
ސިއްރު – 7
އަހަރެން މިބުނި އެއްޗަކުން މަންމައާއި ބައްޕަ ހުރީ ފާޑަކަށް ގަނޑުވެފައެވެ. ހައިރާންކަމެއްގެ ތެރޭގައެވެ. “ދަރިފުޅު ކީކޭތަ ތިކިޔަނީ؟ ” ބައްޕަ އަހަރެން ގާތު އަނެއްކާވެސް ސުވާލުކުރީ ގަބޫލުކުރަން ދަތިވެގެންނެވެ. ބައްޕަމެންނަށް ވިސްނައިދޭންވެގެން އާޔާ ހޮސްޕިޓަލުގަ އޮތް ވާހަކަ ބުނަންވެގެން އަނގަ ހުޅުވާލި ވަގުތު އެކަމަށް ހުރަސްއެޅީ ބިރުވެރި ފާޑަކަށް ރިންގުވާންފެށި އަހަރެންގެ ފޯނެވެ. ލޮލުން ކަރުނަ ފޮހެލަމުން ބިރުންހުރެ މަޑުމަޑުން އަހަރެންގެ ޖީބުގައި އޮތް ފޯނުނަގައި ކަންފަތުގައި ޖައްސާލީމެވެ. އެވަގުތު އިވުނު ބަސްތައް އަހަންނަށް އިވުނީ ކަންފަތައް ހޮނު ގުގުރިއެއް ޖެހި ފަދައިންނެވެ. އަހަރެންގެ އަތުން ފޯނު ދޫވިއެވެ. ދެފައިން ވާގިދާހެން ހީވުމުން ހުރި ތަނަށް ތިރިވެވުނެވެ. ބިންމައްޗަށް ތިރިވެވުނު ވަގުތު އަހަރެންގެ ގައިން ވަރު ހުސްވެގެން ގޮސް ބިންމަތީގައި ބާރަކަށް ބޯޖެހުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
***
އަހަންނަށް މަޑުމަޑުން ދެލޯ ހުޅުވާލެވުނެވެ. މުޅި ތަން ވަނީ ހުދު އަލިން ދިއްލިފައެވެ. މަތި ފެންނަނީ އެއްކޮށް ހުދުކުލައިންނެވެ. އަހަންނަށް މި އޮވެވެނީ ކޮންތާކު ބާވައެވެ؟ ގައިމު މިއީ އަހަރެންގެ ގެއެއް ނޫނެވެ. ދެން ކޮންތަނެއް ހެއްޔެވެ؟ އަހަންނަށް ފުރިހަމައަށް ހޭވެރިކަން ވީ ފިނިފިނި މަޑު އަތަކުން އަހަރެންގެ ނިތްކުރިމަތީގައި ފިރުމާލުމުންނެވެ. “ދަރިފުޅާ އަޔާން…” ހިތްހެޔޮ ކަމާއިއެކު އަހަރެންގެ ނިތްކުރީގައި ފިރުމާލަމުން އެ ގޮވާލީ އަހަރެންގެ ލޯބިވާ މަންމައެވެ. މަންމަގެ މޫނަށް އަހަންނަށް ނަޛަރު ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. ދުޅަވެ ރަތްވެފައިވާ މަންމަގެ ދެލޯ ފެނުމުން އެ މައިމީހާ ހިތާމަކޮށްފައިވާ މިންވަރު އަހަންނަށް ވަޒަންކޮށްލެވުނެވެ.
“މަންމާ… ކި.. ކީއްވެ އަޔާން މިތާ؟ ކޮންތަނެއްތަ މިއީ؟” އަހަރެން ވަރުބަލި ކަމާއިއެކު ނަމަވެސް ކެތްކޮށްލަމުން މަންމަގާތު އެހީމެވެ. އެއިރު ބޮލުގައި ކުޑަ ރިހުމެއްވެސް އުފެދިފައި ވެއެވެ. ހިނގާދިޔަ ކަންތައްތައް ހަނދާން ކުރަން އުޅުމުން އަހަރެންގެ ބޮލުގައި ވީ ރިހުން އިހުނަށްވުރެ ގަދަ ވާކަން އިޙުސާސްވިއެވެ. އިސްތަށިގަނޑުގައި ބާރަށް ހިފާލެވުނީ ތަދުވާ ވަރުންނެވެ. އެވަގުތު އަތުގައި އެއްޗެއް ޖެހުމުން ރަނގަޅަށް ނިތްކުރިމަތީގައި އަތް ހާކާލީ ކޮން އެއްޗެއްތޯ ޔަގީން ކޮށްލުމަށެވެ. އަހަރެންގެ ނިތްކުރީގައި ފުދޭވަރެއްގެ ބޮޑު ހިސާބެއްްގައި ވަނީ ބޭސް އަޅާފައެވެ. އަހަރެންގެ ބޯ ފަޅައިގެން ދިޔައީއެވެ.
އަހަރެންގެ އެދުމުގެ މަތިން މަންމަ އަހަންނަށް ވީގޮތް ކިޔައިދިން ނިމުނު އިރު ވެދިޔަ ހުރިހާ ކަމެއް އަހަރެންގެ ލޯމައްޗަށް ސިފަވެ ނިމިއްޖެއެވެ. ގަޔަށް ހޫނު ފެންއެއްޗެއް ޖެހުމުން މީހަކު އަވަހަށް ތެދުވާހެން އަހަރެންވެސް ފުންމައިގެން ތެދުވީމެވެ. މަންމަވެސް އިނީ ހައިރާންވެ އަހަންނަށް ވަމުންދާގޮތް ބަލާށެވެ. އަހަރެންގެ ހަނދާންތައް އަނބުރާ އައުމުން އަހަރެންގެ ވަރުބަލިކަންވެސް ފިލައިފިއެވެ. އާ ދިރުމަކުން ދިރުން ލިބުނު ފަދައެވެ. އެވަގުތު އަތަށް ވާންވުމުން ބަލައިލިއިރު އަތަށް ވަނީ އައިވީ ގުޅާފައެވެ. ބޮޑުކަމެއްތާއެވެ. ކިތަންމެ އަވަސްކުރަން އުޅުނަސް މިކަހަލަ ގަޑިގަޑީގައި ނިކަން ހުރަސްތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
އަހަންނަށް އާޔާގެ ނަން ކިޔަން ފެށުނެވެ. ހާސްވެ ހުރެއެވެ. ދުލުކުރީގައި މިވަގުތު އޮތީ ހަމައެކަނި ދެ އަކުރުގެ އެ ނަމެވެ. މަންމަ އަހަރެން ގާތު ވީ ކީއްތޯ އެހުމުންވެސް އަހަންނަށް ޖަވާބެއް ނުދެވުނެވެ. ހީވަނީ ނުފެންނަ ބާރަކުން އަހަރެންގެ ދުލަށް އެހެން ބަހެއް އަންނަން އުޅުނަސް ހިފަހައްޓާހެންނެވެ. އެއިރު އަހަރެންގެ ބޮޑު ދެލޮލުން ރޮނގަކަށް ކަރުނަ އާދެއެވެ. ގައިހުރި ބާރެއް ލައިފައި އަތަށް ގުޅާފައި އިން އައިވީ ދަމައިގަތީމެވެ. އަތުން ލޭތައް ފައިބައިގަތީ ޖަލެއްގައި ކަސްތޮޅު އެޅިގެން ތިބެފައި މިނިވަންކަން ލިބުމުން ދުއްވައިގަންނަ ފަދައިންނެވެ. އަތުން ކިތަންމެ ވަރަކަށް ލޭ ފޭބިނަމަވެސް އެކަމަކަށް މިވަގުތު އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ.
އެންމެ ފަހުން އެނދުންވެސް ފުންމާލުމަށްފަހު މަންމަގެ އަތުގައި ހިފައިގެން ދުއްވައިގަތީމެވެ. ނަރުހެއް ނެތްކަން އެއީ މިވަގުތު އަހަރެންގެ ނަސީބެވެ. މަންމަ އަހަރެން މި ހޮސްޕިޓަލަށް ގެނައިކަންވެސް އެއީ ނަސީބެކެވެ. އެއީ އާޔާވެސް އޮތީ މި ހޮސްޕިޓަލުގައި ކަމަށް ވާތީއެވެ. މީހުން ގައިގައި ޖެހެމުން އެގޮތް މިގޮތަށް ގޮސް އާޔާ އޮތް ރޫމް ކުރިމަތީގައި ހުއްޓިލީމެވެ. އަހަންނަށް އިރުކޮޅެއްވާންދެން އެ ދޮރަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މަންމަ އަހަންނާއި ސުވާލު ކުރަމުން ދިޔައިރުވެސް އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. އަހަރެންގެ އެހާ ހިތްވަރު ނެތީއެވެ.
ތުރުތުރު އަޅާއޮތް އަތަކާއިއެކު ކުރިމަތީގައި ހުރި ދޮރުގެ ތަޅުގައި ހިފާލައި މަޑުމަޑުން އެތެރެއަށް ކޮށްޕާލީމެވެ. އަހަރެންގެ މަންމަގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތީ ލަސް ފިޔަވަޅުތަކެއްގައެވެ. މުޅި ތަން ވަނީ ހުދުއަލިން ދިއްލިފައެވެ. އެތާ ހުރި އެނދު ވަށައިގެން މީހުންތަކެއް ތިއްބެވެ. އަހަރެންވެސް މިސްރާބުޖެހީ އެ ދިމާލަށެވެ. އަހަރެން ގޮސް ހުއްޓިލީއިރު އެތާ ހުރި އެއްވެސް މީހަކު ދިރިހުރިހެންވެސް ހީ ނުވެއެވެ. އެންމެންގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. އެންމެންގެ ލޯތައްވަނީ ރަތްވެ، ދުޅަވެ އަރައިފައެވެ. ބަޔަކު މިވަރަށް ހިތާމަކޮށްފައި ވަނިކޮށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ހައިރާންވެފައި ހުރީ ހަމައެކަނި އަހަރެންގެ މަންމައެވެ.
އަހަރެން ގޮސް އެނދު ކައިރީ ހުއްޓިލީއިރު ގިސްލެވެން ފަށައިފިއެވެ. އިސާހިތަކު އަހަރެންގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލައިފިއެވެ. މަންމަ އަދިވެސް ހުރީއެވެ. ވާނުވާ ނޭނގޭ ޙާލުގައެވެ. ވާނީ އެހެންކަން އަހަރެންވެސް ޤަބޫލު ކުރަމެވެ. މަންމަމެންގާތު އާޔާގެ މިވަގުތުގެ ޙާލަތު ބަޔާންކޮށްދޭން އަނގަ ހުޅުވާލިތަނާ އަހަންނަށް އައި ފޯނުކޯލުން ލިބުނު ޚަބަރަކުން އަހަރެން ހޭހުސްވެގެން ހުރިތަނަށް ދެމުނީވިއްޔާއެވެ. މަންމަމެންގާތު އެވާހަކަ ނުބުނެވެނީހެވެ. ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
އެނދުމަތީގައި އޮތް އިންސާނާގެ މުޅި ހަށިގަނޑު ފޮރުވާލެވިފައިވަނީ ހުދުފޮތިގަނޑަކުންނެވެ. އެއީ އަހަރެންގެ ހިތުގައި އޮތް ނަމުގެ ވެރިޔާއަށް ނުވުމަށް އެދި ހިތާހިތުން ދުޢާކޮށްލެވުނެވެ. ނަމަވެސް ވާނެގޮތެއް އިނގޭނީ ކާކަށްހެއްޔެވެ؟ އަހަރެން އެފޮތިގަނޑު މަޑުމަޑުން ނެގީމެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ވަށައިގެންވާ މުޅި ދުނިޔެ އެނބުރޭހެންވެސް އެބަ ހީވެއެވެ. “ނޫން” އޭ ކިޔާ ދެއަތަށް ބޯ ހޫރުވާލަމުން އަހަރެން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައީމެވެ. އަހރެންގެ ހުރިހާ އުންމީދެއް ވެއްޔާ މޮޑެވިގެން އެ ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އާޔާގެ ނަމުން ބާރަށް ހަޅޭއްލަވައިގަތީމެވެ. މިވަގުތު އަހަރެން ބޭނުމީ ލެވުނުހާ ބާރަކަށް ހަޅޭއްލަވައިގަނެފަ އަޑުގެ ނެތްކޮޅަށް ރޯށެވެ. ހަށިގަނޑުގައިވާ ހުރިހާ ހިތާމަތަކެއް އެ ރުއިމާއެއްކޮށް ނެރެލާށެވެ. އަހަންނަށް ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާހިލް އަހަރެންގެ ކޮނޑުގައި ހިފާލަމުން އަހަންނަށް ހިތްވަރުދިނެވެ.
އަހަންނަށް މިހެން ނުވާންންވީ އެއްވެސް ސަބަބެއް ނެތެވެ. ކުރިމަތީގައި ހުދުފޮތިގަނޑެއްގެ ދަށުގައި އެޔޮތީ އެހަށިގަނޑެއްގައި ހަމަ އަހަރެންގެ ގައިގައިވެސް ވާ ލޭ ހިނގާ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަހަރެންގެ ލޯބިވާ ކޮއްކޮ އާޔާއެވެ. އަހަރެންގެ ފުރާނަ އެ ކޮއްކޮއަށްޓަކައި ގުރުބާންކުރަންވެސް ތައްޔާރަށް ހުރި އަހަރެންގެ ކޮއްކޮއެވެ. އޭނާ މިތާ އޮތް ވާހަކަ އަހަރެމެންގެ މައިންބަފައިންގާތު ބުނަން އުޅުނު ވަގުތު ފޯނުކޯލުން ލިބުނު ޚަބަރަކީ މިއީއެވެ. މުޅި ދުނިޔެއަށް އަހަރެން އެކަނިވެރިކޮށްލާފައި އަހަރެންގެ ހުރިހާ އުފާތަށް ހިފައިގެން އާޔާ މިދުނިޔެ ދޫކޮށް ދިޔަ ޚަބަރެވެ. ކޮންފަދަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟ ކިހާ އިންސާފުވެރިހެއްޔެވެ؟
ކޮންމެޔަކަސް އަހަންނަށް ދެން އޮތްގޮތަކީ ކެތްތެރިވެ އާޔާއަށް ހެޔޮ ދުޢާ ކޮށްދިނުމެވެ. ނެތް ހިތްވަރު ލައިގެން އަހަރެން ކޮޅަށް ތެދުވެ ގޮސް އަހަރެންގެ ފުރާނައަށްވުރެ ލޯބިވާ މަންމަ ގާތު ހުއްޓިލީމެވެ. “މަންމާ… ސޮރީ… އަޅުގަނޑަށް މަޢާފު ކުރޭ… މި ވާހަކަ އަޅުގަނޑަށް މާ ލަހުން ބުނެވޭތީ މާފު ކުރޭ…” މަންމަ ބަހެއް ނުބުނެ ހުރި ހުރުމުން ހީވަނީ އަހަރެން ވާހަކަދައްކަން ފުރުސަތު ދީގެން ހުރިހެންނެވެ. މަންމަ އެކައްޗެކޭވެސް ނުބުނުމުން އަހަރެންގެ ވާހަކައާއިގެން އަހަރެން ކުރިއަށް ދިޔައީމެވެ. “މަންމަ ގާތު ބުނިން ދޯ އާޔާ މަރެއް ނުވެޔޭ… އާޔާ ބަލިވެ އުޅޭ ވާހަކަ ބުނަން އުޅުނު ތަނާ އާހިލް ގުޅާފަ ބުނީ އާޔާ މި…” އަހަންނަށް އަނެއްކާވެސް ގިސްލެވެން ފެށުނެވެ. ނަމަވެސް ހިތަވަރު ކޮށްލާފައި އަނެއްކާވެސް ކުރިއަށް ދިޔައީމެވެ. ” މަންމާ…. އެޔޮތީ އާޔާ… އެ އެނދުގަ ހުދު ފޮތިގަނޑަކުން ފޮރުވާލެވިފައި އެވަނީ އަލުގަނޑުގެ ކޮއްކޮ އާޔާ… އަދި މަންމަގެ ދަރިފުޅު…” ދެނެއް ނުވާނެއެވެ. ވާވަރަށް ކެތްވެސް ކުރެވިއްޖެތާއެވެ. އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ. މަންމަ ބަސް ހުއްޓުނެވެ. ހުރިތަނަށް ގަނޑުވެފައި ހުރީއެވެ. ހަދާފައި ތަނެއްގައި ބަހައްޓާފައި ހުރި ބުދެއް ހެން އެސްފިޔައެވެސް ހަލުވާނުލާ މަންމަ ހުރީއެވެ.
ވާނީ މިހެންކަން އަހަންނަށް އޭރުވެސް އިނގެއެވެ. އަހަންނަށް މިކަމުގައި މާފެއްވެސް ނުވާނެއެވެ. މިވީ ދެތިން ދުވަހުތެރޭ މިކަން އަހަރެން ސިއްރު ނުކޮށް މަންމަމެން ގާތު ބުނިނަމަ މަންމައަށް އެހާބޮޑު ހިތާމައެއް ނުލިބުނީސްކަންނޭންގެއެވެ. އަހަންނަށް އެހުރިހާ ދޮގުތަކެއް އެ މައިންބަފައިން ގާތު ހަދާކަށްވެސް ނުޖެހުނީހެއް ނޫންހެއްޔެވެ؟ އާޔާއަށް އެ މައިންބަފައިންގެ ފަރާތުން ފުރިހަމަ ލޯތްބާއި އަޅާލުން ލިބުނީހެއް ނޫންހެއްޔެވެ؟ ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. ނަމަނަމައަކު ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. އަހަރެންގެ ޒުވާން ސިކުނޑިއަށް ވިސްނުނު އެންމެ މޮޅު ގޮތް ހަދައިގެން އަހަރެންވެސް ހުރީއެވެ.
އަހަރެންގެ މަންމައަށް ވީގޮތް ފެނި ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. އަހަރެން މަންމަ ގާތަށް މިސްރާބުޖެހީ މަންމަގެ ޙާލަތު އިތުރަށް ގޯސްވެދާނެތީއެވެ. އަހަންނަށް މަންމަގާތަށް ދެވުނީ ކިރިޔާއެވެ. ޚަބަރު ހުސްވެގެން އަހަރެންގެ އަތުތެރެއަށް މަންމަ ވެއްޓުނެވެ. އަހަރެން އިތުރަށް ހާސްވިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކަންތައްތައް މިދަނީ މުޅިން ގޯހުން ގޯހަށެވެ. އާޔާއަށްފަހު މަންމައަށް މިވީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. މަންމައަކަށް ދެރަގޮތެއް ނުވާނެއެވެ. މި ހަށިގަނޑުގައި ވިންދު ހުރި ހިނދެއްގައި މާތް ﷲގެ އިރާދަފުޅުން މަންމައަށް ދެރަގޮތެއް ވިޔަކަ ނުދޭނަމެވެ.
(ނުނިމޭ)
7 Comments!
Comments are closed.
salaam… thiya kiyuntherin gaathu bunevifa oiyy date ah vure lahun mi part genesdhevunythy varah bodah maafah edhen… adhi mi hafthaa in feshigen konme dhuvahaku part eh up nukureveyne vaahaka hithaamayaaieku thiya kiyuntheringe samaalu kamahttakaa dhannavaalan.. dhn kuriyah oiyy thaa konme tuesday adhi thursday egga vaahaka up kuramun gendhaanan, in sha allah… adhi mi part ves kiyuntherin ummeedhu kuri varah vure kuruvefa vaanama varah bodah maafah edhen… 9 vana bain feshigen vaahaka dhigu kurevemun dhaane.. in sha allah.. miee ehn site akah ves up kurevemun anna vaahakaeh kamun, e site ga up koffa in varah mi site ga ves up kurevemun mi dhany… ehn kamun kuriyah oiyy thaa in sha allah vaahaka dhigu vaane… kiyuntherinnah mi situation understand vaane kamah ummeedhu kuran..
Mi part ves v v reethi. But mi part Kiyaa nimunu iru rovijje
jazakillah khairan Naadhee..
So sad???
Vrh reethi… obiness to the nxt… bunrne ehchh s neyngey..curiously waitin 4 the tuesday… ly…
Jazakillah khairan mishy…
Mi vaahaka ge 10 part kiyaalan libeyny kon irakun tho.. Mi vaahaka part 9 aa hama ah kiyaafin (vaahaka .com ) in… V v reethi.. Avahah up kohdheeba plzzzzzzz