
ސިއްރު – 8
އަހަރެންގެ މަންމައަށް ވީގޮތް ފެނި ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. މަންމަ ގާތަށް މިސްރާބުޖެހީ މަންމަގެ ޙާލަތު އިތުރަށް ގޯސްވެދާނެތީއެވެ. އަހަންނަށް މަންމަގާތަށް ދެވުނީ ކިރިޔާއެވެ. ޚަބަރު ހުސްވެގެން އަހަރެންގެ އަތުތެރެއަށް މަންމަ ވެއްޓުނެވެ. އަހަރެން އިތުރަށް ހާސްވިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކަންތައްތައް މިދަނީ މުޅިން ގޯހުން ގޯހަށެވެ. އާޔާއަށްފަހު މަންމައަށް މިވީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. މަންމައަކަށް ދެރަގޮތެއް ނުވާނެއެވެ. މި ހަށިގަނޑުގައި ވިންދު ހުރި ހިނދެއްގައި މާތް ﷲގެ އިރާދަފުޅުން މަންމައަށް ދެރަގޮތެއް ވިޔަކަ ނުދޭނަމެވެ.
މަންމައަށް ދެތިންފަހަރު ގޮވާލަމުން މަންމަގެ ކޮލުގައި ކޮށްޓާލީމެވެ. ލޯ ހުޅުވާނުލިތާ ގުޑިވެސް ނުލިއެވެ. އަހަރެން ހާސްވާން ފެށިއެވެ. އަހަރެން އިސް އުފުލާލިވަގުތު ސިހުނީ އެތާ ދޮރުމަތީގައި ހުއްޓުން އަރާފައި ހުރި ބައްޕަ ފެނުމުންނެވެ. ނަމަވެސް ހިނދުކޮޅަކަށް ނަމަވެސް ބައްޕަ ފެނުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ” ބައްޕާ…” ކަރުން ނާރު އަރުވާލަމުން ބާރަށް ބައްޕައަށް އަހަރެން ގޮވާލީ އާދޭހުގެ ރާގަކަށެވެ. ބައްޕައަށް އަހަންނާއި މަންމައާއި ދެމެދު ދެކެވުނު ވާހަކަ އަޑުއިވިއްޖެ ކަންނޭނގެއެވެ. ބައްޕަގެ މޫނުފެނިފައި އަހަންނަށް ހީކުރެވުނީ އެގޮތަށެވެ. ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއް އެކަމަކަށް މިވަގުތަކު ނެތެވެ. އަހަރެންނަށް މިވަގުތު މުހިއްމީ އަހަރެންގެ އަތުތެރޭގައި މިއޮތް ލޯބިވާ މަންމައެވެ. އެމަންމައަށް ދެރަގޮތެއް ވެއްޖެނަމަ ދުވަހަކުވެސް އަހަރެންގެ އަމިއްލަ ނަފަސަކަށް މާފެއް ނުކުރެވޭނެއެވެ. އަދި ނުވެސް ކުރާނަމެވެ.
އަހަރެންގެ ހަޅޭކުގެ އަޑަށް އާހިލްވެސް އަހަންނާއި ދިމާލަށް އައީ ހާސްވެ ހުރެއެވެ. ވެގެން މިއުޅެނީ ކީއްކަން އޭނާއަކަށް ވެލިފުކެއްގެ މިންވަރަށްވެސް ނޭނގޭނެއެވެ. މިއޮތް ބޮޑު ކޮޓަރިތެރޭގައި ދުރުގަ ހުރެ ވާހަކަ ދެއްކުމުން އަހަރެމެން ފަދަ އާދައިގެ އިންސާނުންނަށް އަޑު އިވުމަކީ ނާދިރު ކަމެކެވެ. “ޔާން… ކިހިނެއް ވީތަ؟” ހާސްވެ ހުރެ އޭނާ އެހެން އަހާލި އިރު އޭނާގެ ދެލޮލުގައި ވިދަ ވިދާ ހުރި ކަރުނަތަނުންވެސް އެކަން ވަރަށް ރީތިކޮށް އަންގައިދެއެވެ. އަހަރެން ނޫނަކަސް އެއީވެސް އިންސާނެއް ވިއްޔާއެވެ. އެހެން މީހުންގެ މައްޗަށް ރަހުމާއި ކުލުނު ހުންނާއެއް ނޫންހެއްޔެވެ؟ އެ ރީތި ބޮޑު ދެލޯ ކަރުނުން ފުރި ބާރުވަމުން ދިޔައެވެ.
“އާ.. އާހިލް… މަންމައަށް ކިހިނެއްތަ މި ވީ؟ އަހަރެން ހިޔެއް ނުކުރަން މަންމައަށް މިހެން ވެދާނެކަމަކަށް… އާޔާގެ ވާހަކަ މަންމައަށް ކިޔައިދީފަ މިތަނަށް އައިސް އާޔާ ދައްކާފަ އެއީ އާޔާކަން ބުނި ތަނާ މަންމަ ހޭނެތުނީ… އާހިލް… ދެން ޔާން ކިހިނެއް ހަދާނީ؟” އަހަންނަށް އާހިލްގާތު ރޮއެގަނެވުނެވެ. މި ހުރިހާކަމެއްވެސް މިވަނީ ހަމަ އަހަރެންގެ ސަބަބުންނެވެ. އެދުވަހު މަންމަމެން ގާތު ޙަޤީގަތް ނުބުނެވުމުންނެވެ. އަހަރެން މިއީ ކިހާ ގޯސް މީހެއް ހެއްޔެވެ؟
” އާހިލް.. ޕްލީޒް.. އިހަށް ދޭބަލަ ބައްޕަ ކައިރިއަށް.. ބައްޕައަށްވެސް ދެންމެ ޔާން ދެއްކި ވާހަކަތައް އަޑުއިވުނީހެން ހީވަނީ.. އަވަސް ދޭބަލަ..” އަހަންނަށް ވާހަކަ ދެއްކުނީވެސް އާދަޔާ ޚިލާފަށް އަވަހަށެވެ. ހިތް ވެސް ހީވަނީ މޭ ފަޅައިފަ ނިކުމެ ދާނެހެންނެވެ.
އާހިލް ބައްޕަގާތު ވާހަކަ ދައްކަން ފެށިވަގުތު، އަހަރެންގެ މަންމަ އަތްދަނޑިމައްޗަށް ލައިގެން ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ދުއްވައިގަތީމެވެ. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް މިއަދު މަންމަ ސަލާމަތް ކުރުން ފިޔަވައި އަހަންނަކަށް މުހިއްމު އެއް ކަމެއްވެސް ނެތެވެ. ޑޮކްޓަރެއްގެ އެހީ ލިބުނީ ހީކުރި ވަރަށްވުރެ އަވަހަށެވެ. މަންމަ އިމަޖެންސީ ރޫމަށް ގެންދިޔުމުން އަހަރެން ބޭރުގައި މަޑުކޮށްލީމެވެ. މަޑުކޮށްލީކީއެއް ނޫނެވެ. މަޑުކުރަން ޖެހުނީއެވެ. މަޖުބޫރު ވެގެންނެވެ. ނޫންނަމަ މިހެން ދެކޮޅަށް ހިނގާލަ ހިނގާލައި އަހަންނެއް ހަމަ ގައިމުވެސް ނުހުންނާނަމެވެ. ވެގެންވާނަމަ މިހާރު އެ ދޮރުވެސް ފަޅާލައިފައި އެތެރެއަށް ދެމިގަނެފީމުހެވެ.
އަހަރެންގެ ސަމާލުކަން އެވަގުތު ދަމައިގަތީ ފަހަތުން އިވުނު މީހެއްގެ ދުވުމުގެ އަޑެވެ. ފަހަތް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އަހަންނަށް ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ. އެ އައީ އަހަރެންގެ ބައްޕައެވެ. އެ ދެލޮލުން ހީވަނީ ރޮއެ ރޮއެ ގޮސް ކަރުނަ ހިކިފައި ހުރިހެންނެވެ. އެހެން ނަމަވެސް ބައްޕަގެ ހިތްވަރު ގަދަކަމުން ނަސީބަކުން އެހުރީ މިތަނަށް އައިހެވެ. މާތް ﷲއަށް ޝުކުރުވެރިވަމުން ހިތާހިތުން ދުޢާ ކޮށްލެވުނެވެ. ބައްޕަ އަންނާތީވެ އަހަރެން ހުރީ އެދިމާލަށް އެނބުރިއެވެ. “ބައް…” އަހަންނާއި އަރާ ހަމަވުމުން އަހަރެން ބައްޕައަށް ގޮވާލަން އުޅުނީމެވެ. ނަމަވެސް ކަންތައް އެވީ އަހަރެން ދުވަހަކުވެސް އުންމީދު ކުރި ގޮތަކަށް ނޫނެވެ. ހުވަފެނަކުންންވެސް ދެކުނު ގޮތަކަށް ނޫނެވެ.
އަހަރެންގެ އަނގައިގައި އެއްބުރި އޮއްވާ އަޅާވެސް ނުލައި ބައްޕަ އެދިޔައީ އިމަޖެންސީ ރޫމުގެ ދޮރު ކައިރިއަށެވެ. ބައްޕަގެ އެ ޢަމަލުން އަހަރެންގެ ހިތުގައި ތޫނު ނިޔަފަތިތަކަކުން ވަކި އަޅާލިހެން ހީވިއެވެ. އެހާވެސް ހިތަށް ތަދުވިއެވެ. ވަރަށް ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ބައްޕަ އެހެން ހަދައިފާނެކަމަކަށް އަހަންނެއް އުންމީދެއް ނުކުރަމެވެ. ބައްޕަ އެއީ ކުރިން ދުވަހަކުވެސް މީހެއްގެ ވާހަކައަކަށް ބީރު ކަންފަތެއް ދިން މީހެއް ނޫނެވެ. އެއީ ކޮންމެ މީހަކަށްވިޔަސް ކިތަންމެ ރުޅިގަދަ މީހަކަށްވިޔަސް އެ މީހެއް ދައްކާ ވާހަކައެއް ނިމެންދެން އަޑުއަހަން ހުންނާނީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއިއެކުއެވެ. ނަމަވެސް މިއަދު އަހަންނަށް މިފެނުނީ އެހެން ބައްޕައެކެވެ. އަހަންނަށް ކުރެވުނު ކުށަށް މި ލިބެނީ ކޮންފަދަ ސަޒާއެއް ހެއްޔެވެ؟
ހިތްވަރު ގަދަ ކޮށްލުމަށްފަހު އަނެއްކާވެސް ބައްޕަ ގާތަށް ދިޔައީމެވެ. ބައްޕަ ގާތު ހުއްޓިލުމަށްފަހު އަހަރެން އިސްޖަހާލީ ކުއްވެރިޔެއް ފަދައިންނެވެ. އާނއެކެވެ. މިއަދު އެ މައިންބަފައިން ގާތު އަހަރެން މިއީ ވަރަށް ބޮޑު ކުއްވެރިޔެކެވެ. އެ ދެމީހުންގެ ދަރިއެއް ދުނިޔޭގައި ހުރި ކަން އެނގި ހުރެމެ އެ ދެމީހުން ގާތު އަހަރެން އައީ ދޮގު ހަދަމުން ޙަޤީގަތްތައް ފޮރުވަމުންނެވެ. ” ބައްޕާ… އެއިރު އަޅުގަނޑު ހޭނެތިގެން ވެއްޓުނީމަ އެވަގުތު ދައްކަން ހުރި ވާހަކަ މެދުކެނޑުނީ… އާޔާ.. ” އަހަންނަށް ބުނެވުނީ މިވަރަށެވެ. އަނެއްކާވެސް ބައްޕަ އަހަންނަށް ހުރަސް އެޅީއެވެ. އަތް ހިއްލާލި ހުއްޓާލާށޭ ބުނާ ފަދަ ގޮތަކަށެވެ. ބައްޕަ އަހަންނާއި އަނގައިންވެސް ބުނަން ބޭނުން ނުވަނީހެއްޔެވެ؟
އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް މައްޗަށް ފެތުރިގަތީ އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަހަންނަށް ކުރެވުނު ކުށުގެ ބޮޑުކަން ވަޒަން ކޮށްލެވުނީ އެވަގުތުއެވެ. އޭގެ ހިތި ރަހަ އަހަރެންގެ އަރުތެރެއިން މިއިން ދުވަހަކު ފިލާނެކަމެއް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ކަޅިވެސް ޖަހާނުލައި ބައްޕައާއި ދިމާލަށް ބަލާށެވެ. ބައްޕަގެ އާދަޔާ ޚިލާފު ޙަރަކާތްތައް ފެނިފައެވެ. ނަމަވެސް ކުއްލިޔަކަށް އަހަރެން ސިހުނީ ބައްޕަ ގެނައި ކުއްލި ޙަރަކާތަކުންނެވެ.
(ނުނިމޭ)
10 Comments!
Comments are closed.
Varah reethi. Keep it up
shukuriyyaa snow..
Vv reethi mi part ves??
Jazakillah khairan Naxx..
Varah reethi
jazakillah khairan Ibsha…
V reethi mi part ves
jazakillah khairan Naadhee..
beautiful
thank you nish…