭގައި އެމީހުންގެ ހުރިމީހާއެވެ.

އަހަރެން ދުވަސްތައް ގުނަމުން ދިޔައީ އަހަރެންފަދަ ނަސީބުވެރިޔަކު މިދުނިޔޭގެ އެއްވެސް ކަނަކު ނުވާނޭކަމުގައި ދެކިގެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަހަންނަށް އެންމެންގެ ލޯބިލިބެއެވެ. މަޔަކާއި ބަފައެއްގެ ލޯބި ގްރޭންޑްމާއާއި ގްރޭންޑްޕާގެ ފަރާތުން ލިބެއެވެ. އަދި އެލެކްސްގެ މަންމަޔާއި ބައްޕަވެސް އަހަރެންދެކެ އެހާވަރަށް ލޯބިވެއެވެ. އެމީހުންނަށް އަހަންނަކީ ކާކުކަން އެނގުނީ ގްރޭންޑްމާމެންނަށް އެނގުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އެމީހުންގާތުގައި އެސިއްރު ބުނެދިނުމަކީ މުހިންމުކަމެއް ކަމުގައި އަހަންނަށް މަޝްވަރާދިނީ ގްރޭންޑްމާއާއި ގްރޭންޑްޕާއާއި ދެމީހުންނެވެ. އެމީހުންނަށް އަހަންނަކީ ލާރާކަން އެނގުމުން އިހުނަށްވުރެ ބޮޑަށް ލޯބިވިއެވެ. އެމީހުން އެމީހުންގެ ދަރިފުޅުގެ ދިރިއުޅުމަށް ކުރަމުން ގެންދާ އުންމީދު ފުރިހަމަ ވެއްޖެކަމަށްވެސް ބުންޏެވެ. އެމީހުން ދެން ދިރިއުޅުމަށް ކުރާނެ އިތުރު އުންމީދެއް ނެތްކަމަށްވެސް ބުންޏެވެ. މިހުރިހާ ކަމެއްވީއިރުވެސް އެލެކްސްއަށް މީގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަމަވެސް ގޭމީހުން އަދަޔާއި ޚިލާފަށް އަހަރެންދެކެ ލޯބިވާކަން އޭނަޔަށް ފާހަގަވިއެވެ. އެހެނަސް އޭގައި ފޮރުވިފައިވާ ސިއްރު އޭނާއަށް ނޭގެއެވެ.

ދުވަހަކީ އެލެކްސްއާއި ޕޯލީގެ ވަރިއަށް ކޯޓަށް ދާންޖެހޭ ދުވަހެވެ. ފެމިލީގައިވަނީ ހަމަހިމޭންކަމެވެ. އެއީ ޕޯލީއަކީ ބޭބީގެ އަސްލު މަންމަޔަށްވެފައި އޭނާ ބޭބީ ގެންދަން އުޅެފާނެތީއެވެ. ނަމަވެސް ޕޯލީ ބޭނުންވަނީ މަޖާދިރިއުޅުމެކެވެ. އޭނާއަކީ މަންމައެކޭވެސް މީހަކު ނުބުނާނެއެވެ. އެދުވަހު ވަރިއަށްފަހު އޭނާ އެގެއިން ދިޔައެވެ. އެކަނިއެވެ. ނޭގިނަމަވެސް އަހަރެންގެ ދިރިއުޅުމުގެ އުފާތައް އަހަންނަށް އަމާނާތެއްހެން ޚިޔާނަތްނުވެ ރައްދުކޮށްދީފައެވެ. ލޯތްބަށްޓަކައި އަހަރެންގެ އަރުތެރޭގައި އުފެދިފައިވާ ކަރުހިއްކުމަށް ނިމުން އަންނާނެ ދުވަހަކަށް އަހަރެންކުރި އިންތިޒާރަށް އެދުވަހު ފޮނިރަހަލިބުނެވެ.

ކޯޓުން އައިގޮތަށް އެލެކްސް ކޮޓަރިންވެސް ނުނިކުމެވެ. އަހަރެން އޭނަގެ ފެނިލުމަކަށް ވަރަށް އިންތިޒާރުކުރީމެވެ. ނަމަވެސް އިންތިޒާރު ކޮޅުންލައިގެން ދާންއުޅޭހެން ހީވީމާ އަހަރެންގޮސް އެލެކްސްގެ ދޮރުގެ ތަޅުގައި ހިފާލީމެވެ. އެތެރެއިންހުރީ ތަޅުނުލައެވެ. އަހަރެން އެތެރެއަށް ވަނީމެވެ. އެލެކްސްއިނީ އެނދުގައި އިށީނދެގެން ފޮޓޯތަކަށް ބަލާށެވެ. ކޮޓަރީގައި ހުރީ ފަނޑު އަދިރިކަމެވެ. އަހަރެން ހިތަށްއެރިއެވެ. މިވަގުތު އެލެކްސްއާއި ވާހަކަދެއްކުން ރަނގަޅެއް ނުވާނެވެ. ކޮންމެއަކަސް އޭނާއިނީ ޑިވޯސްއަކަށްފަހު އެކަމާއި މާޔޫވެފައެވެ. އަހަރެން ކުރިޔަސް އެޅި ފިޔަވަލު ފަހަތަށްއެޅިމެވެ. ވަރަށް މަޑުމަޑުންނެވެ. އެކަމަކު އެލެކްސްއަށް އެނގިގެން މަޑުމަޑުން އަހަންނަށް ގޮވާލިއެވެ. އަހަންނަށް ދެންހަދާނެގޮތެއް ނޭނގުނެވެ. އެލެކްސް އެދުނީ ކޮޓަރީގައި ތަޅުލުމަށެވެ. އަހަރެން މަޑުކޮށްލުމަށްފަހުގައެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ.

އެލެކްސްއެދުނީ އަހަރެން އިށީނުމަށެވެ. އޭނާ ކައިރީގައެވެ. އަހަރެން އިށީނީމެވެ. އެލެކްސް ބަލަމުންދިޔައީ އަހަރުމެން ދެމީހުންގެ ކުޑައިރުގެ ފޮޓޯތަކަށެވެ. އެލެކްސް އަހަންނަށް ބެލީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ހީވީ އޭނަޔަށް ނޭނގޭ އެއްޗެއް އެނގިގެން އުޅެނީ ހެންނެވެ. ”ކީއްވެ އަހަރެންގާތު ނުބުނީ؟ އެނގެއެއްނު އަހަންނަށް ސިއްރުނުވާނެކަން.” އެލެކްސްގެ މިޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަހަރެން ހިތަށްއެރިއެވެ. ފަޅާއެރީއެވެ. މިއަދު މިއޮތީ ފަޅާއަރާފައެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެލެކްސްއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ”ކޮންކަމެއް؟” ވަރަށް ނޭނގޭކަމަށް ހަދާލާފައި އަހަރެން އަހާލީމެވެ. އެލެކްސް ތެދުވެ މޭޒުމަތީގައި އޮތް ދެޓިކެޓެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަހަރެން ބެލީމެވެ. އެއީ ރާއްޖެއަށް ދިޔުމަށް ނަގައިފައިވާ ދެޓިކެޓެވެ. އަހަރެން އެލެކްސްއާއި ދިމާލަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ”އަދިވެސް ނޭނގޭތަ؟ އެނގެއެއްނު އަހަރެން ކިތަންމެ ބިޒީކޮށް އުޅުނަސް އަހަރެން ލީޝާގެ ކަމެއް ދޫކޮށްނުލާނެކަން! ތިއީ މިހާރު އަހަރެންގެ…….” މިހާހިސާބުން އެލެކްސް ޖުމްލަ ކުރުކޮށްލިއެވެ. އަހަންނަށް އަދިވެސް ވާނުވާއެއް ނޭނގެއެވެ. އަހަންނަށް އިނދެވުނީ ހަމައެގޮތަށެވެ. ”ކީއްވެ ލީޝާގެ މާމަ ބަލިވެއުޅޭ ވާހަކަ ނުބުނީ؟ އަހަންނަށް އެނގުނީ މަންމަގެ ފަރާތުން މިއަދު. ލީޝާއަށް އަހަރެން ވަރަށް ޤަދަރުކުރަން. ލީޝާގެ އާއިލާމީހުން ލީޝާ ވިއްކާލީ ކޮންމެހެން އަހަރެން ގަންނަން ބޭނުންވެގެންނެއްނޫން. އަހަރެން ބެލީ އަހަރެންގެ ދަރިފުޅު ބަލަން ރަނގަޅު މީހަކުވޭތޯ. އަހަންނާއިއެކު މިތަނަށް އާދެވޭނެމީހަކު ވޭތޯ. ލީގެ ފެމިލީ ލީ ވިއްކާލުމުން އަހަރެންވެސް ދެރަވި. އެކަމަކު އާއިލާގެ މީހަކު ބަލިވުމުން އެމީހުން ކައިރިޔަށް ނުދާނަމެކޭ އަހަރެން ނުބުނަމެއްނު. އަހަރެން ލީ ގޮވައިގެން ދާނަން. އޯކޭތަ އަހަރެން ދިޔަޔަސް.” އެލެކްސް އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލަމުން އަހަންނަސް ބަލާލިއެވެ. އަހަންނަށް ވިސްނުނީ އަދިކިރިޔާއެވެ. އެއީ އެލެކްސްގެ މަންމަ ކުރި ޕްލޭނެކެވެ. އެލެކްސްއަށް އަހަންނަކީ ލާރާކަން އެންގުމަށެވެ. ކޮންމެހެން އަހަރެންގެ މާމަ ބަލިވެގެނެއް ނޫނެވެ. އެހެންނޫނަސް އަހަރެން ލަންޑަނަށް އައިފަހުން އެމީހުންގެ އެއްވެސް ޚަބަރެއް އަހަންނަކަށް ނުލިބެއެވެ. އެލެކްސްއަށް އެތަންކޮޅު ނުވިސްނުނެވެ. އަހަރެންގެ އާއިލާގެ މީހުން އަހަރެންދެކެ އެހާ ފޫހިވާއިރު އެމީހުން ކަމެއް ދިމާވުމުން އަހަންނަށް އަންގާނެހެއްޔެވެ؟

އަހަރެން ސިހުނީ އެލެކްސް އިނގިލިތަކުން ޓައްކެއް ޖަހާލުމުންނެވެ. އަހަރެން އެއާއިއެކު އާއެކޭ ބުނީމެވެ. އެލެކްސް އަނެއްކާ އަހަރެންގެ ގާތު އިށީނެވެ. އޭނާގެ މޫނުގައިވަނީ މާޔޫސްކަމެވެ. އޭނާ ބަލަމުން ގެންދިޔައީ ފޮޓޯތަކަށެވެ. އެލެކްސް އަހަރެން ކައިރިން މަޢާފަށް އެދުނެވެ. އޭނަގެ ފަރާތުން އަހަންނަށް ލިބެންޖެހޭ ލޯބި ނުދެވޭތީއެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. އެލެކްސްގެ އަޑުގައިވަނީ ރިހުމެވެ. ވޭނެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. އެތައްފަހަރަކު އެލެކްސްގެ އަތުތެރެއަށް ގޮސްދާނަމޭ ހިތަށްއެރިއެވެ. އެއްފަހަރާ ހުރިހާ އުފަލެއް ދީފާނަމޭ ހިތަށްއެރިއެވެ. އަހަރެން އަހަރެންގެ ކެތްތެރިކަމުގެ ފިޔަވަޅުގައި ހުރިގޮތަށް ސާބިތުވެލީ މާދަމާ ރާއްޖެއަށް ފުރާތީއެވެ. އިންތިޒާރުގެ ނިމުން އަންނާތީއެވެ. އެލެކްސް އަދިވެސް ދެވަރެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ އަހަންނެވެ. އޭނާގެ އުންމީދުތައްވަނީ ވަޅުޖެހިފައެވެ. ގޮތްހުސްވެފައެވެ. އެލެކްސް އަހަރެންގެ އަތުގައި ހިފައި އެހީއަކަށް އެދުނެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. އެލެކްސްއަށް ރޮވުނެވެ. އަހަރެން އޭނާ ހިންހަމަޖައްސަން ވަރަށް ހިތްވަރުދިނީމެވެ. ރަނގަޅު ރައްޓެއްސެއްގެ ގޮތުގައެވެ. އެލެކްސްގެ ލޮލުން ކަރުނަ ފެނުމުން އަހަންނަށް ވަރަށް އަސަރުކުރިއެވެ. އެލެކްސް އަހަރެން ގައިގައި ބައްދާލިއެވެ. އޭނާ ޝަކުވާކުރަނީ ދުނިޔެއާއިއެވެ. އަހަންނަށް ދެލޯ މަރާލެވުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އެލެކްސްގެ ހިތުގެވިންދު އަހަންނަށް އަޑުއިވޭކަހަލައެވެ. އެލެކްސް ބުނަމުން ގެންދިޔައީ އޭނާ ބޭނުންވަނީ އޭނާގެ ލާރާކަމެވެ. އެއީ އަބަދުވެސް އަހަންނަށް އިވޭ ބަހެކެވެ. އަހަރެންގެ ހިތްވަރުގެ ބަސްތަކުން އެލެކްސް ކޮންމެފަހަރަކު ހަމަޖެހެއެވެ. މިފަހަރުވެސްވީ އެހެންނެވެ.

އަހަރެން އެރޭނިދީ އަނެއްދުވަހަށް އިންތިޒާރު ކުރަމުންނެވެ. ބޭބީ މަންމަމެންނާއި އަހަރެން ހަވާލުކުރީ ކުރާހިތަކުންނޫނެވެ. ބޭބީ ދޫކޮށް އަހަރެން ދާހިތެއް ނުވިއެވެ. އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީ އެންމެންގެ ހެޔޮދުޢާއާއިއެކުއެވެ. ގޭގެއެންމެނަށް އަހަންނަކީ ލާރާކަން އެނގޭތީއެވެ. އަހަރެން ރާއްޖެއަންނަން ފުރީ ވަރަށް ތައްޔާރުވެގެންނެވެ. އެލެކްސްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާއަށް ވަރަށްބޮޑު ހަދިޔާއެއް ހިފައިގެންނެވެ. އަހަރެން ހުރިހާދުވަހު ލިޔުނު ސިޓީތައް ހިފައިގެންނެވެ. ފޮޓޯތައްވެސް ހިފައިގެންނެވެ. ……………………… (ނުނިމޭ)

28

2 Comments

  1. IsHa IsHa

    August 31, 2019 at 9:24 am

    NALA ey

  2. Lamko

    October 3, 2019 at 2:32 pm

    Varah salhi sis…mi part vx

Comments are closed.