އުމުރަށްވެސް އެކީގައި ވާނަމޭ…..19
ދެން ފިޔަވަޅު އަޅަންވީ ކުރިއަށް ކަމެއް ނޫނީ ފަހަތަށް ކަމެއް ލުފްޝާން އަކަށް ނުވިސްނުނެވެ. މަޑުމަޑުން ފަހަތަށް ޖެހެވެން ފެށިއެވެ. ނުހާގެ އެމައުސޫމް މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން މިއަދު ލުފްޝާންގެ ހިތަށް ހެރެމުން ދިޔަ ތީރު ތަކެއް ފަދައެވެ. ލުފްޝާން އެނބުރި ހިނގައި ގަންނަށް އުޅެނިކޮށް ލުފްޝާން އަށް ފެނުނީ ބަދިގެއާއި ދިމާލަށް އަންނަމުން ދިޔަ ޒާހިދާ އެވެ. އަވަސް އަވަހަށް ލުފްޝާންއަށް ބަލައިލެވުނީ ނުހާ މެންނަށެވެ. އޭރުވެސް ޝާމިލް އިނީ ނުހާ އަތުގައި ހިފަހައްޓައިލައިގެންނެވެ. އަނެއްކާވެސް ލުފްޝާންއަށް ބަލައިލެވުނީ ޒާހިދާ އަށެވެ. ޒާހިދާއަށް މިމަންޒަރު ފެނުމަކަށް ލުފްޝާން އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ. ” ނުހާ..ނުހާ…” އިސްދަށަށް ޖަހާލައިގެން ހުރެ ލުފްޝާން ނުހާ ގޮވަމުން ބަދިގެއަށް ވަންނަން ދިޔައެވެ. އޭނާ އަންނަކަން އެންގުމަށްށެވެ. ލުފްޝާންގެ އަޑަށް ނުހާ އާއި ޝާމިލް ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ތެޅިގަނެފައި ޝާމިލް ނުހާގެ އަތުން ދޫކޮށްލަމުން ތެދުވިއެވެ. އޭރު ޒާހިދާވެސް ހުރީ ދޮރުމަތީގައެވެ. ލުފްޝާން ފުން ނޭވާއެއްލިއެވެ. “ނުހާ…ދަނީ އިނގެ…” ނުހާ ޝާމިލް އާއި ދިމާލަށް ބަލައިލުމަށް ފަހު ލުފްޝާން އަށް ބަލައިލިއެވެ. ބިރުންހުރެއެވެ. ލުފްޝާން އަށް ނުހާ އާއި ޝާމިލް އެއްކޮށްތިއްބާ ފެނުމުން ލުފްޝާން ހިތްހަމަ ނުޖެހިދާނެހެން ހީވުމުންނެވެ. އެހެން ނަމަވެސް ހަމަ ޖެހޭ ގޮތް ދައްކާލަމުން ނުހާ ހީލިއެވެ. “އެކަމަކު..ހާދަ އަވަހަކަށް….” ނުހާ އެހެން ބުނުމުން ލުފްޝާން ޒާހިދާ އާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “އާން…ބައްޕަ ބުނީ ވަރަށް އަވަހަށް އައިސް ބަލާށޯ….އެހެންވެ…ދަނީ..” އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ލުފްޝާން ހިނގައިގަތެވެ. ޒާހިދާ ހީކޮށްގެން ހުރީ އޭނާ ބުނިގޮތަށް ކަންތައް ކުރަނީ ކަމަށްށެވެ. އެހެންނަމަވެސް ލުފްޝާން އެގެއިން ދިޔައީ އޭނާގެ އެދެލޯ ދުވަހަކުވެސް ދެކެން ބޭނުން ނުވާ މަންޒަރަކާއި އަޑު އިވުނީތީއެވެ. ހިތަށް ކެތް ނުވެގެންނެވެ. އެއްވެސް ޙާލެއްގައި ލުފްޝާން ނުހާ ގެއްލިގެން ދާތަން ބަލަން ހުރުމަކީ އޭނާއަށް ވާނޭކަމެއް ނޫނެވެ.
ބާރު ދުވެޔެއްގައި ކާރު ދުއްވާފައި ލުފްޝާން ދިޔައީ އޭނާގެ ގެއާ ދިމާލަށްށެވެ. އަދިވެސް އޭނާގެ ލޯ ކުރިމަތިން ދާދި ދެންމެއަކު އޭނާއަށް ފެނުނު މަންޒަރު ސިފަވަމުން ދާކަހަލައެވެ. ލުފްޝާންގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.
ލުފްޝާން ދިޔުމުން ޖޫސް ގިރުމަށްޓަކައި އަވަސް ވެގަތެވެ. ތިންތަށި ޖޫސް ގިރުމަށްފަހު ތަަބަކަށްލަމުން ދެފަރާތަށް ވަގުވަގަށް މީހެއްގެ ހިލަމެއްވޭތޯ ބަލައިލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ކަނާއަތް ފަރާތުގައި ހުރި ދަމާ ވަތްގަނޑަކުން ކުޑަވަރެއްގެ ފުޅިއެއް ނެގިއެވެ. އަދި އެއިން އެތަނުން ދެތަށްޓައް ދެގުޅަ ބޭސް ލާފައި ސަމްސަލަކުން ގިރާލިއެވެ. އޭރު ޒާހިދާގެ ތުންފަތުގައި ދުވެލީ ނުލަފާ ޒާތުގެ ހިންޏެކެވެ.
ސިޓިންގރޫމްގައި ޝާމިލް އާއި ނުހާ އަދި ފަރީނާ އިނީ ވަރަށް މަޖާ ވާހަކައެއްގައެވެ. ދައްކަމުން ދިޔައީ އެމީހުންގެ ކުޑައިރު ކޮށްފައި ހުންނަ މަޖާ ކަންތަކުގެ ވާހަކަތަކެވެ. ހެވިފައި އިން ފަރީނާއަށް ތަބަކެއް ހިފައިގެން އަންނަމުން އައި ޒާހިދާ ފެނިފައި ހެނުން ހުއްޓާލިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެއްލިއަތުން ޝާމިލްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. މަޖާވެފައި އިންވަރުން މާބޮޑަކަށް އެކަމެއް ޝާމިލްއަކަށް ފާހަގައެއް ނުކުރެވުނެވެ. ފަރީނާ އިނީ ހާސްވެފައިިކަން ޒާހިދާއަށް ކިތަންމެހާވެސް ރަނގަޅަކަށް އެނގެއެވެ. ކައިރީގައި ހުރި މޭޒުމަތީގައި ތަބައް ބެހެއްޓުމަށްފަހު ނުހާއަށްށާއި ޝާމިލްއަށް ޖޫސްތަށި ދިއްކޮށްލިއެވެ. ހިނިތުން ވެލަމުން ނުހާ ޖޫސްތަށީގައި ހިފިއެވެ. ޝާމިލްވެސް ލަދުރަކިގޮތަކަށް ހީލަމުން ޒާހިދާ ދިން ތަށީގައި ހިފާލިއެވެ. “ޝުކުރިއްޔާ…” “ކޮން ޝުކުރިއްޔާ އެއްތަ؟..މިއީދެން މާބީރައްޓެހިވެގެން އުޅޭ މީހެއް…ތިއީ ދެން ފަރީގެ ވާން އުޅޭ ހޫމމ ހޫމމ އެއްނުދޯ ފަރީ…” ޒާހިދާ ނުބައި ގޮތަކަށް ބަލައިލަމުން ފަރީނާއަށް ދޯ ދިނެވެ. ފަރީނާ ގަދަ ކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. “އާން..” ނުހާއަކަށް މަޑަކުން ނީނދެވުނެވެ. ޝާމިލް އާއި ދިމާކޮށްލާހިތްވިއެވެ. ” ވަރަށް ސަޅި އިނގެ އަސްލު ފަރީއަށް ޕްރޮޕޯސް ކުރިގޮތް… އަސްލުވެސް.. އަހަރެން ހިއެއް ނުކުރަން ޝާމިލްއަށް ތިހާ ކެރޭނެ ކަމަކަށް.ވަރަށް ފިރިހެން..ހެހެހެ…އޮބި ނޯވޭ… ފަރީ….އަސްލު ފަރީ ވަރަށް ލަކީ އިނގެ..މިބުނީ ޝާމިލް ކަހަލަ ޕާރޓްނަރ އެއް ލިބުނީމަ….” ނުހާ ފަރީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ފަރީނާ ގަދަ ކަމުން ކަހަލަ ގޮތަކަށް ހީލަމުން ޒާހިދާ އާއި ދިމާލަށް ބަލައިލިއެވެ. އެއަށްފަހު ނުހާ އާއި ދިމާލަށް ބަލައިލަމުން ހީލިއެވެ. ލޮލުތެރޭގައި ކަރުނަ ޖަމާކޮށްގެން ފަރީނާ އިނީ ހިތްވަރަށްށެވެ. ” ނުހާ އަހަންނަށް މަޢާފްކުރޭ….އަހަންނަށްޓަކައި ތިހާ ހިތްހެޔޮނުވޭ…..” ފަރީނާ ހިތާހިތާ ކިޔާލިއެވެ. ނުހާއަށް ފަރީނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުނެވެ. ” ފަރީ..ރޮނީތަ؟..” ސުވާލުން ފުރިގެންވީ ނަޒަރަކުން ނުހާއަށް އިނދެވުނީ ފަރީނާ އާއި ދިމާލަށް ބަލާށެވެ. ފަރީނާ އެއްއަތުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ހީލެވޭތޯ މަސައްކަތް ކުރިއެވެ. ” ނޫނޭ…އެއީ އުފަލުންނޭ…އަހަންނަށް އެހާ ލޯބިވާ ދައްތައެއް ލިބުނީމަ….އަދި އަހަރެން ދެކެ އެހާ ލޯބިވާ ޙަޔާތުގެ ބައިވެރިއެއް ލިބުނީމަ…” ފަރީނާ އެހެން ބުނަމުން ފޫހިގޮތަކަށް ޒާހިދާ އާއި ދިމާލަށް ބަލައިލިއެވެ. ފަރީނާ އެހެން ބުނުމުން ޒާހިދާގެ ތުންފަތަށް ގޮތެއް ހަދާލިއެވެ. ” ތިއެއް ނޫނޭ…ޝާމިލް ދެންވެސް ތިހެން ނީނދެ ޖޫސްތަށި ބޯލަބަލަ….ނުހާވެސް ތަށި ހިފައިގެން އިނީތަ؟.. ފަރީވެސް ބޯލަބަލަ ކުޑަކޮށް ނަމަވެސް…” ޒާހިދާ އެހެން ބުނަމުން ފަރީނާ އާއި ދިމާލަށް ބަލައިލަމުން އޭނާގެ ލޯބޮޑުކޮށްލިއެވެ. ރުޅިވެރި ނަޒަރަކުންނެވެ. ޝާމިލް އެއް ނޭވާއިން ކަހަލަ ގޮތަކަށް ޖޫސްތަށި ދަމާލިއެވެ. ނުހާވެސް ތިންކޯވަރުން ޖޫސްތަށި ހުސްކޮށްލިއެވެ. ފަރީނާއަށް އިނދެވުނީ އެދެމީހުންނަށް ބަލަހައްޓައިގެންނެވެ. ދެން ވާނެ ގޮތަކާއިމެދު ބީރު ހީވަމުން ދިޔައެވެ. ޒާހިދާ އުފަލުގެ ކޮޅެއް ނެތެވެ. ” އާން ތިޔަވީއެއްނު.. އެވަރުގެ ކަމެކޭ….ގެނޭ ތަށިތައް އަންނާނަން ދޮވެލައިގެން…” ޒާހިދާ މިހެން ބުނެފައި ނުލަފާ ގޮތަކަށް ހީލަމުން ތަބައް ހިފައިގެން ހިނގައިގަތެވެ. ޒާހިދާ ދިޔަހެން ހީނުވެ ފަރީނާ މޭޒުމަތީގައި ހުރި ފެންފުޅި ނަގާ ދެ ބިއްލޫރި ތަށްޓަށް ފެން އެޅުމަށް ފަހު ނުހާ އަށާއި ޝާމިލްއަށް އަވަސް އަވަހަށް ދިނެވެ. ” އަވަސް ކުރޭ…މި ފެންތަށި ބޮއެބަލަ…ދެމީހުންވެސް…އަވަސް…” ފަރީނާ ހަރަކާތްތައް އަވަސްކަމުން ޝާމިލް ހައިރާން ވެފައި އަހާލެވުނެވެ. “ފަރީ…ކިހިނެއްވީތަ؟..މިބޮނީއެއްނު…” ފަރީނާ ޒާހިދާ އާދޭތޯ ބަލައިލުމަށްފަހު ޝާމިލް ގާތު ބުންޏެވެ. މިފަހަރު ފަރީނާގެ ވާހަކަ ދެއްކުން ކުރިއަށްވުރެވެސް އަވަސްވިއެވެ. “ދެން ޝާމިލް…މާގިނަ ވާހަކަ ނުދައްކާ ތިފެންތަށި ބޮއެބަލަ…ޕްލީޒް..އަވަސް..ނުހާވެސް ޕްލީޒް..އަވަސް ކުރޭ…އަހަރެން ބޭނުމެއް ނޫން ތިދެމީހުންނަށް އެއްވެސް ދެރަގޮތެއް ވާކަށް…އަހަންނާ އިތުރު ސުވާލުނުކުރޭ…” އެކަކު ކައިރިއަށް ގޮސްލާފައި އަނެކަކު ކައިރިއަށް ގޮސް ފަރީނާ ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ. ނުހާ ހާސްވިއެވެ. ފަރީނާ އުޅޭ ގޮތުން ޝާމިލްވެސް އިނީ ހާސްވެފައެވެ. ” ފަރީ..ކިހިނެއްވީތަ؟…” ނުހާ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކުއްލިއަކަށް ފަރީނާ އެހެން އުޅެން ފެށުމުންނެވެ. ” ނުހާ…މާގިނަ ވާހަކަ ނުދައްކަބަލަ…” ފަރީނާއަށް ރޮވުނެވެ. ނުހާ އަވަސް އަވަސް އަރުވާލާފައި ފަރީނާ ހިތްހަމަ ޖެއްސުމަށްޓަކައި ފެންތަށި އެއްނޭވާއިން ކަހަލަ ގޮތަކަށް ދަމާލިއެވެ. “މިބޮއުނީއެއްނު…ދެން ފަރީ ހަމަ ޖެހިބަލަ…” ނުހާ ފަރީނާގެ އަތުގައި ހިފާލަމުން ގޮނޑީގައި ބޭންދޭތޯ ބެލިއެވެ. ” ނޫން…އަދި އެއް ފެން ތަށި…” ފަރީނާ ރޮމުން ދިޔައެވެ. “ކިހިނެއްވީ ފަރީ….” ޒާހިދާގެ އަޑަށް ފަރީނާ ދިޔައީ ސިހިގެންނެވެ. ރުޅިވެރި ގޮތަކަށް ބަލައިލަމުން ބާރު ހިނގުމެއްގައި ގޮސް ޒާހިދާގެ ކުރިމައްޗަށް ހުއްޓުނެވެ. “އަދި އެބަ އަހައެއްނު ކިހިނެއްވީހޭ…މިހުރިހާ ކަމެއްވެސް ހަމަ މިވަނީ ހަމަ ކަލެއާއި ހެދި…އެމީހުންގެ ޖޫސްތަށްޓަށް ފާޑެއްްގެ ނިދާ ބޭހެއް އެޅީ ހަމަ ކަލެއެއްނު…ހުރިހާ ނުބައެއް ހަދަމުން އަނގަ ފުޅާކޮށްފައި އަދި އެބައަހައެއްނު ކިހިނެއްހޭވީ…ނުހާ..ޝާމިލް….އަޑު އަހާ…” ފަރީނާގެ އަޑު ދިޔައީ އިހުނަށްވުރެ ބާރު ވަމުންނެވެ. ފަރީނާ ޒާހިދާގެ ކުރިމަތީގައި އެހުރި ގޮތަށް ހުރެ ސީދާ ޒާހިދާގެ ލޮލާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ހަޅޭއްލަވަމުން ދިޔައެވެ. މިއަދު ނުހާ އާއި ޝާމިލްގެ ކުރިމަތީގައި ހުރިހާ އެއްޗެއް ޒާހިދާ އާއި ދިމާލަށް ގޮވަން ބޭނުމެވެ. ޒާހިދާ ހުރީ ރުޅިގަދަ ވެފައެވެ. ” ތިދެމީހުންނަށް ދެންމެ ބޮއެވުނީ މިހިރަ ނުލަފާ އަންހެނާ ގިރާފައި ހުރި ވިހަ ޖޫސް ތަށްޓެއް…” ފަރީނާ ވާހަކަ ދައްކަން ފެށިތަނާހެން ޒާހިދާ ހުރީ ހެވިލަހެވިލައެވެ. އެހުނުމުގެ ސަބަބުން ފަރީނާގެ ރުޅި ދިޔައީ އިތުރަށް ގަދަވަމުންނެވެ. ” ހޭނެ ކަމެއް ނެތް…މިހާރު އަހަންނަށް އެނގިއްޖެ ހުރިހާ ކަމެއް… އަހަންނާއި ފިރިހެނަކު އެއްދާން ކުރިއޭ ކިޔައިިގެން ކަލޭ ހެދީ ހުސް ދޮގު… އަހަރެން ބޭނުން މިރޭ ޝާމިލް އަށް ހުރިހާ ކަމެއް ކިޔައިދޭން…މިހާރު އަހަރެން ކަލޭދެކެ އެއްވެސް ބިރެއް ނުގަނޭ…އަދި އެކަން ޝާމިލްއަށް އެނގިދާނެތީ އެއްވެސް ޖެހިލުމެއްވެސް ނުވޭ….ޝާމިލް އަޑުއަހާ…އެއީވެސް ހަމަ މިކަހަލަ ރެއެއް…ފައިސާގެ ދަހިވެތި ކަމުގަ މިޒާހިދާގެ ރޭވުމުގެ މަތިން ހިނގި ކަމެއް… އެރޭ ވެސް ހަމަ ތިކަހަލަ ޖޫސް ތަށްޓެއް އަހަރެން ބޮއުނިން…އެއީވެސް ހަމަ މިޒާހިދާގެ ދެއަތުން ގިރި ޖޫހެއް..އެހެންނު ދޯ ޒާހިދާ…އެރޭ އަހަންނަށް ނިދުމުން އަހަރެން އެނދަށް ލާފައި އަހަރެންގެ އެނދަށް އަހަރެންގެ ކައިރިއަށް ފިރިހެނަކު ލީވެސް ހަމަ މިނުލަފާ އަންހެނާ… ކީއްވެ؟..ފައިސާގެ ބޭނުމުގަ… އާން.. އަހަރެންވެސް ފައިސާ ބޭނުންވި…އެގޮތަށް ފައިސާ ހޯދަން ވެސް އަހަންނަށް ވިސްނުނު…އެކަމަކު އަހަރެން އެހާ ބޮޑު ފާފައެއް ކުރަން އަހަރެންގެ ހިތް ބިރުގައިން…ދެން އެރޭ އެޖޫސްތަށި ބޮއުނު ފަހުން ވީގޮތެއް އަހަންނަކަށް ނޭނގުނު… އެދުވަހުވެސް އަހަންނަށް އޭނަ އާއި އެކު ރޭކުރެވުނުކަމަށް އަހަންނަށް ވިސްނައިދިނީވެސް ހަމަ މިއަންހެނާ…އެވެސް އަހަރެންގެ އެއްވެސް ކުށެއްނެތި…ފައިސާގެ ބޭނުމުގަ ނުހާގެ މިދޮންމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ނުހާ…” ފަހަތަށް އެނބުރި ބަލައިލިއިރު ނުހާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ނުހާ އެކޭ އެއްފަދައިން ޝާމިލްވެސް އޮތީ ސޯފާއަށް ވެއްޓިފައެވެ. ފަރީނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މިއޮށް ހުރިހާ އިރު ފަރީނާ ދެއްކި ވާހަކަ ދިޔައީ ފެނަށް ވެގެންނެވެ. އޭނާ އެހާ ހިތްވަރުން އެހުރިހާ ވާހަކައެއް އިއްވާލިއިރު ނުހާ މެންނަކަށް އަޑެއް ނީވުނެވެ. އޭނާގެ އަޑު އަހަން ހުރީ އެހުރިހާ ގޯހެއް ހެދި ޒާހިދާއެވެ. ފަރީނާއަށް ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. ” ނުހާ..ޝާމިލް…” ފަރީނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފަހަރަކު މީހަކަށް ހޭއަރާތޯ ގޮވަމުން ދިޔައެވެ. ދުނިޔެ މައްޗަށް މޮޔަ ވެފައިވާ މީހަކު ފަދައިންނެވެ. ޒާހިދާ ދިޔައީ ބާރުބާރަށް ހެމުންނެވެ. “ނުހާ..ޝާމިލް..އަޅެ ހެޔޮނުވާނެ…ލޯހުޅުވަބަލަ…” ދެމީހުންގެ ހަށިގަނޑުގައި ހިފާ ތަޅުވަމުން ދިޔައެވެ. ” ލުފްޝާން…” ފަރީނާ އަށް ރޮމުން ހަޅޭއްލަވައިގަނެވުނެވެ. އަވަސް އަވަހަށް ނުހާގެ ކައިރިން ތެދުވުމަށް ފަހު މޭޒުމަތީގައި އޮތް ފޯނާ ދިމާލަށް ދުއްވައިގަތެވެ. އެކަމަކު ޒާހިދާ އެއަށް ވުރެ މާހުށިޔާރެވެ. ފަރީނާގެ ގައިގައި އަޅާ ކޮށްޕާލިއެވެ. ވިއްސައިގެން ގޮސް އެތާހުރި މޭޒެއްގައި ޖެހިފައި ބިންމައްޗަށް ވެއްޓުނެވެ. ވީތަދުން ހަޅޭއްލަވައިގަނެވުނެވެ. ބިންމައްޗަށް ވެއްޓުނުލެ ބާރުކަމުން ފަރީނާ އޮތީ ގުޑާނުލެވިފައެވެ. ޒާހިދާ ބާރު ފިޔަވަޅުތަކެއްގައި ގޮސް ފަރީނާގެ އިސްތަށިގަނޑުގައި ހިފިއެވެ. “އަދިވެސް ކަލެއަށް ވަގުތު އެބައޮތް…އަހަރެން ބުނާގޮތް ހަދާ…” ފަރީނާވެސް ޒާހިދާއަކަށް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރިއެވެ. “ނުހަދާނަން…ކީއްކުރެވޭނީ..ބޮޑުވަރަކަށްވެސް އަހަރެން މަރާ ލެވޭނީ…އަހަރެން ކަލޭ ބުނާ އެއްވެސް ގޮތެއް ނުހަދާނަން…އަޑު އިވިއްޖެ…” ފަރީނާގެ ދެލޮލުގައި ވަނީ ރުޅިވެރިކަމެވެ. ޒާހިދާ އިހުނަށް ވުރެ ރުޅިގަދަވިއެވެ. އެއައި ރުޅިގައި ފަރީނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން މޭޒުގައި ބޯޖެއްސިއެވެ. އެއާއިއެކު ފަރީނާގެ ލޯމައްޗަށް އަނދިރިވަމުން ވަމުންގޮސް އެއްކޮށްހެން އަނދިރިވެ ލޯމެރުނެވެ.
-ނުނިމޭ-
4 Comments!
Comments are closed.
ތަންކޮޅެއް އަވަހަށް ވިހި ވަނަ ބައި އަޕްޑޭޓް ކޮށްދޭށެވެ.
އިންޝާﷲ މާދަމާ އިނގެ ޖޖޖޖ….މިދުވަސްކޮޮޅު މިއުޅެނީ ވވވ ބިޒީކޮށް…އެހެންވެ އަޕް ނުކުރެވިގެން މިއުޅެނީ….
ޔާ… ވާހަކަވަރަށް ސަޅި… 🙂
salhi 🙂