
ހިތްފަޅައިގެންދާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ ކުރިމައްޗަށް ހާތިބު ހުއްޓުނެވެ. ޝާޢާގެ ގިސްލުމާއި ލޮލުން ފައިބަމުންދާ ކަރުނަތަކުން އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވި ކަހަލައެވެ. އޭނަގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއިރު ކުރެވުނު ކަންތަކާ މެދު އެހިތުގައި ކުޑަމީސް ޖަޒުބާތެއް ނުވާ ކަހަލައެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ ފުރާނަ ދުއްވާލެވުމުން އެކަމާ މެދު ދެރަ ވެސް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާއަށް ލިބިފައިވާ ފުން ހިތާމަތަކުން އޭނަގެ ހިތަށް ފިނިކަން ލިބިފައި ވިއެވެ. އޭނަ ޝާޢާގެ ހާލަތައް މަލާމާތްކޮށް ވާހަކަދެއްކިއެވެ.
”މިއީ ކަލެއަށް އޮތް ނިމުމެއް ނުވާ ހިތާމަޔާއި ކެކުޅުންތަކުގެ ފެށުން…” ހާތިބު ބުނެލިއެވެ. އަދި އޭނަ ނިކުންނަން ހިނގައިގަތެވެ. ހާތިބުގެ ފަހަތުން އޭނައާއެކު އައިސް ތިބި ބައިގަނޑު ވެސް ހިނގައިގެން ފިއެވެ. އެމަންޒަރު ބަލަމުން ދިޔަ ޝާޢާގެ ލޮލުން ހޯސްލާފައި ކަރުނަ ފޭބިއެވެ. މުޅިތަން ހަމަހިމޭންވެ އަނދިރިވުމާއެކު ޝާޢާއަށް ގަދަޔަށް ގިސްލެވުނެވެ. ވޭން އަޅަމުން އައި ހިތުގައި އޭނައަށް އަތް ޖައްސާލެވުނެވެ. އޭރު ހުއްޓުމެއް ނެތި އޭނަގެ ލޯކުރިމަތިން ތަމްސީލުވަމުން އައީ ޔޫނުސްގެ މަރު އޭނައާއި ބައްދަލު ކުރި ހިތް ދަތި މަންޒަރެވެ. އެއިން ކޮންމެ ފަހަރަކު ތުރުތުރުއަޅަމުން އައި ޝާޢާގެ ތުންފަތް ފޫއަޅުވާލާފައި ގިސްލުމުގެ އަޑު ބޭރު ވެއެވެ. ތަޤުދީރުންގެ ނިންމުންތަކާ މެދު އޭނައަށް ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. އެފަދައިން ވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ލޯތްބަށް އެފަދަ ކުއްލި ނިމުމެއް އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ސަބަބުން ޔޫނުސްއަށް ކުރިމަތިއެވީ ކޮންފަދަ ނިކަމެތި ހާލަތަކާ ހެއްޔެވެ؟ ދުވަހަކު އަމިއްލަ ނަފުސަށް މަޢާފުކުރެވޭނެ ހެެނެއް ހިޔެއް ނުވެއެވެ.
ޝާޢާގެ ހިތްދަތިކަމަށް އިތުރު ބޮޅުތަކެއް އިތުރުވެގެން އައީ ޔޫނުސްގެ މަރާއެކު ޔޫނުސްގެ ޢާއިލާއަށް ލިބޭނެ ހިތާމަތަކާ މެދު ވިސްނާލެވުމުންނެވެ. ހަމައެއާއެކު އެނުބައި އިފުރީތު ޔޫނުސްގެ ފުރާނަ ނެތް މަސްގަނޑު ގެންދިޔަތަނެއް، ކުރިކަމެއް ވެސް ނޭގޭތީ އެވެ. އޭނައަށް އާދެވިފައި މިވަނީ ބިރުވެރި ކިއްލާއަކަށެވެ. މިނިކާ ޖަނަވާރުތަކަކުން ވަށާލެވިފައިވާ ކަހަލައެވެ. އެއެއްޗެހީގެ ހަމަލާއެއް އަންނާނީ ކޮންއިރަކު ކިހިނެއް ކަމެއް ނޭގެއެވެ. އޮތީ އެކަމަށް ހުށިޔާރު ވުމެވެ. އެހެނަސް އޭނައަށް ވުރެ ބާރުގަދަ ބައެއްގެ އަތްދަށުން އޭަނަ ސަލާމަތްވާނީ ކިހިނަކުން ހެއްޔެވެ؟ ފާއިތުވާ ކޮންމެ ސިކުންތަކާއެކު އޭނަގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަން ހާމަވެގެން އެބަދެއެވެ. އާދެވިފައިމިވާ ތަނުން ސަލާމަތުގެ އައްސޭރިއަކަށް ދާނެ ގޮތެއް ވެސް ޝާޢާއަކަށް ނޭގުނެވެ. ގޮތްހުސްވެ މުޅި މީހާ ހައިޖާނުގަނޑެއްގެ ތެރޭގައި ހަފުސްވާން ފެށިއެވެ. ރުއިން ނޫންކަމެއް އޭނައަށް ނުކުރެވުނެވެ. އޭރު ޝާޢާގެ ހިތުގައި ހާތިބާއި މެދު ނަފްރަތުގެ ހުޅުގަނޑު ރޯވެ ގަދަޔަށް އަނދަމުން ދިޔަ އެވެ.
*****
ވައިކަފާލާފައި އުދުހެމުން ދިޔަ މަހުލޫގު އޭނަގެ މަންޒިލަށް އާދެވުމައެކު އަތުގައި އޮތް ޔޫނުސްގެ މަސްގަނޑުން ދޫކޮށްލިއެވެ. އެއާއެކު ބާރު ސްޕީޑުގައި ވެއްޓުނު ޔޫނުސްގެ ހަށިގަނޑު ގޮސް ޖެހުނީ ތާރުގަނޑު މަތީގައެވެ. އެއީ ޔޫނުސްގެ އެކްސިޑެންޓް ހިނގި ސަރަހެއްދެވެ.
*****
ރޭގަނޑު އެގާރަ ޖަހާކަންހާ އިރެވެ. ބޮޑުކޮޓަރީގައި ޝާހިދާ އިނީ ޔޫނުސްގެ ރަހުމަތްތެރިންނަށް ގުޅަމުން އެމީހުނާއެކު ޔޫނުސް ވިތޯ އޮޅުން ފިލުވުމުގެ މަސައްކަތުގައެވެ. އޭރު ހުސޭންވީ ރަށުތެރެއަށް ނިކުމެއެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިން ޝާހިދާގެ މޫނުމަތިން މާޔޫސްކަން ފެނެއެވެ. އޭނަ ޔޫނުސްގެ ހުރިހާ އެކުވެރިންނަށް ގުޅި އިރުގައި ވެސް އޭނަ އުއްމީދުކުރި ފަދަ ޖަވާބެއް ނުލިބުނެވެ. އަތުގެ ތެރޭގައި ފޯނު ބޮޑިކޮށްލައިގެން އިން ޝާހިދާއަށް ބޭރުން ސައިކަލެއްގެ އިންޖީނުގެ އަޑުއިވުނުހެން ހީވުމާއެކު އަވަސްއަވަހަށް ބޭރަށް ނިކުމެލީ ޔޫނުސްއޭ ހިތާ އެވެ. ނަމަވެސް އޭނަގެ ހިތަށް އިތުރު މާޔޫސްކަމެއް ވެރިވުން ނޫންކަމެއް ނުވި އެވެ. ސައިކަލުން ފޭބި ހުސޭނަށް ބަލަން ޝާހިދާ ހުއްޓެވެ.
ހުސޭންގެ މޫނުމަތިން ޝާހިދާއަށް ފެނުނީ އޭނަގެ ހިތް ބިރުގަންނަވާލާ ފަދަ ޖަޒުބާތުތަކެވެ. އެއާއެކު ބިރުވެރި ޚަބަރެއް ލިބެން އުޅޭކަމުގެ އިންޒާރު އޭނަގެ ހަވަނަ ހިއްސު ދޭން ފެށި އެވެ. ދޮރު ކަނީގައި އޭނައަށް ހިފަހައްޓާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ.
”ކޮބާ ޔޫނުސް؟…” އަވަސްވެފައިވި ހިތަކާއެކު ޝާހިދާ ސުވާލުކުރިއެވެ. އޭނައާއި ހުސޭނުގެ ނަޒަރު ބައްދަލުވި ހިނދު އެލޮލުގައިވި ރަތްކަމުން ޝާހިދާގެ މެޔަށް ފިނި ވިއެވެ.
”ޝާހިދާ ހިނގާބަލަ އަހަންނާއެކު ހޮސްޕިޓަލަށް ދާން…” ޝާހިދާއާއި އަރާހަމަކުރަމުން ހުސޭން ބުނެލިއެވެ.
”އެކީއްކުރަން؟… ކޮބާތަ ޔޫނުސް، އޭނަ ނުފެނުނީތަ؟…” ޝާހިދާ ސުވާލުކުރިއެވެ. ޔޫނުސްގެ ހާލު އެނގެން އޭނަގެ ބޭނުންވެފައިވި މިންވަރު ފެނި ހުސޭންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ ތެދު ހާމަކުރާނީ ކޮން ދުލަކުން ހެއްޔެވެ؟
”ހުސޭން، އަހަރެން ބިރު އެބަގަނޭ…” ހުސޭން ކަރުނަ ފޮހެލިތަން ފެނި ޝާހިދާއަށް ބުނެލެވުނެވެ.
”އަހަންނާއެކު ހޮސްޕިޓަލަށް ދާން ހިނގާބަލަ…” ހުސޭން ބުނެލިއެވެ. ހުސޭންގެ އަމަލުތަކުން ޝާހިދާ އިތުރަށް ބިރު ގަންނަވާލި އެވެ.
”ޔޫނުސްވީ ހޮސްޕިޓަލުގަތަ… އޭނައަށް ކަމެއް ވީތަ؟…” ހުސޭންގެ އަތުގައި ހިފާލަމުން ޝާހިދާ އެހި އެވެ. ހުސޭން ޖަވާބެއް ނުދިނެވެ. ޔޫނުސްގެ ވާހަކަ ޝާހިދާގެ ކުރިމަތީގައި ނަންގަންނާނެ ގޮތެއް އޭނައަކަށް ނޭގެއެވެ. ޔޫނުސްގެ މަރު ޚަބަރު ލިބުމުން ވާނެ ގޮތެއް ވެސް މެއެވެ. ޚުދު އޭނަ ވެސް އެހެރީ ޝޮކެއްގަ އެވެ. އެހެނަސް އެކަން ސިއްރުކުރެވޭކަށް ނެތެވެ. އެއީ ދޮގު ނުކުރެވޭނެ ހަޤީޤަތަކަށް ވާތީ އެވެ. އެމީހުންނަށް މަޖުބޫރުވެފައި އެވަނީ ޒުވާން ފިރިހެން ދަރިފުޅުގެ ކުއްލި މަރާ ކުރިމަތިލާށެވެ.
*****
ތެޅިތެޅި އޮތް ހިތަކާއެކު ޝާހިދާ ހޮސްޕިޓަލުގެ ގޭޓުން ވަން އިރު އެތަނަށް އެއްވެފައި ތިބި މީހުންތައް ފެނި އޭނަގެ ހިތުގެ ތެޅުން ކުއްލިޔަކަށް އަވަސް ވިއެވެ. ގާތުގައި ހުރި ހުސޭނަށް އޭނަ ބަލާލީ ޖަވާބު ބޭނުންވެފައިވި ހާލުގައެވެ. އެއާއެކު އޭނައަށް ހުސޭނުގެ އަތުގައި ހިފާލެވުނެވެ. ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟
*****
އެކްސިޑެންޓެއްގައި ޔޫނުސް މިދުނިޔެ ދޫކޮށް ދިޔަ ޚަބަރު ލިބުމާއެކު ޝާާހިދާ އަނބުރައިގަނެގެން ވެއްޓުނެވެ. އެފަދަ ކަމަކަށް ސަމާލުވެލައިގެން ހުރި ހުސޭނަށް ވެއްޓެން ދިޔަ ޝާހިދާގެ ހަށިގަނޑުގައި ކިރިޔާ ހިފަހައްޓާލެވުނީ އެވެ. އޭނަގެ ލޮލުން އޭރު ކަރުނަ އޮހޮރެމުން ދިޔަ އެވެ.
*****
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ވަށައިގެންވި ހުރިހާ ދިރުންތަކެއް ފުން ނިންޖެއްގެ ތެރެއަށް ގެނބިފައި ވިއިރު ޒިޔަޒަންއަށް އޮތީ ނުނިދިފައެވެ. އޭނަ ދެއަތަށް ފުރޮޅެމުން ދިޔަ އިރު ބުރަހަލިކަމެއް ނެތި ސިކުނޑި މަސައްކަތްކުރަމުން ދިޔަ އެވެ. އެކަމުގެ ނަތީޖާއަކަށް ވީ އޭނައަށް ނުނިދުމެވެ. އެންމެފަހުން ޒިޔަޒަން އެނދުން ތެދުވުނެވެ. އޭނަގެ ހިތުގައި ޝާޢާގެ ހާލު ބަލާލުމުގެ ޝައުގުވެރިކަން އުފެދިގެން އައެވެ. ނަމަވެސް އެއީ ރަގަޅު ޚިޔާލެއްތޯ ޒިޔަޒަންއަށް އޭނަގެ ހިތާއި ސިކުނޑިއާއި ސުވާލުކޮށްލެވުނެވެ. އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލި ޒިޔަޒަން އޭނަގެ ނިތުގައި ފިރުމާލިއެވެ. އޭނަގެ ބޮލަށް އިންތިހާއަށް ވަނީ ބަރުވެފައެވެ. ވިސްނާލުމަށްފަހު އެންމެފަހުން ޒިޔަޒަން އޭނަގެ ހިތުގެ ގޮވުމަށް އިޖާބަ ދިނެވެ.
*****
ފާރުގައި ބުރަކަށިޖައްސާލައިގެން އިން ޝާޢާގެ ދެލޮލުން ކަރުނަ ހިކިފައި ވިއެވެ. އެރީތި މޫނުގެ ކުލަ އޮއްސިފައި ވިއިރު ހިތާމައިގެ ތަސްވީރެއް ކަހަލައެވެ. މުޅި މީހާއަށް ހިމޭންކަން ވެރިވެފައިވީ ރޫހު ގެއްލިފައިވީތީ އެވެ. އެހެން އޭނަ އިންދާ ކުއްލިޔަކަށް ހިޔަންޏެއް ފާޅު ވިހެން ހީވިއެވެ. އެއާއެކު ޝާޢާގެ ހިއްސުތަކަށް އެނގުން ވިއެވެ. އޭނައަށް ހީވީ ނުރައްކަލެއް ކުރިމަތިވާން އުޅެނީ ހެންނެވެ.
”އަަހަރެންގެ ފަރާތުން ބިރުވެރިކަމެއް ކުރިމައްޗެއް ނުވާނެ…”
ޝާޢާއަށް ހީވީ އޭނައަށް މީގެ ކުރިން ވެސް އެއަޑު އިވިފައި ވިހެންނެވެ. އެއާއެކު ޝާޢާގެ ނަފުސު އޭނައަށް ކަމެއް އަންގާލަދިނެވެ. އެއީ އެރޭ އޭނައަށް އެހީވެދިން އަޑުގެ ވެރިޔާއެވެ. އަނިޔާވެރި ދުނިޔެއަކުން އޭނައަށް އޯގާތެރިކަން ލިބުނު ފަރާތެވެ. ނަމަވެސް އޭނައަށް އެމީހަކަށް އިތުބާރުކުރެވިދާނެތޯ ހިތާ ސުވާލުކޮށްލެވުނެވެ. ޖިންނީންނަކީ ކެހިވެރި މަކަރުވެރި ބެޔެކެވެ. އަމިއްލަ އެދުމެއް އޮވެގެން މެނުވީ މަދުދުވެރިއެއް ނުވާނެއެވެ. އެޚިޔާލުތަކުން ޝާޢާއަށް ކަންތައް ކުރަންވީ ކިހިނެއް ކަމެއް ނޭގުނެވެ. އެނުދަންނަ ފަރާތަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ނޫނީ ހުޝިޔާރުވެ ސަމާލުވާންވީ ހެއްޔެވެ؟
ޒިޔަޒަން ކުރިއަށް އަޅަމުން އައި ފިޔަވަޅުތައް ހުއްޓުނީ ބިންމަތީގައި ހިކިފައިވި ލޭގެ ނިޝާންތައް ފެނުމުންނެވެ. އެއާއެކު އޭނަގެ ނަޒަރު ސީދާ ވެގެން ދިޔައީ ޝާޢާ އާއެވެ. އޭނަގެ އަތުގައި އޮތް ފާނޫޒުގެ އަލިން ޝާޢާގެ މޫނުގައިވި ހިތާމައިގެ ކުލަވަރުތައް ނިކަން ރީއްޗަށް ބަޔާންކޮށްދިނެވެ. ކީއްވެގެންކަމެއް ނޭގުނެވެ. ޒިޔަޒަންގެ ހިތަށް ގޮތެއް ވިއެވެ. ޝާޢާގެ ދެލޮލުން އޭނައަށް ދިރުމެއް ނުފެނުނެވެ. އެލޮލުގައި އެއްވެސް ޖަޒުބާތެއް ނުވާ ކަހަލަ އެވެ.
ކަޅިޖަހާލުމެއްނެތި ޒިޔަޒަންއަށް ބަލަން އިން ޝާޢާއަށް އެމޫނުން ސިފައެއް ފާހަގަ ކުރެވެން ފެށުނެވެ. އެހިނދު އޭނަގެ ހިތަށް ހާތިބުގެ ނަން ވަދެގެން ދިޔަ އެވެ. ކުރިމަތިން ފެންނަން ހުރި ޒުވާނާއާއި ހާތިބާއި އެއްގޮތް ސިފަތަކެއް އޭނައަށް ފާހަގަކުރެވުނެވެ. އެއާއެކު އޭނަގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެ އެވެ.
”ކައިރިނުވާތި!…” ޒިޔަޒަން ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ޝާޢާ ބުނެލިއެވެ. ޝާޢާގެ ޖުމްލައާއެކު ޒިޔަޒަންގެ ފިޔަވަޅުތައް މަޑު ޖައްސާލި އެވެ. ޝާޢާގެ ފަރާތުން އެސިފަ ފެންނާނެކަމަށް އޭނައަށް ކުރިން ވެސް ހީކުރެވުނެވެ. ވެދިޔަ ކަންތަކަށް ފަހު ނުދަންނަ މީހަކަށް އިތުބާރުކުރުން އެއީ އުނދަގޫވާނެ ކަމެކެވެ.
”ބިރުނުގަނޭ… އަހަރެން ނާންނަން ޝާޢާއަށް ގެއްލުމެއްދޭކަށް…” ޒިޔަޒަން އޭނައަށް އިތުބާރުކުރަން ޝާޢާ ގާތު ބުނެލިއެވެ. ނަމަވެސް ޝާޢާއަށް އެކަމެއް ނުކުރެވުނެވެ.
”ކަލޭ ތިއައީ އޭނަ ފޮނުވައިގެނެއްނު… ދުރަށްދޭ…” ޝާޢާގެ އަޑުގައި ތުރުތުރުލުމެއް ވިއެވެ.
”އެއްވެސް މީހަކު ފޮނުވައިގެނެއް ނޫން އަހަރެން މިއައީ… އަހަރެން އައީ އަމިއްލައަށް ބޭނުން ވެގެން…” ޒިޔަޒަން ބުނެލިއެވެ. އޭނަ ހުރީ ހުރި ފިޔަވަޅު މަތީގަ އެވެ.
”ކީއްކުރަން؟…” ޒިޔަޒަންގެ ޖުމްލައިން ޝާޢާއަށް ލިބުނީ ހައިރާންކަމެވެ. ޝާޢާގެ ސުވާލަށް ދޭންވީ ޖަވާބެއް ޒިޔަޒަންއަކަށް ނޭގުނެވެ. ދުލުން ބަސްހުސްވެފައިވީ އެހެންވެ އެވެ. ދެން އެދެމެދަށް ވެރިވެގެން އައީ މަރުގެ ހަމަހިމޭންކަމެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. އެކަކު އަނެކަކަށް ބަލަމުން ދިޔަ އިރު ތަފާތު އެކި ޚިޔާލުތައް ދެ ޒުވާނުންގެ ހިތަށް އަރާފޭބި އެވެ.
”ކަލެއާއި އޭނައާ އޮތް ގުޅުމަކީ ކޮބާ؟…” ވެރިވެފައި އޮތް ހަމަހިމޭންކަން ފޫދުއްވާލަމުން ޝާޢާ އޭނަގެ ހިތުގައިވި ސުވާލު ކޮށްލިއެވެ. އޭރު ވެސް އޭނައަށް އެސުވާލުގެ ޖަވާބު އެނގޭ ކަހަލައެވެ. އެހެނަސް އޭނަ ބޭނުންވީ ޔަޤީން ކުރާށެވެ.
”ކީއްވެ ޖަވާބު ނުދީ ތިހުރީ؟… އަހަންނަށް ކަލޭއަކީ ވެސް ޖައްބާރެއްކަން އެނގިދާނެތީ ދޯ؟…” ޝާޢާ ބުންޏެވެ. ޒިޔަޒަންގެ ހިމޭންކަމުން އޭނައަށް ޖަވާބު ލިބުނެވެ.
”އެއީ އަހަރެންގެ ބައްޕަ…” ޒިޔަޒަން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ. ”އަހަންނަކީ ތިޔަ ހީކުރާ ކަހަލަ މީހެއްނޫން…”
”ދެން ކޮންކަހަލަ މީހެއްތަ ތީ؟… އަހަރެން ކަލެއާ މެދު ދެކެންވީ ކިހިނެއް؟… ކަލޭމެން ޖިންނީންނަށް ބާރެއް ލިބިފައިވުމުން ނިކަމެތީންގެ މައްޗަށް އަނިޔާވެރިވަނީ… ކަލޭމެންގެ ހިތެއް ވެސް ނޯވޭ، ވާނަމަ އެފަދަ ރަހުމުކުޑަ އަމަލުތައް ހިންގަން ނުކެރުނީސް…” ޝާޢާ ވާހަކަދެއްކިއެވެ. އޭނަގެ ހިތުގައި ޖިންނިންނާ މެދު އުފެދިފައިވާ ރުޅިވެރިކަން އޭނަގެ އަޑުން ހާމަކޮށްދެއެވެ. ކީއްވެގެންކަމެއް ނޭގުނެވެ. ޒިޔަޒަންއަށް އޭގެ ސަބަބުން އުނދަގޫ ވިއެވެ.
”އަހަންނަކީ އަހަރެންގެ ބައްޕައެއް ނޫން… ކުށެއްނެތް ބަޔެއްގެ މައްޗަށް އަހަރެން އަނިޔާވެރިއެއް ނުވަން، ނުވެސް ވާނަން…” ޒިޔަޒަން ބުންޏެވެ. އެއާއެކު ޝާޢާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. އޭނަގެ ދޫ ވެސް ހިނދުކޮޅަކަށް ހިމޭން ވިއެވެ.
”އެނގޭ އަހަރެން ވާހަކަތައް ޤަބޫލުކުރަން އުނދަގޫވާނެކަން، އަހަރުމެންގެ ތެރޭން ވެސް ތެދުމަގު ލިބިފައިވާ މީހުންވޭ، ހުރިހާ ޖިންނީންނަކީ ނުބައި ބެޔެއް ނޫން، އަހަރެމެންގެ ހިތުގައި ވެސް ހަމްދަރުދީވޭ… ރަހުމުކުރަން އެނގޭ… އިންސާނުންގެ ތެރޭގައި ވެސް ރަގަޅު މީހުންނާއި ނުބައި މީހުންވޭ، ހަމަ އެއުސޫލު އަހަރުމެންގެ ތެރޭގައި ވެސް ވޭ…”
ޒިޔަޒަން ވާހަކަދެއްކިއެވެ. ޝާޢާ އިނީ ވަކި އެއްޗެއް ނުބުނެ ހިމޭންވެފަ އެވެ. އޭގެ މާނަ ނަގަންވީ ކިހިނެއް ކަމެއް ޒިޔަޒަންއަކަށް ނޭގުނެވެ. އަނެއްކާ ވެސް އެދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. ޝާޢާއަށް ބަލަން ހުރި ޒިޔަޒަންއަށް އިތުރަށް ދައްކަންވީ ވާހަކައެއް ނޭގުނެވެ. އޭނައަށް ޝާޢާގެ ފަރާތުން ޝައުގުވެރިކަމެއް ވެސް ނުފެނުނެވެ.
”ކަލޭ ބޭނުންވަނީ ކޮންކަމެއް؟…” ޝާޢާ އެހި އެވެ. ޒިޔަޒަންގެ ނިޔަތާ މެދު އޭނަގެ ހިތުގައި ޝައްކު ވެއެވެ. ޒިޔަޒަންގެ މޫނުމަތިން ހިތްހެޔޮކަން ފެނުނުކަމުގައި ވިޔަސް އެއީ ހިންތާއަކަށް ވެދާނެ އެވެ. އެއްވެސް ފަރާތަކަށް އިތުބާރުކުރުން އޭނައަށް ވެފައިވަނީ އުނދަގޫ ކަމަކަށެވެ.
”އެހީވާން…” ޒިޔަޒަން ހާމަކޮށްލި އެވެ.
”ކީއްވެ؟…” ޝާޢާއަށް ޤަބޫލުކުރަން ދަތި ވިއެވެ.
”ކުށެއް ނެތް މީހަކަށް އަނިޔާލިބެން ބޭނުން ނުވާތީ…” ޒިޔަޒަން ހާމަކުރިއެވެ. ”ބައްޕަގެ ވިސްނުން މުޅިން ގޯސް، ދިމާވި ކަމެއްގެ ސަބަބުން ބައްޕައަށް އެވަނީ ހެވާއި ނުބައި ވަކިކުރަން ނޭގިފައި، އިންސީންނާ މެދު ނަފުރަތު އުފެދިފައިވަނީ އެހެންވެ، ކޮންމެ ފަދަ ދަރަޖައަކަށް ވެސް އަނިޔާވެރިވާން ހިތްވަރު ލިބެނީ އެހެންވެ…”
”އަހަރެންގެ ޢާޢިލާ ބަރުބާދުކޮށްލީ ކަލޭމެން… އަހަރެންގެ ބޮޑުދައިތައާއި އަޅާއިގަތީ ވެސް ހަމަ ކަލޭމެން، އެކަމުގެ ސަބަބުން އަހަރެންގެ މުޅި ޢާއިލާ ބަރުބާދު ވެގެން ދިޔައީ!، ބަދަލު ހިފަން ބޭނުންވާނަމަ ހިފަންވީ އަހަރުމެންނެއްނު، ރުޅި އަންނަންވީ ވެސް އަހަރުމެންނެއްނު، ބޮޑުދައިތަގެ ކޮން ކުށެއް އޮވެގެންތަ ކަލޭމެން އެފަދައިން ކަންތައް ކުރީ؟… ބާރެއް ލިބިފައިވީތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ބޭނުންވީ ދޯ؟… ކަލޭމެން ހީކުރަނީތަ ހިތުހުރިހާ ގޮތެއް ހަދާލެވޭނެކަމަށް؟… ފަހުން ދުވަހެއް އޮތްކަން ކަލޭމެން ހަނދާނެއް ނުވޭ ދޯ؟… އެދުވަހު އިންސާފު ލިބޭނެކަމެއް ވެސް ނޭގޭ ދޯ؟… ކަލޭމެން ތީ އަނިޔާވެރިން… ކަލޭމެން ތީ މަރުވާން ޖެހޭ ބަޔެއް، މުޅި ދުނިޔެ ފަސާދަކުރަނީ ކަލޭމެން…” ޝާޢާގެ އަޑުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ވިއެވެ.
”ހަޤީޤަތް އެނގިގެންތަ ވާހަކަ ތިދައްކަނީ؟… ހިނގިކަމެއް ހިނގީ ދެފަރާތުގެ ވެސް އިއުތިރާފާއެކު، އަހަރެންގެ ދޮންބެ ޝާޢާގެ ބޮޑުދައިތަގެ މައްޗަކަށް އަނިޔާވެރިއެއް ނުވޭ. މޮޔައެއް ވެސް ނުކުރޭ، ބާރެއް ވެސް ބޭނުމެއް ނުކުރޭ… އެދެމީހުންގެެ މެދުގައި ގުޅުން އުފެދުނީ ދެމީހުން ރުހި ޤަބޫލުވެގެން… އެދެމެދުގައި އޮތީ ސާފު ލޯތްބެއް… އެލޯބި ހާސިލު ނުކުރެވުނީ ޖާބިރުގެ ސަބަބުން… އޭނައަށް އެކަން އެނގުނުފަހުން ފަންޑިތައިގެ ބާރު ބޭނުންކުރަން އުޅުނީ… އެކަމަކު ޝާޢާގެ ބޮޑުދައިތަ ބޭނުމެއް ނުވި އަހަރެންގެ ދޮންބެއާއި ދުރުވާކަށް، އޭނަ ބޭނުންވީ ދޮންބެއާއެކު އަހަރުމެންގެ ދުނިޔެއަށް ދާން… އެހިސާބުން ޖާބިރު އޭނަގެ ފަންޑިތަ ވަރުގަދަ ކުރީ… އޭރު ޝާޢާގެ ބޮޑުދައިތަ ހުރީ އަހަރެންގެ ދޮންބެގެ ދަރިއަކަށް ބަލިވެ… ފަންޑިތައިގެ ސަބަބުން ޝާޢާގެ ބޮޑުދައިތައަށް ވޭންލިބޭތަން ފެނުމުން ދޮންބެ ބޭނުންވީ ސުލްހަވެރިކަމާއެކު އެކަމަށް ނިމުން ގެންނަން، ދޮންބެ އާދޭސްކޮށް ވަޢުދުވި އެކަންތައް ހުއްޓާލައިފިނަމަ ދުނިމުރަށް ޝާޢާގެ ބޮޑުދައިތަ ދޫކޮށް ދާނަން ކަމުގައި، އެހެނަސް އެގޮތެއް ޝާޢާގެ ބޮޑުދައިތަ ބޭނުމެއް ނުވި، އެކަމުގެ ސަބަބުން އައި ރުޅީގައި ޖާބިރު ހެދި ފަންޑިތަ ގޯސްވެ ޝާޢާގެ ބޮޑުދައިތަ މަރުވީ… ޖިންނީންނާއި އިންސާނުންނާ ހަނގުރާމައެއް އުފެދުނީ ޖާބިރާ ހެދި…… ދަރިފުޅު މަރުވުމުގެ އިލްޒާމު ޖާބިރު އެޅުވީ ދޮންބެ ބޮލުގައި އަދި އޭނައަށް ލިބިފައިވި ފަންޑިތައިގެ ބާރުން ދޮންބެއަށް ހަމަލާދިނީ… އޭގެފަހުން މިހުރިހާ މައްސަލަތަކެއް ހިލުނީ، ޝާޢާގެ މައިންބަފައިންގެ ނިމުން ވެސް އައީ… އަހަރެން ޤަބޫލުކުރަން އަހަރެންގެ ޢާއިލާގެ ފަރާތުން ޝާޢާގެ ޢާއިލާއަށް ހިތާމަތަކެއް ލިބުނުކަން، އެކަމަކު އެހުރިހާކަމެއްގެ އިސް މޭސްތިރިއަކީ ޖާބިރު، ދޮންބެ އަމާންކަން ދިނުމުން އެކަންތައް ހުއްޓާލިނަމަ މިއަދު މިހެން ކަންތައް ނުވީސް، ޖާބިރަށް ނަތީޖާ ނިކުންނާނެ ގޮތް ރަގަޅަށް އެނގިހުރެ ޝާޢާގެ ބޮޑުދައިތަގެ ބަނޑުގައިވި ދަރިފުޅު މަރާލަން އުޅުނީ، އޭގެ ސަބަބުން ދެމައިން ވެސް މަރުވެގެން ދިޔައީ… ޝާޢާ ތިހީކުރާހާ މާތް އިންސާނެއް ނޫން އެއީ، އޭނަގެ އަތްދަށުވެ ނިމިގެން ދިޔައީ ކިތައް ޖިންނީންކަން އެނގޭތަ؟… ޝައިތާނާއަށް އަމިއްލަ ނަފުސު ޤުރުބާންކޮށްގެން ހުރި މީހެއް އެއީ، ޝާޢާއަށް ކެތްކުރެވޭނެތަ ޝާޢާގެ ކާފަގެ ހުރިހާ ހަޤީޤަތެއް އަހަރެން ކިޔައިދޭ އަޑު އަހަން؟، އޭރުން ވެސް ކުށްވެރި ކުރާނީ އަހަރުމެންތަ؟…” ޒިޔަޒަންގެ ވާހަަކަތަކުން ޝާޢާ އިނީ ބަސްހުއްޓިފައެވެ. އޭނަގެ ދެލޯ ބޮޑުވެފައި ވިއެވެ. އެއީ ތެދު ހެއްޔެވެ؟ އޭނަގެ ކާފައަކީ އެހާ ގޯސް މީހެއް ހެއްޔެވެ؟ މާމަ އޭނައަށް ހާމަކުރީ ދޮގުތަކެއް ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ އިތުރަށް އޭނަ އަނދިރީގައި ބަހައްޓަން މަސައްކަތްކުރީ ކީއްވެ ހެއްޔެވެ؟
”ޝާޢާއަށް ނޭގޭ ވަރަށް ގިނަ ކަންތަކެއް އެބަހުރި…” ޒިޔަޒަން ބުނެލިއެވެ. ”އަހަރެން ބޭނުމެއް ނޫން ބައްޕަގެ ނަފުރަތުގެ ޝިކާރައައިގެ އަމާޒަކަށް ކުށެއް ނެތް އިންސާނަކު ވާކަށް، ކުރިކަމެއް ކުރީ ޖާބިރު، އަހަންނަށް އެކަން އެނގޭ…”
”އަހަރެންގެ މަދަދު ޝާޢާ ބޭނުންވެއްޖެނަމަ އަހަރެން މަދަދު ފޯރުކޮށްދޭނަން… އުއްމީދުކުރަން ލަސްތަކެއް ނުވެ ޝާޢާގެ ނިންމުން އަހަންނަށް އަންގާނަން ކަމުގައި، ލަސްވެއްޖެ ނަމަ އަހަންނަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ…” ޒިޔަޒަން ދާން ހިނގައިގަންނަމުން ބުނެލިއެވެ. ”ޝާޢާގެ ނިންމުން އަހަންނަށް އަންގަން ބޭނުންވެއްޖެކަމުގައި ވަނީނަމަ ތިންފަހަރު އަހަރެންގެ ނަމުން ގޮވާލާ، ޒިޔަޒަން…”
ޝާޢާ އިތުރު އެއްޗެއް ނުބުނެވެނީސް ވައިގެ ތެރެއަށް ފެތުރިގެން ދިޔަ ދުންގަނޑެއް ފަދައިން ޒިޔަޒަން ގެއްލިއްޖެއެވެ. ފުންނޭވާތަކެއްލަމުން ދިޔަ ޝާޢާއަށް ވިސްނެނީ ޒިޔަޒަން ދެއްކި ވާހަކައާއި މެދުގަ އެވެ.
އެތައް އިރެއް ވަންދެން ޒިޔަޒަން ދެއްކި ވާހަކަތަކަށް ފިކުރު ހިންގަން ޝާޢާ އިނެވެ. އޭނަގެ ހިތުގައި ހައިޖާންގަނޑެއް އުފެދިފައި ވެއެވެ. ޤަބޫލުކުރަންވީ ކާކުގެ ވާހަކައެއްކަން ވެސް ނިންމަން ޝާޢާއަށް އުނދަގޫވެފައި ވިއެވެ. ހަމައެއާއެކު ޒިޔަޒަންގެ ފަރާތުން އޭނައަށް ނުރައްކަލެއް ފެނިދާނެކަމުގެ ނިޝާނެއް ވެސް ނުފެނުނެވެ. އެހިނދު އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ޒިޔަޒަންއަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ޒިޔަޒަން އެދިއްކުރާ އެހީގެ އަތުގައި ހިފަންވީ ހެއްޔެވެ؟ އަފަދައިން ކަންތައްކޮށްފިއްޔާ ވާނީ ކިހިނަކުން ހެއްޔެވެ؟ ޒިޔަޒަންގެ މަޤުސަދަކީ ކޮބާ ހެއްޔެވެ؟
ޖަވާބު ނުލިބޭ ސުވާލުތަކުގެ ފުންޏެއް ޝާޢާގެ ހިތުގައި ވިއެވެ. އޭނަގެ ކަންފަތުގެ ތެރޭގައި ތަކުރާރުވަމުން ދިޔައީ ކާފައާ މެދު ޒިޔަޒަން ދެއްކި ވާހަކަތަކެކެވެ. އޭނައަށް ހަދަންވީ ކިހިނެއްކަމެއް ނޭގުނެވެ. ދިރިއުޅުމުގައި ހަތަރުއަނގޮޅި ކަންމައްޗަކަށް އާދެވިފައިވާ ކަހަލައެވެ. ދާންވީ ކޮން މިސްރާބަކުންކަމެއް ނޭގުނެވެ. ޚިޔާރުކުރާ މަގެއްގެ ސަބަބުން އިތުރު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު އެބަ އޮތެވެ.
”ކާފައަކީ ހަޤީޤަތުގައި ވެސް ނުބައި މީހެއްތަ؟…” ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. މުޅި ދަން ހޭދަވެގެން ދިޔައީ ވިސްނާ ފިކުރުކުރުމުގައެވެ. ފުންނޭވާތަކެއް ދޫކޮށްލި ޝާޢާއަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނީ ބޮލުގައި ރިއްސަން ފެށުމުންނެވެ.
”ޒިޔަޒަން… އޭނަ އަހަންނަށް އެހީވެދޭން އެއުޅެނީ ކީއްވެ، އޭނަ އެއީ އަސްލަށް ވެސް ރަގަޅު މީހަކީތަ؟… އޭނަގެ ވިސްނުން ހަމަ ތަފާތީތަ؟… އޭނަ އެދިއްކުރާ އަތުގައި އަހަރެން ހިފަންވީތަ؟… އޭރުން އަހަންނަށް މިތަނުން ސަލާމަތް ވެވިދާނެތަ؟… އެކަމަކު ކީއްވެތަ އޭނަގެ ބައްޕައާއި ދެކޮޅަށް އަހަންނަށް އެހީވާން އެއުޅެނީ؟…” ޝާޢާ އޭނަގެ ޒަމީރާ ސުވާލުކުރިއެވެ.
*****
މުޅިން އައު ދުވަހަކަށް ފެނުން ތޮޅެލި އިރާއެކު ރަށު ތެރެއަށް ފެތުރިފައިވަނީ ޔޫނުސްގެ މަރުގެ ޚަބަރެވެ. ދާދި ކައިރިކައިރީގައި ހިނގާ ދިޔަ ދެހާދިސާއަށް ފަހު ރަށުގެ ރައްޔިތުންނަށް ޝޮކު ލިބިފައި ވެއެވެ. ފާއިތުވި ހަފްތާއެއްހާ މުއްދަތުގެ ތެރޭގައި އެއީ ތިންވަނަ މަރު ވިއްޔާ އެވެ. ރަށުގެ ޒުވާން އަންހެން ކުއްޖަކަށް ވީނުވީ އެއް ނޭގި ވަނީ ގެއްލިފައެވެ. ދެހާދިސާގައި ވެސް އާދަޔާ ޚިލާފު ކަންތަކެއް އެކުލެވިފައި ވިއެވެ. ޑޮކްޓަރުން ޔޫނުސް ބަލާފައި ތޫނު އެއްޗެއް ޔޫނުސްގެ ބަނޑަށް ހެރިފައިވާ ކަމަށް ބުންޏެވެ. ޔޫނުސް މަރުވާން މެދުވެރި މައިގަނޑު ސަބަބަކަށް ވެސް ވީ އެކަމެވެ. ގިނަ ބަޔަކު ބުނީ އެއީ އެކްސިޑެންޓްވި ވަގުތު ޔޫނުސްއަށް ލިބުނު އަނިޔާއެއް ކަމަށެވެ. އާޚިރުގައި ނިމިގެން ދިޔައީ ވެސް އެހެންނެވެ. ބުއްދިއަށް ޤަބޫލުކުރެވެން އޮތް ގޮތަކީ ވެސް އެއީއެވެ. ސުވާލުނުލިބޭ ކުޅިގަނޑެއްގެ ތެރޭގައި ސިކުނޑިi ގާނަން މީހުން ބޭނުންނުވާތީ އެވެ. ހަމައެއާއެކު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ވެސް ބޭނުންނުވާތީއެވެ.
*****
ވަޒީރުންނާ މަޝްވަރާތަކެއްކޮށް ނިންމާލުމަށްފަހު ކޮޓަރިއަށް އައިސް ވަން ހާތިބަށް ބަރްކާ ފެނުމުން އަހާލީ ޒިޔަޒަން ކޮބައިތޯ އެވެ.
”ޒިޔަޒަން ވީ އޭނަގެ ރައްޓެހިންނާއެކު ބޭރަށް ގޮސް…” ބަރްކާ ޖަވާބު ދިނެވެ.
”ކޮންތާކަށް؟…” ހިތްހަމަނުޖެހިފައިވާ ރާގަކަށް ހާތިބު ބުނެލިއެވެ. މިހާރަކަށް އައިސް އޭނަ ހުންނަނީ ބަރްކާ ދެކެ ރުޅި އައިސްފައެވެ. އޭނަގެ ނިންމުންތަކަށް ފާޅުގައި ފާޑުކިޔާތީ އެވެ.
”ނުބުނޭ ދިޔަ ތަނެއް…” ބަރްކާ ޖަވާބު ދާރީ ވިއެވެ. ބަރްކާގެ އެޖަވާބުން ހާތިބު ގާތަށް ވަކިން ރުޅިއައެވެ. ހިތްހަމަ ނުޖެހުމާއެކު އޭނަ ކޮޓަރިން ނިކުންނަން ދިމާ ކޮށްލިތަނާ ހުއްޓެވުނީ ބަރްކާ ގޮވާލުމުންނެވެ.
”ހާތިބު ތިއުޅޭ ގޮތަކުން އަހަރެން ކަންބޮޑު އެބަވޭ… އެއްފަހަރު ވެސް ނަފުރަތު އެއްފަރާތްކޮށްލުމަށްފަހު ސިކުނޑި ހުޅުވާލަބަލަ، އޭރަށް ތިކުރެވޭ ކަންތައް އިހުސާސްކުރެވޭނެ… ހާތިބު ގެއްލިގެންދާކަށް އަހަރެން ބޭނުމެއް ނޫން…” ބަރްކާ ވާހަކަދައްކަމުން އައިސް ހާތިބު ކުރިމައްޗަށް ހުއްޓުނެވެ. އޭނަ މަސައްކަތްކުރީ ހާތިބަށް ވިސްނައިދޭށެވެ. އޭރު އަނދައަނދާ ހުރި ޕެޓްރޯލަށް އެއަޅާލެވުނީ ޕެޓްރޯލުކަމެއް އޭނައަކަށް ނޭގެއެވެ.
”ކަލޭ މަށަށް ރަގަޅު ގޮތް ނުދެއްކިއްޔާ ރަގަޅުވާނީ؟… މަ ބޭނުން ގޮތެއް ހަދާނީ!، އެއިންސާނުންނަށް އަހަންނަށް ގެއްލުމެއް ނުދެވޭނެ، އަހަރެން އެމީހުނަށް ވުރެ މާ ބާރުގަދަ ވާނެ…” ހާތިބުގެ އަޑުގައި ވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އެއީ އޭނަގެ ލޯބިވާ ފިރިމީހާ ތާއަބަދަށް ގެއްލުނުކަން ބަރްކާއަށް އިހުސާސް ކުރެވުނު ވަގުތު ކޮޅެވެ. ހާތިބުގެ މުޅި ނަފުސު އެވަނީ އަލިކަމެއް ނުވާ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. ހިތާމައަކީ އެއަނދަވަޅުން ސަލާމަތްވާން ހާތިބު ބޭނުން ނުވާ ކަމެވެ. ހާތިބު އެވަނީ ޝައިތާނީ ވަސްވާހަށް ހިތާއި ސިކުނޑި ހުޅުވާލާފައެވެ.
”ހާތިބު…” ބަރްކާއަށް ގޮވާލެވުނެވެ.
”ބަރްކާގެ ބޭނުމަކީ ކޮބާތަ؟… އެއިންސި ދޫކޮށްލުންތަ؟… އެހެންކަމުގައި ވާނަމަ އެކަމެއް ނުވާނެ… މީގެ ފަހުން އެއީ އަހަރުމެން މުނިފޫހިފިލުވުމުގެ ވަސީލަތެއް…” ހާތިބުގެ ޖުމްލައާއެކު ބަރްކާގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. ސިހުން ލިބުނު ހިނދު އޭނައަށް ހާތިބުގެ މުލައްދަނޑީގައި ހިފަހައްޓާލެވުނެވެ.
”ހެޔޮނުވާނެ އެހެން ހަދަން، އެވެސް އިހުސާސްތަކެއް ލައްވާފައިވާ ފަރާތެކޭ… ތިކުރެވެން އުޅެނީ ކިހާ ވިޔާނުދާ ދަށުދަރަޖަިއގެ އަމަލެއްކަން ހާތިބަށް ހަމަ ނުވިސްނޭތަ؟… އެ އަންހެންކުއްޖާއަށް އެފަދަ ހިތާމައެއް ނުދީ… ހާތިބަށް ކުރެވުނު ކަންތައް އަދިވެސް….” ބަރްކާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހާތިބުގެ ހޫނު އަތްތިލައިގެ ހަމަލާއެއް ބަރްކާގެ ކޯތާފަތް މައްޗަށް އެރިއެވެ. އެހަމަލާގެ ބާރު ގަދަކަމާއެކު ބަރްކާ ވިއްސައިގެން ގޮސްފައި ވެއްޓުނެވެ. އޭރު އޭނަގެ ތުންފަތްމަތި ވެސް ފަޅައިގެން ގޮސް ލޭ އާދެއެވެ. ބަރްކާއަށް އޭނަގެ މޫނުގައި ފިރުމާލެވުނީ ނަގަމުން ދިޔަ ދިލައަށް ލުޔެއް ހޯދައި ދިނުމުގެ ނިޔަތުގައެވެ.
”ކަލޭ ވިސްނަންވީ އަމިއްލަ ނަސްލާ ދޭތެރޭ… އެމީހުންނާ ދޭތެރެއަކު ނޫން!…” ވައިރޯޅީގެ ބާރުމިނުގައި އައިސް ބަރްކާއާ ދިމާއަށް ގުދުވެލަމުން ހާތިބު ހަޅޭއްލަވައިގަތެވެ. ”މީގެ ފަހުން މަގޭ ނިންމުމަކާ މެދު ކަލޭ ފާޑުކިޔައިގެން ނުވާނެ، މަގޭ މިއަމުރާ ޚިލާފު ވެއްޖެނަމަ ތީ މަގޭ އަންހެނުންކަން ހަނދާން ނައްތާލާނަން، ސާފުވެއްޖެތަ؟…”
ބަރްކާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހާތިބު އޭނަގެ ލޯކުރިމަތިން ގެއްލުމާއެކު އޭނައަށް ގިސްލެވިއްޖެއެވެ.
*****
ޒިޔަޒަން އާއި ރަޒާންގެ އިތުރުން އީވާ ރަށުތެރެއަށް އަރައިގެން އައީ އިރުއޮއްސެން ކައިރިވި ފަހުންނެވެ. އޭރު ރަށުތެރެ ވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ. ހީވަނީ ބޮޑު ހަފްލާއެއް ބޭއްވެމުން ދިޔަ ހެންނެވެ. ލިބުނު ހައިރާންކަމާއެކު ތިން ޒުވާނުންނަށް ވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އެއަށްފަހު ހިނގައިގަތީ ބައިގަނޑު އެއްވެފައި އޮތް ދިމާއަށެވެ. އެމައިދާނާ ކައިރިވަމުން ދިޔަ ވަރަކަށް އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑު ގަދަވަމުން ދިޔަ އެވެ. ޒިޔަޒަންގެ ކަންފަތުގައި އެއަޑު ޖެހުމާއެކު އޭނަގެ ހިތް ބިރުވެރި ގޮތަކަށް ތެޅިލިއެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވި ހިނދު ދެފަޔަށް ލެވުނުހާ ބާރަކާއެކު ޒިޔަޒަން ކުރިއަށް ހިނގައިގަތެވެ. ޒިޔަޒަންއަށް އެއައި ބަދަލާއެކު ރަޒާންގެ އިތުރުން އީވާއަށް ވެސް ހައިރާންކަން ލިބުނެވެ. އެމީހުން ވެސް ޒިޔަޒަންގެ ފަހަތުން ހިނގައިގަތެވެ.
ބައިގަނޑުގެ ތެރެއިން ގޮސް ޒިޔަޒަން ހާމައަށް ފެންނަން އޮތް ހުސް ބިމަށް ނިކުތްއިރު ފެނުނު މަންޒަރާއެކު އޭނަ ހުރީ ގަނޑުވެފައެވެ. ޝާޢާގެ ހަށިގަނޑުގައި ފޭރާމެއް ނުވެއެވެ. އޭނަގެ އަތާއި ފައި ބަނދެވިފައި ވިއިރު ޝާޢާގެ ވަށައިގެން ތިބީ ސިފަ ހުތުރު މަހުލޫޤުން ތަކެކެވެ. އެސޮރުމެންތަށް ހޭބޯނާރާ އުޅެނީ ޝަހުވަތްތެރިކަން ފުއްދުމުގައެވެ. އެއިން ކޮންމެ ފަހަރަކު ޝާޢާ ވޭނާއެކު ހަޅޭއްލަވައިގަންނަ އަޑު މުޅި ފަޒާގެ ތެރެއަށް ފެތުރިގެންދެ އެވެ. ޝާޢާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް އެއިން އެއްވެސް މަހުލޫޤަކު ފަރުވާލެއް ނުބަހައްޓައެވެ. އެއަށްވުރެ ބޮޑަށް އެސޮރުމެންގެ އެދުންވެރިކަން ބޮޑުވެފައި ވެއެވެ. އެފާހިޝް އަމަލުގައި ބައިވެރިވަމުން ދިޔަ މަހުލޫޤުންނަށް ވަށައިގެން އެއްވެފައި ތިބި ބައިގަނޑުގެ ހިތްވަރު ދިނުމުގެ އަޑު އިވެއެވެ. ޝާޢާގެ ޚަބަރު ހުސްވެ ހަރަކާތްހުއްޓުނު އިރުވެސް އެކުޅިވަރަށް ނިމުމެއް ނާދެއެވެ.
ޝާޢާއަށް ލިބެމުން ދިޔަ އަނިޔާތައް ފެނި ޒިޔަޒަންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނަގެ ހިތުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ވެސް އުފެދުނެވެ. އެނުލަފާ ޖަނަވާރުންތަކުގެ ވަކިތަކުން ޝާޢާ ސަލާމަތްކުރަން ޒިޔަޒަން އަވަސްވެގަތް ހިނދު އޭނަގެ އަތުގައި ހިފަހެއްޓީ ރަޒާން އެވެ. އެއާއެކު ރަޒާންގެ އަތް ފޮޅުވާލާފައި ކުރިއަށް ދާން ޒިޔަޒަން އުޅުނެވެ. ނަމަވެސް އަނެއްކާ ވެސް ރަޒާން ޒިޔަޒަންއަށް ހުރަސް އެޅިއެވެ.
”މިހާރަކު ނޫން…” ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލަމުން ރަޒާން ވާހަކަދެއްކިއެވެ. ފެންނަމުން ދިޔަ މަންޒަރުން އީވާ ވެސް ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެހާ ރަހުމުކުޑަ އަމަލެއް ހިންގަން ހިތްވަރުދިނީ ކާކު ހެއްޔެވެ؟
”އަހަރެންގެ ގައިން ދޫކޮށްލާ، ރަޒާންއަށް ނުފެންނަނީތަ؟… އެމީހުން އެކުރާ ކަންތައް ނުފެނޭތަ؟… އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނަންވީތަ؟…” ޒިޔަޒަންގެ އަޑުގައި ރުޅިވެރިކަން ވިއެވެ.
”ޒިޔަޒަން ހިނގާބަލަ އަހަންނާއެކު…” ރަޒާން މަސައްކަތްކުރީ ޒިޔަޒަން އެތަނުން ގެންދާށެވެ. އެއީ ޒިޔަޒަންގެ އަމިއްލަ ސަލާމަތަށް ޓަކައެވެ. އެތާނގައި އެންމެ އިސް މޭސްތިރިއަކަށް އެހުރީ ޒިޔަޒަންގެ ބައްޕައެވެ. އެންމެންގެ ކުރިމަތީ ޒިޔަޒަން އޭނަގެ ބައްޕައާއި ކުރިމަތިލާން ހަދައިގެން ބޮޑު ހަޅުތާލުގަނޑެއް ހިނގާފާނެއެވެ. އެހެންވެ އޭނަ މަސައްކަތްކުރީ އެފަދަ ކަމެއް ވިޔަ ނުދީ ހިފެހެއްޓުމަށެވެ. އޭނަ ހަށިގަނޑުގައި ހުރި ބާރުގެ ބޭނުންކޮށްގެން ޒިޔަޒަން އެތަނުން ގެންދިޔަ އެވެ.
ރަޒާން ޒިޔަޒަން ދޫކޮށްލީ މައިދާނާ ދުރަށް ދެވުނު ފަހުންނެވެ. އޭރު ޒިޔަޒަން ރުޅިގަދަވެގެން ގޮސް ހަލާކުވާން ކައިރިވެފައި ވެއެވެ. ޒިޔަޒަންއަށް އައިސްފައިވި ބަދަލުން ރަޒާންއަށް ހައިރާންކަން ވެސް ލިބުނެވެ. އެހިނދު އޭނައަށް ކަމެއް ވިސްނުނެވެ. ޒިޔަޒަންގެ ހިތުން އެއިންސިއަށް އަހައްމިއްޔަތުކަން ދެވިފައިވާކަމެވެ. އެކަމާމެދު އޭނަ ކަންބޮޑު ވިއެވެ.
”މިހާލަތަށް ދާއިރުގައި ވެސް ކަމެއް ނުކޮށް މަޑުން ތިބެންވީތަ؟، ދުޝްމަނެކޭ ކިޔާފައި އެލާއިންސާނީ ޖަރީމާގެ ތެރެއަށް ދޫކޮށްލަންވީތަ؟…” ޒިޔަޒަންގެ އަޑުގައި ރުޅިވެރިކަން ވިއެވެ. ”އޭނަ އިންސާނަކަށް ވީމަ ހިތުހުރިހާ ގޮތެއް ނެހެދޭނެ، އެވެސް އިހުސާސްތަކެއް ލައްވާފައިވާ ފަރާތެކޭ، ވޭނާއި ތަދު އިހުސާސްކުރެވޭނެޔޭ، ރަޒާންއަށް އަޑެއް ނީވޭތަ އޭނަގެ ހަޅޭކުގެ އަޑެއް؟، އެޖިސްމަށް ލިބެމުން އެދާ ވޭން ނުފެނޭތަ؟…”
”ޒިޔަޒަން ހަމަޖެހިބަލަ، ރުޅި އިސްކޮށްކުރާ ކަންތަކުން ފަހުން ހިތާމަކުރަން ޖެހިދާނެ… އެފަދަ އަނިޔާއެއް އެއްވެސް މީހަކަށް ލިބިގެން ނުވާނެ… އަހަންނަށް އެކަން އެބަ ވިސްނޭ… ޒިޔަޒަން، ނިކަން ހަމަޖެހިލައިގެން ވިސްނާލަބަލަ، އަހަންނަށް އެނގޭ ޒިޔަޒަން ބޭނުންވަނީ އޭނައަށް އެހީވާންކަން، ކުރިން ވެސް ޒިޔަޒަން ބޭނުންވީ އެގޮތްކަން އަހަންނަށް އެނގޭ، އެއީ އޭނަގެ ކުށެއް ނުވާތީ… އެކަމަކު ރޭވުމެއް ނެތި ޒިޔަޒަން އެތަނަށް ގޮސް ކުރާ ކަންތަކުން ނިކަމެތިކަން ލިބޭނީ ހަމަ އެއިންސިއަށް… އޭރުން އޭނަ ސަލާމަތްކުރުމުގެ ހުރިހާ ދޮރެއް ބަންދުވެގެންދާނެ…” ރަޒާން ވިސްނައިދިނެވެ. ފުންނޭވާތަކެއް ދޫކޮށްލި ޒިޔަޒަން ރަޒާންގެ ވާހަކަތަކާ މެދު ވިސްނާލިއެވެ.
”ހެޔޮވާނީ ކިހިނެއް އެެހެން ހަދަން، އެފަދަ އަނިޔާއަކަށް އެއިންސިއަކަށް ކެތެއް ނުކުރެވޭނެ، މިހާރު ފިޔަވަޅު ނާޅައިފިއްޔާ އޭނަ މަރުވެދާނެ…” އީވާ ކަންބޮޑުވުން ފާޅުކުރިއެވެ. އަންހެނަކަށް ވީތީ ޝާޢާއަށް ލިބެމުން ދިޔަ އަނިޔާ އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. އޭގެ ސަބަބުން އޭނަ ވެސް ބޭނުންވީ ޝާޢާއަށް އެހީގެ އަތެއް ފޯރުކޮށްދޭށެވެ.
”އަހަރެން ޝާޢާ ސަލާމަތްކުރާނަން، އެވޭން އޭނައަށް ބަރުދާސްތުކުރާކަށް ނުޖައްސާނަން، ރަޒާން އަހަންނަށް އެހީވާނަންތަ؟… ޝާޢާ އިންސާނަކަށް ވީތީ އެފަދަ އަނިޔާއެއްގެ ތެރެއަށް ދޫކޮށެއް ނުލެވޭނެ، އެއީ ރަގަޅު ގޮތެއް ނޫން، އޭނައަށް ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭނެ…” ޒިޔަޒަން އެހީއަކަށް އެދި އޭނަގެ އެކުވެރިޔާއަށް ބަލާލިއެވެ.
”އަހަންނަށް ވީ ގޮތަކުން އެހީވެދޭނަން… އެކަމަކު ހުރިހާ ގޮތަކުން ވިސްނަން ޖެހޭނެ، ޒިޔަޒަންގެ ބައްޕައަކީ ބާރުގަދަ މީހެއް، ވަށައިގެން އެތިބީ ވެސް ބާރުގަދަ ޖިންނީން، އެމީހުން މުޅި އުމުރުދުވަހު ޝާޢާ ހޯދަން މަސައްކަތްކުރާނެ… ރުޅި އިސްކުރުން އެއީ ހައްލެއް ނޫން……” ކުރިމަތިލާން އުޅޭ ކަންތަކުގައި ހުރި ގޮންޖެހުންތައް ރަޒާން ކިޔައިދިނެވެ. އެމީހުން ޝާޢާ އެތަނުން ސަލާމަތްކުރިޔަސް ފުދުނީކީއެއް ނޫނެވެ. ޝާޢާއަށް ފުރިހަމަ ރައްކާތެރިކަން ދެވެން ޖެހޭނެއެވެ. އޭރުން މެނުނީ ހާތިބުގެ އަތްދަށުން ޝާޢާއަށް މިންޖެއް ނުވޭނެއެވެ.
*****
ބޭނުން ފުދުމާއެކު ބާރުކެނޑިފައި އޮތް ޝާޢާ ގެނެސް ރަހުމެއް ނެތް ގޮތުގައި އަނދިރި ގޮޅީގެ ތެރެއަށް އެއްލާލެވުނެވެ. ޝާޢާގެ ޖިސްމަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. ތުންފަތް ފަޅައިގެން ގޮސް ދުޅަވެފައިވާއިރު ދެކޯތާފަތް ވެސް ވަނީ ދުޅަވެފައެވެ. ގައިގެ އެތަން މިތަނުގައި ވަނީ ވަކިތަކުގެ ނިޝާނެވެ. ކުރިމަތިފަރާތަށް ބޮޑެތި ގެއްލުންތައް ލިބިފައި ވިއިރު ލޭވެސް ފައިބާފައި ހުއްޓެވެ. ނިވާކަމެއް ނެތި ޝާޢާ އޮތެވެ.
*****
އިސްދަމުގެ ވަގުތެވެ. ފާރައަށް ތިބި ދެ އިފުރީތުންނަށް ނިދުމާއެކު ފުރަތަމަ އެތެރެއަށް ވަނީ އީވާ އެވެ. ޒިޔަޒަންއާއި ރަޒާން ބޭރުގައި މަޑުކޮށްލައިގެން ތިބީ ނުރައްކަލެއް ނުވޭތޯ ޔަޤީންކުރާށެވެ.
އަތުގައި އޮތް އަލިފާންރޯކުރެވިފައިވާ ދަނޑިކޮޅު އެބެހެއްޓުމަށް ފާރުގައި ހާއްސަކުރެވިފައިވާތަނަށް ލުމަށްފަހު އީވާ ޝާޢާއަށް ބަލާލިއެވެ. ފެނުނު މަންޒަރަކުން އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އަވަސް އަވަހަށް އޭނަ އައިސް ޝާޢާ ގާތަށް ހުއްޓުނެވެ. އަދި ޝާޢާގެ ޖިސްމަށް ލިބިފައިވި އަނިޔާތަށް ފަރުވާތެރިކަމައެކު ބަލަން ފެށިއެވެ. ޒަހަމްތައް ފެންނަމުން ދިޔަ ވަރަކަށް އީވާގެ ހިތަށް އަސަރުކުރިއެވެ. ކޮންފަދަ ބޮޑު އަނިޔާއެކެވެ. ރަހުމުގެ ކަންފުޅެއް އެއިން އެކަކުގެ ހިތަކު ވެސް ނުވެއެވެ.
އޯގާތެރިކަމާއެކު ޝާޢާގެ ބޮލުގައި އީވާ ފިރުމާލަން އުޅުނު ވަގުތު ޝާޢާ ކުކުރާލިއެވެ. އެއާއެކު އީވާ އޭނަގެ އަތް ދުރުކޮށްލިއެވެ. އޭނަ އަދިވެސް އެއްފަހަރު ޝާޢާގެ ޒަހަމްތަކަށް ބަލާލިއެވެ. އަދި ގެއްލުނީ މިވަގުތު އެޒަހަމްތަކަށް ފަރުވާކުރުން މުހިންމު ކަމަކަށްވީތީ އެވެ. އެހެންނޫންނަމަ ޝާޢާގެ ފުރާނައަށް ގެއްލުމެއް ވެދާނެއެވެ.
”ޒިޔަޒަން…” ބޭރަށް ނިކުތް އީވާ ޒިޔަޒަންއަށް ވައިއަޑަކުން ގޮވާލިއެވެ. އެއާއެކު އޭނަގެ ކަނާތްފަރާތުން ފާޅުވެގެން އައީ ބޯ ދުންގަނޑެކެވެ. އިސާހިތަކު އެދުމުގެ ތެރޭން ޒިޔަޒަން ސިފަވެގެން އައެވެ. އޭގެ އިރުކޮޅެއްފަހުން ރަޒާން ވެސް ފާޅުވިއެވެ.
”ވަރަށް ބޮޑެތި ޒަހަމްތައް ލިބިފައިވަނީ… ޒިޔަޒަން އަހަރެން މިބުނާ އެއްޗެހިތައް ގެނެންދީ… އަހަރެން މިތާ މަޑުކުރާނަން…” އީވާ އޭނަ ބޭނުންވާ އެއްޗެހީގެ ނަންތައް ބުނެލިއެވެ. ބޭސްވެރި ޢާއިލާއަކުން އައިސްފައިވާތީ އެކަމުގެ ހުނަރު ކިތަންމެހާ ވެސް މޮޅަށް އީވާއަށް ލިބިފައި ވިއެވެ. ޒިޔަޒަން އެންމެ ސިކުންތެއް ވެސް މަޑުކޮށްނުލާ ގެއްލުނެވެ.
ޒިޔަޒަން އިވާ ބުނި އެއްޗެހިތައް ގެނައުމާއެކު އީވާ އެއެއްޗެހިތައް ހިފައިގެން ގެއްލުނެވެ. ރަޒާންއާއި ޒިޔަޒަން ބޭރުގައި މަޑުކޮށްލައިގެން ތިބީ އީވާގެ ހިލަމެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ. އިންތިޒާރުގައި ވަގުތު ގުނަމުން ދަނިކޮށް އީވާ ގޮވާލިއަޑު އިވުނެވެ.
*****
ހުދު ފޮތިގަނޑަކުން ޝާޢާގެ ހަށިގަނޑު ވަނީ ނިވާކުރެވިފައެވެ. ފުން ނިންޖެއްގައި ޝާޢާ އޮތްއިރު އެމޫނުމަތިން ފެންނަނީ ދިރުން ގެއްލިފައިވާތަނެވެ. އެހާލަތުގައި ޝާޢާ ވާތަން ފެނި ޒިޔަޒަންގެ ހިތުގައި ރިއްސާލިއެވެ. ޝާޢާއަށް ރައްކާތެރިކަން ފޯރުކޮށްދޭން އެއްވެސް ކަމެއް ކޮށްނުދެވުމުން އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
”ޒިޔަޒަން، އަދި ވަގުތު ފާއިތެއް ނުވޭ، އަހަރުމެންނަށް ޝާޢާއަށް ރައްކާތެރިކަން ދެވޭނެ…” ޒިޔަޒަންގެ ކޮނޑުގައި އަތްބާއްވާލަމުން ރަޒާން ބުނެލިއެވެ. ޒިޔަޒަންއަށް އޭނަގެ ހިތުގައިވި އިހުސާސްތަކަށް ދޭނެ ނަމެއް ނޭގުނުކަމުގައި ވިޔަސް، ޒިޔަޒަންގެ ފަރާތުން ފެންނަމުން އައި ބަދަލުތަކުން ރަޒާންއަށް އެކަން ފާހަގަކުރެވެމުން ދިޔަ އެވެ. އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު އޭނަ ބިރުގަތެވެ. އިންސިއަކާއި ޖިންނިއަކަށް އެކުގައި އުޅެވިދާނެ ހެއްޔެވެ؟
ޒިޔަޒަން އައިސް ޝާޢާގެ ގާތުގައި އިށީންނަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައަށް ޝާޢާގެ ބޮލުގައި ފިރުމާލެވުނީ ހިތް އެކަމަށް އެދުނީތީ އެވެ.
”އެމީހުން ހުއްޓައެއް ނުލާނެ، ލިބިފައިވި ޒަހަމްތައް ފަސޭހަވާނެ އިރަށް އަނެއްކާ ވެސް އެކަން ތަކުރާރުކުރާނެ… އޭގެ ކުރިން އަހަރުމެން ކުރަން ޖެހޭކަމެއް ކުރަންވީ…” އީވާ ބުނެލިއެވެ. އެކަމަށް ޒިޔަޒަންއާއި ރަޒާން ވެސް އެއްބަސް ވެލިއެވެ.
ޝާޢާއާއި ޒިޔަޒަންއަށް ވަގުތުދެމުން އީވާއާއި ރަޒާން އެތަނުން ދިޔަ އެވެ. އެދެޒުވާނުންގެ ފިޔަވަޅުތަކުގެ އަޑު އޮބުމާއެކު ޝާޢާގެ އަތްތިލައިގައި ޒިޔަޒަން ހިފާލިއެވެ. އަދި އެތައްތިލަ ގެނެސް ތުންފަތުގައި ޖައްސާލި އެވެ.
”އަހަންނަށް މަޢާފުކުރޭ…”
ޒިޔަޒަން ބުނެލިއެވެ. އެހިނދު އޭނަގެ ލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފާޅުވިއެވެ. ޝާޢާ ވޭނުގައިވާތަން ފެނި އޭނަގެ ހިތަށް ފުން އަސަރުތަކެއް ކޮށްފައި ވިއެވެ. އޭނަގެ ހިތުގައި ޝާޢާ މެދު އުފެދުނު ހަމްދަރުދީގައި މުޅިން ތަފާތު އޮއެވަރެއް އުފެދެމުން ދިޔަ ކަމެއް ޒިޔަޒަންއަކަށް ނޭގެއެވެ.
*****
ޅޮސްގަހެއްގެ އޮފިގަނޑެއްގައި އިށީންދެލައިގެން އީވާއާއި ރަޒާން ތިބިއިރު ދެޒުވާނުންގެ ނަޒަރުތައް ވެސް ވަށައިގެން އޮތް މާހައުލަށް ދަތުރުކުރެ އެވެ. އެހެން ތިބެފައި ރަޒާން ވާހަކަދައްކަން ފެށިއެވެ.
”މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޒިޔަޒަން މުޅިން ބަދަލުވެއްޖެ، އީވާއަށް އެކަން ފާހަގަ ނުކުރެވޭތަ؟…” ރަޒާން އަހާލިއެވެ.
”ފާހަގަ ކުރެވޭ…” އީވާ ބުނެލިއެވެ.
”އެބަދަލުތަކާ ގުޅިފައިވަނީ ޝާޢާ… ޒިޔަޒަންއަށް އެކަމެއް ނޭގޭ، އަހަރެން ބިރުގަންނަނީ އެގުޅުމާ މެދު…” ރަޒާން ބުނެލިއެވެ. ”އިންސާނުންނާ ޖިންނީން އެއީ ތަފާތު ދެ ނަސްލެއްގެ ބައެއް…”
”ކިތައް ފަހަރު އެފަދަ ލޯބީގެ ގުޅުންތައް ހިނގާފައި ވަނީ، އެގުޅުންތަކަށް ދަރިން ވެސް ލިބެއެއްނު…” އީވާ ބުނެލިއެވެ. އޭނަގެ ނަޒަރުގައި އިންސިއަކާއި ޖިންނިއެއްގެ ދެމެދުގައި ލޯބި އުފެދުން އެއީ މައްސަލައެއް ނޫނެވެ.
”އެއީ ކަނޑައެޅިފައިވާ ޚުދޫދުގެ ބޭރުން ހިނގާ ގޯސްކަމެއް، ޖިންނީންނަށް އިންސިއަކާއެކު ނޫޅެވޭނެ، އެއީ ދޮގު ނުކުރެވޭނެ ހަޤީޤަތެއް… އިންސީންގެ ހަށިގަނޑަކު އަހަރުމެންގެ ބާރާއި ހަށިގަނޑުގައި މިވާ ހޫނު ބަރުދާސްތުކުރުމުގެ ކުޅަދާނަކަމެއް ލިބިގެން ނުވޭ… ގިނަފަހަރު އިންސާނާގެ ބުއްދި ގޯސްވަނީ އެސަބަބާ ހެދި… އެފަދަ ގުޅުމެއް ކުރިއަށް ދިޔަޔަސް ގިނަފަހަރަށް އެއިން ގުޅުމަކަށް އުފާވެރި ނިމުމެއް ނާންނާނެ!… ތިބުނާ ދަރިންތައް ބިކަވެ މަރު ނުވޭތަ؟… އަހަރެން ބިރުގަންނަނީ އެހެންވެ… ޒިޔަޒަންއަށް އޭނަގެ ފުރަތަމަ ލޯބި ހާސިލުނުކުރެވޭނެތީ… ލޯތްބަކީ ބާރުގަދަ ޖަޒުބާތެއް، ގިނަ ފަހަރަށް މީހާ ހަލާކުކޮށްލާ އެއްޗެއް… ކުޑަ ހިނދުކޮޅެއްގައި ލޯބި ވެވިދާނެ، ނަމަވެސް އެވެވޭ ލޯބި ދުނިއުމުރަށް ވޭނަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ، ލޯބީގައި ކޮންމެކޮންމެ މީހަކަށް ކާމިޔާބެއް ވެސް ނުލިބޭނެ…” ރަޒާންގެ ވާހަކައާ މެދު އީވާއަށް ވިސްނާލެވުނެވެ. އެބުނީ ދޮގެއް ވެސް ނޫންތާއެވެ.
”މިވަގުތު އެކަންތަކަށް ވުރެ ބޮޑަށް މުހިންމީ ޝާޢާ ސަލާމަތްކޮށް ދިނުމުގައި ޒިޔަޒަންއަށް އެހީވެދިނުން… އެކަމަކު ރަޒާން ބުނިހެން އެކަމުގައި ކާމިޔާބު ހޯދާނީ ކިހިނެއް؟، ޒިޔަޒަންގެ ބައްޕަ ފަސޭހައިން ޝާޢާ ދޫކޮށެއް ނުލާނެ… އޭނަ އެއީ ބާރުގަދަ ޖިންނިއެއް… އަހަރުމެންނަށް އޭނައާއި ކުރިމަތިލެވިދާނެތަ؟…” އީވާ ކަންބޮޑުވުން ފާޅުކުރި އެވެ.
”ޖާނުން ވަރުގަދަ މީހާއަށްވުރެ ސިކުނޑީގެ ބޭނުންކޮށްގެން ހުޝިޔާރުކަމާއެކު ހަމަލާދޭ މީހާ ބާރުގަދަވާނެ، އެހެންނޫނަސް ޒިޔަޒަންއަށް އަދި ނޭގުނަސް އޭނައަކީ ބާރުގަދަ ޖިންނިއެއް، ވަގުތާއި ހާލަތު އެކަން ސާބިތުކޮށްދޭނެ، އެކަމަކު އަހަރުމެން ޖެހޭނެ ހުޝިޔާރުވާން، އެމީހުންގެ ކޮންމެ ކަމަކަށް ސަމާލުކަން ދޭން، އޭރުން އެމީހުންދޭ ހަމަލާއަކަށް ތައްޔާރުވެ ތިބެވޭނީ…” ރަޒާން ބުނެލި އެވެ.
ހެނދުނުގެ ވަގުތެވެ. ހާތިބުގެ އެންގުމަށް ޝާޢާއަށް ބޭސްކުރުމަށް ބޭސްވެރިޔަކު ހޯދުނެވެ. އެކަމަށް ސަމާލުވެގެން ހުރި އީވާ އެންމެ ފުރަތަމަ ވެސް އިސްނެގިއެވެ. އެއީ ޝާޢާއަށް އެހީތެރިވެދިނުމުގެ ގޮތުން އޭނަ ކުރިކަމެކެވެ. އޭނައާއި ޝާޢާއާ ބައްދަލުވެ އެކުވެރިކަން އުފެދޭނެތީއެވެ. ހަމައެއާއެކު އެތަނުން ސަލާމަތްވުމުގައި އެމީހުންގެ ރޭވުމުގެ ބައިތައް ޝާޢާއާ ހިއްސާކުރެވޭނެތީއެވެ.
ޝާޢާގެ ޒަހަމްތަކުގައި ފަތްޕިލާވެލިން ތައްޔާރުކުރެވިފައިވާ ބޭހެއް އީވާ އުނގުޅާލިއެވެ. އޭރު ވެސް ޝާޢާއަށް އޮތީ ނިދިފައެވެ. ޝާޢަގެ ހަށިގަނޑުގެ ފިނިހޫނިމިން ބަލަން އީވާ އޭނަގެ އަތްތިލަ ޝާޢާގެ ނިތްކުރީގައި ޖައްސާލިއެވެ. އެއާއެކު އިހުސާސްކުރެވުނު ހޫނުން ޝާޢާ ކުކުރާލި އެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން ޝާޢާ އޭނަގެ ލޯހުޅުވަން މަސައްކަތްކުރިއެވެ. އޭރު އޭނައަށް ހަށިގަނޑުގައި އުފެދިފައިވާ ވޭން އިހުސާސްކުރެވެން ފެށުނެވެ. ވޭނީ އާހްތަކެއް ޝާޢާގެ ދުލުން ބޭރުވެގެން ދިޔައީ އެސަބަބާ ހުރެއެވެ. ލޯހުޅުވާލި ޝާޢާއަށް ފުރަތަމަ ފެނުނީ ފުސްކޮށެވެ. އޭނައަށް ވަށައިގެންވި މާހައުލަށް ހޭނެން އިރުކޮޅެއް ނެގި އެވެ.
ޝާޢާއަށް އޭނަގެ ގާތުގައި އިން އީވާ ފެނުމާއެކު ދުރަންޖެހިލަން އުޅުނެވެ. ނަމަވެސް އޭނަގެ ހަށިގަނޑު އެކަމަށް އިޖާބަ ނުދިނެވެ. ހަށިގަނޑުގައި އަޅަން ފެށި ވޭނުން މީހާގެ ޚަބަރު ހުސްވެދާހާ ވެއެވެ. ޝާޢާގެ ލޮލަށް ކަރުނަ ޖަމާވީ ކުރީދުވަހުގެ ހާދިސާގެ ހަނދާންތައް އަލާވާން ފެށުމުންވެ. އެއީ ހާދަ ވޭންދެނިވި ވަގުތު ކޮޅެކެވެ. އޭނަގެ ހަށިގަނޑުގެ މަސްތައް ވީދި ނާރުތައް ބުރިބުރިވެގެން ދިޔަ ވަގުތު ކޮޅެކެވެ. ހަށިގަނޑުގެ އެތެރެއަށް ފޭދުނު ހޫނުކަމާއެކު އެތެރެހަށި ވެސް ފިހިގެން ދިޔަ ކަހަލައެވެ. އެފަދަ ވޭނެއް މިއިން ދުވަހަކު އޭނައަށް ތަޖުރިބާ ނުކުރެވެއެވެ. އޭނަގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވިގެން ދިޔައީ އަނިޔާވެރި ޖަނަވާރުންތަކެއްގެ އަތްދަށުވެފައެވެ. އޭނަގެ އިތްފަތްތެރިކަން ނަގާލެވުނީ ރޮއިއޮރި އާދޭސްކުރަމުން ދަނިކޮށެވެ. އޭނަގެ މުޅިން ޖިސްމު އެވަނީ ނުތާހިރުވެފައެވެ. ހަށިގަނޑުގައި ޖެހިފައި އެވަނީ ދުވަހަކު ފިލައިގެން ނުދާނެ ލައްގަނޑެކެވެ. ޝަހުވާނީ އެދުން ފުއްދުމުގެ ވަސީލަތަކަށް އޭނަ އެވަނީ ވެފައެވެ. ދިރިހުރުމުގެ ބޭނުމެއް ވެސް ނެތެވެ. ދުނިޔެއާއި އޭނަ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ އޭނަގެ ޖިސްމުގައި ލެވިފައި އެވާ ލައްގަނޑާއެކު އޭނަ ޤަބޫލުކުރާނީ ކާކު ހެއްޔެވެ؟ ރުހުމުގެ ލޮލަކުން އޭނައަށް ބަލާނެ މީހަކު ނެތެވެ. އަނިޔާވެރި ވަކިތަކެއްގެ ދަށުވެ އޭނަ އެވަނީ ހަފުސް ވެފައެވެ.
ޝާޢާއަށް ގިސްލެވުނެވެ. އޭނަގެ ހަށިގަނޑުގެ އުނަގަނޑުން ތިރީގައި ވާގިނުވާކަހަލައެވެ. އެއީ އޭނައަށް ލިބުނު އަނިޔާތަކުގެ ކުޑަ މިސާލެކެވެ. ޝާޢާ ރޮމުން ދިޔައީ ފޮތިފޮތިވެފައިވާ އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރުމަށެވެ. ހިތްހަލާކުވާހާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ އަތުގައި ފަރުވާތެރިކަމާއެކު ފިރުމާލަމުން ހިތްވަރުލައިދޭން އީވާ މަސައްކަތްކުރިއެވެ. ޝާޢާގެ ހިތްދަތިކަން އޭނައަށް އިހުސާސްކުރެވޭ ކަހަލަ އެވެ.
”އަން މި ބޭސް ބޯލަބަލަ، އޭރުން ތަދު ކެނޑިދާނެ…” ހިތްހެޔޮ ރާގަކަށް އީވާ ބުނެލިއެވެ. އެއާއެކު ރަތްވެފައިވި ދެލޮލުން ޝާޢާ ބަލާލިއެވެ. އޭނަ އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫނެވެ. އަނިޔާ ދީފައި ބޭސްއެކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ރަގަޅުވުމުން އަނެއްކާ ވެސް އެރަހުމުކުޑަ އަމަލު ހިންގަން ހެއްޔެވެ؟ އެއަށްވުރެ އޭނަ މަރުވާން ދޫކޮށްލުން ވެސް މާރަނގަޅު ވާނެއެވެ.
”އަހަރެން މިއީ ޒިޔަޒަންގެ އެކުވެރިއެއް… ޝާޢާއަށް މިތަނުން ސަލަމަތްވެވޭނީ ހަށިގަނޑުގައި ވަރު ޖެހުމުން… ޒިޔަޒަން އެދަނީ ޝާޢާ ސަލާމަތްކޮށްދޭން މަސައްކަތްކުރަމުން، ޝާޢާގެ ވެސް ހިތްވަރު މިކަމުގައި ބޭނުންވާނެ…” އީވާ ބުނެލި އެވެ.
”އަހަރެން ބޭނުމީ މަރުވާން…” ޝާޢާ ގިސްލަމުން ބުނެލިއެވެ. ދުނިޔެއާއި އިތުރަށް ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. އޭނަގެ މުޅި ދިރިއުޅުން އެވަނީ ބަރުބާދުވެގެން ގޮސްފައެވެ. އިއްޒަތާއި އަބުރު ވަނީ ގެއްލިފަ އެވެ.
”ޝާޢާއަށް ލިބުނު އަނިޔާތައް އަހަރެންގެ ހިތަށް ތަސައްވަރުކުރަން ވެސް ދަތި، ޝާޢާގެ ހިތުގައި ތިއަޅާ ވޭނުގެ ސަބަބުން ތިހެން ވާހަކަ ތިދައްކަނީ… އަހަންނަށް އެނގޭ ދުލުން ބުނާހާ ފަސޭހަކަމެއް ނޫންކަން އެއީ، އެކަމަކުވެސް ހިތްވަރުކުރަން ޖެހޭނެ، ދިރިއުޅުމުގެ މައިދާނުގައި ތިފަދަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ، އެކަމަކު ހިތްވަރު އެލި މަރުވާން ބޭނުންވެއްޖެއްޔާ ކާމިޔާބު ލިބޭނީ ކޮންބަޔަކަށް؟، ޝާޢާއަށް ތި އަނިޔާދޭ މީހުންގެ މަޤުސަދަކީ ވެސް އެއީ… ދިރިއުޅުން މަތިން ޝާޢާ ފޫހިކުރުވުން، ޝާޢާ ބޭނުންތަ އެމީހުނަށް ކުރިއެރުން ލިބެން؟، އެމީހުންގެ ރޭވުންތައް ކާމިޔާބުވާން… އެމީހުންނަށް ގޮންޖަހާލައި ކުރިއަށް ދެވޭނީ ކެތްތެރިވުމުން، ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ، ޝާޢާއަށް އެހީތެރިވެދޭން ބަޔަކު އެބަތިބި، އެމީހުންގެ އަތުގައި ހިފާ، ކެތްތެރިވޭ…” އީވާގެ ވާހަކަތަކުން ޝާޢާއަށް ހިތްވަރުލިބުނެވެ. ދުވަސްތަކަކަށްފަހު އޭނަގެ އެކުވެރި އައިޝާގެ މަތިން ހަނދާން ވިއެވެ. އައިޝާ ވެސް އޭނައަށް އެފަދައިން ހިތްވަރުލައިދިނެވެ. ނަމަވެސް ކުރިމަތިވި ހާދިސާއަށްފަހު އޭނަ އެވަނީ މުޅިން ބަލިކަށިވެ ދުނިޔެ މަތިން ފޫހިވެފަ އެވެ.
”ޝާޢާއަށް މިތަނުން ސަލާމަތްވެވޭނީ ކެތްތެރިވުމުން، ޖިންނީންނަކީ އެމީހުން ދެކެ ބިރުގަންނަ އިންސާނުންގެ މައްޗަށް ބާރުގަދަ ވެގަންނަ ބަޔެއް، އެމީހުން ބަލިކުރަން ބޭނުންވާނަމަ ޖެހޭނީ އެބިރު ކަނޑުވާލަން، ނޫންނަމަ އޭގެ ނާޖާއިޒު ފައިދާ ކޮންމެ ވަގުތަކު ވެސް އެމީހުން ނަގާނެ… ޝާޢާ ބަލިކަށިވުން އެއީ ޖިންނީންނަށް ދެވޭ ދައުވަތެއް، ނަމަވެސް މީހާ އެބިރާ ކުރިމަތިލައިފިނަމަ އެމީހުން ބަލިކަށިވާނެ، ޖިންނީންނަށް ބާރުތަކެއް ވެސް ދެއްވާފައިވަނީ ވަކި އިމެއްގެ ތެރޭން…” ޝާޢާއަށް ހިތްވަރުލައިދެމުން އީވާ ވާހަކަދެއްކި އެވެ.
”މިއީ އެންމެ ބޮޑަށް ޝާޢާ ހިތްވަރުކުރަންވީ ވަގުތު، ތިހެން އޮވެ މަރުވުމަށް އެދޭނަމަ ކާމިޔާބު ލިބޭނީ ކޮންބަޔަކަށް… ޝާޢާ ބޭނުމެއް ނުވޭތަ މިތަނުން ސަލާމަތްވާކަށް؟…” އީވާ އަހާލި އެވެ.
”ބޭ…ނު..ން” ރުއިމުގެ ތެރޭން އީވާ ބުނެލި އެވެ.
”ފުރަތަމަ ކަމަކަށް ރުއިން ހުއްޓާލާ، ދެން މި ބޭސް ބޯލާ، އަދި ޒިޔަޒަންއަށް އިތުބާރުކުރޭ، އޭނަ އެހުރީ އަޒުމެއްގެ މަތީގައި…” އީވާ ބުނެލިއެވެ. އަދި އޭނަގެ އަތުގައި އޮތް ކުޑަ ބޯތަށި ޝާޢާގެ ތުނބުގައި ޖައްސާލި އެވެ.
”ޝާޢާ ޖެހޭނެ ތި ހިތުގައިވާ ބިރާ ކުރިމަތިލާން…” ފަނޑު ހިނިތުންވުމަކާއެކު އީވާ ބުނެލިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އީވާއާއި ޝާޢާގެ ދެމެދުގައި އެކުވެރިކަން ބަދަހިވެގެން ދިޔަ އެވެ. އީވާގެ ސަބަބުން ޝާޢާ ވަރަށް ބޮޑަށް އައިޝާ މަތިން ހަނދާން ވިއެވެ. އޭނަގެ ދިލަ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިފައި ވިއެވެ. ހިތާމައިގެ ތެރޭގައި އިތުބާރުކުރެވޭ ފަދަ އޯގާތެރި އެކުވެރިޔަކު ލިބުނީތީ އެވެ. ރަގަޅުވުމަށް އޭނައަށް ހިތްވަރު ލިބުނެވެ.
*****
އާދައިގެ މަތިން ޒިޔަޒަން ޝާޢާއާ ބައްދަލުކުރަން އައީ ދަންވަރު ވަގުތުގައެވެ. އޭރު ޝާޢާއަށް އޮތީ ނިދިފައެވެ. އީވާ ދިން ބޭހުން ޝާޢާއަށް ޝިފާ ލިބިފައި ވިއެވެ. ޝާޢާގެ ގާތުގައި އިށީން ޒިޔަޒަން ފަރުވާތެރިކަމާއެކު ޝާޢާގެ މޫނަށް ބަލާލިއެވެ. ނިދީގައި އޮތް އިރު އެމޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. އޭގެ ސަބަބުން ޒިޔަޒަންގެ ހިތަށް ފިނިކަން ލިބުނެވެ. އޭނަ ޝާޢާގެ މަޑުއަތްތިލާގައި ހިފާލި ތަނާ ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. ޝާޢާއަށް ވީ ގޮތް ފެނިފައި ވަގުތުން ޒިޔަޒަން މަޢާފަށް އެދުނެވެ.
ދެޒުވާނުންގެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ޝާޢާ ޒިޔަޒަންއަށް ބަލަމުން ދިޔަ ހިނދު އެމޫނުމަތިން އޭނައަށް އޫދާސްކަން ފާހަގަކުރެވުނެވެ. އޭނައަށް ހިތާ ސުވާލުކޮށްލެވުނީ އޭގެ ފަހަތުގައިވާ ސަބަބާ މެދުގައެވެ. ޒިޔަޒަން ވެސް ޝާޢާއަށް ބަލާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިއުމާއެކު ކޮންމެވެސް ކަހަލަ ޖަޒުބާތުތަކެއް އުފެދިގެން ދިޔަކަން ގައިމެވެ. ނަމަވެސް އަވަސް އަވަހަށް ޝާޢާ އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ. ޒިޔަޒަންގެ ލޮލުގައިވި ޝުޢޫރުތައް ފެނި އޭނަ ސިކުނޑީީގައި އާލާވެގެން އައީ ޔޫނުސްގެ ހަނދާންތަކެވެ. އޭނައަށް ހާސިލުނުކުރެވުނު ލޯބީގެ ހިތި ހަނދާންތައް ހިތުގައި އާލާވެގެން ދިއުމާއެކު ލޮލުން ކަރުނަ ހިލުނެވެ. ހިތުގައި ޖެހި ރޮވުނެވެ.
”ޝާޢާ…” ޒިޔަޒަން ކަންބޮޑުވެފައިވާ ރާގަކަށް ގޮވާލިއެވެ. އޭނަ ހުރީ ހަދަންވީ ގޮތެއް ނޭގިފައެވެ. ދެޚިޔާލެއްގައި ވަނިކޮށް ޝާޢާ ޒިޔަޒަންގެ އަތުގައި ހިފާބާރުކޮށްލިއެވެ. ޝާޢާއަށް ރޮވެމުން ދިޔައީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އޭނަ ހިތްވަރުކުރަން ބޭނުމެވެ. އެހެނަސް ހިތުގައި ލެވިފައިވާ ތާޒާ ޒަހަމްތަކުން ކޮންމެ ފަަހަރަކު އޭނަ ރޮއްވާލުމުގައި ކާމިޔާބު ހޯދައެވެ.
”އަހަރެން ސަލާމަތްކޮށްދީ…”
ޝާޢާއަށް ރުއިމުގެ ތެރޭން ބުނެލެވުނެވެ. އެވަގުތު ޒިޔަޒަންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ޝާޢާ ގެނެސް މޭގައި ޖައްސާލެވުނީ އެކަމަށް ހިތް އެދުނު ވަރުންނެވެ. ޝާޢާ ވެސް ހުރީ އެކަމަށް ބޭނުން ވެފައެވެ. ޒިޔަޒަންގެ ގައިގައި ބައްދާލަމުން އޭނަ އެތެރެއަށް ނޭފަތް ދަމާލިއެވެ.
ޝާޢާގެ ނާޒުކު ހަށިގަނޑު އެބާރުގަދަ ދެއަތުން ޒިޔަޒަން ވަށާލިއެވެ.
ޝާޢާގެ ލޮލުން ފޭބި ކަރުނަތަކުން ޒިޔަޒަންގެ މޭމަތި ތެމި މެޔަށް ފިނިވެފައިވިއެވެ.
”ޒިޔަޒަން، އަހަރެން ސަލަމަތްކޮށްދީ، އަހަރެން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީ، ޒިޔަޒަން ބުނީމެއްނު އަހަރެން ސަލާމަތްކޮށްދޭނަމޭ، އެވަޢުދު ފުއްދާދީ… އަހަރެން ސަލާމަތްކޮށްދީ… އަހަންނަށް އިތުރަށް ކެތެއް ނުކުރެވޭނެ…” ޝާޢާ ރޮމުން އާދޭސްކުރިއެވެ.
”ޝާޢާ ދެރަނުވޭ، އެދުވަހު ޝާޢާއަށް ރައްކާތެރިކަން ނުދެވުނަސް މިހާރު އަހަރެން މިިހިރީ… އެފަދަ ކަމެއް ތަކުރާރު ވިޔަނުދޭނަން ކަމުގައި ވަޢުދުވަން… އަހަރެން ޝާޢާ ސަލާމަތްކޮށްދޭނަން…” ޒިޔަޒަން ވަޢުދުވިއެވެ. އޭނަގެ ހިތުގައި ޝާޢާއަށް ތަފާތު ވިންދެއް ޖަހަން ފެށިއެވެ. ޝާޢާއާއި ގާތުގައި ހުރެވުމުން އޭނަގެ ހިތަށް ހަމަޖެހުން ލިބިފައި ވިއެވެ.
ޒިޔަޒަންގެ ވާހަކަތައް މިފަހަރު ޝާޢާ ޤަބޫލުކުރިއެވެ. ޒިޔަޒަންގެ އަޑުގައި ވަނީ ސާބިތުކަމެވެ. ހަމައެއާއެކު އެއަތުގެ ހިމާޔަތުގެ ތެރޭގައިވުމުން ޝާޢާއަށް ރައްކާތެރިކަން އިހުސާސްކުރެވުނެވެ.
ޒިޔަޒަންއާއި ޝާޢާ ވަކިވެގެން ދިޔައީ ފަތިސްވާން ކައިރިވީފަހުންނެވެ. އޭރު ދެހިތަށް ވެސް ލުޔެއް ލިބިފައިވިއެވެ. ޒިޔަޒަންއާއި ވަކިވުމުން ޝާޢާގެ ހިތަށް ހުސްކަމެއް ވެރިވިއެވެ. ލަސްލަހުން އިރުގެ އަލި މުޅިތަނަށް ވެރިވަމުން ދިޔަތަން ބަލަން ޝާޢާ އޮތެވެ. އޭނައަށް އާ އުއްމީދެއް ލިބިފައިވާ ކަހަލަ އެވެ. ކުރިއަށްވުރެ ބޮޑަށް ރަގަޅުވާން އޭނަ އަޒުމުކަނޑައެޅި އެވެ.
*****
ތިން ހަފުތާ ފާއިތުވެގެން ދިޔަ އިރު ޝާޢާގެ ޒަހަމްތައް ވެސް މުޅިންހެން ފަސޭހަ ވެއްޖެއެވެ. އެދުވަސްކޮޅުގެ ތެރޭގައި އޭނައަށް އެއްވެސް ޖިންނިއެއްގެ އުނދަގޫ ނުފޯރައެވެ. ހާތިބު ވެސް ލޮލަށް ދައްކާނުލައެވެ. އެކަމާހުރެ ކުރަންވީ އުފާކަމެއް ނުވަތަ ކަންބޮޑުވާންވީކަމެއް ޝާޢާއަކަށް ނޭގުނެވެ.
ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ޝާޢާ އާއި އީވާގެ އެކުވެރިކަން ވެސް ނުހަނު ބޮޑަށް ބަދަހިވެއްޖެއެވެ. ޖިންނީންގެ ތެރޭން އިތުބާރުކުރެވޭ ފަދަ ދެ އެކުވެރިން ޝާޢާއަށް ލިބުނެވެ. އޭނައަށް ހިތްދަތިކަމާއި ކެކުޅުން ލިބުނު ހިނދު އޭނަގެ ހިތްވަރެއް ކަމުގައިވީ ޒިޔަޒަން އެވެ. ޒިޔަޒަންގެ އޯގާތެރިކަމުން ހަލާކުވެފައިވި ޝާޢާގެ ހިތުގައި މަލަން އަޅާލަ ދިނެވެ. ލޭއޮހޮރެމުން ދިޔަ ޖިސްމަށް ޝިފާއެއް ލިބުނެވެ. ދަންވަރުވުމާއެކު އޭނައަށް އެންމެ ބޮޑަށް އިންތިޒާރުކުރެވެނީ ވެސް ޒިޔަޒަން އަންނާނެ އިރަކަށެވެ. ކީއްވެގެންކަމެއް ނޭގެއެވެ. ޒިޔަޒަން ފެނުމުން އޭނަގެ ހިތަށް ފިނިކަން ލިބެއެވެ. ބިރުވެރިކަން ފިލައިގެން ދެއެވެ. ހިތްވަރު ލިބެއެވެ. އެވާ ގޮތެއް އޭނައަކަށް ނޭގެއެވެ. އެނގޭހާ ވެސް ކަމަކީ ކުރިން އޭނަގެ ހިތުގައި ޒިޔަޒަންއާ މެދު އުފެދިފައިވި ބިރުވެރިކަމާއި ރުޅިވެރިކަން ފިލާ ހިނގައްޖެކަމެވެ. އެހިތުގައި މުޅިން އައު ޖަޒުބާތުތަކެއް އުފަންވެ ވިންދު ޖަހަން ފަށައިފިކަން ޝާޢާއަށް އިހުސާސްކުރެވެމުން ދިޔަ އެވެ.
އާދައިގެ މަތިން ޒިޔަޒަން ޝާޢާއާއި ބައްދަލުކުރަން އައެވެ. މިރޭ ޒިޔަޒަން އައިއިރު އޭނައައީ ޝާޢާއަށް ދޭން އީވާ ތައްޔާރުކުރި ފޮނި އެއްޗެއް ހިފައިގެންނެވެ. ކެޔޮފަތުގައި ހުރި އެއްޗެހި ޝާޢާއަށް ދިއްކޮށްލަމުން، ޝާޢާއާ ކުރިމައްޗަށް ވާނެހެން ޒިޔަޒަން އިށީނެވެ.
ޝާޢާ ކަމުން ދިޔަ އިރު ޒިޔަޒަން އިނީ ބަލަންށެވެ. އޭނަގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެފައިވިއެވެ. ދިމާވި ހިތާމަވެރި ހާދިސާއިން އަރައިގަންނަން ޝާޢާ ކުރަމުން ދިޔަ މަސައްކަތް ފެނި ޒިޔަޒަން އުފާވެއެވެ. ނަމަވެސް އެހާދިސާ މުޅިން ހަނދާނުން ފިލުވާލަން އުނދަގޫވާނެކަން އެނގޭތީ އޭނައަށް ވެވުނު ގޮތަކުން ޝާޢާއަށް ޒިޔަޒަން އެހީވެދެއެވެ. އޭނަ ގިނަ ފަހަރު އޭނައަށް ލިބިފައިވާ ބާރުގެ ބޭނުން ކުރަނީ ޝާޢާ ނިންދެވުމުގައެވެ. ލިބުނު ނަފުސާނީ ގެއްލުންތަކުން ޝާޢާއަށް ނިކުމެވުން ވެފައިވަނީ ގޮންޖެހުމަކަށެވެ. ސިއްސައިގެން ގޮސް ހޭލެވުމާއި، ނިދީގައި ރޮވޭވަރުން ޝާޢާއަށް ނުނިދެއެވެ. ނަމަވެސް ޒިޔަޒަން އޭނަގެ ބާރުން ޝާޢާ ނިންދަވާލަނީ އެވޭން ތަހައްމަލުކުރަން ޝާޢާ ދޫކޮށްލަން ހިތް ނޭދޭތީއެވެ.
އަތުގައި އޮތް ކެޔޮފަތުގައި ހުރި ފޮނިއެއްޗެހި ކަމުން ދިޔަ ޝާޢާއަށް ބަލާލަމުން ޒިޔަޒަން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި މިރޭ އޭނައައި މަޤުޟަދާއިގެން ކުރިއަށްދާން ގަސްދުކުރިއެވެ. އޭނަ އެވާހަކަތައް ފެށީ ދުރުދުރުންނެވެ.
”ޝާޢާ އަނބުރާ ދިއުމުން އެހީތެރިވެދޭނެ ބަޔަކު ތިބޭނެތަ؟…” ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ޒިޔަޒަން އަހާލިއެވެ.
”އާނ، އައިޝާ ހުންނާނެ، އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ…” ޝާޢާ ޖަވާބު ދެމުން ބުނެލިއެވެ. ޒިޔަޒަންގެ ސުވާލުން އޭނަގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އޭނަ ހައްޔަރީން ސަލާމަތްވާ ދުވަސް އައިސް ޖެހެނީ ހެއްޔެވެ؟
”ދެން އެންމެ ގިނަވެގެން ވެސް ޝާޢާ މިތަނުގައި ހުންނަން ޖެހޭނީ ދެދުވަސް ވަންދެން، އެއަށްފަހު ޝާޢާގެ ކުރީގެ ދިރިއުޅުން އަނބުރާ ލިބޭނެ…” ޒިޔަޒަންގެ ވާހަކައިން ޝާޢާގެ ހިތަށް އުފާވެރިކަން ލިބުނެއް ކަމަކު ޒިޔަޒަންއާއި ވަކިވާން ޖެހޭ ވަގުތު އައިސް ބައްދަލުކުރަނީކަން ހާމަވުމުން މާޔޫސްކަން އެދެލޮލުން ވިދާލިއެވެ.
”އެކަމަކު އަހަންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެތަ؟…” ޝާޢާ އަހާލިއެވެ.
”އާނ، ލިބޭނެ، އަހަރެން މިދަނީ ޝާޢާގެ ހަށިރައްކަލަށް ކަންތައްތަކެއް ކުރަމުން، އޭގެ ފަހުން އެއްވެސް ޝައިތާނަކަށް އަދި މާރިދަކަށް ޝާޢާއަށް ގެއްލުން ދޭން ކައިރިވާކަށް ވެސް ނުކެރޭނެ…” ޒިޔަޒަން ބުނެދިނެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނަ ބުރަކޮށް އުޅުނީ އެކަމުގައެވެ. ރަޒާންގެ ބޮޑު ބޭބެއެއްގެ އެހީގައި އޭނަ މަސައްކަތްއެކުރަނީ ޝައިތާނުންގެ ލޯތަކަށް ޝާޢާ ގެއްލުވާލާށެވެ. އޭރުން ދުނިއުމުރަށް ޝާޢާއަށް ރައްކާތެރިކަން ލިބޭނެއެވެ.
”ޒިޔަޒަންގެ ބައްޕަ؟…” ޝާޢާއަށް އަހާލެވުނެވެ.
”އެއްވެސް ޝައިތާނަކަށް ޝާޢާއަށް ގެއްލުމެއްދޭން ނުކުރޭނެ، އަހަރެންގެ ބައްޕަ އަނިޔާވެރިވެ ލޭއޮހޮރުވަން ފެށި ދުވަހުން ފެށިގެން ޝާމިލުވެގެން ދިޔައީ ޝައިތާނާގެ ވަފުދުގެ ތެރޭގައި، އަލިކަމުން ބޭރުވެ އަނދިރީގެ ތެރެއަށް މުޅި މީހާ ވަނީ ގެއްލިފައި…. މިހާރު އެއީ އަހަރެންގެ ބައްޕައެއް ނޫން، އެއީ މުޅިން އެހެން މީހެއް…” ޒިޔަޒަން އަޑުގައި ހިތިކަމެއް ވިއެވެ.
”އިންސާނުންގެ ދުނިޔެއަށް ދިއުމުން ޝާޢާއަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ، އަހަރެން ދޭ އެތި ޝާޢާގެ ހަށިގަނޑުގައި ވާހާ ހިނދަކު ޝައިތާނުންގެ އުނދަގޫ ނުފޯރާނެ، ނަމަވެސް އެއަށް އެކަނި ބަރޯސާވެގެން ނުވާނެ!… ޝާޢާ ޖެހޭނެ ނަމާދުކޮށް ހެއްދެވި ފަރާތުގެ ކިބައިން ވާގިއަށް އެދި ދަންނަވަން، ޤުރުއާނުން ރައްކާތެރިކަން ހޯދަން… ޖިންނީންނަށް ބާރުތަކެއް ދެއްވާފައި ވިޔަސް ނަމާދުކޮށް އަޅުކަމުގައި މަސްއޫލުވާ މީހާ ދެކެ ޖިންނީން ބިރުގަންނާނެ، ކައިރިވާކަން ނުކެރޭނެ… ޖިންނީންނާ މެދު ހިތުގައި އޮތް ބިރުވެރިކަން ނެތި ދިއުމުން އެމީހުންގެ މައްޗަށް ގަދަވެވޭނެ… މިކަމުގައި ބޭނުންވާނީ ޝާޢާގެ ހިތްވަރު… އެއްވެސް ހާލަތެއްގައި ބިރު ނުގަންނާތި… އަޤީދާ ވަރުގަދަވުމުން ޝާޢާގެ ނަފުސަށް ވެސް ހަމަޖެހުން ލިބޭނެ، ރައްކާތެރިކަން އިހުސާސްކުރެވޭނެ…” ޒިޔަޒަން ވަރަށް ތަފުސީލުކޮށް ނުބައި ޖިންނީންގެ ފުށުން ސަލާމަތްވާނެ ގޮތް ޝާޢާއަށް ކިޔައި ދިނެވެ. ކަނުލާ އަޑުއަހަމުން ޝާޢާ ދިޔަ އެވެ.
”އަހަރެން ދިއުމުން ޒިޔަޒަންއަށް ވާނީ ކިހިނެއް؟، އީވާއަށް ވާނީ ކިހިނެއް؟… އަހަންނާ ހެދި ތި ދެމީހުންނަށް ގެއްލުމެއް ކުރިމަތިވާކަށް އަހަރެން ބޭނުމެއް ނޫން…” ކަންބޮޑުވެފައިވި ރާގަކުން ޝާޢާ ވާހަކަދެއްކިއެވެ. އޭރު އޭނަގެ ހިތުގައި ރިހުމެއް ވެސް އުފެދިފައި ވިއެވެ. އަލްވަދާޢު ކިޔުމުގެ ވަގުތު އައިސް ޖެހިފައި ވުމުންނެވެ. ނަމަވެސް އޭނަގެ ހިތުގެ ހާލު ޒިޔަޒަންއަށް ބަޔާންކޮށްދޭން ޝާޢާ ފަސްޖެހުނެވެ. އޭނައަށް ޒިޔަޒަންގެ ހިތް އޮތްގޮތް ނޭގޭތީއެވެ. ހަމައެއާއެކު އެދެމެދުގައިވި ފަރަގުގެ ސަބަބުންނެވެ. އެއީ ދެނަސްލެއްގެ ބަޔަކަށް ވީތީއެވެ. އެއީ އެލޯބި ހާސިލުކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހެވެ.
”ޝާޢާއަށް އެހީވާން އަހަރުމެން ނިންމި ދުވަހުން ފެށިގެން އަހަރުމެންމީ ކުށްވެރިން… ޝާޢާއަށް ރައްކާތެރިކަން ޔަޤީންކޮށްދީފައި އަހަރުމެން ޖެހޭނީ ބައްޕައަށް ނުފެންނަ ހިސާބަކަށް ދުރަށް ދާން…” ޒިޔަޒަން ބުނެލިއެވެ. އޭނަގެ އަޑުން ވެސް ޝާޢާއަށް އަލްވަދާއު ކިޔަން ބޭނުންނުވާކަން އެނގެއެވެ. އެހެނަސް އޭނައަށް އެވަނީ މަޖުބޫރުވެފައެވެ. އޭނަގެ ހިތުގައި އެވާ ލޯތްބަށް ކުރިއެރުން ނުލިބުނޭނެތީއެވެ. އިންސީންނާއި ޖިންނީން އެއީ ތަފާތު ދެނަސްލެއްގެ ބަޔެކެވެ. ދެނަސްލު މަސްހުނިވުން އެއީ ޚަދޫދުން ބޭރުގައިވާކަމެވެ. އޭނަ ގަދައަޅައި މަސައްކަތްކުރަމުން ދިޔައީ އިހުސާސްތައް ހިންދާލެވޭތޯއެވެ. އެހެންނޫނަމަ އޭނަގެ މަޤުޟަދަށް އެކަމުން ހިޔަނި އެޅިދާނެއެވެ.
”އަހަންނަށް ޒިޔަޒަން ދެން ނުފެންނާނެއޭތަ ތިބުނަނީ؟…” ޝާޢާގެ ހިތް ތެޅިލިއެވެ. އެފަދައިން ކަންތައް ވާން ޝާޢާގެ ހިތެއް ނޭދުނެވެ.
”އާނ، ޝާޢާ އިންސާނުންގެ ދުނިޔެއަށް އަނބުރާ ދާފަހުން އަހަރުމެން ދާން ޖެހޭނީ ދެމަގުން، ޖިންނީން އިންސީންގެ ދުނިޔެއަށް ދިއުން އެއީ ރަގަޅުކަމެއް ނޫން… އެއީ ގޯހެއް… މިދުނިޔޭގައި އެކަން ލައްވާފައި އޮތް ގޮތަކީ އެއީ، އެގޮތް ބަދަލެއް ނުކުރެވޭނެ އެއްވެސް މީހަކަށް…” ޒިޔަޒަން ހާމަކުރިއެވެ.
ޝާޢާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. ޒިޔަޒަން އެހާމަކުރަނީ އޭނަގެ ހިތް ބިރުގެންފައިވާ ހަޤީޤަތެވެ. އެހެނެއްކަމަކު އެހަޤީޤަތް ބަދަލުކުރަން އޭނަ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ދުނިޔޭގެ އުސޫލަށް ގޮންޖަހަންވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟
”އަހަރެން މާދަމާ ރޭ އަންނާނަން…” ޒިޔަޒަން ބުނެލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދިއުމަށް ހިނގައިގަތެވެ. ޒިޔަޒަން ދިޔަ ދިމާއަށް ބަލަން ޝާޢާއަށް އިދެވުނީ ފެންކަޅި ވެފައެވެ. އެއީ އޭނަގެ ހަޔާތަށް ދާދި ކުޑަ ދުވަސްކޮޅަކަށް އައި މެހުމާނެކެވެ. އެހިތުގައި ޒިޔަޒަންއަށް ހާއްސަ މަގާމެއް ދެވުނީ ނޭގި ހުއްޓާ އެވެ. ނަމަވެސް މިހާރު އޭނައަށް އެވަނީ އެމެހުމާނާއަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އެހިނދު ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. އޭނަގެ ހިތުގައި ޖަޒުބާތުތައް އުފެދުނީ ކީއްވެ ހެއްޔެވެ؟ ތަފާތު ނަޒަރަކުން ޒިޔަޒަންއަށް ބެލެން ފެށުނީ ކީއްވެ ހެއްޔެވެ؟ އޭނައަށް އެހާ ބޮޑު ބަދަލެއް އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ ޔޫނުސްގެ ވަކިވެ ދިއުމުގެ ހިތާމަތައް ލުއިވެ ދެވަނަ ފަރާތަކަށް އެހިތް ހުޅުވާލެވުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް ލޯބީގެ މައިދާނުގައި އޭނައަށް ޖެހިފައި އެވަނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. އޭނައެއީ ބަދުނަސީބު ވެރިއެކެވެ.
*****
ހާމަފެންޑާއަށް ނިކުމެ ހުރި ބަރްކާއަށް ފެނުނު މަންޒަރާއެކު އޭނަގެ ދެލޯ ބޮޑުވެއްޖެއެވެ. ކުރިއަށް ޖެހިލަމުން ކުރިއަށް ވުރެ ބޮޑަށް އޭނަ ސަމާލުވެލިއެވެ. ގައިދީން ބަހައްޓާފައިވާ ތަނުން ނިކުތް ޒިޔަޒަންއަށް އޭނަ ބަލަން ހުރީ ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. އޭގެ މާނަ ނަގަންވީ ގޮތެއް ނޭގިފައެވެ.
****
ބޮޑުކޮޓަރިއަށް ވަދެގެން އައި ޒިޔަޒަން ސިހުނީ އޭނައަށް ބަރްކާ ގޮވާލި އަޑު އިވުމުންނެވެ. އޭނަ އަޑުއައި ދިމާއަށް އެނބުރިލުމާއެކު ފަނޑުއަލިކަމުގެ ތެރޭން ސޯފާގައި އިން ބަރްކާ ފެނިއްޖެއެވެ. އެގަޑީގައި މަންމަ ފެނުމުން ހިސާބެއްގެ ހައިރާންކަމެއް ވެސް ޒިޔަޒަންއަށް ލިބުނެވެ.
”މަންމަ ނުނިދަނީތަ؟…” ޒިޔަޒަން ކުރިއަށް ހިނގައިގަންނަމުން ސުވާލުކުރިއެވެ.
”ޒިޔަޒަން ތިއައީ ކޮންތަނަކުން؟…” ސޯފާއިން ތެދުވުނު ބަރްކާ ބުނެލިއެވެ. ހީވީ އޭނައަށް ފެނުނު ކަންތަކާއެކު ޒިޔަޒަންއާއި ކުރިމަތިލީ ހެންނެވެ. މަންމަގެ ސުވާލާއެކު ޒިޔަޒަންއަށް ހާސްކަމެއް ލިބުނެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރި ޝުޢޫރުތަކުން އޭނަގެ ހިތް ވެސް ތެޅިލައިފިއެވެ.
”ރަޒާންމެންނާއެކު އުޅެފައި މިއައީ…” ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ޒިޔަޒަން ދޮގެއް ހަދާލިއެވެ. މަންމަ އޭނައަށް ބަލަން ހުރި ގޮތުން ޒިޔަޒަންއަށް ހިންދިރުވާލެވުނެވެ. އޭނަގެ ސިއްރު ބޭޒާރުވާން އުޅެނީ ހެއްޔެވެ؟
”މިހާރު މަންމަ ގާތު ދޮގު ވެސް ހަދަން ފެށީދޯ؟…” ބަރްކާ ހިތްހަމަ ނުޖެހިފައިވާ އަޑަކުން ބުނެލިއެވެ. ”ޒިޔަޒަން ތިއައީ އޭނައާ ބައްދަލުކުރަން ގޮސްފައެއްނު؟… އެކީއްކުރަން؟… ކިހާ ދުވަހެއް ވެއްޖެ މިކަމެއް ހިނގާތާ؟…”
ބަރްކާގެ ވާހަކަތަކުން ޒިޔަޒަންއަށް ހުއްޓުން އަރާފައި ހުރެވުނެވެ. މަންމަ އޭނައާއި ކުރިމަތިލީ ހުރިހާކަމެއް އެނގި ހުރެއެވެ. އެއާއެކު އިތުރަށް އެއިން އެއްވެސް ކަމެއް ސިއްރުނުކުރެވޭނެކަން ޒިޔަޒަންއަށް އެނގުނެވެ. ނަމަވެސް އޭނަގެ ހިތް ބިރުގެންފައިވީ އެމީހުންގެ ރޭވުމަށް ހުރަސްއެޅިދާނެތީއެވެ. ބައްޕަގެ ނުފޫޒާ ހުރެ މަންމަގެ ފަރާތުން އެއްބާރުލުން ނުލިބިދާނެތީ އެވެ.
”ކޮންދުވަހަކުންތަ ބައްޕަ އެކުރާ ކަންތަކާ ދެކޮޅަށް މަންމަ އެއްޗެކޭ ބުނަނީ؟… ކޮންމެ ކަމެއްގައި ވެސް ހައްދެއް ކަނޑައެޅިފައިވޭ، ބައްޕަ އެވަނީ އެހުރިހާ ހައްދުތަކެއް ފަހަނައަޅައި ގޮސްފައި، ބައްޕަގެ ހިތުގައި ރަހުމެއް ނުވޭ، އެހިތުގައިވަނީ ހަމައެކަނި ނަފުރަތު، އޭގެ ސަބަބުން ހެޔޮމަގުން ބައްޕަ އެވަނީ އެއްކިބާ ވެފައި، ދެން އަނބުރާ އަލިކަމުގެ ތެރެއަށް ނާދޭވޭހާ ބޮޑަށް ފާފައިގެ ދުނިޔޭގައި ހައްޔަރުވެފައި އެހުރީ… ބައްޕަގެ ސިފައިގައި ހުރި މުޅިން އެހެން ފަރާތެއް އެއީ… މަންމައަށް ނުފެނޭތަ ބައްޕަ ޝާޢާއަށް ކުރާ އަނިޔާތަކެއް؟… ނުނީ ފެންނަ ހާލުގައި ވެސް ނުވާކަމަކަށް ހަދައިގެންތަ ތިހުންނަނީ؟… އެހެން ވެއްޖެއްޔާ މަންމަ ވެސް އެހުރިހާ ކަމެއްގައި ބައިވެރި އެބަ ވެޔެއްނު…” ޒިޔަޒަން ރުންކުރު ރާގަކަށް ވާހަކަދައްކަމުން ދަނިކޮށް ކުއްލިޔަކަށް ބަރްކާގެ ހޫނު އަތްތިލައިގެ ހަމަލާއެއް ޒިޔަޒަންގެ ކޯތާފަތަށް އެރިއެވެ.
”ތިހެން އަޑުހަރުކޮށް މަންމައާއި ވާހަކަ ދައްކަން ޒިޔަޒަން ލަދެއްނުގަނޭތަ؟… ތީތަ ޒިޔަޒަންއަށް އަހަރެން ދިން ތަރުބިއްޔަތަކީ؟…” ޒިޔަޒަން އޭނައާއި ވާހަކަދެއްކި ގޮތުން ބަރްކާގެ ހިތުގައި ޖެހުނެވެ.
”ޒިޔަޒަން ހީކުރަނީތަ އަހަރެން އެހުރިހާކަމެއް ވާން ދޫކޮށްލައިގެން ހުންނަނީކަމަށް؟، އެހެން ވެއްޖެއްޔާ އެއީ ކުށްހީއެއް، އަހަރެން ހާތިބަށް ވިސްނައިދޭން މަސައްކަތްކުރިން، އެކަމަކު ހާތިބު އަހަރެންގެ އަޑުއަހަން ހުރިއްޔާއެއް ނޫންތަ ވިސްނައިދެވޭނީ، އެސިކުނޑީގައި ވަނީ ޝައިތާނާގެ ވަސްވާސްތައް، އެހެންވެ އެކުރެވެނީ ކޮންކަހަލަކަމެއްކަން ނޭގެނީ…” ބަރްކާ ބުނެލިއެވެ.
”ވިސްނައިދޭން މަސައްކަތްކުރުމަކުން ނުނިމޭނެ، ނަތީޖާ ވެސް ނެރެވެން ޖެހޭނެ…” ޒިޔަޒަން ބުނެލިއެވެ. ބަރްކާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ލޯބިވާ ފިރިހެންދަރިފުޅުގެ މޫނަށް އޭނަގެ ނަޒަރު ހިންގާލި ހިނދު އެދެލޮލުން ފެނުނު ޝުޢޫރުތަކުން އޭނަ ހުރީ ބަސްހުއްޓިފައެވެ. އެތައް އިރެއްވަންދެން ޒިޔަޒަންގެ މޫނަށް ބަލަން އޭނަ ހުއްޓެވެ. އޭރު އޭނައަށް ކަމެއް ފަހުމުވަމުން ދިޔަ އެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައީ ދެނެވެ.
”ޒިޔަޒަން ތިއުޅެނީ ކީއްކުރަންތަ؟…” ބަރްކާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.
”އެކަކު ނުރުހުނަސް އަހަރެން ޝާޢާ ސަލާމަތްކުރާނަން…” ޒިޔަޒަންގެ އަޒުމު ވަރުގަދައެވެ. އޭގެ ސަބަބުން ބަރްކާގެ ހިތުގައިވި ބިރުވެރިކަން އިތުރުވެގެން ދިޔަ އެވެ. އޭނައަށް ޒިޔަޒަންގެ އަތުގައި ހިލާލެވުނީ ކަންބޮޑުވެފައިވާ ހާލުގައެވެ.
”ދަރިފުޅު އެއިންސިއާ މެދު ތިހާ ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވީ ކީއްވެތަ؟… ދަރިފުޅުގެ ހިތުގައި އޭނައަށް އިހުސާސްތަކެއް ވަނީތަ؟…” ބަރްކާ ހުރީ ޒިޔަޒަންގެ ޖަވާބު އައިސްދާނެ ގޮތަކާމެދު ހިތްނުތަނަވަސްވެފައެވެ. ޒިޔަޒަންގެ ހިމޭންކަމުން އޭނަ ވަކިން ބޮޑަށް ބިރުގަންނަ ގޮތް ވިއެވެ.
”އާދެބަލަ މަންމައާއެކު…” ޒިޔަޒަން ގޮވައިގެން ގޮސް ބަރްކާ އިށީނީ ސޯފާގައެވެ. ޒިޔަޒަންގެ ވިސްނުން ގޮސްފައި ވަނީ ގޯސް ހިސާބަކަށެވެ. ޒިޔަޒަންއަށް ރަގަޅު ގޮތް ވިސްނައިދޭން އެބަޖެހެއެވެ. އޭނަ ފުރަތަމަ ފަހަރަށް އެކަމުގައި ފެއިލް ވުމުގެ ސަބަބުން ވިލްދާން ވަނީ ގެއްލިގެން ގޮސްފައެވެ. އެފަދަ ހިތްދަތިކަމެއް ޒިޔަޒަންއަށް ކުރިމަތިވާކަށް ބަރްކާގެ ހިތެއް ނޭދެއެވެ. ޒިޔަޒަންދެކެ އިންތިހާއަށް އޭނަ ލޯބި ވެއެވެ. އެދަރިފުޅަށް ކުޑަވެސް ގެއްލުމެއް ވާތަން ދެކެން އޭނައަށް ކެތެއް ނުކުރެވޭނެއެވެ.
”ދަރިފުޅު އެއްޗެކޭ ބުނެބަލަ، މަންމަ ބިރުއެބަގަނޭ، ދަރިފުޅު އޭނަދެކެ ލޯބިވަނީތަ؟…” ބަރްކާ ވާހަކަދެއްކިއެވެ.
”ދަރިފުޅުގެ ތިހިމޭންކަމުގެ މާނަ މަންމަ ނަގަންވީ ކިހިނެއްތަ؟ ދަރިފުޅަށް އެނގޭތަ ތިއީ ކިހާވަރެއްގެ ކަމެއްކަން؟…” ޒިޔަޒަންގެ ހަމަހިމޭންކަމުން ބަރްކާއަށް ހާސްކަން ގެނުވިއެވެ. އޭނަ ޒިޔަޒަންގެ އަތްތިލައިގައި ހިފާލިއެވެ. ”ދަރިފުޅަށް ގެއްލުމެއްވާކަށް މަންމަ ނޭދެން، ތިއީ މަންމަގެ މުޅި ދުނިޔެ… ދަރިފުޅު ތިވިސްނަނީ ގޯސްކޮށް… އެއީ އިންސިއެއް، ތިދެމެދުގައި އެތައް ހާސް ފަރަގުތަކެއް ވޭ، ތީ މުޅިން ދެެދުނިޔެއަކުން އައިސްފައިވާ ދެ ނަސްލަކަށް ނިސްބަތްވާ ބައެއް، ތި އިހުސާސްތަކުގެ ނަތީޖާ ރަގަޅު ގޮތުގައި ނުނިކުންނާނެ… މަންމަ އާދޭސްކުރަން ޒިޔަޒަން ގާތު… އިތުރަށް ތިކަން ކުރިއަށް ނުގެންގޮސް ހުއްޓާލާ، ތިކަން ދަރިފުޅުގެ ބައްޕައަށް އެނގޭ ހިސާބުން ވާނީ ކިހިނެއް؟، އޭރުން އެއިންސިދެކެ އިހުނަށްވުރެ ބޮޑަށް ބައްޕަ ރުޅިއަންނާނެ…” ބަރްކާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނައަށް ވާހަކަދައްކަން އުނދަގުވީ އޭނަގެ އަރުބެދުމުންނެވެ.
”އަހަންނަށް މަންމަ ތިދައްކާ ވާހަކަތައް އެބަ ވިސްނޭ، އިންސިއަކާއި ޖިންނިއަކަށް އެކުގައި ނޫޅެވޭނެ… އަހަންނަށް އެކަން އެނގޭ…. އަހަރެންގެ ހިތުގައި ވިމާ ޖަޒުބާތުތައް ޝާޢާއަށް ހާމަކުރާކަށް އަހަރެން ނޫޅެން، އަހަންނަށް އެނގޭ އެލޯބި އަހަންނަށް ހާސިލުނުކުރެވޭނެކަން…… އެކަމަކު ޝާޢާއަށް ރައްކާތެރިކަން ލިބޭ ކަމުގައިވާނަމަ އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބޭނެ، އަހަރެން ބޭނުމީ ޝާޢާއަށް އޭނަގެ އުފާވެރިކަން އަނބުރާ ލިބެން، އެކަން ހާސިލުކުރަން އަހަރެން ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނަން…” ޒިޔަޒަންގެ ލޮލުން ފޭބި ކަރުނަތިކި ގޮސް ޖެހުނީ ބަރްކާގެ އަތްތިލައިގައެވެ. އެއާއެކު ޒިޔަޒަންގެ ހިތުގެ ހާލު އިތުރު ލަފުޒުތަކަކާ ނުލާ ބަރްކާއަށް އިހުސާސްވެގެން ދިޔަ އެވެ. އޭނަ އިންތިހާއަށް ދެރަވިއެވެ. ދަރިފުޅުގެ ހިތުގެ ހާލު އެނގި އެހީވެދެވެން ނެތުމުންނެވެ. އެހިތާމަތައް ލުއިކޮށްނުދެވޭނެތީއެވެ.
”ދޮންބެ ވެސް ލޯބީގެ ސަބަބުން ގޯސް ނިންމުންތަކެއް ނިންމީ، އޭގެ ސަބަބުން މުޅި ޢާއިލާއަށް ކުރިމަތިވީ ފުން ހިތާމަތަކެއް، އަހަރެން އެކަމެއް ތަކުރާރެއް ނުކުރާނަން…” ޒިޔަޒަން ބުނެލިއެވެ.
”ދަރިފުޅާ… ލޯތްބަކީ ފާޑެއްގެ އެއްޗެއް، ލޯބިވެވުމުން ކިތަންމެ ބަލިކަށި މީހާއަށް ވެސް އޭނަގެ ބިރާއި ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދޭ، ބައެއްފަހަރު އެލޯބީގެ ސަބަބުން ހެވާއި ނުބައި ވަކިނުކުރެވޭ ހާލަތަށް ވެސް ދޭ… ދަރިފުޅުގެ ދޮންބެއަށް ވެސް ދިމާވީ އެހެން، ވެވުނު ލޯތްބެއްގެ ސަބަބުން ހުރިހާކަމެއް ހަނދާން ނައްތާލެވުނީ، އިންސިއަކާއެކު ނޫޅެވޭނެކަން އެގޭ އިރު ވެސް ބޭނުންވީ އެހެން އެކަންތައް ވާން، މަންމަމެނަށް އެނގުނުއިރު އޮތީ ވާނެއެއްޗެއްވެ ނިމިފައި… އެފަދަ ބަދުނަސީބެއް ޒިޔަޒަންއަށް ލިބެން މަންމަ ނޭދެން… ދަރިފުޅަށް ހުރިހާ އުފަލެއް ލިބެން މަންމަ ބޭނުން، އެކަމަކު އިންސާނުންގެ ދުނިޔޭގައި ޒިޔަޒަންއަށް އެއުފަލެއް ނުލިބޭނެ… އެމީހުންގެ އުމުރު އަހަރުމެނަށް ވުރެ ކުރުވާނެ، އެމީހުންގެ ހަށިގަނޑަކު އަހަރުމެންގެ ޖިސްމުގެ ހޫނުކަން ބަރުދާސްތުކުރެވޭހާ ބާރެއް ނުހުންނާނެ، މިފަދަ ކިތަންމެ ސަބަބުތަކެއް ހުރީމަ އިންސީންނާ ގުޅުން މަނާކުރެވިފައިވަނީ… މަންމަ އުއްމީދުކުރަން ޒިޔަޒަންގެ ތި ނިންމުން ބަދަލުނުކުރާނެ ކަމުގައި…” ބަރްކާ ބުނެލިއެވެ. ޒިޔަޒަން އޭނަގެ މަންމަގެ އުނގުގައި ބޯއަޅާލިއެވެ. އޭނައަށް ހިތުގެ އުދާސްތައް ކޮންޓްރޯލްކުރުންވީ ދަތިކަމަށެވެ. އެހެންވެ އޭނައަށް ރޮވުނެވެ. މަންމަގެ ހުރިހާ ވާހަކަތައް އޭނަ ޤަބޫލުކުރެއެވެ. އޭނަގެ ހިތުގެ އިހުސާސްތައް ޝާޢާއަށް ފާޅުވިޔަ ނުދިނީ ވެސް އެހެންވެއެވެ. ހަމައެއާއެކު ރަޒާން ވެސް ވަނީ އޭނައަށް ވިސްނައިދޭން މަސައްކަތްކޮށްފައެވެ. ކިތަންމެ ކެތްކުރަން ދަތިވިޔަސް އޭނައަށް މަޖުބޫރުވެފައި އެވަނީ ޝާޢާއާއި ދުރަށް ދާށެވެ. އެއީ ދެމީހުންނަށް ވެސް އޮތް އެންމެ ރަގަޅު ގޮތެވެ. އެހަނދާންތައް ހިތުގައި ދުނިއުމުރަށް ރައްކާކުރުން ނޫން ގޮތެއް ނެތެވެ. އެވަގުތު އޭނަ އިންސާނަކަށް ވިނަމަ ހާދަ ރަގަޅު ވީސް ހެއްޔޭ ޒިޔަޒަންގެ ހިތަށް އެރިއެވެ. އޭރުން އޭނައަށް ޝާޢާއާއެކުގައި ވުމުގެ ފުރުސަތު ލިބުނީހެވެ. ނަމަވެސް އޭނަގެ ނަސީބު ހަމަ ދެރައީއެވެ.
”އަހަރެން ބޭނުމީ އެންމެ ކަމެއް، ޝާޢާ ސަލާމަތްކޮށްދިނުން…” ޒިޔަޒަން ބުނެލިއެވެ. ޒިޔަޒަންގެ ބޮލުގައި ފިރުމާލި ބަރްކާ ވެސް އެކަމުގައި ޒިޔަޒަންއަށް އެހީތެރިވެދޭން ނިންމިއެވެ. ޒިޔަޒަންއަށް އޮތް އެންމެ ބޮޑު ބިރަކީ ހާތިބެވެ. ހާތިބަށް އެއިން ކަމެއްގެ ހިލަންވާއިރަށް ޒިޔަޒަން މަރާލާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ރުޅީގެ ސަބަބުން ހާތިބަށް އެވަނީ ހެޔޮމަގު އޮޅިފައެވެ. ނަމަވެސް އޭނައަށް ވީ ގޮތަކުން ޒިޔަޒަންއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހާތިބުގެ ފުށުން ޒިޔަޒަންއަށް ކުޑަވެސް ގެއްލުމެއް ވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ނަމަވެސް އޭނައަށް ވިސްނާލަން ޖެހުނެވެ. އޭނައަށްވުރެ ބާރުގަދަ ހާތިބުގެ މައްޗަށް އޭނަ ގަދަވެގެންނަނީ ކިހިނެއް ހެއްޔެވެ؟
ފުންނޭވާތަކެއް ދޫކޮށްލި ބަރްކާގެ ހިތަށް ޚިޔާލެއް ވެރިވެގެން އައެވެ. އޭނަގެ އުނގުގައި އޮތް ޒިޔަޒަންއަށް ބަރްކާ ބަލާލިއެވެ. އަދި ލޯތްބާއެކު ފިރުމާލިއެވެ. ޒިޔަޒަންއަށް ރައްކާތެރިކަން ދެވެން އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. އެހިނދު ބަރްކާއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ލޯބިވާ ފިރިމީހާއާއި އޭނައަށް ހަނގުރާމަ ކުރެވިދާނެ ހެއްޔެވެ؟
*****
ޖެހިގެން އައި ދުވަހެވެ. ޒިޔަޒަން ހުރީ ރަޒާންއާއެކު ރަޒާންގެ ބޮޑުބޭބެގެ ގޭގައެވެ. އެމީހުންނާއެކު އީވާ ވެސް ހުއްޓެވެ. ރަޒާންގެ ބޮޑު ބޭބެ ރަސަލްއަކީ ޖިންނީންގެ ތެރޭން ކަންވެރިކަމަށް އަރާހުރި ޖިންނިއެކެވެ. އޭނަދެކެ ޖިންނީން ޖެހިލުންވެ ބިރު ވެސް ގަނެއެވެ.
”މީތި އޭނަގެ އަތުގައި އަޅުވާ، އޭރަށް ނުބައި ޖިންނީންގެ ފަރާތުން އޭނައަށް ރައްކާތެރިކަން ލިބޭނެ…” ހުދު ފޮތިކޮޅެއްގެ ތެރެއަށް ރަނުން ފަރުމާކުރެވިފައިވާ އުޅައެއް އަޅާލަމުން ރަސަލް ވާހަދެއްކިއެވެ. އަދި ޒިޔަޒަންގެ އަތަށް އުޅަ ދިއްކޮށްލިއެވެ.
”އަހަންނަކަށް ނޭގޭ ޝުކުރު އަދާކުރަންވީ ކިހިނެއްކަމެއް ވެސް… ނަންގަންނަ ކޮންމެ އެއްޗެއް ވެސް އަހަރެން މިހިރީ ދޭން ތައްޔާރަށް…” ޝުކުރުވެރިވާ ހާލު ޒިޔަޒަން ބުނެލިއެވެ.
”ކަލޭމެން ކުދިންވެރިންގެ ފަރާތުން އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން، އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެއިންސި މިތަނުން ގެންދިއުން…… އޭނައަށް ފާރަލަމުން އެބަދޭ ނުބައި އިފުރީތެއް، އޭތީގެ ފަރާތުން ގޯނާއެއް ކުރިމަތިވުމުގެ ކުރިން އޭނަ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އެބަޖެހޭ…” ރަސަލް ބުނެލިއެވެ. އެއާއެކު އެތާ ތިބި ތިން ޒުވާނުންގެ މޫނުމަތިން ވެސް ހައިރާންކަން ފެނުނެވެ.
”ތިބުނީ؟…” ޒިޔަޒަން އެހިއެވެ. ޝާޢާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެފައިވާނަމަ އެކަމުގެ ތަފުސީލު އެނގެން ޒިޔަޒަން ބޭނުމެވެ. އޭނައަށް ޝާޢާއަށް ފުރިހަމަ ރައްކާތެރިކަން ދެވޭނީ އޭރުނެވެ.
”އޭނަގެ ކާފަ އެވަނީ ސިހުރުގެ ތެރޭން އޭނަ އެއިފުރީތަށް ހިބައިން ދީފައި، އޭތި އެހުރީ މިހާރު ވެސް އެއަންހެންކުއްޖާގެ ހަށިގަނޑަށް ބާރުފޯރުވޭނެ ފުރުސަތެއްގައި، މިތަނުން އޭނައަށް އެފުރުސަތު އަދި ނުލިބިގެން އުޅެނީ، އެކަމަކު ގިނަ ދުވަސް ވަންދެން އޭތި މަޑަކުން ނުހުންނާނެ…” ރަސަލް ބުނެލިއެވެ.
”އެންމެ ފުރަތަމަ އެނުރައްކަލާއެއްނު ކުރިމަތިލާންވީ، އެފަދަ ޤުރުބާނީއެއް ކޮށްފައިވާނަމަ އޭތީގެ ނުފޫޒު ވެސް ގަދަވާނެ، އަބަދު ހުންނާނީ ޝާޢާއަށް ގޯނާއެއް ދޭން ފުރުސަތުބަލަބަލައި…” ރަޒާން ބުނެލިއެވެ. އެއާއެކު އޭނަ ސުވާލުކޮށްލީ ރަސަލް ތައްޔާރުކުރި ހަށިރައްކަލުން ޝާޢާއަށް ފުރިހަމަ ހިމާޔަތްލިބޭނެތޯ އެވެ.
”އާނ، އެއުޅަ އޭނަގެ އަތުގައިވާހާ ހިނދަކު އެއްވެސް ކަހަލަ ގޯނާއެއް ނުފޯރާނެ، ނަމަވެސް އެއްމެ ރައްކާތެރި ގޮތަކީ އެކަލޭގެއާއި ކުރިމަތިލުން… އޭގެ ނުފޫޒުން އެއިންސި ސަލާމަތްކުރުން…” ރަސަލް ބުނެލިއެވެ. ޒިޔަޒަން ވެސް ބޭނުންވީ އެގޮތެވެ. ޝާޢާއަށް އެއްވެސް ޖިންނިއެއްގެ އުނދަގޫ ފޯރާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެވަގުތު ރަޒާން އޭނަގެ ބޮޑު ބޭބެގެ އެހީއަށް އެދުނެވެ. ޒިޔަޒަން ވެސް އެކަމަށް އެދުމުން ރަސަލް އެކަމަށް އެއްބަސްވީ އިފުރީތުންނަށް އެނަގެ ހިތުގައިވާ ނަފުރަތެއްގެ ސަބަބުންނެވެ.
*****
ގަދަ ވަޔާއެކު ވެހެމުން ދިޔަ ބޯވާރޭގެ ތެރޭން އިފުރީތު މަޑުކޮށްލައިގެން އިނީ ބޮޑު ޅޮަސްގަހެއްގެ މަތީގައެވެ. އެސޮރުގެ ތޫނު ދެލޯ އޭރު އަމާޒުވެފައިވަނީ ޝާޢާ ހައްޔަރުކުރެވިފައިވާ ގޮޅި އަށެވެ. އޭނަ ޝާޢާއަށް ފާރަލަމުން ދާތާ ކިތަންމެ ދުވަހެކެވެ. އޭނަ ދެތިން ފަހަރެއްގެ މަތިން ޝާޢާއަށް ހަމަލާ ދޭން ވެސް އުޅެފިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ނުވީ އެއިން ކޮންމެ ފަހަރަކު އޭނައަށް ހުރަސް އެޅޭތީއެވެ. ނުވީތާކަށް ކޮންމެ ރެއަކު ޝާޢާއާއެކުގައި އެވާ ޖިންނި ފެނިފައި ހަމަލާއެއްދޭން އޭނަ ޖެހިލުން ވެއެވެ. ނަމަވެސް މިހާރު އޭނަގެ ކެތްތެރިކަން އެވަނީ ކޮޅުންލައިގެން ގޮސްފައެވެ. މިރޭ ޝާޢާ އެކަނިވެފައިވާތަން ފެނި އޭތީގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. މަގު މުޅިން އަމާން ވަަންދެން މަޑުކޮށްލުމަށްފަހު އުދުއްސައިގަންނަން ތައްޔާރު ވި ހިނދު ކުއްލިޔަކަށް އޭނަގެ ކުރިމަތިން ފާޅުވެގެން އައީ ހުދުކުލައިގެ އައްޔެކެވެ. އެއަލީގައި ސިފަ ޖެހުނު ހިނދު އިފުރީތުގެ އަރުތެރިން ނުރުހުންވަންތަ ހަޅޭކެއްގެ އަޑު ނިކުތެވެ. ކުއްލިޔަކަށް އޭތީގެ ދެލޮލުގެ ކުލަ ރަތް އަނގުރަށް ބަދަލު ވެއްޖެއެވެ. އޭނަ އިތުރަށް ރުޅިގަދަވީ އިތުރު ދެ ޖިންނީން އޭނައާއި ކުރިމަތިލުމުންނެވެ. އޭގެ ތެރެއިން އެކަކީ ޝާޢާއާއެކު އޭނައަށް ފެންނަ ޒުވާން ޖިންނިއެވެ. އައި ރުޅީގައި އިފުރީތު ހަޅޭއްލަވައިގަތެވެ.
”އަހަރެންގެ ހައްގަކަށް ކަލޭމެނަށް ބާރެއް ނުފޮރުވޭނެ…” އިފުރީތު ރުޅިވެރިކަމާއެކު ވާހަކަަދެއްކިއެވެ. ”ހަމަމިހާރު މަގޭ ކުރިމަތިން ރައްކާވޭ…”
އިފުރީތާއި ވާހަކަދައްކަން ރަސަލް ނުހެދިއެވެ. އޭނަ އަމާޒު ކޮށްލި ފުރަތަމަ ހަމަލާއާއެކު އޭތީގެ ހަށިގަނޑު ޒަހަމްވެގެން ދިޔަ އެވެ. އެއާއެކު އޭތި ވަރު ހުޅުވާލުމަށްފަހު އުދުއްސައިގަތީ ރަސަލްއަށް ހަމަލާ ދޭށެވެ. ނަމަވެސް އެއަށްވުރެ ރަސަލް މާ ހުޝިޔާރެވެ. އެފަދަ ނުލަފާ ޖިންނީންނާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި އޭނަގެ ތަޖުރިބާ މާ މޮޅެވެ. އޭނަ ދެވަނައަށް ދިން ހަމަލާއާއެކު އިފުރީތުގެ ވަރާއި އެކުގައި މުޅި ގައިގައި އަލިފާން ރޯވެގެން ދިޔަ އެވެ. އެއާއެކު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔަ ހަޅޭކުގެ އަޑު ހީވީ ހޮނު ގުގުރީގެ އަޑުތަކެއް ހެންނެވެ. ވޭނީ ހަޅޭކުގެ އަޑުން ހޭރެމުން ދިޔަ އިފުރީތު ވައިކަފާލާފައި އައިސް ބިންމަތީގައި ޖެހުމުގެ ކުރިން އަނދާ އަޅިއަށްވެ ނިމިއްޖެއެވެ. އެއާއެކު ރަސަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
*****
އެނދުގައި އޮތް ބަރްކާގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. އޭނަ ހާތިބުއަށް ފުރަގަސް ދީގެން އެނދުގައި އޮތް އިރު ހުއްޓާލުމެއް ނެތި ވިސްނެމުން ދިޔައީ ހަމަ އެންމެ ކަމަކާއި މެދުގައެވެ. އެންމެފަހުން އެނދުގައި ނޯވިގެން އެނދުން ތެދުވެއްޖެއެވެ. އަދި ކޮޓަރީގައި ހުރި ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.
ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނާ އޭނަގެ ސިކުނޑީގައި އުފެދިފައިވި ތޫފާނާ އެއްވެސް ތަފާތުކަމެއް ނެތެވެ. ގަދަ ވަޔާއެކު ވާރޭ ވެހެމުން ދިޔަ މަންޒަރު ބަލަން އިން ބަރްކާ ފަސްއެނބުރި ހާތިބުއަށް ބަލާލިއެވެ. އޭނަ އެދަނީ އޭނަގެ ހިތާއި ސިކުނޑިއާއި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.
”އެއީ އަަހަރެން ލޯބިވި ހާތިބެއް ނޫން، އަހަރެންގެ ދަރިފުޅާއެކު އެހާތިބު ވެސް ވަނީ މަރުވެގެން ގޮސްފައި… ހަތިބުގެ ސިފައިގައި ހުއްޓަސް އެއީ އެހެން މީހެއް… ޒިޔަޒަން ކުރަން އުޅޭކަންތަކުން އޭނަ އެވަނީ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައި، އެކަމުން އޭނައަށް ސަލާމަތާއި ރައްކާތެރިކަން ދެވެން އޮތް ހަމައެކަނި ގޮތަކީ އެއީ… ބަރްކާ، މި ފުރުސަތު ދެނެއް ނުލިބޭނެ، އެހެންނޫނަސް ބަރްކާ އޭނައަށް ތިކޮށްދެނީ ރަގަޅުކަމެއް، ޝައިތާނުންގެ ތެރޭގައިވެ މުޅި މީހާ ފަނާވެގެން ދިއުމަށްވަރު އެގޮތް މާރަގަޅު ވާނެ……” ބަރްކާގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. ލޮލުން އެވަގުތު ފޭބި ކަރުނަތިކި ފޮހެލުމަށްފަހު ބަރްކާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ހާބިތުއަށް ވިސްނައިދީގެން ހެޔޮމަގަށް އެނބުރި ރުޖޫޢަ ނުވާނެހާ ދުރަށް އެވަނީ ދަތުރުކޮށްފައެވެ.
ބަރްކާ ގޮސް އޭނަގެ ބާލީހުގެ ދަށުން އެއްޗެއް ނެގި އެވެ. އަދި ކުދި ފިޔަވަޅުތަކެއްގައި ގޮސް ހާތިބުގެ ގާތަށް ބަރްކާ ހުއްޓުނެވެ. ފުންނިދީގައި އޮތް ހާތިބުއަށް އޭނަ ބަލާލިއެވެ. އޭރު އޭނަގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔަ އެވެ. ފުންނޭވާއެއް ބަރްކާ ދޫކޮށްލިއެވެ.
”އަހަންނަށް މަޢާފުކުރޭ…” ބަރްކާ ބުނެލިއެވެ. އަދި އޭނަގެ އަތުގައި އޮތް ވަޅި ހާތިބުއާއި ދިމާއަށް މަޅާލި އެވެ.
(ނުނިމޭ)